އަދުގެ ޚާއްސަ

Print

ލޯބީގެ ރަހަ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ


ލޯތްބަކީ ކޮން އެއްޗެއްބާ! ލޯބީގައި ލަނީ ކޮން ރަހައެއްބާ! އެއީ ރަހައެއް ހުންނަ  އެއްޗެއްބާ! ނުވަތަ އޭގައި ރަހައެއް ނުހުރޭބާ!

ލޯތްބަކީ ކޮންކަހަލަ ރަހައެއްލާ އެއްޗެއްތޯ އައްސަވާލެއްވިންތޯއެވެ؟ އެއީ މާމަލުގައި ހުންނަ ފޮނިރަހަ ކަހަލަ ރަހައެއް ހުރި އެއްޗެއްތޯއެވެ؟ ނުވަތަ އެއީ އެނަރޖީ ޑްރިންކެއްތޯއެވެ؟ ނުވަތަ އެއީ ކާއެއްޗެއް ގޮތަށް ކައިގެން އޭގެ ރަހަލާ އެއްޗެއްތޯއެވެ؟

ލޯބީގެ ވަރަށް ގިނަ ބާވަތްތައް ހުންނަކަމަށް ބުނެވެއެވެ. އަޖައިބުވެ އަންތަރީސްކުރުވަނިވި ލޯބިވެސް ހުންނަކަމަށް އަޑުއިވެއެވެ. އަޅުގަނޑު ދަންނަވަން މިއުޅެނީ ލައިލާމަޖްނޫނު ކަހަލަ ވާހަކައެއް ނޫނެވެ. ރޯމިޔޯޖޫލިއެޓް ކަހަލަ ލޯބީގެ ވާހަކައެއްވެސް ނޫނެވެ. އަނާރުކަލީ ފަދަ ވާހަކައެއްވެސް ނޫނެވެ. އެކަމަކު ލޯބީގެ ޙަޤީޤީވާހަކަތަކެކެވެ.


ރަސޫލުﷲގެފާނާ އަބޫބަކްރުގެފާނު

ކީރިތިރަސޫލާ صلى الله عليه وسلم އާ އަބޫބަކްރުގެފާނު މައްކާއިން މަދީނާއަށް ހިޖްރަކުރެއްވި ދަތުރުފުޅުމަތީގައި، އަބޫބަކްރުގެފާނު ވަރަށްބޮޑަށް ކަރުފުޅުހިއްކައިގެން ގޮސް ފެންފޮދެއް ބޭނުންފުޅުވިއެވެ. އެހިނދު އަބޫބަކްރުގެފާނު އަތްޕުޅުގައި ހުރި ކިރުފޮދު ކީރިތިރަސޫލާ صلى الله عليه وسلم އަށް އެރުއްވިއެވެ. އަބޫބަކްރުގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުގެ ކަރުފުޅުހިއްކުން ކަނޑައިގެން ދަންދެން ރަސޫލުﷲ  صلى الله عليه وسلم  ގެފާނު އެ ކިރުފޮދު ހިއްޕެވިއެވެ."


ޘަވްބާނުގެ ލޯބި

ޘަވްބާނަކީ އެއްވެސް އުޖޫރަޔަކާ ނުލައި، ކީރިތިރަސޫލާ صلى الله عليه وسلم އަށް ޚިދްމަތްއަރުއްވަން އެކަލޭގެފާނު އަރިހުގައި އުޅުއްވި ޞަޙާބީއެކެވެ. ރަސޫލުﷲގެފާނު އެއްދުވަހުގެ މުއްދަތަށް ދުރުގައި އުޅުއްވުމަށްފަހު އެނބުރިވަޑައިގަތުމުން ޘަވްބާނަށް ކީރިތިކުރެއްވުނެވެ. ޘަވްބާން ކީރިތިކުރައްވަނީ ކީއްވެގެންތޯ ރަސޫލުﷲ صلى الله عليه وسلم ގެފާނު ސުވާލުކުރެއްވުމުން ދެންނެވިއެވެ. ސުވަރުގޭގައި ކަލޭގެފާނަށް ލިބިވަޑައިގަންނަވާނެ ދަރަޖައާ އަޅުގަނޑަށް ލިބޭނެ ދަރަޖައިގެމަތިން ހަދުމަވުމުން ރޮވުނީއެވެ. މި ދުނިޔެމަތީގައި ކަލޭގެފާނާ ވަކިވެ އުޅުމުގެ ކުޅަދާނަކަން ލިބިގެންނުވާކަން އެނގެމުން އާޚިރަތްދުވަހު ވަކިވެއުޅޭނީ ކިހިނަކުންތޯ ވިސްނުނީއެވެ. އަޅުގަނޑުގެ ދަރަޖަ ކަލޭގެފާނުގެ ދަރަޖައަށް ވުރެ މާ ދެރަވާނެތީއެވެ. މިކަމާވިދިގެން މާތްﷲ މި އާޔަތްބާވައިލެއްވިއެވެ. ( وَمَن يُطِعِ اللَّهَ وَالرَّسُولَ فَأُولَئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاء وَالصَّالِحِينَ وَحَسُنَ أُوْلَئِكَ رَفِيقًا) النساء: ٦٩ "ﷲއަށާއި ރަސޫލާއަށް ކިޔަމަންވާމީހުން ދަންނާށެވެ! ފަހެ، އެއުރެން ވާނީ، ﷲ އެބަޔެއްގެ މައްޗަށް ނިޢުމަތްދެއްވިމީހުންކަމުގައިވާ ނަބިއްޔުންނާއި ޞިއްދީޤުންނާއި ޝަހީދުންނާއި ޞާލިޙުންނާ އެކުގައެވެ. އެބޭކަލުންނީ، އެކުވެރިންކަމުގައިވުމަށް ހާދަ ރަނގަޅުބަޔެކެވެ."


ރަސޫލާ ދެކެ ރުއްގުޅި ވީ ލޯބި

ބުޚާރީ، ޖާބިރުގެފާނު އަރިހުން ރިވާކުރެއްވި ޙަދީޘެއް ބުނާގޮތުގައި،  ކީރިތިރަސޫލާ صلى الله عليه وسلم އަށް މިންބަރެއް ވެދުމަށް އެރުވުމުގެ ކުރިން ޚުޠުބާ ދެއްވަން ހުންނަވަނީ މިސްކިތުގެ މުޑިއަކަށް ޖަހާފައިވާ ކަދުރުރުކެއްގެ ރުއްގުޅިއެއް ގައި ހިތްޕަވައިގެންނެވެ. އެކަލޭގެފާނަށް  މިންބަރެއް ލިބިވަޑައިގަތުމުން މި ރުއްގުޅި ދޫކޮށްލައްވައި މިންބަރަށް އަރައިވަޑައިގަތުމުން ކުޑަކުއްޖަކު ރޯގޮތަށް މި ރުއްގުޅި ރޮއިގަތެވެ. އެހިނދު ރަސޫލުﷲ صلى الله عليه وسلم ގެފާނު މިންބަރުން ފައިބާވަޑައިގެންގޮސް އެ ރުއްގުޅީގައި ބައްދާލެއްވިއެވެ. އެހިނދު އެ ރުއްގުޅީގެ ގިސްލުން މަޑުމަޑުންގޮސް ހުއްޓުނެވެ.  މި ރުއްގުޅި މިގޮތަށް މި ރޮއިގިސްލީ ރަސޫލާ صلى الله عليه وسلم ދެކެ އޭތިވި ލޯތްބެއްގެ ސަބަބުންނެވެ. ރަސޫލުﷲ صلى الله عليه وسلم ގެފާނު އޭތި ގައިގައި ދެން އަތްޕުޅު ނުލައްވާނެކަން އެގިގެން އެކަމާ ދެރަވެގެންނެވެ.


ސަވާދުގެ ލޯބި

ބަދްރުހަގުރާމައިގެ ދުވަހު ރަސޫލުﷲ صلى الله عليه وسلم ގެފާނު ސަފުތައް އެއްވަރުކުރައްވަމުންދިޔައިރު ސަވާދު ބިން ޣަޒިއްޔާ ނަމަކަށް ކިޔާ ޞަޙާބީއަކު ސަފުންބޭރަށް ނުކުމެވަޑައިގެންފައިވާތީ އޭނާއަށް ސަފުތެރެއަށް ވަދެވަޑައިގަތުމަށް ވިދާޅުވިއެވެ. އޭނާ އެތެރެއަށް ޖެހިވަޑައިނުގެންނެވުމުން ރަސޫލާ صلى الله عليه وسلم ގެ އަތްޕުޅުގައި އޮތް މިސްވާކު ދަނޑިކޮޅުން އޭނާގެ ބަނޑުފުޅުގައި ޖައްސާލައްވާ އެތެރެއަށް ޖެހިވަޑައިގަތުމަށް ވިދާޅުވިއެވެ. އެހިނދު އެ ޞަޙާބީ ދެންނެވިއެވެ. އަޅުގަނޑަށް ތަދުވެއްޖެއެވެ. އަޅުގަނޑަށް އެކަމުގެ ބަދަލުހިފުމަށް ފުރްޞަތު ދެއްވާށެވެ. އެހިނދު ރަސޫލުﷲ صلى الله عليه وسلم ގެފާނު އެކަލޭގެފާނުގެ ހެދުންކޮޅު އުފުއްލާލައްވައި ބަނޑުފުޅުދައްކަވާފައި ޖެއްސެވުމަށް ވިދާޅުވިއެވެ. އެހިނދު ސަވާދު ރަސޫލާގެ ބަނޑުފުޅުގައި ބައްދާލައްވައި ބޮސްދެއްވިއެވެ. އެގޮތަށް ސަވާދު ކަންތައް ކުރެއްވީ ކީއްވެތޯ ރަސޫލުﷲ صلى الله عليه وسلم ގެފާނު އެއްސެވުމުން ޖަވާބުގައި ސަވާދު ވިދާޅުވިއެވެ. "ހަނގުރާމާގައި ވާނެގޮތެއް ނޭގެއެވެ. އަޅުގަނޑުގެ ޙަޔާތުގެ އެންމެފަހުކަމަކަށް ކަލޭގެފާނުގެ ގައިކޮޅުގައި އަޅުގަނޑުގެ ގައި ބީއްސައިލުން ކަމުގައި ހަދަންބޭނުންވީއެވެ. އެހިނދު ރަސޫލުﷲ صلى الله عليه وسلم ގެފާނު ސަވާދަށް ހެޔޮދުޢާ ކޮށްދެއްވިއެވެ.


ޖާނުން ފިދާވުން

އުޙުދު ހަނގުރާމައި ގައި މުޝްރިކުން ރަސޫލުﷲ صلى الله عليه وسلم ގެފާނު ވަށައިލިއެވެ. އިމާމު މުސްލިމު ރިވާކުރައްވާ ގޮތުގައި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ތިއްބެވީ އެންމެ 9 ޞަޙާބީންނެވެ. ކީރިތިރަސޫލާ صلى الله عليه وسلم ގެ ދިފާޢުގައި އޭގެ ތެރެއިން 7 ބޭކަލުން ފިދާވެވަޑައިގެން ޝަހީދުވެވަޑައިގަތެވެ. ދެން ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ތިއްބެވި ދެ ބޭކަލުންނަކީ ސަޢުދު ބިން އަބީވައްޤާޞާއި ޠަލްޙަތު ބިން ޢުބައިދިﷲ އެވެ. މުޝްރިކުން މި ރަނުގެ ފުރްޞަތުގެ ބޭނުންހިފައިގެން ރަސޫލާ صلى الله عليه وسلم ޝަހީދުކޮށްލެވޭތޯ މަސައްކަތް ފަށައިގަތެވެ. މުޝްރިކުންގެ ތެރެއިން މީހަކު ރަސޫލާ صلى الله عليه وسلم އަވަހާރަކޮށްލެވޭތޯ ބޮޑުހިލަގަނޑެއް އެކަލޭގެފާނާ ދިމާއަށް އެއްލިއެވެ. މި ހިލަގަނޑުގެ ސަބަބުން ރަސޫލާ صلى الله عليه وسلم ގެ ތިރީތުންފަތްޕުޅު ޒަޚަމުވެ، ތިރީދަތްޕިލަފުޅުން، ބައެއް ދަތްޕުޅުތައް ބިންދައިގެންދިޔައެވެ. ޢަބްދުއްދާރު ބިން ޝިހާބު ނަމަކަށް ކިޔާ މުޝްރިކަކު ދިން ޙަމަލާއެއްގައި ނިތްކުރިފުޅު ޒަޚަމުވިއެވެ. އަދި މުޝްރިކުންގެ ތެރޭގައި ހިމެނޭ ބާރުގަދަ މީހަކު ރަސޫލާ صلى الله عليه وسلم ގެ ކޮޑުފުޅުމަތީގައި ވަރަށްބާރަށް ޖެއްސެވެ. މިކަމުގެ ސަބަބުން އެއްމަސްވަންދެން އެ ތަދު ކަނޑައިގެންނުގޮސްހުއްޓެވެ. މުޝްރިކުންނަށް އެދުވަހު ކީރިތިރަސޫލާ صلى الله عليه وسلم އަވަހާރަކޮށްނުލެވުނީ ސަޢުދުގެފާނާއި ޠަލްޙަތުގެފާނު ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުންނެވެ. މި ދެބޭކަލުންނަކީ ޢަރަބިން ތެރޭގައި އޭރު ތިބި އެންމެ ކުޅާދާނަ ދުނިއުކުންތެރިންގެ ތެރޭގައި ގުނާލެވޭ ދެބޭކަލުންނެވެ. އެ ދެބޭކަލުންނަށް ލިބިވަޑައިގަންފާނެ ގެއްލުމަކަށް ނުބައްލަވައި، އެދުވަހު އުޅުއްވީ ރަސޫލުﷲ صلى الله عليه وسلم ގެފާނު ސަލާމަތްކުރެއްވޭތޯއެވެ. މިއިން އެގެނީ އެބޭކަލުންގެ ފުރާނަފުޅަށް ވުރެ ބޮޑަށް ރަސޫލާ صلى الله عليه وسلم ގެ ފުރާނަފުޅު ދެކެ  ލޯބިވެވަޑައިގަންކަމެވެ.


ރަސޫލާ ޤައުމުދެކެ ލޯބިފުޅުވާ މިންވަރު

އުޙުދު ހަނގުރާމަގައި މުޝްރިކުން ރަސޫލާ صلى الله عليه وسلم އަވަހާރަކޮށްލެވޭތޯ ވަރަށްގިނަ މަސައްކަތްތަކެއް ކުރިއެވެ. އެކަލޭގެފާނުގެ ނިތްކުރިފުޅު ޒަޚަމުކޮށްލިއެވެ. އެކަލޭގެފާނުގެ ދަތްޕުޅުތަކެއް ބިންދައިލިއެވެ. އެކަލޭގެފާނު ވަޅުގަނޑަކަށް ވައްޓައިލިއެވެ. ނަމަވެސް އެމީހުންނާ ދެކޮޅަށް ބަދުދުޢާއެއް ނުކުރައްވައެވެ. އެކަލޭގެފާނު ކުރެއްވި ދުޢާއަކީ اللَّهُمَّ اغْفِرْ لِقَوْمِى فَإِنَّهُمْ لاَ يَعْلَمُونَ "ހައްދަވާބޮޑުކުރެއްވި ރަސްކަލާނކޮ! ތިމަންކަލޭގެފާނުގެ ޤައުމުގެމީހުންގެ ފާފަފުއްސަވާނދޭވެ! ފަހެ ހަމަކަށަވަރުން އެއުރެންނަށް ނޭގެނީއެވެ."

މައްކާ ފަތަޙަކުރެއްވި ދުވަހުގައި ވެސް ބަދަލުހިއްޕެވުމެއް ނެތި ވިދާޅުވީ "ތިޔަބައިމީހުންނަކީ މިނިވަނުންނެވެ. ތިޔަބައިމީހުން ބޭނުންތަނަކަށް ދާށެވެ!"

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ