އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނުން ފެންނަ ކުށްތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ފަހުދު ރަސްގެފާނުގެ ޚަތިމާއި ކުވޭތުގެ ޚަތިމާއި އަޒުހަރުގެ ޚަތިމާއި މިޒަމާނުގެ ޑިޖިޓަލް ޚަތިމުން ވެސް ކުށް ފެނިފައިވެ އެވެ.

އަޒުހަރުގެ ޚަތިމުގެ 6000 ކޮޕީގެ ތެރެއިން ގަނޑުއޮޅިފައިވާ އެންމެ ޚަތިމެއް ފެނުމުން، 325 ޚަތިމުގައި ކުށްހުރި ކަމަށް ޚަބަރު ފެތުރުނެވެ.


ޢަބްދުލްމުޢީދު ޙަސަން


ކީރިތި ޤުރުއާނުގެ ކުށެއް ނެތް ނަކަލެއް ނެތް ކަމަށް ބައެއް މީހުން ބުނެ އެވެ. އަދި ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ލިޔެވުނު ޚަތިމުތައް ވަނީ، ވީރާނާވެފައި ކަމަށާއި، އެއިން ޚަތިމެއްގެ ފުރިހަމަ ކޮޕީއެއް ނެތް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. މިބާވަތުގެ ދޮގު ވާހަކަތައް ދައްކަނީ، އިސްލާމްދީނާމެދު ޝައްކު އުފައްދަން މަސައްކަތްކުރާ މީހުންނެވެ.

ކީރިތި ޤުރުއާނުގެ އެންމެ އިހުގެ ނަކަލެއް ބައްލަވާލައްވަން ބޭނުންފުޅުނަމަ، މިޞްރަށް ވަޑައިގެން އެކަން ކުރެއްވިދާނެ އެވެ. މިޞްރުގައިވާ ދުނިޔޭގެ އެންމެން ދަންނަ، އެންމެ މަޝްހޫރު އެއްތަނަކީ، ޖާމިޢުލް އަޒުހަރެވެ. ޖާމިޢުލް އަޒުހަރު ހުންނަ ސަރަޙައްދަށް ވަޑައިގަތުމުން، ހައިބަތުހުރި ތުރުކީ މުންނާރެއް ފެނިވަޑައިގަންނަވާނެ އެވެ. އެ މުންނާރަކީ، ޙުސައިނުގެފާނުގެ މިސްކިތްކޮޅުގެ މުންނާރެވެ. އެ މިސްކިތްކޮޅުގެ ތެރޭގައި، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އާއި، ޠާހިރު އަހުލު ބައިތުންގެ ބައެއް ތަކެތިކޮޅުތައް ރައްކާކުރެވިފައި ވެ އެވެ. ޢުޘްމާނުގެ ފާނު ލިޔުއްވި ހަތަރު ޚަތިމުގެ ތެރެއިން އެއް ޚަތިމު ވެސް އެތަނުގައި ވެ އެވެ.


ޢުޘްމާނުގެފާނު ލިޔުއްވި ޚަތިމު

ފޮޓޯގައި ވަނީ، ޢުޘްމާނުގެފާނު ލިޔުއްވި ހަތަރު ޚަތިމުގެ ތެރެއިން މިޞްރުގައި ރައްކާކުރެވިފައިވާ ޚަތިމެވެ. މި ޚަތިމުގައި ކީރިތި ޤުރުއާން އެއްކޮށް ލިޔެވިފައިވެ އެވެ. 80 ކިލޯގްރާމުގެ ބަރުދަން ހުރި މި ޚަތިމުގައި 1087 ޞަފުޙާވެ އެވެ. ކޮންމެ ޞަފުޙާއެއްގައި 12 ފޮޅުވަތް ލިޔެފައިވެ އެވެ. މި ޚަތިމުގެ އުސްމިނަކީ، 40 ސެންޓި މީޓަރެވެ.



މި ޚަތިމުގައި ޖެހިފައިވާ ރަތްކުލައިގެ ލައްގަނޑަކީ، ޢުޘްމާނުގެފާނުގެ ހަށިކޮޅުން އޮހޮރުނު ލޭ ކަމަށް ބުނެވެ އެވެ. އެކަލޭގެފާނު ޝަހީދުކޮށްލެވުނީ، ކީރިތި ޤުރުއާން ކިޔަވާވިދާޅުވަން އިންނަވަނިކޮށްނެވެ. އޭރު އެކަލޭގެފާނު ކިޔަވާވިދާޅުވަމުން ގެންދެވީ، ( فَإِنْ آمَنُواْ بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوْا وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ فَسَيَكْفِيكَهُمُ اللَّهُ وَهُوَ السَّمِيعُ الْعَلِيمُ) މިއާޔަތުގެ ފަހުކޮޅެވެ. މިއީ އަލްބަޤަރާ ސޫރަތުގެ 137 ވަނަ އާޔަތެވެ. މި އާޔަތުގެ މާނައީ، "ފަހެ، ތިޔަބައިމީހުން އީމާންވެގެންތިބި ފަދައިން އެއުރެން އީމާންވިނަމަ، އެއުރެންނަށް ތެދުމަގު ލިބުނީސްކަން ކަށަވަރެވެ. އަދި އެއުރެން އެނބުރި ފުރަގަސްދީފިނަމަ، އެއުރެން ވާކަން ކަށަވަރީ، ދެކޮޅުވެރި ކަމެއްގެ ތެރޭގަ އެވެ. ފަހެ، ﷲ އެއުރެންގެ ކިބައިން ކަލޭގެފާނު ރައްކާތެރިކުރައްވައި ސަލާމަތްކަން ދެއްވާނެތެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ."



މި ޚަތިމު ލިޔެފައިވަނީ، ފުއްލާގެ ލެއިން ހަދާފައިވާ ދެއްޔަކުން ކަމަށް ބުނެވެ އެވެ. އަދި އެއީ ގޮމަކަސްތޫރިން ހަދާފައިވާ ދެއްޔަކުން ކަމަށް ވެސް ބުނެވެ އެވެ. މި ޚަތިމު ލިޔެފައިވާ އަކުރަކީ، ހިޖުރައިން ފުރަތަމަ ޤަރުނުގައި ލިޔެއުޅުނު، "އަލްޚައްޠުލް މައްކީ" އެވެ. އެއީ މައްކާގައި ލިޔެއުޅުނު ޢަރަބި ލިޔުމުގެ ވައްތަރެވެ. މި ޚަތިމު ލިޔެފައިވަނީ، ކީރިތި ޤުރުއާނުގައި ނުކުތާއާއި ފިލި ޖެހުމުގެ ކުރިންނެވެ. ނަމަވެސް، ސޫރަތްތައް ނިމޭ ހިސާބު ވަކިކޮށްފައިވެ އެވެ. ދެ ސޫރަތް ދެމެދު ވަކިކޮށްފައިވަނީ، ގަސްގަހާގެހީގެ ޒަޚުރަފާގެ، ތަފާތު ކުލަކުލައިގެ ކުރެހުންތަކުންނެވެ.


ސާޅީސްހާސް އަޞްލު

އެންމެ ފުރަތަމަ ކީރިތި ޤުރުއާން ޢާއްމު ގޮތެއްގައި ރައްކާކުރެވުނީ، ހިތުދަސްކުރާ ޙާފިޡުންގެ ހިތުގަ އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން، ޖަރުމަނުގެ އިންސްޓިޓިއުޓަކުން ވަނީ، ކީރިތި ޤުރުއާނުގެ އަޞްލު ނަކަލުތައް ހޯދައި ޖަމާކުރުމުގެ މަސައްކަތް ކޮށްފަ އެވެ. އެ މަސައްކަތުން، ކީރިތި ޤުރުއާނުގެ އަޞްލު ކޮޕީގެ ސާޅީސް ހާސް ނަކަލު ޖަމާކުރެވިފައިވެ އެވެ. އެ ނަކަލުތައް ލިޔެވިފައިވަނީ، އެކިއެކި ޒަމާންތަކުގަ އެވެ. އެނަކަލުތައް ދިރާސާކުރި ޖަރުމަނުގެ ޢިލްމުވެރިން ވިދާޅުވެފައިވަނީ، ކީރިތި ޤުރުއާނަކީ، އެފޮތުގެ އެއްވެސް އާޔަތަކަށް އެއްވެސް ކަހަލަ ތަޙުރީފެއް ނުވަތަ ބަދަލުކުރުމެއް، އިންސާނުން ގެނެސްފައި ނުވާ ޞައްޙަ ފޮތެއް ކަމަށެވެ.


ކީރިތި ޤުރުއާނުގައި ކުށް

ކީރިތި ޤުރުއާނަކީ، ބާވައިލެއްވި ގޮތަށް އޮތް ޞައްޙަ ފޮތެއްކަން، ޢިލްމުވެރިންގެ ދިރާސާތަކުން ސާބިތުވަމުން ދާއިރު، އެ މާތް ފޮތުގައި ކުށްހުރި ކަމަށް ދެކެވޭ ވާހަކަތަކުގެ ޙަޤީޤަތަކީ ކޮބައިތޯ އެވެ؟

ތެދުތެދަށް ދަންނަވާނަމަ، މުސްލިމުންގެ ހިތްތަކުގައި ރަނގަޅަށް ރައްކާކޮށްގެން ގެންގުޅޭ ކީރިތި ޤުރުއާނުގައި ކުށެއް ނެތެވެ. ނަމަވެސް އެބުނާ ކުށްތަކެއް ވަނީ، ކަރުދާހާއި މަލްޓިމީޑީއާގެ ވަސީލަތްތަކުން ރައްކާކޮށްގެން ގެންގުޅޭ ކީރިތި ޤުރުއާނުގެ ކޮޕީތަކުގަ އެވެ. އެފަދަ ކޮޕީތަކުގައިވާ ކުށްތައް ފަސޭހައިން ފެންނަނީ ވެސް، މުސްލިމުންގެ ހިތްތަކުގައި ކީރިތި ޤުރުއާނުގެ ކުށެއް ނެތް ނަކަލެއް ރައްކާކުރެވިފައި ވާތީ އެވެ.


ކޮންކަހަލަ ކުށްތަކެއް

ޢާއްމު ގޮތެއްގައި ކީރިތި ޤުރުއާނުން ފެންނަ ކުށްތަކަކީ، ލިޔެ، ޗާޕުކޮށް، ހަންޖަހާއިރު، ޤަޞްދަކާ ނުލައި ކުރެވޭ ކަމެއްގެ ސަބަބުން ފާޅުވާ ކުށެވެ. އެފަދަ ކުށްތަކުގެ މިސާލަކީ:

1.    ލިޔުމުގެ ކުށް:

މިބާވަތުގެ ކުށުގެ މިސާލަކީ، ފިއްޔެއް ނުވަތަ މައްދެއް ނުވަތަ ނުކުތާއެއް އޮންނަންވާ ތަން ނޫން އެހެން ތަނެއްގައި އޮތުމެވެ. ނުވަތަ އެ އޮންނަންވާ ތަނުގައި ނެތުމެވެ. މިބާވަތުގެ ކުށްތައް، ކީތިރި ޤުރުއާން ހިތުދަސްކޮށްފައި ނުވާ މުސްލިމުން ވެސް ފާހަގަކުރެވިގެން، ރަނގަޅުކޮށްލަ އެވެ.

2.    ޗާޕުގެ ކުށް:

މިބާވަތުގެ ކުށުގެ މިސާލަކީ، އަކުރެއް ނުވަތަ ފިއްޔެއް ނުވަތަ ނުކުތާއެއް ފަދަ އެއްޗެއް ފޮހެވިފައި އޮތުމެވެ. މިކަހަލަ ކުށްތައް ވެސް ފަސޭހަކަމާއެކު، މުސްލިމުން ދެނެގަނެ، ރަނގަޅުކޮށްލަ އެވެ. އަޅުގަނޑު ކުޑައިރު ކިޔަވަން ގެންގުޅުނު ޚަތިމުން ވެސް މިބާވަތުގެ ކުށެއް ފެނުނެވެ. އެ ޚަތިމު ލިޔެފައިވަނީ، ޕާކިސްތާނާއި އިންޑިއާ ގެ މުސްލިމުން ކީރިތި ޤުރުއާން ލިޔެއުޅޭ ވައްތަރު ޢަރަބި އަކުރުންނެވެ.

3.    ހަންޖެހުމުގެ ކުށް:

މިބާވަތުގެ ކުށުގެ މިސާލަކީ، ގަނޑުތައް އޮޅިފައިވުމެވެ. ޚަތިމުގެ ޞަފުޙާތަކުގައި ނަންބަރު ޖަހާފައިވާނަމަ، މިބާވަތުގެ ކުށް ވެސް، ވަރަށް ފަސޭހައިން ފެންނާނެ އެވެ. ނަމަވެސް މިބާވަތު ކުށް ރަނގަޅު ކޮށްލުމަކީ، އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. ކުށެއް އިޞްލާޙުކުރުމަށްޓަކައި ވެސް، ޚަތިމުން ގަނޑެއް ކެނޑުމަކީ، ހެޔޮލަފާ މުސްލިމެއްގެ ހިތަށް ތަދުނުވެ ނުދާނެ ކަމެއް ކަމުގައި ވާތީ އެވެ.

މިދެންނެވީ، މައިގަނޑު ގޮތެއްގައި ޚަތިމުން ފެންނަ ކުށްތަކުގެ މިސާލުތަކެވެ. ކީރިތި ޤުރުއާން ޗާޕުކުރަން ފެށީއްސުރެ، މިއަދާ ހަމައަށް ވެސް މިބާވަތުގެ ކުށްތައް ފެންނަމުން ދެ އެވެ. ކުށެއް ފެނުމުން، ތެދުވެރި މުސްލިމުން، އެކުށް ރަނގަޅުކޮށްލަ އެވެ. ޗާޕުކުރެވޭ ޚަތިމުތަކުން ފެންނަ ކުށްތަކާ ޚިލާފު ކުށްތައް، މިޒަމާނުގެ މަލްޓިމީޑިއާ ޚަތިމުތަކުން ފެންނަމުން ދެއެވެ.


ފަހުދު ރަސްގެފާނުގެ ޚަތިމުގެ ކުށް

ސުޢޫދީ ޢަރަބިއްޔާގެ ފަހުދު ރަސްގެފާނުގެ ނަންފުޅުގައި ޗާޕުކުރެވޭ ޚަތިމަކީ، ނުހަނު ފަރުވާތެރިކަމާއެކު، އެތައް ބަޔެއްގެ ޢިނާޔަތްތެރިކަމާއި ރިޢާޔަތްތެރިކަމުގެ ދަށުން ޗާޕުކުރެވޭ ޚަތިމެކެވެ. އެޚަތިމުން ކުށެއް ފެނުނު މީހަކު، ތަފުސީރު ޑޮޓް ނެޓްގައި ލިޔެފައިވެ އެވެ.

"1405 ވަނަ އަހަރު ފަހުދު ރަސްގެފާނުގެ ނަންފުޅުގައި ޗާޕުކޮށްފައިވާ ނޫކުލައިގެ ޚަތިމުގައި ކުށެއް އެބައޮތެވެ. އެކުށް އޮތީ، 222 ވަނަ ޞަފުޙާގަ އެވެ. އެއީ ހޫދު ސޫރަތުގެ 7 ވަނަ އާޔަތުގައިވާ ކުށެކެވެ. ކުށަކީ، (وهو الذي) ގެ ޔާގެ ތިރީގައި ޖަހާފައިވާ ފިއްޔެވެ. ނަމަވެސް، ރީނދޫކުލައިގެ ޚަތިމު ޗާޕުކުރިއިރު، އެ ކުށްވަނީ، އިޞްލާޙުކޮށްފައެވެ. ދެން މާތް ﷲ ގެ ޙަޟުރަތަށް ޙަމްދުކޮށް، އަޅުގަނޑު އެހެން ޚަތިމެއް ބަލައިލީމެވެ. އެއީ، 1422 ވަނަ އަހަރު ޗާޕުކޮށްފައިވާ ނޫކުލައިގެ ޚަތިމެވެ. އެ ޚަތިމުގައި އެކުށް އަނެއްކާވެސް ތަކުރާރުވެފައި އެބައޮތެވެ. އެ ޗާޕުގައިވަނީ، އެކުށް އިޞްލާޙު ނުކުރެވި އެވެ. މި ވާހަކަ އަޅުގަނޑު ކިންގ ފަހުދު ކޮމްޕްލެކްސް އަށް، ކުށުގެ ފޮޓޯކޮޕީއާއެކު، ލިޔެ އެންގީމެވެ. ނަމަވެސް އެފަރާތުން އަޅުގަނޑަށް ވަކިއެއްޗެއް ނާންގަވަ އެވެ. ދެން އަޅުގަނޑު ބަލަމުން ދިޔައިރު، އަނެއްކާވެސް އިތުރު ކުށެއް ފެނުނެވެ." އަޅުގަނޑީ، ތިޔަބޭފުޅުންގެ އަޚު، މުޞްޠަފާ (މިޞްރު)

ހަމަ އެވެބްސައިޓުގައި އެހެން މީހަކު (އޭނާގެ ނަން ހާމަކުރުމެއްނެތި) ލިޔެފައި ވެއެވެ.

"އެއްފަރާތުގައި ކުރެހުން އަޅާފައިވާ، ޚަތިމުގައި ކުށެއްވެ އެވެ. އެއީ، (ފަހުދު ރަސްގެފާނު) ކޮމްޕްކްސް އިން ފުރަތަމަ ނެރުނު ޗާޕުގެ ތެރެއިން ޗާޕެކެވެ. އެކުށްވަނީ، 468 ވަނަ ޞަފުޙާގަ އެވެ. އެކުށް އޮތް އާޔަތަކީ (قالوا ربنا أمتنا) މިއެވެ. މިއާޔަތުގައިވާ ކުށް ރަނގަޅުކުރުމަށްފަހު، އަލުން އެ ޚަތިމު ޗާޕުކުރެވުނެވެ."


ކުވޭތު ޚަތިމުގެ ކުށް

މި ޚަތިމު އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފުވެގެން ދިޔައީ، "މުޞްހަފުލް ކުވައިތު" ގެ ނަމުންނެވެ. ކުވޭތުން ޗާޕުކޮށް އިސްލާމީ ދުނިޔޭގެ ޤައުމުތަކަށް ބެހި މި ޚަތިމުގައި ކުށް ހުރިކަން، ދިވެހި ސަރުކާރުން ވެސް ވަނީ އިޢުލާންކުރައްވާފަ އެވެ. އެ މުޞްޙަފުގައިވާ ކަމަށް ރައީސުލް ޖުމްހުރިއްޔާގެ އޮފީހުން ފާހަގަކުރައްވާފައިވާ ކުށްތަކަކީ:

1.    ސޫރަތުލް ކަހުފުގެ 63 ވަނަ އާޔަތުގައިވާ ކުށް.
2.    ސޫރަތުލް ވާޤިޢާގެ 6 ވަނަ އާޔަތުގައިވާ ކުށް.
3.    ސޫރަތުލް ބުރޫޖުގެ 5 ވަނަ އާޔަތުގައިވާ ކުށް.
4.    ސޫރަތު ޠާހާގެ 36 ވަނަ އާޔަތުގައިވާ ކުށް.
5.    ސޫރަތުއް ނިސާގެ 80 ވަނަ އާޔަތުގައިވާ ކުށް.
6.    ސޫރަތު ޣާފިރުގެ 68 ވަނަ އާޔަތުގައިވާ ކުށް.

ތިރީގައިވާ ތަޞްވީރުގައި މިވަނީ މި ކުށްތަކުގެ ތަފުޞީލެވެ.




އަޒުހަރުގެ މުޞްޙަފުގެ ކުށް

ޖާމިޢުލް އަޒުހަރުން ހުއްދަ ދެއްވައިގެން ޗާޕުކޮށްފައިވާ ޚަތިމަކުން 2007 ވަނަ އަހަރު ކުށް ފެނިފައިވެ އެވެ. އެއީ، އެއްވެސް އަކުރެއް ނުވަތަ އާޔަތެއްގައިވާ ކުށެއް ނޫނެވެ. އަދި އެ ކުށް ފެނިފައިވަނީ، ޗާޕުކުރި ހުރިހައި ޚަތިމަކުންނެއް ވެސް ނޫނެވެ. އެއީ، ހަންޖެހުމުގެ ކުށެކެވެ.

ހަންޖެހުމަށް ފަހުގައިވެސް، އަޒުހަރުން އެތަކެއް ޚަތިމެއް ބައްލަވައި ފާސްކުރެއްވި އެވެ. ނަމަވެސް، އެއިން އެއްވެސް ޚަތިމަކުން ކުށެއް ފެނިފައި ނުވެ އެވެ. ދެން އެއިން، 6000 (ހަ ހާސް) ޚަތިމު، ސޫދާނަށް ހަދިޔާކުރެވުނެވެ. ސޫދާނަށް އެ ޚަތިމުތައް ފޮނުވާލެވުނު ފަހުން، އޭގެ ތެރެއިން 325 ޚަތިމުގެ ގަނޑު އޮޅިފައިވާ ކަމަށް ސޫދާނުގައި ޚަބަރު ފެތުރުނެވެ. ދެން އެ ޚަތިމުތައް އަނބުރާ ފޮނުވައި ދިނުމަށް އަޒުހަރުން އެންގެވުމުން، އަޒުހަރަށް ލިބުނީ، ގަނޑު އޮޅިފައިވާ އެންމެ ޚަތިމެކެވެ. އެންމެ ޚަތިމެއް 325 ޚަތިމަށް ހަދާލީ ނޫސްވެރިން ކަމަށް ބެލެވެ އެވެ. ކުށް ހުރި ޚަތިމުތައްވާނަމަ، އެ ޚަތިމުތައް ފޮނުވުމުން، އޭގެ ބަދަލުގައި 3000 (ތިން ހާސް) ޚަތިމު ހަދިޔާ ކުރާނެ ކަމަށް އަޒުހަރުން ވިދާޅުވި އެވެ.


މާތް ﷲ ރައްކާތެރި ކުރައްވާނެ

ކީރިތި ޤުރުއާން ލިޔެ ޗާޕުކުރަން ފެށީއްސުރެ، މިއަދާ ހަމައަށް ވެސް ޚަތިމުތަކުން ކުށްތައް ފެންނަމުންދެ އެވެ. ނަމަވެސް، ޚަތިމަކުން، ކުށެއް ފެންނަ ކޮންމެ ފަހަރަކު، އެ ޚަތިމެއް ލިޔެ ޗާޕުކޮށް ހަންޖެހި ބަޔަކު ކުށްވެރިކޮށް، އަދަބުދިނުމަކީ، މުސްލިމުން ކުރާ ކަމެއް ނޫނެވެ. މުސްލިމުން ކުރާ ކަމަކީ، ކުށް އިޞްލާޙުކުރުމެވެ. ޚަތިމުގައިވާ ކުށް އިޞްލާޙުކުރެވެން ނެތްނަމަ، ކުށްހުރި ޚަތިމުތައް މީހުންނަށް ނުދެނީ އެވެ. އަދި ދެވަނަ ފަހަރަށް އެފަދަ ކުށެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކީރިތި ޤުރުއާން ލިޔެ، ޗާޕުކޮށް، ހަންޖެހުމުގެ މަސައްކަތް ހަރުދަނާ ކުރަނީ އެވެ.

ޚަތިމަކުން ކުށެއް ފެންނަ ކޮންމެ ފަހަރަކު، ކޮންމެވެސް ބަޔަކާ ދިމާއަށް އިނގިލި ދިއްކޮށް، އެބަޔަކު ކުށްވެރި ކުރުމަކީ، މުސްލިމުންގެ ގޮތެއް ނޫނެވެ. އެހެނީ، އެކަމަކީ، އިސްލާމީ ރިވެތި އަޚުލާޤީ ސިފައެއް ނޫނެވެ. އަދި އަނެކުންގެ ކުށް ދައްކައި، އަނެކުން ކުށްވެރިކުރުމަކީ، ސަލަފުއް ޞާލިޙުގެ މާތް ބޭކަލުން ވެސް ކުރެއްވި ކަމެއް ނޫނެވެ. ޚަތިމަކުން ކުށެއް ފެނިއްޖެނަމަ، އެ ޚަތިމުގެ މަސައްކަތް ކުރި މީހުންގެ ކަންތައް، އަޅުގަނޑުމެން ދޫކޮށްލުން ރަނގަޅީ، މާތް ﷲ ގެ ޙަޟުރަތަށެވެ. ކީރިތި ޤުރުއާން ޙިމާޔަތްކުރައްވާނީ އެކަލާނގެ އެވެ. އެކަލާނގެ އަންގަވާފައިވެ އެވެ. ( إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ) އަލްޙިޖުރު: 9، މާނައީ، "ހަމަކަށަވަރުން، ޤުރުއާން ބާވައިލެއްވީ، ތިމަންރަސްކަލާނގެ އެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ ޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ."



މަޞްދަރުތައް:
ކުވޭތުގެ ޚަތިމް (ކުށްހުރި)
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންގެވުމެއް (1986 މ.)
www.islamonline.net
www.tafsir.net
http://www.iraker.dk/irakfoto/pr/1.htm

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ