Print

ތަމްރީނަށް ބޭނުންވާ ކަންތައްތައް ދެނެގަތުން - 05

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


 8އޮކްޓޫބަރު(ބުރާސްފަތި)އާ ގުޅޭ....

 TNAގެ ސުވާލު ނަންބަރު- 4

ކުރިން ހިތްހަމަޖެހޭ ފެންވަރަކަށް މަސައްކަތް ކުރިތަ؟

  ބިންމާ އިބްރާހީމް ވަޙީދު
 
ޙަޤީޤަތުގައި ވެސް ޕީޑީ އުފެދި، އަދި އެއީ މުހިންމުކަން ދޭންޖެހޭ މައްސަލައެއް ކަމަށްވަންޏާ، ވަޒީފާގެ ޙަޤީޤީ ފެންވަރު، އެއްވެސް އިރެއްގައި ހުރީ، ތަމްރީނުދޭން ޚިޔާލުކޮށްފައިވާ ސްޓާފުންނަށް ކުރެވޭ ވަރެއްގައިތޯ، ތަމްރީނު ރާވާ މީހާ ބަލައިހޯދަންވާނެ އެވެ. އާންމުގޮތެއްގައި އޭގެ ޖަވާބު ވަރަށް ސާފުކޮށް ފެންނަން އޮންނާނެ އެވެ. ނޭނގޭ ނަމަ، އަހައި އޮޅުންފިލުވުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ، އެއްވެސް އިރެއްގައި ހުރި ހުނަރަކާއި، ދުވަހަކު ވެސް ނެތް ހުނަރަކާ ދެމެދު ވަރަށް ބޮޑު ތަފާތެއް ހުންނާނެ އެވެ.

ކުރިން އެ ހުނަރު ހުރެފައި، ފަހުން އެ ހުނަރު ގެއްލިގެން ދިޔަކަމަށް ވަންޏާ، އެކަން އެހެން މެދުވެރިވާނެ ކޮންމެވެސް ސަބަބެއް އޮންނަންވާނެ އެވެ. މި ތަނުގައި، ޓްރޭނިން ރާވާ މީހާގެ ފުރަތަމަ ސުވާލަކަށް ވާންވާނީ، އެ ހުނަރު ގެއްލިގެންދިޔައީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ، ފަރުވާކުޑަކަން، އެ އާދަ ހަރުނުލެއްވުން، ޝައުގުވެރިކަން ނެތުން، ނުވަތަ ހަނދާންނެތުން ކަމަށް ވަންޏާ، ގެއްލުނު ފެންވަރާ ހަމައަށް އަލުން ދަތުރު ކުރުމަކީ އެހާ ބޮޑު ގޮންޖެހުމެއް ނޫނެވެ. އެ ކަމަށް ހަމައެކަނި ބޭނުންވާނީ ކުޑަ ތަމްރީނު ޕްރޮގްރާމެކެވެ. ކަން އެހެންއޮތް ނަމަވެސް، އެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކޮށް،  ހުނަރު ދެމެހެއްޓުމަށްޓަކައި އެ މީހުން މަސައްކަތް ނުކުރީތީވެ، އެ މީހުންގެ މަގުސަދާއި ވަފާތެރިކަމާމެދު، އިތުރަށް ބަލައިހޯދިދާނެ އެވެ.

TNA ގެ ސުވާލު ނަންބަރު 5 - ހުނަރު ގިނަގިނައިން ބޭނުންކުރިތަ؟
   
ބޭނުންވާ ހުނަރު އާންމުކޮށް ފަރިތަނުކުރާ ނަމަ، އޭގެ ސަބަބުން އެ ހުނަރު ދަށްވެދާނެ އެވެ. ހުނަރު ދެމެހެއްޓުމާއި، ފެންވަރު ދެމެހެއްޓުމަށްޓަކައި ތައްޔާރު ކޮށްފައިހުންނަ ކަހަލަ ޕްރޮގްރާމްތަކުގެ އެހީގައި، މި ފަދަ މައްސަލަތައް ޙައްލުކުރެވިދާނެ އެވެ. ޕިއާނޯޖަހާ މީހަކު، އޭނަގެ ހުނަރު ދެމެހެއްޓުމާއި މަތިކުރުމަށްޓަކައި، ކޮންމެ ދުވަހަކު ފަރިތަކުރުމަކީ އާންމުކަމެކެވެ. ހުނަރު ބޭނުންވާ ކަހަލަ ވަޒީފާތައް އަދާކުރާ މީހުން، ގިނަގިނައިން އެ މީހެއްގެ ހުނަރުގެ ބޭނުންނުކުރާ ނަމަ ވެސް މި ގޮތް ދިމާވެދާނެ އެވެ. މިއުޒިކު ކުޅޭ މީހުންނަކީ، ދޭތެރެދޭތެރެއިން އާންމުންގެ ކުރިމަތީގައި ޝޯ ކުޅޭ ބައެކެވެ. ހަމައެކަނި ޝޯއަކަށް ތައްޔާރުވާންވީމައި އެ މީހުން ފަރިތަކުރާ ނަމަ، އެ މީހުންގެ ފެންވަރު ދަށްވާނެ އެވެ. އަމާޒަށް ބަޑިޖަހާ ސިފައިންނަކީ ވެސް، އާންމުކޮށް ފަރިތަކުރަންޖެހޭ އެކަމަކު ޤަވާޢިދުން ފަރިތަނުކުރެވުމުން ހުނަރު ދަށްވާ ބައެކެވެ. ބައެއް ސިފައިންނަކީ، އެ މީހުންގެ ކެރިއަރ ނިމޭއިރު ވެސް، ޑިއުޓީގައި ހުންނައިރު ގެންގުޅޭ ހަތިޔާރުން ވަޒަނެއް ޖަހަންނުޖެހޭ މީހުންނެވެ. ގިނަ ސިފައިން، އެ ހަތިޔާރުގެ ބޭނުންކުރަންޖެހެނީ ވަރަށް މަދުންނެވެ. މި ސަބަބަށްޓަކައި، އަމާޒަށް ބަޑިޖެހުމުގެ ޕްރޮގްރާމްތައް ޤަވާޢިދުން ހިންގުމަކީ، ސިފައިންގެ ޑިޕާރޓްމަންޓުތަކުގައި އާންމުކޮށް ކުރާ ކަމެކެވެ. ސިފައިން އާންމުކޮށް އެކަން ނުކުރާ ނަމަ، ހަތިޔާރުގެ ބޭނުންހިފަންޖެހޭ މަދު ފަހަރުތަކުގައި، އެ މީހުންގެ ވަޒަން، އަމާޒަކަށް ވާސިލެއް ނުވާނެ އެވެ. އޭރުން ވަރަށް ނުރައްކާތެރި މައްސަލަތައް ކުރިމަތިވާނެ އެވެ. މި ދެ މިސާލުން ރަމްޒުކޮށްދެނީ، ހުނަރުގެ އެންމެ މަތިފަޑީގައި އެ ފަދަ މީހުން އަބަދު ވެސް ހުރުން މުހިންމުވާ ކަމެވެ.
   
ބައެއް ހުނަރަކީ، ކުރިން އާންމުކޮށް އެ މީހާ ބޭނުންކުރި ހުނަރަކަށް ވެސް ވެދާނެ އެވެ. އެކަމަކު، ހިތްހަމަޖެހޭ ފެންވަރަކަށް ފަހުން އެ ހުނަރު ބޭނުންކުރަން ނޭނގުމުން އޭގެ މާނަ އަކީ ކޮބައިހެއްޔެވެ؟ "ބަރާބަރު ވާނީ ފަރިތަކުރީމަ" އަކީ، އާންމުކޮށް އިވޭ މުޙާވިރާއެކެވެ. މީ ތެދެއްކަމަށް ވަންޏާ، ދުވަސް ވުމުން ފެންވަރު ދަށްވަނީ ކީއްވެގެން ހެއްޔެވެ؟ އޭގެ ޖަވާބަކީ، އެ މުޙާވިރާގެ ގަބޫލުކުރެވެނީ ވަކި މިންވަރެއް ކަމެވެ. ބައެއް ހާލަތުތަކުގައި، ދުވަސް ވުމުން ހުނަރެއް ކަންފަތިވެގެން ހިނގައިދާނެ އެވެ. އެ ކަން އެ ގޮތަށް މެދުވެރި ވެދާނެ އެއް ސަބަބަކީ، ކަން ކުރާގޮތް ބަލާނެ މީހަކު ނެތުމެވެ. ރަނގަޅުގޮތް ނުބުނެދެވި، ސްޓާފަކު ނުވަތަ ސްޓާފުން މަސައްކަތްކުރުވާ ކަމަށް ވަންޏާ، ކަން ކުރާގޮތަށް ދޭތެރެދޭތެރެއިން ބަދަލު އައިސް، ނުރަނގަޅު އާދަތައް ކަށީގައި ހިފައި، މިންގަނޑުތައް އޮޅުންއެރުން ކަހަލަ ކަންތައް މެދުވެރިވާނެ އެވެ.
   
ވަގުތު ފާއިތުވަމުންދާ ވަރަކަށް ހުނަރަށް ބަދަލުއައުމުން ދޭހަވަނީ، އާންމު ފަރިތަކުރުންތަކުގެ ތެރެއަށް ފީޑްބެކް ވެސް އިތުރުކުރުމުގެ މުހިންމު ކަމެވެ. އުންމީދުކުރާ ވަރަށް މަސައްކަތް ނުކުރާހެން ހީވާ ކަހަލަ މުވައްޒަފުންނަށް ވިސްނޭގޮތަށް، ޤަވާޢިދުން، އެކަށީގެންވާ ފީޑްބެކް ދެވުނަސް، މައްސަލަ ޙައްލުވެދާނެ އެވެ. މުވައްޒަފުގެ ކިބައިގަ ޤާބިލުކަން ހުރެމެ، އެ ފެންވަރަށް އޭނަ ހުރިހާ ފަހަރަކު މަސައްކަތް ނުކުރާކަމަށް ވަންޏާ، މަސައްކަތް ނުކުރާހެން ހީވާ ކޮންމެ ފަހަރަކު، އޭނަގެ މަސައްކަތް އެ ވަގުތަށް ހުންނަންޖެހޭނެ ފެންވަރު އޭނަ އަށް ބުނެދެވިފަވޭތޯ ބަލާލަންވާނެ އެވެ.  

TNA ގެ ސުވާލު ނަންބަރު 6 - އާދައިގެ ޙައްލެއް ފެންނަން އެބައޮތްތަ؟
  
 "ތީ މަރުތޭލަކަށް ވާނަމަ، އެހެން ހުރިހާ އެއްޗެއް ފެންނާނީ މޮހޮރެއްހެން" އަކީ، ހަރުބަހެކެވެ. އެހެންގޮތަކަށް ބުނާ ނަމަ، ތިމާގެ ކިބައިގައި ހުރި ހުނަރާއި ޤާބިލުކަން ވަކި ވަރަކަށް ހިފޭއްޓިފައިވާ ނަމަ، މައްސަލައެއް ޙައްލުކުރަން ބޭނުންކުރަންޖެހޭ އުކުޅުތައް ވެސް ހުންނާނީ، ވަކި ފެންވަރެއްގައި ހިފޭއްޓިފަ އެވެ. ޓްރޭނިން އަކީ، މަސައްކަތުގެ ފެންވަރާ ގުޅުންހުރި ކަންތައްތަކަށް ދެވިދާނެ އެދެވޭ ޖަވާބަކަށް ވާއިރު، އެއީ ކަމަށް އޮތް އެންމެ ރަނގަޅު ޙައްލުކަމުގަ ނުވެހިނގައިދާނެ އެވެ. ޓްރޭނިން އަކީ، އެދެވޭ ގޮތެއްގައި ހިންގާ ނަމަ، އެ ކަމުގައި ވަރަށް ގިނަ މީހުން ޝާމިލުވާންޖެހޭ، ގިނަ ފައިސާ ހޭދަވާ، ޚަރަދުބޮޑު މަސައްކަތެކެވެ. އަދި ހަމައެހެންމެ، ޓްރޭނިން އަކީ، ބުރަ މަސައްކަތެއް ވެސްމެ އެވެ. އެ ކަމުގައި، ވަރަށް ގިނަ އިންސާނީ ވަސީލަތްތައް، ވަރަށް ގިނަ ދުވަސް ވަންދެން ބޭނުންކުރަންޖެހެ އެވެ. ޓްރޭނިން ފައްޓަންވާނީ، ހަމައެކަނި ރަނގަޅު ނަތީޖާއެއް ނުކުންނާނެ ހާލަތެއްގަ އެވެ. އެ ކަން ޔަގީންކުރުމަށްޓަކައި، ކުރެވެން އޮތް އެއްވެސް މަސައްކަތެއް ނުކޮށް ދޫކޮށްލައިގެން ނުވާނެ އެވެ. ވަރަށް ގިނަ ހާލަތުތަކުގައި، އެހެން ވަސީލަތްތައް ބޭނުންކޮށްގެން ޙައްލު ހޯދުމަކީ، މާ ބުއްދިގަބޫލު ކުރެވޭ އަދި އޮގަނައޮޒޭޝަންގެ ގިނަ ވަސީލަތްތަކެއް ސަލާމަތްކޮށްދޭ ކަމެކެވެ. ކުރިން އިޝާރާތްކުރި ފަދައިން، ޓްރޭނިން އަކީ، މަސައްކަތުގެ ފެންވަރު ރަނގަޅު ކޮށްދޭ އެއް ވަސީލަތެވެ. އެ ފަދަ ޕްރޮގްރާމެއް ހިންގަންވާނީ، ރަނގަޅު ނަތީޖާއެއް ނެރެވިދާނެކަމުގެ ޔަގީންކަން އޮންނަ ފަހަރުތަކުގަ އެކަންޏެވެ.
  
 ހުނަރު ދަށްވަމުންދާކަން ކަށަވަރުވެއްޖެ ނަމަ، މަދުވެގެން ދެ ޙައްލު އެ ކަމަށް އޮންނާނެ އެވެ. ފުރަތަމަ، އެ މުވައްޒަފެއް ނުވަތަ މުވައްޒަފުންގެ ހުނަރުގެ ފެންވަރު މަތިކުރުމަށްޓަކައި، ތަމްރީނު ދެވިދާނެ އެވެ. ޓްރޭނިން ޕްރޮގްރާމެއްގެ ބޭނުންޖެހޭނެ ދަނޑިވަޅަކީ މިއީ އެވެ.
   
އެކަމަކު، ދެވަނަ ކަމަކީ، މުވައްޒަފުންގެ ފަރާތުން ކުރާ އުންމީދުތަކަށް ބަދަލެއް ގެންނަންޖެހިދާނެކަން ހަނދާންނައްތާ ނުލުމެވެ. މި ކަން ފުރިހަމަ ކުރެވޭނެ އެތައް ގޮތެއް ހުރެއެވެ. އެއް ގޮތަކީ، ބޭނުންވާ ފެންވަރު ހުރިކަމަށް ފެންނަ ކަހަލަ ޒިންމާތަކެއް، އަލުން އޭނަޔާ ހަވާލުކުރުމެވެ. އަނެއް ގޮތަކީ، އޭނަ ހުރި މަޤާމުގައި ކަނޑައެޅިފައިވާ ޝަރުތުތައް އަލުން މުރާޖާ ކުރުމެވެ. އޭރުން، ކުރިން އުނިވި ކަމަށް ފާހަގަ ކުރެވުނު ހުނަރު އެއީ ކޮންމެހެން ހުރުން މުހިންމު ހުނަރަކަށް ނުހެދުމަށްޓަކައި، ވަޒީފާބަޔާން ބަދަލުކުރަން ވެސް ޖެހިދާނެ އެވެ. ނުވަތަ އޭގެ މާނަ އަކީ، ލިބެންހުރި ހުނަރަށް ފެއްތުމަށްޓަކައި، މަސައްކަތް ކުރާގޮތް ބަދަލުކުރުން ކަމަށް ވެސް ވެދާނެ އެވެ. މައްސަލަ އަކީ، ވަޒީފާގެ ޝަރުތުތައް ބަދަލުކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރެވެ. ޚާއްޞަކޮށް، އޭގެ ސަބަބުން، ބޭނުންވާ ހުނަރުގެ މިންގަނޑު ދަށްވާ ނަމަ އެވެ. ބަދަލަކީ، އަބަދު ވެސް، މުޅި އޮގަނައިޒޭޝަނުގެ ފެންވަރު، އެއް ހަމައެއްގައި ހިފޭއްޓޭ ކަހަލަ ބަދަލަކަށް ވާންޖެހޭނެ އެވެ. ވަޒީފާއެއްގެ ޝަރުތުތަކަށް ބަދަލު އަންނަން ޖެހޭނީ، މުޅި އޮގަނައިޒޭޝަންގެ ލާބަ އާއި މަންފާ އަށް ވިސްނާފަ އެވެ. އަނެއްކޮޅުން، މަސައްކަތުގެ ޤަވާޢިދަށް އެއްވެސް ބަދަލެއް އައުމަކީ، މުވައްޒަފުން ދެކޮޅުހަދާފާނެ ކަމެކެވެ. އެހެންކަމުން، އެ މީހުންނަށް ވިސްނައިދިނުމުގައި މޮޅު ޙިކުމަތެއް ހޯދަންޖެހިދާނެ އެވެ.
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ