އަދުގެ ޚާއްސަ

Print

ކޭތައާ ބެހޭ ބައެއް ވާހަކަ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ

"ތިޔަބައިމީހުންނަށް ކޭތަ ފެނިއްޖެނަމަ، ފަހެ، ތިޔަބައިމީހުން ﷲ އަށް ދުޢާ ދަންނަވައި، ތަކުބީރުކިޔައި، ނަމާދުކޮށް، ޞަދަޤާތް ދޭހުށިކަމެވެ."

ޙަދީޘެއްގެ މާނަ

ޢަބްދުލްމުޢީދު ޙަސަން


އިހުގެ ބައެއް ޙަޟާރަތްތަކުގައި، ކޭތައާ ބެހޭ ގޮތުން ދައްކާފައިވާ ވާހަަކަތައް، މިޒަމާނުގައި ވާނީ ވަރަށް ހެއްވާ ވާހަކަތަކަކަށެވެ. ނަމަވެސް އެއީ އެޒަމާންތަކުގެ މީހުންގެ ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވުނު ވާހަކަތަކެއް ކަމުގައިވި އެވެ.

ޗައިނާގެ އިހުޒަމާނުގެ މީހުން ހީކޮށްގެންތިބީ، އިރުކޭތަ ހިފަނީ، ތިންނީނެއް ނުވަތަ ޑްރޭގަނެއް، އިރު ކާލަން އުޅޭތީ ކަމަށެވެ. މިހެންވެ، އިރުކޭތަ ހިފަން ފެށުމުން އެބައިމީހުން މައްޗަށް ދުނި ޖަހަ އެވެ. މިކަމުގެ ބޭނުމަކީ، އެ ޑްރޭގަނަށް ބިރުދައްކައިގެން، އޭތީގެ އަނގައިގެ ތެރޭގައި އިރު ނިވާވެދިއުން މަނާކުރުމެވެ. ދުނި ޖަހާއިރު، ބެރުޖެހުމާއި ދުންމާރި ފުމެމުން ގެންދެ އެވެ.

އިހުޒަމާނުގައި، ޗައިނާގެ ބައެއް ސަރަޙައްދުތަކުގެ މީހުން ހީކޮށްގެންތިބީ، އިރަކީ، ރަން ދޫންޏެއް ކަމަށެވެ. ހަނދަކީ، ބޮކެއް ކަމަށެވެ. އަދި ކޭތަ ހިފަނީ، އެ ދޭތީގެ ދެމެދުގައި ހަނގުރާމައެއް ފެށުމުން ކަމަށެވެ.

ކޭތަ ހިފަނީ، އުޑުގައިވާ ކަލާނގެތަކުގެ މެދުގައި ހިނގާ ހަނގުރާތަކުގެ ސަބަބުން ކަމަށް ވެސް، އިހުޒަމާނުގެ ބައެއް އުންމަތްތަކުގެ މީހުން ޤަބޫލުކުރި އެވެ.

އެމޭޒަން ޤަބީލާތަކުގެ މީހުން ހީކޮށްގެން ތިބީ، ހަނދުކޭތަ ހިފަނީ، ކޮންމެވެސް ކުއްޖަކު އެއްލާ ތީރެއް ގޮސް، ހަނދުގެ ލޮލަށް ހެރުމުން ކަމަށެވެ. އަދި ކޭތަ ވީއްލަނީ، ހަނދުގެ ލޮލަށް ލިބުނު ގެއްލުން ފަސޭހަވުމުން ކަމަށެވެ.

ޖާހިލިއްޔަ ޒަމާނުގައި ޢަރަބީން ހީކުރަނީ، އިރުކޭތަ ހިފަނީ، ކޮންމެވެސް ވަރުގަދަ ޝަޚުޞިއްޔަތެއް މަރުވުމުން ކަމަށެވެ. ނުވަތަ ކޮންމެ ވެސް ހަނގުރާމައެއްގައި ލަޝްކަރެއް ބަލިވުމުން ކަމަށެވެ. ރަޙުމަތުގެ ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ދުނިޔެއަށް ވަޑައިގެންނެވީ، އެބައިމީހުން އެހެން ހީކޮށްގެން ތިއްބަ އެވެ. ދެން ކޭތައާ ބެހޭ ޞައްޙަ މަޢުލޫމާތު، އިތުރު އެކަލޭގެފާނު އެބައިމީހުންނަށް ދެއްވި އެވެ.

އިންޑިއާގެ އިހުޒަމާނުގެ މީހުންނަކީ، އިރުކޭތަ ހިފުމުން، ފެނުގެ ތެރެއަށް ގެނބިގެން ތިބޭ ބަޔެކެވެ. އެބައިމީހުން އެކަން ކުރަނީ، އިރުން އެބައިމީހުންގެ ބޮލަށް އެއްޗެއް ވެއްޓިދާނެތީ އެވެ. އިރުކޭތަ ހިފާއިރު، ބައެއް މީހުން މޫދަށް އެރި ތިބެނީ، އިންޑިއާގެ މީހުންގެ ކިބައިން މި އާދަ ވާރުތަވެފައިވާތީ ކަމަށް ވެދާނެ އެވެ.

ދުނިޔޭގެ ފިނި ހިސާބުތަކުގައި ދިރިއުޅޭ ބައެއް މީހުން މިހާރުވެސް ހީކުރަނީ، އިރުކޭތަ ހިފަނީ، އިރު، ދުނިޔެއާ ދުރަށް ދާތީ ކަމަށެވެ. ކޭތަ ވީއްލަނީ، އިރު، ދުނިޔެއާ ކައިރިއަށް އައުމުން ކަމަށެވެ.

މީލާދީ ސަނަތުން 1230 ވަނަ އަހަރު އިރުކޭތަ ހިފި މަންޒަރު ހުޅަނގު ޔޫރަޕަށް ފެނިފައި ވެ އެވެ. ހެނދުނުގެ ވަގުތެއްގައި އެބައިމީހުންނަށް އެ މަންޒަރު ފެނުމުން، އެބައިމީހުން ހީކުރީ، އިރު އޮއްސި ރޭގަނޑުގެ އަނދިރިކަން ވެރިވީ ކަމަށެވެ. ދެން މަސައްކަތް ކުރުން ހުއްޓާލާފައި، އެބައިމީހުން ގެޔަށް ދިޔަ އެވެ. އޭގެ އިރުކޮޅެއް ފަހުން، އަލުން އިރު އެރުމުން، އެބައިމީހުން ވަރަށް ބޮޑަށް ޙައިރާންވި އެވެ.



މީލާދީ ސަނަތުން 1504 ވަނަ އަހަރު، މުޅި ހަނދުގައި ކޭތަ ހިފި އެވެ. އެދުވަސްވަރު، ކްރިސްޓޮފަރ ކޮލަމްބަސް ވަނީ، އިންޑިއާ ކަނޑުގެ ޖަޒީރާއެއްގަ އެވެ. އެ ޖަޒީރާގެ މީހުން ވަނީ، އޭނާއާ ދެކޮޅުވެރިވެ، އެއްވެސް މަދަދެއް އޭނާއަށް ނުދީފަ އެވެ. އެބައިމީހުން އޭނާއަށް އެހީތެރިވެ ނުދީފިނަމަ، ހަނދުކޭތަ ހިފާނެ ކަމުގެ އިންޒާރު، އޭނާ އެބައިމީހުންނަށް ދެމުން ގެންދިޔަ އެވެ. އެދުވަސްވަރު، ހަނދުކޭތަ ހިފާނެކަން އޭނާއަށް ވަނީ ކޮންމެވެސް ގޮތަކުން އެނގިފަ އެވެ. ކޮންމެއަކަސް، ކޮލަމްބަސް ބުނި ފަދައިން ހަނދުކޭތަ ހިފައިފި އެވެ. ދެން، އެ ޖަޒީރާގެ މީހުން، އޭނާއަށް އެހީތެރިވެދީ، އޭނާ ބޭނުންހައި އެއްޗެއް އޭނާއަށް ދިނެވެ.

މިޒަމާނުގެ ތަރައްޤީވެ ކުރިއަރާފައިވާ ޤައުމުތަކުގެ މީހުން، އިރުކޭތަ ހިފާއިރު، އިރަށް ބަލަނީ، އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ ޚާއްޞަ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.



ނަމަވެސް، އެފަދަ ވަސީލަތްތައް ނުލިބޭ މީހުން، ކަޅު ބިއްލޫރިއާއި އަވިއައިނާއި އެކްސްރޭ ކަރުދާސް ފަދަ ތަކެތި ބޭނުންކޮށްގެން އިރަށް ބަލަ އެވެ. މިކަމުގެ ސަބަބުން އެބައިމީހުންގެ ލޮލަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެ އެވެ. ބައެއް ފަހަރު، ލޯ އަނދިވެސް ވެދެ އެވެ.



މި ފަހު ޒަމާނާ ޖެހެންދެން ވެސް، ކޭތައާ ބެހޭ ޚުރާފާތްތަކަށް އީމާންވެގެންތިބި މީހުން މަދެއް ނޫނެވެ. ޢަރަބިކަރައިގެ ބައެއް މީހުން ހީކުރާ ގޮތުގައި ހަނދުކޭތަ ހިފަނީ، ކޯމަހެއް ހަނދު ކާލާތީ އެވެ. ހަނދުކޭތަ ހިފުމުން، އެބައިމީހުން ކިޔާ ލަވައެއްގައި ވެ އެވެ. "ޔާ ޙޫތާ، ޔާ މަކުޙޫތާ، ޤަމަރުނާ އަކަލަލް ޙޫތާ، ވަލްޙޫތާ ރާޙަތު މަކުޙޫތާ، މަޠުރޫދާ."

ޢިރާޤުގެ ޢާއްމުންގެ ތެރޭގައި އޮންނަ ޤަބޫލުކުރުމެއް ބުނާ ގޮތުގައި، ކޭތަ ހިފުމުން، ބަލިވެ އިންނަ އަންހެނާ، އޭނާގެ ބަނޑުގައި އަތްލާކަށް ނުވާނެ އެވެ. ހަނދުކޭތަ ހިފާފައި ވަނިކޮށް، މާބަނޑު އަންހެނަކު އޭނާގެ ބަނޑުގައި އަތްލައިފިނަމަ، ވިހާ ދަރިފުޅުގެ މޫނު ވާނީ، ކޭތަ ހިފުމުން ހަނދުގެ މޫނަށް ވީހެން އަނދިރިވެ ކަޅުވެފަ އެވެ. އިރުކޭތަ ހިފާފައި ވަނިކޮށް، މާބަނޑު އަންހެނަކު، އޭނާގެ ބަނޑުގައި އަތްލައިފިނަމަ، ވިހާ ދަރިފުޅުގެ ހަށިގަނޑު ވާނީ ރަތްކުލައިގަ އެވެ. އަދި އެ ދަރިފުޅުގެ މޫނު ވާނީ، ނޫކުލައިގަ އެވެ.

މިޞްރުގެ ޢާއްމުންގެ ތެރޭގައި އޮންނަ އާދަކާދައެއްގެ މަތިން، ކޭތަ ހިފުމުން، ކުޑަކުދިންނާއި އަންހެނުން، އެކިއެކި އަޑުލައްވައި، ލޮއި ކަންވާރުގައި ތަޅައެވެ. އެބައިމީހުން ޤަބޫލުކުރާ ގޮތުގައި، ކޭތަހިފަނީ، ހަނދުގެ ނުވަތަ އިރުގެ ކަރުގައި ޖިންނިއެއް ހިފުމުންނެވެ. އެބައިމީހުން އެކިއެކި އަޑުއަޑުން ގޮވައި، ލޮއިކަންވާރުގައި ތެޅުމުން، ހަނދުގެ ނުވަތަ އިރުގެ ކަރުން ދޫކޮށްލާފައި އެ ޖިންނި ހިނގައިދެ އެވެ. މިޞްރުގެ މަޝްހޫރު ލިޔުންތެރިޔާ، އަޙުމަދަ އަމީނު ކުޑައިރު، މިޞްރު މީހުން އެކަންކޮށް އުޅޭ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

މިޒަމާނުގެ ހޭލުންތެރި ބައެއް މުޖުތަމަޢުތަކުގެ މީހުން އަދިވެސް، ކޭތައާބެހޭ ޚުރާފީ ވިސްނުން ގެންގުޅެ އެވެ. ކޭތަހިފާ ވަތުތު:
ބައެއް ސަގާފަތްތަކުގެ މީހުން، ނަށަ އެވެ.
ބައެއް ސަގާފަތްތަކުގެ މީހުން، ލަވަކިޔަ އެވެ.
ބައެއް ސަގާފަތްތަކުގެ މީހުން، ބަލިތަކަށް ފަރުވާކުރެ އެވެ.
ބައެއް ސަގާފަތްތަކުގެ މީހުން، ވަނަކަށް އެއްޗެއް އަޅައިގެން ތަޅަ އެވެ.
ބައެއް ސަގާފަތްތަކުގެ މީހުން، ދޮލަނގު ފަދަ ކަންވާރުތަކުގައި ތަޅައި ބެރުޖަހަ އެވެ.
ބައެއް ސަގާފަތްތަކުގެ މީހުން، ފެން ކިޔަވަ އެވެ. ކޭތަ ހިފާ ވަގުތު ކިޔަވާފައިވާ ފެނަކީ، ސިޙުރު ބާޠިލުކޮށް، ބަލިތަކަށް ފަރުވާދޭ އެއްޗެއް ކަމުގައި އެބައިމީހުން ޤަބޫލުކުރެ އެވެ.

ކޭތައާ ބެހޭ ޞައްޙަ އިޢުތިޤާދު އޮތީ، މާތްވެގެންވާ އިސްލާމްދީނުގަ އެވެ. ރަޙުމަތުގެ ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައިވަނީ:

(إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ، لاَ يَنْخَسِفَانِ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ، فَإِذَا رَأَيْتُمْ ذَلِكَ فَادْعُوا اللَّهَ وَكَبِّرُوا وَصَلُّوا وَتَصَدَّقُوا)


މާނައީ، "ހަމަކަށަވަރުން، އިރާއި ހަނދަކީ، ﷲ ގެ (ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން) ދެ ހެތްކެވެ. އިރާއި ހަނދުގައި ކޭތަ ހިފަނީ، މީހަކު މަރުވުމާ އަދި މީހަކު އުފަންވުމާ ގުޅިގެނެއް ނޫނެވެ. ފަހެ، ތިޔަބައިމީހުންނަށް ކޭތަ ފެނިއްޖެނަމަ، ފަހެ، ތިޔަބައިމީހުން ﷲ އަށް ދުޢާ ދަންނަވައި، ތަކުބީރުކިޔައި، ނަމާދުކޮށް، ޞަދަޤާތް ދޭހުށިކަމެވެ."


މަޞްދަރުތައް:
މައުސޫޢަތުލް ޙަދީޘް.
www.islamweb.net
www.alriyadh.com
http://1.bp.blogspot.com
www.asmar2.com


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ