އަދުގެ ޚާއްސަ

Print

ދިވެހި ޅެމުގެ ބައެއް ރަންމުތް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ނަޞީރު އިބްރާހީމް (2009)

ޖަނަވަރީ މަހުގެ 15ވަނަ ދުވަހަކީ ދިވެހި ރާއްޖޭގެ ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރެވޭ ދުވަހެވެ.  ޅެންވެރިންގެ ދުވަސް ނިސްބަތް ކުރެވެނީ އަލްއުސްތާޛުލް މަރުޙޫމު އިބްރާހީމް ޝިހާބަށެވެ. އެ މަނިކުފާނުގެ ޅެންވެރިކަމުގެ ތަޚައްލުޞުގެ ތެރޭގައި ތިން ނަމެއް ހިމެނެ އެވެ. ޝާޢިރުއްޝަބާބެވެ. ގުލްފާމެވެ. އަދި ޘާޤިބެވެ.

އަލްއުސްތާޛުލް މަރުޙޫމު އިބްރާހީމް ޝިހާބު ދެމި އޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވީ، 1988ވަނަ އަހަރުގެ ޖަނަވަރީ މަހު، 15ވަނަ ދުވަހު އެވެ.  އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި އެވެ. 

އަޅުގަނޑަށް ގަބޫލުކުރެވިފައި އޮންނަ ގޮތުގައި ޅެމެއްގެ އެންމެ ޚާއްޞަ އެއް ސިފައަކީ، އޭގައިވާ ޚިޔާލެވެ. ފަލްސަފާއެވެ. ޚިޔާލެއް ފިކުރެއް ނެތް، ހުސް ޢިބާރާތްތަކަކަށް، ޅެމެކޭ ކިޔަން، ނުވަތަ ރީތި މޮޅު ޅެމެކޭ ބުނަން އަޅުގަނޑަށް ވަރަށް އުނދަގުލެވެ. އަޅުގަނޑަށް ޅެމެއް ޅެމަކަށްވަނީ އޭގެ ބުގިސްކަމާއި ބަސްމަގުގެ އިތުރަށް، މޮޅު ފަލްސަފާއަކާއި ޚިޔާލެއް އޮތީމަ އެވެ.  ދިވެހި ޅެންވެރިން ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި މި ދެންނެވި ކަހަލަ މޮޅު ޚިޔާލުތައް ފެންނާން އެބަހުއްޓެވެ. ރީތި  ފަލްސަފާތަކާއި ސިފަކުރުންތައް ވެސް ވަރަށް ގިނައިން ފެންނާން އެބަހުއްޓެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ އެގޮތުން އަޅުގަނޑަށް ހިތު ދަސްވެފައިވާ ބައިތުތަކުގެ ތެރޭން 10 ޅެންބައިތަށެވެ.  އަޅުގަނޑަށް މި ބައިތުތަކުގައިވާ ޅެންވެރިކަމުގެ ފޭރާން ރީތިކަމުންނެވެ.


1-    ވަޅި ނެރޭތަން ފެނިފައި ހާ ކުޅައޭ އަސްތަޣުފާރު
                 މަޅި ފަތީގައި ޖެހުމުން ކުކުޅު ޙަރާމް ކުޅައެ، އެ ބާޒު


މިއީ ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނު (މިރުޒާ ޝަކީބު) ގެ ޅެމެއްގެ ބައިތެކެވެ. މި ބައިތުގެ ފަލްސަފާއާއި ޚިޔާލު އަޅުގަނޑަށް ވަރަށް ހިތްގައިމެވެ.

ތެދުފުޅެކެވެ. އިންސާނާގެ ޙާލަކީ ހަމަ މި އެވެ. ފިރުޢައުނު ވެސް ކޯފާގެ ޠޫފާނުތައް ބޯމަތިވީ މަގުތު ޝަހާދަތް ކިޔޭތޯ އުޅުނު ކަމަށްވެ އެވެ. އެއީ އިންސާނީ ޠަބީޢަތުގެ ވަރަށް ފުރިހަމަ މިސާލެކެވެ.  އިންސާނާއަށް އަބަދުވެސް މަޑުކުރެވެނީ ''މި ކުށަށްފަހު'' އިޞްލާޙުވާށެވެ. އެހެން ނަމަވެސް،  ތަޞްބީޙަފަތި ހިފައިގެން ޙައްޖުތާކިހާ އަޅައިގެން މިސްކިތް ދޮށަށް ފަސްވަގުތު ހިނގަންފެށެނީ، އަދުތޯ މާދަންތޯ ވާފަހުންނެވެ. ވަރުގަދަ ހާޓު އެޓޭކެއް ޖެހިލީމަ އެވެ. އަތްފައިގެ ވާތްގަށް ލޮޅުން އަރައިލީމަ އެވެ.  އޭގެ ކުރީގައި ބުނެވެނީ ''ޅަދުވަސް ދުއްވާލާނީ ޅަޔަށް'' ކަމުގަ އެވެ. އެހެންވީ އިރު  ރިހަކައްކަންވެގެން، ކަތިލަން ބަނދެފައި އިންހާލެކޭ މި ދެންނެވި ފަދަ އިންސާނެކޭ އެއް ހާލެއް ނޫންތޯ އެވެ. ހާ ވެސް ވަޅި ފެނުނީމާ ތެޅިގަނެ އެވެ. ލޮލުން ކަރުނައިގެ ދަވަގަނޑެއް ވިދަން ފަށަ އެވެ.  

ދެން އޮތީ މި ބައިތުން ރަމްޒުކޮށްދޭ އަނިޔާވެރިޔާގެ މިސާލެވެ. އަނިޔާ ވެރިޔާ އެހެން މީހުންނަށް އަނިޔާވެރިވާއިރު، އެއީ އޭނާއަށް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެކެވެ. މަޖާކަމެކެވެ. ހުރިހާ ބާވަތެއްގެ އަނިޔާ އެވެ. ނަފުސާނީ، ޖިސްމާނީ މި ފަދަ ހުރިހާ ބާވަތެކެވެ. އެކަމަކު ތިމާޔަށް އެފަދަ ކިތަންމެ ކުޑަ ކުޑަ ކަމެއް އަމާޒު ވިޔަސް އޭގެ ދިލަ ވަރަށް ގަދަކަން، އެހެން އެންމެންނަށް އެނގޭވަރު ކޮށްގަނެވެ އެވެ. ބާރަށް ރޮއި ހޭރިގަނެވެ އެވެ. ދެން މީގެ ފަހުން އެފަދަ ކަމެއް ދުވަހަކުވެސް ނުކުރާނެކަމުގެ އިޤުރާރުތައް ވާންފަށަ އެވެ. މި ފަދަ މީހެކޭ، މަޅި ފަތީގައި ޖެހޭ ބާޒެކޭ އެއްފަދަ އެވެ. ބާޒަކީ ޅަ ކުކުޅު ފިޔޮއްކާން މަރެކެވެ. އެކަމަކު މަޅިފަތީގައި ބެދި، ދެފައިން ހަން މެށިލީމާ އެ ސޮރު ވެސް ކުކުޅު މަސް ހަރާން ކުރަނީ ތޯއްޗެކެވެ.

2-  އިރާކޮޅު އެދިން ރީތި ނަލަ ހަނދުވަރުން،
         ބިރާމޮޅިތަކާ ނެތި ފިލައި ދިޔަފަހުން،
            އިރާދައިގެ ހުރި ޤުދުރަތީ ބާރަކުން،
               ދާއިރާ އެއް އެހެން ހޯދުމަށް ހަނދު ދަނީ

މިއީ އަލްއުސްތާޛުލްމަރުޙޫމް މުޙަންމަދު ޖަމިލު ދީދީގެ ''ދުނިޔެ'' މި ޅެމުގެ ބައިތެކެވެ.

ދުނިޔެ ހިނގަނީ ތޮށަލިދުޅަ އަށޭ ދިވެހި މުސްކުޅިން ބުނާ ބުނުން މި ޅެންބައިތުން ވަރަށް ފުރިހަމަޔަށް ތަސްވީރު ކޮށްދެއްވަ އެވެ. އަޑި ގަނޑަކަށްފަހު އުސްގަނޑެކެވެ. ހިތާމަޔަކަށްފަހު އުފަލެކެވެ. އުފަލަށް ފަހު ހިތާމަ އެވެ. އަނދިރިކަމަށްފަހު ހަނދު އަރަ އެވެ. ހަނދުގެ ނޫރުން މުޅި ކާއިނާތަށް އުޖާލާކަން ދެ އެވެ. އުފާވެރިކަން އާންމުކުރެ އެވެ. ނަމަވެސް ޤުދުރަތުގެ ނިޔާގައިވާ ފަދައިން، ހަނދުގެ ޚިދުމަތަކީ ވެސް ދާއިމީ ޚިދުމަތެއް ނޫނެވެ. ހަނދުގެ ވަގުތު ހަމަވުމުން އޮއްސޭނެ އެވެ. އޮއްސުން ލާޒިމުވާނެ އެވެ. އަނެއްކާ ވެސް އަނދިރިކަމާ ކުރިމަތިލާންޖެހިދެ އެވެ. ވެށި ނާމާންވެދެ އެވެ. އުފާވެރިކަން ގެއްލިދެ އެވެ. މިއީ ޠަބަޢީ ޤާނޫނެވެ.

3- އިރުމަތި ފަރާތު އުދެސް ފުރިހަމަ ވެގެން މަތީ ރެސް،
           ވިރުވައިލި ރަންގަނޑެއްހެން ހުރެގެން މި އަލިވަނީއޭ

މިއީ އައްސައްޔިދު އަލްމަރުޙޫމު ބޮޑުފެންޅުގޭ ސީދީ ގެ ''ފަތިހެއްގެ މަންޒަރު'' މި ޅެމުގެ ޅެންބައިތެކެވެ.

ސިފަ ކޮށްދެއްވަނީ އިރު އަރާ މަންޒަރެވެ. މި ބައިތުގެ އެންމެ ރީތި ކަމަކީ އެއްފަދަ ކުރެއްވުމެވެ. އިރު އުދަވުން ސިފަ ކުރެއްވި ގޮތެވެ. އާދެ! ''ވިރުވައިލި ރަންގަނޑެއްހެން ހުރެގެން މި އަލިވަނީއޭ'' މި ގެންނެވި ޢިބާރާތެވެ.

4-    ވަނީ ކިތައް ފަހަރުގެ ދަންޖެހުމުގެ ވާގަނޑަކަށް،
                 ބަނީ މި އާދަމުނަށް ކަރުތަކަށް އުކޭ ގުލްހާރު،


މިއީ އަލްއުސްތާޛުލްމަރުޙޫމު އިބްރާހީމް ޝިހާބު (ޝާޢިރުއްޝަބާބު) ގެ ޅެމެއްގެ ބައިތެކެވެ.

ތާރީފަކީ، އިންސާނާއަށް ވަރަށް ''މީރު'' އެއްޗެކެވެ. އޭނާ އަބަދު ވެސް އެހެންމީހުންގެ ތާރީފާއި ޚުޝާމަދަށް ޝައުޤުވެރިވެ އެވެ. އެހެންމީހުންގެ ކަމޭއިތުން ބޭނުންވެ އެވެ.  ތިމާއަށް ވުރެ އެހެންމީހުން ވަނީ ހުރިހާ ރޮނގަކުން ވެސް ދަށު ދަރަޖައިގައިކަން ގަބޫލުކުރާ ހިތްވެ އެވެ. އެގޮތުގައި ދެމިހުންނަން ބޭނުން ވެ އެވެ.

ތާރީފާއި ޚުޝާމަދު،  މީހެއްގެ މައްޗަށް އޮހެންފަށައިފި ނަމަ، ވަރަށް ގިނަ ފަހަރު  އޭގެ ނަތީޖާއަކަށް ވެފައި އޮންނަނީ، އޭނާއަށް އޭނާގެ އިންސާނީ ހައިސިއްޔަތު އޮޅިގެން ދިޔުމެވެ. އިންސާނީވަންތަކަން ހަނދާން ނެތުމެވެ. ތާރީފުގެ ބަސްތަކުން ގަތާލެވޭ މާބޮނޑިތަކުގެ ވަގުތީ ވަހަށް އިންސާނާ މަސްތުވެއްޖެ ނަމަ،  އޭނާ އަށް އޭނާ ފެންނަލެއް ތަންކޮޅެއް ބޮޑުވާނެ އެވެ. ބައިމަތި ފުޅާވާނެ އެވެ. އިސްކޮޅުން ދިގުވާނެ އެވެ. އެހައިރުން، މޭ ފުއްޕާލެވޭގޮތް ވެ އެވެ.  ބިމުގައި ގުންފައިޖަހާލެވޭ ގޮތްވެ އެވެ. ބޮޑާވެގަނެވޭގޮތްވެ އެވެ. ނަތީޖާއަކީ މި މަގުން ގޮސް އޭނާގެ ހަލާކާ އޭނާ އަމިއްލަޔަށް ބައްދަލު ކުރުމެވެ.


5-    ހިޔަ ދޮޅިއްސަ ވެލައި އަޅައިފައި ނިޔަނެތިވެގެން އޮވެދެޔޭ
               ތިޔަ ކުކުޅު އެއްބިސް އަޅައިފައި ފިޔަ ތަޅައި ނުހަޅޭ ވަރާށެ!

މިއީ ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޢަބްދުﷲ ޖަލާލުއްދީނު (ޝާޢިރުލް ޢުމޫމީ) ގެ ޅެންބައިތެކެވެ.

ތެދުފުޅެކެވެ. ވެލަޔަކީ ބިސް އަޅާފަހަރަކު އެތައް ގިނަ ބިހެއް އަޅާ އެއްޗެކެވެ. ސަތޭކައިން، ސަތޭހަ ފަންސާހުން، ސަތޭކަ އަށްޑިހައިން ވެސް، އަޅައިފާނެ އެވެ. އެކަމަކު އެ ސޮރު ބިސް އަޅައިނިމިގެން ހަމަ ކުކުރާވެސް ނުލައި ފެނަށް ފުންކޮށްލަ އެވެ. އެހެން ނަމަވެސް،  އާ ކުކުޅަކަށް ގާބިހެއް އެޅިއްޖެނަމަ،  ހާލިން ނިކުމެ ދެފިޔަ ތަޅައި، ކުޑާސްޖަހައިގަންނަ އިރު، މުޅި ތަންގަނޑު އެންމެންނަށް ނުކުޅަދާނަ ކޮށްފަތެވެ.

ޚިދުމަތުގެ ދާއިރާގައި އިންސާނާ ވެސް ހަމަ މި ފަދަ އެވެ. ބައެއް މީހުން އިޚްލާޞްތެރި އެތައް ޚިދުމަތެއް ދީނާ ޤައުމަށް އަދާ ކުރަނީ އޭގެ މާބޮޑު އިޝްތިހާރެއް ކުރުމެއް ނެތި، ހަމަ އެކަނި ޚާލިޞް ނިޔަތެއްގެ މަތީގަ އެވެ. އެފަދަ މީހުން ގަބޫލު ކުރަނީ އޭގެ އަގު ނުވަތަ އަޖުރު ދީލަތި ވަންތަ ﷲ، އޭނާއަށް ގެއްލެނި ނުކުރައްވާނެ ކަމަށެވެ. އަނެއް ބައެއް މީހުންގެ ޠަބީޢަތު ތަފާތެވެ. ކިތަންމެ ކުޑަ ޢަމަލެއް އެ ފަދަ މީހުންގެ ކިބައިން ތަމްސީލު ވިޔަސް، އެ ދެން ކަންތަކާ ޖެހުނީ އެވެ. އެކަން މުޅި ދުނިޔޭގެ ހަތަރު ބިތުން އުދަރެހުގައި ވެސް ކުރެހިފައި ހުންނާންޖެހެ އެވެ. ޅެންވެރިޔާގެ ނަސޭހަތަކީ އެހެން އެކަން ނުކޮށް އިޚްލާޞްތެރިންގެ ލިސްޓަށް ހަމަ ކޮންމެ މީހަކު ވެސް އެރުމެވެ.


6-    މޫތީގެ ބެލުނީ ތޮށްޓަކަށް، ޒާތީ މިހެރުނީ ކަށްޓަކަށް،
               ރީތީގެ ލެވުނީ ކޮށްޓަކަށް، ވާތީ ސިކުނޑިލެވި ފޮށްޓަކަށް،


މިއީ އަލްމަރުޙޫމު ޔޫސުފު މުޙަންމަދުފުޅުގެ ޅެންބައިތެކެވެ.

މި ޅެންބައިތު އަޅުގަނޑަށް ފާހަގަ ކޮށްލެވުނީ މީގެ ބަސްމަގުގެ އެތުރުމާއެކު، މީގެ ޚިޔާލުގައި ލައްވާފައިވާ ''ދާފަރާ''ގެ ރީތި ކަމުންނެވެ. މި ވިދާޅުވަނީ މާނަވީ ގޮތުން އެއްވެސް ފުރިހަމަ ކަމެއް ރީތިކަމެއް ނެތް، އަންހެން ކުއްޖެއްގެ ވާހަކަ އެވެ. އޭނާގެ ބޭރުފުށް ނުވަތަ ޖިސްމާނީ ރީތިކަން އަޖާބެއް ފަދަ އެވެ.  ''ޅެންވެރިޔާ'' އެ ސިހުރުގައި ޖެހުނެވެ.  ކުއްޖާގެ ދެފުށަށް ފުންކޮށް ނަޒަރު ފޯރުވޭވަރަށް ވުރެ ޖާޒުބިއްޔަތު ގަދައީ އެވެ. މީހާ މުޅިން މި ޤައިދު ޚާނާގައި  ހައްޔަރުވެއްޖެ އެވެ. ސިކުނޑި އޮތީ ފިސާރިޔަކަށް ކަސްތޮޅު އެޅިފައެވެ. އިތުރު ވިސްނުމެއް ގެންނާކަށް  ފުރުޞަތެއް ނުލިބުނެވެ. ނަތީޖާ އަކީ އަމިއްލަ ނަފުސު މި ހަލާކުގެ އަނދަވަޅަށް ވެއްޓުމެވެ. އަމިއްލަ ޒާތު، މި ނުރައްކާތެރި އުލަށް އެމުނުމެވެ.


7-    ގަހަށް ނެތް ކުލުނު ފަތަކަށް ހުރުމަކީ އޭ ނޭކަށޭނަ ކަމެއް
              ބަހަށް ނެތް  ލޯބި ޤައުމަށް ހުރުމަކީ ވެސް މުސްތަޙީލުކަމެއް


މިއީ އަލްފާޟިލް ޔޫސުފު ޢަލިފުޅު (މައިނާ) ގެ ޅެންބައިތެކެވެ.

މި ބައިތުގައި މިވަނީ ވަރަށް ޢިލްމީ ޚިޔާލެއް ވެސް މެ އެވެ. މާދަރީ ބަހަށް ލޯބި ނެތް މީހަކު، ޤައުމުގެ އަމިއްލަ ވަންތަކަމަށް ލޯތްބެއް ނުކުރާނެކަން ޒަމާނީ އާ ހޯދުންތަކުން ސާބިތުވެ އެވެ. ހުޅަނގުގެ ޤައުމުތަކުން އެކި އެކި ނަންނަމުގައި ހިންގާ ބަވަނަ ކުރުމުގެ ޕްރޮޕެގެންޑާ (ގްލޯބަލައިޒޭޝަން)ގެ މައިގަނޑު އަމާޒަކީ، ދުނިޔޭގެ ހުރިހާ ޤައުމުތަކެއް ''ހުޅަނގުވަންތަ ކުރުން'' ކަމުގައި މި ކަންކަމާމެދު ދިރާސާ ކުރައްވާ ހުޅަނގާއި އިރުމަތީގެ ހެޔޮ ލަފާ މުފައްކިރުން ވިދާޅުވެ އެވެ.  އެހެން މީހުންގެ ދީނާ ޤައުމީ ވުޖޫދު އޭގެ މުލުން ލުހެލުމަކީ މި ފަދަ ޙަރަކާތްތަކުގެ ސީދާ ލަނޑުދަނޑިކަމަށް ދިރާސާތަކުން ދައްކަ އެވެ.


8-    ތެދުވެރި ވަފާތެރި ލޯތްބަކީ ނަޞްރާ ނަޞީބުގެ ހުޅުގަނޑޭ
                ތެދު ނިޔަތުގައި އިސްނެގުމަކީ، ޤައުމީ ޖިހާދުގެ މިންގަނޑޭ


މިއީ އަލްފާޟިލް މުޚްތާރު ފަހުމީގެ ޅެންބައިތެކެވެ.

މި ބައިތުގައި ތެދުވެރިކަމާއި ވަފާތެރިކަން ސިފަ ކުރައްވާފައި އެވަނީ އަނދިރިކަން ނައްތާލާ ދަންމަރެއްގެ ގޮތުގަ އެވެ.  ތެދުވެރި ލޯތްބަކީ އެފަދަ އެއްޗެކެވެ. އެއިން ނާކާމިޔާބީގެ ޖަންގަލިން  ކާމިޔާބީގެ އައްސޭރިޔަށް ނަޤުލުކޮށްދެ އެވެ.  ބަދުނަސީބުގެ ކަޅު އަނދިރިކަން  ނަޞީބުގެ އުޖާލާ އަލިކަމަށް ބަދަލުކޮށްދެ އެވެ.

ކޮންމެ ކަމެއްގައި ވެސް މިންގަނޑެއް އޮންނާނެ އެވެ. ފެށޭތަނަކާއި ނިމޭތަނެއް އޮންނާނެ އެވެ. އެއީ އެކަމެއްގެ ޙައްދެވެ. ޙުދޫދެވެ. އެކަމަކު ޅެންވެރިޔާ ވިދާޅުވާ ގޮތުގައި ޤައުމީ ޖިހާދުގެ ޙުދޫދު މިއާ މުޅިން ތަފާތެވެ. މިންގަނޑުގެ ވަޒަން މިއާ މުޅިން ޚިލާފެވެ.  އެ މިންގަނޑަކީ، އޭގެ ފެށޭ ރޮނގަކީ، އަދި ނިމޭ ރޮނގަކީ ވެސް، ހަމަ އެކަނި ތެދު ނިޔަތުގައި އިސްނެގުމެވެ. ހިތް ނިޔަތް ޚާލިޞްވުމެވެ. އާދެ! ނުގުޑާނެ ޢަޒުމާއި ސާފު އީމާނެވެ.

9-    ދުނިޔެ ނަފްރަތު ކޮށްފިޔޭ ތަންތަން ބަލައި ހޯދައި އުޅުން،
              ސަބަބަކީ، މީހުން ކުރާ ހަޑި ޢަމަލު ބެލުމަށް ނުކުޅެދުން،


މިއީ އަލްފާޟިލް އާދަމް ޢަބްދުއްރަޙުމާނުގެ ޅެންބައިތެކެވެ.

މި ބައިތުގައި ދުނިޔޭގައި ނޭދެވޭ ޢަމަލުތައް ފެތުރިފައިވާ މިންވަރު ތަސްވީރު ކޮށްދެއްވާފައިވަނީ، ވަރަށް ތަނަވަސްކޮށް، ދޮގެއްތޯ އެވެ؟ މި އެންމެން ދިރި އުޅެމުން މިދަނީ ދުނިޔެއޭ މިކިޔާ ބޯޅައިގެ މަތީގަ އެވެ. މި އަދުވެސް ދުނިޔެ  ހަށިފޮޅައިލައިފިނަމަ، ދުނިޔޭގެ ހުރިހާ ދިރުމެއްގެ ހާލަކީ ކޮބައިތޯ އެވެ؟ އަޅުގަނޑު ހިތުން ސޫރަތުލްޤާރިޢާ އާއި، ސޫރަތުއްޒިލްޒާލުގައި އެ ޙާލަތު އެ ވަނީ ބަޔާން ކުރައްވާފަ އެވެ. ކަންމިހެން އޮތް އިރު، ޅެންވެރިޔާ އެ ވިދާޅުވަނީ އިންސާނުންގެ ޢަމަލުތައް ހުރި ގޮތުން ދުނިޔެ ވެސް މިހާރު ދެލޯ މަރަންޖެހޭ ހިސާބަށް ކަންތައްތައް ހިނގައްޖެ ކަމަށެވެ. އެހާ ވެސް ބޮޑަށް އިންސާނީ މުޖުތަމަޢު ފަސާދަވެ،  އަޚުލާޤީ ފޭރާން ހަލާކުވެ ފިނދިގެން ހިނގައްޖެ އެވެ.


10-    ކިތައް ދުހު ރޮއި، ކިތައް ބޮނޑި ބޮއި، ކިތައް ހިތި ތަޖުރިބާއިންހޭ
                މިތަން މި ދެކޭ ބަނީ އާދަމް ރަނގަޅު   ހެޔޮ މީހަކަށް މިވަނީ
 

މިއީ އަލްފާޟިލް ޢަބްދުﷲ ޞާދިޤުގެ ޅެންބައިތެކެވެ.

ގިނަ ފަހަރަށް އިންސާނާ އަމިއްލަ ފައިމައްޗަށް ތެދުވެ ދުނިޔޭގެ ބިންމަތީ ހިންދެމި ލަނީ، އޭނާއަށް ދުނިޔެ ކުރިމަތި ކުރާ އެތައް ތަޖުރިބާތަކަކަށް ފަހުގަ އެވެ. އަމިއްލަޔަށް ހެދޭ ގޯސްތަކެވެ. ޒަމާން ކުރިމަތިކުރާ އިމްތިޙާނުތަކެވެ. ޢަދާވާތްތެރިންގެ ނުބައިރޭވުންތަކެވެ. ހިތްހަމަ ނުޖެހުމެވެ. ވޭނެވެ. ގިސްލުމެވެ. ކަރުނަ އެވެ.  މި ހުރިހާ ކަމަކުން ދަސްވާ ފިލާވަޅުތަކަށްފަހު، އަލުން އޭނާ ޙަޔާތް ބިނާކުރެ އެވެ. އަލުން އޭނާ ދިރިއުޅުން އާރާސްތު ކުރެ އެވެ. އުރުދޫ ޅެންވެރިޔަކު ކިޔާފައިވާ ފަދައިން، ހީނާ ފަތް، ފޮއިދަށުވެ ފިސްފިސްވެ ފުނޑިގެން އޭގެ ރީތި ރަތްކުލަ ނެރެދޭ ފަދައިންނެވެ. މިއީ ދުނިޔޭގެ ސުންނަތެވެ.



ނިންމާލުން

މި އަހަރުގެ ޅެންވެރިންގެ ދުވަސް މި ދިމާވީ ވަރަށް ބޮޑު އިރު ކޭތައެއް ހިފި ދުވަހަކާ އެވެ. ވަރަށް ކަޅު  އަނދިރިކަމެއް ތަޖުރިބާ ކުރަންޖެހުނު ދުވަހަކާ އެވެ. އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ޅެންވެރިކަން އެފަދަ އަނދިރި ކަމެއްގެ ތެރެއަށް ހިނދުކޮޅަކަށް ނަމަވެސް،  ވެއްޓިގެން  ނުދިޔުމެވެ. ދިވެހި ޅެންވެރިކަމުގެ އުދަރެސް، ތާ އަބަދަށް ވެސް އުޖާލާކަންމަތީ ލެހެއްޓެވުމެވެ.

            އިރުގެ މޫނު އަޅައިފިޔޭ  ދުނިޔޭގެ ޠަބަޢީ   ސުންނަތުން
                         ބިރު ހިތަށް ވައްދައފިޔޭ ވިސްނައިލުމުން ދިން ޢިބްރަތުން

           އިއްތިފާޤުވެ ޅެންވެރިންގެ ދުވަސް ޒަމާން މި ގެނައިގޮތުން،
             
         ހިތްތަކަށްނާދޭހެ    ގިނަގުނަ   މާނަތައް    އަދަބުގެ ފޮތުން

           ޅެންވެރިންނަށް އެންމެހާ މި ހިނދުން، އަދައިގެން ކުރިއެރުން،
                        ދެންނެވީމޭ ތަހުނިޔާއާ   ހެޔޮ އެދުން،    ރޫޙާ   ހިތުން

                               
                                (ނިމުނީ)
    

ހަމަމިގަލަމުން

އިދާރާ

ވާހަކަ