އަދުގެ ޚާއްސަ

Print

ވައްކަންކުރާ މީހުންގެ އަތް ބުރިކުރުމުގެ ޙިކުމަތަކީ މިއީބާ؟

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް

މިއީ 10 ޖެނުއަރީ 2010 ގައި ހާމަކޮށްފައިވާ ދިރާސާ ރިޕޯޓެއްގެ މައްޗަށް ދުނިޔޭގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ފަތުރާފައިވާ ޚަބަރެކެވެ.

އަޅުގަނޑުމެންގެ ދެއަތުގެ ދެމެދުގައިވާ ހުސް ތަނަކީ އެއްޗެތީގައި އަތްލުމާއި، ހިފުމުގެ ޙަރަކާތް ކުރެވޭ ތަނެވެ. ދެއަތް ކިތަންމެ ފުޅާ ކުރިޔަސް ނުވަތަ އެއް އަތުން އެއްޗެއްގައި އަތްލިޔަސް ނުވަތަ ހިފިޔަސް، އެޙަރަކާތެއް ކުރެވެނީ ދެއަތުގެ ދެމެދުގައިވާ ދާއިރާގެ ތެރޭގައެވެ. މި ދާއިރާއަށް ނުވަތަ ހުސް ތަނަށް ކިޔާ ނަމަކީ ޙަރަކާތުގެ ސަރަޙައްދު ނުވަތަ "އެކްޝަން ސްޕޭސް" އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މި ދާއިރާގެ ތެރޭގައި ނުވަތަ އެކްޝަން ސްޕޭސްގައި ހިންގާ ޙަރަކާތްތައް ރޭވިފައި އޮންނަނީ އަތާ ގުޅިފައިވާ ކަންތައްތަކަކާއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ މީހެއްގެ ލޮލަށް ފެންނަ އެއްޗެއްގެ ސިފަ ސިކުނޑިއަށް ނަގަނީ އެމީހެއްގެ އަތުން އެ އެއްޗެއް ހުރިތަނެއް އިޙްސާސް ކުރެވޭ ގޮތެއްގެ މައްޗަށެވެ. އެންމެ ފުރަތަމަ އެ އެއްޗެއް ގުޅެނީ އަތާއެވެ. ނުވަތަ ސިކުނޑިގައި އަތާ ގުޅުން ހުންނަ ބަޔާއެވެ. އެ އެއްޗެއް ހުރި ތަނެއް ކަނޑައަޅަނީ މި މަޢުލޫމާތުގެ މައްޗަށެވެ. އެސޯސިއޭޝަން ފޯރ ސައިކޮލޮޖިކަލް ސައިންސް ގެ ފަރާތުން ނެރޭ މަޖައްލާއެއް ކަމަށްވާ "ސައިކޮލޮޖިކަލް ސައިންސް" ގެ ފަރާތުން ކުރި ދިރާސާއަކުން ސާބިތުވެފައިވާ ގޮތުގައި އަތް ބުރިކޮށްފައިވާ މީހުންނަށް އެކްޝަން ސްޕޭސްގައި ހުންނަ އެއްޗެތި ހުންނަތަން ފާހަގަ ކުރަން އުނދަގޫވާނެއެވެ.

މި ދިރާސާ ކުރައްވާފައިވަނީ ޖެރޫސަލެމްގައި ހުންނަ ހީބްރޫ ޔުނިވަރސިޓީގެ ޓަމާރ އާރް. މާކިންއާއި، މޭޓަލް ވިލްފާއި، އެހޫދް ޒޮހަރީއާއި، ޖެރޫސަލެމްގެ ހަދައްސާ މައުންޓް ސްކޯޕަސް ހޮސްޕިޓަލްގެ އިޒަބެއްލާ ޝްވަޓްޒްއާ ހަތަރު ބޭފުޅުންނެވެ. މިބޭފުޅުން ބޭނުންފުޅުވީ މީހެއްގެ އަތް ބުރިކޮށްލީމާ ކައިރީގައި ހުންނަ އެއްޗެތި ހުންނަތަން ފާހަގަ ކުރުމަށް ކުރާ އަސަރަކީ ކޮބައިތޯ ހޯއްދެވުމެވެ. ކަނާއަތް ނުވަތަ ވައަތް ބުރިކޮށްފައިވާ އެތައް ބަޔަކު މި ދިރާސާގައި ހިލޭސާބަހަށް ބައިވެރިވިއެވެ. ބައިވެރިވި މީހުންނަށް ދައްކަނީ އިސްކިރީނެކެވެ. އިސްކިރީނުގެ މެދުގައި ހުންނަނީ ނުބައި ފާހަގައެއް ޖަހާފައެވެ. ދެން އެ ފާހަގައިގެ ދެފަރާތުން އިރުއިރުކޮޅާ ހުދުކުލައިގެ ހަތަރެސްކަން ގޮޅިއެއް ފެންނަ ގޮތް ހަދަނީއެވެ. ބައިވެރިން ކުރަން ޖެހޭ ކަމަކީ ދެގޮޅިންކުރެ ނުބައި ފާހަގަޔާ ދުރުގައި ހުރީ ކޮން ގޮޅިއެއްކަން ބުނެދިނުމެވެ.

މި ދިރާސާތަކުން އެނގުނު ގޮތުގައި އަތް ބުރިކޮށްފައި ތިބޭ މީހުންނަށް އެ ދުރުމިން ބުނެދޭން އުނދަގޫ ވެއެވެ. ކަނާތް ފަރާތުން ފެންނަ ގޮޅި، ނުބައި ފާހަގަޔާ ކުޑަކޮށް ދުރުކުރީމާވެސް، ކަނާތް ބުރިކޮށްފައި ތިބޭ މީހުންނަށް އެ ގޮޅި ފެންނަނީ ވާތްފަރާތުގައި ހުންނަ ގޮޅިއާ އެއް ދުރުމިނެއްގައި ހުންނަ ތަނެވެ. މިކަމުން ސާބިތު ވަނީ ވާތް ފަރާތުގައި ހުރި ގޮޅިއާއި، ކަނާތްފަރާތުގައި ހުރި ގޮޅިއާ ދެގޮޅީގެ ދުރުމިން ފާހަގަ ކުރަން އެމީހުންނަށް ނޭނގުނު ކަމެވެ. ވައަތް ބުރިކޮށްފައި ތިބި މީހުންނަށްވެސް މެދުވެރިވީ މިފަދަ ގޮތަކަށެވެ. އެމީހުންނަށް ޖެހުނީ ވައަތް ފަރާތުން ފެންނަ ގޮޅީގެ ދުރުމިން ފާހަގަ ކުރާށެވެ. އެމީހުންނަށްވެސް ހީކުރެވުނީ މެދުގައި ހުރި ނުބައި ފާގަޔާ އަޅާއި ބަލާއިރު ދެފަރާތުން ފެންނަ ދެގޮޅި ހުރީ އެއް ދުރުމިނެއްގައި ކަމަށެވެ. ވައަތް ބުރިކޮށްފައި ތިބި މީހުންނަށް އޮޅުނީ ވައަތް ފަރާތުގައި ހުރި ގޮޅިއެވެ. ކަނާތް ބުރިކޮށްފައި ތިބި މީހުންނަށް އޮޅުނީ ކަނާތް ފަރާތުގައި ހުރި ގޮޅިއެވެ. މި ދިރާސާއިން ފާހަގަ ކުރެވުނު އަނެއް ކަމަކީ ބައިވެރިވި މީހުން އިސްކިރީނާ ދުރަށް ގެންދިޔަ ވަރަކަށް ގޮޅީގެ ދުރުމިން އެމީހުންނަށް ފާހަގަ ކުރެވެމުން ދިޔަ ކަމެވެ. ވުމާއެކު ދިރާސާއިން އެނގުނީ އަތް ބުރިކޮށްފައި ތިބޭ މީހުންނަށް ކައިރީގައި ހުންނަ އެއްޗެތީގެ ދުރުމިން ފާހަގަ ކުރަން އުނދަގޫ ކަމެވެ.

ދިރާސާގެ ނަތީޖާއެއް ކަމަށް ހާމަކޮށްފައިވަނީ އަތް ބުރި ކުރީމާ، ބުރިކޮށްފައިވާ އަތް ހުންނަ ފަރާތުގެ "އެކްޝަން ސްޕޭސް" ކުޑަވެގެންދާ ކަމެވެ. ނަތީޖާ އަކީ ދާއިމީ ގޮތަކަށް އެފަރާތުގައި ހުންނަ އެއްޗެތީގެ ދުރުމިން ފާހަގަ ކުރަން ނޭނގުމުގެ "ބަލި" ޖެހުމެވެ. މިކަމުން އެނގެނީ އަޅުގަނޑުމެންނަށް އެއްޗެއް ފެންނަ ގޮތާއި، އެ އެއްޗަކާ ކައިރީގައި އަޅުގަނޑުމެންގެ ޙަރަކާތް ހުންނަގޮތާ ވަރަށް ބޮޑު ގުޅުމެއް އޮންނަ ކަމެވެ. އަތާ ކައިރީގެ ޙަރަކާތްތަކަކީ ވަރަށް މުހިއްމު ޙަރަކާތްތަކެކެވެ. އަޅުގަނޑުމެން "އެކްޝަން ސްޕޭސް" ގައި ޙަރަކާތްކުރާ ގޮތަކުން، އަޅުގަނޑުމެންނަށް އެއްޗެއް ފެންނަ ގޮތަށް ނުވަތަ އަޅުގަނޑުމެން އެއްޗަކާމެދު ދެކޭ ގޮތަށް ބަދަލުތަކެއް އާދެއެވެ.

ދިރާސާ ކުރެއްވި ބޭފުޅުން ވިދާޅުވާ ގޮތުގައި މި ނަތީޖާތަކާއި "ސްޕޭޝަލް ހެމީނެގްލެކްޓް" ކިޔާ ބައްޔަކާ ގުޅުން އެބަހުއްޓެވެ. މިބަލި ޢާއްމު ގޮތެއްގައި ޖެހެނީ ސިކުނޑިއަށް ލިބޭ އަނިޔާއަކުންނެވެ. މިބަލި ޖެހުނީމާ އެއްފަރާތުގައި ހުންނަ އެއްޗެތި ހުންނަތަން ފާހަގަ ކުރަން އުނދަގޫވެއެވެ. ނުވަތަ ފާހަގަ ކުރާކަށް ނޭނގެއެވެ. މިދިރާސާގެ ސަބަބުން އަތަށް ލިބޭ ގެއްލުމެއްގެ ސަބަބުން ނުވަތަ އެއްފަޅީގެ ވާގި ނެތުމުގެ ސަބަބުން ޖެހޭ ބަލިބައްޔަށް ކުރާ ބޭހަށް އެހީތެރިކަމެއް ލިބޭނެކަމަށް ދިރާސާ ކުރެއްވި ބޭފުޅުން ވިދާޅުވިއެވެ.

މިބޭފުޅުންގެ ދިރާސާގައި ނުހިމެނުނު ނަމަވެސް ވައްކަން ކުރާ މީހުންގެ އަތް ބުރިކުރުމާ މި ދިރާސާއާ ގުޅުމެއް އެބަހުއްޓެއް ނޫންތޯއެވެ؟ އަތް ބުރި ކުރަން އަންގާވަފައިވަނީ މި ސަބަބަށްޓަކައި ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ކައިރީގައި ހުންނަ އެއްޗެތި ހުންނަ ދުރުމިން އޮޅޭ ކަމަށް ވަނީނަމަ އެއްޗެއް ނަގާކަށް ފަސޭހައެއް ނުވާނެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ