އަދުގެ ޚާއްސަ

Print

ޚިދުމަތުގެ ތިލަފަތުގައި ޤައުމީ ދެ ޝަޚުޞިއްޔަތެއްގެ ބުރަދަން (1)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް


عޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)


މި ލިޔުމަކީ އެންމެފަހުން، ރާއްޖޭގެ އެންމެ އިސް މަޤާމު ފުރުއްވި ދެޝަޚްޞިއްޔަތުގެ ޤައުމީ ޚިދުމަތުގެ މައްޗަށް އެކުލަވައިލެވިފައިވާ ތާރީޚީ، ޢިލްމީ ދިރާސާއެކެވެ.



1-    ފެށުން:

ދިވެހިރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސާއި 2 ވަނަ ރައީސަކީ ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ 2 ޒަޢީމުންނެވެ.

އެހެންނަމަވެސް ސުމުއްވުލްއަމީރުލްމަރުޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ކޭސީއެމްޖީ އާއި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަކީ ވަރަށް ތަފާތު ދެ ޝަޚުޞިއްޔަތުކަން އަޅުގަނޑު ފާހަގަކުރަމެވެ.

ރައީސް ނާޞިރަކީ ބަސްފުޅު މަދު، ކަނޑައެޅުއްވި ކޮންމެ ގޮތެއް އަވަހަށް ތަންފީޒު ކުރެއްވުމަށް އިސްކަންދެއްވާ ބޭފުޅެކެވެ. އެޔާ ޚިލާފަށް ރައީސް މައުމޫނަކީ އެ މަނިކުފާނުގެ ޚިޔާލުފުޅުތައް އެހެން މީހުންނާ ޙިއްޞާކުރައްވައިގެން އަވަސްވެވަޑައިނުގެން ފެންވަރަށް އިސްކަންދެއްވައިގެން ކަންކަން ނިންމަވާ ބޭފުޅެކެވެ. މިކަމުގެ އެއް މިސާލަކީ ރައީސް ނާޞިރުގެ އަމުރުފުޅަށް 1975 ވަނަ އަހަރު ތަރުޖަމާކުރެއްވި [ކީރިތި قران ގެ ދިވެހި ترجمة ] އާއި ރައީސް މައުމޫންގެ އެންގެވުމަށް ތަރުޖަމާ ކުރެވުނު [القران الكريم ގެ ދިވެހި ތަރުޖަމާ] އެވެ. މި ދެންނެވި ދެ މަސައްކަތުގައިވެސް ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަތް ޢިލްމުވެރިޔެއް ކަމަށްވާ ފަޟީލަތުއްދުކްތޫރު މުޙައްމަދު ޒާހިރު ޙުސައިން (2009) ވިދާޅުވާ ގޮތުގައި ތަރުޖަމާ ކުރުމުގެ މަސައްކަތް ރައީސް ނާޞިރު ޙަވާލުކުރެއްވީ އެކި ޢިލްމުވެރިންނަށް އެކި ބައިބައި ވަރަށް ކުރުމުއްދަތެއްގައި (ތިން ހަފުތާގެ ތެރޭގައި) ނިންމެވުމަށް އަންގަވައިފައެވެ. އެޔާ ޚިލާފަށް ރައީސް މައުމޫން ޢިލްމުވެރީންގެ ކޮމިޓީއާ އެ މަސައްކަތްޙަވާލުކުރެއްވީ ވަކި މުއްދަތެއް ކަނޑައެޅުއްވުމަކާ ނުލައި ވެވަޑައިގަތް އެންމެ ފުރިހަމަޔަށް މޮޅަށް ތަރުޖަމާކުރައްވައި ނިންމެވުމަށެވެ. (ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކަފުޅެއް)

މި ފަދަ އަނެއް މިސާލަކީ ދިވެހިބަސް އިނގިރޭސި (ލެޓިން) އަކުރުން ލިޔާ ގޮތަށް ރައީސް ނާޞިރު ނިންމަވައި 3 މަސް ދުވަހުގެތެރޭގައި ލެޓިންއަކުރުން ލިޔަންކިޔަން ދަސްކުރުމަށާއި މިކަމުގެ ސަނަދު ނެގުމަށާއި މިކަން މިމަގަށް ނުކުޅަ މީހެއްގެ މުސާރައިން 3/1 އުނިކުރާނެކަމަށް ސަރުކާރުގެ މުވައްޒިފުންނަށް އަންގަވައި މިކަން މި މަގަށް ތަންފީޒުކުރެއްވި ކަމެވެ. އަނެއްކޮޅުން ދިވެހިރާއްޖޭގައި 2007 ވަނަ އަހަރު ނިމުމުގެ ކުރިން ޤައުމީ ޔުނިވަރސިޓީއެއް އުފައްދަވާނެކަން އިޢުލާންކުރައްވައި ރައީސްގެ ޤަރާރަކުން އެކަން ކުރެއްވެން އޮތްއިރުވެސް، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފޭތޭ ގޮތަށް ނޫނީ އެކަން ކުރައްވަން ރައީސް މައުމޫން ބޭނުންފުޅު ނުވާތީ އަދި އަދަށްދާންދެންވެސް އެކަން ލަސްވެފައި އޮތްކަމެވެ. އެކަމާބެހޭ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ނޫނީ މުސްތަޤިއްލު ގޮތެއްގައި ޔުނިވަރސިޓީ ނުހިންގޭނެތީއެވެ. (ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ބެހޭ ބިލު މިހާރު މަޖިލީހުގެ ތަޅުމަށް އައިސްފައި އޮތްކަން އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކުރަމެވެ. އަދި އެ ބިލު ފާސްވެ 2010 ވަނަ އަހަރު އެ ޔުނިވަރސިޓީ ވުޖޫދަށް އަންނާނެކަމުގެ ޔަޤީންކަން ވަރަށް ބޮޑެވެ.)

މިކަންކަން އަޅުގަނޑު މި ފާހަގަކޮށްލީ، سموّالأميرإبراهيم ناصر އާއި الأستاذ مأمون عبدالقيّوم ގެ ޚިދުމަތްތައް އަޅައިބަލައި ކިރައި، ވަޒަންކުރަމުން ދާއިރު، އެ ދެބޭފުޅުންގެ ޚިދުމަތުގެ ދިގު ތާރީޚުގައި މިކަމުގެ އަސަރު ވަރަށް ބޮޑަށް ހުންނާނެތީއެވެ.

ކޮންމެއަކަސް ޚިދުމަތްތެރި 2 ޒަޢީމެއްގެ ޚިދުމަތްތައް ތިލަފަތަކަށް ލައި ކިރައި ވަޒަންކޮށް ވަކި ގޮތެއް ނެރުމަކީ އުނދަގޫކަމެއްކަން ދެނެހުރެ މާތްﷲ ގެ ވާގިފުޅާއެކު މި މަސައްކަތް ފަށައިގަންނަމެވެ.

2-    މާނަކުރުން:

މި މަޒުމޫނުގައި އަޅުގަނޑު ބަލައިލާނީ ރައީސް މައުމޫނަށްވުރެ [ދިވެހި ޤައުމަށް] [ފައިދާހުރި] [މާ ގިނަ ޚިދުމަތްތަކެއް] ރައީސް ނާޞިރު  ކޮށްދެއްވައިފައިވޭތޯ ނުވަތަ ނޫންތޯ އާއި އެ ދެ ޒަޢީމުންގެ ޤައުމީ ބަޔެއް ޚިދުމަތްތަކުގެ މައްޗަށެވެ. އެހެންކަމުން ދިވެހި ޤައުމަކީ ކޮބައިކަމާއި [ފައިދާހުރި] އާއި [މާ ގިނަ] އާއި [ޚިދުމަތްތައް] އަޅުގަނޑު މާނަކުރާ ގޮތް ދަންނަވައިލުމަކީ ކުރަންޖެހޭނެކަމެއްކަމަށް ދެކެވެ.

ދިވެހިބަސްފޮތް (2006) ބަޔާންކުރާ ގޮތުގައި [ދިވެހި] މި ނަންއިތުރުގެ މާނައަކީ [ދިވެހި ގޮތްހުރި] ނުވަތަ [ދިވެހިރާއްޖޭގެ މީހުންނާ ނިސްބަތްވާ] އެވެ. [ޤައުމު]ގެ މާނައަކީ [ކަނޑައެޅިފައިވާ ވަކި ސަރަޙައްދެއްގައި އެއް ވެރިކަމެއްގެ ދަށުގައި އުޅޭ ބަޔެކެވެ.] [ރާއްޖޭ] ގެ މާނައިގައިވެސް [ޤައުމު] ބޭނުންކުރެއެވެ. މި މާނަޔަށް ބަލާއިރު [ދިވެހި ޤައުމަކީ] ސިޔާސީ ގޮތުންނާއި ޖުޣުރާފީ ގޮތުން ދިވެހިރާއްޖެއަށް ނިސްބަތްވާ ސަރަޙައްދުގައި ދިރިއުޅޭ ނުވަތަ ދިވެހިރާއްޖެއަށް ނިސްބަތްވާ އެންމެހައި މީސްތަކުންނާއި މުޅި ދިވެހިރާއްޖޭގެ ސަރަޙައްދެވެ. [ފައިދާ] އަކީ [ނަފާ] އާއި [ލާބަ] އާއި [މަންފާ]އެވެ. [ހުރުމަކީ] [އެއްޗެއް ކޮންމެވެސް ތަނެއްގައި ވުމެވެ.] [ގިނަ] މި ނަން އިތުރުގެ މާނައަކީ [ޢަދަދުގެ ގޮތުން އިތުރު]ވުމެވެ. [މާ] ބޭނުންކުރަނީ [ހުންނަ ތަފާތު ބެލުމުގެ ގޮތުން ނުވަތަ އަޖުމަ ބެލުމުގެ ގޮތުން] ކަމަށް ދިވެހިބަސްފޮތް(2006) ބަޔާންކުރެއެވެ.

މި މާނަތަކަށް ބަލައިގެން އަޅުގަނޑު މި މަސައްކަތްކުރަނީ ރައީސް މައުމޫން ދިވެހީންނަށް، ދިވެހިރާއްޖެއަށް ކޮށްދެއްވި ލާބަޔާއި މަންފާހުރި ކަންތައްތަކަށްވުރެ އެތައް ގުނައެއް ގިނަ ކަންތައްތަކެއް ރައީސް ނާސިރު ކޮށްދެއްވިކަމަށް ބުނެވިދާނެތޯ ނުވަތަ ނޫންތޯ ބެލުމަށެވެ. އަދި އެ ދެ ބޭފުޅުން ކޮށްދެއްވި މުހިއްމު ޤައުމީ ބައެއް ޚިދުމަތްތައް ފާހަގަކޮށްލުމަށެވެ. މި ގޮތުން ބަލާއިރު ހަމަ ޙަޤީޤަތުގައިވެސް [الأستاذمأمون عبــدالقيـّوم އަށްވުރެ سموّالأميرإبراهيم ناصر ދިވެހި ޤައުމަށް ފައިދާހުރި މާގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައި ވާކަމަށް ބުނެވިދާނެހެއްޔެވެ؟] މިއީ އުފެދޭ ސުވާލެކެވެ.

3-    ســــموّالأمـــيرإبراهيم ناصر ރަންނަބަނޑޭރި ކިލެގެފާނު:

4.1 ޛާތީ ބައެއް މަޢުލޫމާތު:

ރައީސް ނާޞިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ތުއްޕުޅު އިރުގެ ޙަޔާތްޕުޅު ވޭތުކުރެއްވީ ޏ. ފުވައްމުލަކު ގައެވެ. [ދުނިޔޭގެ އަލިކަމަށް ވަޑައިގަތީ 2 ސެޕްޓެމްބަރ 1926 (24 ޞަފަރު 1345) ދުވަހު އެވެ.] (މުޙައްމަދު ނަޞީރު، 2008) ބައްޕާފުޅަކީ ވެލާނާގޭ އަޙުމަދު ދީދީ އެވެ. މަންމާފުޅަކީ ފުވައްމުލަކު ކަރިއްޔާ ގަނޑުވަރު މޫސާ ދީދީގެ ޢާއިޝަތު ދީދީއެވެ.  

އިބްރާހީމް އަޙުމަދާއި އަޙުމަދު ޖަދުޢާން (2008)، އާފަތިސް ނޫހުގައި ލިޔުއްވައިފައިވާ ގޮތުގައި އިބްރާހީމް ނާޞިރު ތުއްޕުޅުއިރު އުޅުއްވީ ވަރަށް ދަތި ޙާލުކޮޅުގައެވެ. ނަމަވެސް ފަހުން އެ މަނިކުފާނު ގެންގުޅުއްވައި ބޮޑުފުޅުވަންދެން ގެންގުޅުއްވީ އެ މަނިކުފާނުގެ ބޮޑުބޭބޭފުޅު ވެލާނާގޭ އިބްރާހީމްދީދީ އެވެ.

ނާޞިރުގެ ހޮބީއަކީ ރިޔަލުދޯނި ދުއްވުމާއި (sailing) ރޭގަނޑުގެ މަސްވެރިކަމާއި(night fishing)  ގޯތިތެރޭގައި ގަސްހެއްދުން (home gardening) ކަމަށް އަޙުމަދު ޖަދުޢާނާއި އިބްރާހީމް އަޙުމަދު (2008) ހާމަކުރައްވައެވެ.

4.2 ތަޢުލީމީ ފެންވަރު:

އަލްމަރުޙޫމް އިބްރާހީމް ނާޞިރުގެ ތަޢުލީމީ ޙަޔާތުގެ ފެށުން ގުޅިފައިވަނީ އެ މަނިކުފާނުގެ މަންމާފުޅު ފަރާތުގެ ޢާއިލާގެ ތަޢުލީމީ އެކިއެކި ބޭބޭފުޅުންނާއެވެ. ފަހުން މާލެވަޑައިގެން މަޖީދިއްޔާ ސްކޫލާ ގުޅިވަޑައިގަތެވެ. އެއީ ކުރީގެ މަދްރަސަތުއްސަނިއްޔާ އެވެ. މަޖީދިއްޔާއިން ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު ސަރުކާރުގެ ސްކޮލާރޝިޕެއްގައި ވަޑައިގަތީ ސިލޯނަށެވެ. އެއީ މީލާދީ ސަނަތުން 1945 ވަނަ އަހަރު މާރޗް މަހު 23 ވަނަ ދުވަހުއެވެ. ސިލޯނުގައި އެތާނގެ ސެންޓް ލޯރެންސް ސްކޫލުން އެކަށީގެންވާ ވަރަކަށް ތަޢުލީމު ޙާޞިލުކުރައްވައިގެން 4 ވަރަކަށް އަހަރަށްފަހު މާލެ ވަޑައިގަތީ 18 ޖެނުއަރީ 1949 ގައެވެ.

ރައީސް ނާޞިރު އިނގިރޭސިބަހުން ތަޢުލީމު ޙާޞިލުކުރެއްވިޔަސް އެ މަނިކުފާނު ފުރިހަމަކުރެއްވި އިމްތިޙާނެއް އެއްވެސް ލިޔުމަކުން އަޅުގަނޑަކަށް ނުފެނުނެވެ. އަދި މަތީ ތަޢުލިމު ޙާޞިލުކުރެއްވިކަން އެނގޭކަށްވެސް ނެތެވެ. މިކަމާ ބެހޭ އެއްވެސް މަޢުލޫމާތެއް އެއްވެސް ބޭފުޅެއްގެ އަރިހުން ލިބޭ ގޮތެއްވެސް ނުވި އެވެ.

4.3 ނާޞިރުގެ މުހިއްމު ބައެއް ޚިދުމަތްތައް:

4.3.1 އިނގިރޭސި ތަޢުލީމު ތަޢާރުފްކުރެއްވުން:

[ރާއްޖޭގައި ޒަމާނުއްސުރެ ދެވެމުން އައި ތަޢުލީމީ ޚިދުމަތް، އެދުރުގެތަކުން، މަކުތަބުތަކުން މަދަރުސާތަކަށް ބަދަލުވެ މި ޒަމާނުގެ އިނގިރޭސި ތަޢުލީމާ ދިމާއަށް މިޞްރާބު ޖެހީ މީލާދީ ގޮތުން 1957 ވަނަ އަހަރުގެ ތެރޭގައެވެ. ސަރުކާރުގެ ފަރާތުން ބިދޭސީ ޓީޗަރަކު ފުރަތަމަ ފަހަރަށް ރާއްޖެ ގެންނެވުމާ ގުޅިގެންނެވެ. މރ. އެތަލް ރީޑިއަސް އާއި މިސިޒް އޭ.އެމް ފެނާންޑޯއާއި މިސް ރާމް އާއި މިސް އެމް.އެލް ނަމަތުންގަ ރާއްޖެ ގެނެވުނީ ހިޖްރީ ގޮތުން 1377 ވަނަ އަހަރު ޝަޢުބާން މަހު 4 ވަނަ ދުވަހު (23 ފެބްރުއަރީ 1958 ގައި) އެވެ. ސިލޯނުން ގެނެވުނު މި ހުރިހާ ޓީޗަރުންވެސް ކިޔަވައިދެއްވީ މަދުރަސަތުލް މަޖީދިއްޔާ އާއި މަދުރަސަތުލް އަމީނިއްޔާގައެވެ. 1960 ގެ އަހަރުތަކަށް އަޅައިގަތްއިރު ރާއްޖޭގެ އިސް މަސްއޫލުވެރިން ތަޢުލީމީ ކަންކަމަށް ވިސްނެވުމަށްފަހު ރާއްޖޭގެ އޭރުގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ނިންމެވީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ހުޅަނގުގެ ތަޢުލީމީ ނިޒާމަށް ބަދަލުކުރައްވައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެއްވަން ފެއްޓެވުމަށެވެ. އެއީ ސަރުކާރު ހިންގުމަށް ބޭނުންވާ ޤާބިލު ހުނަރުވެރިން އުފެއްދެވުމުގެ މަޤްޞަދުގައި އެޅުއްވި ފިޔަވަޅެއްކަމަށް ބައެއް މުއައްރިޚުން ދެކެވަޑައިގަންނަވައެވެ. މި ގޮތުން ސަރުކާރުގެ 2 މަދުރަސާ ކަމަށްވާ މަދުރަސަތުލްމަޖީދިއްޔާ އާއި މަދުރަސަތުލްއަމީނިއްޔާގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެއްވުމަށްޓަކައި ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަވަން ފެއްޓެވިއެވެ. އަދި 1961 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ސްރީލަންކާގެ މރ. ޖޭ.ވީ ހިލް މަޖީދިއްޔާގެ ނާޒިރެއްގެ ގޮތުގައި މަސައްކަތްކުރައްވަން ފެއްޓެވިއެވެ. އަދި 21 މާޗް 1961 ން ފެށިގެން ޢަމަލީ ގޮތުން ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށުނެވެ. އެހެންވީމާ ރާއްޖެއަށް އިނގިރޭސި ތަޢުލީމު ތަޢާރުފުކުރެއްވި މޭސްތިރިއަކީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުކަމުގައި ދެންނެވުމަކީ ތާރީޚަށްޓަކައި ފާހަގަކުރާންޖެހޭނެ ކަމެކެވެ.](މިނިސްޓްރީ އޮފް އެޑިޔުކޭޝަން)

4.3.2 އައްޑު އަތޮޅު ގަން ސަތޭކަ އަހަރަށް ކުއްޔަށް ދީފައި އޮތް އޮތުން އުވައިލެއްވުން:

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށްވެސް އެނގުމަކާ ނުލައި ވަރަށް ސިއްރުވެރި ގޮތެއްގައި ސިލޯނުގައި އެއްބަސްވެވުނު އެއްބަސް ވުމެއްގެ ދަށުން ސ. ގަން 100 އަހަރަށް އިނގިރޭސީންނަށް ކުއްޔަށް ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކުރެވުނީ 1956 ވަނަ އަހަރުގައި ކަމަށް [20 ވަނަ ޤަރުނުގައި ދިވެހިރާއްޖެ 4] (2006) މި ފޮތުގައި ބަޔާންކޮށްފައިވެއެވެ. މިކަމާބެހޭ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށް ކީރިތި މަހާރަދުން ތަޞްދީޤުކުރެއްވުމުގެ ކަންކަން ނިންމެވުމަށްޓަކައި މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނީ މާފަހުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިކަމާ ދެކޮޅަށް ފިސާރި ކެރި ހުންނަވައިގެން ވަކާލާތުކުރައްވަންފެއްޓެވީ އިބްރާހީމް ނާޞިރުކަން ފާހަކަކޮށްލެވެއެވެ. އެ އެގްރީމެންޓަކީ އެއް ގޮތަކަށްވެސް ކުރެވިގެންވާނޭ އެގްރީމެންޓެއް ނޫންކަމަށާއި އެކަން އެ ގޮތަށް ކުރެވިގެން ނުވާނޭކަމަށާއި އެ އެމް.އޯ.ޔޫ. ގެ ކޮޕީއެއް ލިބިގެންނޫނީ މަޖްލިސްގައި އެވާހަކަ ދެކެވިގެންވެސް ނުވާނޭކަމަށް އަޑު އުފުއްލަވައި އެކަން ނާކާމިޔާބުކޮށްލެއްވިއެވެ.

4.3.3 ރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯއްދެވުން:

ދިވެހި ތަޢުލީމީ ޒުވާނުންތަކެއްގެ ހިތުގައި އިނގިރޭސީންގެ ޙިމާޔަތާމެދު އުފެދުނު އާ ވިސްނުމެއްގެ ސަބަބުން އިނގިރޭސީންގެ ޙިމާޔަތުންވަކިވެ މިނިވަން ޤައުމަކަށްވުމުގެ ޙަރަކަތްތައް ފެށިގެން ދިޔައެވެ. އިބްރާހީމް ނާޞިރު އިސްވެ ހުންނަވައިގެން ރަސްމީ ގޮތެއްގައި ފެއްޓެވި މި މަސައްކަތުގެ ނަތީޖާއަކަށްވީ ދިވެހި ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުމެވެ. އިނގިރޭސި ދައުލަތާއި ދިވެހި ސަރުކާރާ ދެމެދު ވެވުނު މި ތާރީޚީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހި ދައުލަތުގެ (އޭރުގެ) ވަޒީރުލްއަޢުޡަމް ޞާޙިބުއްދައުލާ އިބްރާހީމް ނާޞިރެވެ. އިނގިރޭސި ދައުލަތުގެ ފަރާތުން މި އެގްރީމެންޓްގައި ސޮއިކުރެއްވީ ސިލޯނުގައި ހުންނެވި އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ. ހައިކޮމިޝަނަރ ގެ ގެކޮޅުގައި އޮތް މި ތާރީޚީ ރަސްމިއްޔާތު ބޭއްވުނީ 1965 ވަނަ އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހު 10:00 ގައެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ