އަދުގެ ޚާއްސަ

Print

އަޖައިބުކުރަނިވި ނަމާދު

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ އިޖުތިމާޢީ



ޅޮހީ ޢަބްދުއްރަޙީމް


ހަށަންބަން ތަކުބިރުގެ އަޑާއެކީގައި ހަށަން ބަނީމެވެ. ނަމާދުގައި ކިޔާތަކެތި ހިތުދަސްކޮށްފައި ހުރިގޮތަށް ކިޔަން ފަށައިފީމެވެ. އިރުކޮޅެއްނުވެ މަޑު މަޑުން ޚިޔާލުތަކުގެ ތެރެއަށް ގެނބެންފަށައިފިއެވެ. އަޅުގަނޑުހުރީ އަކީ މިރާއްޖެއަކު ނޫނެވެ. ބޭރުކަރަޔެއްގައެވެ. އަނެއްކާ މި ދައްކަނީ ތޮއްޑޫކަރާ، އިންޑިޔާކަރާގެ ވާހަކައެއްވާނޫނެވެ. އެއީ ވަށައިގެންވާ ފެހި ބިމެކެވެ. ތަފާތު ރީތިކުދިންތައް ދުވެ ނަގަނީ އެވެ.  ކޮންމެ ކުއްޖެއްގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. ދުނިޔޭގެ އުފާތަކުގެ ތެރެއަށް ގެނބިފައި ތިބި ކިތަންމެ ޒުވާންކުދީންނެކެވެ. ފިކުރެއް ޚިޔާލެއްނެތިވާ މީސްތަކައިގެން މުޅިތަން، ރަކަރަކަލަމުންދެ އެވެ.

ހިތަށް އެރިއެވެ.  މިތަނަށް ވަދެލާންވީއެވެ.  ހިތްއުފާވެސް ކޮށްލާންވީއެވެ. ފަހުން މިގޮތަށް ނޫޅުނީމާ ހުންނާނީ ހެޔޮކޮށެވެ. އިރުކޮޅެއްނުވެ ހަނދާންވީ ފަޟީލަތުއްޝައިޚުލްމަރުޙޫމު ޢަބްދުﷲ ޖަލާލުއްދީނު (ރަޙިމަހުﷲ) އެ މަނިކުފާނުގެ ''ޤިޔާމަތުނާމާ'' އޭ ކިޔުނު ފޮތުގައި  ލިޔުއްވާފައިވާ ޅެންބައިތެއްގެ މަތީންނެވެ.

          ''އުޅެންވީ ގޮތާއި ހެޔޮ ޢަމަލުތައް އެ ފިޔަވާ
                               ކުޅޭ ކުޅިވަރަށް ބޮޑެތި ސާބަސް ކިޔޭނޭ''

އެވަގުތު އަޅުގަނޑު ހިތަށް ސަހަރޯވެރިކަން  ވެރިވިއެވެ. އަވަސް އަވަހަށް ގެނބެމުން ދިޔަ ފިކުރުތަކުން ނަމާދުގައި ކިޔަމުންދިޔަ ތަކެތި ހިތްމައްޗަށް ގެނެސް އިމާމާގެ ކިޔެވުމުގެ އަޑުއެހޭތޯ މަސައްކަތް ކުރަން ފެށީމެވެ. ނަމަވެސް އެގޮތުގައި ހިފަހައްޓާލެވުނީ އިރުކޮޅަކުއެވެ. އަނެއްކާ ގެނބެން ފެށީ ކުލަ ހުވަފެނެއްގެ މައްޗަށެވެ.

އަޅުގަނޑުގެ ކަރުގައި އޮތީ މީހާއަށްވުރެ ދިގުޓައީ އެއް އަސްޖަހައިފަ އެވެ.  ދުއްވަމުން ދިޔައީ އެންމެ ފަހުން އުފެއްދި ވައްތަރުގެ ކާރެކެވެ. ކާރުތެރޭގައި ޖަހާފައި ހުރި ލަވަ ދުނިޔޭގެ މަޣުރިބަށާއި މަޝްރިޤަށް އިވޭހާ ގަދައެވެ. ކާރުގެ ކުލަޔަކީ، ދޮންރީނދޫ ކުލައެވެ.  ފަހަތުގައި ތިބި ދެމީހުންނެކޭ އިރުވައި މޫސުމުގެ ގަދަ ހަޅައިގެވައިގައި  ދެ އަތަށް ހެލޭ ދެ ފަތްކެޔޮ ގަހެކޭ އެއްގޮތެވެ. ގަދަޔަށް ދެކޮޅުދެކޮޅަށް ނެގެމުން ޖެހެމުން ވެސް ދެ އެވެ.  އަޅުގަނޑުގެ ހާލު ބަޔާން ކޮށްދެވޭ ވަރަށް ވުރެ ބޮޑެވެ. ކޮންތަނަކު ކަމަށްތޯއެވެ؟. އޮސްޓުރޭލިޔާގެ ސިޑުނީގެ ބޮޑު ބުރީޖުމަތީންނެވެ. ކާރު އެހެރަ ގަދަ ދުވެލީގައި ހުއްޓާ އަޅުގަނޑު ސިހުނީ އިމާމާގެ ތަކުބީރުގެ އަޑަށެވެ. ރުކޫޢަށްގޮސް މަޑުމަޑުން ޚިޔާލުތައް ދުރަށްލެވޭތޯ މަސައްކަތް ފެށީމެވެ. ނަމާދުގައި ކިޔާތަކެތި ހިތްމައްޗަށް ގެނެސް ހަރުދަނާ ވެވޭތޯ މަސައްކަތްފެށީމެވެ. އެގޮތުގައި ހުރެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ.

ދެން އަޅުގަނޑަށް ހުރެވުނީ މިދުނިޔެއޭ މިކިޔާތާކު ނޫނެވެ. އެހެން ތަނެއްގައެވެ. ޖައްވުގެ ތެރޭގައެވެ. ދިވެހި އަދަބިއްޔާތުގެ ''ފަތިހުގެ ތަރި'' އަލްއުސްތާޛުލް މަރުޙޫމު މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) އަޅުގަނޑަށްވުރެ ކުރީން މިތަނަށް ވަޑައިގެންފައިވާކަން  އެނގެނީ އެ މަނިކުފާނު  ލިޔުއްވާފައިވާ "ހުވަފެނެއްބާ؟" މިލިޔުމުންނެވެ. ކޮންމެއަކަސް އޭރު އަޅުގަނޑަށް ހުރެވުނީ އެތާނގައެވެ. އާގަމަވެފައެވެ. ބަސްހުއްޓިފަ އެވެ. އާޝޯހުވެފައެވެ. ތަނުގެ ހަމަހިމޭންކަމާއި ދުނިޔެއިން ނުފެންނަ ކުލަތައް ފެންނަ ކަމަށްޓަކައެވެ. މަޑުމަޑުން އަޅުގަނޑު ހިނގަންފަށައިފީމެވެ. ބޯދެމުން ލޯދެމުންނެވެ. 

ރީތި ތަންތަން ފެނުނީމާ ހައިރާންވެގެންގޮސް އަނގަވެސް ހުޅުވޭހައިވެއެވެ. މިތަނުގެ އެންމެ އަޖައިބުސިފަޔަކީ ތަނުގެ މަސައްކަތްތެރިކަމެވެ. މަތީގައި ޖަހާފައި ހުންނަ ރީތި ''ބިގަރުތައް'' ވެސް އެހުންނަނީ އެއްވެސް އެއްޗެއްގެ އެހީއެއްނެތި ވައިގެ ތެރޭގައި ހެއްލިހެއްލިއެވެ. އަޅުގަނޑުމެން އިރޭ މިކިޔާ އެއްޗެއް ހައްދަވައިގެން ނު ވެސް ނެތެވެ. ވަމުންދާ އަލިކަމާމެދު ވިސްނާލިއިރު އެނގުނީ އަލިމިވަނީ އެބައްތިތަކުން ކަމެވެ. މަގުމަތިވެސް އޮތީ ސަރާސަރުކޮށް އޮމާންކޮށެވެ. ފަޔަށް ލުއިވާތީ ވިސްނާލީއިރު އަޅުގަނޑުގެ ދެފައި ހުރީ ބިންމަތިން އުފުލިފައެވެ. ފާޑަކަށް އުދުހެވެނީއެވެ. ނަމަވެސް ފިޔައެއް ނެތެވެ. އަޅުގަނޑު މަޑުމަޑުން ދާންބޭނުންވާ ތަނަށް ދިޔައީމެވެ. އިރުކޮޅެއްނުވެ  ކުލަ ފަނޑުވަމުންގޮސް އަޅުގަނޑަށް ވާނުވާ އެނގުނުއިރު ހުރެވުނީ ވިލާތަކުގެތެރޭގައެވެ. އަދިވެސް ހަމަ އުދުހެވެނީއެވެ. ވިލާތަކަށްވުރެ ބާރަށް މިއޮތްގެން އުދުހެވެނީއެވެ. ދުނިޔެއޮތީ އަޅުގަނޑަށް ފެންނަ ފަށުގައެވެ. އެހެން ގޮތަކަށް ބުނަންޏާ "އަތްފޯރާފަށުގައެވެ". ފެންނަމުންދިޔައީވެސް ނުހަނު "ތާހިރު" ކޮށެވެ.

ނޭނގޭ ބާރަކުން އަޅުގަނޑަށް އުދުހެވެނީއެވެ. އަނެއްކާ މިގޮތަށް ދުނިޔޭގައި އުދުހި އުޅުމުގެ ނަސީބު ލިބުނީ ކިތައްމީހުންނަށް ބާވައެވެ؟ އަލާއުއްދީނުވެސް އުދުހުނީ އުދުހޭ މުސައްލައެއްގެ މަތީގައިކަމަށް ބުނާތީ އަޑުއަހަމެވެ. ނަމަވެސް މިފަހަރު އެހެން ހުރިހާ ފަހަރަކާ ތަފާތެވެ. އަޅުގަނޑު މަޑުމަޑުން ދުނިޔެއާއި ދިމާއަށް އުދުހެން ފަށައިފީމެވެ. ހިތުގައި އޮތީ ދުނިޔޭގެ އެތަން މިތަން ބަލާލުމުގެ މުހުތާދެވެ. ފުރަތަމަ ދިޔަތަނުން ހިތްފުރޭވަރުވީމާ އެހެން ތަނަކަށެވެ. މިއިން ކޮންމެ ތަނެއްގެ ކައިރީތިބޭ މީހުންތައް އަޅުގަނޑު ފެނުނީމާ އަތްދިއްކޮށް އަޖައިބުވެގެން އުޅޭތީ ފެނެއެވެ. އަޅުގަނޑުވެސް އެމީހުން އަޖައިބުވާނެހާ ގޮތްގޮތަށް ދޫންޏެއްހެން ވައިގެ ތެރޭގައި އުދުހެމުން ދިޔައީމެވެ. މިހުރިހައި ވަގުތެއް ފާއިތުވީއިރު އަޅުގަނޑު ވަރުބަލިވެއްޖެއެވެ. ޚީޔާލުތައް ކޮޅަށް ހިނގައްޖެއެވެ. އެނބުރެމުން ދިޔަ ޚިޔާލުތަކުގެ ރޮދިތަކަށް ހުއްޓުންއެރީ އިމާމާ ނަމާދު ނިންމައި  ސަލާމްދިން އަޑަށެވެ.

އަމިއްލަ ނަފުސާމެދު ވިސްނާލެވުނީ ދެނެވެ. އަޅުގަނޑު ނަމާދަށް ހަށަން ބަނީއްސުރެ ގެއްލިފައިހުރި ދުނިޔެއިން ހޭލެވުނީ އަދި ކިރިޔާއެވެ. މިގޮތުގައި ހުއްޓައި ހެއްދެވި ފަރާތަށް ދާންޖެހިއްޖެނަމަ ދައްކާނީ ކޮން މޫނެއް ބާވައެވެ؟ ޔަޤީނެވެ. ޅެންވެރިޔަކު، ހައްދަވާފައިވާ މި އޮތްބައިތަކީ އަޅުގަނޑުމެން ކަހަލަ މީހުންނަށް ރައްދުކުރައްވައި ހައްދަވާފައިވާ ބައިތެކެވެ. އެ އަކުން އެއްވެސް ސަވާބެއް ދަރުމައެއް ނުލިބޭނެ އެވެ.

                
            ''ރަކީސް ބޮނޑުވެސް ބޮލާ ކަނދުރާ ލަނބައި ބިމުގައި ނިތުން ތަޅައޭ
                       ޔަޤީނޭ ބަލަ ޚުޝޫޢެއް ނެތް    ނަމާދު    މިއާއި   އެއްފަދައޭ''

ދެން ފަހަރަކުން ރަނގަޅު ކުރާނަމޭ ހިތަށްއަރުވާލާފައި އަވަސް އަރުވާލައިގެން މިސްކިތުން ނިކުމެގެން އައިދިމާއަށް އަޅުގަނޑު ރައްކާވެއްޖައީމެވެ. ދެން ތަކުރާރުނުކުރުމަށް އަޒުމް ކަނޑައަޅަމުންނެވެ. އެކަމަކު ނަމާދުގައި ކިޔާތަކެތި ނޭނގިފައި ތަނެއް ދޮރެއް ދޮރުކަންޏެއް  ވަކިނުވަންޏާ ވާނީވެސް މިހެންތާ އެވެ. އަނެއްކާ އަޅުގަނޑު ކަހަލަ ކިތައް މީހުން އުޅޭނެބާވައޭ ހިތަށްއަރައެވެ. އަނެއްކާމަތީގައި އެއޮތް ޅެންބައިތުގައިވެސް އެބުނަނީ ހާދައިވައި ބޮޑުތެދެކެވެ.

ނިމުނީ

އިދާރާ

ވާހަކަ