ނޮކިއާ N900
Nokia N900
ޢަބްދުﷲ ފިރާޤު
ނޮކިއާގެ މިފޯނު ބާޒާރަށް ނެރެފައިވަނީ 2009 ނޮވެމްބަރ މަހުއެވެ. މިފޯނަކީ 2 ޖީ އަދި 3 ޖީ ނެޓްވޯރކްވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ، އަދި މޯބައިލް ފޯނުގައި ހިމެނޭ ހުރިހާ މުހިންމު ފަސޭހަތަކެއްވެސް ހިމެނޭގޮތަށް ފަރުމާ ކުރެވިފައިވާ ފުރިހަމަ ފޯނެއްކަމަށް ދެކެމެވެ.
• ނެޓްވޯރކް:-
o 2 ޖީ ނެޓްވޯރކް: GSM 850/ 900 / 1800 / 1900
o 3 ޖީ ނެޓްވޯރކް: 2100 / 1700 /HSDPA 900
މިފޯނުގެ ބަރުދަނަކީ 181 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 110.9 މިލިމީޓަރެވެ. ފުޅާމިނަކީ 59.8 މިލިމީޓަރެވެ. އަދި ބޯމިނުގައި ހުންނަނީ 18 މިލިމީޓަރެވެ.
• މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ ރެސިސްޓިވް ޓަޗް އިސްކިރީނެކެވެ. އިސްކިރީނުގެ ބޮޑުމިނަކީ 3.5 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 480 × 800 ޕިކްސެލްސް އެވެ. މިފޯނަކީ "އޮޓޯ ރޮޓޭޝަން" ގެ ޚިދުމަތް ހިމަނައިގެން އުފައްދާފައިވާ ފޯނެކެވެ.
• ނޮކިއާގެ މި ފޯނުގައި ރިންގްޓޯންގެ ގޮތުގައި ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯންވެސް ބޭނުންކުރެވޭނެއެވެ. އަދި މި ބާވަތް ބާވަތުގެ ރިންގްޓޯނު، ޑައުންލޯޑް ވެސް ކުރެވޭނެއެވެ. ސްޓީރިއޯ ސްޕީކަރާއި، 3.5 އެމް.އެމް އޯޑިއޯ ޖެކެއްވެސް ފޯނުގައި ހިމެނެއެވެ.
• އާންމުކޮށް ބަލާއިރު ފޯނުނަންބަރުތައް ރައްކާ ކުރާކަށް ވަކިމިންވަރެއް ނެތެވެ. ފޮޓޯއާއި އެކުވެސް ފޯނު ނަންބަރު ރައްކާކުރެވޭނެއެވެ. 30 ދުވަސް ވަންދެން ފޯންކޯލްތަކުގެ ރެކޯޑްސް ފޯނުގައި ހުންނާނެއެވެ.
• މިފޯނަކީ އިންޓާރނަލް ސްޓޯރޭޖު ވަރަށް ބޮޑު ފޯނެކެވެ. މިގޮތުން 32 ގިގަބައިޓްގެ ސްޓޯރޭޖް މިފޯނުގައި ވެއެވެ. އެހެންކަމުން ވަރަށް ގިނަ ޢަދަދެއްގެ ލަވަޔާއި، މަޢުލޫމާތު އަދި ފޮޓޯ ފަދަ ތަކެތިވެސް ރައްކާ ކުރެވޭނެއެވެ. ހަމަ މިއާއިއެކު 256 މެގަބައިޓްގެ ރެމް ވެސް މިފޯނުގައި ވެއެވެ. ފޯނުގައި ބޮޑު އިންޓާރނަލް ސްޓޯރޭޖެއް ވިޔަސް މިފޯނަކީ އެކްސްޓާރނަލް ކާރޑްވެސް ބޭނުންކުރެވޭ ފޯނެކެވެ. މިގޮތުން ބޭނުންކުރެވޭނީ މައިކްރޯ އެސް.ޑީ ކާޑެވެ. 16 ގިގަބައިޓާއި ހަމައަށް މައިކްރޯ އެސް.ޑީ ކާޑް ވެސް މިފޯނަށް ސަޕޯޓް ކުރާނެއެވެ.
• ނޮކިއާ N900 ފޯނު ގައި ވައި-ފައި ގެ ޚިދުމަތާއި، ބްލޫޓޫތުގެ ޚިދުމަތާއި، މައިކްރޯ ޔޫ.އެސް.ބީގެ ޚިދުމަތްވެސް ވެއެވެ. އަދި ގިނަ ފޯނުތަކުގައި މިހާރު ނުހިމަނާ ޚިދުމަތެއްކަމަށްވާ "އިންފްރާ ރެޑް" ޕޯޓް ގެ ޚިދުމަތްވެސް މިފޯނުގައި ވެއެވެ.
• މިފޯނުގައިވަނީ 5 މެގަރ ޕިކްސެލް، 1936 × 2576 ޕިކްސެލް ގެ ކެމެރާއެކެވެ. އޯޓޯ ފޯކަސް އާއި، ފްލެޝް ލައިޓުގެ އިތުރުން ވީޑިއޯ ކުރާއިރު ބޭނުންކުރެވޭ ލައިޓެއްވެސް މި ފޯނުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ. އަދި މި ކެމެރާއިން ވީޑިއޯވެސް ކުރެވޭނެއެވެ. އަދި 3ޖީ ވީޑިއޯ ކޯލް ކެމެރާއެއް ވެސް މިފޯނުގައިވެއެވެ.
• ނޮކިއާގެ މިފޯނުގައި ބޭނުންކޮށްފައިވަނީ “Maemo 5” އޮޕަރޭޓިންގ ސިސްޓަމެވެ. ޕްރޮސެސަރ ސްޕީޑަކީ 600 މެގަހާރޓްޒް އެވެ.
• މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް އަދި އީ-މެއިލް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. އަދި ވެބް ބްރައުޒިންގެ ޚިދުމަތްވެސް ލިބޭނެއެވެ.
• ނޮކިއާގެ މިފޯނުގައި ސްޓީރިއޯ އެފް.އެމް ރޭޑިއޯގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި އެމް.ޕީ3 ލަވަޖަހާލެވޭ، ވީޑިއޯވެސް ބަލާލެވޭ ޕްލޭޔަރެއް ހިމެނެއެވެ. ޓީވީ އާއި ގުޅާލެވޭގޮތަށް ޓީވީ އައުޓެއް ވެސް މިފޯނުގައި ވެއެވެ.
• މިފޯނުގައި ޖީ.ޕީ.އެސްގެ ޚިދުމަތްވެސް ހިމެނެއެވެ. އެހެންކަމުން މިފޯނަށް އޭ-ޖީ.ޕީ.އެސް ސަޕޯޓް ކުރާނެއެވެ.
• ނޮކިއާ N900 ގައި ބޭނުންކޮށްފައިވަނީ 1320 މިލިއެމްޕެއަރގެ ބެޓެރިއެކެވެ.
• މިވަގުތު ނޮކިއާ N900 ފޯނެއްގެ އަގަކީ 540 ޔޫރޯއެވެ. އެހެންކަމުން އެއީ ގާތްގަނޑަކަށް 10,500 ދިވެހި ރުފިޔާއެވެ.
• ފޯނު ބައްލަވައިގަންނަވާނަމަ، ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އޮތް ތޯބެއްލެވުން ބުއްދިވެރި އެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރައްވާށެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯނު ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެތީ އެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެއްސެވުމުން، ނުވަތަ ސެންޑް ބަޓަނަށް ފިއްތަވައިލެއްވުމުން، ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ.
(ނިމުނީ)
a