އަދުގެ ޚާއްސަ

Print

ވޫޑޫއާއި ޒޮމްބީ އަދި ބިޔަ ހަރުފަ ކަލާނގެ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދުނިޔެ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ސުވާލު:

ހެއިޓީގެ ރައްޔިތުންނާ ކުރިމަތިވި ހިތާމަވެރި ކާރިސާގެ ޚަބަރުތައް ޓީވީން ބަލަމުން ދަނިކޮށް، މަރުވެފައިވާ މީހުން ވަޅުލާތަން ދުށީމެވެ. މަރުވެފައިވާ މީހުންގެ ޢަދަދު ގިނަކަމާއި، އެއް ކަށްވަޅެއްގައި އެތައް ބަޔަކު ވަޅުލިތަން ފެނިފައި، އަޅުގަނޑުގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރި އެވެ. ޚާއްޞަކޮށް، މަރުވެފައިވާ ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުންނާއި ނިކަމެތިން ފެނުމުންނެވެ. އެއް ކަށްވަޅެއްގައި އެތައް ބަޔަކު ވަޅުލުމާމެދު ވޫޑޫ ޢަޤީދާގެ ދީނީ މީހުން ދެކޮޅުހަދާ ކަމަށް ޚަބަރުގައި ބުންޏެވެ. އެކަމަށް، އަޅުގަނޑުގެ ސަމާލުކަން ހުއްޓުނެވެ. އެކަމާ ދެކޮޅުހަދައި، އެބައިމީހުން ވަނީ، ހެއިޓީގެ ރައީސަށް އިޙުތިޖާޖެއް ވެސް ހުށަހަޅާފަ އެވެ. އަޅުގަނޑުގެ ސުވާލަކީ، ވޫޑޫ އަކީ ކޮބައިތޯ އެވެ؟ އެއީ ސަމާވީ ދީނެއްތޯ އެވެ؟ ޒޮމްބީ އަކީ ކޮން އެއްޗެއްތޯ އެވެ؟ އެއް ކަށްވަޅެއްގައި އެތައް ބަޔަކު ވަޅުލުމާމެދު އެބައިމީހުން ދެކޮޅު ހަދަނީ ކީއްވެގެންތޯއެވެ؟

ސުވާލު ހުށަހެޅީ: ޚާލިދު، އަލްއުރުދުން.
ޖަވާބުދެއްވީ: އިސްލާމް އޮންލައިގެން މުސްތަޝާރު، މަޙުމޫދު އިސްމާޢީލު.


ޖަވާބު:

އަލްއަޚު ޚާލިދެވެ.
ތިބާފަދައިން، އަޅުގަނޑުވެސް އެ އިންސާނީ ކާރިސާގެ ހިތާމައިގައި ބައިވެރިވަމެވެ. އެއީ ހިތްފަޅައިގެންދާވަރުގެ ހިތާމަވެރި ކާރިސާއެކެވެ. މާތް ﷲ ހިތެއް ދެއްވާފައިވާ ކޮންމެ މުސްލިމަކުމެ، އެ ކާރިސާގެ ޚަބަރު ލިބުމުން، ކަރުނަޅައި، ރޮއި، ހިތާމަކުރާނެ ކަން ކަށަވަރެވެ. އަދި އެބައިމީހުންނަށް ދެވެން އޮތް އެހީއެއް ދޭނެ ކަންވެސް ކަށަވަރެވެ.

ތިބާ ފުރަތަމަ ސުވާލުގައިވަނީ، "ވޫޑޫ އަކީ، ކޮބައިތޯ އެވެ؟" "ވޫޑޫ" މި ލަފުޒު ބައެއް މީހުން އަޑުއަހާފައި ވާނެކަމަށް ޤަބޫލުކުރެވެ އެވެ. ޚާއްޞަކޮށް، ބިރުވެރި ވާހަކަ ފޮތް ކިޔާ މީހުންނާއި ބިރުވެރި ފިލްމު ބަލާ މީހުންނަށް، މި ލަފުޒު ފެނި، އަޑުއިވިފައި ވާނެ އެވެ. މި ލަފުޒުގެ މާނަ ތަޞައްވުރުކުރެވިފައިވާނީ، އެފުރިކާގެ ކަޅު ނަސްލުގެ މީހުން، އާދަޔާ ޚިލާފު ހެދުމެއް ލައިގެންތިބެ ނަށައި ފުމެއުޅޭ މަންޒަރާ އެވެ. އެބައިމީހުން ނަށާއިރު، މޫނުގައިވާނީ، މާ އާދަޔާ ޚިލާފު ކުލަތަކެއް ޖައްސާފައެވެ. އަދި އެ ނެށުން ނަށާއިރު، އެބައިމީހުން މިނިމަސް ކައިއުޅޭނެ ކަމަށް ވެސް ތަޞައްވުރުކުރެވޭނެ އެވެ.

އެއް ބަޔަކު ހީކުރާ ގޮތުގައި، "ކަޅު ސިޙުރު" (ނުވަތަ ބްލެކް މެޖިކް) ނޫން އެހެން މާނައެއް، "ވޫޑޫ" މި ލަފުޒުގައި ނުހިމެނެ އެވެ. އަނެއް ބަޔަކު ހީކުރާ ގޮތުގައި، އެއީ މިހާރު ދުނިޔޭގައި ނެތް، ދީނީ މަޒުހަބަކަށް ކިޔާ ނަމެކެވެ. އަދި ވޫޑޫ އަކީ، އެއްވެސް އަޞްލެއް ޙަޤީޤަތެއް ނެތް ޚުރާފާތްތަކެއް ކަމަށް ޤަބޫލުކުރާ ބަޔަކު ވެސް އުޅެ އެވެ.

ޙަޤީޤަތް ހޯދުމަށްޓަކައި، ޢިލްމީ ނަޒަރަކުން ބަލާއިރު، ވޫޑޫ (Voodoo) ގެ އަޞްލަކީ، (Vodun) އެވެ. މި ލަފުޒުގެ މާނައަކީ، "ރޫޙު" އެވެ. ވޫޑޫ ޢަޤީދާއަކީ، ޤަދީމީ ޒަމާނުގައި އެތައް ހާސް އަހަރެއް ވަންދެން، އެފުރިކާގައި ދެމިއޮތް ޢަޤީދާއެކެވެ.

އެފުރިކާ ބައްރުގެ މީހުންގެ ދީނީ އިޢުތިޤާދުތައް ފުނޑުފުނޑުކޮށްލަން، ހުޅަނގުގެ މުސްތަޢުމިރުން، ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. އެކަމުގެ ބޭނުމަކީ، އެއް ކަމަކަށް އީމާންވެގެންތިބި ޖަމާޢަތެއްގެ ގޮތުގައި އެބައި މީހުން ތިބޭއިރު، އެބައިމީހުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބާރު، ވިއްސިވިހާލިކޮށްލުމެވެ. އަދި ޢަޤީދާގެ ގޮތުން ގުޅުމެއް ނެތް ވަކިވަކި ފަރުދުންތަކަކަށް އެބައިމީހުން ބައިބައިކޮށްލުމެވެ. ވަކިވަކި ފަރުދުންގެ މައްޗަށް ބާރު ހިންގުމަކީ، ފަސޭހަކަމެއް ކަމުގައި ވާނެތީ އެވެ. ނަމަވެސް، ހުޅަނގުގެ މުސްތަޢުމިރުން، އެކަން ކުރަން އުޅޭ ކޮންމެ ފަހަރަކުމެ، އެފުރިކާގެ ބައްރުގެ އަހުލުވެރިން، އެބައިމީހުންގެ ދީނާއި ޢަޤީދާ ޙިމާޔަތްކުރުމަށް، ގަދައަޅައި މަސައްކަތްކުރެ އެވެ. ދީނާއި ޢަޤީދާ ދެމިއޮންނާނެ ގޮތެއް ބަލައި، ޒަމާނާއި ޙާލަތާ ގުޅޭ ގޮތުގެ މަތިން ދީނާއި ޢަޤީދާ ބައްޓަންކުރެ އެވެ. ދީނީ ގޮތުން ތަފާތު ޖަމާޢަތްތަކުގެ މީހުން ވެސް، އެކަމަށްޓަކައި އެއްބައިވެ އެވެ. ނަތީޖާއަކަށްވީ، މިޒަމާނުގައި ފެންނަން މިއޮތް ސިފައިގައި، ވޫޑޫ ވުޖޫދަށް އައުމެވެ.

ކެރީބިއަން ކަނޑުގެ ޖަޒީރާތަކުގައި، ވޫޑޫ މަޒުހަބު ވަރަށް އަވަހަށް ފެތުރިގެން ދިޔަ އެވެ. އަދި އެފުރިކާ ބައްރުގެ ބައެއް ހިސާބުތަކުގައި ވެސް އެ މަޒުހަބު ފެތުރުނެވެ. އަޅުންގެ ވިޔަފާރި ފެތުރިގެން ދިއުމާއެކު، އެ މަޒުހަބުގެ ޢަޤީދާ، އެމެރިކާގެ ބައްރަށް ވެސް ވާޞިލުވި އެވެ. ހެއިޓީ އާއި ކެރީބިއަން ކަނޑުގެ ޖަޒީރާތަކުގައި، ވޫޑޫ މަޒުހަބު މޫލައި ހަރުލަމުން ދިޔައިރު، އޭގެ އަޞްލު މަންބަޢު ކަމުގައިވާ އެފުރިކާގެ ބައްރުން، އެ މަޒުހަބު ނެތެމުން ދިޔަކަމީ، ޙައިރާންކުރުވަނިވި ކަމެއް ކަމުގައިވި އެވެ.


ވޫޑޫ މަޒުހަބުގެ ޢަޤީދާ

ވޫޑޫ މަޒުހަބުގެ ޢަޤީދާ ބިނާވެފައިވަނީ، އަހުރެންނާއި ތިބާ ނެތުމުގެ މައްޗަށެވެ. ކީއްތޯއެވެ. އަހުރެންނާއި ތިބާއަކީ، މާސިންގާ ބިޔަ އެއްޗެއްގައި ހިމެނޭ ކުޑަކުޑަ އެތިކޮޅެކެވެ. އެއީ، މުޅި ކައުނެވެ. މީގެ މާނައަކީ، ކައުނުގެ ކުޑަ ތަންކޮޅަކަށް ކުރާ އަސަރު، ތިބާއަށް ކުރާނެ އެވެ. އަދި އެ އަސަރު މުޅި ކައުނަށް ވެސް ކުރާނެ އެވެ. މުޅި ކައުނަށް އެބައިމީހުން ކިޔަނީ، "އެއްކައުވަންތަ ބޮޑު ފަރާތް" އެވެ.

ވޫޑޫ ޢަޤީދާގައި ކަލާނގެ އަކީ، އިހުޒަމާނުއްސުރެ މިއަދާ ހަމައަށް މަރުވެފައިވާ، ކާބަފައިންގެ ރޫޙުތަކެވެ. އެ ރޫޙުތައް މީސްތަކުންނަށް އެހީތެރިވެދެ އެވެ. އަދި، މީސްތަކުން ކުރާ ނޭދެވޭ ކަންތައްތަކަށް އަދަބު ދެ އެވެ. އެބައިމީހުން އީމާންވާ ގޮތުގައި، ދިރިތިބި މީހުންނާއި މަރުވެފައިވާ މީހުން ގުޅުވާދޭ މުޤައްދަސް ދާއިރާއެއް ވެއެވެ. ދީނީ އަޅުކަމުގެ ގޮތުގައި އެބައިމީހުން ކުރާ ހުރިހައި ކަމެއް ކުރަނީ، މަރުވެފައިވާ ކާބަފައިންގެ ރޫޙުތަކުގެ ރުހުން ލިބިގަތުމަށްޓަކަ އެވެ.


ބިޔަ ހަރުފަ ކަލާނގެ

ވޫޑޫ މަޒުހަބުގެ މީހުން، އެންމެ ބޮޑު ކަލާނގެއަށް ކިޔާ ނަމަކީ، ބޮންޑިއު އެވެ. އެ ކަލާނގެ ތަމްސީލުކުރަނީ، ބިޔަ ހަރުފައަކުންނެވެ. ވޫޑޫ ޢަޤީދާ ޤަބޫލުކުރާ މީހުން، އެ ޢަޤީދާގެ ރަމްޒެއްގެ ގޮތުގައި ވެސް، ބިޔަ ހަރުފައެއް ކުރަހަ އެވެ.

ވޫޑޫ މަޒުހަބުގައި ދީނުގެ ކަންތައްތަކާ ބެހޭ ކަހީނުން ތިބެ އެވެ. އެބައިމީހުން ތަރުތީބުކުރެވިފައިވަނީ ދަރަޖަތަކަކަށެވެ. އޭގެ ތެރޭގައި ބައްޕަގެ ދަރަޖަ އާއި މަންމަގެ ދަރަޖަ ވެ އެވެ. ކަހީނުންނަކީ، ކަލާނގެއަށް ޚިދުމަތްކުރުމަށްޓަކައި ތިބޭ ޚާދިމުންނެވެ. އެބައިމީހުން ޚިދުމަތްކުރަނީ، ބިޔަ ހަރުފަ ކަލާނގެ އަށެވެ. އެބައިމީހުން މީހުންނަށް އަދަބުދެނީ، ނުވަތަ އިނާމުދެނީ، އެ ހަރުފައިގެ ނަމުގައެވެ. މީސްތަކުންގެ މެދުގައި، ކަހީނުންނަކީ ދަރަޖަ މަތިވެރިވެގެންވާ ބަޔެކެވެ. ކަހީނުންގެ އަމުރަށް، ވޫޑޫ މަޒުހަބުގެ މީސްތަކުން ބޯލަނބައި ކިޔަމަންވެ އެވެ. ވޫޑޫ ޖަމާޢަތުގެ ކަހީނުން، ބޭސް ފަރުވާ ކުރުމާއި، ނިޔާ ކަނޑައެޅުމުގެ ދައުރު ވެސް ބައެއް ފަހަރު އަދާކުރެ އެވެ. އެބައިމީހުން ބޭސް ފަރުވާކުރަނީ، ފަތްޕިލާވެލިން ހަދާ ބޭހުންނެވެ. ބޭސްވެރިކަމުގެ ޢިލްމު އެބައިމީހުންނަށް ވާރުތަވެފައިވަނީ، ކަލާނގެތަކާއި ރޫޙުތަކުގެ ކިބައިން ކަމަށް އެބައިމީހުން ޤަބޫލުކުރެ އެވެ.

ވޫޑޫ މަޒުހަބުގެ މީހުން އީމާންވާ ގޮތުގައި، އެބައިމީހުންގެ ވަށައިގެން އެތައް ހާސް ރޫޙެއް، ދުނިޔޭގެ އެތަން މިތަނަށް ގޮސް އައިސް އުޅެ އެވެ. އެ ރޫޙުތަކަށް އެބައިމީހުން ކިޔާ ނަމަކީ، ލުވާ އެވެ. އެބައިމީހުން އަޅުކަންކުރަމުން ގެންދާއިރު، އޭގެތެރެއިން ބައެއް މީހުންގެ ހަށިގަނޑަށް ލުވާ ރޫޙެއް ވަދެ ދާނެ ކަމަށް ޤަބޫލުކުރެ އެވެ. ލުވާ ރޫޙެއް އެމީހެއްގެ ހަށިގަނޑަށް ވަދެއްޖެ މީހަކު، ލުވާއަކަށް ބަދަލުވެ އެވެ. އެއަށްފަހު އެއީ، ވަރަށް މުހިންމު މީހެކެވެ. އެހެނީ، ކުރިމަތިވެފައިވާ ނުރައްކަލެއްގެ ވާހަކައިން ޚަބަރުދިނުމަށް، އޭނާއަށް އެނގޭނެ އެވެ. އޭނާ އެކަންކަމުގެ ޚަބަރުދީ، މީސްތަކުންނަށް އިންޒާރުދޭނެ އެވެ.

ވޫޑޫ ޢަޤީދާގެ އަހުލުވެރިންނަކީ، ރޫޙާނީ ބަޔެކެވެ. ޤުދުރަތީ ކާރިސާތައް އެބައިމީހުން މާނަކުރަނީ، ލުވާގެ ފުށުން އަންނަ ކަންތައްތަކެއް ކަމުގަ އެވެ. މިސާލަކަށް، ޠޫފާނެއް އައުމަކީ ލުވާފާޅުވުމެވެ. ހެއިޓީއަށް އެންމެ ފަހުން އައި ބިންހެލުމަކީ ވެސް އެބައިމީހުންގެ ނަޒަރުގައި އެފަދަ ކަމެކެވެ.


ވޫޑޫއާއި ހަރުކަށި ޢަމަލު

ޤަދީމީ ޢަޤީދާތަކުގެ މައިދާނުގައި، ވޫޑޫއަށް ލިބިފައިވާ ހައިބަތުހުރި މަޤާމާއެކު ވެސް، އެ މަޒުހަބާމެދު ތުހުމަތުތަކެއް ކުރެވެ އެވެ. އަނިޔާވެރި ހަރުކަށި ޢަމަލު ހިންގައި، މީހުން މަރައި، ޖިންސީގުޅުން ހިންގައި، ކަޅު ސިޙުރުހަދާ މަޒުހަބެއް ކަމުގެ ތުހުމަތުތަކެވެ. ޢިލްމީ އަމާނާތްތެރިކަމުގެ އިމުގެ ތެރޭގައި ބުނެވޭނީ، ވޫޑޫއާމެދު ކުރެވޭ އެ ތުހުމަތުތައް ފަތުރާފައިވަނީ، މުސްތަޢުމިރުންނެވެ. މުސްތަޢުމިރުންގެ ބޭނުމަކީ، އެފުރިކާގެ ކަޅު ނަސްލުގެ މީހުންގެ ބަހާއި، ދީނާއި، އެބައިމީހުން އާދަކޮށް އަޅުކަމުގެ ގޮތުގައި ކޮށްއުޅޭ ކަންތައްތައް ނައްތާލުމެވެ. އަދި، ނަޞާރާ ދީނަށް ވަނުމަށާއި، އިނގިރޭސި ނުވަތަ ފަރަންސޭސި ބަސް އުނގެނުމަށް އެބައިމީހުންނަށް މަޖުބޫރުކުރުމެވެ. މިކަން މިހެން އޮތް ކަމުގައި ވިޔަސް، ވޫޑޫ މަޒުހަބުގެ އަހުލުވެރިންނަކީ، އެއްގޮތަކަށް ވެސް، ނުރައްކާތެރި ޢަމަލުތަކެއް ހިންގާ ބަޔެއް ނޫންކަމުގައި ބުނެވޭކަށް ނެތެވެ. އަނިޔާކުރުމާއި މީހުން މެރުމާއި ކަޅު ސިޙުރު ހެދުން ފަދަ ޢަމަލުތައް އެބައިމީހުންގެ ތެރޭގައި ވެ އެވެ.


ވޫޑޫގެ ޒަމާނީ ނަކަލު

ވޫޑޫ މަޒުހަބުގެ މީހުންނާ ދެކޮޅަށް ހިންގުނު ހަރުކަށި ޢަމަލުތަކުގެ ސަބަބުން، އެބައިމީހުންވަނީ، އެބައިމީހުންގެ ދީނީ ކަންތައްތައް، ނަޞާރާ ދީނުގެ އަޅުކަމާ މޮޑެ މައްސުނިކޮށްފަ އެވެ. މިކަން ކޮށްފައިވަނީ، އެބައިމީހުން ދީނީ އަޅުކަމުގެ ގޮތުގައި ކުރާ ކަންތައްތައް ސިއްރިޔާތުގައި ކުރުމަށާއި، އެ ކަންތައްތައް ކުރާ ބަޔަކަށް ދޭ އަދަބުން ސަލާމަތްވުމަށްޓަކަ އެވެ. ވޫޑޫގެ ޢަޤީދާއަށް އީމާންވާ ޙާލު، އެބައިމީހުންގެ ތެރެއިން ގިނަބަޔަކު، ނަޞާރާދީނަށް ވަދެފައިވަނީ އެހެންވެގެންނެވެ. ގާތްގަނޑަކަށް އެބައިމީހުންގެ 80 އިންސައްތަ ވަނީ، ނަޞާރާދީނަށް ވަދެފަ އެވެ. އެކަކު ދެދީނަށް އުޅުމަކީ، މަނާ ކަމެއް ކަމަކަށް އެބައިމީހުންނަކު ނުދެކެ އެވެ.

ޙައިރާންވާންޖެހޭ ކަމަކީ، މުސްތަޢުމިރުން ވޫޑޫ ޢަޤީދާ ނައްތާލަން ކުރި މަސައްކަތުގެ ސަބަބުން، އެ ޢަޤީދާ ތަރައްޤީވެ ކުރިއަރައި، އެމެރިކާއާއި ޔޫރަޕުގެ ބައްރުގެ ކަންކޮޅުތަކަށް ފެތުރިގެންދިޔަ ކަމެވެ. މިސާލަކަށް، ބްރެޒިލްއާއި ކެރީބިއަން ކަނޑުގެ ޖަޒީރާތަކެވެ. އެ ޤައުމުތަކުގައި، ވޫޑޫ މަޒުހަބުގެ މީހުން ދީނީ އަޅުކަމުގެ ގޮތުގައި ކޮށްއުޅޭ ކަންތައްތައް، އެބައިމީހުން ކުރުމަކީ، ޤާނޫނީ ގޮތުން ހުއްދަ ކަމެކެވެ. އޭގެތެރެއިން ބައެއް ޤައުމުތަކުގައި، ވޫޑޫއަށް ކިޔާ ނަން ތަފާތުވެފައިވިޔަސް، ޢަޤީދާއަކީ ހަމަ އެއް ޢަޤީދާއެކެވެ. ހެއިޓީއަކީ، އެހެން ދީންތަކެކޭ އެއްފަދައިން، ރަސްމީކޮށް، ވޫޑޫ މަޒުހަބު ޤަބޫލުކުރާ ޤައުމެކެވެ. ޤާނޫނީ ގޮތުން އެއްވެސް މަނާކަމެއް ނެތި، ވޫޑޫ މީހުންގެ ދީނީ އަޅުކަންތައް ފާޅުގައި ކޮށް އުޅުމަކީ، ހެއިޓީގައި އެބައިމީހުންނަށް ލިބިގެންވާ ޙައްޤެކެވެ.


ޒޮމްބީގެ ސިއްރު

ވޫޑޫ ޢަޤީދާގައިވާ ޒޮމްބީއަކީ، އެންމެ ސާދާކޮށް ބުނާނަމަ، "މަރުވުމަށްފަހު، ދިރުން ލިބިފައިވާ މީހުން" ނެވެ. ފިލްމުތަކުގައި ދައްކުވައިދީފައިވަނީ، ޒޮމްބީންނަކީ، ދުނިޔެއަށް ވެރިވާން އުޅޭ، އަދި މިނިމަސްކާ، ބިރުވެރި މަޚުލޫޤުންތަކެއް ކަމުގަ އެވެ. ވޫޑޫ ޢަޤީދާގައި ޒޮމްބީންނަކީ، އެ ސޫރައާ ގާތްކުރާ ބަޔެކެވެ.

ޒޮމްބީންގެ ވާހަކަތައް ވަނީ، ހެއިޓީގެ ފޯކުލޯރުގައި ވަރަށް ބޮޑަށް ފެތުރިފަ އެވެ. ހެއިޓީގެ މީހުން ޤަބޫލުކުރާ ގޮތުގައި، ޒޮމްބީއަކީ، ކަޅު ސިޙުރު ހަދާ މީހުންގެ ފުށުން އަންނަ ބަޔެކެވެ. ކަޅު ސިޙުރު ވަނީ، އެބައިމީހުންގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރިފަ އެވެ. ކަޅު ސިޙުރު ހަދާ މީހުންގެ ބޭނުމަކީ، އެހެން މީހުންގެ އިޙުތިރާމު ލިބިގަތުމެވެ. އަދި މީސްތަކުން އެބައިމީހުންގެ ބާރުގެ ދަށަށް ގެނައުމާއި، މީހުންގެ އަތުން މުދާ އަތުލުމެވެ. ނަމަވެސް އެއީ، ފާޅުގައި ހިނގާ ކަންތައްތަކެކޭ ބުނެވޭކަށް ނެތެވެ. އެހެނީ، މައްޔިތަކު ޒޮމްބީއަކަށް ބަދަލުކުރުމަކީ، ހެއިޓީގައި ވަރަށް ހަރުކަށި ޤާނޫނަކުން މަނާކޮށްފައިވާ ކަމެކެވެ. ސިޙުރުވެރިޔަކު އެކަން ކޮށްފިނަމަ، ޤާނޫނީ ގޮތުން އެއީ، މީހަކު މެރުން ފަދަ ކަމެކެވެ.


ޒޮމްބީ އާ ބެހޭ ދިރާސާތައް

ޒޮމްބީއާ ބެހޭ ދިރާސާއެއް ކުރި ބާޙިޘެއް ކަމަށްވާ ވޭޑް ޑޭވިޒް ބުނާ ގޮތުގައި، މަރުވެފައިވާ މީހުން ދިރުވުމަކީ، އެއްވެސް ޙަޤީޤަތެއް ނެތް ވާހަކައެކެވެ. މަރުވެފައިވާ މީހެއްގެ ހަށިގަނޑަށް އަލުން ދިރުން ގެނައުމަކީ ވާނެ ކަމެއް ނޫނެވެ. އޭނާ ބުނާ ގޮތުގައި، މަރުވުމަށްފަހު އަލުން ދިރުން ދީ، ޒޮމްބީއަކަށް ބަދަލުކުރެވޭ މީހުންނަކީ، ޙަޤީޤަތުގައި މަރުވެފައިވާ ބަޔެއް ނޫނެވެ. އޭނާ ބުނާ ގޮތުގައި، މަރުވެފައިވާ ފަދަ ޙާލަތަކަށް މީހުން ގެންދިއުމަށްޓަކައި، ސިޙުރުވެރިން ބޭނުންކުރަނީ، މަހެއްގެ ތެރެއިން ނަގާ މާއްދާއެކެވެ. އެ މާއްދާގެ ބޭނުންކޮށްގެން، ދިރިހުރި މީހަކު، މަރުވެފައިވާ މީހެއްގެ ޙާލަތަށް ގެންދެވެ އެވެ. ދެން އޭނާގެ ގާތްތިމާގެ މީހުން ހީކުރަނީ، އޭނާ މަރުވީ ކަމަށެވެ. އެމީހުންގެ ކުރިމަތީގައި ސިޙުރުވެރިޔާގެ ދައުރު ފެށެނީ މިހިސާބުންނެވެ. މަރުވެފައިވާ ކަމަށް އެބައިމީހުން ހީކުރާ މީހާއަށް ދިރުން ދިނުމަށް، ސިޙުރުވެރިޔާ ބޭނުންކުރަނީ، އެއްކަލަ މަހުގެ ވިހަ މާއްދާގެ އަސަރު ފިލުވައިލާ އެހެން މާއްދާ އެކެވެ. އެ މާއްދާ ބޭނުންކުރުމުން، އޭނާ މަރުވެފައިވާ ޙާލަތުން ތެދުވެ، ދިރިހުރި މީހެއްގެ ޙާލަތަށް އިޢާދަވެ އެވެ. ނަމަވެސް އޭރު ވާނީ، އޭނާގެ ހަނދާނުން ވަރަށް ބޮޑު ބަޔެއް ފޮހެވިގެން ގޮސްފަ އެވެ. އޭނާ ތެދުވެ އުޅޭއިރު ހީވާނީ، ބާރުގަދަ މަސްތުވާ އެއްޗެއްގެ ބޭނުން ކޮށްފައިވާ މީހެއް ހެންނެވެ. އޭނާގެ ވިސްނުމާއި ފިކުރު ވާނީ ވިއްސިވިހާލިވެފަ އެވެ. މީހަކު ކުރާ އަމުރަކަށް އޭނާ ނުހަނު ފަސޭހަ ކަމާއެކު ކިޔަމަން ވާނެ އެވެ. އަދި މީހަކު އޭނާލައްވާ ކުރުވަން ބޭނުން ކަމެއް، ނުހަނު ފަސޭހަކަމާއެކު ކުރުވިދާނެ އެވެ. އެގޮތުގެ މަތިން މީސްތަކުންނަށް އޭނާ ފެންނާނީ، މަރުވުމަށްފަހު، އަލުން ދިރުން ލިބިފައިވާ މީހެއްގެ ސިފައިގަ އެވެ.

ހެއިޓީގައި، ޒޮމްބީއާ ބެހޭ ވަރަށް ގިނަ ދިރާސާތައް، ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވިފައިވެ އެވެ. އޭގެ ތެރެއިން ބައެއް ދިރާސާތައް، ނަންގަނެވިދިޔަ ދިރާސާއާ އެއްބަސްވިޔަސް، ބައެއް ދިރާސާތައް އެއާ ދެބަސްވެ އެވެ. މިއަދާ ހަމައަށް ވެސް، ޒޮމްބީއާ ބެހޭގޮތުން އޮޅުން ނުފިލާ އެތައް ކަމެއް ވެ އެވެ. އެއާ ބެހޭ ކިތަންމެކަމެއް އަދިވެސް ވަނީ، ކަނު އަނދިރީގަ އެވެ.

މީހަކު މަރުވެގެން ވަޅުލުމަށްފަހު، އޭނާގެ މަހާނަ މަތީގައި ބަރު ހިލައެއް ބޭއްވުމަކީ، ހެއިޓީ މީހުން ކުރާ ކަމެކެވެ. އަދި ބައެއް މީހުން، މައްޔިތާގެ ކަށްޓާއި މަހާ ވަކިވަންދެން، މަހާނަ ކައިރީގައި ފޯރިމަރަ އެވެ. އެބައިމީހުން މިކަން ކުރަނީ، ސިޙުރުވެރިޔަކު، މައްޔިތާ ވަގަށް ނަގައިގެން ޒޮމްބީއަކަށް ހަދާފާނެތީ އެވެ. އެބައިމީހުން ޤަބޫލުކުރާ ގޮތުގައި، ސިޙުރުވެރިޔަކަށް، މައްޔިތަކު، ޒޮމްބީއަކަށް ބަދަލުކުރެވޭނީ، އެއީ ގެއްލުމެއް ލިބިފައި ނުވާ މައްޔިތަކަށް ވެފައި، އަދި އެއީ ކުނިވެފައި ނުވާ މައްޔިތެއް ކަމުގައި ވާނަމަ އެވެ.


ނިންމުން

ވޫޑުއާ ބެހޭގޮތުން، ނަންގަނެވިދިޔަ، މަޢުލޫމާތަށް ބަލާއިރު، ވޫޑޫއަކީ، ސަމާވީ ދީނެއް ނޫންކަމާއި، ވޫޑޫ ޢަޤީދާގެ އަހުލުވެރިންނަކީ، ބަޔާންވެގެންވާ ސަމާވީ ފޮތެއްގެ އަހުލުވެރި ބަޔެއް ނޫންކަން އެނގެ އެވެ. މިއީ، އެބައިމީހުންގެ ތެރެއިން ބަޔަކު ނަޞާރާދީނަށް ވަދެފައިވާކަން އެއްކިބާކޮށް، ހަމައެކަނި ވޫޑޫގެ ޢަޤީދާއަށް ނަޒަރުހިންގާލާއިރު ކަން އޮތް ގޮތެވެ.

ހެއިޓީގައި ގިނަބަޔަކު އެއް ކަށްވަޅެއްގައި ވަޅުލުމާމެދު، ވޫޑޫ ޢަޤީދާގެ ކަހީނުން ދެކޮޅު ހެދުމުގެ ސަބަބު ގުޅިފައިވަނީ އެބައިމީހުންގެ ޢަޤީދާއާ އެވެ. އެ ޢަޤީދާގައި ކަލާނގެ ތަމްސީލުވެފައިވަނީ، އިސްވެދިޔަ ކާބަފައިންނާއި މިހާރު މަރުވެދާ މީހުންގެ ރޫޙުތަކުގަ އެވެ. އެ ރޫޙުތައް އެބައިމީހުންނަށް އެހީތެރިވެދެ އެވެ. އަދި އެބައިމީހުން ކުރާ ނޭދެވޭ ކަންތައްތަކަށްޓަކައި، އެބައިމީހުންނަށް އަދަބުދެ އެވެ. ކަންމިހެން އޮތުމާއެކު، މަރުވެދާ މީހުންނާ ދިރިތިބި މީހުން ގުޅުވާދޭ ދާއިރާއެއް ވާކަމަށް އެބައިމީހުން ދެކެ އެވެ. އިސްވެ ނަންގަނެވި ދިޔަ ފަދައިން، އެބައިމީހުން އަޅުކަމުގެ ގޮތުގައި ކުރާ ކަންތައްތައް ކުރަނީ، މަރުވެފައިވާ މީހުންގެ ރޫޙުތަކުގެ ރުހުން ލިބިގަތުމަށްޓަކަ އެވެ. މަރުވެފައިވާ އެތައް ބަޔަކު އެއް ކަށްވަޅެއްގައި ވަޅުލުމަކީ، އެނބުރި އަންނާނެ ކަމަށް އެބައިމީހުން ޤަބޫލުކުރާ ރޫޙުތަކުގެ ޤަދަރު ކުޑަކޮށް އެއަށް ކުރެވޭ ބޭއިޙުތިރާމެކެވެ. އެކަމުގެ ސަބަބުން، އޭގެ ތެރެއިން ނުބައި ރޫޙުތައް އައިސް، ދިރި ތިބި މީހުންނަށް އަދަބު ދޭނެ ކަމަށް އެބައިމީހުން ޤަބޫލުކުރެ އެވެ.

އަލްއަޚު ޚާލިދެވެ.
ތިބާގެ ސުވާލުތަކަށް ޖަވާބު ދެވިއްޖެ ކަމަށް އަޅުގަނޑު ހީކުރަމެވެ. މިއީ އެ ސުވާލުތަކަށް ދެވޭނެ އެންމެ ކުރު ޖަވާބެވެ. އަޅުގަނޑުމެން ސުވާލުތަކަށް ޖަވާބުދޭން ޖެހެނީ، ސުވާލުގެ ދާއިރާއާއި އިމުން ބޭރުވުމެއް ނެތި އެވެ. ނަމަވެސް ޖަވާބުން ބޭރުގައި ކޮންމެހެން ބުނަން ޖެހޭ ވާހަކައެއް އެބައޮތެވެ.

ތިބާގެ ސުވާލުތަކަށް އަޅުގަނޑު ދީފައިވާ ޖަވާބުތަކުގެ މާނައަކީ، ޙާލުގައި ޖެހިފައިވާ ހެއިޓީގެ ރަށްޔިތުންނަށް އެހީވުން ހުއްޓާލުމެއް ނޫނެވެ. އަޅުގަނޑުގެ ޖަވާބުތަކަށް ބަލާފައި، މީހަކު ބުނެފާނެ އެވެ. "އެއީ، ވޫޑޫ ޢަޤީދާގެ އަހުލުވެރިންނެވެ. އެބައިމީހުންނަށް އެހީވާނެ ކަމެއް ނެތެވެ." އެކަމަކު، އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތެއް ނޫނެވެ. ޙާލުގައި ޖެހޭ ހިނދު، އެންމެހައި މީސްތަކުންނަށް އެހީވުމަކީ، ދީނީ ގޮތުން އަދާކުރަންޖެހޭ މުޤައްދަސް ވާޖިބެއް ކަމަށް، ހިތުގެ އަޑިން އަޅުގަނޑު ޤަބޫލުކުރަމެވެ. އިންސާނީ ވާޖިބަކަށް ވުމުގެ ކުރިން އެއީ ދީނީ ވާޖިބެކެވެ. ޙާލުގައި ޖެހިފައިވާ ހެއިޓީގެ ބައެއް މީހުންނަކީ، ނުވަތަ އެ އެއެންމެންނަކީ، ވޫޑޫ ޢަޤީދާގެ އަހުލުވެރިން ކަމަށް ވިޔަސް، އެބައިމީހުންނަށް އެހީވުމަކީ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެކެވެ.




މަޞްދަރުތައް:
އިސްލާމްއޮންލައިން ޑޮޓް ނެޓް.
ޔޫޓިއުބު.

ނޯޓް: އާދަކާދައިގެ މަތިން، މި ލިޔުން ވެސް ތަރުޖަމާކޮށްފައިވަނީ، އަކުރުން އަކުރަކަށް ނޫނެވެ. އެކަމަކު ދޭހައަށް އިސްކަންދީގެންނެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ