Print

ޒުލައިޚާ ގެ މާނަ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން


ޒުލައިޚާ އަކީ މިޞްރުގެ ޢަޒީޒުގެ އަނބިކަނބަލުންގެ ނަންފުޅު ކަމަށް ކީރިތި ޤުރުއާނުގެ ބައެއް ތަފުސީރު ފޮތްތަކުގައި ވެ އެވެ. ޢަޒީޒު އަވަހާރަވުމަށްފަހު، ޔޫސުފުގެފާނު، އެކަމަނާއާ ކާވެނިބައްލަވައިގަތް ކަމަށް ވެސް ބުނެ ވެ އެވެ. ޔޫސުފުގެފާނަކީ، ބަނޫއިސްރާއީލުގެ ނަބީބޭކަލެކެވެ. އެހެންކަމުން، އެކަލޭގެފާނުގެ ވާހަކަ، ތައުރާތުގައި ވެސް ނަންގަނެވިފައި ވެ އެވެ.

ޔޫސުފުގެފާނާ ބެހޭގޮތުން، ތައުރާތުގެ ސިފުރުއްތަކުވީނުގައި ނަންގަނެވިފައި ވެ އެވެ.

"ފިރުޢައުނު (މިޞްރުގެ ރަސްގެފާނު) ޔޫސުފުގެފާނަށް "ޞަފުނާތު ފަޢުނީޙު" ގެ ނަންފުޅު ދެއްވި އެވެ. އަދި އޫން ގެ ކަހީނު "ފޫޠީ ފާރަޢު" ގެ ދަރިކަނަބަލުން "އިސްނާތު" އެކަލޭގެފާނަށް އަނބިކަނބަލެއް ކަމުގައި ވެދުންކުރެއްވި އެވެ." (ސިފުރުއްތަކުވީން: 45:41)

"މިޞްރުގެ ބިމުގައި ޔޫސުފުގެފާނަށް ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ، "މަނައްސާ" އާއި "އަފްރާޔިމު" އެވެ. އެ ދެ ބޭފުޅުންގެ މައިކަނބަލީ، އޫންގެ ކަހީނު ފޫޠީ ފާރަޢު ގެ ދަރިކަނބަލުން އިސްނާތެވެ." (ސިފުރުއްތަކުވީން: 46:20)

ތައުރާތުގެ ސިފުރުއްތަކުވީނުގެ ތަފުސީރުގައި ވެ އެވެ. "އިސްނާތަކީ ޙިކުމަތުގެ ކަލާނގެ ނަންފުޅެވެ. (1) ... އެއީ ސިފަ ރިވެތި އަންހެން ސާހިބެއް ކަމުގައިވި އެވެ. އެކަމަނާ ބުދަށް އަޅުކަންކުރުން، ދޫކޮށްލެއްވި އެވެ. އަދި ދިރިދެމިވޮޑިގެންވާ ކަލާނގެއަށް އަޅުކަންކުރުމުގެ ދީނަށް ވެދެވަޑައިގަތެވެ." ތައުރާތުގެ ތަފުސީރުގައި އިސްނާތާބެހޭ ގޮތުން، މި ނޫން ވާހަކަތައް ވެސް ވެ އެވެ.

އިސްނާތާއި ޒުލައިޚާ އަކީ، އެއް ބޭކަނބަލެއްތޯ އެވެ؟ އެހެންކަމަށްވަނީނަމަ، އިސްނާތަކީ، އިހުޒަމާނުގެ މިޞްރު މީހުންގެ ބަހުން އެކަމަނާއަށް ދެވިފައިވާ ނަންފުޅު ކަމަށް ވެދާނެ އެވެ. އެނަންފުޅުގެ މާނައިގައިވަނީ، ޙިކުމަތެވެ. ޙިކުމަތް ނޫން މާނަތައް ވެސް އެ ނަންފުޅާ ގުޅިފައި ވާކަން ފާހަގަކޮށްލަން ޖެހެ އެވެ. މިތަނުގައި އެ މާނަތަކަކަށް ނުދާނަމެވެ.



މިހާރު ވެސް، މިޞްރުގައި "އިސްނާ" ނަކަކަށް ކިޔާ ރަށެއް ވެ އެވެ. މިއީ އެ ރަށުގެ ފޮޓޯއެކެވެ.


ޢަރަބި ބަހުގައި، ޒުލައިޚާގެ އަޞްލެއް ވެއެވެ. ޒުލައިޚާ (زليخة) އަކީ، ޒުލައިޚު (زُلَيْخ) ގެ އަންހެން ނަމެވެ. ޒުލައިޚަކީ، ޒަލްޚު (الزَّلْخ) ގެ ތަޞްޣީރެވެ. ތަޞްޣީރު ކުރުމަކީ، ކުޑަ ކުރުމެވެ. ލޯބިވެތި ނަމަކަށް ހެދުމަށްޓަކައި ނަން ތަޞްޣީރު ކުރެ އެވެ. އަދި އިހާނެތިކޮށް ހިތުމުގެ ގޮތުން ވެސް ތަޞްޣީރުކުރެ އެވެ. ޒުލައިޚާގެ ނަން ތަޞްޣީރުކުރެވިފައިވަނީ، ލޯބިންނެވެ.

ޒުލައިޚުގެ އަޞްލަކީ، "ޒަލްޚު" އެވެ. ޢަރަބި ބަހުގައި ޒަލްޚުގެ މާނައަކީ، ބާރަށް ހިނގާފައި ދިއުމެވެ. ނުވަތަ އަވަސްވުމެވެ. މި ނޫން މާނަތައް ވެސް ޒަލްޚުގައި ހިމެނެ އެވެ. ހަށިގަނޑުގައި ލޮކިމަސް ޖަހައި ފަލަވުމާއި ސަރުބީ އުފެދުން ވެސް އެ މާނަތަކުގެ ތެރޭގައި ހިމެނެ އެވެ.

ޒަލްޚުގެ މާނައަކީ، ދުނިއުކާއިރު، ދަމާލެވެން އޮތް އެންމެ ބޮޑަކަށް އަތް ދަމާލުން ކަމަށް ލިސާނުލް ޢަރަބް ބަސްފޮތުގައި ވެ އެވެ.

ޢަރަބި ބަހުން ޒުލައިޚާ ލިޔާ އެއްގޮތަކީ ނަންގަނެވި ދިޔަ ގޮތެވެ. ނަންގަނެވިދިޔަ މާނައަކީ، (زليخة) މިގޮތަށް ލިޔާއިރު ދޭހަވާ މާނަ އެވެ.

ޢަރަބި ބަހުން ޒުލައިޚާ ލިޔާ އަނެއް ގޮތަކީ، (زليخا) މިއެވެ. މިގޮތަށް ލިޔާއިރު، ދޭހަވާ މާނައަށް މި ލިޔުމުގައި ބަލާލެވިފައެއް ނެތެވެ.

ޒުލައިޚާއާ އެންމެ ގާތްކުރާ ދިވެހި ނަމަކީ، ދަލޭކަ އެވެ. ދަލޭކަ ގެ މާނައެއް ދިވެހި ބަސް ފޮތުގައި ނެތެވެ. އެ ފޮތުގައި އޮތީ، ދަލޭކައަކީ، ދިވެހި އަންހެނުންނަށް ކިޔާ ނަމެއް ކަމަށެވެ.


(1) ނޯޓް:
މިޞްރުގެ ޤަދީމީ ޒަމާނުގެ ދީން ދިރާސާކުރައްވާ ބައެއް މުޙައްޤިޤުން ވިދާޅުވެ އެވެ.
މިޞްރުގެ ޤަދީމީ ޒަމާނުގެ މީހުންނަކީ، އެތައް ކަލާނގެއަކަށް އީމާންވެގެން ތިބި ބަޔެއް ނޫނެވެ. ސާފު ޢަޤީދާގެ މަތީގައި އެބައިމީހުން ތިބިހައި ހިނދަކު އީމާންވެގެން ތިބީ އެއްކައުވަންތަ ކަލާނގެ އަށެވެ. މި ލިޔުމުގައި ނަންގަނެވިފައިވާ "ޙިކުމަތުގެ ކަލާނގެ" ފަދަ ބަސްތަކަކީ، ނެތް ބަސްތަކެކެވެ. އެފަދަ ބަސްތައް އުފެދުނީ، މިޞްރު ބަސް، އެހެން ބަސްތަކަށް ތަރުޖަމާ ކުރުމުގެ ތެރޭގަ އެވެ. ޞައްޙަ ގޮތަކީ، "ޙިކުމަތުގެ މަލާއިކަތާ" އެވެ. މިޞްރުގެ ޤަދީމީ ޒަމާނުގެ މީހުން، މަލާއިކަތުންނަށް އީމާންވި އެވެ. އެބައިމީހުންނަކު، ޙިކުމަތުގެ ކަލާނގެ، ވާރޭގެ ކަލާނގެ، މަރުގެ ކަލާނގެ، މިހެން ކިޔައެއް ނޫޅެ އެވެ. އެކަމަކު އެބައިމީހުން ކިޔައި އުޅުނީ، ޙިކުމަތުގެ މަލާއިކަތާ، ވާރޭގެ މަލާއިކަތާ، މަރުގެ މަލާއިކަތާ، މިހެންނެވެ. (މަޞްދަރު: ޑރ. ނަދީމުއް ސައްޔާރުގެ ދިރާސާތައް)


މަޞްދަރުތައް:
ކީރިތި ޤުރުއާނުގެ ތަފުސީރު.
ތައުރާތުގެ ތަފުސީރު.
ލިސާނުލް ޢަރަބް.
ވިކިޕީޑިއާ.
ޝަބަކަތުލް އިޢުލާމިލް ޢަރަބިއްޔާ (މަޖައްލާއެއް).
ދިވެހި ބަސްފޮތް.
http://religion.mrugala.net


ހަމަމިގަލަމުން

އިދާރާ

ވާހަކަ