އަދުގެ ޚާއްސަ

Print

އެ ދަބަސް

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ވާހަކަ



ލިޔުނީ: ޅޮހީ އަބްދުއްރަޙީމް / މަނަދޫގެ

އަހަރެންނަށް ހޭލެވުނީ ބާޒެއް ގޮވާލި އަޑަށެވެ. ވަށައިގެން ބަލައިލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވާނުވާ ނޭނގި އެތައްއިރަކު އޮންނަން ޖެހުނެވެ. މުޅި މާހައުލުވަނީ ބަދަލުވެފައެވެ. އެތައް އިރަކު ވިސްނަން އޮތުމަށްފަހު މަޑުމަޑުން ލޯމެރެމުން ދަނިކޮށް ޝިރާއޭ ކިޔާ މީހަކު ގޮވާލިއަޑަކަށް އަނެއްކާވެސް ލޯހުޅުވާލެވުނެވެ. އެއީ ނަވާޒުގެ އަޑެވެ. އަޑު އަންނަމުންދިޔައީ ކުޑަދޮރާ ދިމާއިންނެވެ. ކުޑަދޮރު ހުންނާނީ ގޯތިތެރޭގައިވާ ގަސްތަކުގެ ތެރެއަށް ހުޅުވާލެވޭ ގޮތަށެވެ. "ޝިރާ" އަނެއްކާވެސް ނަވާޒުގެ އަޑުކުރިއަށްވުރެ ބާރަށް އިވިގެން ދިޔައެވެ. ނަވާޒުގެ އަޑު ކުރިއަށްވުރެ ބާރަށް އިވިގެންދިޔައެވެ. ނަވާޒުގެ އަޑުން ކޮންމެވެސް އާދަޔާޚިލާފު ކަމެއް ފާހަގަކުރެވުނެވެ. ޝިރާ މަޑު މަޑުން، އެއްވެސް އަޑެއް ބަޑެއް ނީވޭ ގޮތަށް ފައިއަޅަމުން ގޮސް ކުޑަދޮރު ހުޅުވާލައިފިއެވެ.

ނަވާޒު ވަލު މީދަލެއްހެން ކޮޓަރިތެރެއަށް ދެމިގަތެވެ. އޭރު ނަވާޒުގެ މޫނުމަތީގައި ވާ ދާ ތިކިތައް ބޭރުން ދީފައިވާ ހަނދުވަރު، އެޅުމުން ދިއްލެމުންދެއެވެ.
"ކިހިނެއްތަވީ؟ އަނެއްކާ އެގޭ ތެރޭން އެއްވެސް ކަހަލަ ކަމެއް ފެނުނީތަ؟ " ޝިރާ ވައިއަޑުން ސުވާލުތައް ފުނިޖަހާލިއެވެ.
ނަވާޒް އާނއެކޭ ބުނާ ގޮތަށް ބޯ ޖަހާލިއެވެ.

ޝިރާ އަނެއްކާވެސް ސުވާލުތައް ކުރަން އުޅުމަށްފަހު، ވިސްނާލިއެވެ. ނަވާޒް ހަމަޖެހިލަންދެން މަޑުކޮށްލާނީއެވެ. ޝިރާ ނަވާޒް އެނދުމަތީގައި ބެއިންދުމަށްފަހު، ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނަވާޒް ގާތަށް އައުމަށްފަހު، ހަމަޖެހިލުމަށް އެދުނެވެ.

ނަވާޒް ވެސް ހުރީ ބިރުގަނެފައި ހުރި ކަހަލަގޮތަކަށެވެ. މާނޭވާ ލަމުންދަނީއެވެ. ކޮޓަރީގެ ފަންކާ އޭގެ ބާރުމިނުގައި އެނބުރެމުން ދިޔައިރުވެސް، ނަވާޒުގެ މޫނުން އޮއްދާ ހިއްލަމުންދަނީއެވެ.

ނަވާޒާ ޝިރާނަކީ އެއްކުލާހެއްގައި ކިޔަވަމުން އައިސް މިހާރު ގުރޭޑް ދިހައަކަށް ބަދަލުވެފައިވާ ދެކުދީންނެވެ. ދެ ކުދިންނަކީވެސް އައްޑު އަތޮޅު މުޙިއްބުދީން ސުކޫލުގައި ކިޔެވުމުގެ ރޮނގުން ފާހަގަކޮށްލެވޭ ދެކުދީންނެވެ. ނަވާޒަކީ އިސްކޮޅުން ދިގު، ހިކި، ދޮން ކުއްޖެކެވެ. ނަމަވެސް ޝިރާނަކީ ކަޅު ނަމަވެސް ހިކި، ދިގު ކުއްޖެކެވެ.

ދުވަސްވަރަކީ ސުކޫލު ބަންދުވެފައިވާ ދުވަސްތައް ކަމުން، ދެކުދިންވެސް ޗުއްޓީގައި ތަފާތުކަންތައްތައް ކުރަމުން ދަނިކޮށް ފާހަގަކުރެވުނީ، ޝިރާނުމެންގޭގައި އާދަޔާޚިލާފު ދެމަފިރިޔަކު އުޅޭކަމެވެ. އެދެމީހުންނަކީ ދުވާލު އެއްގޮތަކަށްވެސް ބޭރަށް ނުކުމެ އުޅޭ ބަޔެއް ނޫނެވެ. އަދި ރަށަށް އަންނަނީވެސް ހަމައެކަނި ބޮޑު ޗުއްޓީގައި ކަމަށްވާތީ ރަށުގެ ގިނަމީހުންނަކަށް މިކަން ފާހަގަކުރެވިފައެއްނެތެވެ.

މިކަންތައް އެންމެ ފުރަތަމަ ފާހަގަކުރެވުނީ ޝީރާނަށެވެ. ކޮންމެ ރެއަކު ދަންވަރު އިވެމުންދާ ބާޒުގެ އަޑާއި، އަދިވެސް އިވެމުންދާ ތަފާތު އަޑުތަކެވެ. ކޮންމެ ރެއަކުވެސް އެއްގަޑިއެއްގައި އެގޭ ތެރޭގައި ހޭލައިގެން އެމީހުން ކުރަމުންދާ ކަންތައްތަކެވެ.

މިހުރިހާ ކަމެއް ޝިރާން ނަވާޒަށް ކިޔައިދިނެވެ. އަދި މިކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން ސިއްރުތަކެއްތޯ ބެލުމަށް ދެމީހުން ވަޢުދުވުމަށްފަހު، މަސައްކަތް ކުރަމުންދިޔައީ އެގޭތެރޭގައި އެވާ ކަންތައްތައް ހޯދުމަށެވެ.

ފުރަތަމަ ހަފުތާގައި އެދެމީހުން ނިންމީ ރޭގަނޑު ހޭލާތިބެގެން އެގޭތެރޭގައި ވާ ކަންތައްތަކުގެ ހަޤީޤަތެއް އެނގޭތޯ ފާރަލުމަށެވެ. ޝިރާންގެ ގޯތިތެރޭގައި ވާ ގަސްތަކުގެ ތެރޭގައި އެދެމީހުން އެމީހުންނަށް ފާރަލަމުންދިޔައެވެ. މިދުވަސްތަކުގައި ފާހަގަކުރެވުނީ ރޭގަނޑު މެންދަމު ވަކި ގަޑިއެއްގައި އެހިސާބުގައިވާ މަގުމަތީ ބައްތިތައް ނިވާލާކަމެވެ. އަދި ފޭދުއާ ދިމާއިން އަންނަ ބަހެއް އެގޭ ދޮށަށް މަޑުރާކަމެވެ. އަދި ބަޔަކު އެގެޔަށް ވަދެފައި ގަޑިއެއް ހާއިރު ވުމުން އަލުން އެނބުރިދާ މަންޒަރެވެ. ނަމަވެސް އެކަންތައްތައް ވަމުންދިޔައީ ހަފުތާގެ ބައެއް ރޭރޭގައެވެ. އެގޮތަށް ދުވަސްތައް ފާއިތުވަމުން ދަނިކޮށް، ޝިރާން ކުޑަކޮށް ބަލިވުމުން ނަވާޒް ނިންމީ، ނަވާޒް އެކަނި އެކަންތައްތައް ކުރުމަށެވެ.

އެރޭ ނަވާޒްހުރީ ކަމެއް ދިމާވެއްޖެނަމަ ޝިރާނަށް ގޮވާށެވެ.  އެރޭ ދިމާވި އާދަޔާޚިލާފު ޤަބޫލުކުރަންދަތި މަންޒަރުތައް ނަވާޒުގެ ލޯމަތީގައި ވަނީ ވެ ނިމިގޮސްފައެވެ.
"ނަވާޒް. ނަވާޒް... ކިހިނެއްތަ ވީ؟ ކަމެއް ގޯސްވީތަ؟ އަނެއްކާ އެމީހުންނަށް ނަވާޒް ފެނުނީތަ؟" ޝިރާ ސުވާލުކުރަމުން ދިޔައެވެ.
"ނޫން" ނަވާޒުގެ އަޑު އަދިވެސް އަންނަނީ ވަރަށް އުނދަގުލުންނެވެ. ފެންފޮދެއް ދިރުވާލުމަށްފަހު، ނަވާޒަށް ފެނުނު ކަންތައް ޝިރާއަށް ކިޔައިދޭން ފެށިއެވެ.
” ޝިރާއަށް އެނގޭތަ؟ އެމީހުންނަކީ ކޮންމެވެސް ކަހަލަ ވައްކަމެއްގައި ބައިވެރިވަމުންދާ ބަޔެއް.. އަހަރެން މިރޭ ދުށިން އެގޭތެރެޔަށް ދަބަސްތަކެއް ވެއްދިތަން....."
"ދެން ކިހިނެއްވީ؟" ޝިރާން ޝައުގުވެރިކަމާއެކު އަހާލިއެވެ.

" ދެން އަހަރެން ދިޔައީ އެގޭ ވަލުފަރާތަށް...... ފާރުމަތިން ފުންމާލައިގެން ގަސްތަކުގެ ތެރޭގައި ހުއްޓާ އިވުނީ ކުޑަކުއްޖަކު ރޯން ފެށި އަޑު"
"ކުޑަ ކުއްޖެކޭ......" ޝިރާން ހަނދާންކުރަމުން ބުނެލިއެވެ. " ޔަގީނުންވެސް އެގޭގައި ކުޑަ ކުއްޖެއް ނުހުންނާނެ......"
"އަހަރެންނަށްވެސް އެނގޭ. އެކަމު އިނގޭތަ އެއީ ކޮންއަޑެއްކަން؟" ނަވާޒް ސުވާލުކުރުމަށްފަހު ވާހަކަދައްކަމުން ދިޔައެވެ.

"އެއީ އަލަށް ވިހޭ ކުއްޖެއް.. ދެން އިރުކޮޅަކުން ފެނުނީ ވަލުފަރާތަށް  ހުންނަ ދޮރު ހުޅުވާލިތަން. އެވަގުތު އަހަރެން ބިރުން ކިރިޔާ މަރުނުވީ. އަހަރެން ހީކުރީ އެމީހުން އަންނަނީ އަހަރެންނާއި ދިމާއަށް ކަމަށް"
"ދެން" ޝިރާން ގެ މޭގަނޑުވެސް ތެޅެން ފެށިކަހަލައެވެ.

" ދެން ދެ ފިރިހެނަކު ކުޑަ ބައްތިއެއް ހިފައިގެން ދޮރޯށިން ނުކުތީ ވަލުފަރާތަށް. އެކަކު އަތުގައި އޮތީ ދަބަހެއް. އޭރުވެސް ހަނދުވަރު އޮތީ ވަރަށް ރީތިކޮށްދީފަ. ދެން އެދެމީހުން ވަލުތެރެއަށް ވަދެގެންގޮސް، މިސްރާބުޖެހީ އޮޅުއަލަވެލާއި ދިމާއަށް. އަހަރެންވެސް ވަރަށް މަޑުމަޑުން އެމީހުން ފަހަތަށް ދިޔައީ"

" ދެން އިރުކޮޅެއްނުވެ އެމީހުންވަނީ މިހާރު  ބޭނުން ނުކުރާ އޮޅުއަލަ ދަނޑަކަށް. އެތަނަށް ވަނުމަށްފަހު އެދަބަސް ވަޅުލީ" ނަވާޒު ނޭވާއެއް ދޫކޮށްލަމުން އެވާހަކަ ނިންމާލިއެވެ.

"ނަވާޒްއަށް އެނގޭތަ އެދަބަސް ވަޅުލިތަން" ޝިރާން މަޑުމަޑުން ކަންބޮޑުވެފައިވާ ރާގަކަށް އަހާލިއެވެ.
ނަވާޒް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

އޭރު ފަތިސް ނަމާދު ބަންގިގޮވަން ކައިރިވަނީއެވެ. ނަވާޒްއާއި ޝިރާން މާދަމާ އެ ދަބަހުގައި ހުރީ ކޮންއެއްޗެއްތޯ ބެލުމަށް ނިންމުމަށްފަހު، ނަވާޒްދިޔައީ ކައިރީގައި ހުރި ނަވާޒްގެ ގެޔަށެވެ.

އާ ދުވަހަކަށް އިރުއެރީ ހަމަ އެހެން ދުވަސްތަކެކޭ އެއްފަދައިންނެވެ. ނަވާޒް ސައިބޮއިގެން އަވަހަށް އަވަސްވެގަތީ އެދަބަހުގައި ހުރީ ކޮންއެއްޗެއްތޯ ބެލުމަށްޓަކައި ޝިރާން ގޮވައިގެން ދިޔުމަށެވެ.

ވަލުތެރޭން ވަދެގެން ބިޔަގަސްތަކާއި ރުއްތަކުގެ ތެރޭން ލާފައި ދިޔައިރު ދެކުދިންވެސް ވިސްނަމުންދިޔައީ ދަބަހުގައި އޮންނާނެ އެއްޗަކާއި މެދުއެވެ. އަނެއްކާ އެދަބަހުގައި ވަނީ އެމީހުން ވަގަށްނެގި އަގުބޮޑު ކޮންމެސް އެއްޗެއްނޫންބާވައެވެ؟ ނުވަތަ ކޮންމެވެސް ފައިސާތަކެއް ނޫންބާވައެވެ.؟ މިފަދަ ސުވާލުތައް ދެކުދިންގެ ސިކުނޑިއަށް އަރާ ފައިބަމުން ދިޔައެވެ.

އިރުކޮޅެއްނުވެ ދެކުދިން ތިބީ އޮޅުއަލަ ދަނޑުގެ ތެރޭގައެވެ. އެއްވެސް މީހަކު ބަލަހައްޓާ އޮޅުއަލަ ދަނޑަކަށް  ނުވާތީ ހުރިހާ ގަހެއްވަނީ ދޮންވެފައެވެ. އަދި ބައެއް ގަސްގަސް ހުރީ ހިކެން ފަށާފައެވެ. ވަށައިގެން ހުރި އެހެން އޮޅުއަލަ ދަނޑުތައް ހުރީ މާދުރުގައެވެ. އަދި މުސްކުޅިފުރައިގެ މީހުން އެމީހުން ދަނޑުގައި ތިބިގެން، ވާހަކަދައްކާ އަޑު މަޑުމަޑުން އެ ހިސާބަށް އިވެމުން ދިޔައެވެ.

ނަވާޒް ބަލާކަށް ނުހުރެއެވެ. އެދަބަސް ވަޅުލިތަން ކޮންނަން ފަށައިފިއެވެ. އޭރު ދެކުދިން ތިބީ އޮޅުއަލަ ވެލަށް އެރިގެންނެވެ. އިރުކޮޅެއްނުވެ ކަޅު ލެދަރުން ހަދާފައިވާ ވަރުގަދަ ދެފޫޓުގެ ދިގު ދަބަހެއް ނަވާޒްގެ އަތުގައި ޖެހިއްޖެއެވެ. އެދަބަސް ލިބުމުން ދަބަހުގައި ކޭތިފައިހުރި ކިސަޑުތަކަށް ނުބަލާ ނަވާޒް ދަބަސް ހުޅުވާލިއެވެ.

ދެކުދިންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ޝިރާނަށް ފެނުނު މަންޒަރު ގަބޫލެއް ނުކުރެވުނެވެ. ގަތްބިރުންނާއި ލިބުނު ސިހުން ބޮޑުކަމުން ދެމީހުންނަށްވެސް އެއްފަހަރާ ހަޅޭއްލަވައިގަނެވިއްޖެއެވެ.

ނަވާޒް ބިރުން ބޭއިޚްތިޔާރުގައި އަޑުން އަޑު ނަގާ ރޯން ފެށުނީއެވެ. މާދުރުނޫން އޮޅުއަލަ ވެލެއްގައި ހުރި އަލިދީދީ ހީކުރީ ކުއްޖަކު އޮޅުއަލަ ދަނޑަށް އެރިގެން އުޅެނިކޮށް ގެނބޭތީ ހަޅޭއްލަވަނީ ކަމަށެވެ. އަވަސް އަވަހަށް އަލިދީދީ ފަރުވާތެރިކަމާއެކު އެތަނަށް އަތުވެއްޖެއެވެ.

އަލިދީދީ އައިއިރުގައި ޝިރާން ނަވާޒް ހަމަޖެއްސުމަށްފަހު، ފުލުހުންނަށް ވަގުތުން ފޯނު ކޮށްފިއެވެ. އަލިދީދީ މިތަނަށް އައިސް އެ ދަބަހުގެ އެތެރެ ފެނުމާއެކު ފާޑަކަށް ބޯ އަނބުރައި ގަންނަ ކަހަލަގޮތެއް ވެއްޖެއެވެ.

ދަބަހުގައި އެވަނީ އިންސާނެއްގެ ބަނޑުން ވިހާފައިވާ ކުއްޖެއްގެ ބޯ ބުރިކޮށްލާފައިވާ ހަށިގަނޑާއި ބޮލެވެ. މުޅި ދަބަސްތެރޭގައި އޮތީ ހުސްލެޔެވެ. ހީވަނީ ބޮޑުއީދަށް ކަތިލާފައި އޮތް ކުކުޅެއްހެންނެވެ.

އިރުކޮޅެއްނުވެ މުޅި ހިސާބުގަނޑުގައި މީހުން ޖަމާވެއްޖެއެވެ. ފުލުހުން އެތަނަށް އައިސް ދަބަހާއި ނަވާޒާއި ޝިރާން އަދި އަލިދީދީއާއި އެކުގައި ފުލުސް އޮފީހަށް ގެންގޮސްފިއެވެ.

ވަގުތުން އެކަންތައް ވީ ގޮތް ހޯދުމަށްޓަކައި މާލޭން ފުލުހުންގެ ޚާއްޞަ ޓީމެއް އައްޑުއަށް ހިނގައްޖެ އެވެ.  ނަވާޒާއި ޝިރާން ދިން މައުލޫމާތުގެ އަލީގައި އެ ބިރުވެރި ގޭގައި އުޅޭ ދެމީހުން ހައްޔަރުކުރުމަށްފަހު ސުވާލުކުރެވެން ފެށިއެވެ.

މިކަމުން ފުލުހުންނަށް  އެނގުނީ މި ދެމީހުންނަކީ އިނދެގެން އުޅޭ ދެމީހުން ނޫންކަމާއި އަދި އަންހެންމީހާ ބަނޑުބޮޑުވެފައިވަނީ އެހެން މީހަކަށް ކަމެވެ. އަދި އެކުއްޖާ ވިހެއުމުން މަރާލީ ފިރިހެން މީހާއާއި އޭނާގެ އެހެން ރަހުމަތްތެރިޔަކާއި ދެމީހުންކަމެވެ.

ތަހުގީގުގައި އަދިވެސް މިދެމީހުން ތަފާތު އެތައް ވައްކަމެއްގައި ސާމިލުވާކަމާއި، އަދި މި ދެމީހުންގެ ދަށުގައިވާ ވައްކަންކުރާ އެތައްބަޔަކު މި ތަހުގީގުގެ ސަބަބުން އަތުލައިގަނެވުނެވެ.

އަދި އޭގެއިތުރުން މި ހާދިސާއަށްފަހު އެއްމަސް ތެރޭގައި އައްޑުއަތޮޅުން ނުވަދިހަ އިންސައްތަ ވައްކަން އައްޑުއަތޮޅުން މަދުވެގެން ދިޔައެވެ. ތަހުގީގު ނިމި މިހުރިހާ އެންމެން  ޖަލަށްލުމަށް ހުކުމް ކުރެވުނެވެ.

އައްޑު އަތޮޅު ޕޮލިސް ސުޓޭސަނުގައި ހުރި ހޯލުގައި ހާއްސަ ހަފުލާއެއް ހިނގަމުން ދިޔައެވެ. ހަފުލާ ސަރަފުވެރި ކޮށްދެއްވަނީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއެވެ. މިހަފުލާ ފެށިގެން ދިޔުމާއެކު އަޑު އިވިގެންދިޔައީ، " މިހަފުލާއަކީ ވަރަށް މުހިއްމު އަދި ބޮޑު މައްސަލައެއްގެ ފެށުން އަދި، އެ ތަހުގީގަށް ބޭނުންވާ ހުރިހާ ހެއްކެއް ހޯދައިދީފައިވާތީ ސ.ހިތަދޫ މަންޒިލް އަލީ ނަވާޒާއި، އަދި ގުގުރިގޭ މުހައްމަދު ސިރާނަށް  ދިވެހިރާއްޖޭގެ ފުލުހުންނަށް ދޭ އެންމެ މަތީ ޝަރަފުދިނުމަށާއި، ބޭރުން ފޮލިހުގެ ފަރާތުން މި ކުދިންގެ ކިޔެވުމަށް ސުކޮލަރޝިޕް ހަވާލުކުރުމަށް ބޭއްވޭ ޖަލްސާއެއް"
އެވަގުތު ނަވާޒާއި ޝިރާން ދެމީހުން ދެމީހުންނަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އެވަގުތު މުޅި ހޯލްތެރެ ތަރުހީބުގެ އަޑުން ގުގުމަމުން ދިޔައެވެ.

(ނިމުނީ)

ނޯޓު: މިއީ 2008 ވަނަ އަހަރު ސީ.އެޗް.އެސް.އީ ގައި ބޭއްވުނު ކުރުވާހަކައިގެ މުބާރާތުގައި މުޅި މުބާރާތުން އެއްވަނަ ލިބުނު ވާހަކައެކެވެ.
                                                                - ޅ. ޢ. ރ -

އިދާރާ

އެނގޭތަ؟

ވާހަކަ