އަދުގެ ޚާއްސަ

Print

ކޮންކަހަލަ ދީނެއް

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

ޑޮކްޓަރ ރާދާކްރިޝްނަންއަކީ (1975-1888) އިންޑިޔާގެ މަޝްހޫރު ލިޔުންތެރިއެކެވެ. ފިލޯސަފަރެކެވެ. އޭނާ ލިޔުއްވި ފޮތްތަކުގެ ތެރެއިން އެއްފޮތެއްގެ ނަމަކީ، [ދީނާއި ޘަޤާފަތު] (Religion and Culture) އެވެ. އެފޮތުގައި އޭނާ ސާބިތުކުރައްވައިފައިވަނީ، ދީނަކީ އިންސާނާއަށް ކޮންމެހެން ބޭނުން އެއްޗެއްކަމެވެ. ދީނަކާ ނުލައި އިންސާނާއަށް ދިރިނުހުރެވޭނެ ކަމެވެ. މި މައިގަނޑު ނަމުގައި ވާހަކަ ދައްކަވަމުން އޭނާ ލިޔުއްވައިފައިވެއެވެ. އިންސާނާގެ ޙަޔާތުގައި ސުވާލު އުފެދެނީ، އޭނާ އުޅެންވީ ދީނަކަށްތޯ ނުވަތަ ދީނަކަށް ނޫންތޯއެއް ނޫނެވެ. ސުވާލަކީ، އޭނާ އުޅޭންވީ ކޮންކަހަލަ ދީނަކަށްތޯ މި ސުވާލެވެ.

There is no question of religion or no religion, but what kind of  religion.

    ޑޮކްޓަރ ރާދާކްރިޝްނަން އެބާވަތެއްގެ ދީންތަކާމެދު ވަކާލާތުކުރައްވާ ދީންތަކަކީ، ދީންތަކުގެ ވަޙްދަތުގެ ޢަޤީދާގެ މައްޗަށް ބިނާވެފައިވާ ދީންތަކެވެ. މާނައަކީ، ބޭރުފުށުގެ ފަރަގެއްހުރި ކަމުގައިވިޔަސް، ހުރިހައި ދީންތަކެއްގައިވެސްވަނީ މުޅި ދުނިޔެ ޝާމިލުވާ އެއް ޙަޤީޤަތެއްކަމުގެ ތަޞައްވުރު ގެންގުޅޭ ދީންތަކެވެ.

    ޙަޤީޤަތުގައި މި ނަޒަރިއްޔާ އުފައްދައިފައިވަނީ، އެއްޗެއްގެ ބަޔަކީ މުޅި އެތިކަމަށް ޤިޔާސްކޮށްގެންނެވެ. ޝައްކެއްނެތެވެ. ތަފާތު ދެ ޙަޤީޤަތެއްގައި ކުދިކުދި ފަރަގު ހުރެދާނެއެވެ. އެ ކުދިކުދި ތަފާތާއެކުވެސް، ދެ ޙަޤީޤަތަކީ އެކައްޗެއް ކަމުގައި ގަބޫލު ކުރެވިދާނެއެވެ. ނަމަވެސް، އެ ތަފާތަކީ، އެކަތި އަނެކައްޗާ މުޅިން ފަރަގުކޮށްދޭ ތަފާތެއް ކަމުގައި ވެއްޖެނަމަ، އޭގެތެރެއިން ޙަޤީޤަތާ އެއްގޮތްކަމުގައިވާނީ، ކޮންމެވެސް އެކައްޗެކެވެ. މިސާލެއްގެ ގޮތުން، އެއް ދީނެއްގައި ކަލަކު ވޮޑިގެންވާ ކަމުގައި ދަޢުވާކުރާއިރު، އަނެއް ދީނެއްގައި މުސްތަޤިއްލު ޒާތުފުޅެއްގެ ހައިސިއްޔަތުން ކަލަކު ވޮޑިގެން ނުވާކަމުގައި ބުނާނަމަ، އޭގެތެރެއިން ތެދުކަމުގައިވާނީ ކޮންމެވެސް އެއް ދީނެއް ބުނާ ބުނުމެކެވެ.

    ދީންތަކުގެ ތެރެއިން އެއްބާވަތަކީ، ޒާތީ ތަޖުރިބާ އެ ދީންތަކުގެ ބިންގަލެއް ކަމުގައިވާ ދީންތަކެވެ. މިބާވަތުގެ ދީންތަކަކީ، އެއްގޮތަކަށްވެސް ގަބޫލުކުރެވޭފަދަ ދީންތަކެއް ނޫނެވެ. އެހެނީ އަސްލު ސުވާލަކީ، އެ ދީނެއްގެ އިތުބާރުގެ ސުވާލެވެ. ޒާތީ ތަޖުރިބާގެ ބިންގަލުގެ މައްޗަށް ބިނާކުރެވިފައިވާ ދީނަކަށް އިތުބާރުހުރި ދީނެކޭއެއް ނުބުނެވޭނެއެވެ. އެހެންކަމުން، އެފަދަ ދީނަކީ ގަބޫލުކުރެވޭފަދަ ދީނަކަށްވެސް ނުވާނެއެވެ.

    އިންސާނާ ޚިޔާރުކުރާންވީ ކޮންކަހަލަ ދީނެއްތޯ ކުރެވޭ ސުވާލަށް ހަމަ ސީދާ ޢިލްމީގޮތުން ޖަވާބުދޭނަމަ، އެ ސުވާލުގެ ޖަވާބަކީ، އިންސާނާ އުޅޭންވީ، އެ ދީނަކީ ދީނެއްކަން ސާބިތުވެފައިވާ ދީނަކަށޭ ދެންނެވުމެވެ. މާނައަކީ، އެ ދީނަކީ ތާރީޚުގެ މިންގަނޑުން ބަލާއިރު އިތުބާރުހުރި ދީނެއްކަމުގައި ވުމެވެ. އެ ދީނެއްގެ ނަބިއްޔާއަކީ ތާރީޚީގޮތުން ބަލާއިރު، އެބޭކަލަކު އުޅުއްވިކަން ސާބިތުވާ ބޭކަލަކު ކަމުގައިވުމެވެ. އެ ދީނެއްގެ ފޮތަކީ އެއްވެސް އުނިއިތުރެއްނައިސް، އެ ފޮތް ބާވައިލެއްވިގޮތަށް ރައްކާތެރިކުރެވިފައިއޮތް ފޮތެއް ކަމުގައިވުމެވެ. ތާރީޚުގެ ތަރާދުން ކިރައި ވަޒަންކުރާއިރު، އެ ފޮތަކީ އިތުބާރުހުރި ފޮތެއް ކަމުގައިވުމެވެ.

    އިސްލާމްދީނަކީ، އިންސާނީ ފިޠުރަތާ އެއްގޮތް ދީނެކެވެ. އިސްލާމްދީނަކީ، އިންސާނީ ޠަބީޢަތު އެދިގޮވާ ބާވަތުގެ ދީނެކެވެ. އެހެންކަމުން، އިސްލާމްދީން އޮޅުންފިލުމާއެކު، މީހުން އެ ދީން ގަބޫލުކުރަނީ، ތިމާގެ އަމިއްލަ ހިތުގެ އަޑު ގަބޫލުކުރާ ފަދައިންނެވެ.

    މިސް ސެންޑްރާ ސްޓާރލިންގަކީ (Sandra Sterling) އެމެރިކާގެ އަންހެންކުއްޖެކެވެ. އޭނާ ދިރިއުޅެނީ އެމެރިކާގެ ވެރިރަށް ވޮޝިންގޓަނުގައެވެ. އޭނާ މިހާރު ވަނީ އިސްލާމްދީން ގަބޫލުކޮށްފައެވެ. އޭނާގެ އިސްލާމީ ނަމަކީ، ޢާލިޔާ ސްޓާރލިންގ (Alia Sterling) އެވެ.

    މިސް ޢާލިޔާ އޭނާގެ ޙަޔާތުގެ ވާހަކަ ކިޔައިދެމުން ބުނެފައިވެއެވެ. އެއްދުވަހަކު އަޅުގަނޑަށް އަޅުގަނޑުމެންގެ ގޭގެ އަލަމާރިން ފޮތްތަކެއް ފެނުނެވެ. އަޅުގަނޑުގެ މަންމަ އެފޮތްތައް ބައްލަވައިގަތީ، މާމަ އަރިހުގައި ޤާހިރާގައި އުޅުއްވި ދުވަސްވަރުއެވެ. މާމައަކީ ޤާހިރާގައި ހުންނަ އެމެރިކާގެ އެމްބަސީގެ އޮފިޝަލެކެވެ. އެ ފޮތްތަކުގެ ތެރެއިން އެއްފޮތަކީ، ކީރިތި ޤުރްއާނުގެ އިނގިރޭސި ތަރުޖަމާއެކެވެ. އަޅުގަނޑު އެ ތަރުޖަމާ ކިޔަން ފަށައިފީމެވެ. އެ ތަރުޖަމާ ކިޔަންފެށުމުން، އަޅުގަނޑުގެ ހިތުގައި އިސްލާމްދީނާމެދު ޝައުޤުވެރިކަން އިތުރުވާން ފެށިއެވެ. އެއަށްފަހު އަޅުގަނޑު ވޮޝިންގޓަނުން އިސްލާމީ ތާރީޚާއި އިސްލާމްދީނުގެ ނަބިއްޔާގެ ޙަޔާތްޕުޅާ ބެހޭގޮތުން އިތުރު ފޮތްތައް ހޯދައިފީމެވެ. އެ ފޮތްތައް މުޠާލިޢާ ކުރީމެވެ. މިގޮތުން އިސްލާމްދީނާ ދިމާޔަށް އަޅުގަނޑުގެ ދަތުރު ފެށިއްޖެއެވެ. އަޅުގަނޑުގެ ހިތުގައިވާ ހުރިހައި ސުވާލުތަކަކަށް، އިސްލާމްދީން އަޅުގަނޑަށް ޖަވާބު ދިނެވެ.

Islam answered all the questions I had in mind.

    އިސްލާމްދީން ބިނާވެފައިވަނީ، ތައުޙީދުގެ މައްޗަށެވެ. އެއީ އިސްލާމްދީން އެހެން ހުރިހައި ދީންތަކާ ތަފާތުކޮށްދޭ ކަމެކެވެ. މިސާލެއްގެ ގޮތުން ޔަހޫދީ ދީނުގައިވެސް ވާހަކަ ދައްކަނީ އެއްކައުވަންތަ ކަލަކާ މެދުގައެވެ. ނަމަވެސް އެ ދީން ގަބޫލުކުރާ މީހުން ދަޢުވާކުރާ ގޮތުގައި، މާތް اللّه އެކަލާނގެ ހުރިހައި ނިޢުމަތްތަކެއް ޚާއްޞަ ކުރައްވައިފައިވަނީ އެންމެ ޤައުމެއް (ޔަހޫދީން) ގެ މައްޗަށެވެ. އެކަން އަޅުގަނޑުގެ ވިސްނުމަކަށް ގަބޫލެއް ނުކުރެވުނެވެ. މާތް اللّه އަކީ ހުރިހައި އެއްޗެއްގެ ޚާލިޤު ކަމުގައިވާއިރު، އެކަލާނގެ ހުރިހައި ނިޢުމަތްތަކެއް އެއް ގިންތިއަކާމެދު ޚާއްޞަ ކުރައްވަންވީ ކީއްވެގެން ހެއްޔެވެ؟

    އަނެއްކޮޅުން ކްރިސްޓިއަނުންގެ ކަންތައް ހުރިގޮތަކީ، އެބައިމީހުން ބުނަނީ، މަސީޙަކީ މާތް اللّه ގެ ދަރިކަލެއް ކަމުގައެވެ. އެކަމަކު މާތް اللّه ގެ އިލާހުވަންތަކަމުގައި އެހެން އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް އޮތުމަކީ އަޅުގަނޑަށް ގަބޫލުކުރެވޭ ކަމެއް ނޫނެވެ. އަޅުގަނޑު ވަރަށްގިނަ ދުވަސްވަންދެން މިކަންކަމާމެދު ވިސްނައި ފިކުރު ކުރީމެވެ. އެންމެފަހުން އަޅުގަނޑު، މާތްވެގެންވާ އިސްލާމްދީން ޚިޔާރުކުރިކަން އިޢުލާން ކުރީމެވެ.

(Islamic Voice, Bangalore, November 1987)

    އިންސާނާގެ ފިޠުރަތުގައި އޭނާ އެދޭ ދީނުގެ މޮޑެލް، ކުރިއްސުރެ ބިންވަޅު ނެގިފައިވެއެވެ. މީހަކަށް ޙައްޤު ދީން އޮޅުންފިލާއިރަށް އެމީހަކު ވަގުތުން އެ ދީން ގަބޫލުކުރަނީ، އޭނާގެ ފިޠުރަތުގައި ބިންވަޅު ނެގިފައިވާ މޮޑެލާ އެއްގޮތް ދީނަކީ ހަމައެކަނި އެ ދީން ކަމުގައި ވާތީއެވެ. އޭނާގެ ޠަބީޢަތު އެދިގޮވާ ދީނަކީ އެ ދީން ކަމުގައި ވާތީއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ