އަދުގެ ޚާއްސަ

Print

ރާހީގެ ޙަޤީޤަތަކީ ކޮބާ؟

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސައިންސް



ޢަބްދުﷲ ނަޢީމު އިބްރާހީމް

އެސްޓްރޮލޮޖީއަކީ ނުވަތަ ނުޖޫމީ ޢިލްމަކީ ތަރިތަކުގެ ސަބަބުން ދުނިޔެއަށާއި އެހެނިހެން ތަކެއްޗަށް ކުރާ އަސަރު ދެނެގަތުން ކަމަށް އެ ޢިލްމުގެ އަހުލުވެރިން ބުނެއެވެ. އެކަމަކު ޢާއްމު ގޮތެއްގައި މި ޢިލްމުގެ ބޭނުން ކުރެވެނީ ތަރިތަކުގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް ކުރާ އަސަރުތައް ބަޔާން ކޮށް ދިނުމުގެ ގޮތުންނެވެ.

އިރާއި ހަނދާއި ތަރިތަކަކީވެސް އިންސާނުން ފަދައިން ﷲ ހައްދަވައިފައިވާ ތަކެއްޗެވެ. މިއީ މުސްލިމުން ނޫން މީހުންވެސް ޤަބޫލު ކުރާ ކަމެކެވެ. ވުމާއެކު އެސްޓްރޮލޮޖީ ނުވަތަ ނުޖޫމީ ޢިލްމުގެ ޙަޤީޤަތުގެ މައްޗަށް ކުރެވޭ ބަޙުޘަކީ ޒަމާންވީ ބަޙުޘަކަށް އޮންނަނީ ވެފައެވެ. އެއްވެސް ދުވަސްވަރެއްގައި މި ވާހަކަތަކަށް ހުއްޓުމެއް އައި ކަމެއް އެނގިފައެއް ނެތެވެ.

ގިނަ މީހުން ކުރާ ސުވާލަކީ އެސްޓްރޮލޮޖީ އަކީ ސައިންސެއްތޯ ކުރެވޭ ސުވާލެވެ. އެސްޓްރޮލޮޖީގެ މާހިރުން މި ސުވާލަށް ޖަވާބު ދެވޭތޯ މަސައްކަތް ކުރެއެވެ. ބައެއް މީހުން ބުނާ ގޮތުގައި ސައިންސެއްގެ ގޮތުގައި އެންމެ ފުރަތަމަ ފެށުނު ކަމަކީ ނުޖޫމީ ޢިލްމެވެ. ފިޒިކްސް އާއި ކެމިސްޓްރީ އާއި ބައިލޮޖީ ފަދަ ސައިންސް ތަކަށްވުރެ މާ ކުރިން ނުޖޫމީ ޢިލްމު ފެތުރިއްޖެއެވެ. ނުޖޫމީ ޢިލްމު ފެށުނީ ތަރިތަކުގެ ދިރާސާ އިންނެވެ. މި ޢިލްމުގެ މާހިރުން ބުނާ ގޮތުގައި ނުޖޫމީ ޢިލްމު ފެށިފައި ވަނީ ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގަތުމުގެ 2900 އަހަރު ކުރިންނެވެ. ނުޖޫމީ ޢިލްމުވެރިން އެކި ލަފާ ކުރުންތަކަށާއި ދިރާސާ ތަކަށް ބޭނުން ކުރަނީ ބާރަ ބުރުޖެކެވެ. އެއީ އިރު ހިނގާ ބާރަ ބުރުޖެވެ. ނުވަތަ އަޅުގަނޑުމެން މި ކިޔާ ރާހި ނުވަތަ ހޮރަސްކޯޕްގެ ބާރަ ބުރުޖެވެ. ކޮންމެ ބުރުޖަކީ 360 ޑިގްރީއަށް އޮންނަ ވަށް ބުރެއްގެ ބާރަ ބައިކުޅަ އެއް ބައެވެ. ނުޖޫމީ ޢިލްމުވެރިން ބުނާ ގޮތުގައި އެއިން ކޮންމެ ބުރުޖަކީ ދިރިއުޅުމުގެ ކޮންމެވެސް ކަމަކާ ގުޅިފައިވާ ބުރުޖެކެވެ. ރާހި ބެލުމުގައި މީހާ އުފަންވީ ބުރުޖާއި ސާޢަތާއި، އުފަންވީ އިރު އެހެން ތަރިތައް ހުރި ބުރުޖު ބަލައި ހަދައެވެ.

ނުޖޫމީ ޢިލްމުވެރިން ބުނާ ގޮތުގައި ތަރިއަކަށް ވާ ގޮތެއްގެ ސަބަބުން އިންސާނާގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ކުރާ ކަމަކަށް އެ މީހުންނެއް ނުބުނެއެވެ. ސައިންސާއި ނުޖޫމީ ޢިލްމާ ފުށު އަރާ ކަމަށް ބައެއް މީހުން ބުނާ އެއް ސަބަބަކީ މިއީއެވެ. ސައިންސަކީ ޙަޤީޤަތުގައި ކަމެއް ހިނގަން މެދުވެރިވާ ސަބަބާއި އެ ކަމެއް ހިނގުމުގެ ސަބަބުން ނުކުންނަ ނަތީޖާގެ ޢިލްމެވެ. ސައިންސްވެރިން ބުނާ ގޮތުގައި ސަބަބެއް އޮތް ކޮންމެ ތަނެއްގައި އެ ސަބަބެއްގެ އަސަރު ފެންނާން އޮންނާނެއެވެ. މިސާލަކަށް ހަމަ ލޮލަށް އަލި ފެންނަނީ ތަނެއްގައި އެ އަލި ގޮސް ޖެހުނީމައެވެ. އަލި ގޮސް ތަނެއްގައި ޖެހުމަކީ ސަބަބެވެ. ހަމަ ލޮލަށް އެ އަލި ފެނުމަކީ އެ ސަބަބުގެ ނަތީޖާއެވެ.

ނުޖޫމީ ޢިލްމުގައި ކުރިން މި ދެންނެވުނު ސަބަބެއް ނޯވެއެވެ. ހައްތަހާވެސް އޮންނަނީ ނަތީޖާއެވެ. ތަރިއަށާއި އިންސާނާއަށް ކުރާ އަސަރަކީ ކޮންމެވެސް އެހެން ކަމެއްގެ ނަތީޖާއެވެ. ނުޖޫމީ ޢިލްމަކީ އެއްވެސް ކަމަކަށް މެދުވެރިވާ ސަބަބެއް ނޫނެވެ. އިންސާނާ ވަކި ގޮތަކަށް އެނބުރުވުމަކީ ނުވަތަ އޭނާގެ ދިރިއުޅުމުގެ އެއްވެސް ކަމަކަށް އަސަރު ފޯރުވުމަކީ އެއްވެސް ތަރިއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.

މި ދެންނެވުނު ތަފާތު ހުރުމުގެ ސަބަބުން ގިނަ ތަޖުރިބާކާރުން ބުނާ ގޮތުގައި ނުޖޫމީ ޢިލްމަކީ ސައިންސެއް ނޫނެވެ. އެއީ އެ ޢިލްމު (އެއީ ޢިލްމަކަށް ވާ ނަމަ) ގެ އުޞޫލުތަކާއި ސައިންސްގެ އުޞޫލުތަކާ ތަފާތު ވާތީއެވެ.

ކޭތަ ހިފުމުގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް އާދޭތޯއެވެ؟ އިރު އަރާ ވަގުތަކީ އިންސާނާގެ ދިރިއުޅުމަށް އެ ކަމުގެ ސަބަބުން އެއްވެސް ކަހަލަ އަސަރެއް ކުރާ ވަގުތެއްތޯއެވެ؟ އިރު އޮއްސޭ އިރު އިންސާނާގެ ޠަބީޢަތަށް އެއްވެސް ކަހަލަ އާދަޔާ ޚިލާފު ބަދަލު ތަކެއް އާދޭތޯއެވެ؟ ވަކި ވަގުތެއްގައި ކުރާ ކަމަކުން އެ ކަމެއްގެ ޙަޤީޤީ ނަތީޖާ ފިޔަވައި އެހެން ނަތީޖާއެއް ނުކުމެދާނެތޯއެވެ؟

މިއީ ނުޖޫމީ ޢިލްމުގެ ވާހަކަ ދައްކާ މީހުން ކުރާ ބައެއް ސުވާލެވެ. ސައިންވެރިން ބުނާ ގޮތުގައި ނުޖޫމީ ޢިލްމަކީ ސައިންސްގެ ދާއިރާގައި ހިމަނައިގެން ވާނޭ ކަމެއް ނޫނެވެ.

ޕްރޮފެޝަނަލް ސަރޓިފައިޑް ކޮންސަލްޓަންޓް އެސްޓްރޯލޮޖަރ އެއް ކަމަށްވާ އެލްބަރޓް ވަޑޭ ނުޖޫމީ ޢިލްމަކީ ސައިންސެއްތޯ ކުރެވޭ ސުވާލަށް ޖަވާބު ދެއްވުމުގެ ގޮތުން ލިޔުއްވައެވެ.

"އެސްޓްރޮލޮޖީ އަކީ ސައިންސެއް ނޫނެވެ. އެކަމަކު އެސްޓްރޮލޮޖީ ބިނާ ވެފައި އޮންނަނީ ސައިންސްގެ މައްޗަށެވެ. އެހެނީ އެސްޓްރޮލޮޖީ އަކީ އިރާއި ހަނދާއި ތަރިތަކުގެ މައްޗަށް ބިނާ ވެފައި އޮންނަ ކަމެކެވެ. ޙަޤީޤަތުގައި އެސްޓްރޮލޮޖީ ނުވަތަ ނުޖޫމީ ޢިލްމާއި އެސްޓްރޮނޮމީ ނުވަތަ ފަލަކީ ޢިލްމަކީ އެކައްޗެއްގެ ގޮތުގައި ކުރިއަށް ދިޔަ ދެ ފަންނެވެ. ނުޖޫމީން އެ މީހުންގެ މަސައްކަތުގައި ތަރިތައް ހުންނަ ގޮތާއި ޙަރަކާތްތެރިވާ ގޮތް ބަލައި ކުރަހަމުން ޗާޓު ކުރަމުން ގެންދެއެވެ. ނުޖޫމީ ޢިލްމު ނެތް ދުވަސްވަރަކީ ވަކި ޢިލްމެއްގެ ގޮތުގައި ފަލަކީ ޢިލްމެއްވެސް ނެތް ދުވަސްވަރެކެވެ. ފަލަކީ ޢިލްމުގެ ބައްޕައަކީ ނުޖޫމީ ޢިލްމެވެ. ނުޖޫމީ ޢިލްމު ބަދުނާމު ވެގެން ދިޔައީ ފާލުބަލާ މީހުންނާއި ރަމަލުޖަހާ މީހުންނާއި އަތްބަލާ މީހުންނާއި މި ނޫނަސް މި ފަދަ ތާނކުން ތާނކު ނުޖެހޭ ކަންތައްތައް ކުރާ މީހުންގެ ސަބަބުންނެވެ. މި ފަދަ ގޮތަކަށް ބަދަލު ވެގެން ދިއުމުން ނުވަތަ މުސްތަޤްބަލް އެނގޭ މީހުން އުފެދުމުން ފަލަކީ ޢިލްމުގެ ދާއިރާ މުޅިން ވަކި ވެގެން ދިޔައީއެވެ. އެހެނީ ފަލަކީ ޢިލްމަކީ ސައިންސެވެ. ސައިންސަކީ އެ ކަހަލަ ވާހިޔާތްތަކަށް ބަލާ އެއްޗެއް ނޫނެވެ."

ދެން އުފެދޭ ސުވާލަކީ ސައިންސަކަށް ނުވާ ނަމަ އެއީ ކޮން އެއްޗެއް ހެއްޔެވެ؟ މި ސުވާލެވެ.

އެލްބަރޓް ބުނުއްވާ ގޮތުގައި ނުޖޫމީ ޢިލްމަކީ ހުނަރެކެވެ. އެއީ ތަޖުރިބާ އާއި ޢިލްމާއި ދިރާސާ އާއި ބުއްދިއާއި ލިބޭ މަޢުލޫމާތު ވަކި ހަމަ ތަކެއްގެ މަތީން ބޭނުން ކުރުމުގެ ސަބަބުން ލިބޭ ހުނަރެކެވެ. އޭނާ ބުނުއްވަނީ މި ޒަމާނުގެ ނުޖޫމީ ޢިލްމަކީ ހުނަރެއްވެސް ނޫން ކަމުގައެވެ. އެހެނީ އެކި ދުވަސްދުވަހުގެ ރާހި އަންގައިދޭ ކޮމްޕިއުޓަރު ޕްރޮގްރާމް މިހާރު ހަދާފައި އެބަ ހުއްޓެވެ. އެއީ ވަރަށް ފުރިހަމަ އެއްޗެއް ކަމަށްވެސް ބުނެވެއެވެ. އެކަމަކު ޙަޤީޤަތުގައި ކޮމްޕިއުޓަރު ޕްރޮގްރާމުން ހަދާ ރާހީގެ މަޢުލޫމާތު ތަކަކީ ތާނކުންތާކު ޖެހޭ އެއްޗެއް ނޫނެވެ. މި ފަދަ އެއްޗެތި މީހުން ޤަބޫލު ކުރާތީ އޭނާ ހިތާމަ ކުރައްވާ ކަމަށްވެސް އެލްބަރޓް ލިޔުއްވައެވެ.

ލިޔުއްވުން ކުރިއަށް ގެންދަވަމުން އޭނާ ހާމަ ކުރައްވާ ގޮތުގައި ހުނަރަކަށް ވުމުގެ އިތުރަށް ނުޖޫމީ ޢިލްމަކީ ބަހުރުވައަކަށްވެސް ވެއެވެ. މިސާލަކަށް އޭނާ ދައްކަވަނީ ނުޖޫމީން ބޭނުން ކޮށް އުޅޭ ބަހުރުވައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ތަރިތަކަކީ އިންސާނާގެ އެއްވެސް ކަމަކަށް ނުފޫޒެއް ފޯރުވޭނޭ އެއްޗެއް ނޫނެވެ. އެއީ ވަކި ދުނިޔެ އެއްގައި ވަކި ގޮތަކަށް ޙަރަކާތްތެރިވާ މަޚްލޫޤުން ތަކެކެވެ. އަޅުގަނޑުމެން މި އުޅެނީ މުޅިން އެހެން ދުނިޔެއެއްގައެވެ. އިރުގެ އަލި އަޅުގަނޑުމެންނަށް ބޭނުން ވެއެވެ. އެޔާ ނުލައި ދިރިއުޅުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް އިރަކީ އަޅުގަނޑުމެން ވަކި ގޮތަކަށް އުޅެން މަޖުބޫރު ކުރާ އެއްޗެއް ނޫނެވެ. އަދި އިރު ވަކި ގޮތަކަށް ޙަރަކާތްތެރިވާން މަޖުބޫރު ކުރުމަކީ އަޅުގަނޑުމެންނަށް ކުރެވޭނޭ ކަމެއްވެސް ނޫނެވެ.

އިންޑިއާގެ ކޮލެޖް ތަކާއި ޔުނިވަރސިޓީތަކުގައި ވަކި މާއްދާއެއްގެ ގޮތުގައި ނުޖޫމީ ޢިލްމު ކިޔަވައިދޭން ފެށުމާއެކު ބައެއް މީހުން ފާޑު ކިޔާ ކަމަކަށް އެކަން ވެގެން ހިނގައްޖެއެވެ. އެއް ސަބަބަކީ އެއީ ޢިލްމެއް ކަމަށް ބައެއް މީހުން ޤަބޫލު ނުކުރުމެވެ.

އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް ޑިވެލޮޕްމަންޓް ސްޓަޑީޒްގެ ޕްރޮފެސަރެއް ކަމަށްވާ ރާޖޭޝް ކޮޗާރް ބުނުއްވިއެވެ. "(ރާހީގެ) ނަތީޖާ އަބަދު އެއް ގޮތަކަށް ނުހުރެއެވެ. (ރާހީގައި ބުނާ ކޮންމެ ވާހަކައެއް ދިމައެއް ނުވެއެވެ.) އެހެންވީމާ އެއީ ރަނގަޅު ނަޒަރިއްޔާއެއް ނޫނެވެ. މީގެ މާނައަކީ ނުޖޫމީ ޢިލްމު ސައިންސަކަށް ނުވުމެވެ."

ރާހި ބެލުމަކީ ދުނިޔޭގެ ކޮންމެ ޤައުމެއްގައިހެން އޮންނަ ކަމެކެވެ. ރާހީގައި ބުނާ އެއްޗެއް ބައެއް ފަހަރު ދިމާވެއެވެ. އެކަމަކު ގިނަ ފަހަރު އޮންނަނީ ދިމާ ނުވެފައެވެ. އެހެންވީމާ އޭގެ މައްޗަށް ދިރިއުޅުން ބިނާ ކުރުމަކީ މޮޔަ ކަމެކެވެ.

ރާއްޖޭގެ ނޫހެއްގައި ރާހި ލިޔުއްވަން އުޅުއްވި ބޭފުޅަކު އަޅުގަނޑު ގާތު ވިދާޅުވިއެވެ. "އަހަރެން އޮފީހަށް އައިސް ވަދެ، މޭޒު ދޮށުގައި އިށީނދެވުމާއެކު އެ އޮތީ ހޮރަސްކޯޕް ލިޔަން ވެފައެވެ. އަހަރެން އެއްވެސް ފޮތެއް ނުބަލަމެވެ. ހިތަށް އައިހާ އެއްޗެއް ލިޔަނީއެވެ. އަނެއް ދުވަހު ބައެއް މީހުން ދިމާވެއްޖެއޭ ކިޔައި އެ ވާހަކަ ދައްކަނީ އަހަރެން އަމިއްލަ ޚިޔާލަށް ލިޔާ ހޮރަސްކޯޕް ކިޔާފައެވެ."

އެހެންވީމާ ދެންނެވެން އޮތީ ނުޖޫމީ ޢިލްމު ތާހިރުކޮށް އޮތް ޒަމާނެއް މާޒީވެގެން ހިނގައްޖެއެވެ. އެހެން ނަމަވެސް މިހާރު ކަހީނުކަން އޭގެ ތެރެއަށް ވަދެގެން ގޮސް އެއީ އިތުބާރު ކުރުން ރަނގަޅު ނޫން ކަމަކަށް މި އޮތީ ވެފައެވެ. އެހެންވީ ފަލަކީ ޢިލްމާއި ނުޖޫމީ ޢިލްމު ވަކިވެ، ދެ ގޮތްޕަކަށް ވުމުންނެވެ.

(ނިމުނީ)
    
- މަޢުލޫމާތު:

* އިޒް އެސްޓްރޮލޮޖީ އަ ސައިންސް (ޖޯން ކޭ. ހެމަލްޓަން)
* އިޒް އެސްޓްރޮލޮޖީ އަ ސައިންސް، އިޒް އެސްޓްރޮލޮޖީ އޭން އާރޓް، އިޒް އެސްޓްރޮލޮޖީ އަ ލޭންގުއޭޖް (އެލްބަރޓް ވަޑޭ)
* އިޒް އެސްޓްރޮލޮޖީ އަ ސައިންސް (ސަތުރަޖީތު މަޖޫމްދާރް)
* އިޒް އެސްޓްރޮލޮޖީ އަ ސައިންސް (މައިކަލް ސްޓަރ)
* އިންޑިއާ ޓުޑޭ (17 ސެޕްޓެމްބަރ 2001)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ