Print

މާތައް ފަރިވަނީއޭ!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އޯޑިއޯ


ޅެމުގެ ދޭހަ

މިއީ ފަންވަތުގައި އަލަށް ފެށޭ، މުނިފޫހި ފިލުވުމުގެ އަދަބީ ސިލްސިލާއެކެވެ. މި ބައިގައި ތަފާތު ރަހަރަހައިގެ ޅެންވެރި އުފެއްދުންތައް ގެނެސްދެވޭނެއެވެ.  ޅެމުގެ ކުރު، ދޭހަޔަކާއެކީގައި، ޅެމުގެ އޯޑިއޯ ވެސް ހިމަނައިލެވޭ ގޮތުގަ އެވެ.

އާދަމް ނަޞީރު އިބްރާހީމް
(ޝާޢިރުލްމަޤުތޫލު)


''ވީހުގެ އަހަރުތަކާ'' ހަމަޔަށް ދިޔައިރު ވެސް އެ ޒުވާނާއަށް ދުނިޔެ އުޅެވިފައި އޮތީ، ނުބައިކަމެއް ނަމަ، ނުކޮށް ދޫކޮށްލުމަކީ، އެއީ ކުށެއް ކަމަށް ހީވާ ފަދަ ގޮތަކަށެވެ. އިރު ކޮއްތާއި ބޯފެނަށްވުރެ މަސްތުވާތަކެތީގެ ބޭނުން ހަށިގަނޑަށްބޮޑެވެ. އެހެންކަމުން ކުރިމަތިލާންޖެހުނު ޞިއްޙީ، އިޖުތިމާޢީ، މައްސަލަތައް ނުރައްކާތެރި އެވެ. އަޚްލާޤީ، ޤާނޫނީ، މައްސަލަތައް ބިރުވެރި އެވެ.  ވޭނާއި ކެކުޅުން ރިހުންގަދަ އެވެ. މި މުޞީބާތްތަކުގެ ސަބަބުން ކަންނޭނގެ އެވެ.  ޚިޔާލަށް ކޮންމެ ވެސް ކުއްލި ބަދަލެއް އަތުވެއްޖެ އެވެ.

''ދުނިޔޭގެ ބިން މި އޮތީ ތަނަވަސް ކުރައްވައިފަ އެވެ. އެހެންމީހުންނެކޭ އެއްފަދައިން އަހަންނަށް ވެސް ހެޔޮ ގޮތުގައި ނޫޅެވެންވީ ކީއްވެހެއްޔެވެ؟ އެހެންމީހުން ފަދައިން، އަހަންނަށް ވެސް  މި ބިމުގައި މާތް ﷲ ލެއްވި  ފަސޭހަތަކާއި ފުރުޞަތުތަކުން  އަރާމު ލިބިގަނެ، އަބުރުވެރި ބާއްޖަވެރި ދިރިއުޅުމެއް އާރާސްތު ނުކުރެވެންވީ ކީއްވެހެއްޔެވެ؟  އަހަންނަށް ވުރެ އުމުރުން މާ ހަގު، މާ ކުޑަ ކުދިންވެސް މިހާރު ކިޔަވައި މޮޅުވެ، މީހުންގެ ކަމޭ ހިތުން ހޯދަމުން، މާދަމަޔަށް ތައްޔާރުވަމުން އެތިބަ ކުރި އަރައިދަނީ އެވެ. މި ކަންކަމުން މަށަށް ޢިބްރަތެއް ފިލާވަޅެއް ލިބިނުގަނެވެންވީ ކިއްވެހެއްޔެވެ؟''

މި ފިކުރުގައި ހިތުގެ ޝުޢޫރުތައް ފާޅުކުރަންފެށި އެވެ. ކުށަށް އިޢުތިރާފުވާންފެށި އެވެ. ރަނގަޅަކީ ނުރަނގަޅުކަމަށް، ނުލަފާއަކީ، ލަފާކަމަށް ގަބޫލުކުރެވިފައިވި މާޒީގެ މައްޗަށް ހިތާމަ ކުރަންފެށި އެވެ.  ގިސްލަމުން ކަރުނައިގެ ކޯރުތައް ބަންޑުންކުރަންފެށި އެވެ. ދެންހަމަ ގޮތެއް ނެތްތޯ އޭނާގެ ޙާލުގެ ދުލުން، އަހާލާ ކަހަލަ އެވެ.

މި ވޭނީ ޝިކާޔަތު، ޚުލްޤުހެޔޮ  ރަޙްމަތްތެރިޔަކު، އަހަމުން ވިސްނަމުން ގެންދިޔަ އެވެ. އޭނާ މި ހިތި އިޙްސާސްތަކުގައި ބައިވެރިވެ އެއްބާލުން ދިނެވެ.  ވިޔަޔާ ނުދާ ޢަމަލުތަކުން އެއްކިބާވުމަށް މަގުދައްކައިދިނެވެ. ބަލީގެ ފަރުވާ ބުނެދިނެވެ. އަމިއްލަޔަށް އިލާހީ ނިޢުމަތްތަކަށް  ފުރަގަސް ދިނުމުގެ ބަދަލުގައި ތައުބާގެ ފިޔަވަޅުމަތީ އަވަސްވެގަތުމަށް ނަސޭހަތްދިނެވެ. އީމާނުގެ ދަންމަރު ހިފައިގެން، އިޞްލާޙުވުމުގެމަގަށް ނިކުންނާން އަވަސްވެގަތުމަށް، އިރުޝާދު ދިނެވެ.  އޭރުން ވިއްސާރަ ދުއްޕާން ބިރުވެރި ކަޅު އަނދިރި ރޭގަނޑަކުން،  އުޖާލާ ހިތްގައިމު ހިމޭން ފަތިހަކަށް ހޭލެވޭ ފަދައިން، ތިޔަ މުޞީބާތުގެ ހުވަފެނުން، ބާއްޖެވެރިކަމުގެ އާ ޙަޔާތަކަށް ހޭލެވިދާނެ އެވެ.

މިއީ ތިރީގައި މިވާ ލަވައިގެ ޚުލާޞާ ދޭހަ އެކެވެ.

   ލަވައިގެ އަޑު: ޢަލީ ރަމީޒު/ އިލްހާމު  
   ރާގު:      އިބްރާހީމް ނިފާރު (ތިއްތި)
   އެލްބަމް:    ރާސްތާ



މާތައް ފަރިވަނިއްޔޭ







އިލް؛  މާތައް ފަރިވަނިއްޔޭ – މަންޒަރު ދެކެން އޮވެ ނިމެންހޭވީހޭ؟

ޢަލީ؛  ބިންނަން ތެދުވެލާށޭ – އުންމީދުތައް ހިތުގެ މަރުވީހޭ؟



އިލް؛ ވޭނީ އުފާތައް މި ދުނިޔޭން ދުށީމޭ،
    އޭގައި ޒުވާންކަން މަގޭ ނިންދެވީމޭ،
    ޒަހަރާއި މާމުއި އޮޅޭ ހާލުގާ،
    ލިބިދިން ނަތީޖާ – ކަތިލީ ހިތާ ޖާން!

ޢަލީ؛ ދިރުމެއް އާ ލިބޭނޭ – ފަރުވާ ޙަޤީޤީ ކިޔައިދެންހޭ؟
    މާތައް ފަރިވަނީ........



ޢަލީ؛ ޢާލަމްވެ އޯގާ ވަނީ ނޫންހެ ހިނިތުން،
    ޙާލާއި ފިކުރާ ގުޅާލާށެ ވަގުތުން،
    ވޭނާ އަރާމާ  އެނގޭ  ހާލުގާ
       މި ކަމަށް އެހީވާން – މޮޅީ ހިތުގެ އީމާން!


އިލް؛ ރާސްތާ އަދު ފެނިއްޖޭ – އުފަލެއް މިހާ ބޮޑު ލިބޭނޭހޭ؟

ޢަލީ؛ މާތައް ފަރިވަނިއްޔޭ -   ފަތިހެއް ޙަޔާތަށް އައީ ނޫންހޭ!
    ބިންނަން ތެދުވެލާށޭ -  އުންމީދުތައް އެބަ ދިރޭ ނޫންހޭ!  

           --------------------

(ނިމުނީ)



ނޯޓު: މިއީ މަސްތުވާތަކެތީގެ ޝިކާރަޔަކަށް ވެފައިވާ މީހުން ހެޔޮ މަގަށް ގެނައުމަށްޓަކައި އެފަދަ މީހުންނަށް އުންމީދު އާލާ ކޮށްދިނުމުގެ މަޤުޞަދުގައި އަޅުގަނޑުގެ ދެކެފަރިތަ ރައްޓެއްސަކު ހެދި އެލްބަމަކަށް ހެދިފައިވާ ލަވަ އެކެވެ. ހަނދާންވާ ގޮތުން މި ލަވަ ހެދިފައިވަނީ 2001 ނުވަތަ 2002 ހިސާބުގަ އެވެ.
=މަޤުތޫލު=

ހަމަމިގަލަމުން

އިދާރާ

ވާހަކަ