އަދުގެ ޚާއްސަ

Print

އެކަނިމާއެކަނި

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހީމް ވަޙީދު
   
ހަތަރު ކުދިން ގޮވައިގެން އަހަރެން އުޅުނީ، މަންމަ ނިޔާވިއިރު އަހަންނަށް ލިބުނު ގޯތީގައި އެކަންޏެވެ. އަހަރެންގެ ހުރިހާ ވެސް މީހަކީ އަހަރެންގެ ފިރިމީހާ އާއި ދަރިންނެވެ. އަހަރު ދެކޮޅުގައި ކުދިން ލިބިފައިވާއިރު، އެންމެ ދޮށީ ކުއްޖާ އަށް ވެސް ވީ 4 އަހަރެވެ. ތަނަވަސްކަމުގެ ގޮތުން ބަލާއިރު، ގޯތީގެ އެއްބައި ހުންނަނީ ކުއްޔަށްދީފަ އެވެ. ވުމާއެކު، ލިބޭ ލާރިން ފުދިފައި ރައްކާ ވެސް ކުރެވެއެވެ. އެކަމަކު، އަހަރެންގެ ފިރިމީހާގެ މޭގައި، ނުފިލާ ރިހުމެއް ހުރެއެވެ. ޑޮކްޓަރުން ބުނާގޮތުގައި، އެއްވެސް މައްސަލައެއް ނެތެވެ. ޙަޤީޤަތުގައި ވެސް އެއްވެސް މައްސަލައެއް ނެތްބާ އެވެ؟


އަހަރެންގެ ސުވާލަކީ އެއީ އެވެ. އަހަރެން ވަރަށް ބިރުގަނެ އެވެ. އެއް ދުވަހަކު ހޭލާއިރު، ފިރިމީހާ ނިޔާވެފައި އޮވެއްޖެ ނަމަ، އަހަރެން ކިހާ އެކަނިވާނެ ހެއްޔެވެ؟ އެ ފަދަ ފިރިއެއް އަހަންނަކަށް ނުލިބޭނެ އެވެ. އޭނަ އަކީ، އަހަރެން ފިޔަވައި އެހެން އެއްވެސް އެއްޗެއް ބޭނުންވި މީހެއް ނޫނެވެ. އޭނަ ބުނާ އެއްޗެއް ބަލައިލުމަށްޓަކައި، ގޯތި އޭނަ އަށް ރަޖިސްޓްރީ ކޮށްދޭން ވެސް އަހަރެން އުޅުނީމެވެ. އެއީ، ފިރިމީހާގެ ނިޔަތް ބަލައިލުމަށްޓަކައި އަހަރެން ކުރި އިމްތިޙާނެކެވެ. ފިރިމީހާ ފާސްވީ، ރަން މެޑެއްޔަކާ އެކުގަ އެވެ.
   
"ނާޒް ނެތް ދުނިޔެއެއްގަ، އަހަރެން ކީއްކުރާ ގޯއްޗެއް؟ ނާޒް ހުރި ދުނިޔެއެއްގަ، އެހެން މީހަކަށް ވެސް، އެއްޗަކަށް ވެސް އަހަންނެއް ނުވިސްނާނަން.." އޭނަ ހިނިތުންވެލާފައި ބުނާނެ އެވެ. "އަހަންނަކީ މާލޭގެ ގެއެއް ހުރި މީހެއް ނޫނޭ މީހުން ކިޔާނެ. އަހަރެން ދެކޭގޮތުގަ، ދުނިޔޭގަ ވެސް އަހަރެންގެ އެއްވެސް ގެއެއް ނެތް. އަހަރެންގެ ހުރި ހަމައެކަނި ގެ ހުރީ ތި ހިތުގަ.."
   
ފިރިމީހާ ނިޔާވެއްޖެ ނަމަ، އެ ފަދަ އެހެން މީހެއް އަހަންނަކަށް ނުލިބޭނެ އެވެ. ގިނަ މީހުންނަކީ، ފައިސާ ނުވަތަ ގޯތި ބޭނުންވެގެން އުޅޭ މީހުންނެވެ. މި ޒަމާނުގައި، ލޯތްބަށްޓަކައި ދިރިއުޅޭނީ ކާކު ހެއްޔެވެ؟ އެ ފިކުރުގައި އުޅެނިކޮށް، އެއް ދުވަހަކު އެ ބިރުވެރިކަން އައިސް، އަހަރެންގެ ގޭގެ ދޮރުގައި ޓަކިޖަހާލި އެވެ. ފިރިމީހާ މެންދުރު ނަމާދުކޮށްގެން ގެ އައިސް އެނދުގައި އޮށޯވެލީ އުމުރަށެވެ. ދެނެއް ނުހޭލި އެވެ. އަހަންނަށް ބަލައިލެވުނީ އަހަރެންގެ ދަރިންނާ ދިމާލަށެވެ.
   
އަހަރެން އެކަނިވީ އެވެ. ބައިވަރު ރައްޓެހިން ތިއްބަސް، މެންދަމު އަހަރެން ނިދަން އޮށޯންނަނީ އެކަންޏެވެ. ފައިސާ ހުއްޓަސް، އަހަރެން ދަރިންގެ ބައްޕައެއް ދެނެއް ނުލިބޭނެ އެވެ. އަތްމަތި ދައްޗެއްނުވެ އެވެ. ތަންމަތި އޮންނަނީ ފަޅުވެފަ އެވެ. މާލެ އަކީ، ބިރުވެރިކަން އިންތިހާ އަށް ގޮސްފައިވާ ތަނެކެވެ. ބަސްވިކެނީ އަތުގައި ކަޓަރު އޮންނަ މީހާގެ އެކަންޏެވެ. އަހަރެން އުޅެނީ އެކަނިކަން، އެންމެނަށް ވެސް އެނގޭނެ އެވެ. އަތުގައި ފައިސާ ހުންނާނެކަން ވެސް އެނގޭނެ އެވެ. އަހަރެންގެ ބިރަކީ، ގެ އަށް ދަންވަރު މީހަކު ވަދެފައި، ފައިސާކޮޅު ގެންދިޔުމެއް ނޫނެވެ. ހާސްވަނީ އަހަންނަށް ނުވަތަ ދަރިންނަށް އަނިޔާއެއް ކޮށްފާނެތީ އެވެ. ދަންވަރު ކިރިޔާ އަޑެއް އިވުނަސް، ފޯނު ރިންގް ވިޔަސް، އަހަރެން އޮންނަނީ ބިރުންނެވެ. ހުރިހާ ކުދިން ނިންދަވަނީ އަހަރެން އެނދުގަ އެވެ. އަހަރެން އުޅުނީ އެކަނިމާއެކަންޏެވެ.

    ރަނގަޅަށް ނުނިދޭތާ ހަފްތާއެއް ވުމުން، ދީނީ ޢިލްމުވެރިއަކަށް ގުޅީމެވެ.

    "އަހަރެންނަކަށް ނުނިދޭ!" އަހަރެން ބުނީމެވެ. "އެކަމަކު، ހުރިހާ ވަގުތަކު ބަރާބަރަށް ނަމާދުކުރަން. ޤުރުއާން ކިޔަވަން."

    އޭނަ ވަރަށް ގިނަ ވާހަކަދެއްކި އެވެ. އެހެންނަމަވެސް، ޖުމްލަކޮށް އޭނަ އެދުނީ އެންމެ ކަމަކަށެވެ.

    "ޢަޤީދާ ވަރުގަދަކުރޭ!" އޭނަ ބުންޏެވެ. "އޭރުން މާތްﷲ އެ މީހެއްގެ އެކަނިވެރިކަން ފިއްލަވައިދެއްވާނެ. ހިމާޔަތް ވެސް ކޮށްދެއްވާނެ. ކިހިނެތް އެނގެނީ؟ ކުރިން ވެސް ލިބުނު ކަހަލަ، ހިތްހެޔޮ މީހަކާ ދިމާވެދާނެއްނު!"

    "އެކަމަކު އަހަރެން އަދި ބޭނުމެއް ނޫން މީހަކާ އިންނާކަށް!" އަހަރެން ބުނީމެވެ.
    "މާތްﷲ އިރާދަކުރައްވައިފިއްޔާ، މަކުނުވާކޮޅަކުން ވެސް، ގަދަފަދަ ލަޝްކަރެއް ހުއްޓުވާލައްވަފާނެ." އޭނަ ހަނދާންކޮށްދިނެވެ. "އެ ކަލާނގެ ކޮންމެ ކަމަކަށް ވެސް ކުޅަދުންވަންތަވެ ވޮޑިގެންވޭ!"
   
އަހަންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނެވެ. އެކަމަކު، ދަންވަރު ވުމުން، ހިތުގައި އުފެދޭ ބިރުވެރިކަން ކުޑައެއް ނުވި އެވެ. އަހަރެން އޮންނަނީ ސިހިސިހި އެވެ. އިރުއިރުކޮޅާ ތެދުވެ، ދެ ރަކުޢަތް ނަމާދެއް ކުރަމެވެ.
   
އެއް ހަފުތާ ފަހެވެ. އެއް ދުވަހަކު އިރު އޮއްސުނު ވަގުތު، ވަރަށް ބާރަށް ދޫންޏެއް ގޮވާ އަޑު އިވެންފެށި އެވެ. ނުކުމެ ބަލައިލިއިރު، ގޭގައި ހުރި ޖޭމުގަހުގައި، ލަވްބާރޑެއް އިނެވެ. އަހަރެންގެ ގޭގައި އެއްވެސް ދޫންޏެއް ނުގެންގުޅެމެވެ. މާނަ އަކީ، ދޫންޏެއް ގޮވާ އަޑު އިވިގެން ވެސް އަހަރެންގެ ގެ އަށް ގުރައެއް އަންނާނެ ފުރުޞަތެއް ނޯންނާނެ އެވެ. އެކަމަކު، ކުދިވެރިން ނުކުމެ، ގަސް ކައިރީގައި ފުމެން ފެށުމުން ވެސް، އެ ގުރައެއް ނުދިޔަ އެވެ. އެންމެ ދޮށީ ކުއްޖާ ގޮސް ހުންނަނީ ޖޭމުގަސް ކައިރީގަ އެވެ. އޭނަ އަށް އެ ގުރާ ވަރަށް ކަމުދިޔަ އެވެ. އެހެންވެ، ޖެހިގެން ހުރި ގެ އިން ކުދިބަތްކޮޅެއް ގެނެސްފައި، ތައްޓަކަށް އަޅާފައި، އެ ކުއްޖާ ކައިރީގައި ބެހެއްޓީމެވެ. އިރުކޮޅެއްވީއިރު، އެ ގުރާ ގަހުން ފައިބައިގެން އައިސް، ކުދިބަތް ކާންފެށި އެވެ. އަހަރެން ހިތަށްއެރި އެވެ. އެ ގުރާ ދަތެއްނާޅާނެބާ އެވެ؟ ޔަގީނުން ވެސް އެއީ، ކޮންމެ ވެސް މީހަކު، ވަރަށް ލޯބިން އޮޅުކޮށްފައިވާ ގުރައެކެވެ. އެހެންނޫނީ، އެހާ އޮޅުކޮށެއް ނޫޅޭނެ އެވެ.
   
ކައިނިމިގެން ގުރާ އަރަނީ ގަހަށެވެ. ދާކަށް ޚިޔާލެއްނުކުރެއެވެ. އަހަރެން ހީކުރީ، އިރުކޮޅަކުން މީހަކު އައިސް އެ ގުރާ ގެންދާނެ ކަމަށެވެ. އެހެންނަމަވެސް، އެކަކު ވެސް ނައެވެ.
   
އެ ރޭ، ކުދިވެރިންނަށް ކާންދޭން އުޅެނިކޮށް، އެ ގުރާ ގޮވާ އަޑު އިވުނެވެ. އަހަރެން ލޫވަރ ހުޅުވާލިއިރު، ދޮރުމަތީގައި މީހަކު ހުއްޓެވެ. އެއީ، ގޭގައި ނޫޅޭ ކޮންމެވެސް މީހަކު ހޯދަން އައި މީހެކެވެ. އެ މީހާ ފޮނުވާލާފައި އަހަރެން ލޫވަރ ލައްޕާލި ވަގުތު، ކުއްލިއަކަށް އަހަރެންގެ ހިތުގައި ސުވާލެއް އުފެދުނެވެ. ގުރާ އެ ގޮވަނީ މީހަކު އައީމަ ހެއްޔެވެ؟ ގޭގެ ދޮރާށި ތަޅުލުމުގެ ކުރިން، އަނެއްކާ ވެސް ގުރާ ގޮވާ އަޑު އިވުނެވެ. އެ ފަހަރު އައީ ރައްޓެއްސެކެވެ. ކޮންމެއަކަސް، އެ ރެއަކީ، އަހަރެން ހަމަޖެހިލައިގެން ނިދާލި ރެއެކެވެ. ސީދާ ސަބަބު ބުނާކަށް ނޭނގެ އެވެ. އެނގޭ އެއްޗަކީ، އަހަރެންގެ ލޮލަށް ވަރަށް ފުން ނިންޖެއް އައިކަމެވެ.
   
ހެނދުނު ހޭލައިގެން ބަލައިލިއިރު، ގުރައެއް ނެތެވެ. އަހަރެން ހީކުރީ، ގުރާގެ ވެރިފަރާތް ކައިރި އަށް ގުރާ ދިޔައީކަމަށެވެ. އެކަމަކު، އިރު އޮއްސެން އުޅެނިކޮށް، ކުއްލިއަކަށް އެ ގަހުން ގުރާ ގޮވާލި އަޑު އިވުނެވެ. ބުނި ކަހަލަ އެވެ. އަހަރެން އަތުވެއްޖައީމެވެ. ބަލައިލިއިރު، ހަމަ ކުރީ ދުވަހު ވެސް އިން ގޮފިގަނޑުގައި ގުރާ، ގޮވާލަގޮވާލާ އިނެވެ. އަހަރެން ކާންއެޅުމުން ފައިބައި ކާންފެށި އެވެ. އަހަރެންނަށް ގޮވާލަން އެ ރޭ، ދެ ފަހަރުމަތިން އައި ދެ މީހުން ވެސް، ދޮރުގައި ޓަކިޖެހިމުގެ ކުރިން، އެ މީހުން އައި ވާހަކަ ގުރާ "ބުންޏެވެ."
   
ޖެހިގެން އައި ދުވަހު، ފަތިސް ނަމާދަށް ބަންގި ގޮވުމުން، އަހަރެން ސިއްރުސިއްރުން ދޮރު ހުޅުވާލާފައި ގުރާ ކޮބައިތޯ ބަލައިލީމެވެ. ގުރާ އިނީ ހޭލަ އެވެ. ހެނދުނު ބަލައިލިއިރު ގުރާ، އަނެއްކާ ވެސް ހިނގައްޖެ އެވެ. އެ ދުވަހު، ގުރާ އާދޭތޯ އަހަރެން އިންތިޒާރު ކުރީމެވެ. އަހަރެންގެ ނަޒަރުގައި އެ ގުރައަކީ، އަހަރެންގެ ހިމާޔަތެވެ. ކޮންމެ ކަމެއް ވެސް ވާނީ މާތްﷲ ގެ ކުޅަދުންވަންތަކަމުންނެވެ. އެކަމަކު، އެ ކަން ވުމަށްޓަކައި، މީހަކު ނުވަތަ އެއްޗެއް މެދުވެރިކުރައްވަފާނެ އެވެ. އެ ކުޑަކުޑަ ގުރާގެ ސަބަބުން، އަހަރެންގެ އަމިއްލަ ނަފުސުގެ މައްޗަށް އޮންނަ އިތުބާރު ވަރުގަދަވާންފެށި އެވެ. ހަމަ، އިރު އޮއްސެންވާ އިރަށް، ގުރާ އައިސް ގަހަށް ތިރިކޮށްލި އެވެ. އެ ދުވަހު، ގުރާ އައިތަން ވެސް އަހަރެން ދުށީމެވެ.
   
ގާތްގަނޑަކަށް އަހަރެއް ވަންދެން އެ ގޮތަށް ގުރާ އައެވެ. އެ ސޮރަކީ، އަހަރުމެންގެ ޢާއިލާގެ މެންބަރަކަށް ވި އެވެ. ކުދިންނާ ވަރަށް ރައްޓެއްސެވެ. އެއް ރޭ ގެ އަށް ވައްކަންކުރަން މީހަކު ވަނުމުން، އެ މީހާ ފައްސާލީ ވެސް ގުރައެވެ. ދަންވަރު ގުރާ ގޮވާލުމުން އަހަރެންނަށް ހީވަނީ، އަހަރެންގެ ދަރިއަކު ގޮވާލާހެންނެވެ. ކުރިން ލޫވަރ ހުޅުވާލާފައި ބަލައިލިޔަސް، ފަހުން އަހަރެން ބަލައިލަނީ ދޮރު ހުޅުވާލާފަ އެވެ. ކުރިން ނުލިބޭ ކަހަލަ، ހިތްވަރަކާއި ކެރުމެއް އަހަންނަށް ވަނީ ލިބިފަ އެވެ. އެ ރޭ އެއް ލޫވަރ އޮތީ ނައްޓާފަ އެވެ. އެކަމަކު، ވަގުކަލޭގެ ފިލާރައްކާވީ އެވެ. ކުޑަކުޑަ ގުރައަކަށް، އަހަރެންގެ ގެ އާއި މުޅި ޢާއިލާ ރައްކާތެރިކޮށްދެވޭނެ ކަމުގައި ގަބޫލުކުރާނީ ކާކު ހެއްޔެވެ؟ ފަހަށްފަހަށް އައިސް، އެ ގުރައަކީ، އެހެން މީހެއްގެ އެއްޗެއްހެނެއް އަހަރުމެންނަކަށް ހިއެއްނުވެ އެވެ. އެ ގުރާގެ ދެ ލޯ ފެނުމުން، ތޫލިއަޑު ކަންފަތުގައި ޖެހުމުން، އަހަރުމެންގެ އަމާންކަމާ މެދު އެއްވެސް ޝައްކެއް ނުއުފެދެއެވެ.
   
ފާއިތުވެގެންދިޔަ ކޮންމެ ދުވަހަކީ، އަހަރެންގެ ހިތްވަރު، ކުޑަ ތަންކޮޅެއް ވަރުގަދަވި ދުވަހެކެވެ. އަހަރެންގެ ބިރު، ކުޑަ ތަންކޮޅެއް ކެނޑުނު ދުވަހެކެވެ. އަހަރެންގެ އިތުބާރު، ކުޑަ ތަންކޮޅެއް ބޮޑުވި ދުވަހެކެވެ. ބައެއް ދުވަސްދުވަހު، ފަތިހު އަހަރެން ބޭރަށް ނުކުމެގެން އައިސް، ޖޯލީގައި އިށީނުމުން، އެ ކުޑަކުޑަ ގުރާ އައިސް، ޖޯލީގެ ޖައްސައެވެ. އަދި، ދުރަށް ބަލަހައްޓައިގެން އިނދެއެވެ. ބުނާ ކަހަލަ އެވެ. އަހަރެން އެބައިނީމެވެ. ހާސްނުވާށެވެ. އެ ސޮރު އެއްވެސް ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް، އަހަރެންނަށް ހީވަނީ އެހެން ބުނާހެންނެވެ. ގާތްގަނޑަކަށް ހައެއްޖެހުމުން ގުރާ އުދުހިގެންދެ އެވެ. ދަނީ ކޮންތާކަށް ކަމެއް، އަހަރެންގެ ގެ އަށް އަންނަނީ ކީއްވެގެންކަމެއް އަހަންނަކަށް ނޭނގެ އެވެ. އެނގޭ އެއްޗަކީ، އަހަރެންގެ ހިތްވަރު، ކުރިއަށް ވުރެ އެތައް ތަނެއް ވަރުގަދަވެއްޖެ ކަމެވެ.
   
އެއް ދުވަހަކު ފަތިހު، އެ ގޮތަށް ޖޯލީގައި ގުރާ އިންދައި، އެ ސޮރުގެ ބޮލުގައި އަހަރެން ފިރުމާލީމެވެ. އެ ވަގުތު، ސީދާ އަހަންނާ ހަތަރުކަޅި ހަމަކޮށްފައި ގުރާ ބަލައިލި އެވެ. އަހަރެން ހިނިތުންވެލީމެވެ. އެ ދުވަހު އުދުހިގެން ދިޔަ ގޮތަކަށް ދެން އެ ގުރައެއް ނާދެއެވެ. ފަހުން ނުވެސް ދެކެމެވެ. ގޮވާ އަޑެއް ވެސް ނީވެ އެވެ. މިއަދު އަހަރެން މި ވާހަކަ ކިޔައިދޭން އިންނައިރު ވެސް، އެ ގުރާމަތިން ވަރަށް ހަނދާންވެ އެވެ. ޝުކުރުވެރިކަމުން އަހަރެންގެ ހިތްފުރެއެވެ. އަހަރެންގެ ގެ އަށް ގުރާ އައީ، އަހަރެން އެ ފަދަ އެހީއަކަށް އެންމެ ބޭނުންވި ވަގުތު އެވެ. އަދި، އަހަރެންގެ ބިރު ފިލަންދެން ގުރާ މަޑުކުރި އެވެ. ނުވަތަ ކޮންމެ ދުވަހަކު އައެވެ.
   
ކޮންމެ ކަމެއް ވެސް ވާނީ ކޮންމެ ވެސް ސަބަކަށްޓަކާ އެވެ. ބައެއް ކަންކަން ވަމުންދާ ވަގުތު، ތިމާ އަށް އެކަން ނޭނގި ވެސް ހިނގައިދާނެ އެވެ. ހަމަ އެ ގޮތަށް، ބައެއް އެހީ ތިމާ އަށް ލިބޭނީ އެހީއެއްގެ ސިފައެއްގައެއް ނޫނެވެ.
 
އެ ގުރައަށް އެ ސޮރު ގެންގުޅޭ މީހާ ފެނުނީ ކަމުގައި ވެދާނެ އެވެ. ނުވަތަ އުޅޭ ގެ އަލުން ހޯދުނީ ކަމުގައި ވެސް ވެދާނެ އެވެ. އެއީ ބުއްދިގަބޫލު ކުރެވޭ ކަހަލަ ސަބަބުތަކެކެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި، އަހަރެންގެ ގެ އަށް އެ ސޮރު ފޮނުވުނީ، ވަކި މަގުސަދަކަށްޓަކާ އެވެ. އެ މަގުސަދު ހާސިލުވުމުން އެ ސޮރު ދިޔައީ އެވެ. އަހަރެންނަށް ވިސްނުނު އެއްޗަކީ، ކިތަންމެ އެކަނިވެރިހެން ތިމާ އަށް ހީވިޔަސް، ކޮންމެވެސް ގޮތަކުން، ކޮންމެވެސް ތަނެއްގައި ހުރި، ކޮންމެވެސް މީހަކަށް އެކަން އެނގޭނެ އެވެ. ކޮންމެ ފަހަރަކު އެއީ އިންސާނަކަށް ނުވެ ވެސް ހިނގައިދާނެ އެވެ. އެހެންނަމަވެސް، ކޮންމެވެސް ސިފައެއްގައި ތިމާ އަށް އެހީތެރިކަން ފޯރުވާނެ އެވެ. އުޅެނީ އެކަނިމާއެކަނިހެން ތިމާ އަށް ހީވެދާނެ އެވެ. ޙަޤީޤަތުގައި އެކަކު ވެސް އެކަންޏެއް ނުވާނެ އެވެ.  
    
  (ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ