އަދުގެ ޚާއްސަ

Print

ޠާލިބާނު މީހުންނަކީ ޔަހޫދީންތޯ އެވެ؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދުނިޔެ


ޢަބްދުލްމުޢީދު ޙަސަން


ޠާލިބާނު މީހުންގެ ތެރޭގައި ޔަހޫދީންގެ ދަރިކޮޅަކަށް ނިސްބަތްވާ މީހުން ވަރަށް ގިނަ ކަމަށް ޔަހޫދީން ދެކެ އެވެ. މިކަން ސާބިތުކުރުމަށްޓަކައި ދިރާސާތަކެއް ކުރެވެމުން ދަނީ އިންޑިއާގަ އެވެ. މި ދިރާސާއަށް ޚަރަދުކުރަނީ، ސީދާ އިސްރާއީލުންނެވެ. އިންޑިއާގައި މި ދިރާސާތައް ކުރަން ހަމަޖެއްސީ، ޕާކިސްތާނާއި އަފުޣާނިސްތާނުގައި މިފަދަ ދިރާސާއެއް ނުކުރެވޭނެތީ އެވެ. އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން މިކަން ކުރަން ނިންމީ، އަފުޣާނިސްތާނުގެ ޕުޝްތޫ ޤަބީލާތަކުގެ މީހުންނަކީ، ގެއްލިފައިވާ ޔަހޫދީންގެ ދިހަ ޤަބީލާގެ ތެރެއިން ޤަބީލާއެއްކަން ކަށަވަރުކުރުމުގެ ބޭނުމުގަ އެވެ. ޠާލިބާނު މީހުންގެ މެޖޯރިޓީއަކީ، ޕުޝްތޫ މީހުންނެވެ.

ޠާލިބާނު މީހުންނަކީ ޔަހޫދީންތޯ ބެލުމަށްޓަކައި، ލޭ ތަޙުލީލުކޮށްގެން ކުރާ މި ދިރާސާއަށް ތިންމަސް ދުވަހާއި އެއްހަރު ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވާނެ ކަމަށް ލަފާކުރެވެ އެވެ. ކުރިން ކޮށްފައިވާ މިފަދަ ދިރާސާތަކުގައި، މީހުންގެ ބަސްމަގު ހުންނަ ގޮތާއި އާދަކާދަތައް ވެސް ބެލިފައި ވެ އެވެ. ނަމަވެސް، މިހާރު ކުރެވޭ ދިރާސާ އަމާޒުކުރެވިފައިވަނީ، ލެބޯޓްރީގެ ތަޙުލީލުތަކުން ނަތީޖާއެއް ނެރުމަށެވެ.

ޠާލިބާނުންގެ ޕުޝްތޫ މީހުންނާ ބެހޭ ގޮތުން ކުރިއްސުރެ އެނގިފައިވާ ޙަޤީޤަތްތަކެއް ވެ އެވެ. އަޅުކަންކުރުމާއި ހެދުންއެޅުމާއި ޢާއިލީ ގުޅުންތައް އޮންނަ ގޮތާއި ކައްކައި ކައިބޮއި އުޅޭ ގޮތަށް ދާންދެން، އެބައިމީހުން ޔަހޫދީންނާ އެއްގޮތްވެ އެވެ. ޕުޝްތޫ މީހުން ދިރިއުޅެނީ، އަފުޣާނިސްތާނުގެ ދެކުނާއި އިރު ދެކުނާއި، އަދި ޕާކިސްތާނުގެ އުތުރާއި ހުޅަނގު އުތުރުގެ ސަރަޙައްދުގަ އެވެ. އެބައިމީހުންނަކީ، އެއް ދަރިކޮޅެއްގެ އެއް ވަންހައަކަށް ނިސްބަތްވާ ބަޔެކެވެ. އެބައިމީހުންގެ ތާރީޚާއި އާދަކާދަތަކާއި އަދި އެބައިމީހުންގެ ކިބައިން ފެންނަ އާދަކާދަތަކުން، އެބައިމީހުންނަކީ ޔަހޫދީންގެ ދަރިކޮޅަކަށް ނިސްބަތްވާ ބަޔެއްކަން އެނގެ އެވެ.

ޔަހޫދީންގެ ގެއްލިފައިވާ ދަރިކޮޅުތައް ބިމުގެ ކަންކޮޅުތަކަށް ވިއްސި ވިހާލިވެފައިވަނީ، މީލާދުގެ ކުރީގެ އަށްވަނަ ޤަރުނުގަ އެވެ. ތާރީޚީ ރިވާޔަތް ބުނާގޮތުގައި، މޫސާގެފާނު، މިޞްރުން ނުކުމެވަޑައިގަތްއިރު، އެކަލޭގެފާނާއެކު، ބަނޫއިސްރާއީލު ބާގައިގެ 12 ދަރިކޮޅު މީހުން ވި އެވެ. އެ ދަރިކޮޅުތަކަކީ، ބިންޔާމީން، ރައޫބީން، ލާވާ، ޔަހޫޛާ، ޖާދު، އަޝީރު، ޒަބުލޫން، ސާޢިރު، ޔޫސުފު، ނަފުތާލީ، ދާން، އަދި ޝަމްޢޫނެވެ. އޭގެތެރެއިން ފަލަޞްޠީނުގެ ދެކުނުގައި ވަޒަންވެރިވީ، ޔަހޫޛާގެ ޤަބީލާއާއި، ބިންޔާމީނުގެ ޤަބީލާ އެވެ. އަނެއް ދިހަ ޤަބީލާ ވަޒަންވެރިވީ، ފަލަސްޠީނުގެ އުތުރުގަ އެވެ. ނަމަވެސް އެ ދިހަ ޤަބީލާގެ އަހުލުވެރިން، ބިމުގެ ކަންކޮޅުތަކަށް ވިއްސި ވިހާލިވެގެން ދިޔަ އެވެ. އެ ޤަބީލާތަކުގެ މީހުންނަށް ޔަހޫދީން ދީފައިވާ ނަމަކީ، "ގެއްލުނު ދިހަ ޤަބީލާ" އެވެ. ޔަހޫދީންގެ ގޮތުގައި ދެމިތިބީ ދެ ޤަބީލާއެއްގެ އަހުލުވެރިންނެވެ. އެއީ، ފަލަސްޠީނުގެ ދެކުނުގައި ވަޒަންވެރިވި، ޔަހޫޛާއާއި ބުންޔާމީނުގެ ޤަބީލާ އެވެ.

އަފުޣާނިސްތާނުގެ އާބާދީގެ ބޮޑު ބަޔެއް ތަމްސީލުކުރަނީ، ޕުޝްތޫ މީހުންނެވެ. އަދި އެބައިމީހުންނަކީ ޔަހޫދީ ޤަބީލާއެއްގެ ބަޔެއް ކަމަށް ބުނެވޭ ވާހަކައަކީ، އެބައިމީހުންގެ ތެރޭގައި ފެތުރިފައިވާ ވާހަކައެކެވެ. ޕުޝްތޫ މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެ ވާހަކަ ޤަބޫލުކުރާ ކަމަށް ބުނެވެ އެވެ. އަފުޣާނިސްތާނުގެ އެންމެ ފަހުގެ ރަސްގެފާނު، ޡާހިރު ޝާހުގެ އަރިހުގައި އޭނާގެ ނަސަބަކީ ކޮބައިތޯ ދެންނެވުނު ހިނދު، އޭނާ ވިދާޅުވެފައިވަނީ، "އޭނާއަކީ، ޔަހޫދީންގެ ބިންޔާމީން ވަންހައިގެ ބޭފުޅެއް ކަމަށެވެ."


ޡާހިރު ޝާހު

ބައެއް މުޙައްޤިޤުންގެ ނަޒަރުގައި، ޔަހޫދީން "ގެއްލުނު ޤަބީލާތައް" ހޯދުމުގެ ނަމުގައި ކުރަމުން ގެންދާ މަސައްކަތްތަކަކީ، ވަރަށް ހެއްވާ ކަމެކެވެ. އެހެނީ، އެ ޤަބީލާތައް ގެއްލުނު ފަހުން މިހާރު އެތައް ހާސް އަހަރުތަކެއް ފާއިތުވެގެން ހިނގައްޖެ އެވެ. އެޤަބީލާތަކުގެ އަޞްލަކީ ކޮބައިކަން ދެނެގަތުމަކީ، މިހާރު ފަސޭހަކަ ކަމަކަށް ނުވާނެ އެވެ.

އަފުޣާނިސްތާނުގެ ޤަބީލާތައް ޔަހޫދީ ކުރަން އުޅޭކަމުގެ ތުހުމަތުވަނީ، އިސްރާއީލާމެދު ކުރެވިފަ އެވެ. އާބާދީގައި ފަނަރަ މިލިޔަން މީހުން ހިމެނޭ ޕަތާން ޤަބީލާއަކީ، ޔަހޫދީ ޤަބީލާއެއް ކަމަށް އިސްރާއީލުން ވަނީ ބުނެފަ އެވެ. އަދި އެ ޤަބީލާގެ އެތައް ބަޔަކަށް އެކަން ވިސްނުވައިދީގެން ޔަހޫދީން ވަނީ، އެ ޤަބީލާގެ އެތައް ބަޔަކު އިސްރާއީލަށް ގެންގޮސްފަ އެވެ.
<>


މަތީގައި އެވަނީ، ޢަލްޢަރަބިއްޔާ ޓީވީ ޗެނަލްގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ހިމެނޭ މަޢުލޫމާތު ކޮޅެކެވެ. މި ބާވަތުގެ ލިޔުމެއް، މިއަށްވުރެ ތަފުޞީލުކޮށް، އިސްލާމްއޮންލައިން ޑޮޓް ނެޓް ގައި ވެސް ޝާއިޢުކުރެވިފައި ވެ އެވެ. ޢަލްޢަރަބިއްޔާގެ ވެބްސައިޓުގައި މި ލިޔުމަށް ޚިޔާލު ހުށަހަޅާފައިވާ މީހަކު ލިޔެފައިވެ އެވެ.

ވާހަކައެއްގައި ކިޔައި އުޅެތެވެ.

އަސްވާރަކު އަހެއްގައި ދަތުރުކޮށްފައި ދަނިކޮށް ޙާލުގައި ޖެހިފައިވާ ޔަހޫދީއަކަށް ފެނުނެވެ. އެހިނދު އެ އަހުގައި، އޭނާ ގެންގޮސް ދިނުމަށް އެ އަސްވާރު ގާތުން ޔަހޫދީ ކަލޭގެ އެދުނެވެ. ދެން އެ ޔަހޫދީކަލޭގެއާ މެދު، އަސްވާރުގެ ހިތުގައި ރަޙުމް އުފެދި، އޭނާގެ ފަހަތުގައި އަސްމަތީގައި ޔަހޫދީކަލޭގެ ބައިންދައިގެން ދަތުރު ކުރަން ފެށި އެވެ. ތަންކޮޅަކަށް ދިޔަތަނާ ޔަހޫދީކަލޭގެ ބުންޏެވެ. "ތިބާގެ އަސް ވަރަށް ރީއްޗެވެ."

ޚުޝާމަދުގެ މިބަހަށް، އަސްވާރު ޝުކުރުވެރިވި އެވެ.

ދެން އިރުކޮޅަކުން ޔަހޫދީކަލޭގެ ބުނެފިއެވެ. "މިއީ ވަރަށް ރީތި އަހެކެވެ."

މިފަހަރު އަސްވާރު އެއްވެސް އެއްޗެއް ނުބުނެ ހަމަހިމޭނުން އިނެވެ.

ދެން އަނެއްކާވެސް އިރުކޮޅެއް ފަހުން ޔަހޫދީ ކަލޭގެ ބުނެފި އެވެ. "އަހަރެމެން ދެމީހުންގެ އަސް ހާދަހާ ރީއްޗެވެ."
ޔަހޫދީ ކަލޭގެ މިހެން ބުނުމުން އޭނާ ކުރަން އެއުޅެނީ ކީއްކަން އަސްވާރަށް ވިސްނިއްޖެ އެވެ. އެހެނީ، މި ބީދައިން އޭނާގެ ބަސްމަގު ތަރައްޤީވަމުން ދާ ކަމަށްވަނީނަމަ، ދެން ތަންކޮޅަކަށް ގޮސްފައި ބުނާނީ، "ތިމަންނަގެ އަސް ހާދަހާ ރީއްޗެވެ." މިހެންނެވެ. މިހިސާބަށް ދާއިރު އަހުގެ މިލްކުވެރިކަމަށް ޔަހޫދީކަލޭގެ ދަޢުވާކުރާނެ އެވެ. މިހެންވެ، އަސްވާރު ބުންޏެވެ. "ފުދިއްޖެ އެވެ. އަވަހަށް އަސްމަތިން ފައިބާށެވެ."


މަޞްދަރު:
އަލްޢަރަބިއްޔާ ޑޮޓް ނެޓް.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ