އަދުގެ ޚާއްސަ

Print

ޔޫރޯ އިސްލާމިކް މިސްކިތް ފަރުމާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ހާނީ ޞަލާޙު (އިސްލާމްއޮންލައިން ޑޮޓް ނެޓް)
ޚުލާޞާ ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



ހުޅަނގު ޔޫރަޕުގައި މިސްކިތުގެ ޒަމާނީ ފަރުމާއެއްގެ ވިސްނުން އުފެދެމުން އެބަދެ އެވެ. އެއީ، ބިނާވެށީގެ ޝަޚުޞިއްޔަތަށް އިޖާބަދޭ ޙާލު، މިސްކިތުގެ އިސްލާމީ ވަންތަކަން ޙިމާޔަތްކޮށްދޭ ފަރުމާއެކެވެ.

މި ވިސްނުން ފެންމަތިވީ، އިޓަލީވިލާތުގައި ދާދި ފަހުން ބޭއްވުނު މަހާސިންތާއެއްގަ އެވެ. އެ މަހާސިންތާގެ ނަމަކީ، "މުސްލިމުން ޔޫރަޕަށް ދިނީ ކޮން އެއްޗެއް؟" މިއެވެ. މަހާސިންތާގެ ބައިވެރިން ކަށަވަރުކޮށްދިން ގޮތުގައި، "ޔޫރަޕުގައި ބިނާކުރެވޭ މިސްކިތްތައް ވާންޖެހޭނީ، އެ ބައްރުގެ ތިމާވެށްޓާއި ސަގާފަތަށް އިޙުތިރާމުކުރާ ޙާލު، އިސްލާމީ އަގުތަކާ ފުށުނާރާ ގޮތަށް ފަރުމާކޮށްފައިވާ ބިނާތަކެއް ކަމުގަ އެވެ." މިހާރު ޕޮލެންޑްގެ ވެރިރަށް ވޯސޯގައި ބިނާކުރެވޭ މިސްކިތް ފަރުމާކޮށްފައިވަނީ މި ވިސްނުމުގެ ދަށުންނެވެ.



މިސްކިތް ފަރުމާކުރުމާ ބެހޭ، މި އާ ވިސްނުމަށް ޔޫރަޕުގެ މުސްލިމުން ތަމްސީލުކުރައްވާ ޖަމާޢަތްތަކުގެ ވެރިންގެ ތަރުޙީބު ވަނީ ލިބިފަ އެވެ. ނަމަވެސް އެ ފަރާތްތަކުން ދެކޭ ގޮތުގައި، މީގެ މާނައަކީ މި އާ ވިސްނުމުގެ ދަށުން މުންނާރު ބިނާކުރުން ދޫކޮށްލުމެއް ނޫނެވެ. މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، ޑެންމާކުގެ އިސްލާމީ މަޖިލީހުގެ ރައީސް، ޢަބްދުލް ޙަމީދު ވިދާޅުވެފައި ވެ އެވެ. "މިސްކިތް ފަރުމާކުރުމާ ބެހޭ މި އާ ވިސްނުމުގެ ބޭނުމަކީ މަޞްލަޙަތު ޤާއިމުކުރުމެވެ. އަޅުގަނޑުމެން ބޭނުންވަނީ ޔޫރަޕުގައި އަޅުގަނޑުމެން ދިރިއުޅޭ މުޖުތަމަޢަށް އަޅުގަނޑުމެން ނިސްބަތްވާކަން ސާބިތުކޮށްދިނުމެވެ. އަޅުގަނޑުމެންނަކީ، އެ މުޖުތަމަޢަށް ބޭރުން ވަދެގަނެގެން އުޅޭ ބިރައްޓެހި ބަޔެއް ނޫންކަން އަންގައި ދިނުމެވެ."



ޖަރުމަނުވިލާތުގެ އިސްލާމީ ތަޖައްމުޢުގެ ރައީސް، ސަމީރު ފާލިޙު ވިދާޅުވެފައި ވެ އެވެ. "ހުޅަނގުގެ މިސްކިތްތަކުގެ ފަރުމާ އެ މުޖުތަމަޢުތަކުގެ ބިނާވެށްޓާ ގުޅުވުމަކީ މުސްލިމުން ނޫން މީހުންގެ ގާތުގައި ވެސް މިސްކިތް މަޤުބޫލުވެގެން ދާނެ ކަމެކެވެ. އަދި އެކަމަކީ އާކިޓެކްރަލް ނަޒަރަކުން ބަލާއިރު ބިނާވެށްޓާއެކު މިސްކިތް އެމުނިއެކުލެވިގެން ދާނެ ކަމެއް ވެސް މެ އެވެ."



އަދި ވެސް އޭނާ ވިދާޅުވި އެވެ. "ޢަރަބި ޤައުމުތަކުން ޔޫރަޕަށް ގެންނަ މިސްކިތްތަކުގެ ފަރުމާތަކަކީ ނޭދެވޭ އެއްޗެކެވެ. އިސްލާމްދީނަކީ ޔޫރަޕަށް ބޭރުން އެތެރެކުރެވޭ ދީނެއް ކަމަށާއި އެއީ ޔޫރަޕުގެ ރަށްވެހިންގެ ދީނެއް ނޫންކަމަށް ބުނާ ބުނުމަށް ބާރުދޭތީ އެވެ. އަޅުގަނޑުމެން މި އުފުލަނީ މުސްލިމުންނަކީ ޔޫރަޕުގެ މުވާޠިނުން ކަމުގެ ޝިޢާރެވެ. މުސްލިމުން ޔޫރަޕުގެ މުޖުތަމަޢުތަކާ އެމުނި އެކުލެވުމުގެ ޝިޢާރެވެ. ބޭރުން އެތެރެކުރާ ފަރުމާތައް މި ޝިޢާރާ ފުށުއަރަ އެވެ."

ޔޫރަޕުގައި ދަނީ ހަލުއިކަމާއެކު މިސްކިތްތަކުގެ ޢަދަދު އިތުރުވަމުންނެވެ. މިހާރު ޔޫރަޕުގެ މިސްކިތްތަކުގައި، ނަމާދުކުރާ 10000 (ދިހަ ހާސް) މާލަން ވާކަމަށް ބެލްޖިއަމްގެ ޔުނިވަރސިޓީއަކުން ހާމަކޮށްފައިވެ އެވެ. 1990 ވަނަ އަހަރާ އަޅާބަލާއިރު، މިޢަދަދަކީ ހަލުއި ކުރިއެރުމެއް ކަން އެނގެ އެވެ. އެހެނީ، 1990 ވަނަ އަހަރު ޔޫރަޕުގައިވާ ނަމާދުކުރާ މާލަންތަކުގެ ޢަދަދު ތިންހާސް ފަހަނަޅައި ނުދެ އެވެ. މިހާރު ޔޫރަޕުގެ މުސްލިމުންގެ އާބާދީއަކީ ގާތްގަނޑަކަށް ފަންސާސް މިލިޔަނެވެ.




މަޞްދަރުތައް:
އިސްލާމްއޮންލައިން ޑޮޓް ނެޓް.
ބުނާ ވެބްސައިޓު.


ހަމަމިގަލަމުން

އިދާރާ

ވާހަކަ