ބުނާއެއްޗެއް ނޭނގިގެން
(މިއީ އަލްފާޟިލް މުޚްތާރު ޢަބްދުއްރަޙްމާނު، ފަންވަތަށް ހަދިޔާ ކުރެއްވި ފޮތްތަކުގެ ތެރޭން ފޮތެއްގައި އޮތް ޅެމެކެވެ. މި ޅެން ހެއްދެވި ތާރީޚެއްކަމަށް، ޅެމުގެ މަޢުޟޫޢުގެ ތިރީގައި ޖައްސަވައިފައިވަނީ، 1403-4-10 އެވެ.)
= އިދާރާ =
މުޚްތާރު ޢަބްދުއްރަޙްމާނު، ނޫރާނީގެ/ށ. މިލަންދޫ
ކާކުތޯ ލަވަޔަށް ކިޔާ ތިޔަ ބެރުޖަހާ ނަށަނީ މިހާރު،
ތާކު ދެން އަހަރެން ޖަވާބެއް ވެސް ނެތޭ ހިތުގާ ލިޔާ
ބޭވަފާތެރިކަމުގެ ދަލުގާ ޖެހި މި އަދުތޯ ތާށިވީ؟
ލޭފަވެތި ހަންހާރަކަން، ލައިފިން މަގޭ ހިތު އޮތް އޮޔާ
ކޮންމެ ފަދަ ޢަމަލެއް ނުބައި، ކޮށްފައި ތިމާ ރެކި މަތިކުރާން،
އޮންނަނީ ކޮން ހަމަޔަކުން ޤަދަރާ ޤަޟާ މަތިވާ ނިޔާ
ހިލިމުޅިން ދިޔަތަން ފަހުންތޯ ތި އެނގުނި ފޭރާން އޮޑީ،
އިލިވަރަށް ދުއްވައިލުމުން ކަނޑުއޮއިތެރޭ ރާޅާ އޮޔާ
ހީލަތުގެ ގަޓަރީތަކެއް ބަނތް ލިބުނު މަންފާތޯ ކުޑައި،
ނީލަމުގެ ބިމަކަށް ލިޔަސް، ގަންނާނެޔޭ އިބްލީސް ތިޔާ
ފާރުތައް ހިތުގައި ކުރިންލީ ލަކުނު ވެސް ފޮހެވިއްޖެޔޭ،
ދައުރުވާ ގޮތުގާ ދުނިޔެ މާޒީ ވެގެން އެކުގާ އެޔާ
އަރަތަކަށްވުރެ މާނަފުން ނަފުރަތުތަކެއް އޮތް ހިތްމަގޭ،
ޙަރަކަތުންވީ ބޭވަފާ، ފިރުޤަށް ކުރާ ޢަދުލުގެ ނިޔާ
ހުސް އަނގަޔަކަށް ހުނިލުމުން، ހަމަ އަނގަކެނޑޭނޭ ބުނުމަކީ،
މުސްކުޅިން ބަހެކޭ އިހުއްސުރެ ބުނެއުޅޭ މީހުން ކިޔާ
ސުންނަތޭ ރައްބީގެ ނެތްތެލުގާ ތިމާ ވޮށް ދިއްލުމީ،
ފުށް އަނދައިދާނޭ،ކުރިން މަޤުޞަދު ނުވެވި ޙާޞިލް ކޮޔާ
ނެތްތިމާ ފޭރާމުގާ ހެދިލަންވެގެން ބޭލީ ފަސާހު،
އޮތްފޮށާ އަތު ގެއްލުނީ، ވީގޮތް އެނގޭ އޮރިޔާން ތިޔާ
ފިނިކަމެއް ހޯދާން އިތުރުތޯ، ގިނި އުނދުނަކަށް ވަދެގަތީ؟
މި ނިވަނެއްކަމުގާ ސިކުނޑިވަންޏާ ދެމޭ ސާބަސް ކިޔާ
ކަށިކުނބުރުކަން ތޫނު، އެނގިހުރެ ވަނތް ތިޔާ ޖަންގަލިތެރޭން،
ހަށިގަނޑަށް ތި ލިބޭ ޢަޒާބަށް، ކެތް ނުވެވުނަސް ޝުކުރިޔާ!
(ނިމުނީ)
ހަވާލާ؛
މުޚްތާރު ޢަބްދުއްރަޙުމާނުގެ ޅެންފޮތެއް (ޗާޕު ނުވެ އޮތް)
މި ފޮތުގައި އެކި ދުވަސްވަރުގެ ޅެން އެބަހުރި.
ގިނައިން ހުރީ 1980ގެ އަހަރުގެ ޅެންތައް.