އަދުގެ ޚާއްސަ

Print

ވެލަންޓައިން ދުވަސް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ޢަޤީދާ


އިސްލާމީ މުޖްތަމަޢުގައި ވަކި ހިއްޕަމުން އަންނަ ލާދީނީ އާދަތަކުގެ ތެރެއިން:


އަޙްމަދު ޢަބްދުﷲ ސަޢީދު

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަސް އައުމާއެކު އަޅުގަނޑުމެންގެ ޒުވާން ފުރައިގެ ކުދިން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ވެލަންޓައިން ދުވަސް ފާހަގަކުރުމަށެވެ. އެ ދުވަސް އައުމާއެކު ވަސްމީރު މާމެލާމެލީގެ ގުލްދަސްތާތަކާއި އަގު ބޮޑު ހަދިޔާތަކާއި މާމުއި ބަސްތަކުން ކަޅުކުރެވިފައިވާ ވެލަންޓައިން ކާޑުތަކުން ލޯބިވެރިން އެ މީހުންގެ ހިތުގެ ޖަޒުބާތުތައް ފާޅުކުރަމުންދެ އެވެ. ދިވެހީންގެ ތެރޭގައި ވެސް ވެލެންޓައިން ދުވަސް ގަބޫލުކުރެވިފައި އޮންނަނީ ލޯބިވެރިންގެ ދުވަހުގެ ގޮތުގަ އެވެ.
   
އިންސާނީ ނައުޢުގެ ދެ ޖިންސު ލައްވާފައިވަނީ އެއް ބަޔަކު އަނެއް ބަޔަކާ އެކު އޯގާތެރިކަމާއި ލޯތްބާއެކު ދިރުއުޅުން ވެއަތުކުރުމަށެވެ. ލޯތްބަށްޓަކައި ޝަރުޢީ ގޮތުން ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައި އެއް ބަޔަކު އަނެއް ބައެއްގެ ފަރާތުން ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދުމަށެވެ. ފިޠުރަތުގެ މިންގަނޑު ފަހަނަޅައި ނުގޮހެވެ. ޖަނަވާރުންގެ އުސޫލަކުން ނޫނެވެ.
   
ފެބްރުއަރީ މަހުގެ 14 ވަނަ ދުވަސް އައުމާއެކު މާމުއި ބަސްތަކުން ޖަރީކުރެވިފައިވާ ލޯބީގެ ކާޑުތަކާއި ރަތްކުލައިގެ ފިނިފެންމަލެއް ނުވަތަ އަގު ބޮޑު ހަދިޔާއެއް ލޯބިވެރިޔާއަށް ދިނުމަކީ މިއަދު ކޮންމެ ޒުވާނެއްގެ ވެސް އާދައަކަށް އޮންނަނީވެފައެވެ. ނަމަވެސް ލޯބިވެރިންގެ ދުވަހުގެ ގޮތުގައި މުޅި ދުނިޔޭގައި ފާހަގަކުރެވޭ ވެލަންޓައިން ދުވަހުގެ ޙަޤީޤަތް އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށްތޯއެވެ؟
   
ވެލަންޓައިން ދުވަހުގެ އާދަތައް ގުޅިފައިވަނީ އެވޭލާ ރޯމަނުންގެ އާދަތަކާ އެވެ. ޔޫރަޕަށް ކްރިސްޓިއަން ދީން އައުމުގެ ކުރިން ފެބްރުއާޓާ ޖޫނޯ (ރޯމަން ޢަޤީދާގައި އަންހެނުންނާއި ކައިވެނީގެ ކަލާނގެ) އާއި ޕޭން (ރޯމަން ޢަޤީދާގައި ފިޠުރަތުގެ ކަލާނގެ) ގެ ޝަރަފުގައި ލުޕަކާލިއަސް އީދު (feast of Lupercalius) ގެ ނަމުގައި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަސް އައީ ފާހަގަކުރަމުންނެވެ. ސަލާމްލެއްވި ޢީސާގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ހަތަރު ޤަރުނު ކުރިން ވެސް ރޯމަނުން މި ދުވަސް ފާހަގަކޮށް އުޅުނެވެ.
   
ރޯމަނުންގެ ޖާހިލީ ޒަމާނުގައި (ރޯމަނަށް ކްރިސްޓިއަން ދީން އައުމުގެ ކުރިން) މި އީދު (ލުޕަކާލިއަސް އީދު) އައުމުން ރޯމްގެ ޒުވާން އަންހެން ކުދީން، ކަރުދާސްކޮޅެއްގައި އެ ކުއްޖެއްގެ ނަން ލިޔުމަށް ފަހު އެ ކަމަށް ޚާއްޞަކުރެވިފައިވާ ގުޅިއަކަށް ވައްޓާލައެވެ. އެއަށް ފަހު ޒުވާން ފިރިހެން ކުދީންގެ ތެރެއިން ކޮންމެ ކުއްޖަކު އެ ގުޅީގެ ތެރެއިން ކަރުދާސްކޮޅެއް ނަގައެވެ. އެ ގޮތުން ނެގޭ ކަރުދާސްކޮޅުގައި އޮންނަ ނަމުގެ ވެރި އަންހެން ކުއްޖަކީ، އެ ދުވަހުން ފެށިގެން ކުރިއަށް އޮތް އަހަރު ދުވަހު އެ ފިރިހެން ކުއްޖަކާ އެކުގައި އެއްދާންކުރުމަށް ގުރުއަތުން ހޮވުނު އަންހެން ކުއްޖާއެވެ. އަހަރު ހަމަވުމުން އަނެއްކާ ވެސް ޖެހިގެން އަންނަ އަހަރުގެ އެ އީދުގައި ގުރުއަތުން އެހެން އަންހެން ކުއްޖަކު ހޮވަނީއެވެ. މި ގޮތުން ހޮވޭ ބައެއް އަންހެން ކުދިން އެ ފިރިހެން ކުދިންނާ އެކު ޒަވާޖީ ހަޔާތްވެސް ފަށައެވެ.
   
ރޯމްގައި ކްރިސްޓިއަން ދީން ފެތުރެމުން ދިޔަ ދުވަސްވަރު އެ ތަނުގައި ވެރިކަން ކުރަމުން ދިޔައީ އަމްބަރާޠޫރު (އެމްޕެރާ) ކްލައުޑިއަސް II އެވެ. ކްލައުޑިއަސް، އޭނާގެ ވެރިކަމުގެ އާރާއި ބާރު ގަދަކުރުމުގެ ނިޔަތުގައި ކަނޑައެޅުއްވީ، ރޯމަން އަސްކަރިއްޔާގެ ސިފައިންގެ ގޮތުގައި ހުސްހަށިބައި ފިރިހެނުންނަށް އެކަނި ގެންގުޅުމަށެވެ. އެއީ ސިފައިންގެ ތެރޭގައި ހިމެނޭ މީހުންގެ ފިރިން، އެ މީހުންގެ އަނބިދަރީން ދޫކޮށް ހަނގުރާމަ އަށް ދާން ފަސްޖެހޭތީއެވެ.
   
މި ސަބަބަށްޓަކައި އޭރު ރޯމްގެ ޢަސްކަރިއްޔާގައި ތިބި ހުސްހަށިބައި ފިރިހެނުން ކައިވެނިކުރުން، އަމްބަރާޠޫރުގެ އަމުރުފުޅަށް އޮތީ މަނާކުރެވިފައެވެ. އޭރު އިންޓަރަމްނާ (މިހާރު އިޓަލީގެ ޓެރްނީ ކިޔާ ސަހަރު)ގެ ފާދިރީއަކަށް ހުރި އެ ދީނުގެ ވަލީވެރިއެއް ކަމަށްވާ ސެއިންޓް ވެލަންޓައިން ރޯމްގެ އަމްބަރާޠޫރު ކްލައުޑިއަސް II އަށް ސިއްރުން ހުސްހަށިބައި ސިފައިން އޭނާގެ ގެއަށް ގެނެސް އަންހެން ކުދިންނާއި ކައިވެނިކޮށްދީ އުޅުނެވެ.
   
ވެލަންޓައިން ސިއްރުން ކައިވެނިކޮށްދޭކަން އަމްބަރާޠޫރަށް ފަޅާއެރުމުން އޭނާ ހައްޔަރުކޮށް ރޯމްގެ ގަވަރުނަރާ ހަވާލުކޮށް ހުރަގެއަށް ލެވުނެވެ. މިކަން ހިނގީ މީލާދީން 269 ނުވަތަ 270 ވަނަ އަހަރު އެވެ. މީނާ ރޯމްގެ ހުރަގޭގައި ހައްޔަރުކޮށްފައި ހުރި ދުވަސްވަރު، އޭރު ރޯމްގައި އޮތް ބުދު ދީނަށް ވެލަންޓައިން ބަދަލުކުރެވޭތޯ އަމްބަރާޠޫރު ވަރަށް ބޮޑަށް މަސައްކަތްކުރެއްވި އެވެ. ނަމަވެސް ވެލަންޓައިން ކްރިސްޓިއަން ދީން ދޫކޮށް ބުދު ދީނަށް ބަދަލުވުމަށް ފާޅުގައި ދެކޮޅު ހެދިއެވެ.
   
ވެލަންޓައިން ރޯމްގެ ހުރަގޭގައި ހައްޔަރުކޮށްފައި ހުރި ދުވަސްވަރު، ހުރަގޭގެ އިސްވެރިޔާ އަސްޓެރިއޮސްގެ ލޯފަން އަންހެން ދަރިފުޅާ އެކު ރަހްމަތްތެރިކަން އުފެދުނެވެ. އަދި އެ ގުޅުން ލޯތްބަށް ބަދަލުވި އެވެ. ކްރިސްޓިއަން ދީނުގައި ފާދިރީން ލޯބީގެ ގުޅުން ހިންގުމާއި ކައިވެނިކުރުމާއި ޖިންސީ ގުޅުން ހިންގުން މަނާކުރެވިފައި އޮތުމުން، ވެލަންޓައިން މި ގުޅުން ދަމަހައްޓަމުން އައީ ވަރަށް ސިއްރިޔާތުގައެވެ.
   
ވެލަންޓައިން، ދީން ބަދަލުނުކުރުމުން އޭނާ ދެކެ އަމްބަރާޠޫރު ނުހަނު ކޯފާވެފައި ހުންނަވަނިކޮށް އަމްބަރާޠޫރުގެ ކަންފަތްޕުޅަށް އެރީ ވެލަންޓައިން އާއި ހުރަގޭގެ ވެރިޔާގެ އަންހެން ދަރިފުޅުގެ ލޯބީގެ ގުޅުމުގެ ވާހަކަ އެވެ. އަދި އޭނާ ހުރަގޭގައި ހުރެގެން ރޯމްގެ ސިފައިން ކްރިސްޓިއަން ދީނަށް ވައްދަމުންދާ ވާހަކައެވެ.
   
އެއް ދުވަހަކު ވެލަންޓައިން، ކްލައުޑިއަސް II ގެ ދަރުބާރަށް ހާޒިރުކުކުރެވުނެވެ. ވެލަންޓައިންގެ މަގާމާއި އިއްޒަތަށްޓަކައި އޭނާ މިނިވަންކުރެއްވުމަށް އަމްބަރާޠޫރު ނިންމެވި އެވެ. ނަމަވެސް ޝަރުތުތަކަކާ އެކުގަ އެވެ. އެއީ ކްރިސްޓިއަން ދީން ދޫކޮށް ރޯމަނުންގެ ބުދު ދީނަށް އީމާންވުމެވެ. ވެލަންޓައިން މި ކަމާ ދެކޮޅު ހެދުމުގެ އިތުރުން އަމްބަރާޠޫރަށް ކްރިސްޓިއަން ދީނަށް ދައުވަތު ދިނެވެ. މި ސަބަބާ ހުރެ ވެލަންޓައިންގެ ކުށް އިތުރުވި އެވެ. ކްލައުޑިއަސް ކޯފާ އިސްކުރައްވައި ވެލަންޓައިން މެރުމަށް ހުކުމްކުރެއްވި އެވެ.
   
ވެލަންޓައިން މެރުމަށް ހަމަޖެހިފައި އޮތް ދުވަހު ހުރަގޭގެ ވެރިޔާގެ އަންހެން ދަރިފުޅަށް ކުޑަ ނޯޓެއް ލިޔުނެވެ. މި ނޯޓުގައި އޭނާގެ މަރާއި އަންހެން ކުއްޖާއާ ދެމެދު އެއްވެސް ގުޅުމެއް ނުވާކަން އަންހެން ކުއްޖާއަށް ޔަގީންކޮށްދީފައިވެ އެވެ. އަދި އެ ކުއްޖާއާ މެދު އޭނާގެ ހިތުގައިވާ ޖަޒުބާތުތައް ހާމަކޮށްފައިވެއެވެ. މި ނޯޓް ނިންމާލަމުން ލިޔެފައިވެ އެވެ؛ “ކަލާގެ ވެލަންޓައިންގެ ފަރާތުން.”
   
ރޯމަން އަމްބަރާޠޫރުގެ ގާނޫނުތަކާ ޚިލާފުވެ ކްލައުޑިއަސް II ގެ ދީން ބަދަލުކުރުމަށް މަސައްކަތްކުރުމުގެ ކުށުގައި ވެލަންޓައިން ރޯމްގެ މަގުތަކުގައި ގަން ހިންގައި އޮށްގަލުންނާއި ލަޓިބުރިތަކުން ތަޅައި އަނިޔާކުރުމަށް ފަހު، އޭނާގެ ބޯ ކަނޑައިލީ ރޯމްގެ ފްލަމީނިއަން ގޭޓްގެ ނަންދީފައިވާ ބޮޑު ދޮރާށީގެ ބޭރުގަ އެވެ. އެއީ މީލާދީން 270 ވަނަ އަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހު އެވެ.
   
މި ހާދިސާއަށް ފަހު މި ދޮރާށި “ޕޯރްތާ ވެލެންޓީނީ”ގެ ނަމުން މަޝްހޫރުވި އެވެ. ނަމަވެސް އެ ދޮރާށީގެ ނަން ފަހުން ވަނީ ޕޮރްތާ ޑެލް ޕޮޕޯލޯގެ ނަމަށް ބަދަލުކޮށްފަ އެވެ. ރޯމަންގައި އޮތް ބުދު ދީނުގެ ބަދަލުގައި އެތާނގެ މީހުން ކްރިސްޓިއަން ދީން ގަބޫލުކޮށް އެ ދީން ފެތުރެން ފެށުމުން، އޭގެ ކުރިން އެ މީހުން ފާހަގަކުރަމުން އައި އީދު ދުވަސް (ލުޕަރކާލިއަސް އީދު) އެ މީހުންގެ އާ ދީނުގެ ތެރޭގައި ހިމަނަން ބޭނުންވިއެވެ. ރޯމްގައި ކްރިސްޓިއަން ދީން ފެތުރުމުގައި އިސްވެ އުޅުނު ފާދިރީން ނިންމީ ކްރިސްޓިއަން ދީނުގެ އަޤީދާއާ އާންމު އުސޫލުތަކާ ޚިލާފުނުވާ ގޮތަށް އެ ދީނުގެ ތެރެއަށް މި އީދު ދުވަސް ވެއްދުމަށެވެ. އޭރު ތިބި ކްރިސްޓިއަން ދީނުގެ އިސް ބައެއް މީހުން ބޭނުންވީ މި ދުވަސް ފެބްރުއަރީ 14 ވަނަ ދުވަހު ފާހަގަކުރުމަށެވެ. އެއީ އެ ދީނުގެ ވަލީވެރިއެއް ކަމަށްވާ ސެއިންޓް ވެލެންޓައިން މަރާލެވުނު ދުވަހާ ގުޅުވުމުގެ ގޮތުންނެވެ.
   
ކެތަލިކް އެންސައިކްލޮޕީޑިއާގައިވާ މި ވާހަކަތަކަށް ބުރަވާ އިރު އެނގޭ އެއްޗަކީ، ކްރިސްޓިއަން ދީނުގެ ތެރެއަށް މި އާދަ ނުވަތަ ވެލަންޓައިން ދުވަސް ވަދެފައިވަނީ ސަލާމްލެއްވި ޢީސާގެފާނުގެ ﷲގެ ޙަޟްރަތަށް އުފުއްލެވުނުތާ 200 އަހަރު ފަހުން ކަމެވެ. އަދި އެކަލޭގެފާނުގެ އެއްވެސް ޙަވާރިއްޔަބޭކަލަކު ވެސް އަދި އެ ދުވަސްވަރު އެ ކަލޭގެފާނަށް އީމާންވީ އެކަކު ވެސް ވެލަންޓައިން ދުވަހެއް ފާހަގަކުރި ކަމެއް ކްރިސްޓިއަން ދީނުގެ އެއްވެސް ފޮތަކުން ސާބިތެއްނުވެއެވެ.
   
ރޯމަނުން ކްރިސްޓިއަން ދީން ގަބޫލުކޮށް، އެ މީހުން ކުރިން ފާހަގަކުރަމުން އައި ލުޕަރކާލިއަސް އީދުގެ ބަދަލުގައި ވެލަންޓައިން ދުވަހުގެ ގޮތުގައި ފެބްރުއަރީ 14 ވަނަ ދުވަސް ފާހަގަކުރަމުން ފެށިއެވެ. ނަމަވެސް ކްރިސްޓިއަން ދީނުގެ ރަސްމީ މުނާސަބަތެއްގެ ގޮތުގައި މި ދުވަސް ހަމަޖެއްސީ މީލާދީން 496 ވަނަ އަހަރު، އޭރު ހުންނެވި އެ ދީނުގެ އެންމެ އިސް ފާދިރީ ޕޯޕް ގެލެސިއަސްއެވެ.
   
ކްރިސްޓިއަން ދީނުގައި ފާހަގަކުރާ ދުވަހެއްގެ ގޮތުގައި ވެލަންޓައިން ދުވަސް ހަމަޖެއްސުމަށް ފަހު ރޯމަނުން ފާހަގަކުރަމުން އައި ލުޕަކާލިއަސް އީދުގައި އޮންނަ، ގުރުއަތުން އަންހެން ކުދިން ހޮވުމުގެ އާދައަށް ބަދަލުތަކެއް ގެނެވުނެވެ. ޕޯޕް ގެލެސިއަސް ހަމަޖެއްސެވީ ގުޅިއަށް އަޅާ ކަރުދާސްކޮޅުތަކުގައި އަންހެން ކުދިންގެ ނަން ޖެހުމުގެ ބަދަލުގައި ކްރިސްޓިއަން ދީނުގެ އިސް ފާދިރީން ނުވަތަ ވަލީވެރިންގެ ނަންތައް ޖެހުމަށެވެ. އެއަށް ފަހު އެ ގުޅީގެ ތެރެއިން އަންހެން ކުދިންނާއި ފިރިހެން ކުދިން ވެސް ކަރުދާސްކޮޅެއް ނަގާނީއެވެ. މި ގޮތުން ގުރުއަތުން ނެގޭ ވަލީވެރިއަކީ އެ މީހެއްގެ އުމުރުގެ ބާކީ ބައިގައި ނަމޫނާއެއްގެ ގޮތުގައި ހިފަންޖެހޭ ވަލީވެރިޔާކަމުގައި ހަމަޖެއްސީއެވެ.
   
ވެލަންޓައިން ދުވަހުގެ އާދައެއްގެ ގޮތުގައި ޖިންސީ ގުޅުން ހިންގާނެ އަންހެން ކުއްޖެއްގެ ބަދަލުގައި ގުރުއަތުން ވަލީވެރިއެއް ނުވަތަ ފާދިރީއަކު ހޮވުމަކީ ރޯމްގެ ޒުވާން ފިރިހެން ކުދިން މާ ރުހޭ ކަމަކަށް ނުވިއެވެ. ވުމާ އެކު އެ އާދަ މާ ގިނަ ދުވަހު ދެމިއޮންނަ ގޮތެއް ނުވިއެވެ. ރޯމްގެ ޒުވާން ކްރިސްޓިއަނުން މި ދުވަސް ފާހަގަކުރުމަށްޓަކައި ރަތް ފިނިފެންމަލާއި ގަހަނާ ފަދަ ހަދިޔާ އާއި ލޯބީގެ ފޮނި ބަސްތަކުން ފުރާފައިވާ ކާޑުތައް އެ މީހުންގެ ލޯބިވެރިންނަށް ކޮންމެ އަހަރެއްގެ ފެބްރުއަރީ 14 ވަނަ ދުވަހު ދޭން ފެށިއެވެ. ޕޯޕްގެ ފަރާތުން ވެލަންޓައިން ދުވަސް ފާހަގަކުރުމުން މުޅި ޔޫރަޕަށް މި އާދަ ފެތުރިގެން ދިޔައެވެ. ނަމަވެސް އެމެރިކާގައި މި އާދަ ފެތުރެން ފެށީ 1800 ގެ އަހަރުތަކުގައި އެމެރިކާގެ އަހުލީ ހަނގުރާމައިގެ ދުވަސްވަރުގަ އެވެ.
   
ވެލަންޓައިން ދުވަހުގައި މިހާރު ކުރަމުންދާ ގިނަ ކަންތައް ފެށިފައިވަނީ މީލާދީ ތާރީޚުގެ މެދުތެރޭގެ އަހަރުތަކުގައި އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތުންނެވެ. މީލާދީން 14، 15 ވަނަ ގަރުނުގެ ތެރޭގައި މި ދެ ގައުމުގެ އަދަބިއްޔާތުގެ ތެރޭގައި ވެލަންޓައިން ދުވަހަކީ ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ ދުވަހެކެވެ. ވެލަންޓައިން ދުވަހު ކައިވެނިކުރާ ދެ މީހުން އެކަކު އަނެކަކާ މުޚާޠަބުކުރަނީ “މައި ވެލަންޓައިން” (އަހަރެންގެ ވެލަންޓައިން)ގެ ނަމުންނެވެ.
   
ވެލަންޓައިން ދުވަހުގެ ރަމްޒެއްގެ ގޮތުގައި އާންމުކޮށް ފެންނަ އެއްޗަކީ ދެ ވަރަ ލާފައި، އަތުން ތީރެއް ހިފައިގެން، ބަރަހަނާ އަށް ހުންނަ ކިޔުޕިޑްގެ ނަން ދީފައިވާ ތުއްތު ފިރިހެން ކުއްޖެކެވެ. ރޯމަނުންގެ ޢަޤީދާގައި ކިޔުޕިޑް އަކީ ޝަހުވާނީ ލޯތްބާއި ފަރިކަމުގެ ކަލާނގެއެވެ. އެވޭލާ ރޯމަނުން ގަބޫލުކުރާ ގޮތުގައި އިންސާނުންގެ ހިތްތަކުގައި އެކަކު އަނެކަކާ މެދު ލޯބީގެ ގުޅުން އުފެދެނީ ކިޔުޕިޑް ރުވާފައި ދޫކޮށްލާ ތީރު އެ މީހެއްގެ ހިތަށް ހެރުމުންނެވެ.
   
އިސްވެ ދެންނެވުނު ތާރީޚީ ޙަޤީޤަތްތަކަށް ބުރަވާ އިރު، ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ވެލަންޓައިން ދުވަސް ފާހަގަކުރުމަކީ އެވޭލާ ބުދުދީނުގެ އާދަކާދައިގެ ތެރެއިން ކްރިސްޓިއަން ދީނުގެ ތެރެއަށް ވަދެފައިވާ ޖާހިލީ އާދައެއް ކަމެވެ. އިސްލާމް ދީން މުސްލިމުންނަށް ގޮވައިލަނީ ލާދީނީ އާދަތަކުގައި ނުހިފުމަށެވެ. އަދި އެހެން ދީންތަކުގެ މީހުންނާ އެއްގޮތްވެގެން ނުއުޅުމަށެވެ. އިސްލާމް ދީނުގައިވަނީ ލޯބީގެ އެންމެ މާތް ގުޅުން ޝަރުޢުކުރައްވައިފަ އެވެ.

ވެލެންޓައިންސް ދުވަހުގެ ފަތުވާ


އައް ލަޖްނަތުއް ދާއިމާ ލިލްބުޙޫޘިލް ޢިލްމިއްޔާ ވަލްއިފްތާއު (ސައޫދީ ޢަރަބިއްޔާ)
ފަތުވާ ނަންބަރު: 21203  (23 ޛުލްޤަޢިދާ 1420)

މި ފަތުވާގައި ބުނެފައިވާ ގޮތުން؛ ކީރިތި ޤުރްއާނާއި މާތް ރަސޫލާ މުޙައްމަދު (صلى الله عليه وسلم)ގެ ސުންނަތުގެ ދަލީލުތަކަށް ބުރަވެ، ފަހުގެ (ސަލަފްގެ) ދަންނަ ބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، އިސްލާމް ދީނުގައި ފިޠުރު ޢީދާއި އަޟްޙާ ޢީދު ފިޔަވައި އެހެން ޢީދެއް ނޯންނާނެއެވެ. މިއާ ޚިލާފަށް ވަކި ޝަޚުޞިއްޔަތަކާ، ވަކި ޖަމާއަތަކާ، ވަކި ހާދިސާއަކާ ގުޅުވައިގެން ކޮންމެ މާނައެއްގައި ފާހަގަކުރާ ޢީދެއް ކަމުގައި ވިޔަސް، އެކަން ހިމެނިގެންދާނީ ބިދުޢައިގެ ތެރޭގައެވެ. އެ ފަދަ ޢީދެއްގައި ބައިވެރިވުމާއި އެ ޢީދު ގަބޫލުކުރުމާއި އުފާ ފާޅުކުރުމާއި އެކަމަށް ވާގިވެރިވުން ފަދަ އެއްވެސް ކަމެއް މުސްލިމުންނަށް ހުއްދަވެގެން ނުވެއެވެ. އެފަދައިން އަމަލުކުރުން ބެލެވޭނީ ﷲ ކަނޑައަޅުއްވާފައިވާ އިން ފަހަނަޅައި ދިއުން ކަމުގައެވެ.
   
ބަޔަކާ ވައްތަރުވެގެން އުޅުމީ އެ މީހުންގެ ތެރޭގައި ހިމެނުން ކަމަށް ރަސޫލާގެ ސުންނަތުން ސާބިތުވާ އިރު، ވެލަންޓައިން ދުވަހަކީ ބުދު ދީނާއި ކްރިސްޓިއަން ދީނާ ގުޅިފައިވާ ޢީދެކެވެ. ވީއިރު މުސްލިމުން އެ ކަމުގައި ބައިވެރިވުން ހުއްދައެއް ނުވާނެއެވެ. އޭގެ ބަދަލުގައި މުސްލިމުންގެ މައްޗަށް ވާޖިބުވެގެން ވަނީ އެފަދަ ޢީދުތަކާއި މުނާސަބާތަކުން ދުރުވުމާއި އެފަދަ ކަންކަން މަނާކުރުމާއި މުސްލިމުންގެ ބަޔަކު އެފަދަ ކަމެއްގައި ބައިވެރިވާ ނަމަ އެކަމަކުން އެ ބަޔަކު ދުރުހެލިކުރުމެވެ.

ފަޟީލަތުއް ޝައިޚް މުޙައްމަދުއް ޞާލިޙް އަލް ޢުޘައިމީންގެ ފަތުވާ
ފަތުވާ ނެރުއްވީ؛ 5 ޛުލްޤަޢިދާ 1420
   
ފަޟީލަތުއް ޝައިޚް ޢުޘައިމީން ވިދާޅުވާ ގޮތުގައި އަންނަނިވި ސަބަބުތަކަށްޓަކައި، ވެލަންޓައިން ދުވަސް ފާހަގަކުރުން މުސްލިމުންގެ މައްޗަށް ހުއްދަވެގެން ނުވެއެވެ.

1- އެއީ ޝަރުޢީ އެއްވެސް އަސާސެއް ނެތް ބިދުޢީ (އިންސާނުން އަމިއްލަ އަށް އުފައްދާފައިވާ) ޢީދެކެވެ.

2- އެ ދުވަސް ފާހަގަކުރުމުގައި ގޮވައިލެވެނީ ޢިޝްޤީ ލޯތްބަށާއި ޖިންސީ ކަންކަމަށެވެ.

3- އެ ދުވަސް ފާހަގަކުރުމުގައި ގޮވައިލެވެނީ، ސަލަފުއް ޞާލިޙްގެ ތެދުމަގާ ޚިލާފު ނުބައި ކަންކަމުގައި މީހާގެ ހިތް މަޝްޣޫލުކުރުވުމަށެވެ.

    ވީމާ، ވެލަންޓައިން ދުވަސް ފާހަގަކުރުމުގައި، އީދު ދުވަހެއް ފާހަގަކުރުމަށް ކޮށް އުޅޭ އެއްވެސް ބާވަތެއްގެ ކަމެއް (ޚާއްސަ ކެއުންބުއިން، ޚާއްސަ ހެދުން ލުން، ހަދިޔާ ބަދަލުކުރުން ފަދަ އެއްވެސް ކަމެއް) ކުރުން ހުއްދަ ނުވާނެ އެވެ.

ފަޟީލަތުއް ޝައިޚް ޢަބްދުﷲ ބްނު ޖަބަރައިންގެ ފަތުވާ

ވެލަންޓައިން ދުވަހަކީ ޝަރުއީ އެއްވެސް އަސްލެއް ނެތް ބިދުޢައިގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ އެކަން ކުރުން މުސްލިމުންގެ މައްޗަށް ހުއްދައެއް ނޫނެވެ. ވެލަންޓައިން ދުވަސް ފާހަގަކުރުމުން، ޣައިރު މުސްލިމުންގެ މުނާސަބަތެއް ފާހަގަކުރެވި އެ މީހުން އިހްތިރާމްކުރާ އާދަތަކަކަށް އިހްތިރާމްކުރެވޭތީ އެއީ ޣައިރު މުސްލިމުންނާ އެއްގޮތްވުން ކަމަށްވެ އެވެ. މި ސަބަބަށްޓަކައި އެ ދުވަސް ފާހަގަކުރުން މުސްލިމުންނަށް ހުއްދައެއް ނޫނެވެ. އޭގެ އިތުރުން އެ ދުވަސް ފާހަގަކުރުމުގައި ހިމެނޭ، މިޔުޒިކް ކުޅެ ލަވަކިޔައި ނެށުމާއި ދެޖިންސުގެ މީހުން ގައިގޯޅިވުމާއި އެއް ބަޔަކު އަނެއް ބަޔަކަށް ޒީނަތްތެރިކަން ފާޅުކޮށް ދެއްކުން ފަދަ ފާސިދު ކަންތައް ހިމެނިފައިވުމުން ވެސް އެ ދުވަސް ފާހަގަކުރުން ހުއްދައެއް ނޫނެވެ.

(ނިމުނީ)

ނޯޓު: ކިޔުންތެރިންގެ ތަރުޙީބާއި ޝުޢޫރުތަކަށްޓަކައި ޝުކުރު ދަންނަވަމެވެ. ޚިޔާލު ފާޅު ކުރެއްވި ދެ ބޭފުޅަކު،ތިޔަ ދެއްވި އެހީތެރިކަމުގެ އަލީގައި، މި ހާރު މި ވަނީ، މި ލިޔުމުން ތިޔަ ފާހަގަ ކުރެއްވި، އިމްލާ ކުށް އިޞްލާޙު ކުރެވިފަ އެވެ. ފަށްފަށުން ޝުކުރިއްޔާ އެވެ. ބިނާކުރަނިވި، ޢިލްމީ އަދަބީ ނަޤުދުތަކަށް ފަންވަތުން އުފަލާއެކު މަރުޙަބާ ކިޔާނެ އެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ