އަދުގެ ޚާއްސަ

Print

ހޭލުންތެރިކަން އިތުރު ކުރުމަކީ ކޮބާ؟

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

މަތީގައި އެ އޮތީ ސުވާލެކެވެ. ނަމަވެސް އޭގެ ޖަވާބަކީ ކޮބައިކަމެއް އަޅުގަނޑަކަށްވެސް ބުނެދޭކަށް ނޭނގެއެވެ. އެހެނެއްކަމަކު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރާވަރަށްގިނަ ކަންތައްތައް ބުނެދިވެދާނެއެވެ. ލުއި ފޮތް ބެހުން، ރޭޑިއޯ ނުވަތަ ޓީވީ ޕްރޮގްރާމްތައް ފޮނުވުން، މަޢުލޫމާތު ކަރުދާސް ފޯރުކޮށްދިނުން، ބެނާތައް ދެމުން، ގިނަމީހުނަށް ފެންނާނެހެން ތަފާތު ލިޔުންތައް ބެހެއްޓުން، މިއިން ކޮންމެކަމަކީވެސް ކޮންމެ ވެސް ދިމާއަކުން މީހާގެ މަޢުލޫމާތު އިތުރުކޮށްދޭނެ ކަންކަމެވެ. ކަންކަމާގުޅޭ ތަފާތު މަޢުލޫމާތު ލިބިފައި ހުރުން އެއީ އެކަމާމެދު ހޭލުންތެރިކަން އިތުރުވުން ކަމުގައިވަނީނަމަ މި ދެންނެވި ކަންތައްތަކުގެ ސަބަބުން ވެސް ކޮންމެ ވެސް ބައެއްގެ ހޭލުންތެރިކަން އިތުރުވާނެކަން ކަށަވަރެވެ.

އުފެދޭ ސުވާލަކީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ބެހެއްޓޭ ކޮންމެ ބޯޑަކުން ނުވަތަ ދަމާލެވޭ ކޮންމެ ބެނާއަކުން އެމަޤުޞަދު ޙާޞިލުވާނެތޯ އުފެދޭ ސުވާލެވެ. ދިވެހިންގެ ތެރެއިން މަދުމީހަކު ފިޔަވައި ހޭލުންތެރިކަން ނެތުމުގެ ސަބަބުން، ބަލިވެގެން ޑަކްޓަރީ ފަރުވާއެއް ނުހޯދައި ހުރެދާނެބާވަ އެވެ. ގިނަމީހުންނަކީ ހުންވަރިއެއް ކުރިމަތިވިޔަސް ބޮލެއްގައި ރިއްސާލިޔަސް އަދި ބަނޑެއްގައި ރިއްސާލިޔަސް އަވަސް އަވަހަށް ޑަކްޓަރަށް ދައްކާމީހުންނެވެ. ނުވަތަ ޑަކްޓަރީބޭސް ބޭނުންކުރާމީހުންނެވެ.

މިކަހަލަ މުޖްތަމަޢެއްގައި މީހުން ޑަކްޓަރަށްދެއްކުމަށް ބާރުއަޅާ ބެނާތަކާ ބޯޑުތަކަށް ވުރެ މުހިންމުވާނީ ރަނގަޅުކާނާއާއި ކަސްރަތުގެ މުހިންމުކަން އަންގައިދޭ ބޯޑުތައްނޫން ތޯއެވެ. މީގެ މަހެއްހައި ދުވަސްކުރިން، މާލެ ފިޔަވައި ރާއްޖޭގައި އެންމެގިނަމީހުން އަރައިފައިބާ ރަށްކަމަށްބުނާ އުތުރުގެ ބޮޑުރަށަކަށް ދެވުނެވެ. އެންމެފުރަތަމަ ވެސް އަޅައިގަތީ ހޭލުންތެރިކުރުވުމުގެ ގޮތުން ދަމާފައިވާ ބެނާތަކާއި ބޯޑުތަކުގައެވެ. ޞިއްޙީ ދާއިރާއާ ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް އެކުލެވޭ އެ ބޯޑުތައް ބަލަމުން ދިޔައިރު އެއްބޯޑެއްގެ ލިޔުންކޮޅާމެދު މާބޮޑަށް ވިސްނެންފަށައިފި އެވެ. އެއިން ދޭހަވާ މާނައާއި ދޭން ބޭނުންވާ މެސެޖާ މެދު ފިކުރުހިންގުނުލެއް ތަންކޮޅެއް އިތުރުވެއްޖެއެވެ. ބޯޑުގައި ލިޔެފައިވަނީ މިދަންނަވާ އިބާރާތްކޮޅެވެ. "ޖިންސީގުޅުމުން އަރާ ގިނަ ބަލިތަކަކީ ފަސޭހައިން ރަނގަޅުކުރެވިދާނެ ބަލިތަކެވެ."

އަޅުގަނޑަށް ވިސްނޭގޮތުގައި މިބޯޑުން ފޯރުކޮށްދެން މިއުޅޭ މެސެޖަކީ، ޖިންސީގުޅުމުން އަރާ ބަލިތަކަށް ފަރުވާނުކޮށް ހުރެގެން ނުވާނެކަމާއި އަވަހަށް ފަރުވާ ހޯދަންވާނެކަމެވެ. އަދި އޭރުން ބޮޑު އޮޕަރޭޝަނަކާ ހަމައަށް ނުގޮސް ފަސޭހަ ކުރެވިދާނެ ކަމެވެ. ނަމަވެސް މި ދެންނެވި މެސެޖް ލިބެނީ ދެތިންފަހަރު ލިޔުންކޮޅު ކިޔާލައި، އެއާމެދު ކުޑަކޮށް ވިސްނާލުމުންނެވެ.

އޭގެ ބަދަލުގައި ބޭރުފުށުން އެދޭހަވަނީ މުޅިން އެހެން މާނައެކެވެ. ޖިންސީގުޅުމުން އަރާބަލިތަކާމެދު ޖެހިލުން ވާނެކަމެއް ނެތެވެ. އެކަން ފަސޭހަ ކޮށްލެވިދާނެއެވެ. މި މެސެޖަކީ ޙަޤީޤަތުގައި ވަރަށް ގޯސް މެސެޖެކެވެ. ދެވިގެން ނުވާނެ މެސެޖެކެވެ. ބޯޑެއްލިޔެ އާންމު ތަނެއްގައި ހަރުކުރުމުގެ ކުރިން އެއާމެދު ވިސްނާލުން ވަރަށްވެސް މުހިންމެވެ. އެ ލިޔުން ކިޔާމީހަކަށް އެ ލިބެންވާ މެސެޖު، ނުވަތަ އެ ދޭންބޭނުންވާ މެސެޖު ހަމަ ރަނގަޅަށް ދެވޭތޯ ބެލުން އެއީ ވަރަށް މުހިންމު ކަމެކެވެ. ނޫންނަމަ ހޭލުންތެރި ކުރުވިގެން ނުވާނެ ރޮނގަކުން ހޭލުންތެރިވެ މުޖްތަމަޢު ނުބައިދިމާޔަކަށް މިސްރާބުޖަހާފާނެއެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ