އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ބައެއް ޢަދަދުތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ޢަބްދުލްމުޢީދު ޙަސަން


މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށް ދެއްވި ދެމިހުންނަނިވި މުޢުޖިޒާތަކީ، ކީރިތި ޤުރުއާނެވެ. ކީއްތޯއެވެ. ޖިންނީންނާއި އިންސީންނަށް ގެނެސް ނުގަނެވޭނެ އެތައް އިޢުޖާޒެއް އެކަލާނގެ، އެ ފޮތުގައި ލައްވާފައިވެއެވެ. އެކަން ބަޔާންކުރައްވައި ވަޙީކުރައްވާފައި ވެ އެވެ.

(قُل لَّئِنِ اجْتَمَعَتِ الإِنسُ وَالْجِنُّ عَلَى أَن يَأْتُواْ بِمِثْلِ هَذَا الْقُرْآنِ لاَ يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا) އަލްއިސްރާ: 88
މާނައީ، "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި ޤުރުއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެ އެވެ."

މާތް ﷲ، ކީރިތި ޤުރުއާނުގައި ލައްވާފައިވާ އެއް އިޢުޖާޒަކީ، ޢަދަދުގެ އިޢުޖާޒެވެ. އެ ފޮތަކީ، ޢަދަދުގެ ގޮތުން ވެސް މުޢުޖިޒާތެކެވެ. މި ދިރާސާގައި ބަލައިލާނީ، ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ބައެއް ޢަދަދުތަކުގެ މައްޗަށެވެ.


1. ސުމެއް (0)

(هَلْ أَتَى عَلَى الإِنسَانِ حِينٌ مِّنَ الدَّهْرِ لَمْ يَكُن شَيْئًا مَّذْكُورًا) އަލްއިންސާން: 1
މާނައީ، "ނަންގަނެވިގެންވާ އެއްޗެއް ކަމުގައި އިންސާނާ ނުވާ ޒަމާންތަކެއް، އެ އިންސާނާގެ މައްޗަށް އައިކަން ކަށަވަރެވެ."

(أَوَلا يَذْكُرُ الإِنسَانُ أَنَّا خَلَقْنَاهُ مِن قَبْلُ وَلَمْ يَكُ شَيْئًا) މަރްޔަމް: 67
މާނައީ، "އެ އިންސާނާ މީގެ ކުރިން މައުޖޫދުވެގެންވާ އެއްޗެއް ކަމުގައި ނުވާ ޙާލު، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާ ހެއްދެވިކަން އޭނާ ހަނދާން ނުކުރަނީހެއްޔެވެ؟"


2. އެކެއް (1)

(وَمَا مِنْ إِلَهٍ إِلاَّ إِلَهٌ وَاحِدٌ) އަލްމާއިދާ: 73
މާނައީ، "އެއްކައުވަންތަ އިލާހު މެނުވީ އެހެން އިލާހަކު ނުވެ އެވެ."

(كَانَ النَّاسُ أُمَّةً وَاحِدَةً) އަލްބަޤަރާ: 213
މާނައީ، "އެންމެހައި މީސްތަކުންނީ އެއް އުންމަތެއް ކަމުގައިވި އެވެ."


3. ދޭއް (2)

(يَا أَيُّهَا الَّذِينَ آمَنُواْ شَهَادَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ حِينَ الْوَصِيَّةِ اثْنَانِ ذَوَا عَدْلٍ مِّنكُمْ) އަލްމާއިދާ: 106
މާނައީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް، މަރު ޙާޟިރުވެއްޖެނަމަ، ވަޞިއްޔަތްކުރާ ހިނދުގައި، ތިޔަބައިމީހުންގެ މެދުގައި، ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ދެ ފިރިހެނުން ހެކިކުރުން ހުށްޓެވެ."

(مِّنَ الضَّأْنِ اثْنَيْنِ وَمِنَ الْمَعْزِ اثْنَيْنِ) އަލްއަންޢާމު: 143
މާނައީ، "އެއީ ޟައުނު ބަކަރީގެ (އަންހެން، ފިރިހެން) ދެ އެއްޗާއި، މަޢުޒު ބަކަރީގެ (އަންހެން، ފިރިހެން) ދެ އެއްޗެވެ."

(قَالُوا رَبَّنَا أَمَتَّنَا اثْنَتَيْنِ وَأَحْيَيْتَنَا اثْنَتَيْنِ فَاعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَى خُرُوجٍ مِّن سَبِيلٍ) ޣާފިރު: 11
މާނައީ، "އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ އަޅަމެން ދެފަހަރަށް މަރުގަންނަވައި، ދެފަހަރަށް ދިރުއްވައިފީމު އެވެ."


4. ތިނެއް (3)

(وَكُنتُمْ أَزْوَاجًا ثَلاثَةً) އަލްވާޤިޢާ: 7
މާނައީ، "އަދި ތިޔަބައިމީހުން (އެދުވަހުން) ތިން ބާވަތަކަށް ވެދެ އެވެ."

(انطَلِقُوا إِلَى ظِلٍّ ذِي ثَلاثِ شُعَبٍ) އަލްމުރްސަލާތު: 30
މާނައީ، "ތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެއަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެއަށް) ތިޔަބައިމީހުން ހިނގައިދާށެވެ!"


5. ހަތަރެއް (4)

(وَجَعَلَ فِيهَا رَوَاسِيَ مِن فَوْقِهَا وَبَارَكَ فِيهَا وَقَدَّرَ فِيهَا أَقْوَاتَهَا فِي أَرْبَعَةِ أَيَّامٍ سَوَاءً لِّلسَّائِلِينَ) ފުއްޞިލަތު: 10
މާނައީ، "އަދި އެކަލާނގެ، ފުރިހަމަ ހަތަރު ދުވަހުގެ ތެރޭގައި، އެ ބިމުގެ މަތީގައި އުފުލިފައިވާ، ހަރުލައިހުންނަ ފަރުބަދަތައް ލައްވައި، އަދި އެ ބިމުގައި ބަރަކާތްލައްވައި، އަދި އެ ބިމުގައި ވާހާތަކެތީގެ ރިޒުޤު މިންވަރުކުރެއްވި އެވެ. (އެއީ) އެދޭ މީހުންނަށްޓަކަ އެވެ."

(وَمِنْهُم مَّن يَمْشِي عَلَى أَرْبَعٍ) އައްނޫރު: 45
މާނައީ، "އަދި ހަތަރެސްފައިން ހިނގާ ތަކެތި ވެސް އޭގެތެރެއިން ވެ އެވެ."


6. ފަހެއް (5)

(وَلا خَمْسَةٍ إِلاَّ هُوَ سَادِسُهُمْ) އަލްމުޖާދަލާ: 7
މާނައީ، "އަދި ފަސްމީހަކު ސައްލާކުރާ ހިނދު، ހަވަނައަށް އެކަލާނގެ ވޮޑިގެންނުވާ އެއްވެސް ސައްލާއެއް ނުވެ އެވެ."

(وَالْخَامِسَةُ أَنَّ لَعْنَتَ اللَّهِ عَلَيْهِ إِن كَانَ مِنَ الْكَاذِبِينَ) އައްނޫރު: 7
މާނައީ، "އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، ﷲ ގެ ލަޢުނަތް އޭނާގެ މައްޗަށް ހުރިކަމަށެވެ."


7. ހަޔެއް (6)

(وَلَقَدْ خَلَقْنَا السَّمَاوَاتِ وَالأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ) ޤާފު: 38
މާނައީ، "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވީމެވެ."


8. ހަތެއް (7)

(لَهَا سَبْعَةُ أَبْوَابٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ) އައްޙިޖުރު: 44
މާނައީ، "އެ ނަރަކައަށް ހަތް ދޮރު ވެ އެވެ. އެއިން ކޮންމެ ދޮރަކަށް ކަނޑައެޅިގެންވާ ބަޔެއް ވެ އެވެ."

(وَقَالَ الْمَلِكُ إِنِّي أَرَى سَبْعَ بَقَرَاتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعَ سُنبُلاتٍ خُضْرٍ وَأُخَرَ يَابِسَاتٍ) ޔޫސުފު: 43
މާނައީ، "ރަސްގެފާނު ވިދާޅުވި އެވެ. ހަމަކަށަވަރުން، ތިމަންނާއަށް (ހުވަފެނުގައި) ފަލަ ހަތް ގެރި ފެނެ އެވެ. (ފެންނަނީ) ހިކި ހަތް ގެރި، އެ ގެރިތައް ކަނިކޮށްނެވެ. އަދި ރޯ ހަތް ކުރާގަނޑާއި، ހިކި ހަތް ކުރާގަނޑު ފެނެ އެވެ."


9. އަށެއް (8)

(وَالْمَلَكُ عَلَى أَرْجَائِهَا وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ) އަލްޙާއްޤާ: 17
މާނައީ، "އަދި މަލާއިކަތުން، އެ އުޑުގެ ކަންކޮޅުތަކުގައި ތިއްބަވާނެތެވެ. އެދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޢަރުޝިފުޅު، އެއުރެންގެ މަތީގައި އުފުއްލަވާނީ، އަށް މަލާއިކަތުންނެވެ."

(قَالَ إِنِّي أُرِيدُ أَنْ أُنكِحَكَ إِحْدَى ابْنَتَيَّ هَاتَيْنِ عَلَى أَن تَأْجُرَنِي ثَمَانِيَ حِجَجٍ فَإِنْ أَتْمَمْتَ عَشْرًا فَمِنْ عِندِكَ وَمَا أُرِيدُ أَنْ أَشُقَّ عَلَيْكَ سَتَجِدُنِي إِن شَاء اللَّهُ مِنَ الصَّالِحِينَ) އަލްޤަޞަޞް: 27
މާނައީ، "އެކަލޭގެފާނު ވިދާޅުވި އެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ޤަޞްދުކުރައްވަނީ ތިމަންކަލޭގެފާނުގެ މި ތިއްބެވި ދެ އަންހެން ދަރިކަނބަލުންކުރެ އެއް ދަރިކަނބަލަކު، ކަލޭގެފާނާ ކައިވެނިކޮށްދެއްވުމަށެވެ. އަށްއަހަރު ވަންދެން ތިމަންކަލޭގެފާނަށް ޚިދުމަތްކޮށްދެއްވުމުގެ ޝަރުޠުގެ މަތިންނެވެ."


10. ނުވަޔެއް (9)

(وَكَانَ فِي الْمَدِينَةِ تِسْعَةُ رَهْطٍ يُفْسِدُونَ فِي الأَرْضِ وَلا يُصْلِحُونَ) އައްނަމްލު: 48
މާނައީ، "އަދި އެ ރަށުގައި ނުވަ މީހަކު އުޅުނެވެ. އެއުރެން ބިމުގައި ފަސާދަ އުފައްދަމުން ގެންދެތެވެ. އަދި އެއުރެން (އެއްވެސް ކަމެއް) އިޞްލާޙެއް ނުކުރެތެވެ."

(وَلَقَدْ آتَيْنَا مُوسَى تِسْعَ آيَاتٍ بَيِّنَاتٍ) އަލްއިސްރާ: 101
މާނައީ، "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ފާޅުވެ ބަޔާންވެގެންވާ ނުވަ މުޢުޖިޒާތެއް މޫސާގެފާނަށް ދެއްވީމެވެ."


11. ދިހަޔެއް (10)

(تِلْكَ عَشَرَةٌ كَامِلَةٌ) އަލްބަޤަރާ: 196
މާނައީ، "އެއީ ފުރިހަމަ ދިހަ ދުވަހެވެ."

(وَلَيَالٍ عَشْرٍ) އަލްފަޖްރު: 2
މާނައީ، "އަދި ދިހަ ރޭ ގަންދެއްވަމެވެ."


12. އެގާރަ (11)

(إِذْ قَالَ يُوسُفُ لِأَبِيهِ يَا أَبَتِ إِنِّي رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ) ޔޫސުފު: 4
މާނައީ، "ޔުސުފުގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވި ހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާ އެވެ! ހަމަކަށަވަރުން، އެގާރަ ތަރިއާއި، އިރާއި ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެ އެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް ސަޖިދަކުރާތީ އެވެ."


13. ބާރަ (12)

(إِنَّ عِدَّةَ الشُّهُورِ عِندَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ) އައްތައުބާ: 36
މާނައީ، "ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، ﷲ ގެ ޙަޟުރަތުގައި ބާރަ މަހެވެ."

(وَقَطَّعْنَاهُمُ اثْنَتَيْ عَشْرَةَ أَسْبَاطًا أُمَمًا وَأَوْحَيْنَا إِلَى مُوسَى إِذِ اسْتَسْقَاهُ قَوْمُهُ أَنِ اضْرِب بِّعَصَاكَ الْحَجَرَ فَانبَجَسَتْ مِنْهُ اثْنَتَا عَشْرَةَ عَيْنًا) އަލްއަޢުރާފު: 160
މާނައީ، "އަދި ތިމަންރަސްކަލާނގެ ބާރަ ޤަބީލާއަށް، ޖަމާޢަތްތަކަކަށް، އެއުރެން ބައިކުރެއްވީމެވެ. އަދި މޫސާގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނުގެ އަރިހުން ފެނަށް އެދުނު ހިނދު، ތިމަން ރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ހިލައިގައި ޖައްސަވާށެވެ! ދެން (އެކަލޭގެފާނު އެ ހިލައިގައި ޖެއްސެވި ހިނދު) އެ ހިލައިން ބާރަ ފެންއާރު އަރައިގެންފި އެވެ."


14. ވިހި (20)

(إِن يَكُن مِّنكُمْ عِشْرُونَ صَابِرُونَ يَغْلِبُواْ مِئَتَيْنِ) އަލްއަންފާލު: 65
މާނައީ، "ތިޔަބައިމީހުންގެ ތެރެއިން ކެތްތެރި، ވިހި މީހުން ތިބިނަމަ (ކާފިރުންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ."


15. ތިރީސް (30)

(وَوَصَّيْنَا الإِنسَانَ بِوَالِدَيْهِ إِحْسَانًا حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا وَحَمْلُهُ وَفِصَالُهُ ثَلاثُونَ شَهْرًا) އަލްއަޙުޤާފު: 15
މާނައީ، "އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތްކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލި އެވެ. އަދި އުނދަގުލާއި ތުރާލާއެކު އޭނާ ވިހެ އެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ، ތިރީސް މަސްދުވަހެވެ."


16. ސާޅީސް (40)

(وَإِذْ وَاعَدْنَا مُوسَى أَرْبَعِينَ لَيْلَةً ثُمَّ اتَّخَذْتُمُ الْعِجْلَ مِن بَعْدِهِ وَأَنتُمْ ظَالِمُونَ) އަލްބަޤަރާ: 51
މާނައީ، "އަދި މޫސާގެފާނަށް، ތިމަންރަސްކަލާނގެ ސާޅީސް ރޭގެ މީޢާދެއް ކަނޑައެޅުއްވި ހިނދު، ހަނދުމަކުރާށެވެ! ދެން އެއަށްފަހު (ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް) ތިޔަބައިމީހުން އަނިޔާވެރިވާ ޙާލުގައި ގެރިއަކީ އިލާހަކު ކަމުގައި ހަދައިގެން އުޅުނީމު އެވެ."


17. ފަންސާސް (50)

(وَلَقَدْ أَرْسَلْنَا نُوحًا إِلَى قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلاَّ خَمْسِينَ عَامًا فَأَخَذَهُمُ الطُّوفَانُ وَهُمْ ظَالِمُونَ) އަލްޢަންކަބޫތު: 14
މާނައީ، "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ނޫޙުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު، ފަންސާސް އަހަރު ފިޔަވައި، އެއްހާސް އަހަރު (އެބަހީ: ނުވަސަތޭކަ ފަންސާސް އަހަރު ދީނަށް ގޮވައިލެއްވުމަށް) އެއުރެންގެ ތެރޭގައި ހުންނެވި އެވެ. ފަހެ، އެއުރެން އަނިޔާވެރިން ކަމުގައިވާ ޙާލު، ޠޫފާން (ގެ ޢަޛާބު) އައިސް އެއުރެންނަށް ޖެހުނެވެ."


18. ފަސްދޮޅަސް (60)

(فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَاسَّا فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا) އަލްމުޖާދަލާ: 4
މާނައީ، "ފަހެ، އަޅަކު މިނިވަންކުރަން ނުލިބުނު މީހާ، އެ ދެމަފިރިން އެއްދާންކުރުމުގެ ކުރީގައި ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފާހުށިކަމެވެ! ފަހެ، ރޯދަހިފުމަށް ނުކުޅެދިއްޖެ މީހާ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭހުށިކަމެވެ!"


19. ހަތްދިހަ (70)

(ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ) އަލްޙާއްޤާ: 32
މާނައީ، "ދެން ހަތްދިހަ މުށުގެ ދިގުމިން ހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ!"


20. އަށްޑިހަ (80)

(وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاء فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلا تَقْبَلُوا لَهُمْ شَهَادَةً أَبَدًا وَأُولَئِكَ هُمُ الْفَاسِقُونَ) އައްނޫރު: 4
މާނައީ، "ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފުކުރާ މީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ. އަދި ދުވަހަކު ވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލުނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ."


21. ނުވަދިހަ (90)

(إِنَّ هَذَا أَخِي لَهُ تِسْعٌ وَتِسْعُونَ نَعْجَةً وَلِيَ نَعْجَةٌ وَاحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِي فِي الْخِطَابِ) ޞާދު: 23
މާނައީ، "ހަމަކަށަވަރުން، މިއީ އަޅުގަނޑުގެ އަޚެކެވެ. އޭނާއަށް ނުވަދިހަ ނުވަ ބަކަރި ވެ އެވެ. އަދި އަޅުގަނޑަށް ވަނީ އެންމެ ބަކަރިއެކެވެ. ފަހެ، އޭނާ ބުންޏެވެ. (އެ ބަކަރި ވެސް ތިމަންނާއަށް ދީ) އެ ބަލަހައްޓާ މީހަކީ ތިމަންނާ ކަމުގައި ހަދާށެވެ! އަދި ވާހަކަ ދައްކައިގެން އޭނާ އަޅުގަނޑުގެ މައްޗަށް ގަދަވެއްޖެ އެވެ."


މި ނުކުތާއަށް ޚިޔާލު ހުށަހެޅުއްވި ބޭފުޅަކު ވިދާޅުވެފައިވެ އެވެ.
"މީގައި މިވަނީ ނުވަދިހަ ނުވައެއްގެ ނުވަތަ ސަތޭކައިގެ ވާހަކައެވެ. ވީމާ މިބައި ފުރިހަމަ ކަމަކަށް ނުފެނެއެވެ!!"


ޚިޔާލު ހުށަހެޅުއްވި ބޭފުޅާއާއި އެހެން ކިޔުންތެރިންގެ މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ.
މިތަނުގައި ފާހަގަކޮށްފައި މިވަނީ، މި އާޔަތުގައި "ނުވަދިހަ" ނަންގަނެވިފައިވާ ކަމެވެ. (تِسْعُونَ) އަކީ ނުވަދިހަ އެވެ. މި އާޔަތުގައި (تِسْعٌ) "ނުވަޔެއް" އާއި (تِسْعٌ وَتِسْعُونَ) "ނުވަދިހަ ނުވަޔެއް" އާއި (تِسْعُونَ) "ނުވަދިހަ" އާއި (وَاحِدَةٌ) "އެކެއް" އެބައޮތެވެ. ނަމަވެސް ސަތޭކައެއް ނެތެވެ. ޢަރަބި ބަހުން ސަތޭކައަށް ކިޔަނީ، (مِائَةَ) އެވެ.

މި އާޔަތުން ޢަދަދު ނަގާފައިވަނީ، ކީރިތި ޤުރުއާނުގައިވާ ޢަދަދުތަކާމެދު ތަޢާރުފުވެފައިވާ ހަމަތަކުގެ މަތިންނެވެ. (9) "ނުވަޔެއް" އާއި (99) "ނުވަދިހަ ނުވަޔެއް" އާއި (90) "ނުވަދިހަ" އާއި (1) "އެކެއް"، މި އާޔަތުގައި ނަންގަނެވިފައިވާއިރު، ހަމައެކަނި ނުވަދިހަ ފާހަގަކޮށްފައިވަނީ، މަޒުމޫނުގެ ސިޔާޤާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެހެން ޢަދަދުތައް ފާހަގަކޮށްފައިވާ ބައެއް އާޔަތްތަކުގައި ވެސް، ފާހަގަކޮށްފައިވާ ޢަދަދު ނޫން އެހެން ޢަދަދުތައް ނަންގަނެވިފައި ވެ އެވެ.

މި އާޔަތުގައިވަނީ، ހަމައެކަނި "ނުވަދިހަ ނުވަޔެއް" ނުވަތަ "ސަތޭކަ" ކަމަށް ބުނެފައިނުވާތީ، މިބައި ފުރިހަމަ ނުވާކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ. "ފުރިހަމަ ނުވާ ފަލްސަފާ" އިން ބަލައިފިނަމަ، ފުރިހަމަ ވެފައިވާ އެއްވެސް ބަޔެއް މި މަޒުމޫނަކު ނެތެވެ.

މަޒުމޫނުގެ ސުރުޚީއަކީ "ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ބައެއް ޢަދަދުތައް" މިއެވެ. މަޒުމޫނު ލިޔެފައިވަނީ، މި ސުރުޚީގެ އިމުގެތެރޭގަ އެވެ. މި މަޒުމޫނު ލިޔެފައިވަނީ، ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ޢަދަދުތައް ދިރާސާކުރާ ދަރިވަރުންތަކަކަށް އެހީއެއް ފޯރުކޮށްދިނުމުގެ މަޤުޞަދުގައެވެ. މީގެ މައްޗަށް ބިނާކޮށްގެން އިތުރު ހޯދުންތައް ހޯދުމުގެ މަގު ދަރިވަރުންނަށް ފަހިކޮށްދިނުމުގެ ބޭނުމުގަ އެވެ.

ތިރީގައި މިވަނީ، ދަރިވަރުންނަށް އިތުރަށް ހޯދިދާނެ ގޮތުގެ މިސާލެކެވެ.

ޞާދު ސޫރަތުގެ 22 ވަނަ އާޔަތުން ފެށިގެން އަކުރުތައް ގުނަމުން ގޮސް، 23 ވަނަ އާޔަތުގައިވާ (إِنَّ هَذَا أَخِي) ގެ ނިޔަލަށް އޮތީ، 99 އަކުރެވެ. އެއާ ވިދިގެން އޮތީ، (لَهُ تِسْعٌ وَتِسْعُونَ نَعْجَةً) މިބަސްފުޅެވެ. މާނައީ، "އޭނާއަށް ނުވަދިހަ ނުވަ ބަކަރި ވެ އެވެ." 99 ބަކަރީގެ ވާހަކަ މިއައީ، 99 އަކުރަށްފަހުގަ އެވެ. މީހަކު ބުނެފާނެ އެވެ. ގުނި އަކުރުތަކުގެ ތެރޭގައި (لَهُ) ގެ 2 އަކުރު ނުހިމެނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި ބުނަން ޖެހެނީ، (إِنَّ هَذَا أَخِي) ގެ ފަހަތަށް (لَهُ) ގެނެސް އެހިސާބަށް ހުއްޓާލައިފިނަމަ ޢިބާރާތް ފުރިހަމައެއް ނުވާނެ އެވެ. ޢިބާރާތް ފުރިހަމަ ވަނީ، 99 އަކުރު ހަމަވާ (إِنَّ هَذَا أَخِي) ގެ ނިޔަލަށެވެ.



22. ސަތޭކަ (100)

(فَأَمَاتَهُ اللَّهُ مِائَةَ عَامٍ) އަލްބަޤަރާ: 259
މާނައީ، "ދެން، ﷲ، ސަތޭކަ އަހަރަށް، އޭނާ މަރުގެންނެވި އެވެ."


23. ދުއިސައްތަ (200)

(فَإِن يَكُن مِّنكُم مِّائَةٌ صَابِرَةٌ يَغْلِبُواْ مِئَتَيْنِ) އަލްއަންފާލު: 66
މާނައީ، "ފަހެ، ތިޔަބައިމީހުންކުރެ، ކެތްތެރި، ސަތޭކަ މީހުން ތިބި ނަމަ، (އެއުރެންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ."


24. ތިން ސަތޭކަ (300)

(وَلَبِثُوا فِي كَهْفِهِمْ ثَلاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا) އަލްކަހުފު: 25
މާނައީ، "އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫ އެވެ."


25. އެއް ހާސް (1000)

(وَلَقَدْ أَرْسَلْنَا نُوحًا إِلَى قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلاَّ خَمْسِينَ عَامًا فَأَخَذَهُمُ الطُّوفَانُ وَهُمْ ظَالِمُونَ) އަލްޢަންކަބޫތު: 14
މާނައީ، "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ނޫޙުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު، ފަންސާސް އަހަރު ފިޔަވައި، އެއްހާސް އަހަރު (އެބަހީ: ނުވަސަތޭކަ ފަންސާސް އަހަރު ދީނަށް ގޮވައިލެއްވުމަށް) އެއުރެންގެ ތެރޭގައި ހުންނެވި އެވެ. ފަހެ، އެއުރެން އަނިޔާވެރިން ކަމުގައިވާ ޙާލު، ޠޫފާން (ގެ ޢަޛާބު) އައިސް އެއުރެންނަށް ޖެހުނެވެ."

(وَيَسْتَعْجِلُونَكَ بِالْعَذَابِ وَلَن يُخْلِفَ اللَّهُ وَعْدَهُ وَإِنَّ يَوْمًا عِندَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّونَ) އަލްޙައްޖު: 47
މާނައީ، "އެއުރެން ކަލޭގެފާނުގެ އަރިހުން ޢަޛާބު އަވަސްވުމަށް އެދޭނެތެވެ. އަދި ﷲ، އެކަލާނގެ ވަޢުދުފުޅަކާ ޚިލާފުވެވޮޑިއެއް ނުގަންނަވާނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި، އެންމެ ދުވަހެއް ވަނީ، ތިޔަބައިމީހުން ގުނައި ޢަދަދުކުރާ އަހަރުތަކުން އެއްހާސް އަހަރާ އެއްފަދަވެގެންނެވެ."

(يُدَبِّرُ الأَمْرَ مِنَ السَّمَاء إِلَى الأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِّمَّا تَعُدُّونَ) އައްސަޖްދާ: 5
މާނައީ، "އުޑުން ފެށިގެން ބިމާ ހަމަޔަށް ހުރިހާ ކަމެއް އެކަލާނގެ ތަދުބީރުކުރައްވަތެވެ. ދެން ތިޔަބައިމީހުން ގުނާގޮތުން އެއްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، އެހުރިހާ ކަމެއް އެކަލާނގެ ޙަޟުރަތަށް އަރައިގެންދެ އެވެ."


26. ދެ ހާސް (2000)

(وَإِن يَكُن مِّنكُمْ أَلْفٌ يَغْلِبُواْ أَلْفَيْنِ بِإِذْنِ اللَّهِ) އަލްއަންފާލު: 66
މާނައީ، "އަދި ތިޔަބައިމީހުންކުރެ އެއްހާސް މީހުން ތިބިނަމަ (އެއުރެންގެ) ދެހާސް މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. ﷲ ގެ އިޛުނަފުޅާ އެކުގަ އެވެ."


27. ތިން ހާސް (3000)

(إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلاثَةِ آلافٍ مِّنَ الْمَلائِكَةِ مُنزَلِينَ) އާލުޢިމްރާން: 124
މާނައީ، "(އެއީ) ކަލޭގެފާނު މުއުމިނުންނަށް ވިދާޅުވި ހިނދުގަ އެވެ. ބާވައިލައްވާފައިވާ މަލާއިކަތުންގެ ތެރެއިން، ތިންހާހުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވުން ތިޔަބައިމީހުންނަކަށް ނުފުދޭހެއްޔެވެ؟"


28. ފަސް ހާސް (5000)

(بَلَى إِن تَصْبِرُواْ وَتَتَّقُواْ وَيَأْتُوكُم مِّن فَوْرِهِمْ هَذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ آلافٍ مِّنَ الْمَلائِكَةِ مُسَوِّمِينَ) އާލުޢިމްރާން: 125
މާނައީ، "ނޫނެކެވެ. (ފުދޭނެ އެވެ.) ތިޔަބައިމީހުން ކެތްތެރިވެ (ﷲ އަށް) ބިރުވެތިވެ ރައްކާތެރިވާނަމަ، އަދި ތިޔަބައިމީހުންނާ އެއުރެން (އެބަހީ: މުޝްރިކުން) ހަމަ ކުއްލިއަކަށް އަންނަނަމަ، ފާހަގަކުރައްވާފައިވާ ފަސްހާސް މަލާއިކަތުން (ފޮނުއްވައިގެން) ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ."


29. ފަންސާސް ހާސް (50000)

(تَعْرُجُ الْمَلائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ) އަލްމަޢާރިޖް: 4
މާނައީ، "ފަންސާސް ހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، މަލާއިކަތުންނާއި، ޖިބުރީލުގެފާނު، އެކަލާނގެ ޙަޟުރަތަށް އަރާވަޑައިގަންނަވާނެތެވެ."


30. ސަތޭކަ ހާސް (100000)

(وَأَرْسَلْنَاهُ إِلَى مِائَةِ أَلْفٍ أَوْ يَزِيدُونَ) އައްޞާއްފާތު: 147
މާނައީ، "އަދި ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަ މީހުންގެ ޤައުމަކަށް ރަސޫލުކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީމެވެ."


މަޞްދަރުތައް:
ކީރިތި ޤުރުއާން.
ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ