އަދުގެ ޚާއްސަ

Print

ދިވެހިބަސް؛ ދިވެހީންގެ ބަސް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް


ޢައްބާސް އިބްރާހީމް (2007)

މި އަދަކީ ދުނިޔޭގެ މާދަރީ ބަހުގެ ދުވަހެވެ. ކޮންމެ ބަޔަކުވެސް ވާހަކަ ދައްކާ އުޅޭ އެމީހުންގެ އަމިއްލަ ބަހާމެދު ވިސްނާ ފިކުރު ކުރުމުގެ ބޭނުމުގައި ގެންނަ ދުވަހެވެ. ދުނިޔެއިން ގެއްލެމުންދާ ބަސްތަކެއް ހުރިކަން ފާހަގަ ކުރެވިގެން އެކަމާމެދު ރަށު ފެންވަރުގަޔާއި ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ހަނދާންކޮށް ދިނުމަށްޓަކައި ފާހަގަކުރާ ދުވަހެވެ.

އަޅުގަނޑުމެން ދިވެހީންގެ މާދަރީބަހަކީ ދިވެހިބަހެވެ. ދިވެހީންނޭ ކިޔާ ބަޔަކު އުޅޭންފެށީއްސުރެ އެމީހުން ވާހަކަ ދައްކާއުޅޭ ދިވެހިބަހެވެ. ޒަމާންތައް ބަދަލުވަމުން ދިޔަނަމަވެސް، އަދި ބޭނުންކޮށް އުޅޭ ބައެއް ލަފުޒުތައް ބަދަލުވަމުން އައި ނަމަވެސް ދިވެހީން ބޭނުންކުރާ ބަހުގެ ގޮތުގައި އަޅުގަނޑުމެންނަށް ހަމައަށް އައިސްފައިވާ ދިވެހިބަހެވެ.

މިއަދު އަޅުގަނޑުމެންގެ މާދަރީ ބަހާމެދު ވިސްނާއިރު އެބަހަކީ ހަމައެކަނި އެކެއްގެ ޝުޢޫރުތައް އެނަކަކަށް ހާމަކޮށްދިނުމަށް ބޭނުންކުރާ ވަސީލަތަކަށްވުރެބޮޑު ބައެއް އަދާކުރާ އެއްޗެއްކަން ހަނދާންކުރަން ޖެހެއެވެ. އަދި އެބަހަކީ އަޅުގަނޑުމެންގެ ޤައުމުގެ ޙަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ އެއްޗެއްކަން ޤަބޫލުކުރަން ޖެހެއެވެ.

ކުޑަވެސް ޝައްކެއްނެތެވެ. ޤައުމެއްގެ ގޮތުން އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހި ޤައުމު ހޯދައިފައިވާނަމަ ހޯދައިފައިވާ ހުރިހައި ތަރައްޤީއެއް ހޯދިފައިވަނީ އަދި ކުރިއަށް އޮތްތާނގައި ހޯދެމުންދާނީވެސް އަޅުގަނޑުމެންގެ ޤައުމުގައި އޮންނަ އަމާންކަމާއި މަޞްލަޙަތުގެ ސަބަބުންނެވެ. މި އަމާންކަމާއި މަޞްލަޙަތު ހިފެހެއްޓޭނީ ރައްޔިތުންގެ މެދުގައި އޮންނަ އެކަކު އަނެކަކަށް އެނގުމާއި ދޭހަވުމުގެ ހަރުދަނާކަމުގެ މައްޗަށެވެ. މިދެންނެވި އެނގުމާއި ދޭހަވުން ހަރުދަނާވުމުގެ އެންމެ މުހިންމު ވަޞީލަތަކަށް ވާނީވެސް ހަމަ އަޅުގަނޑުމެންގެ ބަހެވެ. އާދެ! ދިވެހިބަހެވެ.

އާދޭހެވެ! ދިވެހިބަހަކީ ދިވެހީން ދިވެހީންގެ ގޮތުގައި ދެހެއްޓުމުގެ އެންމެ ބޮޑު ބާރެވެ. ދިވެހީންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ހިފެހެއްޓުމުގެ އެންމެ އަގުހުރި އުންސުރެވެ. އަދި ދިވެހީންނަކީ އެއްބައެއްކަން ހާމަކޮށްދޭ އެންމެ ފާޅުކަންބޮޑު ނިޝާންވެސް މެއެވެ.

ކަންމިހެން ހުރިއިރު ދިވެހިބަހާމެދު ފަރުވާ ކުޑަކޮށްލުމަކީ އަޅުގަނޑުމެން އެއްވެސް ދިވެއްސަކު ކޮށްގެންވާނޭ ކަމެއްނޫނެވެ. ދިވެހިބަސް ބޭނުންކުރުމުގައި އިހުމާލުވުމަކީވެސް އަޅުގަނޑުމެން އެއްވެސް ދިވެއްސަކު ކޮށްގެންވާނޭ ކަމެއްނޫނެވެ. އަދި ދިވެހިބަހުގެ ތެރޭގައި ހިމެނޭ އެއްވެސް ބަހުރުވައަކާމެދު އިޙްތިރާމް ކުރުމުން އެއްކިބާވުމަކީވެސް ހަމައެއްވެސް ދިވެއްސަކު ކޮށްގެން ވާނޭކަމެއް ނޫނެވެ.

ބަހާމެދު ފަރުވާކުޑަ ކުރުމަކީ ނުވަތަ އިހްމާލުވުމުކީ ކޮބައިތޯއެވެ. އެބަހެއް ބޭނުންކުރަން އޮންނަ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ސަމާލުކަން ނުދިނުން ނޫންތޯއެވެ. އެބަހެއްގެ ލަފުޒުތައް ބޭނުންކުރެވެން ހުއްޓާ އޭގެ ބަދަލުގައި އެހެން ބަސްބަހުގެ ލަފުޒުތައް ބޭންނުކުރަމުން ގެންދިއުމެއް ނޫންތޯއެވެ.
މިދެންނެވި ފަދަ ކަންތައްތައް މިއަދު އަޅުގަނޑުމެންގެ ތެރެއިން ފެންނަމުންދާއިރު އެކަމާ އަޅާނުލާ ތިބުމަކީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމަށްވެވޭ ޚިޔާނަތެކެވެ. އަޅުގަނޑުމެންގެ ކާބަފައިންނަށް ކުރެވޭ އިހާނަތެކެވެ. އަދި އެއީ އަންނަން އޮތް ޖީލުތައް އަޅުގަނޑުމެންނަށް މާފުނުކުރާވަރުގެ ކުށެއްވެސް މެއެވެ.

ޤައުމެއްގެ ނިސްބަތުން އެޤައުމެއްގައި އުޅޭ އެންމެން އެއްބަހަކުން ވާހަކަ ދެއްކުމަކީ އެ ޤައުމަކަށް ލިބިފައިވާ ވަރަށްބޮޑު ނިޢުމަތެކެވެ. ވަރަށްބޮޑު ނަސީބެކެވެ. މި ނިޢުމަތާއި މި ނަސީބު މިވަނީ އަޅުގަނޑުމެންގެ ޤައުމަށް ލިބިފައެވެ. ޝައްކެއްނެތް ގޮތުގައި، އަޅުގަނޑުމެން ފަދަ ވަކިވަކި ޖަޒީރާތަކަށް ބެހިފައިވާ ޤައުމެއްގައި އެންމެންނަކީ އެއްބަހަކުން ވާހަކަދައްކާ ބައެއްގެ ގޮތުގައި ދެމެހެއްޓިގެން އައިސްފައިވާކަމީ އޭގެ ޒާތުގައި ވަރަށްބޮޑު [މުޢުޖިޒާތެކެވެ.]

މިކަން މިގޮތަށް ދެމެހެއްޓޭތޯ މަސައްކަތް ކުރުމަކީ ޤައުމީ ގޮތުން އަޅުގަނޑުމެން މައްޗަށް އޮތް މުހިންމު ވާޖިބެކެވެ. މިއަދު މާދަރީބަހުގެ ދުވަހު އަޅުގަނޑުމެން އަޅުގަނޑުމެންގެ ފަޚްރެއް ކަމުގައިވާ ދިވެހިބަހާމެދު ވިސްނަމުން ދިޔުމާއެކު، ކަނޑައަޅަންވީ ޢަޒުމަކީ މި ދިވެހިބަސް އެންމެ ރަނގަޅު ގޮތުގައި އަންނަން އޮތް ޖީލުތަކަށް ގެންގޮސް ދިނުމުގެ މަތިވެރި ޢަޒުމެވެ.

މާތްﷲ އަޅުގަނޑުމެންގެ މި ޢަޒުމުގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ.

(ނިމުނީ)

ނޯޓު:
މި ލިޔުމަކީ 2007ވަނަ އަހަރުގެ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޝާއިޢު ކުރެއްވި ޚާއްޞަ ސަޕްލިމެންޓުން ނަކަލުކޮށްފައިވާ ލިޔުމެކެވެ.
              - ފަންވަތް -

ހަމަމިގަލަމުން

އިދާރާ

ވާހަކަ