އަދުގެ ޚާއްސަ

Print

ދިވެހިބަހުން ވާހަކަ ދައްކާ އެއްވެސް މީހަކު ނެތް ދުވަހެއް އަތުވެދާނެބާ؟

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް



ޔުމްނާ މައުމޫން (2007)

[4 ނޮވެމްބަރ 1995 ގައި ކެމެރޫންގެ މަންބީލާ ސަރަޙައްދުގައި ވާހަކަ ދައްކާ ބަސްތަކުގެ ތެރެއިން ބަހެއް ކަމަށްވާ [ކަސާބޭ] ބަހުން ވާހަކަ ދައްކާ އެންމެފަހު މީހާ [ބޮގޮން] ނިޔާވިއެވެ. މީނާ ނިޔާވުމާއެކު [ކަސާބޭ] މި ބަސްވެސް މަރުވިއެވެ. (އުވި ނެތިގެން ދިޔައީއެވެ.) މީނާ ނިޔާވިއިރު މީނާގެ ކުދީން އެބަތިއްބެވެ. އެހެން ނަމަވެސް މި މީހުންނަކަށް [ކަސާބޭ] ބަހުން ވާހަކަ ދައްކާކަށް ނޭނގެއެވެ. [ބޮގޮން] ނިޔާވުމުން [ކަސާބޭ] ބަހުން ވާހަކަދައްކާ އެއްވެސް މީހަކު ދުނިޔޭގައި މިހާރަކު ނޫޅެއެވެ. އެހެންކަމުން [ކަސާބޭ] ވެސް [ބޮގޮން] އާއެކު ފަސްދާނު ލެވިގެން ދިޔައީއެވެ.]
 
 (ބްރޫކޭ ކޮނެލް – ނިއުސްލެޓަރ – ޔޫކޭ ފައުންޑޭޝަން ފޯރ އެންޑޭންޖާރޑް ލެންގުއެޖާޒް)

ބަހުގެ މާހިރުން (ލިންގުއިސްޓުން) ވިދާޅުވާ ގޮތުގައި މިވަގުތު ދުނިޔޭގައި މީހުން ވާހަކަދައްކާ ގާތްގަނޑަކަށް ހަހާސް އަށްސަތޭކަ (6800) ބަހުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ބަސް މިޤަރުނުގެ ތެރޭގައި އުވި ނެތިގެން ދާނެއެވެ.

ބަހެއް އުޅުނުކަމަށް، ނުވަތަ [މަރުވި] ކަމަށް ބެލެނީ އެބަހަކުން ވާހަކަދައްކާ އެއްވެސް ބަޔަކު ނެތުމުންނެވެ. އިންސާނީ ތާރީޚުން ދައްކާ ގޮތުގައި ދުނިޔޭގައި އަބަދުވެސް އާބަސް އުފެދެމުން އަނެއްބައި ބަސްބަސް އުވެމުން ނެތެމުން ގޮސްފައިވއެވެ. މިސާލަކަށް ކުރީގެ ބައެއް ބަސްބަސް ކަމަށްވާ ސާންސްކުރިތު ބަހާއި ލެޓިންބަސްފަދަ ބަސްބަހަކީ [މަރުވެފައިވާ] ބަސްބަހެވެ. އެހެން ނަމަވެސް މިޒަމާނުގައި މާހަލުއި އަވަސް އަވަހަށް ބަސްތައް އުވެމުން ނެތެމުންދާން ފަށައިފިކަމަށް ދިރާސާތަކުން ދައްކައެވެ. އެއީ ދުނިޔެޔޭގައި ފެތުރެމުން މިދާ [ގްލޯބަލައިޒޭޝަން] ގެ އޮއިވަރުގެ ސަބަބުންނެވެ. އެއީ މުޅި ދުނިޔޭގައި އެއް ސަގާފަތަކާއި އެއް ބަހެއް ފެތުރެމުން ދާތީއެވެ. މީގެ ސަބަބުން 21 ވަނަ ޤަރުނު ނިމެންވާއިރަށް ދުނިޔޭގައި މީހުން ވާހަކަދައްކާ ބަސްތަކުގެ ތެރެއިން މައިގަނޑު ހައެއްކަ ބަސް ނޫން އެހެން ހުރިހައި ބަހެއް އުވިގެން ދާނެކަމަށް ބައެއް މާހިރުން ވިދާޅުވެއެވެ.

ލިންގުއިސްޓުން ވިދާޅުވާ ގޮތުގައި މި ޤަރުނުގެ ތެރޭގައި އެތައް ބައެއްގެ ބަހާއި ސަގާފަތް އުވި ނެތިގެން ދާނެއެވެ. އާދެ، މިހެންކަމަށް ވާއިރު ދިވެހިބަހަށްވެސް މިފަދަ ކަމެއް ދިމާވުމުން އެއީ ވެދާނެ ކަމެއްތޯ އަޅުގަނޑުމެން ވިސްނާލަން އެބަޖެހެއެވެ. އަޅުގަނޑުމެން މިހާރުގެ ދުނިޔެއަށް ވިސްނާލާއިރު އަމިއްލަ މާދަރީ ބަހާއެކު ބޭރުބަހެއް އެނގުމަކީ ވަރަށް މުހިންމު ކަމެއްކަން ޤަބޫލުކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ މާޒީއާއި އާދަކާދައާއި އޮތްގުޅުން ދެމެހެއްޓުމަށްޓަކައި އަމިއްލަ މާދަރީބަސް އަޅުގަނޑުމެންނަށް މުހިންމުވެއެވެ. އަޅުގަނޑުމެންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށްޓަކައި އަދި ބައިވެރިވުމަށްޓަކައި ބޭރުބަހެއް އެބަ އެނގެން ޖެހެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ޒުވާނުންނަކީ އަމިއްލަ ބަހަށާއި ބޭރު އެހެން ބަހަކަށް ކުޅާދަނަ ބަޔަކަށްވާން އެބަޖެހެއެވެ. ބަހެއް އުވި ނެތިގެންދާން ދިމާވަނީ ކޮންކަހަލަ ސަބަބުތަކަކާ ހުރެތޯ އަޅުގަނޑުމެން ބަލައިލަމާތޯއެވެ.


ބަހެއް [މަރުވާން] ނުވަތަ އުވި ނެތިގެންދާ ދިމާވަނީ ކޮންކަހަލަ ސަބަބުތަކަކާ ހުރެތޯ؟


ބަހެއް އުވިގެންދާން ދިމާވާ އެއްގޮތަކީ ރޯގާއެއްގެ ސަބަބުން ނުވަތަ ތަދުމަޑުކަމެއްގެ ސަބަބުން ނުވަތަ ޤުދުރަތީ ކާރިސާއެއްގެ ސަބަބުން (މިސާލަކަށް ބިންހެލުމުގެ ސަބަބުން) އެބަހަކުން ވާހަކަދައްކާ އެންމެން މަރުވެ ހުސްވުމެވެ. ބަހެއް އުވިގެންދާން ދިމާވެދާނެ އަނެއް ސަބަބަކީ ވަކި ބަހަކުން ވާހަކަދައްކާ ބަހެއްގެ އަމިއްލަ ސަގާފަތަށާއި ބަހަށް ބޭރު އެހެން ސަގާފަތެއްގެ އަސަރު މާބޮޑަށް ކުރުމެވެ. މިގޮތަށް އަސަރުކުރުމުން އެ ސަގާފަތަށާއި އާދަކަދާތަކަށް ވަރަށް ބޮޑެތި ބަދަލުތައް އާދެއެވެ. އަދި އަމިއްލަ މާދަރީ ބަހުގެ މައްޗަށް، ސަގާފަތުގެ ބަސްވެސް ގަދަވާން ފަށައެވެ. ތަފާތު އިޖުތިމާޢީ އިޤްތިޞާދީ ސަބަބުތަކަށްޓަކައި މިބޭރު ބަސް ދަސްކުރަން ބާރު އަޅައެވެ. އަދި ޒުވާނުންގެ ޝައުޤުވެރިކަން މިބޭރު ބަހަށް ލިބެންފަށާ މިއީ ޒުވާނުންގެ ބަހަށްވެއެވެ. މައިންބަފައިން ދަރީންނަށް އަމިއްލަ ބަސް ދަސްކޮށްނުދީވެސް ބޭރުބަސް ދަސްކޮށްދެއެވެ. މާދަރީ ބަހަކީ [މުސްކުޅި] ބަހަކަށް ވާންފަށައެވެ. މައިންބަފައިން ދަރީންގެ ކުރިމަތީގައި މިބަހުން ވާހަކަދައްކަން ލަދުގަންނަން ފަށައެވެ. އަމިއްލަ ބަހާމެދު ޒުވާނުންނާއި ކުޑަކުދީން މިގޮތަށް ދެކެން ފަށައިފަނަމަ ބަސް އުވިގެން ދިޔުން ވަރަށް އަވަސް ވާނެއެވެ. އާދެ، ދިވެހި ބަހާމެދުވެސް މިގޮތަށް ޒުވާނުންނާއި ކުޑަކުދީން ދެކެން ފަށައިފިނަމަ ދިވެބިހުން ވާހަކަދައްކާ މީހަކުނެތް ދުވަހެއް އައުމަކީވެސް ހަމަ ވެދާނެކަމެކެވެ.


ބަހެއް އުވެމުންދާއިރު ކަޑައްތުކުރާ މަރުޙަލާތައް

ބޭރުބަހެއްގެ ނުފޫޒުން މާދަރީ ބަހެއް އުވިގެން ދާއިރު ތިން މަރުޙަލާއެއް ކަޑައްތު ކުރެއެވެ. މިއިން ކޮންމެ މަރުޙަލާއެއްގައިވެސް ގިނަ ދުވަސްތަކެއް ފާއިތުވެގެން ދެއެވެ. އެންމެ ފުރަތަމަ މަރުޙަލާގައި ތަފާތު އިޤްތިޞާދީ އަދި އިޖުތިމާޢީ ސަބަބުތަކަށްޓަކައި ބޭރުބަހެއް ދަސްކުރަން އަދި ދަރީންނަށް މި ބޭރުބަސް ދަސްކޮށްދޭން ބާރު އަޅައެވެ. އަދި މުޖުތްމަޢުގެ އާދަކާދަތަކަށާއި ދިރިއުޅުމަށް އަންނަމުންދާ ބޮޑެތި ބަދަލުތަކެއްގެ ސަބަބުން އަމިއްލަ މާދަރީބަހަށް ދެވޭ ސަމާލުކަންކުޑަވެ ބޭރުބަހަށް ދެވޭ ސަމާލުކަން ބޮޑުވެއެވެ.

ދެވަނަ މަރުޙަލާގައި އަމިއްލަ މާދަރީބަހާއި ބޭރުބަހާ ދެބަހުން ވާހަކަ ދައްކަން ފަށައެވެ. އަދި އަލަށް ވާހަކަ ދައްކަންފަށާ ބޭރުބަހުގެ ކުޅަދާނަކަން އިތުރުވެ ދެބަހަށްވެސް ކުޅަދާނަ މީހުންތަކެއް އުފެދެއެވެ. މި މަރުޙަލާގައި ދުވަސްކޮޅެއް ވޭތުވާނެއެވެ.

ތިންވަނަ މަރުޙަލާގައި ޒުވާނުން ދެކެންފަށާނީ އަމިއްލަ މާދަރީބަހަކީ މާ މުހިންމު އެއްޗެއް ނޫންކަމަށެވެ. މިބަހަށްދޭ ސަމާލުކަން ކުޑަވާން ފަށައެވެ. ހަމިމިއާއެކު ބޭރުބަހަކީ ބައިނަލްއަޤްވާމީ މުވާޞަލާތަށާއި އިޤްތިޞާދީ އިޖްތިމާޢީ ހުރިހައި ކަމަކަށް ވަރަށް މުހިންމު ބަހެއްކަން ދެކި މިބަހަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންފަށައެވެ. މީގެ ސަބަބުން މި ނުފޫޒުގަދަ ބޭރުބަހުގެ ކުރިމަތީގައި އަމިއްލަ މާދަރީބަސް ފަހަށް ޖެހެން ފަށައެވެ.

މި މަރުޙަލާގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ މައިންބަފައިން ޅަދަރީންނަށް ބޭރުބަސް ދަސްކޮށްދޭން ފަށާކަމެވެ. އަދި ދަރީންގެ ކުރިމަތީގައި މައިންބަފައިން އަމިއްލަ މާދަރީބަހުން ވާހަކަދައްކަން ލަދުގަންނަ ކަހަލަ ގޮތެއްވާކަމެވެ. އާދެ، މިގޮތަށް ވާހަކަ ދައްކަމުން ދާއިރު މާދަރީބަސް އުވި ނެތިގެން ދިޔުމަކީ އެހާ ދެރަވާންވީ ކަމެއްބާވައޭ ބައެއް ބޭފުޅުންގެ ހިތްޕުޅަށް އަރާފާނެއެވެ. އެއްބަހެއް ނެތީވިއްޔާ އަނެއްބަހަކުން މުވާސަލާތު ކުރެވިދާނެ ނޫން ހެއްޔޭވެސް ހީފުޅު ކުރައްވަން ފައްޓަވާ ފާނެއެވެ. މިއީ އަޅުގަނޑުމެން ވިސްނާލުން ރަނގަޅު ނުކުތާއެކެވެ.

ބަހެއް އުވި ނެތިގެން ދިޔުމަކީ އެހާ ދެރަވާންވީ ކަމެއްބާ؟

ބަހުގެ މާހިރުން ވިދާޅުވާ ގޮތުގައި ދުނިޔޭގައި ވާހަކަ ދައްކާ ބަސްތަކުގެ ތެރެއިން އެންމެބަހެއްވެސް އުވިގެން ހިނގައްޖެނަމަ އިންސާނާގެ ބަހުގެ ޚަޒާނާއިން ބައެއް މަދުވެގެން ދަނީއެވެ. އިންސާނުންގެ މަޢުލޫމާތުގެ ޚަޒާނާއިންވެސް ބައެއް ގެއްލިގެން ދަނީއެވެ. ކޮންމެ ބަހަކަށްވެސް އެބަހަކަށް ޚާއްޞަ ލަފްޒުތަކާއި ޢިބާރާތްތަކާއި މިސާލުބަހާއި މަޖާޒު ހުރެއެވެ. ބަހެއް އުވިގެން ހިނގައްޖެނަމަ އެގެއްލިގެން ދަނީ ޒަމާންވީ ތަރިކައެކެވެ.

ވެލްޝް ބަހުގެ ހަރުބަހެއްގައި ބުނާގޮތުން [ބަހެއްނެތް ޤައުމަކީ ހިތެއްނެތް ޤައުމެކެވެ.] ވީމާ ބައެއްގެ މާދަރީބަހަކީ އެބައެއްގެ ރުހޭކަމަށް ބެލެވިދާނެއެވެ. ބައެއްގެ މާދަރީ ބަހަކީ އެބަހެއްގެ އަމިއްލަވަންތަން ދައްކައިދޭ އެއްޗެކެވެ. އެއީ އެމީހަކު އެހެންމީހުންނާއި ނުވަތަ އެބަޔަކު އަނެއް ބަޔަކާއި ވަކިކޮށްދޭ ނިޝާނެކެވެ. ބައެއްގެ އަމިއްލަވަންތަކަމުގެ ރަމްޒެކެވެ. މާދަރީބަހަކީ އެބަހެއްގެ ޚާއްޞަ ސިފަތަކާއި އާދަކާދަތައް ދައްކައިދޭ އެއްޗެކެވެ.

ބައެއްގެ އާދަކާދަތަކާއި ސަޤާފަތް އެއްޖީލުން އަނެއްޖީލަށް ގެންގޮސްދޭ އެންމެ މުހިންމު ވަސީލަތަކީ އެބައެއްގެ ބަހެވެ. ބަހަކީ އެބައެއްގެ ވެށްޓާއި ސަޤާފަތާއި އާދަކާދަޔާއި އަދި ތާރީޚާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އެއްޗެކެވެ. ބަހެއްގެ ހުންނަ ލަފުޒުތަކާއި ހަރުބަހާއި މިސާލުބަސް ފަދަ އެއްޗެހި އެބައެއްގެ ދިރިއުޅުމާއި އާދަކާދަޔާއި ވިސްނުމާއި ޚިޔާލުތައް އެއްޒަމާނެއްގައި ހުރިގޮތް ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. އެހެންކަމުން ބަހަކީ އެބައެއްގެ މާޒީގެ ހަނދާންތައް އާކޮށްދޭ އެއްޗެކެވެ. މިހާރާއި މާޒީއާއި ގުޅުވައިދޭ މުހިންމު ވަސީލަތެކެވެ.

އާދެ، އަމިއްލަ މާދަރީ ބަސް އުވިގެން ދިޔަނުދީ ދެމެހެއްޓުމަކީ މުހިންމު ކަމެއްކަން އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާނެކަން އަޅުގަނޑަށް ޔަޤީނެވެ. މިގޮތުން ބަހެއް އުވިގެން ދިޔަނުދީ ގިނަދުވަހަށް ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް ހުރިތޯ ބަލައިލަމާ ހިންގަވާށެވެ.
މަޝްހޫރު ލިންގުއިސްޓެއްކަމަށްވާ ޕްރޮފެސަރ ޑޭވިޑް ކްރިސްޓަލް އޭނާ ލިޔުއްވި [ލޭންގުއެޖް ޑެތު] ކިޔާ ފޮތުގައި ވިދާޅުވާ ގޮތުގައި ބަހެއް އުވިގެން ދިޔަނުދީ ގިނަ ދުވަހު ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ:-


1-    އަމިއްލަ ބަހާމެދު މީހުން ދެކޭގޮތް ރަނގަޅުކުރުން

ބަހެއް އުވިގެން ދިޔުނުދީ ދެމެހެއްޓޭތޯ މަސައްކަތްކުރާއިރު ކުރަން އެންމެ މުހިންމު އެއްކަމަކީ މީހުން އަމިއްލަ ބަހާމެދު ދެކޭގޮތް ބަދަލުކުރުމެވެ. އާދެ، ގިނަ ފަހަރަށް އެހެންބަހެއްގެ ނުފޫޒު މާގަދަވުމުން މީހުން އަމިއްލަ ބަހާމެދު ދެކޭގޮތް އެހާ ރަނގަޅެއް ނޫނެވެ. އަޅުގަނޑު ކުރީންވެސް ދެންނެވިފަދައިން ޒުވާނުން އަމިއްލަ މާދަރީ ބަހަށްދޭ ސަމާލުކަން ކުޑަވެ ކުދީން އަމިއްލަބަހަށް ބަހައްޓާ ޝައުޤުވެރިކަންވެސް ކުޑަވެއެވެ. މިހެން ވެއްޖެނަމަ ބަސް އުވިގެންދާލެއް ވަރަށް އަވަސް ވާނެއެވެ. އެހެންކަމުން ޒުވާނުންނާއި ކުޑަކުދީންގެ ހިތްތަކުގައި އަމިއްލަ ބަހާމެދު ޝައުޤުވެރިކަން އުފެއްދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އަމިއްލަބަހާމެދު ފަޚުރުވެރިވާން ދަސްކޮށްދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިކަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެރޭނީ މައިން ބަފައިންނަށެވެ. ނުވަތަ ޢާއިލާއަށެވެ. އެއަށްފަހު މަދަރުސާއަށެވެ. ހަމަ އެފަދައިން އަމިއްލަ މާދަރީބސް އުވިގެން ދިޔުމަކީ ހަމަވެދާނެ ކަމެއްކަމާމެދު މީހުން ހޭލުންތެރިކުރުވުންވެސް އެއީ ހަމަ އެހާމެ މުހިންމު ކަމެކެވެ.


2-    ކޮންމެ ބަހެއްގައިވެސް ބަހުރުވައިގެ ތަފާތު ހުންނާނެކަމާއި ކޮންމެ ބަހަކަށްވެސް ޒަމާނާއެކު ބަދަލު އަންނާނެކަން ޤަބޫލުކުރުން

ކޮންމެ ބަހެއްގައިވެސް ބަހުރުވައިގެ ތަފާތު ހުންނާނެކަމާއި އަދި ޒަމާނާއެކު ކޮންމެ ބަހަކަށްވެސް ބަދަލު އަންނާނެކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ބަހަކަށްވެސް ޒަމާނާއެކު ބަދަލުތަކެއް އަންނަމުން ދެއެވެ. މިގޮތަށް ބަސް ބަދަލުވި ކަމުގައި ވިޔަސް އެއީ ބަސް ހަލާކުވަނީކީއެއް ނޫނެވެ. ވީމާ ބަސް ކުރިއަރުވަން މަސައްކަތް ކުރާއިރު ކުރަންވާނީ މިކަން ޤަބޫލު ކޮށްގެންނެވެ. އަދި ބަހުގެ ވާހަކަ ދައްކާއިރު އަބަދު ކުށްދެއްމުގެ ގޮތަށް ވާހަކަ ދައްކާނަމަ ބަހަށް ޒުވާނުންނާއި ކުޑަކުދީންދޭ އަހަންމިއްޔަތު ކުޑަވާނެއެވެ. އަދި އަމިއްލަ ބަހުން ވާހަކަ ދައްކަން ޖެހިލުންވާގޮތް ވާނެއެވެ. މީގެ ބަދަލުގައި އަމިއްލަބަހުން ތަފާތު އަދަބީ ހުނަރުތައް ކުރިއަރުވަން މަސައްކަތްކޮށް ކުޑަކުދީންނާއި ޒުވާނުން ޝައުޤުވެރިވާ ފަދަ ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގުމަކީ ކުރެވިދާނެ ކަންކަމެވެ.


3-    ތަޢުލީމީ ދާއިރާގައި އަމިއްލަ މާދަރީބަހުގެ ދައުރު ފުޅާކުރުން

ބަހެއް އުވިގެން ދިޔަނުދިނުމަށްޓަކައި ކުރެވިދާނެ އެންމެ މުހިންމު އެއްކަމަކީ ތަޢުލީމީ ނިޒާމުގައި އަމިއްލަ މާދަރީބަހުގެ ދައުރު ފުޅާކުރުމެވެ. އިސްކޫލުގައި ކިޔަވައި ދިނުމުގަޔާއި އިތުރު ޙަރަކާތްތަކުގައި އަމިއްލަ ބަސް ބޭނުންކުރާވަރު އިތުރުކުރުމުން ކުދިންގެ ބަހުގެ ހުނަރުތައް ތަރައްޤީވެއެވެ. އަދި އަމިއްލަބަހާއި ބަހުގެ ތާރީޚާއި އަދަބިއްޔާތާމެދު ކުދީންނަށް މަޢުލޫމާތު ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ ސަބަބުން ކުދީންނަށް އެކުދީންގެ އަމިއްލަ ބަހާމެދު ފަޚުރުވެރިވާން ދަސްވެއެވެ. އަދި އެކުދީންގެ އަމިއްލަ ނަފުސަށް ކުރާއިތުބާރުވެސް ބޮޑުވެއެވެ.


4-    އަމިއްލަ މާދަރީބަސް ދިރާސާކޮށް އެބަހާބެހޭ ފޮތްފޮތް ލިޔުން

އަމިއްލަ މާދަރީބަސް އުވިގެން ދިޔަނުދިނުމަށްޓަކައި އެބަސް ރަނގަޅަށް ދިރާސާކޮށް ޤަވާޢިދު ފޮތާއި ބަސްފޮތް ފަދަ ފޮތްފޮތް ތައްޔާރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމަ މިފަދައިން އިސްކޫލު ތަކުގައި ބަސް ކިޔަވައިދޭން ބޭނުންކުރާން ރަނގަޅު ފޮތްފޮތް ތައްޔާރު ކުރުމަކީވެސް ހަމަ އެހާ މުހިންމު ކަމެކެވެ. މިފަދަ ފޮތްތަކެއް ލިޔުމަށްޓަކައި އެބަހުން ލިޔާނެ ވަކި މިންގަނޑުތަކާއި ޤަވާޢިދުތަކެއް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން ކުރީ ޒަމާނުއްސުރެ އެބަހުން ކިޔައި އުޅޭ ވާހަކަ، ބަނދި ރައިވަރު، ޅެން ފަރިހި ފަދަ އެއްޗެހި އެއްކޮށް ދިރާސާކޮށް ޝާއިޢުކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ.


5-    އިންފޮމޭޝަން ޓެކްނޮލޮޖީގައި މާދަރީބަސް ބޭނުންކުރެވޭނެ ގޮތްތައް ފުޅާކުރުން

އަމިއްލަ މާދަރީބަހުން ކޮންޕިއުޓަރު ސޮފްޓްވެއަރ އުފެއްދުން އިތުރުކުރުމާއި އިންޓަނެޓްގައި މާދަރީބަސް ބޭންނުކުރެވޭނެ ގޮތްތައް ހޯދުމަކީވެސް ބަސް އުވި ދިޔަ ނުދިނުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. މި ދާއިރާގައި މާދަރީބަސް ބޭނުންކުރެވޭ ގޮތްތައް އިތުރުވުމުން މިބަހުން ވާހަކަދައްކާ މީހުންނަށް ވަރަށްގިނަ ގޮތްގޮތުން ފަސޭހަވެއެވެ. އަދި މިއީ އަމިއްލަ މާދަރީބަހާމެދު މީހުން ދެކޭގޮތް ރަނގަޅުވުމަށް ބާރަކަށްވެސް ވެއެވެ.


6-    އެބަހަކުން ވާހަކަ ދައްކާ ބަޔަކަށް ޚާއްޞަ އެކިއެކި ސަގާފީ ކަންތައްތައް ކުރިއަރުވަން މަސައްކަތްކުރުން

އެބަހަކަށް ޚާއްޞަ ސަގާފީ ކަންތައްތައް މިސާލަކަށް މިއުޒިކާއި ލަވަޔާއި އަތްތެރި މަސައްކަތާއި ޢާންމު އަދަބު ފަދަ ކަންތައް ކުރިއެރުވުމަކީވެސް ބަސް ކުރިއެރުމުގެ ބާރަކަށްވެއެވެ. މީހުންގެ ތެރޭގައި މިފަދަ ކަންތައްތަކަށް ދެވޭ ޝައުޤުވެރިކަން އިތުރުވުމުން ބަހަށްދޭ ޝައުޤުވެރިކަން އިތުރުވެއެވެ. އަދި އަމިއްލަ ބަހާއި ސަގާފަތާމެދު ފަޚުރުވެރިވާންވެސް ދަސްވެއެވެ.

މި މަޒުމޫނުގައި އަޅުގަނޑު ބަލައިލާފައި މިވަނީ ބަހެއް އުވިގެން ނެތިގެން ދާން ދިމާވާ ސަބަބުތަކަށާއި މިގޮތަށް ބަހެއް އުވިގެން ދިޔަނުދީ ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ. އާދެ، މިކަންކަމަށް ބަލައިލާއިރު ދިވެހިބަހަށްވެސް މިހާރު ކުރިމަތި ވަމުންދާ އެކިއެކި ކަންތައްތައް އަޅުގަނޑުމެންނަށް ފާހަގަކުރެވެއެވެ. އަދި ދިވެހިބަސް އުވިގެން ނެތިގެން ދިއުމަކީ ހަމަވެދާނެ ކަމެއްކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެއެވެ. އާދެ، މިކަމާ ހިތާމަކުރުމުގެ ބަދަލުގައި އަޅުގަނޑުމެންގެ މާދަރީބަސް އުވިގެން ދިޔަނުދިނުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް އެބަހުރިކަން އަޅުގަނޑުމެން ފާހަގަކޮށް ވިސްނައި ފިޔަވަޅުތަކެއް އެޅިއްޖެނަމަ ދިވެހިބަސް އެހާ އަވަހަށް އުވިދިޔަ ނުދީ ދެމެހެއްޓި ދާނެއެވެ. އަމިއްލަ ބަސް އުވިގެން ދިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެންގެ ޒުވާނުންނަކީ އަމިއްލަ ބަހާމެދު ފަޚުރުވެރިވާ، އަމިއްލަ ބަސް ގިނައިން ބޭނުންކުރާ އަދި އަމިއްލަ ބަސް އެހެން މީހުން ބޭނުންކުރާ އަޑުއަހާ ހިތްވާ ބަޔަކަށް ވާންޖެހެއެވެ. އާދެ، އެހެން ބަހެއް އަޅުގަނޑުމެން ދަސްކުރި ކަމުގައި ވިޔަސް އަމިއްލަ މާދަރީބަސް އުވިގެން ނެތިގެން ދިޔަނުދީ ދަމަހައްޓަން އަޅުގަނޑުމެން މަސައްކަތްކުރަން އެބަޖެހެއެވެ. އާދެ، ބަހެއް އުވިގެން ދިޔަނުދީ ދެމެހެއްޓޭނީ ހަމައެކަނި އެބަހަކުން ވާހަކަދައްކާ ބަޔަކަށެވެ. ދިވެހިބަސް އުވިދިޔަ ނުދީ ދެމެހެއްޓޭނީ ދިވެހީންނަށެވެ.
                                           -------------------

•    ނޯޓު: މި މަޒުމޫނުގައި މިވާ މަޢުލޫމާތާއި ޚިޔާލުތައް ނަގާފައި މިވަނީ މަޝްހޫރު ލިންގުއިސްޓެއް ކަމަށްވާ ޕްރޮފެސަރ ޑޭވިޑް ކްރިސްޓަލްގެ [ލޭންގުއެޖް ޑެތު] މިފޮތުންނެވެ.

                                          (ނިމުނީ)

ނޯޓު:
މި ލިޔުމަކީ 2007ވަނަ އަހަރުގެ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޝާއިޢު ކުރެއްވި ޚާއްޞަ ސަޕްލިމެންޓުން ނަކަލުކޮށްފައިވާ ލިޔުމެކެވެ.
              - ފަންވަތް -

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ