އަދުގެ ޚާއްސަ

Print

ގިސްލަމުން ރޯށެ މިވީ

ޝާޢިއުކުރީ އާދަމް ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



 އާދަމް ޢަބްދުއްރަޙުމާނު/ހއ. އުތީމު

ގިސްލަމުން ރޯށެ މިވީ ފިސްވެ  މެޔާ ހިތް ދިޔުމުން
       ޖިސްމު ބާކީކޮށްފާ ރޫޙު ފިލާ ނެތި ދިޔުމުން

ދޭނަމޭ ލޯބި ރަނުން އޮތް ޞަފުޙާ ލިޔެ އެހެނަސް
       ލޭގެ ކަރުނުން އޮހޮރޭ ވޭނުގެ އަކުރާ ގަލަމުން

ތަރިތަކާ ހަނދުގެ ހަނާތައް އެޅިޔަސް ދަޢުވަތުގައި
       ފަރި އިޝާރާތަކަށޭ އަބަދުމެ ދެވުނީ ބަލަމުން

ލޯބި ރޭރޭތަކުގައި ދެއްކި އެ ހުރިހާ ހުވަފެން
       ލޯމަތިން ގެއްލިޔައި   ރޮއިލެވިފާ ހޭލެވުމުން

ފެންނަމުން އައި ހުވަފެން ކުލަޖެހުމަށް އެދިއެދިވާ
       ގެއްލި މާޒީވެދިޔައި ދުނިޔެއެކީ ކަޅު ކުރަމުން

ކާކުތޯ އަޑު އަހަނީ ހިތުގެ ތެޅުން ރާގުކިޔާ
       ސާފުކޮށް އަޑު އިވުނަސް ނަފުރަތުގާ ފޫހިވުމުން

ބޭރުފުށުގައި ހުރި މަޢުޞޫމުކަމާ ނިޔަނެތިކަން
       އޭގެ އަސްލުން ފޮހެލީތޯ ހިތުގައިވާ ހިނގުމުން

ހިތުގެ ޖަޒުބާތު ކިޔައިދޭން އެދުނަސް ރޮއިރޮއިފާ
      ފިޠުރަތުން ލެއްވި ހުރަސް ނުކުޅެދެނީއޭ ޝަރަމުން

ފޮރުވިފައިވާ ހުރިހާ ސިއްރު ހިތުގެ ފާޅުކުރަން
      ކަރުނަތައް ފޫދިގަތީ   ލޮލުގެ އެ ފަރުދާ ކަހަމުން

ބީހުމެއް ނެތް އިޙްސާސެއްގެ ތަދާ ދޭ ރިހުމުން
      ހީވެޔޭ ފަހުވަގުތޭ    މީ ފެނިދާނޭ   މި ބިމުން

އަދުވަނީ އަނދިރިވެފައި އަޅުގެ ވުޖޫދާ މި ޙަޔާތް
      ހަނދުވަރީ ރޭތަކުގައި ދުނިޔެ ދިޔަސް ފެންވަރަމުން
(ނިމުނީ)

އިދާރާ

ވާހަކަ