އަދުގެ ޚާއްސަ

Print

އައު ދައުރު

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

އިސްލާމީ އަސާސްތަކުގެ މަތީގައި ބިނާވި ދައުލަތަކީ ހަމައެކަނި އާންމު މާނައިގައި ސަރުކާރެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ޝިރުކުގެ މައްޗަށް ތައުޙީދަށް ލިބުނު ނަޞްރެއްވެސްމެ އެވެ. އިހުޒަމާނުގައި އެއްކައުވަންތަކަމުގެ ދީނަށް ގޮވައިލުމުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ، ޝިރުކާއި ރަސްކަމާ ދެކަންތައް އެއްކަމެއް އަނެއްކަމަކާ ގުޅި ލާމެހިފައި އޮތުމެވެ. ޤަދީމީ ޒަމާނުގައި ރަސްރަސްކަލުން އެބޭފުޅުންގެ ވެރިކަމުގެ ޙައްޤު ސާބިތު ކުރައްވަނީ، ޝިރްކުގެ ޢަޤީދާގެ ތެރެއިންނެވެ. އެހެންކަމުން، ޝިރްކާ ދެކޮޅަށް ދެވޭ ކޮންމެ ދަޢުވަތަކާމެދުވެސް ބެލެވިފައިވަނީ، ރަސްކަމާ ދެކޮޅަށް ދެވޭ ދަޢުވަތެއް ކަމުގަ އެވެ. ނަތީޖާއަކީ، އެއިރަކު އޮންނަ ސަރުކާރަކުން އެފަދަ ދަޢުވަތުތައް ނައްތާލުމަށްޓަކައި ތެދުވުމެވެ.

    ޤަދީމީ ޒަމާނުގައި ދުނިޔޭގައި އާންމުވެފައިއޮތީ ކަލާނގެވަންތަ ރަސްކަލުން (God-King) ގެ ރަސްކަމެވެ. އެދުވަސްވަރު ރަސްރަސްކަލުން އެބޭފުޅުންނަށް ވެރިކަން ކުރެއްވުމުގެ ޙައްޤު ލިބިވަޑައިގެންފައިވާކަން ސާބިތުކުރައްވަނީ، އެބޭފުޅުންނަކީ ދޭވަތާއިންގެ ނަސްލުގެ ބޭފުޅުން ކަމުގައި ވިދާޅުވެގެންނެވެ. އެބޭފުޅުން އެހެންމީހުންގެ މައްޗަށް ވެރިކަން ކުރެއްވުމުގެ ޙައްޤު ލިބިވަޑައިގެންވާކަން ޔަގީން ކޮށްދެއްވަނީ، އެބޭފުޅުންނަކީ ބިންމައްޗަށް ފާޅުވާ ކަލާނގެތަކެއް ކަމުގައި ވިދާޅުވެގެންނެވެ.

    އެހެންކަމުން، އެއްކައުވަންތަކަމަށް ދަޢުވަތުދޭން ފަށައިފިނަމަ، އެބޭފުޅުންނަށް އިޙްސާސްވެ ވަޑައިގަންނަވަނީ، އެބޭފުޅުންގެ ވެރިކަމުގެ ފަލްސަފާގެ އަސްލެއް ނެތްކަން ސާބިތުކުރާން އުޅެނީ ކަމުގައެވެ. ތައުޙީދުގެ ދަޢުވަތުގެ ކާމިޔާބީގެ ތެރެއިން އެބޭފުޅުންނަށް ފެނިވަޑައިގަންނަވަނީ، އެބޭފުޅުންގެ ވެރިކަމުގެ ނަޒަރިއްޔާގެ ފަނާވުމެވެ.

    رسول اللّه صلّى اللّه عليه وسلّم އާއި އެކަލޭގެފާނުގެ ޞަޙާބީންގެ ޒަރީޢާއިން ދުނިޔޭގެ ފެންވަރުގައި ތައުޙީދަށް ލިބިގެންދިޔަ ކާމިޔާބީ، ޝިރުކާއި ސިޔާސަތު އެކަތި އަނެކައްޗާ ވަކިކޮށްލިއެވެ. އެހެންކަމުން، މިހާރު ދުނިޔޭގައި ޝިރުކު ދެމިއޮތީ ހަމައެކަނި ޝަޚްޞީ ޢަޤީދާއެއްގެ ގޮތުގައެވެ. ސިޔާސަތާއި ސަރުކާރާ ޝިރުކާ ދެމެދުއޮތް ގުޅުން އަބަދަށްޓަކައިވަނީ ކެނޑިފައެވެ. ޝިރުކާއި ސިޔާސަތުގެ މި ވަކިވުމަކީ، ދީން ފުރިހަމަވުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މިޒަމާނުގައިވަނީ ކުޑަވެސް ފިކުރަކާނުލައި ތައުޙީދުގެ ދަޢުވަތު ދިނުމުގެ މަގުފަހިވެފައެވެ. ޝިރުކުގެ ފަރާތުން އެއްވެސްކަހަލަ އަނިޔާވެރި ހުރަސްތަކެއް ކުރިމަތިވެދާނެކަމުގެ ބިރެއް ނެތިއެވެ.
   
ޝަރީކުކުރުމުގެ ސިޔާސަތު ނިމުމަށްފަހު، ދުނިޔޭގައި ޤާއިމު ވެފައިވަނީ އާންމުންގެ ސިޔާސަތެކެވެ. ކުރީޒަމާނުގައި ވެރިކަމުގެ ޙައްޤު ލިބިގަންނަނީ، ޝިރުކުގެ އަސްލުންނެވެ. ނަމަވެސް، މިޒަމާނުގައި ވެރިކަން ކުރުމުގެ ޙައްޤު ލިބިގަންނަނީ، އާންމުންގެ ރުހުމާއި ތާއީދުންނެވެ. މި ބަދަލުގެ ލާޒިމީ ނަތީޖާއެއްގެ ގޮތުން، ކަނޑީގެ ދައުރު އަބަދަށްޓަކައިވަނީ ނިމުމަކަށް އައިސްފައެވެ. ޙަޤީޤަތަށް ދަންނަވާނަމަ، ކަނޑިއަކީ ޝަޚްޞީ ވެރިކަމުގެ ދައުރުގެ އުފެއްދުމެކެވެ. އެހެންކަމުން، ރައްޔިތުންގެ ވެރިކަމުގެ ދައުރު އައުމުން، ކަނޑީގެ އަހަންމިއްޔަތު ވަނީ މަންޠީޤީގޮތުން ކެނޑިގެން ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން، ތާރީޚު ވަނީ ނަޒަރިއްޔާތަކުގެ ވާދަކުރުމުގެ ދައުރަށް ވާސިލުވެފައެވެ. ނަޒަރިއްޔާތަކުގެ މެދުގައި ވާދަކުރުމުގެ މައިދާނުގައި ކުރިލިބުމަކީ އަބަދުވެސް ހަމައެކަނި އިސްލާމްދީނުގެ ހިއްސާއެކެވެ. އެހެންކަމުން، ކާމިޔާބާއި ނަޞްރަކީ، ހަމައެކަނި އިސްލާމްދީނަށްޓަކައި ޚާއްޞަވެފައިވާ ކަމެކެވެ. ނާކާމިޔާބީއާއި ދެރަވެއްޖެކަން ގަބޫލުކުރުން ނޫން އެހެންގޮތެއް، އެހެނިހެން ދީންތަކުގެ ކުރިމައްޗަކު ނެތެވެ.

    އިހުޒަމާނުގައި އިސްލާމްދީނުގެ ދަޢުވަތާއިގެން ތެދުވެ-ވަޑައިގެންނެވި ބޭކަލުންވަނީ ޝިރުކުގެ މައްޗަށް އިސްލާމްދީނަށް ނަޞްރު ހޯއްދަވައިދެއްވައިފައެވެ. މިހާރު އަނެއްކާވެސް މިވަނީ، އިލްޙާދުގެ މައްޗަށް އިސްލާމްދީނަށް ފަތަޙަ ހޯދައިދިނުމުގެ ވަގުތު އައިސްފައެވެ. އެކަމަށްޓަކައި ބޭނުންވަނީ، އިސްލާމްދީނުގެ އަހުލުވެރީން އެ މަސައްކަތް ބޮލަރުވައިގެން ތެދުވުމެވެ. ތިމާމެންގެ މަސްއޫލިއްޔަތު އަދާކުރުމެވެ. ތާރީޚީގޮތުން އެކަމަށްއޮތް އިމްކާނިއްޔަތު، ޙަޤީޤީ ހާދިސާއަކަށް ހެދުމެވެ.
    އިސްލާމްދީނުގެ ނަބިއްޔާއަށް އެންމެފުރަތަމަ ވަޙީ ލިބިވަޑައިގަތީ، މީލާދީން ހަސަތޭކަ ދިހަވަނަ އަހަރުއެވެ. އިތުރު ސާހިބާ އެހައިތަނުން ފެށިގެން ޢަރަބިކަރައިގައި އެއްކައުވަންތަކަމުގެ ދީނަށް ގޮވައިލައްވާން ފެށްޓެވިއެވެ. ކަލާ ތާރީޚީގޮތުން މީގެ ސާދަސަތޭކަ އަހަރުގެ ކުރިޔަށް ވަޑައިގެން، އެދުވަސްވަރު ބޭރުފުށުން ފެންނަންހުރި މަންޒަރުތަކާމެދު ވިސްނުންފުޅު ހިންގަވައިލައްވައިފިނަމަ، އޭރުގެ ޙާލަތު ފެނިވަޑައިގަންނަވާނީ، އިސްލާމްދީނަށް ވަރަށްވެސް ފަހިނޫން ގޮތެއްގައެވެ. ވަރަށްވެސް ނާމާންކޮށެވެ. ބިރުވެރިކޮށެވެ. ޢަރަބިކަރައިގައިވެސް ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގައިވެސް އިސްލާމްދީނަށް އެއްވެސް މުސްތަޤްބަލެއް ނެތްފަދަ ގޮތެއްގައެވެ. ނަމަވެސް، އެދުވަސްވަރު އިސްލާމްދީނަށްޓަކައި ފަހިވެފައި އޮތް އިމްކާނިއްޔާތުތަކުގެ ނިސްބަތުން ވިސްނައިވަޑައިގެންފިނަމަ، އޭރުވެސް ނުހަނު އުޖާލާ ކުރިމަގެއް، އިސްލާމީ ޤާފިލާއަށް އިންތިޒާރު ކުރަމުންދާތީ ފެނިވަޑައިގަންނަވާނެއެވެ.

    މިޒަމާނުގައިވެސް އެފަދަ ގޮތަކަށް އުދަރެސްމަތިން ބައެއްފަހަރު މަންޒަރުތައް ފެނެއެވެ. ހަމައެކަނި ކަންކަމުގެ ބޭރުފުށުން (Face value) ކަންކަން ދެކެން އާދަވެފައިތިބޭ މީހުންނަށް އުނދަގޫތަކުގެ ކަޅުވިލާތަކުން ހަތަރު އުދަރެސް ބައްދައިލައިފައިވާތީ ފެނެއެވެ. ނަމަވެސް، ތަންކޮޅެއް ފުންކޮށް އުދަރެސްމައްޗަށް ވިސްނައިލައިފިނަމަ، އެ ކަޅު ވިލާތަކުގެ ފަހަތުގައި އަލިގަދަ އިރެއް ފޮރުވިފައި އެބަހުރިކަން އެނގޭނެއެވެ.

    އިސްލާމް (ތައުޙީދުގެ ދީން) މިއަދު އެ މަތިވެރި އިމްކާނިއްޔާތުތަކެއްގެ އައްސޭރިޔަށް ވާސިލުވެފައިވާ އިމްކާނިއްޔާތުތަކަށް ބަލާއިރު، އެ އަލިގަދަ އިރުގެ ދޯދިތައް ފާޅުވާން ފެށުން އޮތީ ދާދި ކައިރީގައެވެ. އެ ދޯދިތަކުގެ ފާންކަން މިހާރުވެސް ވަނީ ސާފުކޮށް ފެންނަން ފަށައިފައެވެ. ނަމަވެސް، އިސްލާމްދީނުގެ އުޖާލާ މުސްތަޤްބަލެއްގެ މިހުރިހައި އިމްކާނިއްޔާތުތަކެއްވެސް ގުޅިފައިވަނީ، އެ ދީން ފެތުރުމަށްޓަކައި ކުރަންޖެހޭ ދީނީ ދަޢުވަތުގެ މަސައްކަތާއެވެ. މިޒަމާނުގެ މުސްލިމުން އެބައިމީހުންގެ ބޯ ތަޅަމުންގެންދާ އެއްވެސް ލާބައެއްނެތް ދާއިރާތަކަކާއެއް ނޫނެވެ.

    މިޒަމާނުގައި ދުނިޔޭގެ ހުރިހައި ކަންކޮޅުތަކެއްގައިވެސްވަނީ ދީނާ ދިމާޔަށް އެނބުރި އައުމުގެ ފަރާތަށް އެންމެންގެ ހިތްތައް ލެނބެން ފަށައިފައެވެ. މިއީ މުޅި ދުނިޔެއިންވެސް ފާޅުވަމުންދާ ކަމެކެވެ. މިދުވަސްވަރަކީ ތާރީޚުގައި ދީނީ ލިޓްރޭޗަރ އެންމެ ގިނައިން ވިކެމުންދާ ދުވަސްވަރެވެ. މުޅި ދުނިޔޭގައިވެސް ފެންނަމުންދާ މަންޒަރަކީ، ދާދިފަހަކާ ޖެހެންދެންވެސް ފަޅުވެފައިހުރި އަޅުކަންކުރާ ތަންތަން އަލުން ފުރެމުންދާ މަންޒަރެވެ.

    ނަމަވެސް، އިސްލާމްދީން ފިޔަވައި އެހެނިހެން ދީންތަކަކީ ބަދަލުގެނެސްފައިވާ ދީންތަކެވެ. އެ ބަދަލުތަކުގެ ސަބަބުން އިންސާނީ ފިޠުރަތާ އެ ދީންތަކަކާ ކުޑަވެސް ގުޅުމެއް ނެތެވެ. މިފަދަ މަސްރަޙެއްގައި، މީސްތަކުން ދީނާ ދިމާޔަށް އެނބުރި އައުމަކީ އިސްލާމްދީނާ ދިމާޔަށް އެނބުރި އައުން ކަމުގައި ބުނުމަކީ، ޙަޤީޤަތާ ޚިލާފު ވާހަކައެއް ދެއްކުމެއް ނޫނެވެ. އެހެނީ، ބަދަލުގެނެސްފައިނުވާ ދީނަކީ ހަމައެކަނި އިސްލާމްދީނެވެ. އެހެންކަމުން، އިންސާނާގެ ބޭނުންތަކަށް ޙަޤީޤީ މާނައިގައި ޖަވާބުދެވޭނެ ދީނަކީ ހަމައެކަނި އިސްލާމްދީނެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ