އަދުގެ ޚާއްސަ

Print

މައި ތަޅުދަނޑި

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

މޮންޓްގޮމަރީ ވޮޓް (W. Montgomery Watt) ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރެއިން އެއް ފޮތެއްގެ ނަމަކީ، އިސްލާމްދީނުގެ ފާއިތުވެގޮސްފައިވާ މާތްކަމާއި މަތިވެރިކަން
(The Majesty that was Islam) މިއެވެ. އެފޮތަކީ، އިސްލާމްދީނަށް ތާރީފުކުރެއްވުމުގެ ގޮތުން ލިޔުއްވައިފައިވާ ފޮތެކެވެ. ނަމަވެސް، އެ ފޮތުގެ ނަމަކީ، ވަރަށްގިނަ ކުށްހީތައް އުފައްދާ ނަމެކެވެ. އެފޮތުގެ ނަން ފެނުމުން، ޤަޞްދުގައި ނުވަތަ ޤަޞްދަކާ ނުލައިވެސް ޚިޔާލަށް ގެނެވެނީ އިސްލާމްދީނަކީ އެ ދީނުގެ ހުރިހައި މާތްކަމަކާއި މޮޅުކަމަކާއެކުވެސް، މާޒީގެ އެއްޗެއް ކަމުގައެވެ. އެއީ މުސްތަޤްބަލުގެ އެއްޗެއް ނޫންކަމުގައެވެ. އެ ފޮތުގެ ނަމަކީ، މާޒީއާމެދު ފަޚްރުވެރިކަން ހިތަށްވައްދާ ނަމެކެވެ. މުސްތަޤްބަލާމެދު އުންމީދު ގެއްލުމުގެ ޖަޒުބާތު އުފައްދާ ނަމެކެވެ.

މުޞަންނިފް އެފޮތުގެ ފަސްވަނަ ބާބުގައި ފަލަކިއްޔާތު މި މައިގަނޑު ނަމުގެ ދަށުގައި ލިޔުއްވައިފައިވެއެވެ. ފަލަކިއްޔާތަކީ ޢަރަބީންގެ މެދުގައި ޢަމަލީ ސައިންސެކެވެ. އެހެނީ، އެބައިމީހުންގެ ދީން އެބައިމީހުންނަށް ލާޒިމުކުރާގޮތުން، ކޮންމެ އިސްލާމީ ރަށެއްގައި ތިއްބަސް، އެރަށެއްގެ ނިސްބަތުން މައްކާވީ މިސްރާބު ދެނެގަތުން ލާޒިމެވެ. ނަމާދު ކުރާއިރު، އެބައިމީހުންގެ މޫނުތައް އެދިމާޔަށް ކުރިމަތިކުރުމަށްޓަކައެވެ.

Astronomy was a practical science for the Arabs…. Because they had to know the direction of Mecca from every Islamic city, in order to face this direction in their prayers.(p.228)

މަތީގައިވަނީ، ވަރަށް ކުޑަކުޑަ މިސާލެކެވެ. އެ މިސާލުން އެނގެނީ، އިސްލާމްދީނުގައިވާ އަޅުކަމުގެ ޢަމަލުތަކަކީ، ޢަމަލީ ޙަޔާތާ އެއްވެސް ގުޅުމެއްނެތް ހުސް ރަސްމިއްޔާތުތަކެއް ނޫންކަމެވެ. ނަމަދާ ގުޅިފައިވަނީ، ފަރާތް ނުވަތަ މިސްރާބު ދެނެގަތުމުގެ ޢިލްމާއެވެ. އެގޮތުން ރޯދައާއި ކަލަންޑަރާ ވަނީ ގުޅިފައެވެ. ޒަކާތާ ހިސާބު ޢިލްމާ ވަނީ ގުޅިފައެވެ. ޙައްޖާ ގުޅިފައިވަނީ ޖިއޮގްރަފީ ޢިލްމާއެވެ. މިނޫންވެސް މިފަދަ އެތައް ކަމެކެވެ.

މުސްލިމުންގެ މެދުގައި އިސްލާމްދީން އޭގެ ޙަޤީޤީ ސިފައިގައި ދިރުވައިލެވިއްޖެނަމަ، ބޭނުންތެރި އެހެން ހުރިހައި ކަމެއްވެސް އެބައިމީހުންގެ ތެރޭގައި ދިރިގެން ހިނގައިދާނެއެވެ. އިސްލާމްދީން ޤާއިމުކުރުމަކީ އޭގެ ޒަރީޢާއިން އެހެން ހުރިހައި ކަމެއްވެސް އޭގެ އަމިއްލަ ޒާތުގައި އުފެދިގެން އައުމުގެ ވަސީލަތަކަށް ވެދާނެއެވެ. އިސްލާމީ ތާރީޚުގެ އެންމެ ފުރަތަމަ ދައުރުގައި ކަންހިނގައިފައިވަނީ އެގޮތަށެވެ. މިޒަމާނުގައި މުސްލިމުންގެ ތެރެއަކު އިސްލާމްދީން، އެ ދީނުގެ ޙަޤީޤީ ސޫރައަކު ދެމިއެއް ނެތެވެ. އެހެންކަމުން، އެހެނިހެން ޢިލްމުތަކާއި ހުނަރުތަކެއްވެސް މުސްލިމުންގެ ތެރެއަކުން ނުފެނެއެވެ. ޝައްކެއްނެތެވެ. އިސްލާމްދީނަކީ މައި ތަޅުދަނޑި (Master Key) އެކެވެ. ދީނީ ކަންތައްތަކުގައެވެ. ހަމައެއާއެކު، ދުނިޔަވީ ހުރިހައި ކަމެއްގައިވެސް މެއެވެ.

އިސްލާމްދީނަކީ، އެ ދީނުގެ އަމިއްލަ ޒާތުގައިވެސް ފަތަޙަކުރުމުގެ ބުންވަރާއި ހަކަތަ ލިބިފައިވާ ބާރެކެވެ. އެދީނުގެ ފަތަޙަކުރުމުގެ ބާރާމެދު، ތާރީޚު ހެކިވެއެވެ. ޣައިރު މުސްލިމް މުޙައްޤިޤުންގެވެސް ވަރަށްގިނަ އަދަދެއްގެ ބަޔަކު އެކަމަށް އިޢުތިރާފުވެއެވެ.

ޓައިމްސް އޮފް އިންޑިޔާގެ ނިއުދިއްލީ އެޑިޝަންގެ
13 އޮކްޓޯބަރ 1990 ގެ ނޫހުގެ ދެވަނަ ޞަފްޙާގެ އެންމެ ފުރަތަމަ ކޮލަމްގައި، ޒާތީ (personal) މި މައިގަނޑު ނަމުގެ ދަށުގައި، އަންނަނިވި އިޢުލާން ޝާއިޢު ކޮށްފައިވެއެވެ.

[އަހަރެން އަޝޯކު މަދަން، އުމުރު ތިރީސް އަހަރު، ޝްރީ އޭ.އެލް. މަދަންގެ ފިރިހެން ދަރިފުޅު، ހުންނަ ތަން: ޖީ 12/2، މާލްވިޔާ ނަގަރު، އާދިއްލީ، އަހަރެންގެ އަމިއްލަ މިނިވަންކަމާއި ފުރިހަމަ އިޚްތިޔާރުގައި އިސްލާމްދީން ގަބޫލު ކޮށްފީމެވެ. މީގެފަހުން އަހަރެންގެ ނަމަކަށްވާނީ، އަޚްތަރު މަދަނެވެ.]

I Ashok Madan, aged 30, son of Shri A.L. Madan, resident of G-12/2, Malviya Nagar, New Delhi, have embraced Islam on my own free choice and will henceforth be known as Akhtar Madan. (C-59254)

މިއީ އެއްގޮތަކަށްވެސް އިއްތިފާޤުން ދިމާވި ކަމެއްގެ ވާހަކައެއް ނޫނެވެ. އިސްތިސްނާ ހާދިސާއެއްގެ ޚަބަރެއްވެސް ނޫނެވެ. މިބާވަތުގެ ހާދިސާތައް އިންޑިޔާގައި ކޮންމެ ދުވަހަކުވެސް ތަކުރާރުވަމުންދެއެވެ. ބިންމަތީގައި ހިނގާބިނގާ އުޅޭ ތާހިރު ރޫޙުތަކެއް އެބައިމީހުންގެ ކާބަފައިންގެ ދީން ދޫކޮށް، ޙައްޤު ދީނުގެ ދާއިރާއިން ޙިމާޔަތް ނުހޯދާ އެންމެ ދުވަހެއްވެސް އުޑުން ބިމަކަށް ނާދެއެވެ.

މިކަން މިމަގަށް ހިނގަމުން މިދަނީ، މުސްލިމުން ދީން ފެތުރުމަށް ކުރާ ކޮންމެވެސް މަސައްކަތެއްގެ ޒަރީޢާއިން ބާވައެވެ؟ ނޫނެކެވެ. ފަހަރެއްގައިވެސް އެހެންނަކުން ނޫނެވެ. މިއަދު ދުނިޔޭގައި އެއްބިލިޔަނަށްވުރެ ގިނަ އަދަދަކަށް މުސްލިމުން އެބަތިއްބެވެ. އެބައިމީހުންގެ މެދުގައި އިސްލާމުގެ ނަމުގައި ސުމާރެއްނެތްހައި ގިނަ ބޮޑެތި ބޮޑެތި ޙަރަކާތްތައް ހިނގަމުން އެބަދެއެވެ. ނަމަވެސް މާތް اللّه ގެ ބިން، އެ މަސައްކަތަކުން ގާތްގަނޑަކަށް ހުސްވެގެންވާ މަސައްކަތަކީ ދީން ފެތުރުމާއި، ދީނަށް ގޮވައިލުމުގެ މަސައްކަތެވެ. އެ މަސައްކަތެއް ކުރާ ބަޔަކު، ބިމުގެ ބުރަކަށިމަތީގައި އެކަށީގެންވާ އަދަދަކަށް ނެތް ހަމައެކަނި މަސައްކަތަކީ، މާތް اللّه ގެ އަޅުތަކުންނާ ހަމަޔަށް އެކަލާނގެ ދީން ރައްދުކުރުމެވެ.

ކަންމިހެން ހުރުމާއެކުވެސް، އިސްލާމްދީން ފެތުރެމުން މިދަނީ ކީއްވެގެންތޯއެވެ؟ ޖަވާބަކީ، ޚުދު އެ ދީނުގެ އަމިއްލަ މަތިވެރިކަމާއި ބާރުގައޭ ދެންނެވުމެވެ. ކަލާނގެއާއި ދީނުގެ ޖަޒްބާތަކީ، އިންސާނީ ފިޠުރަތާ ގުޅިފައިވާ ކަމެކެވެ. އިންސާނާ އޭނާގެ ފިޠުރީ ޖަޒުބާތުގެ ސަބަބުން، އިލާހީ ދީން ހޯދުމަށްޓަކައި ނުކުމެއެވެ. ނަމަވެސް، އެހެނިހެން ދީންތައް ވަނީ އިންސާނީ މައްސުނިކުރުންތަކުގެ ސަބަބުން ގަޑުބަޑުވެ ހަލާކުވެފައެވެ. އެހެންކަމުން، ޙައްޤު ދީން ހޯދުމަށްޓަކައި ނުކުތް މީހުން، އެ ދީންތަކަކުން އަލައެއް ނުކެނޑެއެވެ. އެބައިމީހުންގެ ހިތްތަކުގެ ހަމަޖެހުމެއް، އެ ދީންތަކަކު ނުހިމެނެއެވެ. އެހައިތަނުން އެބައިމީހުން އިސްލާމްދީން މުޠާލިޢާ ކުރުމުން އެބައިމީހުންނަށް އިޙްސާސްވަނީ، އެބައިމީހުންގެ ފިޠުރަތު އެހޯދާ އެއްޗަކީ އިސްލާމްދީން ކަމެވެ. އިސްލާމްދީން ފަތުރަން ބަޔަކު މަސައްކަތްކުރިޔަސް، ނުވަތަ ނުކުރިޔަސް، އެ ދީނުގެ އަމިއްލަ ބާރުގައި ފެތުރެމުން ދިއުމުގެ ޤާބިލުކަން، އެ ދީނަށް ހޯދައިދިން ޚާއްޞަ ސިފަތަކަކީ، އެ ދީނަކީ ބަދަލުގެނެސްފައިނުވާ ދީނަކަށްވުމެވެ. އެ ދީނަކީ ތާރީޚީގޮތުން ސާބިތުވެފައިވާ ދީނަކަށްވުމެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ