އަދުގެ ޚާއްސަ

Print

އެޕްރީލް ފޫލް: މިއީ ދޮގެއް ނޫން(1)

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ދުނިޔެ


އަޙްމަދު ޢަބްދުﷲ ސަޢީދު

މިއަދަކީ އެޕްރީލް މަހުގެ ފުރަތަމަ ދުވަހެވެ. މިއަދު ދޮގެއް ހަދާނީ ހެއްޔެވެ؟ ނޫނީ ޙައްޤު ތެދު ބަހެއް ބުނާނީ ހެއްޔެވެ؟ ހަމަ ޔަޤީނުން ވެސް މަޖަލަކަށް ދޮގެއް ހެދުމަކީ އެންމެ ރަނގަޅު ކަމެކޭ ބުނެފިއްޔާ، އެވާނީ ދޮގަކަށެވެ. ވީމާ ބުނަންޖެހެނީ އެޕްރީލް ފޫލް ހައްދާށޭ ހިތައި ވެސް ދޮގެއް ހެދުން ހުއްދައެއް ނުވާނެ އެވެ. އިސްލާމް ދީން އެ ކަމަކަށް ޖާގައެއް ނުދެ އެވެ.

ދޮގުހެދުމަކީ، އަޚްލާޤީ ނުބައި ސިފަތަކުގެ ތެރެއިން އެންމެ ނުބައި އެއް ސިފަ އެވެ. އެ ސިފައާ މެދު ރައްކާތެރިވުމަށް އިލާހީ ޝަރީޢަތްތަކުގައި އިންޒާރުގެ ބަސްފުޅުތައް އައިސްފައިވެއެވެ. ފިޠުރަތުގެ އުޞޫލުތަކާއި ހަމަތައް ބުނަނީ ވެސް އެއީ ނުބައި ސިފައެއްކަމުގަ އެވެ. އަދި އެ ސިފައަކީ އިންސާނާގެ މުރުއްވަތްތެރިކަމާއި ޙިކްމަތްތެރިކަން އިންސާނާއާ ބީރައްޓެހިކުރުވާ، އިންސާނާގެ ފިޠުރަތާ ޢަދާވާތްތެރި ސިފައެއްމެ އެވެ.


ތެދުވެރިކަމަކީ ދުނިޔެ ދެމިއޮތުމުގެ އެއް ތަނބެވެ. އެއީ ރިވެތި ހުރިހާ ސިފައެއްގެ އަޞްލެވެ. ނަބީކަމާއި ތަޤުވާވެރިކަމުގެ އެއް ރުކުނެވެ. ތެދުވެރިކަން ނުވާ ނަމަ، އިލާހީ ޝަރީޢަތްތައް ބާޠިލު ވެއްޖައީހެވެ. އިލާހީ ރިސާލަތްތައް އުންމަތްތަކަށް ދެމިގެން ދިޔައީ، އެ ރިސާލަތު ތަކާއިގެން ވަޑައިގެންނެވި ނަބީންނާއި ރަސޫލުންގެ ބަސްފުޅުގެ ތެދުކަމުންނެވެ. ތެދުވެރިކަމުން ބޭރުވެ ދޮގުހަދާ މީހުންނަށް ދުނިޔެ އާއި އާޚިރަތުގައި ވެސް ހުރީ އަބާއްޖަވެރިކަމެވެ.

އިސްލާމީ ޝަރީޢަތަށް ބަލާއިރު ކީރިތި ޤުރްއާނާއި މާތް ރަސޫލާ މުޙަންމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ)ގެ ސުންނަތުގައި، ދޮގުހެދުމުން ދުރުހެލިވުމަށް ތަކުރާރުކޮށް އަންގަވާފައިވެ އެވެ. އަދި ދޮގުހެދުމަކީ ޙަރާމްކަމެއް ކަމަށް މި އުންމަތުގެ އިޖްމާޢު ޢިލްވެރިންގެ މެދުގައި ދެބަސްވުމެއް ނެތެވެ.

އިސްލާމީ ޝަރީޢަތުގައި ވަރަށް މަދު ޙާލަތެއްގައި މެނުވީ ދޮގުހެދުން ހުއްދައެއް ނޫނެވެ. މީހެއްގެ ޙައްޤެއް ފޭރިގަތުމަށް ދޮގުހެދުން ހުއްދައެއް ނޫނެވެ. މީހެއްގެ ލޭއޮހޮރުވުމަށް ދޮގުހެދުން ހުއްދައެއް ނޫނެވެ. މީހެއްގެ އަބުރު ނަގައިލުމަށް ދޮގުހެދުން ހުއްދައެއް ނޫނެވެ. އޭގެ ބަދަލުގައި ދޮގެއް ހެދުން ހުއްދަވާ ޙާލަތްތަކުގެ ތެރޭގައި ހިމެނެނީ، ނުޙައްޤުން މީހަކު މަރުވެދާ ހިނދު އެ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް، ދުޝްމަން ވެފައިވާ ދެ މީހަކު ޞުލްހަކުރުވުމަށް ނުވަތަ ރުޅި އައިސްފައި ތިބި ދެމަފިރިއަކު ޞުލްޙަކުރުން ފަދަ ވަރަށް ނާދިރު ޙާލަތްތަކެއްގަ އެވެ.

ހަމަ އެފަދައިން އިސްލާމީ ޝަރީއަތަށް ބަލާއިރު، ހިތަށް އެރިހާ އެއްޗެއް ދުލުން ބުނެ ދޮގުހެދުން ހުއްދަވާ އެއްވެސް ޙާލަތެއް އެއްވެސް ދުވަހެއް ނޯވެ އެވެ. އެހެން ނަމަވެސް މިއަދު އިސްލާމީ މުޖްތަމަޢުތަކުގައި ވެސް ފެތުރިގެން އުޅޭ އެންމެ ބޮޑު އެއް ވަބާއަކީ، "އެޕްރީލް ފޫލް"ގެ ނަމުގައި ދުވަހެއް ފާހަގަކޮށް އެ ދުވަހު ދޮގުހެދުމުގެ ނުބައި އާދަ އެވެ. މިކަން ފަތުރައިގެން އުޅޭ ޣައިރު މުސްލިމުން ބުނާ ގޮތުގައި އެޕްރީލް މަހުގެ ފުރަތަމަ ދުވަހު ދޮގު ހެދުމަކީ ޝަރުޢީ ގޮތުން އެއްވެސް މައްސަލައެއް ނޫނެވެ. އަދި އެ ނޫން ދުވަހެއްގައި ވެސް ދޮގެއް ހެދުމަކީ އެ މީހުންނަށް "މާ ބޮޑު ކަމެއް ނޫނެވެ."
ނަމަވެސް މިއީ އެއްވެސް ގޮތަކުން މުސްލިމުންގެ ތެރޭގައި އޮވެގެންވާނެ އާދައެއް ނޫނެވެ. އެއީ އިސްލާމީ އެއްވެސް މަޞްދަރަކުން އެ ކަމަށް ޖާގައެއް ދީފައިނުވުމުގެ އިތުރުން، ދޮގުހެދުމުން ދުރުހެލިވުމަށް ކީރިތި ޤުރްއާނުގައި އިލާހީ އަމުރުފުޅު އައިސްފައިވާތީއެވެ. އަދި އެކަންކުރުމަކީ ކާފަރުވުމާ އެއްފަދަ ކަމެއްގެ ގޮތުގައި ކީރިތި ޤުރްއާނުގައި ދަރަޖަކުރެވިފައިވާތީއެވެ.

ދޮގުހެދުން ޙަރާމް:

ކީރިތި ޤުރްއާނުގެ ސޫރަތުއް ނަޙްލުގެ 105 ވަނަ އާޔަތުގައި اللهُ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ وَأُولَئِكَ هُمُ الْكَاذِبُونَ)
މާނަ: [ދޮގުހަދާކަން ކަށަވަރީ، اللهُގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ ދޮގުވެރީންނެވެ.]
މި އާޔަތުގައި اللهُ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައި އެވަނީ ދޮގުހަދާނީ، އެ ކަލާނގެ ބާވައިލެއްވި އާޔަތްތަކަށް އީމާނުވާ މީހުން ކަމުގައެވެ. اللهُގެ އާޔަތްތަކަށް އީމާންނުވާ މީހުންނަކީ ކާފަރުންނެވެ. ނުވަތަ މުޝްރިކުންނެވެ. ވީމާ، ދޮގުހެދުމަކީ ކާފަރުކަމާ އެއް ދަރަޖައިގެ ކަމެއްކަން ސާބިތުވެ އެވެ.

اللهُ ރުއްސުންލެއްވި އަބީ ހުރައިރާ ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރެއްވިއެވެ. "މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. ވާހަކައެއް ދައްކައިފި ނަމަ ދޮގުހަދާނެ އެވެ. ވަޢުދެއް ވެއްޖެނަމަ އެއާ ޚިލާފުވާނެ އެވެ. އަމާނާތަކާ ޙަވާލުވެއްޖެ ނަމަ އެއަށް ޚިޔާނާތްތެރި ވާނެ އެވެ." (ބުޚާރީ 33، މުސްލިމް 59)

މި ޙަދީޘްފުޅުން އެނގޭ ގޮތުގައި ދޮގުހެދުމަކީ މުނާފިޤުންގެ ސިފައެކެވެ. އަދި ދޮގުހަދާ މީހުންނަކީ މުނާފިޤުންނާ އެއް ސިފައެއްގެ ބައެއްކަން މި ބަސްފުޅުން އެނގެ އެވެ. މާނައަކީ ދޮގުހަދާ މީހާގެ ކިބައިގައިވާ ދޮގުހެދުމުގެ ސިފައިގެ ސަބަބުން އޭނާ އެވަނީ މުނާފިޤަކާ އެއްގޮތްވެފަ އެވެ.

اللهُ އަށާއި ރަސޫލާ އަށް ދޮގުހެދުން:

މިއީ ދޮގުގެ ތެރެއިން ވެސް ނުބައިކަން އެންމެ ބޮޑު ދޮގެވެ. މިފަދަ ދޮގުހަދާ މީހާ އެވަނީ އެއްވެސް އޮޅުމެއް ނެތް ގޮތުގައި اللهُގެ ވަޢީދުގެ ތެރޭގައި ހިމެނިފައެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ބާވަތުގެ ދޮގުހަދާ މީހާ އެވަނީ ކާފަރުވެފަ އެވެ.

اللهُ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގެ ސޫރަތުއް ނަޙްލުގެ 116 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެ އެވެ.

(وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَذَا حَلَالٌ وَهَذَا حَرَامٌ لِتَفْتَرُوا عَلَى اللَّهِ الْكَذِبَ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُونَ)
މާނަ: [اللهُއާ މެދު، ތިޔަބައިމީހުން ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައް ހަދައި، ސިފަކޮށްއުޅޭ ކަންތަކަށް މިއީ ޙަލާލްކަމެކޭ، އަދި މިއީ ޙަރާމްކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ! ހަމަކަށަވަރުން، اللهُއާ މެދު، ދޮގުހަދާ މީހުން ނުދިންނަވާ ހުއްޓެވެ.]

اللهُ ރުއްސުންލެއްވި ޢަލީގެފާނު ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރެއްވިއެވެ؛ [ތިމަން ކަލޭގެފާނުގެ މައްޗަށް ތިޔަބައިމީހުން ދޮގު ނުހަދާށެވެ! ފަހެ، ހަމަކަށަވަރުން ތިމަން ކަލޭގެފާނުގެ މައްޗަށް ދޮގެއް ހަދައިފިމީހާ، ދަންނާށެވެ. ފަހެ އެ މީހަކު ނަރަކަ އަށް ވަދެއްޖެއެވެ.] (އަލްބުޚާރީ 106)

اللهُ ރުއްސުންލެއްވި އަބީ ހުރައިރާ ރިވާކުރެއްވި އެވެ. ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރެއްވި އެވެ؛ [ތިމަން ކަލޭގެފާނަށް ދޮގެއް ހަދައިފި މީހާ، ނަރަކައިން އެ މީހަކު އަނދަގޮނޑިއެއް ކަށަވަރުކޮށްފި އެވެ.] (ބުޚާރީ 110، މުސްލިމް 3)
މި ޙަދީޘްގެ ތަފްސީރުގައި އިބްނުލް ޤައްޔިމް ވިދާޅުވެފައިވަނީ، ނަރަކައިން އަނދަގޮނޑިއެއް ނުވަތަ ޖާގައެއް ކަށަވަރުކޮށްފި ކަމަށް އޮތް ބަސްފުޅުގެ މުރާދަކީ، އެ މީހަކު ނަރަކަ އަށް ލެވި، ދާއިމަށް އެ ނަރަކައިގައި ދެމިހުރުމެވެ.

(وَيَوْمَ الْقِيَامَةِ تَرَى الَّذِينَ كَذَبُوا عَلَى اللَّهِ وُجُوهُهُمْ مُسْوَدَّةٌ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْمُتَكَبِّرِينَ)
    މާނަ: [اللهُ އަށް ދޮގުހެދި މީހުންގެ މޫނުތައް އަނދިރިވެގެންވާތީ، ޤިޔާމަތް ދުވަހުން ތިބާ ދެކޭނޫ އެވެ. ކިބުރުވެރިން ތިބޭނެ ތަނެއް ނަރަކައިގައި ނުވޭ ހެއްޔެވެ؟]

މި އާޔަތުގެ ތަފްސީރުގައި އިބްނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ؛ اللهُ ސުބްޙާނަހޫ ވަތަޢާލާ އަށާއި އެ ކަލާނގެ ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) އަށް ދޮގު ހަދައިފި މީހާ ޤިޔާމަތް ދުވަހުން އެނގި ފާޅުވާނެއެވެ. އެ މީހުން ފާހަގަވެ އެނގޭނޭ ޢަލާމާތަކީ އެ މީހުންގެ މޫނުތައް ކަޅުވެފައިވުމެވެ.

ކީރިތި ޤުރްއާނާއި މާތް ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ)ގެ މި ބަސްފުޅުތަކަށް ބަލާއިރު، ދޮގުހެދުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޢިލްމުވެރިން ވިދާޅުވެ އެވެ. އެއީ ދޮގުހެދުމުގެ ޢުޤޫބާތުގެ ބޮޑުކަމުންނެވެ. ދޮގުހެދުމަކީ މުނާފިޤުންގެ ސިފައެއް ކަމަށް ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރައްވާފައިވާ އިރު، ކީރިތި ޤުރްއާނުގައި އަންގަވާފައިވަނީ މުނާފިޤުން ތިބޭނީ ނަރަކައިގެ އެންމެ ދަށު ވަތްގަނޑުގައި ކަމަށެވެ.

މަޖަލަށް ދޮގުހެދުން:

އެޕްރީލް ފޫލްގައި ދޮގު ހެދުމަކީ، [އެއްވެސް ކަމެއް ނޫން] ކަމަށް، އެކަންކުރާ މީހުން ގަބޫލުކުރެ އެވެ. ސަބަބެއް ކަމަށް އެ މީހުން ބުނަނީ، އެއީ މަޖަލަކަށް ނުވަތަ ސަމާސާއަކަށް ހަދާ ދޮގަކަށް ވާތީ އެވެ. ސަމާސާއަކަށް ދޮގު ހެދުމަކީ މާ ބޮޑު މައްސަލައެއް ނޫން ކަމަށް ބައެއް މީހުންނަށް ހީވިޔަސް، އިސްލާމީ ޝަރީޢަތުގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ. ވަކި ދުވަހަކާ ދިމާކޮށް ނުވަތަ އެހެން ކަމެއްގައި ވިޔަސް، ސަމާސާއަކަށް ވެސް ދޮގެއް ހެދުން ހުއްދައެއް ނުވާނެ އެވެ.

އިސްލާމީ ޝަރީޢަތުގެ މަޞްދަރުތައް ބުނަނީ، މަޖަލަކަށް ނުވަތަ ސަމާސާއަކަށް ދޮގުހެދުން ހުއްދަ ނުވާ ފަދައިން ސަމާސާ ނޫން ގޮތަކަށް ވެސް ދޮގުހެދުން ހުއްދަ ނޫން ކަމަށެވެ.

اللهُ ރުއްސުންލެއްވި އިބްނު ޢުމަރު ރިވާކުރެއްވިއެވެ. [ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރެއްވިއެވެ؛ ހަމަކަށަވަރުން ތިމަން ކަލޭގެފާނު ސަމާސާކުރައްވަމު އެވެ. އަދި ޙައްޤު ބަސްފުޅެއް މެނުވީ ވިދާޅެއްނުވަމެވެ.] (ޠަބަރާނީ)

اللهُ ރުއްސުންލެއްވި އަބީހުރައިރާ ރިވާކުރެއްވި އެވެ. އަޞްޙާބު ބޭކަލުން ދެންނެވި އެވެ. އޭ اللهُގެ ރަސޫލާ އެވެ! ހަމަކަށަވަރުން ކަލޭގެފާނު ތިމަންމެންނާ ސަމާސާކުރައްވަމުއެވެ. ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރެއްވިއެވެ؛ ހަމަކަށަވަރުން ޙައްޤު ބަސްފުޅެއް މެނުވީ ތިމަން ކަލޭގެފާނު ވިދާޅެއްނުވަމެވެ.” (އައް ތިރްމިޛީ 1990)

އިސްވެ ދެންނެވި ޙަދީޘްތަކުން އެނގެނީ ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ވެސް އެ ކަލޭގެފާނުގެ އަޞްޙާބުންނާ އެކު ނުވަތަ ޢާއިލާގެ ބޭފުޅުންނާ އެކު ސަމާސާކުރައްވައި މަޖާ ވެސް ކުރައްވާކަމެވެ. ނަމަވެސް ސަމާސާކުރެއްވި ކަމުގައި ވިޔަސް އެއްވެސް އިރެއްގައި އިތުރުފުޅެއް ނުހައްދަވާކަން މި ބަސްފުޅުން އެނގެ އެވެ. އެ ކަލޭގެފާނު އަޞްޙާބުންނާ އެކު ވެސް ސަމާސާކުރައްވައެވެ. ޢާއިލާގެ ބޭފުޅުންނާ އެކު ވެސް ސަމާސާކުރައްވައެވެ. ނަމަވެސް އިތުރުފުޅެއް ނުހައްދަވައެވެ. އެންމެ ތުއްޕުޅު އިރުން ފެށިގެން ވެސްމެއެވެ. އަދި ސަމާސާކުރައްވަނީ ވެސް ހައްދުފަހަނަޅައި ގޮސް، އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާ މެދު އިހުމާލުވެވޭ ދަރަޖައަކަށް ނޫނެވެ. އަދި އެހެންމެ اللهُ ސުބްޙާނަހޫ ވަތަޢާލާއަށްޓަކައި އަދާކުރަންޖެހޭ އަޅުކަންތަކާ މެދު ޣާފިލުވެވޭ ދަރަޖައަކަށް ވެސް ނޫނެވެ.

އިތުރު އެކަލޭގެފާނު ސަމާސާކުރެއްވި ކަމުގައި ވިޔަސް، ފަހަރެއްގައި ވެސް އިތުރުފުޅެއް ނުހައްދަވާކަން އެނގެއެވެ. ޙައްޤު ބަސްފުޅެއް މެނުވީ ވިދާޅުނުވަމޭ އޮތް ބަސްފުޅުގެ މުރާދަކީ އިތުރުފުޅެއް ނުހައްދަވާ ވާހަކަ އެވެ. ޙައްޤު ބަހަކީ އޭގައި ތެދު އެކުލެވޭ އަދި ދޮގު ނުހިމެނޭ ބަހެވެ.

ވީމާ، ޢިލްމުވެރިން މި ބަސްފުޅުން ދަލީލު ނަންގަވައި ވިދާޅުވަނީ، ސަމާސާކުރުމުގެ ގޮތުން ވިޔަސް ދޮގުހެދުން ހުއްދަނުވާނެ ކަމަށެވެ. އަދި އެ ދޮގެއް ހެދުމުގެ ސަބަބުން ގޯހެއް ނުވަތަ ދެރަކަމެއް ކުރިމަތިނުވި ކަމުގައި ވިޔަސް ދޮގެއްހެދުން ހުއްދަނުވާނެ ކަމަށެވެ. މަޖަލަކަށް ދޮގުހެދުން ހުއްދަވެފައި އޮންނަ ނަމަ، ދޮގުހެދުމުގެ ސަބަބުން ފަހަރުގައި ބޮޑެތި ގެއްލުންތަކާއި ދެރަ ގޮތްތައް މެދުވެރިވުމަކީ ވެސް ވެދާނެ ކަމެކެވެ.

ހަދާ ދޮގުގެ ސަބަބުން އަނެއް މީހާއަށް ހިތާމައެއް ލިބިދާނެ އެވެ. ނުވަތަ ބިރުގެންފާނެ އެވެ. ނުވަތަ ކުއްލި ޝޮކެއް ލިބިދާނެ އެވެ. އަތުން ބޭކާރު ބޮޑު ޚަރަދެއް ހިނގައިފާނެ އެވެ. މިއިން ކޮންމެ ކަމަކީ ވެސް އަނެކާއަށް ލިބޭ ބޮޑު ގެއްލުމެކެވެ.

ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރައްވާފައިވާ ގޮތުގައި އެއް މުސްލިމަކު ބިރުގެންނެވުން އަނެއް މުސްލިމެއްގެ މައްޗަށް ހުއްދައެއް ނުވާނެ އެވެ. (އަބޫ ދާވޫދް 5004، އަޙްމަދު 22555)

ސަމާސާކުރުމުގެ ނިޔަތުގައި ހަދާ ދޮގެއްގެ ސަބަބުން ތިމާގެ މުސްލިމް އަޚާގެ ހިތަށް ބިރުވެރިކަން ވަދެއްޖެ ނަމަ، ކީރިތި ރަސޫލާގެ ސުންނަތުގައި މަނާކުރައްވާފައިވާ ކަމެއް ކުރެވުނީ އެވެ. އެހެންވެއްޖެ ނަމަ، ނަބަވީ އަޚްލާޤްގެ މިންގަނޑުން ވެސް އެ މީހަކު ބޭރުވީ އެވެ.

(ނުނިމޭ....)

އިދާރާ

ވާހަކަ