އަދުގެ ޚާއްސަ

Print

އެޕްރީލް ފޫލް: މިއީ ދޮގެއް ނޫން(2)

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ދުނިޔެ


އަޙްމަދު ޢަބްދުﷲ ސަޢީދު

ތުއްތުކުދިން މަސަލަސްކުރުމަށް ދޮގުހެދުން:

ދޮގު ހެދުމުގެ ނިޔަތުގައި ނޫން ނަމަވެސް، ބައެއް ފަހަރު ކުޑަކުދިން މަސަލަސްކުރުމުގެ ގޮތުން ވެސް ބައެއް މީހުން ދޮގުހަދައެވެ. ދަރިފުޅު ރޯން ފެށީމާ، އެކަން ހުއްޓުވުމަށްޓަކައި، އެވެނި ކަމެއްކޮށްދޭނަމޭ، މިވެނި އެއްޗެއް ދޭނަމޭ ބުނަ ކުދިން މަސަލަސްކުރެއެވެ. އަދި ކުޑަކުއްޖަކު ދުރުގައި ހުއްޓާ ތިމާ ކައިރިއަށް އެ ކުއްޖާ ގެނައުމަށްޓަކައި މިއޮތީ އެވެނި މިވެނި އެއްޗެކޭ، އަންނާށޭ ވެސް ބުނެވެއެވެ.

ކޮންމެ މަގްސަދެއްގައި ކުރިކަމުގައި ވިޔަސް، އެފަދައިން ބުނުމަށް ފަހު، އެ ބުނާ ކަމެއް ނުކޮށްދީފި ނަމަ، ނުވަތަ އެ ބުނި އެއްޗެއް ގަނެނުދީފި ނަމަ، އެވާނީ ދޮގަކަށެވެ.

اللهُ ރުއްސުންލެއްވި ޢަބްދުاللهُ ބްނު ޢާމިރު ރިވާކުރެއްވިއެވެ. އެއް ދުވަހަކު ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ތިމަންމެންގެ ގޭގައި ވަޑައިގެން ހުންނަވަނިކޮށް، ތިމަންގެ މަންމާ ތިމަންނާއަށް ގޮވާލާފައި، އަންނާށޭ މި އެތި ދޭނަމޭ، ބުނެފިއެވެ. ދެން ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރެއްވިއެވެ. [ކަނބުލޭގެ އޭނާއަށް ދޭން ގަސްދުކުރީ ކޮން އެއްޗެއް ހެއްޔެވެ؟] މަންމާ ބުންޏެވެ؛ އަހުރެން އޭނާ އަށް ދޭނީ ކަދުރެކެވެ. ދެން ރަސޫލު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރެއްވިއެވެ؛ [ދަންނާށެވެ! ކަނބުލޭގެ އޭނާއަށް ކަދުރެއް ނުދީފި ނަމަ، ކަނބުލޭގެ ދޮގެއް ހެދީ ކަމުގައި ލިޔުއްވޭނެތެވެ.]
اللهُ ރުއްސުންލެއްވި އަބީ ހުރައިރާ ރިވާކުރެއްވިއެވެ. [ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރެއްވިއެވެ؛ މީހަކު، ކުޑަކުއްޖަކަށް، އަންނާށޭ މިވެނި އެއްޗެއް ދޭނަމޭ ބުނެ، އެ ކުއްޖާ އައުމުން އެ އެއްޗެއް ނުދީފި ނަމަ، އޭނާ އެ ހެދީ ދޮގެކެވެ.] (އަބޫ ދާވޫދު 4991)
މި ބަސްފުޅުތަކުން އެނގެނީ ތުއްތު ކުއްޖަކު ލޮއްސުމުގެ ގޮތުން ނުވަތަ މަސަލަސްކުރުމުގެ ގޮތުން ކަމަށް ވިޔަސް، ދޮގެއް ހަދައިގެންނުވާނެ ކަމެވެ. އެއީ ތިމާގެ ދަރިއެއް ކަމަށްވިޔަސް، އެހެން މީހެއްގެ ދަރިއެއް ކަމަށްވިޔަސް، ކުޑަކުއްޖަކު މަސަލަސްކުރުމުގެ ނިޔަތުގައި ވެސް ދޮގެއް ހަދައިގެން ނުވާނެ ކަމެވެ.

ރޮއެރޮއެ ހުރި ކުޑަ ދަރިފުޅު މަސަލަސްކުރުމަކީ، މަންމަ ނުވަތަ ބައްޕަ އެ ވަގުތު އެންމެ ބޭނުންވާނޭ ކަންތަކެވެ. އެހެން ނަމަވެސް އެކަމަށްޓަކައި ވެސް ދޮގެއް ހަދައިގެން ނުވާނޭ ކަން މި ބަސްފުޅުތަކުން އެނގެއެވެ. އެ ކުއްޖަކީ ތަންދޮރު ނުދަންނަ ވަރުގެ ކުޑަކުއްޖެއް ކަމަށް ވިޔަސް، އޭނާއަށް ދޮގެއްހަދައިގެން ނުވާނެއެވެ.

ވީއިރު، މަޖަލަކަށް ނުވަތަ ސަމާސާއަކަށް، ބޮޑެތި ދޮގުތައް ހެދުން ހުއްދަވާނީ ކޮން ގޮތަކުންތޯއެވެ؟
އެޕްރީލް ފޫލްގައި ދޮގު ހެދުމުގެ އެއް ބޭނުމަކީ ހީނލާ މަޖާކޮށްލުމެވެ. ތިމާ އަނެކާއަށް ދޮގެއް ހެދުމުން އެ ދޮގުގެ މައްޗަށް ބިނާކޮށް އަނެކާ ކުރާ ކަންތަކަށް، ހީނ މަލާމާތްކުރުމަކީ ބައެއް މީހުންނަށް ވަރަށް މަޖާ ކަމެކެވެ. އަދި އެ ދޮގެއް ގަބޫލުކޮށްގެން އަނެކާ ކުރާ ކަމަކުން އަތުން ޚަރަދެއް ދިއުން ފަދަ ގެއްލުމެއް ލިބިއްޖެ ނަމަ، ވަކީން ބޮޑަށް އެ ކަމެއް މަޖާވެއެވެ.

اللهُ ރުއްސުންލެއްވި މުޢާވިޔާ ބްނު ޙައިދާ ރިވާކުރެއްވިއެވެ. اللهُގެ ނަބިއްޔާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރައްވާތީ ތިމަންނާ އެހީމެވެ؛ [މީހުން ހެއްވުމަށްޓަކައި ހަދަހަދައިގެން ދޮގު ވާހަކަ ދައްކާ މީހާއަށް ހަލާކު ހުއްޓެވެ. އަދި އޭނާއަށް ހަލާކު ހުއްޓެވެ. އަދި އޭނާއަށް ހަލާކު ހުއްޓެވެ.] މިފަދައިން ތަކުރާރުކޮށް ޙަދީޘްކުރެއްވިއެވެ. (އައް ތިރްމިޛީ 235)

ދޮގު ހެދުމަކީ ކޮންމެ މަޤްޞަދެއްގައި ކުރިކަމުގައި ވިޔަސް، އޭގެ ޢާންމު ޙުކުމަށް ބަލާއިރު ޙަރާމްކަމެވެ. ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގައި އެއީ ކަނޑައެޅިގެން ބަޔާންވެފައިވާ ޙަރާމްކަމެކެވެ. ވަރަށް މަދު ވަރަށް ނާދިރު ޙާލަތެއްގައި މެނުވީ ދޮގެއް ހެދުން ހުއްދަނުވާނެ އެވެ. އެ ޙާލަތްތައް މި ލިޔުމުގެ ކުރީކޮޅުގައި ބަޔާންވެ ހިނގައްޖެއެވެ.

ދޮގުހެދުމުގެ އާޚިރު ނަތީޖާއަކަށް ވަނީ، އެ ނުބައި ސިފަ ހަށިގަނޑުގައި އަށަގަތުމެވެ. ދޮގު ހެދުމަށް އާދަވުމުން، ކިތަންމެ ބޮޑު ދޮގެއްހެދުމަށް ވެސް އެ މީހަކު ފަހެއްނުޖެހޭނެއެވެ. ދޮގުހެދުމަށް އާދަވެ، އެ ގޮތުގައި ދެމިހުންނަ މީހާ، އެންމެ ފަހުން اللهُގެ ޙަޟްރަތުގައި ލިޔެވި ސިއްކަޖެހިގެން ދަނީ ދޮގުވެރިއެއްގެ ގޮތުގައެވެ. ނަތީޖާއަކަށްވަނީ، ތެދުވެރީންނާއި ތަޤުވާވެރީންނަށް ދެއްވުމަށް اللهُ ސުބްޙާނަޙޫ ވަތަޢާލާ ވަޢުދުވެވޮޑިގެންފައިވާ ސުވަރުގެއިން އޭނާ މަޙްރޫމްވުމެވެ.

اللهُ ރުއްސުންލެއްވި ޢަބްދުاللهُ ބްނު މަސްޢޫދު ރިވާކުރެއްވިއެވެ. [ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ހަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ތެދުވެރިކަމަކީ ހެޔޮކަމެކެވެ. އަދި ހަމަކަށަވަރުން ހެޔޮ ކަންތައް މަގުދައްކަނީ ސުވަރުގެއަށެވެ. އަދި ހަމަކަށަވަރުން، اللهُގެ ހަޟްރަތުގައި އެ މީހަކީ ތެދުވެރިއެއް ކަމުގައި ލިޔެވިއްޖައުމަށް ދާންދެން، އެ މީހަކު ތެދު ބުނުމުގައި ދެމިހުރެއެވެ. އަދި ހަމަކަށަވަރުން ދޮގުހެދުމަކީ ފާޖިރު (ނުބައި) ކަމެކެވެ. އަދި ހަމަކަށަވަރުން ފާޖިރުކަން މަގުދައްކަނީ ނަރަކައަށެވެ. އަދި ހަމަކަށަވަރުން، اللهُގެ ހަޟްރަތުގައި އެ މީހަކީ ދޮގުވެރިއެއް ކަމުގައި ލިޔެވިއްޖައުމަށް ދާންދެން، އެ މީހަކު ދޮގުހެދުމުގައި ދެމިހުރެއެވެ.]

اللهُ ރުއްސުންލެއްވި ޢަބްދުاللهُ ބްނު މަސްޢޫދު ވިދާޅުވިއެވެ؛ ސީރިއަސްކަމެއްގައި ވެސް މަޖަލަކަށް ވިޔަސް ދޮގެއް ހެދުން ހުއްދަނުވާނެއެވެ.
اللهُ ރުއްސުންލެއްވި އަބޫބަކުރުއް ޞިއްދީޤް ވިދާޅުވިއެވެ؛ ތިޔަބައިމީހުން ދޮގު ނުހަދާށެވެ. ހަމަ ކަށަވަރުން އެއީ އީމާންތެރިކަން ދުރުކުރާ ކަމެކެވެ.
اللهُ ރުއްސުންލެއްވި ޢުމަރު ބްނު އަލް ޚައްޠާބް ވިދާޅުވިއެވެ؛ މަޖަލަކަށް ދޮގުހެދުން ހުއްޓައިފުމަށް ދާންދެން އެ މީހަކަށް ޙަޤީޤީ އީމާންތެރިކަން ނުލިބޭ ހުއްޓެވެ.

اللهُ ރުއްސުންލެއްވި އަސްމާއު ބިންތި ޔަޒީދު ވިދާޅުވިއެވެ؛ [މުޙައްމަދު ރަސޫލު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރެއްވިއެވެ؛ ތިން ކަމެއްގައި މެނުވީ ދޮގުހެދުން ހުއްދަ ނުވާނެއެވެ. އަނބިމީހާ ޞުލްޙަކޮށް ރުއްސުމަށްޓަކައި ހަދައިގެން ވާހަކަދެއްކުމާއި ހަނގުރާމައިގައި ދޮގުހެދުމާއި މީސްތަކުންގެ މެދުގައި ސުލްޙަކުރުމަށްޓަކައި ދޮގުހެދުމެވެ.] (ތިރްމިޛީ 1939)
އިސްވެ މި ދަންނަވައިލީ ދޮގުހެދުމާ މެދު ކީރިތި ޤުރްއާނާއި ރަސޫލު (صَلَّى اللهُ عَلَيْهِ وسَلَّمَ)ގެ ސުންނަތުގައި ހުރި އިންޒާރާއި ވަޢީދުގެ ބައެއް ބަސްފުޅުތަކެވެ. ވީމާ، ދޮގުހެދުމަކީ ކިހާ ނުބައި ކަމެއްކަމާއި އެ ކަމުގެ ޢުޤޫބާތަކީ ކޮބައިކަން ވެސް އިސްވެ ދެންނެވި ދަލީލުތަކުން އެނގިއްޖެއެވެ.

އެޕްރީލް ފޫލް:

މިއަދު ދުނިޔޭގައި ޣައިރު މުސްލިމުން ފާހަގަކުރަމުންދާ އަދި މުސްލިމުންގެ ތެރެއިން ވެސް ގިނަ ބަޔަކު އެ ދުވަސް ފާހަގަކުރަން އާދަވަމުންދާ އޭޕްރީލް ފޫލްގެ ހަގީގަތަކީ ކޮބައިތޯއެވެ؟

އެޕްރީލް ފޫލް ފާހަގަކުރަން ފެށުމުގެ ޙަޤީޤަތާ މެދު ތަފާތު ވާހަކަތައް ދެކެވިފައި އެބަހުއްޓެވެ. އެ ދުވަސް ފާހަގަކުރަން ފެށުނީ ވަކި މިވެނި ގޮތަކަށް އެވެނި ބައެކޭ ބުނެވޭނެ ސާބިތު ހެއްކެއް ނެތެވެ. އެއް ބަޔަކު ބުނާ ގޮތުގައި އެޕްރީލް ފޫލް ފެށިގެން އައީ، ރަބީޢު މޫސުން ފެށުން ފާހަގަކުރުމުގެ ގޮތުން މާޗް 21 ވަނަ ދުވަހާ ދިމާކޮށް ތަންކޮޅެއް ކުރީ ޒަމާނެއްގައި ހިންގި ހަރަކާތްތަކަކާ ގުޅުވައިގެންނެވެ. ދުނިޔޭގެ އުތުރު ފަޅީގެ (ނޮދަން ހެމިސްފިއާ)ގެ ގައުމުތަކަށް (ޔޫރަޕް ހިމެނޭ ސަރަހައްދު) ރަބީއު މޫސުން ފެށޭނީ މާޗް 21ގައެވެ.

އަނެއް ބަޔަކު ބުނާ ގޮތުގައި އެޕްރީލް ފޫލް ފެށިގެން އައީ ފަރަންސޭސި ވިލާތުގައި މީލާދީން 1564 ވަނަ އަހަރު އައު ކަލަންޑަރަކަށް އަމަލުކުރަން ފެށުމާ ގުޅިގެންނެވެ. ކުރިން ބޭނުންކުރަމުން އައި ކަލަންޑަރު ދޫކޮށް އައު ކަލަންޑަރަށް އަމަލުކުރަން ދެކޮޅު ހަދާ މީހުންނަށް، އެޕްރީލް މަހުގެ ފުރަތަމަ ދުވަހު މީހުން މަލާމާތްކޮށް ފުރައްސާރަކުރުމުގެ ކަންތަކެއް ފަރަންސޭސި ވިލާތުގައި އެ ދުވަސްވަރު ހިނގަމުން އައެވެ.

އެޕްރީލް ފޫލް ފާހަގަކުރުމުގެ އާދަ، އެއަށް ވުރެ މާ ކުރިއަށް، ޔޫރަޕްގައި ބުދު ދީން އޮތް ޒަމާނަށް މޫލާފައިވާ ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައަކީ ކަނޑައެޅިގެން އޭގެ ތެދު ޙަޤީޤަތް އެނގެން އޮތް ކަމެއް ނޫނެވެ. ވީމާ، އޭގެ ޙަޤީޤަތް ހޯދުމަކީ ވެސް މުހިންމު ކަމެއް ނޫނެވެ.
އެޕްރީލް ފޫލްގެ ކަންތައް ފެށިގެން އައީ ކޮންމެ ގޮތަކަށް ކަމުގައި ވިޔަސް، މިއަދު އެ ދުވަސް ފާހަގަކުރުމުގައި ކުރާ އެންމެ ބޮޑު ކަމަކީ މީހުންނަށް ދޮގުހެދުމެވެ. ގިނަ މީހުން މިކަން ކުރަނީ މަޖަލެއްކަމަށް ދެކިގެންނެވެ. އަދި މަޖަލަކަށް ދޮގު ހެދުމަކީ [މާ ބޮޑުކަމެއް ނޫން] ކަމަށް އެ މީހުން ދެކެއެވެ.

އެހެން ނަމަވެސް ދޮގު ހެދުމަކީ އިސްލާމީ ގިއުގަނޑުގެ ތެރެއަށް ފެތޭ ކަމެއް ނޫނެވެ. ކޮންމެ މަގުސަދެއް ހާސިލުކުރަން ކަމުގައި ވިޔަސް ދޮގުހެދުމަށް އިސްލާމީ ޢިލްމުވެރިން އެއްބަހެއް ނުވެއެވެ. ކުރިން ދެންނެވި ތިން ޙާލަތުގައި މެނުވީއެވެ.

ވީމާ، އަޅުގަނޑުމެންނީ اللهُ އާއި އެ ކަލާނގެ ރަސޫލާ މުޙަންމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) އަށް އީމާންވެގެން ތިބި މުސްލިމުން ކަމުގައިވާ ނަމަ، اللهُ އާއި އެ ކަލާނގެ ރަސޫލާގެ ޞަރީޙަ ނައްޞުން ޙަރާމްކުރައްވާފައިވާ ކަމެއް ކޮށްގެންނުވާނެއެވެ. ފެޝަނެއްގެ ގޮތުން ވިޔަސް، ނުވަތަ [ނަމުގައި މާ ތަހުޒީބު ބަޔަކު] ކުރާ ކަމަކަށް ވިޔަސް، އިސްލާމީ އިމުން ބޭރުވެ އެފަދަ އާދަތަކުގައި ހިފައިގެންނުވާނެއެވެ. ޣައިރު މުސްލިމުންގެ އާދައަކަށް ތަބާވުން މުސްލިމުންގެ މައްޗަށް ހުއްދަވެގެން ނުވެއެވެ. އަދި އަމުދުން ޣައިރު މުސްލިމުން ގެންގުޅޭ، އިސްލާމީ އުސޫލުތަކާ ޚިލާފު އާދައަކަށް މުސްލިމުން ތަބާވުން ވަކީން ބޮޑަށް ޙަރާމްވެގެންވެއެވެ.
(ނިމުނީ)

އިދާރާ

ވާހަކަ