އަދުގެ ޚާއްސަ

Print

މަޑު އާދަނާއި ކުރިމަގު ގޮއްޔެގެ ވާހަކަ (4)

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


20 މާޗު (ހޮނިހިރު) އާ ގުޅޭ....

މުޚްތާރު ޢަބްދުއްރަޙްމާނު، ނޫރާނީގެ/ށ. މިލަންދޫ

ދެން ފިރިބަލައިގަތުމުގެ ތަމްސީލު (މަންޡަރު) ނިމުމުން ކާވެނިކޮށްދިން ނާއިބު ދެހެކިންނާ ޙަވާލުކުރި އަމާނާތް ކާވަނިމަތީ ތިންގަނޑެތި ލާފައިވާ ބޮކްސާއާ ކާވެނީގެރަން ކަމުގައިވާ  ފައްސިހި ކުޑަލާރި ( 24) އެގޮއްޔެއާ ޙަވާލުކުރެވިއްޖެވެ. ދެން ކާވެނި ޞަލަވާތް ކިޔަވައި ކާވަނީގެ އަވަލިމޮޑެ ވަޅޯމަހާ އަވެލި ކައިފިއެވެ. ދެންހުރިބާކީ އެވަގުތު އެހިސާބުގައި އުޅޭ ބައަކު ބައިވެރިވެ ކައި ނިންމައިފިއެވެ. ކާވެނީގެ އަވެލިކައިގެން މީހުން ދިއުމުން އާދަނު ބުނެފިއެވެ.

އަނބިގޮއްޔެ ތިހެދުންއަޅައިގެން މީގެފަހުން ނުއުޅުން އެދެމެވެ. އަނބިގޮއްޔެ ބުނެފިއެވެ. ފިރިސޮރު ޤަބޫލު ކޮންމެ ހެދުމެއް އަޅުގަނޑަށް ރަނގަޅުވާނެ އެވެ. ފިރިސޮރު ބުނެފިނަމަ އެންމެ ފުރަތަމަ އަހަރުމެން ދެމީހުން އެއްނާށިގަނޑުން ކޭދުވަހުގެ ހެދުމަކީ އަހަރެންގެ މާޒީގެ ދައުރުއެއްކަމަށް ނުބެލުން ކީއްތޯ އެވެ. އާދަނު ބުނެފި އެވެ. މާޒީއަކީ ދެން އަނބުރައި ގެނެވޭނެ ކަމެއް ނޫނެވެ. އެ ދުވަހުގެ އެ ޙާލަތަކީ އަނބުރައި ގެންނަން ބޭނުންކަމެއް ވެސް ނޫނެވެ. އަހަރެންގެ ވާހަކައިގެ ދޭހަކުރުން އޮޅުވައިނުލައްވާށެވެ. އަނބިގޮއްޔެ ތިޔަހެދުމުގައި ތިޔަހަރަފެންނަ منظر ތަކައިގެން އުޅެނިކޮށް ބަޔަކަށް ފެނިއްޖެނަމަ ރަސްގެފާނުގެ ހިރިޔާފާތުރާގެ .. . ހިސާބަށް ވާހަކަ ހިނގައްޖެނަމަ ދެން އަޅުގަނޑުމެންނަށް ވެސް ޖެހޭނީ ހުޅުދެލީ އަލިފުޅާ ދޮންހިޔަލަ ވާހަކައިގެ تمثيلي އާރޯލެއް ކުޅޭށެވެ. ހަވަރަށް ދެއްވާނީ ވެސް އަޅުގަނޑެވެ. އޭރު އަނބިގޮއްޔެ އިންނާނީ ޢިއްޒަތްރި ރީތި ނަމަކާއެކުގަ އެވެ. ބޮލުމައްޗަށް ތުއްރަވާސްކޮޅު ހިއްލާމީހުންނާއި ފަންކާކޮޅުކުރައްވާމީހުންގެ ޚިދުމަތުން ހިތާއި ފުރާނައަށް އަރާމު ލިބިލިބިއެވެ.

އަނބިގޮއްޔެ ކަކަކައަޅައި ހީގެންފައި ބުނެފިއެވެ. : ފިރިސޮރު ހިތްހަޖައްސައިލާށެވެ. މަށަކީ ފޭރެންބޭނުން ކޮންމެމީހަކަށް ފޭރެވޭނެ އިބިލީހުގެ ކޯޑިއެއް ނޫނެވެ. ރަށްބޭރު ބޮޑުވަޅުދޮށުގައި އޮންނަ ފެންނަގާ ބާގަލޯގަނޑެއްވެސް ނޫނެވެ. ގެއަށް ވަދެނުކުމެވާ މީހަކު ހިއްލައިލާ ދޮރުފޮތިގަނޑެއް ނޫނެވެ. މުށިބަނޑިޔަލެއްގެ ހިމަކަރުތެރެއަށް އެންމެން ފެންނަގަން ކޮއްޕާ ތުޅާގަނޑެއް ނޫނެވެ.

އާދަނު ބުނެފިއެވެ. މިއީވެސް އަޅުގަނޑު ކުޑައިރުއްސުރެ އަހައިއުޅޭ ވާހަކައެކެވެ. އާދައިގެ ފަގީރު މަސްވެރި ދެމަފިރިންނެވެ. ފިރިކަލޭގެ (ދޮންޙަސަނު) ދުވާލުހަތަރުދަމު ދޭހައި އަވީގައި ވެހޭހައި ވާރޭގައި ޖެހޭވައިގެތެރޭގައި ތަޅާހައި ލޮނެއްގައި އުޅެގެން ލިބުނު މަސްރޯއްޖަކައިގެން ގެއަށް އަންނައިރު އަނބިކަނބުލޭގެ (ވަށްގޮއްޔެ) ހުންނާނީ ކުރީދުވަހު ގެނައިމަސްކޮޅު ކައްކައި ހިއްކައި ދިޔައޮލަކޮށް ރިހާކުރަށް ހަދާފަ އެވެ. ރޭގަނޑުގެ ކާނާ ހުންނާނީ ކައްކައި ހިހުލުއަޅައިފެއެވެ. އަނެއްދުވަހު ގެންނަ މަސްރޯދި ކައްކައި ރޯފިލުވުމަށް ބޭނުންވާ ދަރު ، ފަންތޮށި، ބޮނބި ، އުނބު، އޮއިކުނި ފަދަ ތަކެތި ހުންނާނީ އެތެރެކޮށްފައެވެ. ގޯތިގެދޮރު ސާފުތާހިރުކޮށް ކުޑަކުދިން ފެންވަރުވައި މަސަލަސްކޮށް ނިންދަވައިފައެވެ. ކަނޑުމަތީގައި ލޯބޯތަޅައިގެން ލިބުނު ރޯއްޖަކައިގެން ގެއަށް އައީމައި ހިތާ ފުރާނައަށް ލިބެނީ އާރޯކަމާއި ތާޒާލަމެވެ. އަނބިމީހާގެ ކަލައެއް ނުވާ އޯގާތެރި ޚިދުމަތްތަކެވެ. މިކަހަލަ ހަމަޖެހޭ ފަގީރު ދިރިއުޅުމަކީ ރަސްކަމަކަށް ވުރެ ނަޞީބުވެރި ދިރިއުޅުމެކެވެ. ކަންކަން ތަހުޤީޤު ކުރެއްވި ޢިލްމީ މުފައްކިރުން ލިޔުއްވާފައިވެއެވެ. ދުވާލުހަތަރުދަމު މަސައްކަތް ކޮށްގެން ބަނޑުފުރާނަ މުއްތިކޮށްލައިގެން އުޅޭ ފަގީރަކު ރޭގަނޑަށް  އެ ނިދައިލާ ކަހަލަ އަރާމު ނިންޖެއް ރަސްކަލަކަށް ލިބޭނީ ކޮންގޮތަކުންތޯ އެވެ. ރަސްކަލަކު ނިދިއަވަހާރަފުޅަށް އޮންނަވަނިކޮށް އަޑެއް އިވިވަޑިގަތަސް ސިއްސަސިއްސައިގެންގޮސް ދެލޯފުޅު ބޮޑުކޮށްލައްވަ އެވެ. ހަތިޔާރާ ދިމާއަށް އަތްޕުޅު ހަރަކާތް ކުރެވެ އެވެ.

ދެންފަހެ ވަށްގޮއްޔެ އާއި ދޮންޙަސަނު ހިތްހަމަޖެހޭ، ދަރަންޏެއް ނެތް ފަގީރު ދިރިއުޅުމެއްގައި ތިންކުދިން ލިބި ބޮޑުވަމުން ދެ އެވެ. އަނބިމީހާގެ ކެރޭ ހީވާގި މަސައްކަތާއެކު އެއްލާރި ދެލާރިއަށް ވަމުންގޮސް ކުޑަފައިސާކޮޅެއްވުމުން ދޮންޙަސަނު އަނބިގޮއްޔެ ހީވާގިކަން އިތުރުކޮށްލުމުގެ ގަސްތާއި އެކު ދިހަރޯދަ ޢީދަށް ބޯވަޅުއެޅި ދެލިބާހާއި، ދެ އަލްބަކާ ހޯދައިދީފި އެވެ. އަދި އަލްބަކާގެ ކޮޅުމަތި ކައްޑެވިރޮދީގެ ތިންކުލައާއި ދޮންކުލައިން ކަސީދާކޮށްދިނެވެ. ފިތްޖެހި އުޅައިބަޔަކާއި ކަންފަތުލާ މުދިބައެއް ހޯދައިދީފިއެވެ. ދެން ވަށްގޮއްޔެ މިތަކެތީގައި ޢީދުދުވަހު ނަލަހެދިފައި، މޫނުބަލާ ކަންނާޑީގެ ކުރިމައްޗަށް ހުއްޓި އަމިއްލަ ޞޫރައަށް ބަލައިލައިފައި ހިތުގައި ތަޢުރީފު އުފެދިއްޖެ އެވެ. ލިބާހުގެ ދެއަރިގަނޑަށް ދަމައިލައި މޭފުއްޕާލާފައި ހިތަށްއެރި އެވެ. ހަމަގައިމުވެސް ކަތީބުގޭ ދޮންއައިސާ، މުދިންގޭ ޙައްވާފުޅު މަށަކަށްވުރެ ރީއްޗެއްނޫނެވެ. އެކަމަކު ނަންވާނީ ނަންހުންނަމީހުންގެ ދަރިންނެވެ. މީހުން ބުނަނީވާ ތެދެކެވެ. ބެޔަސް ނުބެޔަސް ނަންވާނީ ހައިވަކަރުއޮޑި އެވެ. އެހެންޏާ ތިން ކުދިން ލިބުނުކަމަކު މީހަކު ބަލައިލައިފިނަމަ މަގޭ ޢުމުރުން ވިހިއަހަރު ނުފުރޭކަމަށް ލަފާކުރާނެ އެވެ. މިހެންވީމައި މަށަކީ ކޮންމެހެން ޅަދަރިމައި ކުނިވެގެން ކުޑަ ކުދިންލާ ސީން ތަތްތެޅިގެން ކުޑަކުދިންގެ ފަހަރުވާއިން ފެންވެރިގެން އުޅޭވަރުމީހެއް ނޫނެވެ. މަސްކައްކާން ބަދިގެތެރޭ ގެނދަބުޅިން ތަތްވެގެން، ތެލިދޮންނާން އަތިރިމަތީ، މަސްކައްކާލޯގަނޑު އުނގުޅަން ގޮނޑުމަތީ، ބޮނބިތަޅާ ގާދޮށުގައި ބޮނބިކުނޑިޔާ މޮޑެވިގެން އަދިއުޅޭކަށް ނުވެއެވެ.  މީހުން ބުނެއުޅެއެވެ. ޅަދުވަހަކީ މީހާ އަމިއްލައަށް ދުއްވައިލީމާ ދާއެއްޗެކެވެ. މުސްކުޅިއަކީ އަމިއްލައަށްވާއެއްޗެކެވެ. އޭ ކަންނާޑިގަނޑާއެވެ. މިއަދަކީ ކަލޭ އަހަރެންގެ ޞޫރަ ދައްކައިލި ދުވަހެވެ. މަގޭ އިސްކޮޅު ތެދުކަން ތެދު ބޮންތިއެއް ފަދައެވެ. މަ ކިހައި ދޮން މަ ކިހައި ރީތި މަގޭ ކުރިމަތީގައި ޝަހާދަތް އިނގިލީ ކޮޅަށް ކުޅެއް ޖަހައިގެން ތަހުޒީބާއި ތަރައްޤީގެ ނީލަމްޕަރީއަކަށް ނުވެވޭނެ ތިޔަ ނަންކުރާ މުދިންގޭ ޙައްވާފުޅު............................. މިހިސާބަށް ބުނެވުނުތަނާ ބަޔަކު ވާހަކަދައްކަމުން އައިސް ގެއަށް ވަނުމުން ..  ހިތާހިތާ ބުނެވުނެވެ. އަހަރެން ދެއްކިވާހަކަ އެމީހުންނަށް އަޑު ނުއިވުނިއްޔާ ކަލާކޯ.. .  .

އައި ދެ ކުދިން ބުނެފި އެވެ. [ އަހަރެމެން މިއައީ ޙައްވާފުޅު ބުނީމާ ކަލޭ ބަލައޭ.  ކީއްވެތަ ހާދަ ލަހެއްވީ؟ އާނ އާނ މާރީތި ހެދުމެއް އެޅުނީމައި ފަރި ބަލަބަލާފައި ހިޔަންޏާ ކުޅެން ހުރެވުނީދޯ؟

ވަށްގޮއްޔެ ހިތަށް އެރިއެވެ. މަށަށް ބުނެވުނު ބަސް އިބްލީސް ޙައްވާފުޅު ގާތު ބުނީމައި މަ ބަލައި ފޮނުވީބާ އެވެ. މި މީހުން ގެއިން ނުކުމެގެން ފަންކުޅޭ މަގަށް ދިޔައިރު ، ވަށްގޮއްޔެއަށް ހުރެވުނީ ފުރަގަހުން ކަނޑިއްކާ ލިބާހާ އެއްކޮށް ފައްޓަރު ދަށަށް ބޮނޑިކޮއްލައި ގަޅައިލެވިފައެވެ. މިދިޔަ ދެކުދިން މިތަން ފެނުނުކަމަކަށް ނުހަދަ އެވެ. ދުރުތިބީންނަށް މިތަންފެނި ހިނިއައިސް އަނގައިގައި އަތްއަޅައެވެ. އެ ކުރު ގޮއްޔެ ހީވަނީ މެދުބަންދު ކަނޑައިގެންދިޔަ ފަންހުޅިއެއް ހެންނެވެ. އެގޮއްޔެ ހިތަށް އަރައެވެ. މަށަށް މި ހީކުރެވުނީ ހަމަ ރަނގަޅަށެވެ. މީހުން އެހެނީ މަ ރީތިވީމާތާ އެވެ.

ޢީދުގެ ފަހުގައި ވަށްގޮއްޔެގެ އުޅުން ހުންނަގޮތަކީ އޭނާއަށް ލިބުނު ރީތި ހެދުން އަޅައިގެން އަންހެންވެރީން މަގުމަތީ ގަސްގަސްދަށުގައި ފައި ދަމައިގެން ތިބޭ ކޮންމެ ތަނެއްގައި މަޖާކުރުމެވެ. ތާސްކުޅުމާ ، ތިންހަމަ ކުޅުމާ ، އޮށްވަޅުކުޅުމާ، ލެއް ކުޅުމާ ގަނޑުހެލިހެލި ...  .. މިކަހަކަހަލަ ކޮންމެ ކަމެއްގައި ހޯބޯލަވާން އުޅުމެވެ. މިހާރު ވަށްގޮއްޔެއަކަށް ދަރިއެއް، ފިރިއެއް، ގެއެއް ބަދިގެއެއް ހުރީ ކޮންގޮތަކަށްތޯވެސް ބަލައެއްނުލަ އެވެ. އެ ގޮއްޔެ އެކުވެރި އަންހެނުން ބުނަނީ ދޮންޙަސަނު އެއްޗެކޭ ބުނެފިނަމަ އެ ގޮއްޔެ ބުނާކަމަށެވެ. މަވެސް ލައްކަދުވަހު ކައްކައި ކާންދީ ކުދިން ގުއި ދޮއްވައި ފެންވަރުވައި ހެދީމެވެ. އެއީ ދޮންޙަސަނުގެ ވެސް ދަރިންނޭ!! ދެން ކަލޭވެސް އެކަންކޮށް ލާށެވެ.

މީގެފަހުގައި ދޮންޙަސަނު މަހަށް ގޮސްފައި އަންނައިރު ކުދިން ތިބެނީ ދެކަމު ޤަޟާޙާޖާތަށް ދެވި ނުތާހިރާއެވެ. މަސްކޮޅު ކައްކައި ކުދިން ފެންވަރުވާ ތާހިރުކުރަން ޖެހެނީވެސް ދޮންޙަސަނަށެވެ. ވައްގޮޔެ ގާތު ކަމަކު ބުނުމުން ބުނަނީ މަށަކީ ކަލެއާ ކަލޭގެ ދަރިންނަށް ކައްކައި ކާންދީ ކުދިންބަލަން ލާފައިހުރި މީހެއް ކަމެއް ނުދެނެހުރީމެވެ. މަށަކަށް ބަދިގެއަކަށް ނުވަދެވޭނެ އެވެ. ބުރުގާގެ ކަންގަނޑު ދިޔައެއްޗަށް ވެއްޓިދާނެ އެވެ. ގައިގާ ދުނބުޅި ވަސް ދުވާނެ އެވެ. ބޮޑުއުޅާބައިގާ ފިއްލޯ އުނގުޅޭނެ އެވެ. ދެން މިކަމާ ކުރާނެކަމެއް ނެތިގެން އުޅެނިކޮށް އެއް ދުވަހަކު ކެޔޮޅުދޮންބެ ބުނެފި އެވެ. ތިޔަކަމާ ކަލޭ ކަންބޮޑުނުވާށެވެ. ތިމަން ބުނާ ގޮތެއް ހަދާށެވެ. އަހަރުމެން ވެސް އެހީވާނަމެވެ. ކަލޭ މަހަށް ނުގޮސް އޮޑީގެ ކޮންމެވެސް ކަމެއް ކުރުމަށް ރަށުގައި ހުންނާށެވެ. ކަލެއަށް މަސްބައެއް ދޭނަމެވެ. އަންހެނުން ނަލަހެއްދުމުގެ ބަދަލުގައި ކަލޭ ނަލަހެދިގެން ހަވީރަށް އަންހެންވެރިން ބޮނޑި ކުޅޭތަނަށް ނުކުމެ ކުޅިބަލާމީހުންތެރޭ އިށީންނާށެވެ. ކަލޭކައިރިއަށް ބޮނޑިއެއް ޖަހައިފިނަމަ އަތުލައިފައި ފިނދުދަށަށް ލާށެވެ. އަންހެންވެރިން އެ ބޮނޑި ކަލޭގައިގާ ހިފައިގަނެގެން އުޅޭނެ އެވެ. އެކަމުގެ އާވިގަނޑު ރަށުގައި ފެތުރުމުން ދެން ވަށްގޮއްޔެއަށް ޖެހޭނީ ކަލޭގޭގައި ހިފަހައްޓައިގެން އުޅޭށެވެ. ދެން މިގޮތަށް ކަންތައްކުރާތާ ހަފުތާއެއް ނުވަނީސް ހުރިހާކަމެއް ހަމަޖެހިއްޖެއެވެ. ދެން އަބަދުވެސް ދޮންޙަސަނު ހުންނަނީ ނަލަހެދިފަ އެވެ. ވަށްގޮއްޔެއަށްޖެހެނީ ކުރާ ހުރިހާކަމެއް ކުރަމުން އެއްލޮލުން ދޮންޙަސަނާދިމާއަށް ފާރަލައިގެން ބަލާށެވެ.

ކުރިމަގުގޮއްޔެ : ތިޔަގޮތަށް ދޭދޭ ދެމަފިރިންގެމެދުގައި ހިގާފައިހުރި ކުށްޓަފާޅި ކިޔަންވެއްޖެނަމަ މިލަވަވެސް ޖެހޭނީ ޝަރަޙަ ކުރާށެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ