އަދުގެ ޚާއްސަ

Print

ހޮޅުއަށީ ފިޤުހު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު



އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނު ލިޔުއްވާފައިވާ ލިޔުއްވުމެއްގެ މައުޟޫޢުގައި އޮވެ އެވެ. ''ބުއްދިޔާ ފިކުރު ނެތީވިއްޔަކާ ޢިލްމަކުން ކުރާނެ ފައިދާ އެއް ނޯންނާނެ އެވެ.''

އަޅުގަނޑު ހިތުން މިއީ ވަރަށް ބޮޑު ތެދުފުޅެކެވެ. ޢިލްމަކީ ހަމައެކަނި ދަސްކޮށްލެވޭ ''އަކުރުގަނޑަށް'' ވެގެންނުވާނެ އެވެ. އެ އަކުރުތަކުގެ ފިލިތަކާ އަކުރާދެމެދު، ނުކުތާތަކާ ދެފޮޅުވަތް ދެމެދު، އޮތް ނެތް އެއްޗެއް ދޭހަކޮށް ގަތުމީ އަދި މާބޮޑު ޢިލްމެކެވެ.  މާ މުހިންމު ޢިލްމެކެވެ. ޢިލްމު ޢިލްމަކަށްވަނީ ޙިލްމާ އެކީގަ އެވެ. އެ ނޫން ގޮތަކަށް ކޮންމެ ބާވަތެއްގެ ޢިލްމެއް އުނގެނެވިފައި ވިޔަސް، ވަރަށް އާދައިގެ މަގާމުތަކުގައި އެ ފަދަ މީހަކު މުރަނގަގަސްދޮށު މާލިމީ އަކަށް ވާތަން ފެނިދާނެ އެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން  ބުއްދީގެ ހަމަޔާއި، މަންޠިޤީ ތަރަހައެއްގެ މަތީގައި ނޫން ގޮތަކަށް ކަންކަން އޮޅުން ފިލުވައި ދޭން އުޅުމަކީ އުނގަންނާ ދިނުމުގައި ރައްކާތެރި ކަމެއް ނޫނެވެ.  އަޑު އަހާ މީހާގެ ފެންވަރުން މަޢުލޫމާތު ފޯރުކޮށް ދިނުމަކީ، ބުނެދިނުމުގައި އެންމެ ކާމިޔާބު ގޮތެވެ. އޭނާގެ ބޯމަތިން ދާވަރުގެ ''އުސް'' މަޢުލޫމާތުތަކާއި، ޙުއްޖަތާއި ދަލީލުތަކަކީ އޭނާއަކަށް އެއްވެސް އަސަރެއް ހުރި އެއްޗަކަށް ނުވާނެ އެވެ. މިއީ އޮޅުން ފިލުވައިދިނުމާއި ބުނެދިނުމުގައި ދަންނަ ބޭކަލުން ވެސް ހިންގަވަން އޮތް އެންމެ ސާފު މަގެވެ. އެންމެ ކުރުމަގެވެ. އެންމެ އަވަސް މަގެވެ.

އިސްލާމްދީނަށް ކަމޭ ހިތުމުގެ ގޮތުން، ނުވަތަ ބަރަކާތް ޙާޞިލުކުރުމުގެ ނިޔަތުގައި ދިވެހިން ކުރަމުން އައި ކަންތައްތަކެއް ހުއްޓެވެ. އެ ކަންކަން ކުރަމުން އައީ ފަހަރެއްގައި ވެސް ދީނުގެ އަޅުކަމެއްގެ ގޮތަކު ނޫނެވެ. ހެޔޮ ކަމެއްކަމުގެ ޔަޤީންކަމުގަ އެވެ. ދަރުމަ ލިބޭނެ ކަމުގެ އިތުބާރާއެކީގަ އެވެ. ނަމަވެސް  ޒަމާނުގެ ދައުރުކުރުންތަކުގެ ތެރޭގައި މި ފަދަ ވަރަށް ގިނަ ކަންތައްތަކުގެ ތެރެއަށް އިސްލާމުންނާ ހަމަ ނޫން ކިތަންމެ ކަންތައްތަކެއް  ވަދެ ހިމުންވަމުން ގޮސްފައި އޮތްކަމީ ވެސް ޙަޤީޤަތެކެވެ.

ކަމުގެ ޙަޤީޤަތް ކޮންމެ ގޮތަކަށް އޮތަސް، މި ފަދަ ގިނަ ކަންކަމަށް ދިވެހިން ވަރަށް ބޮޑު އިސްކަމެއް ދީފައިވެ އެވެ. ވަރަށް ބޮޑު ޙުރުމަތެއް ދީފައި ވެ އެވެ. ހުކުރު ހޯމަ ވިލޭރޭ މަޣުރިބު ނަމާދަށްފަހު ގޭގޭގައި ޞަލަވާތް ކިޔެވުމެވެ. ނަމާދަށް އަރާ މީހުންގެ ތެރޭން  ކޮންމެ ދެތިން މީހުންގެ ކޯޅިއެއް އެކުލެވިގެންނެވެ. މައިންބަފައިން ނިޔާވުމާގުޅިގެން ކީރިތި ޤުރުއާން ޚަތިމުކުރުމާއި ފާތިޙާއަށް ކެއްކުމެވެ. އާއިލާއާއި އަވަށްޓެރިން ގުޅިގެންނެވެ.  ކައު އިތުރު ރަސޫލުﷲގެފާނުގެ މައްޗަށް ލޮބުވެތުމުގެ މާނައިގައި ޛިކުރާއި މަދަޙަތައް ކިިޔައި އުޅުމެވެ. ރަށުގެ ބޮޑެތީންނާއި ކަމުވޮށީން އިސްވެ ތިބެގެންނެވެ. ރަބީޢުލްއައްވަލު މަހު، 12ވިލޭރޭގެ މާލޫދެވެ.  ރަޖަބު މަހު 27ވިލޭރޭގެ މާލޫދެވެ. ރަށު ރައްޔިތުންނާއި، އަތޮޅުގެ ރަށްރަށުގެ އެންމެ ޖަމާވެ، އެނގިފެނިދެނިވެގެންނެވެ. 

މި އިން ކޮންމެ ކަމެއްގައިހެން މައިގަނޑު ގޮތެއްގައި އޮންނަނީ މާތްﷲއަށް ޙަމްދުކުރުމާއި، ކީރިތި މާތް ރަސޫލާގެ މައްޗަށް ޞަލަވާތާއި މަދަޙަ ކިޔުމެވެ. އެ ކަލޭގެފާނުގެ ވަސްމީރު ސިޔަރަތު ޒިކުރު ކުރުމެވެ. ދުޢާކުރުމެވެ. ވަކި މީހަކު އިސްތިސްނާވުމެއްނެތި، އެންމެންނަށް ކާބޯތަކެތީން ރޯދިވުމާއި، އެކުވެރިކަމާއި އުޚުއްވަތުގައި ހިނިތުންވެ އުޅުމެވެ.  ރަނގަޅަސް ނުރަނގަޅަސް، މި ކަންކަން ރާއްޖޭގައި ހިނގަމުން އައީ ދަންނަބޭކަލުންގެ ގޮތުގައި އެޒަމާނަކަށް ރާއްޖޭގައި ތިއްބެވި ބޭބޭކަލުންގެ ދެނެވަޑައިގަތުމުގެ އުދަރެހުން ބޭރަކު ނޫނެވެ.

1970ގެ އަހަރުތަކުގައި ޖަމާޢީ ސިފައެއްގައި މި ފަދަކަންކަމާމެދު  އެހެން ނަޒަރަކުން ދެކެވެން ފެށުނެވެ. ދީނުގެ ދަންނަ ބޭކަލުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނާއި، ދީން އުނގެނިވަޑައިގެން އަލަށް ރާއްޖެ ވަޑައިގެންނެވި ބައެއް ބޭފުޅުންގެ މެދުގައި ޚިލާފުތައް އުފެދުނެވެ. މި ކަންކަން މުޖުތަމަޢަށް ފޭދުނެވެ. ޒަމާނުއްސުރެ ދިވެހިން އެ ތާރަޔަކަށް ލެނބެމުން އައި، އެއްބައިވަންތަކަމުގެ ތާރައިގެ ފުނަތައް ފުށުއަރަން ފެށި އެވެ. ދަނޑިވަޅުތައް އޮޅެންފެށި އެވެ. ދިވެހި ދީނީ ވަޙްދަތުގެ އިމާރާތުގައި ރެނދުލާން ފެށި އެވެ. ދީނުގެ ދަންނަބޭކަލުންގެ ނަމުގައި ބޭރުން ވަޑައިގަތް ޢިލްމުވެރިންގެ ކިބައިން ލިބޭ ކުޑަ މަޢުލޫމާތު ކޮޅާއެކު ބައެއް މީހުން މުޖުތަމަޢުގެ ''އިޞްލާޙު''އަށް  އަމުރު ހިންގަން ފެށީ އެ މީހުންގެ އުސްތާޛުންނަށް ވުރެ ވެސް އިސް ސަފުގައި ތިބެގެންނެވެ. މި ފަދަ ''ދަރިވަރު ޝައިޚުން'' އުސޫލުލް ފިޤުހުގެ އަލިފު ބާ ވެސް އޮޅުން ނުފިލަނީސް،  ޤުރުއާނާއި ޙަދީޘުގެ އަލީގައި ފަތުވާ ނެރެންފެށި އެވެ. ޙަރާމް ޙަލާލު ކަނޑައަޅަން ފެށި އެވެ. މުންކަރާތާއި ބިދުޢަ ވަކި ކޮށްދައްކަން ފެށި އެވެ. ކޮންބައެއްތޯ އެވެ؟   މަސްވެރިންނާއި ދަނޑުވެރިންނެވެ. ވަޑިންނާއި ރާނާ މީހުންނާއި  ރާވެރިންނެވެ. ޒަމާނާއެކު މި ސައިލު ދެމިގެން އައިސް ޒުވާނުންނާއި މަދަރުސާތަކުގެ ދަރިވަރުންނާ ހަމަޔަށް ވެސް ފޯރި އެވެ.

ކޮންމެ އަކަސް، މި ފަދަ އެތައް ކަމެއްގައި  ދަންނަބޭކަލުން ދެ ފަޅިއަކަށް ބެހުނު ފަދައިން، އާންމުން ވެސް ދެބަޔަކަށް ބެހުނެވެ.

އެއްދުވަހަކު ރަށަކަށް ވަޑައިގެންނެވި ދަންނަބޭކަލެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޖަމާޢަތް ހަދައިގެން ގޭގޭގައި ޞަލަވާތް ކިޔެވުމަކީ ބިދުޢަ އެކެވެ. މީހުން މަރުވީމާ ޖަމާޢަތް ހަދައިގެން ކީރިތި ޤުރުއާން ތިލާވަތު ކުރުމަކީ ވެސް ޙަރާމްކަމެކެވެ.

''ޞަލަވާތް ކިޔަވަން ބޭނުން މީހާ އަމިއްލަޔަށް ޞަލަވާތް ކިޔަވަންވީ. ދުޢާ ވެސް ތިމާ އަމިއްލަޔަށް ކުރަންވީ. ޤުރުއާން ވެސް އަމިއްލަޔަށް ކިޔަވަންވީ. ކޮންމެހެން ނުޖެހޭނެ ބަޔަކު ގެނެސްގެން އެކަން ކުރުވާކަށް. އެއީ ކަނޑައެޅިގެން ބިދުޢައެއް''

ޢިލްމުވެރިޔާ އޭނާގެ ޙުއްޖަތާއި ދަލީލާއެކު، މި ނަސޭހަތް ދެއްވީ އެ ދުވަހު މެންދުރު ނަމާދަށް ފަހު ރަށުގެ މާ މިސްކިތުގަ އެވެ. ވަރަށް ގިނަ މީހުން  އޮތެވެ. ގަބޫލު ކުރާމީހުންނާއި، ނުކުރާ މީހުންނެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިން ޖަމާޢަތުގައި ކިޔަވާ ޞަލަވާތަކީ، އޭގައި ކީރިތި ޤުރުއާން ކިޔެވުމާއި، ﷲއަށް ޙަމްދު ކުރުމާއި، ޛިކުރު ކުރުމާއި، ދުޢާކުރުން ވެސް ހިމެނޭ ގޮތުގައި އެކުލެވިގެންވާ ޞަލަވާތެކެވެ.

ވަޢުޡު ނިންމާލައްވާފައި، ޢިލްމުވެރިޔާ ވަޑައިގަތީ ފަރީއްކުޅުއްވާށެވެ. އެއަށްފަހު ވައި ފިނިކޮށްލެއްވުމަށްޓަކައި ރަށުގެ އަތިރިމަތީގައި ހުރި ހޮޅުއަށްޓަށް ވަޑައިގަތެވެ.

ދަންނަ ބޭކަލަކު ކަމުގައި ވިޔަސް، ހޮޅުއަށިން މުޅީން ދެކެވަޑައިގަތީ މަރުޙަބާގެ ހިނިތުން މޫނުތަކެއް ނޫނެވެ. ހޮޅުއަށިން އޭނާ ދެކެވަޑައިގަތީ މަރުޙަބާގެ މޫނުތަކާއި، ނަފުރަތުގެ މޫނުތަކެވެ. ފޫހީގެ މޫނުތަކާއި ސުވާލުގެ މޫނުތަކެވެ. އޭގެ ތެރޭގައި އިން ބަސްމަގު ތޫނު، ހާޒިރު ޖަވާބަށް ކުޅަދާނަ ކެޔޮޅެއް ކަމަށްވާ، ކުޑަ ހަސަނު ކުއްލިޔަކަށް އޭނާޔާ މޫނު ކުރިމަތިކޮށް ތަޙުޤީޤެއް ފެށިކަހަލަ އެވެ.

ކުޑަ: ''އެންމެ ރަނގަޅު. ވައްކަން ކުރުމަކީ ކޮންކަހަލަކަމެއް؟''

ދަންނަ: ''އެއީ ކަނޑަ އެޅިގެން ޙަރާމްކަމެއް''

ކުޑަ:   '' އަހަރެން އެކަނި ގޮސް ވައްކަމެއް ކޮށްފިއްޔާޔޯ؟''

ދަންނަ: ''ހަމަ ޙަރާމް.. އެކަނި ކުރިޔަސް، ބަޔަކު ގޮވައިގެން ކުރިޔަސް ޙަރާމްކަމެއް ހަމަ ޙަރާމްކަމަކަށްވާނީ"

ކުޑަ: ''ހޫނ! އެހެންދޯ! އެކަނި ކުރިޔަސް ބަޔަކު ގޮވައިގެން ކުރިޔަސް ހަރާކަމެއް ވަނީ ހަމަ ހަރާމް ކަމަކަށްދޯ! ނުބައި ކަމެއް ނަމަ ވަނީ ނުބައި ކަމަކަށް ދޯ!''  '' އެހެން ވިއްޔާ ޤުރުއާން ކިޔެވުމަކީ ކޮންކަހަލަކަމެއް؟''

ދަންނަ: '' ވަރަށް މާތްކަމެއް''

ކުޑަ:  '' ޞަލަވާތް ކިޔެވުމޯ''

ދަންނަ: '' ހަމަ އެފަދަ''

ކުޑަ:   '' ދުޢާކުރުމޯ''

ދަންނަ: '' ހަމަ އަޅުކަމެއް''

ކުޑަ:  ''ޒިކުރު ކުރުމޯ''

ދަންނަ:  '' އެއީ ވެސް ހެޔޮ ޖަޒާ ލިބޭނެކަމެއް''

ކުޑަ: އާނ! މިހާރު އެހެންވީމާ އެނގިއްޖެ. ހެޔޮ ކަމެއް ނަމަ ކުރަންޖެހޭނީ އެކަނިމާ އެކަނި. އެހެން މީހަކަށް ހެވެއް އެދިގެން ނުވާނެ. ނަމާދު ވެސް ކުރަންވީ އެކަނި. ޖަމާޢަތެއްގައި ކޮށްފިއްޔާ ކަމަކު ނުދާނެ. ޙައްޖު ވެސް ވާންވީ ފަހަރަކު މީހަކު. އާނފަހެ، އެ ކަނި ކުރަންޏާ ދުޢާ ވެސް ހުއްދަ. ބަޔަކު މީހުނާއެކީގައި އިނދެ ދުޢާއެއް ވެސް ކޮށްގެން ވާކަށް ނެތް. އެއީ ބިދުވައެއް. ދުޢާ ކުރާ ވަގުތު ޤުރުއާނުގެ އާޔަތެއް ކިޔެވުމަކީ ވެސް ނުދިންނަވާ ވަރު ކަމެއް. ދުޢާ ކުރުމާއި ޤުރުއާން ކިޔެވުމާއި، ޒިކުރު ކުރުމާއި މި ކަންކަން އެއްވަގުތެއްގައި އެކީގައި ކޮށްފިއްޔާ އެއީ  މާސިންގާ  ހަރާން ބިދުވަ އެއް. ބޮޑުވެގެންވާ ފާފައެއް.  ބަލަގަ ތިޔަ ކިޔޭ އެއްޗެއް އެބަ އެނގޭތަ؟

ތިޔަ ކިޔެނީ، ބުނުއްވެނީ، ވިދާޅުވެވެނީ، މަސް ހަލާލޭ، ހުނި ހަލާލޭ، މިރުސްހަލާލޭ، ފިޔާހަލާލޭ، ފުށް ހަލާލޭ، ލޮނު ހަލާލޭ، ތެޔޮ ހަލާލޭ. އެކަމަކު...... މި ހުރިހާ އެއްޗެއް އެއްކޮށްގެން ގުޅައެއް ހެދީމާ، އެ ގުޅަ ހަރާމޭ....

ދަންނަ: ''ދެން...ތީ...އަނެއްހެން... އަސްލު...؟؟؟''
 
(ނިމުނީ)
 


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ