އަދުގެ ޚާއްސަ

Print

ތަމްރީނަށް ބޭނުންވާ ކަންތައްތައް ދެނެގަތުން - 7

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


4 މާޗުު (ބުރާސްފަތި) އާ ގުޅޭ..


ތަމްރީނު ޕްރޮގްރާމަކަށް ބޭނުންވާނެ ކަންތައްތައް ބަލާހޯދާއިރު


ވިސްނަން ޖެހޭ އިތުރު ކަންތައް

 
ބިންމާ އިބްރާހީމް ވަޙީދު
 
ޕީޑީ ސާބިތުވެއްޖިއްޔާ، ތަމްރީނު ޕްރޮގްރާމަކަށް ބޭނުންވާނެ ކަންތައްތައް ބަލާހޯދުން ނުވަތަ ޓީއެންއޭގެ އެންމެ ފަހު މަރުޙަލާއަކީ، އަޅަންވީ ފިޔަވަޅުތަކަކަށް ލަފާދިނުމެވެ. ޓީއެންއޭ ހަދާފައި ދޭ ލަފައަކީ، އޮގަނައިޒޭޝަންގެ ޙަޤީޤީ ބޭނުންތަކާއި، ވަކިވަކި ސްޓާފުންގެ އަމިއްލަ ޤާބިލުކަން ވެސް ހިމާޔަތްކޮށްދޭ އެއްޗަކަށް ހެދުމަށް ސަމާލުކަން ދޭންޖެހޭނެ އެވެ.

ސްޓާފަކު އަދާކުރަމުންދާ، ވަކި ކަހަލަ ވަޒީފާއެއްގެ، ކުރު މުއްދަތަށް ބޭނުންވާ ބޭނުންތަކަށް ސަމާލުކަން ދިނުމަކީ ނުރައްކާތެރި ކަމެކެވެ. ތަމްރީނެއް ބާއްވަން ނިންމާ ނިންމުމަކީ، ހަމައެކަނި އެ ވަގުތުގެ ހާލަތަށް ބަލާފައި ނިންމި ނިންމުމެއް ކަމަށްވެއްޖިއްޔާ، ބައެއްގެ ކުރިއެރުން ނުވަތަ ބައެއްގެ ތަފާތު ހުނަރުތައް ފުޅާކުރުމަށް ލިބޭ ފުރުޞަތު ހަނިވެ ނުވަތަ ގެއްލުން ގާތެވެ. މިހެން ވުމުން، ސްޓާފުންނާއި އޮގަނައިޒޭޝަނަށް ވެސް އޭގެ ނުބައި އަސަރު ކުރާނެ އެވެ.  ގިނަ ދުވަސް ވުމުން ޤާބިލުކަން އިތުރުވުމަށް ވަކިވަކި ސްޓާފުންނަށް ހުރަސްތައް ކުރިމަތިވުމާ އަދި މީގެ ސަބަބުން، ފުރުޞަތުތައް ހޯދުމަށް އެހެން ދިމަދިމާތައް ބެލުމަށް އެ މީހުންނަށް ހިތްވަރަކަށް ވާނެ އެވެ. މުވައްޒަފުން އިރުއިރުކޮޅާ ބަދަލުވުމަކީ، ކަމުދާކަމެއް ނޫނެވެ. އޭގެ ސަބަބަކީ، ބޭކާރު ފައިސާތަކެއް އޮގަނައިޒޭޝަނުން ޚަރަދުވުމާއި އަދި އެންޓަރޕްރައިސްގެ އޯވަރއޯލް ކެޕޭސިޓީ ދަށަށް ދިއުމެވެ.
   
މި ލަފާގެ މާނަ އަކީ، ތަނުގައި ހުރި ވަޒީފާގެ ބޭނުންތަކަކީ ކޮބައިތޯ ނުބެލުމާއި އަދި ވަގުތުން ވަގުތަށް އުފުލަންޖެހޭ މަސްއޫލިއްޔަތަށް ފުރަގަސްދޭށެކޭ ނޫނެވެ. އޭގެ މަގުސަދަކީ، ތަނުގައި ހުރި ބޭނުންތަކާއި، ކޮންމެ މުވައްޒަފެއްގެ ކުރިމަގާއި ދެ ކަމަށް ވެސް ނަޒަރުހިންގުމެވެ. މުވައްޒަފުންގެ ކުރިމަގުގެ ތަރައްޤީ އަށް ސަމާލުކަން ދިނުމުގެ ތެރެއިން، ކޮންމެ މީހެއްގެ އިންވެސްޓްމަންޓުން ލިބޭ ފައިދާ، މާ ރަނގަޅަށް އޮގަނައިޒޭޝަނުން ދަނެގަނެވިދާނެ އެވެ. ސްޓާފުންނަށް އިންވެސްޓް ކުރުން ގިނަކުރާ ވަރަކަށް، އޮގަނައިޒޭޝަނުގައި އެ މީހާގެ މުހިންމުކަން ދާނީ އިތުރުވަމުންނެވެ.
   
މަސައްކަތު މާޙައުލުގައި މަސްހުނިވެގެން ފެންނަން ހުންނަ ކަންތައްތަކުގެ ތެރެއިން، އެންމެ ހައިރާންވެ، އޮޅުންއަރާ ކަމަކީ މީހުންގެ މިޒާޖެވެ. ކޮންމެ މީހެއްގެ ވެސް، ވަކިވަކި ޕާރފޯމަންސަށް އެންމެ ބޮޑަށް އަދި އެންމެ ގިނައިން އަސަރުކުރުވާ އެއްޗަކީ އެއީ އެވެ. ވިސްނާގޮތް، ޕްރެޝަރތަކާ ކުރިމަތިލާ ގޮތް، މައްސަލަތައް، ނުވަތަ ހިތްވަރުގެ ސަބަބުން ވެސް، ވަޒީފާގައި އެ މީހާގެ ފަރާތުން ހިފޭ ބޭނުމަށް ބޮޑު އަސަރެއް ކުރެއެވެ. މޮޅެތި ހުނަރު ހުންނަ މީހުން އުޅޭކަން އެންމެނަށް ވެސް އެނގެ އެވެ. އެކަމަކު، އެ ފަދަ މީހުން، އުފަންވީއްސުރެ އެ މީހުންނަށް ލިބިފައި ހުރި ހުނަރު ނެރެން ހަދާނެގޮތެއް ނޭނގެ އެވެ. މި ކަހަލަ ކަންކަން ރަސްމީ ސިފައެއްގައި ހާމަކުރެވޭތޯ ޓްރެއިނިން ރާވާ މީހާ ބަލަންޖެހެ އެވެ. ޓްރޭނިން އަށް ލިބިދޭ ހުރިހާ އިޚުތިޔާރެއްގެ ތެރެއިން ވެސް، ނުފޫޒު ފޯރުވަން އެންމެ އުނދަގުލީ، އެޓިޓިއުޑް އާއި ކެރެކްޓަރ އަށެވެ. މަސައްކަތު މާޙައުލުގައި، އެތަކެއް އަހަރުތަކެއް ވަންދެން އުޅުމުގެ ސަބަބުން އެ މީހާގެ ކަށީގައި ހިފާފައި ހުންނަ އާދަތަކަކީ، އޮގަނައިޒޭޝަނުން ރާވާލެވޭ، ކުރު ތަމްރީނު ޕްރޮގްރާމަކުން މާ ބޮޑު ބަދަލެއް ގެނެވޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން، މައިމޫތައް އެ މީހެއްގެ މިޒާޖާ ގުޅިފައިހުންނަ މައްސަލަތަކުން އުފެދޭ ޕީޑީ، ޓްރެއިނިން ދިނަސް ނައްތާނުލެވޭނެކަން، ޓްރޭނިން ރާވާހިންގާ މީހާ، ތަނުގެ މެނޭޖުމަންޓާއި، ވެރިންނަށް ވަރަށް ރަނގަޅަށް ވިސްނައިދޭން ޖެހޭނެ އެވެ. އެ ކަހަލަ މައްސަލަތައް ޙައްލު ކުރެވޭނީ، ޓްރޭނިން ނޫން އެހެން ވަސީލަތެއް ބޭނުންކޮށްގެންނެވެ.
   
ނިންމާލުމުގެ ކުރިން ހާމަކޮށްލަން ބޭނުންވާ ކަމަކީ، ނަހަމަގޮތުގައި ވެސް ޓްރޭނިން ބޭނުންކުރެވޭ ކަމެވެ. އެކަން ޖެހޭނީ، ބޭނުންތައް ބަލާހޯދާ ސްޓޭޖުގައި، ދަނެގަންނާށެވެ. ޓްރޭނިން އަކީ، ސްޓާފުންނަށް ދެވޭ އިނާމެއްގެ ގޮތުގައި ވެސް، ބައެއް ފަހަރު ބޭނުންކުރެވެ އެވެ. އެހެން ހެދުމުން ފައިދާއެއް ކުރާނީ ވަރަށް މަދު ފަހަރަކު އެވެ. ސަބަބަކީ، އިނާޔަތެއްގެ ގޮތުގައި ތަމްރީނު ދިނުމަކީ، ތަނުގެ ވަސީލަތްތައް ރަނގަޅުގޮތުގަ ބޭނުންހިފުން ކަމަކަށް ނުބެލެވޭނެ އެވެ.
   
އަނެއްކާ ވެސް އުފެދޭ އަސާސީ ސުވާލަކީ ހަމަ މިއީ އެވެ. އުފެދިގެން އުޅެނީ ޙަޤީޤީ ޕީޑީއެއް ހެއްޔެވެ؟ އެހެންކަމަށް ވެއްޖިއްޔާ، ކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ޓްރެއިނިންބާ އެވެ؟ މީހަކީ ރަނގަޅަށް މަސައްކަތްކުރާ މީހަކަށް ވެފައި، އަދި އޮގަނައިޒޭޝަންގައި އޭނަގެ މުސްތަޤުބަލު އުޖާލާކަމަށް ވަންޏާ، އޭނަގެ ޤާބިލުކަން އިތުރު ކުރުމަށް ތަނުން ކުރާ އިންވެސްޓްމަންޓަކީ، ގަބޫލުކުރެވެން ޖެހޭނެ އެއްޗެކެވެ. އެކަމަކު، މީގެ އިދިކޮޅަށް ވެސް ކަންތައް ހިނގާފައި ހުރެ އެވެ.
    
އަދަބެއް ދިނުމުގެ ގޮތުން ވެސް މީހުން ޓްރޭނިން އަށް ފޮނުވަ އެވެ. ތަމްރީނެއް ދޭންޖެހޭނީ، ބުއްދީގެ ހަމަތަކަށް ބަލާފަ އެވެ. މީހަކަށް ޙަޤީޤަތުގަ ވެސް އިތުރު ތަމްރީނު ބޭނުންވާ ކަމަށްވެފައި، ތަމްރީނު ޕްރޮގްރާމަކަށް ބޭނުންވާނެ ކަންތައްތައް ބަލާހޯދާއިރު އޭނަ ޝަރުތު ހަމަވެއްޖެ ނަމަ، އެ ހިސާބުން ޓްރޭނިން ދެވިދާނެ އެވެ. އެކަމަކު، ތަމްރީނަކީ އަދަބެއް ކަމުގައިވަންޏާ، ބައިވެރިންގެ ތެރޭގައި ފޯރިއެއް، ރޫހެއް ނޯންނާނެ އެވެ. އަދި، ރަނގަޅު ނަތީޖާއެއް ނުނެރެވުމުގެ ފުރުޞަތު، އެތައް ގުނައަކަށް ބޮޑުވެގެންދާނެ އެވެ. އާޚިރުގައި، TNA އަދާކުރަންޖެހޭ މަސްއޫލިއްޔަތަކީ، ރަނގަޅު ވަގުތުގައި، ރަނގަޅު މީހުންނަށް ޓްރޭނިން ލިބޭނެގޮތް ހެދުމަށްޓަކައި، ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް ގެނެސް، ކަމުގައި ޝާމިލުވާ އެންމެނަށް އެއިން އެކަށީގެންވާ ފައިދާ ހޯދައިދިނުމެވެ. މީގެ ސަބަބުން، ކަމަށް ކުރެވޭ ޚަރަދު ކުޑަވެފައި، ރޭވުން ރަނގަޅުވެފައި، ބޭކާރު ނުވާނެ އެވެ. އަދި، މިއީ މުޅި އޮގަނައިޒޭޝަނުގެ ކާމިޔާބަށްޓަކައި، އިސް ރޯލެއް އަދާކުރުމުގެ އެންމެ ރަނގަޅު ފުރުޞަތު، ޓްރެއިނިން ޑިޕާރޓްމަންޓް ނުވަތަ ޓްރޭނިން ޔުނިޓަށް ހޯދައިދޭނެ އެއްޗަކަށް ވެސް ވާނެ އެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ