އަދުގެ ޚާއްސަ

Print

ދިރި އުޅުމަކީ ކޮބާ؟

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


އިބްރާހީމް ނަޢީމު

އަހަރެން މީހަކާ އިނީ އުމުރުން 20 އަހަރުގައެވެ. 26 އަހަރުވީއިރު ވަނީ ދެކުދިން ލިބިފައެވެ. ދިރިއުޅުމަށްކުރި މަސައްކަތަކީ ދުއްކާނެއްގައި ވަޒީފާ އަދާކުރުމެވެ. ވަޒީފާގެ ކަންތައް ހަމަޖެހިފައިވާގޮތުން ހެނދުނު ފިހާރައަށްގޮސް މަސައްކަތުގައި އުޅެފައި ގެއަށް އާދެވެނީ ރޭގަނޑު 11 ޖަހާ ފަހުންނެވެ. ކެއުމުގެ ގަޑިތަކުގައި ގިނަފަހަރު ކޮންމެވެސް ރައްޓެހި ބަޔާ އެއްކޮށް ސައިހޮޓަލަކުން ކަންތައް ނިންމާލަނީއެވެ.

ވަޒީފާގެ ބުރަކަމުން ގޭގައި ކުރަންޖެހޭ އެކި ކަހަލަ މަސައްކަތް ހުންނާނީ އެކި މީސްމީހުނަށް އުޖޫރަދީގެން ކުރުވާގޮތަށް އިންތިޒާމުކޮށްފައެވެ. ކޮންމެ ދުވަހެއްގެ ބާޒާރު ލިސްޓު އަންހެނުން ތައްޔާރުކުރާނެއެވެ.
އަސުރުން ފައިބައިގެން މޫސާފުޅުބޭ ގޮސް ބާޒާރު ކުޑަކޮށްގެންނަމަވެސް އެލިސްޓު ގައި ހުރި ހުރިހާ ބާވަތްތަކެއް ގެޔަށް ވައްދާނެއެވެ. ކޮންމެރެޔަކު އިޝާނަމާދު ފަހުން ބަންގާޅުމީހަކު އައިސް ބަދިގެފަރާތުގައި ހުންނަ ކުނި ޓައްޕު އުކާލާނެއެވެ. ކުދިވެރިން އިސްކޫލަށް ދާގަޑިޖެހުމުގެ ކުރިން އައްބާސް ހުންނާނީ ސަމާލުވެގެންނެވެ. ޓިއުޝަން ޓީޗަރުން އައިސް އެކުދިންގެ ފޮތްތައް ބަލާނެއެވެ. ދަރިން ބަލިވިޔަސް އަންހެނުންގެ ކޮއްކޮ ހުންނާނެއެވެ. ޑަކްޓަރަށްގޮސް ހޭހަން ކޮށްދޭނެއެވެ. ހިފާގެންގުޅޭ ސާމާނު ބާވެ ހަލާކުވިޔަސް ފިހާރަޔަށް ގުޅާލުމުން އެކަން ހަމަޖެހޭނެއެވެ. ކޮންމެ ހުކުރުދުވަހަކު ފިހާރައިގައި އުޅޭ ކުމާރު ގޭތެރެ ސާފުކޮށްދޭނެއެވެ. މިނޫން އެހެން ކަމަކު ޖެހިއްޖެ ނަމަ ފިހާރައިގައި އުޅޭ ފަހީމަށް ގުޅާލުމުން އެކަމެއް ވާނެއެވެ. އަހަރެން ރަށުގައި ނެތަސް މިހިރަ ކަންތައްތައް ހަމަ މިދެންނެވި ގޮތަށް ބަރާބަރަށް ހިނގާނެއެވެ. އޮންނަ ޔަގީންކަމެއްގެ ބޮޑުކަމުން އެކަން އެހެން ހިނގާތޯވެސް  ނުބަލަމެވެ.

ފިހާރައިގައި މިހާ ބުރަކޮށް އުޅެމުން އިތުރު ކަމެއް ބެލޭނެހެއްޔެވެ. ގެޔަށް ވަދެވޭއިރު ވެފައި ހުންނަ ވަރުބައްޔަކުން އިތުރު ކަމެއް ކުރުމެއް ނުވަތަ އިތުރު ވާހަކައެއް ދެއްކުމެއް ނޯންނާނެއެވެ. ހަމަ ގޮސް ނިދާނީއެވެ. އަހަރެންގެ އަންހެނުންކީވެސް ވަރަށް ކިޔަމަންތެރި މީހެކެވެ. ޝަކުވާއެއް ނުކުރާނެއެވެ. މާކަ ގިނަ ވާހަކައެއްވެސް ނުދައްކާނެއެވެ. ކަންތައްތައް އިންތިޒާމުވެ ފުރިހަމަވެފައި ހުންނާތީ ދައްކަން ހުންނާނީވެސް ކޮންވާހަކައެއް ހެއްޔެވެ.

އަހަރެންގެ ވަޒީފާ ބަދަލު ވެއްޖެވެ. ކުރިއަށްވުރެ މުސާރަވެސް ބޮޑުވެސްޖެވެ. ޒިންމާވެސް އިތުރު ވެއްޖެވެ. ނަމަވެސް ކުރިއަށްވުރެ މަސައްކަތުގެ ވަގުތު ކުރުވެއްޖެވެ. އޮފީހުގެ ހުރިހާ ރައްޓެހިންގެ ތެރެއިން ވެސް އެންމެ ފާހަގަކުރެވޭ މީހަކީ ނަސީރެވެ. އަބަދުވެސް އުޅޭނީ މަސައްކަތުގައެވެ. ގަޑިނުޖެހި އޮފީހަށް އަންނާނެއެވެ. މެންދުރު ގަޑީގައި ހުސްވަގުތު ކޮޅެއް ހޯދާލައިގެން ދަރިފުޅު ސްކޫލަށް ލާން ދާނެއެވެ. ހަވީރު ބާޒާރަށް ދާނެއެވެ. ވަރަށްމަދު ފަހަރަކު މެނުވީ ސައި ހޮޓާތަކަކަށް ނުވަންނާނެއެވެ.

ބުރާސްފަތި ދުވަހު ހަވީރު ސައިތައްޓެއް ބޯލަން ދާންވެގެން ނަސީރަށް ގުޅީމަ ބުނީ އެގަޑީގައި އޭނާގެ ދަރިފުޅު ގޮވައިގެން ޕާކަށް ދާން ތައްޔާރުވަނީ ކަމަށެވެ. ހަމަ އެރޭ ރެސްޓޯރަންޓަކަށް ވަތް އިރު ނަސީރު އޭނާގެ އަންހެނުން ގޮވައިގެން ކާން ހުއްޓާފެނުނެވެ. ޖެހިގެން އައިރޭ ދެފަހަރަކު ގުޅާލީމަވެސް ނަސީރު ފޯނެއް ނުނެގިއެވެ. އިރުކޮޅަކުން އައީ އެސް އެމް އެސް އެކެވެ. "ޕޭރަންޓް މީޓިންގަ. ފަހުން ގުޅާނަން".
ހޮނިހިރު ދުވަހު ބޭބެގެ މެސެޖެއް ލިބުނެވެ. ބޭބެއަށް ހުޅުމާލެއިން ލިބިފައިވާ ގޯތި ބަލާލައި އިންވަކިކޮށްލަން ހަވީރު އަހަރެންވެސް ގޮސްދޭން ވީއެވެ. ފެރީ ޓާމިނަލުން ނަސީރާ ބައްދަލު ވެއްޖެއެވެ. އޭނަ ފެނިފައިވެސް އަންހެނުންނާ ދަރިފުޅު ގޮވައިގެން މޫދަށް އެރިލަން ދަނީކަން ޔަގީން ވެއްޖެއެވެ. އެރޭ މާލެއައިސް ކާނިވާ ސަރަހައްދުން ކެފޭއަކަށް ވަދެ ކުޑަގޮތެއް ހަދާލައިގެން ގެއަށް ދިޔައިރު އަންހެނުން ނަށް އޮތީ ނިދިފައެވެ. ނުވަތަ ނިދާފައެވެ. މިވީ ދެތިން އަހަރު އަންހެނުން ނިދާހެދުމުގައި އޮއްވާ މިނޫނީ އަދި ނުދެކެމެވެ.

ވާނީވެސް އެހެން ތާއެވެ. އަންހެނުން ނިދަނީ ކޮން އިރަކުކަމެއް ހޭލަނީ ކޮންއިރަކު ކަމެއް އަހަރެން ނުބަލަމެވެ. އެނގޭކަމަކީ އަހަރެން ފިހާރަ ނިންމާފައި އަންނައިރުވެސް އަންހެނުން ގޭތެރޭގެ އެކި އެކި ކަންކަމުގަ އާއި ކުދިވެރިންގެ ކަންތައްތައް ހަމަޖެއްސުމުގައި އުޅޭކަމެވެ. އަހަރެން ހޭލައިގެން ފިހާރައަށް ދިއުމުގެ މާކުރިން އަންހެނުން ތެދުވާކަމެވެ.

ސިނގިރޭޓެއް ރޯކޮށްލައިގެން ގޭގެ ޓެރަސްމަތީހުރި ގޮނޑިއެއްގައި ޖައްސާލައިފީމެވެ. މިދެދުވަހަކު މި ފެނުނު ކަންތައްތަކާ ކުޑަކޮށްވިސްނެން ފަށައިފިއެވެ. އަހަރެންނާއި ނަސީރަކީވެސް އެއްކަހަލަ މަސައްކަތެއް ކުރާ ނަމަވެސް ވަރަށް ތަފާތު ދިރިއުޅުމެއް އުޅޭ ދެމީހުންނެވެ. އަހަރެން ދުވަހަކުވެސް ކުދިން ސްކޫލަށް ލާކަށް ނުދަމެވެ. ބަލާވެސް ނުދަމެވެ. އެކުދިން ސްކޫލަށް ދާންޖެހޭ ގަޑިތަކެއްވެސް އަހަރެން ނުދެނަހުރީމެވެ. ދަރިންގެ އެއްވެސް ކަމަކާ އަންހެނުނާ އެއްވެސް މަޝްވަރާއެއް ނުކުރަމެވެ. ދިރިއުޅުމުގެ ކަމެއްގައިވެސް އެއްވެސް މަޝްވަރާއެއް ނުކުރަމެވެ. އަންހެނުންވެސް ދުވަހަކުވެސް މަޝްވަރާއަކަށް ނުވެސް އެދެއެވެ. އެދޭނެ ފުރުސަތެއްވެސް އަހަރެން ނުދެމެވެ. ދެމީހުން އެކުގައި ކެއުމުގެ ސުފުރާމަތިން ބައްދަލުވި ހަނދާނެއް އަމުދުންވެސް ނެތެވެ.

ޕޭރަންޓް މީޓިން މީ ކީއްކުރަން އޮންނަ އެއްޗެއް ކަމެއްވެސް އަހަރެން ނުދެނަހުރީމެވެ. ދަރިން ގޮވައިގެން ޕާކަށް ދިއުމާއި ދަތުރު ދިއުމަކީ އަހަރެންގެ ޚިޔާލަށްވެސް އައިސްފައިވާ ކަންތައްތަކެއް ނޫނެވެ. އަދި މިނޫނަސް ދިރިއުޅުމުގައި ދެމަފިރިން އެކުގައި މަޝްވަރާކޮށް ދެމީހުންގެ ވިސްނުން ހިއްސާކުރަންޖެހޭ އެއްވެސް ކަމެއް އޮންނަ ކަމަކަށްވެސް އަހަރެން ނުދެކެމެވެ. ހަގީގަތުގައި މިދެންނެވި ކަންތައްތައް އަހަރެން ގަބޫލު ނުކުރަނީކީ ނޫނެވެ. އެކަންކަން ގަބޫލުކުރެވޭފަދަ މާހައުލެއް ފެނިފައި ނެތީއެވެ. ލިބިފައިވާ ދެކުދިންނަކީ އަހަރެންގެވެސް ހަމަ ކުދިންނެވެ. އެހެންނަމަވެސް އެކުދިންނަށް އަހަރެންގެ ފަރާތުން ދޭންޖެހޭ ވަރަށް މުހިންމު ކަމެއް މިވަނީ އުނިވެފައެވެ. ގޭތެރޭގެ ހުރިހާކަމަކަށް ވެސް އެކިމީހުން މަތިކުރެވިދާނެއެވެ. ނަމަވެސް އަހަރެންގެ ދަރިންނަށް ދޭންޖެހޭ ބައްޕައެއްގެ ލޯބި އަހަރެން ނޫން އެހެން މީހަކަށް ނުދެވޭނެއެވެ. މިހުރިހާކަމެއް މިހެންހިނގާތާ މިހާގިނަ ދުވަސްވީއިރުވެސް އަންހެނުންގެ ފަރާތުން ކުޑަނަމަވެސް ށަކުވާއެއް ނުލިބި މިހުރެވުނީ އަހަރެންގެ ނަސީބުގަދަކަމުންނެވެ.

އަހަރެން ހިތަށްއެރިއެވެ. މިއީ އަހަރެންގެ ދިރިއުޅުން ބަދަލުކުރަންވީ ވަގުތެވެ. ކޮންމެމީހަކަށްވެސް ރަނގަޅުމަގަށް އެޅެން ފުރުސަތުލިބޭނެއެވެ. މިއީ އަހަރެންގެ ފުރުސަތެވެ. މިފުރުސަތުގެ ބޭނުން ނުހިފައިފިނަމަ ހަޔާތުގައި ދެންކުރިމަތިވާނެ އުނދަގޫ އިހްސާސްވެސް ނުކުރެވޭނެއެވެ. އަހަރެންގޮސް ކުދިންގެ ކޮޓަރިހުޅުވާލީމެވެ. ދެކުދިންވެސް ވަރަށް ފުންނިންޖަކަށް ގެއްލިފައި އޮތެވެ. އެކަމަކުވެސް އެކުދިންގެ މޫނުމަތިން ބަފައެއްގެ ލޯބި އުނިވެފައިވާކަމުގެ އިހުސާސް އަހަރެންނަށް ފެނުނެވެ. މިއިން ކުއްޖަކަށް 'ދަރިފުޅާއޭ' ބުނެ އަހަރެން މުޚާތަބު ކުރި ހަނދާނެއްވެސް ނެތެވެ. ބައްޕައަކާއި ދަރިންގެ މެދުގައި އޮންނަންވާ ގުޅުމެއް އަހަރެންނާއި އަހަރެންގެ ދަރިންގެ މެދުގައި ނެތްކަން ޔަގީނެވެ.

އާދިއްތަ ދުވަހު އަހަރެން އޮފީހަކަށް ނުދަމެވެ. ހެނދުނު އައްބާސް އައުމުން މިއަދު ސްކޫލްދޮށަށް ނުދިޔަސް އެންމެ ރަގަޅުކަމުގައި ބުނެފައި އޭނަ ފޮނުވާލީއެވެ. އަހަރެންގެ އުޅުމުން ކޮންމެވެސް ކަމެއް ފާހަގަވެގެން ކަންވެސް ނޭގެއެވެ. އަންހެނުން ހުންނަނީ އެއްމިޔަ ކަނުން ހެވިފައެވެ. އަހަރެން އެކަމާ އަޅައެއް ނުލަމެވެ. އެދުވަހު ސްކޫލްދޮށަށްގޮސް މެންދުރުފަހު ކުދިންގެ ފޮތްތައްވެސް ބަލާލީމެވެ. ރޭގަނޑު އަންހެނުންނާ އެއްކޮށް ބާޒަރަށް ދިޔައީމެވެ. އެދުވަހަށްފަހު އަހަރެންގެ ދިރިއުޅުން ވަރަށްބޮޑަށް ބަދަލުވިއެވެ. ނުވަތަ ބަދަލު ކުރީމެވެ. މިއޮތްހައި ދުވަހު އަހަރެން މިއުޅުނީ ދިރިއުޅުމެއް ހެއްޔެވެ. އެއީ ދިރި ހުރުމެކެވެ. އިރިއުޅުމަކީ މިއީއެވެ. މިކަމެއް މެދުވެރިވާން ދިމާވި ސަބަބަކީ ހަގީގަތުގައި ނަޞީރެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ