އަދުގެ ޚާއްސަ

Print

މަޑު އާދަނާއި ކުރިމަގު ގޮއްޔެގެ ވާހަކަ (6)

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


16 އޭޕްރީލް (ހުކުރު)އާ ގުޅޭ...

މުޚްތާރު ޢަބްދުއްރަޙްމާނު - ނޫރާނީގެ/ށ. މިލަންދޫ


އެ ޒަމާނުގައި ކަންކަން ހަމަޖެހިފައިވާގޮތުން ރަށުގެ މާމިސްކިތު މާ مدم ކަލޭގެއަކީ ރަށުގެ ހުރިހާކަމެއްގެ ބޮލާ އެވެ. އެންމެމަތީ ވެރިޔާއެވެ. ރަށުގައި ކުކުޅެއް ކަތިލައި ކެއުމެއް ތައްޔާކުރާނަމަ އެކެއުމަށް بسم ކިޔަންޖެހޭނެ شرف ވެރިޔާއެވެ. ކޮންމެ ފަތިހެއްގައި ރަށުއަމާނަށް ކިޔަވައި ރަށް ނާމާންވެއްޖެނަމަ ރަށް ތަޅުލައި، ރަށް ހުޅުވާ مفتاح جزيرة އެވެ. މާ مدم ގެ އަތުގައި އެންދެރިމުށްލީ ކުޑަ ކޮށާވަޅިއެއް އޮންނާނެ އެވެ.

ރަށުންބޭރުން ނުރައްކަލެއް އަންނަ ނަމަ އެ ކޮށާވަޅި ހޭޅީގައި ހުންނަ ރުކަކަށް ނުވަތަ ގަހަކަށް ޖަހައިފިނަމަ ، އެ ކޮށާވަޅި ޖެހި ގަހެއް ނުވަތަ ރުކެއް ފަހަނައަޅާ އެއްގަމަށް ނޭރޭނެކަމަށް އެދުވަސްވަރު މީހުން ވާހަކަތައް ފަތުރާފައިވެ އެވެ. ރަށު މާ  مدم އަށް ކުކުޅު ނުދީ ބައިލައިފި އޮޑިއަކަށް ކަނޑުގައި މަސްރޯއްޖެއް ނެތްކަމަށް ބުނެ އެވެ. އޭނާ އަށް ކުކުޅު ނުދީ  އަލަށް ދިޔަ ގެއަކު އުޅުން ނުވާނެކަމަށް ވެސް ބުނެ އެވެ. ރަށު މާ މުދިމަށް ކުކުޅު ނުދީ އަލަށް އުފަންވާ ކުއްޖެއްގެ ކަންވެރިކަން ކޮށްފިނަމަ، އެކުއްޖަކު ރަވޯގެ ސިނގުބަނޑުންނާ، ام الصبيان جنّ ކަލޯގެ އުނދަގުލުންނާ ، އެސްފިންނާއިންނާ ، މިބާވަތުގެ އެތައް ކަމަކުން މިންޖުނުވާނެކަމަށް ބުނެ އެވެ.

އެޒަމާނުގެ ماضى ގެ ކަންތައްތައް އެނގިގެން ނޫނީ ނޭނގިތިބުމުގެ ބައްޔަށް ފަރުވާކުރެވޭނެ މަގެއް ނެތެވެ. ރަށުގެ މާމިސްކިތު މާ مدم ކަލޭގެ ރަށް امان އަށް ފަތިސްނަމާދުން ފޭބުމަށްފަހު މީހުން އުޅޭ އަވަށްގަނޑު ވަށައި ހިނގަމުން يسين سورة އާ جبريل أمان دعاء ކިޔަވާކަމަށްވެސް ބުނެ އެވެ.

މިހެން ހިނގުމުގެ ތެރޭގައި ކުރިމަގުގޮއްޔެގެ ކުދިން ފެނި ހިތުގަރުބަ ހިތުގައި ފޮރުވި އެވެ. އަދި މަޑުއާދަނާ ކުރިމަގުގޮއްޔެގެ ކުދިން މިސްކިތަށް ގޮސް ތިބޭއިރު އެ ކުދިން ޤުރުއާން ކިޔަވާ އަޑު މަޚްރަޖަ ރީތިކަމާ تجويد މަގުން ترتيل ކޮށް ކިޔަވާ ترتيب ކަމުން މާ  مدم ކަލޭގެ ހިތުގައި އެ ކުދިންގެ މައްޗަށް ނުނިޔަތް ލައިފި އެވެ. ހިތަށް އަރަ އެވެ. މިކުދިންގެ މިހިރަ ބުރުޞޫރަ ރިވެތި ކަމާއި، ދިރިއުޅުމުގެ ތަނަވަސްކަމާއި، އެ ކދިންގެ އެހެރަ ކިޔެވުމުގެ އަޑުއިވިއްޖެ ކޮންމެ މީހަކު އެދަނީ އެ ކުދިންގެ މައްޗަށް ހާސް ފުރާނައިން قربان  ވަމުންނެވެ. މިހެންގޮސް މަގޭ  عائلة އިން ވެރިކަމާއި   قدر އާ عزّت ފިލައިގެން ހިނގައިދަނެ ކަމުގެ ބިރު ހީވެ އެވެ. އެކަމަކު ހިލާ އެހެން ވިޔަކަ ނުދޭނަމެވެ. ހަދާނެ ގޮތަކާމެދު ފިކުރުވެރިވުމުން ހަނދާނުގެ ފަތްފުށްތަކުން ހަނދާނަށް އަތުވެއްޖެ އެވެ. ކާބަފައި ޒަމާނުގެ ފޮތްބައި ބޮޑު ފޮށީ އަޑިން ނެގުމުގެ ވަގުތު މިޖެހުނީ އެވެ. ރޭގަނޑު މީހުން ނިދީމައި ބޮޑު ފޮތް ބޮޑު ފޮށީ އަޑިން ނަގަމުން ގެންދަނީ މުޅަ ގަބުރެއް ވެސް ނަގައި ފުރޮޅައިލާނެ ހައި މަޑުންނެވެ. ކާޅިވަކު ފުއްގަނޑު ބޮޑު ކޮށްލާ އެދުރު ބޭކަލުންނާ ولى ވެރިންނަށް فاتحة ކިޔެވުުމަށް ފަހު ފޮތް ހުޅުވައިލި އެވެ. ދެން ގަނޑުތައް އުކަމުން ބަލަމުން ގޮސް ކަމަށް ބޭނުންވާނެ ތަކެތި ނޯޓް ކޮށްލިއެވެ. ހިތަށް އަރައެވެ. ފުރަތަމަ ފަށާނީ ކޮން فائدة އަކުން ބާވަ އެވެ.   މިއޮތީ فرعون مناجا އެވެ. ދެން ބަލާ قنوت އެވެ. مبسط دعاء އެވެ.  ރަސް جه އެވެ. އިރު ردعاء އެވެ. خيبرقنا އެވެ. މުޅި ރަށް އެކުގައި ފަޅުކޮށްލަން ވެއްޖެނަމަ މިއޮތީ ފަޅު فريق އެވެ.  މިހާރު މާ مدم ހިތްހަމަޖެހޭ ވަރު ވެއްޖެ އެވެ. ދެން ކުޅިގަނޑު ފަށާނެ ނުބައި ފަޅު ދުވަހަކާމެދު ބަލައި ހަފުތާގައި ވާ ނުބައި ތިން ދުވަސް މަހުން ނުބައި ފަޅު ދުވަހާ ހިމަނައި قرآن ގައި ستّت أيّام ގައި ނުހިމެނޭ ނުބައި ހަތްވަނަ ދުވަހަށް ކަން ހިމެނޭއަށް ބަލައިފި އެވެ. ދެން މާ مدم ކަލޭގެ عشاء ނަމާދު ކޮށްގެން މީހުން މިސްކިތުން ދިއުމުން މަލިންކުނާ މަތީގައި މާމެލާމެލި އަތުރައި ކިޔެވެލި ކިޔަވަން ފެށި އެވެ.

 
عشاء ނަމާދު ކޮށްގެން ދިޔަ މީސްތަކުން ކައި ބޮއި ހެދުމުގައި مشغول ވެގެން އުޅެ އެވެ. މުޑަހަނދިގޭގައި ވެސް މީހުން ކޮޅުކޮޅު މައްޗަށް ހެލިފެލިވެ އުޅެ އެވެ. ކުރިމަގުގޮއްޔެ، އާދަނަށް ބުނެފި އެވެ. އާދަނާއޭ! ކަލޭ ގެ ބަލައިލާށޭ. މަ އެހެރި ކިބައަށް ޖެހިލައިފާ އެބައަންނަމޭ!
 
މިއީ ފުރަތަމަ ރެ އެވެ. މާ  مدم ކަލޭގެ މަލިންކުނާ މަތީ މާ އަތުރައިގެން ކިޔެވެލި ހަމަކޮށް މާތަކާ އެކު މަލިންކުނާ އޮޅައިލުމަށް ފަހު ކިހިލި ދަށަށް ކުނާ ލައިގެން އަނދިރި މަގުމަގުން މުޑަހަނދިގޭދޮށަށް މަލިންކުނާ ފޮޅައިލުމަށް ދަނީ އެވެ. އެއީ އެ ގޭދޮށަށް މަލިންކުނާ ފޮޅާލައިފި ނަމަ އެގޭގައި ތިން ދުވަސް ވާއިރު ދިރިހުރި މީހަކު ނުހުންނާނެ ކަމަށް ބޮޑު ފޮތުގައި ވާތީ އެވެ. މި ކަމުގެ ފިކުރުގައި ތުން ހަލުވަމުން ހިނގަމުން އަނދިރި ތަންތަނުން ހިނގަމުން خطيب ގޭ ދޮރުމައްޗާ ހަމަވިތަނާ މީހަކު ފަހަތުން ކުނާ ދަމައިގެންފި އެވެ. މުޅި އެ ހިސާބުގަނޑަށް މާތައް ބުރައިގެން ހިނގައްޖެ އެވެ.
މާ މުދިންކަލޭގެ އެހައި ސިއްރުން ކުރި ކަންތަކަށް މި ވީގޮތަކުން ސިއްސައިގެން ގޮސް ގަތްބިރެއްގެ ބޮޑުކަމުން ހުރިތަށް ދެކަމު ޙާޖިތަށް ދެވިއްޖެ އެވެ. ގަތްބިރުން ހޭ ދެބައިވެގެން ގޮސް އަނދިރީ ތެރޭގައި އެ މާތަކުގައި ހޭކެވި މޮޑެވިއްޖެ އެވެ. ދެން ވަކިން ގަތްބިރު ބޮޑުވެ، ޅަ ހީކަރުވާފައި ޅަ ގުއިރަވައިފާ، ޅަ ހުން އަތުވެއްޖެ އެވެ. وسواس ގެ ފަރާތަށް يقين ކުރެވި ހިތާހިތުން ބުނެ ކަށަވަރު ކުރެވިއްޖެ އެވެ. މިޖެހުނީ މަގޭ  އެވެ. އެ މާތަކުގައި ބީހިއްޖެ ކޮންމެ މީހަކު رهط ގެ جنّ ތަކުގެ އަތްދަށުވީ އެވެ. އެންމެ ފުރަތަމަ މި މާތަކުގައި މި މޮޑެވުނީ މަ ވިއްޔާ އެވެ. ކޮންމެ މީހަކު ވިއަސް رهط ގެ އަތްދަށުގާ ވެއްޖެ ނަމަ ފުރާނަ ހުއްޓާ ދުލެއް ނުކުރާނެ އެވެ. نفسيّات ގެ ބަލިން ސިކުނޑި خراب ވުމުން ހިތަށް އަރަ އޭ ކަނޑަށް އެރޭނީ އެވެ. ދެން ވާއެއް ނުވާއެއް ނޭގި އަނދިރީގައި ރުއްގަހުގައި ތެޅެމުން ވެއްޓެމުން ތެދުވަމުން ފިރުކެމުން ކަހަލަ ގޮތަކަށް ދެވޭ ނުދެވޭ ތަނެއް ނޭނގެ އެވެ.

ފަތިހު މަހަށް ދާން ފުރަތަ ނިކުތް މީހުންނަށް ރަށުގެ ދެފަސް ބެދޭތާންގައި ވެލައެއް އަރާފައި އޮތީމައި ކުރިއަށް ހުރި މީހާ ބުނެފި އެވެ. ކަލޭމެން މަޑުކުރާށެވެ. އެއޮތީ ވެލައެކެވެ. މިއޮތީ ކަމާ ދިމާވެފަ އެވެ. އެއްޗެހި ބަހައްޓާފާ އެކަމައިގެން އުޅެމާހެއްޔެވެ. ދެން އެދަންވަރު މަސްވެރިއަކު ނޫނީ ހޭލައި ނުވެސް އުޅޭނެ އެވެ. ރަނގަޅަށް އަލިކޮށް ބެލިއިރު ރަށު މާ  مدم ކަލޭގެ އެވެ. އެންމެން ވެސް ކަންބޮޑުވެ ބިރުގަނެއްޖެ އެވެ. ދުވެފައި ގޮސް ކަތީބަށް ގޮވައި ހަޅޭލުމުން ކަތީބު ދެބަ ރޯނާގައި ހުރެ ދޮރު ހުޅުވައިފި އެވެ. ވީގޮތް އެނގުމުން ބޭރަށް ނުކުމެ އެއްކަލަ މާތަކުގައި އެތައް ފަހަރަކު އުނގުޅިއްޖެ އެވެ. ގޭތެރޭގައި ނިދާފައި ތިބި މީހުންނަށް ވެސް ވެގެން އުޅޭ ގޮތެއް އެނގުމުން އެންމެން ވެސް ގެއިން ބޭރަށް ނުކުތީ އެވެ. އެންމެންނަށް ވެސް އެ މާތަކުގާ އަތްލައި އުނގުޅި ހެދިއްޖެއެވެ. އެދުވަހު މާ މުދިންކަލޭގެ ވަޅުލާފައި އައިގޮތަށް ތިންވަނަ ދުވަހު ނެރުނީ ކަތީބުގެ ސަންދޯކެވެ. ދެން ހުރީ نائب ކަލޭގެ އެވެ. މީނާ ބުނެ އެވެ. މިއަކީ އާދައިގެ ކަން ހިނގާ މަގުން ހިނގާ ކަމަކަށް ނުވާނެއެވެ. މިއީ ކޮންމެވެސް މީހެއްގެ ސިހުރު ހާހޫރައެކެވެ. މިކަން ކުރި މީހަކު ބަލާނަމެވެ.

ދެން ޖެހިގެން އައި ރޭ ތިން ރުވާފަތުގައި ލިޔެފައި މީހުން ހިނގާ މަގެއްގެ އެއްފަރާތެއްގާ ހުރި ދެފޫޓެއްހައި އުސްއެއްޗެއްގައި އެއްފަތް ބޭއްވި އެވެ. އެ ހާހޫރަ ހެދި މީހަކު ތިން ފަހަރު ވެސް އެފަތް ބަލައި އަންނާނެ އެވެ. ދެން ދިމަދިމާލުގައި ފާރައަށް މީހުން ތިބީ އެވެ. ފަތް ގެއްލިއްޖެ އެވެ. މީހަކު ނާދެ އެވެ. ތިންފަހަރު ވެސް ވީ މިގޮތެވެ. މި ކަމާ ސިހުންވީ މާބޮޑަށެވެ. ހިތަށް އެރި އެވެ. އެ މީހާގެ މަކަރަށް ވުރެ މަގޭ މަކަރު މާ ގަދަވާނެ އެވެ. މާ މުދިމު ނެތުމާއެކު މިސްކިތް ވެސް މިވަގުތު ބަލަން ޖެހިފައި ވަނީ نائب އާއެވެ. نائب އެދުވަހު މިސްކިތު ވޮށް އުނގުޅައި ސާފު ކޮށްލުމަށް ފަހު އެރޭ މިސްކިތު ވޮށަށް އެޅީ ޒައިތޫނި ތެލެވެ. ދެން އެދުރު ފޮތްގަނޑު ނަގައި سحر ގެ باب ތައް ބަލައި مطالعة ކުރުމަށްފަހު މިސްކިތު ވޮށަށް ލާނެ ކާޅިވައް فتيلا އެއް ތައްޔާކު ކޮށްފި އެވެ. އަދި ހިތާހިތުން ބުނެލި އެވެ. އެ ހާހޫރަ ވެރިޔާ މިރޭ މި މިސްކިތަށް އަންނާނެ އެވެ. އެމީހާ މިވޮށުގެ އަލީގައި އުނގުޅޭނެ އެވެ. އެމީހަކަށް ދިރިހުރެވޭނީ މި ވޮށުގައި ހުރި ތެޔޮ ހުސްވާދެންނެވެ. ވޮށުގެ ތެޔޮ ހުސްވެ ފުއް ކަނި ވާވަރަކަށް އެމީހާ ދޮޅި އުފުރާ ނޭވައި ލަމުން ގޮސް އެންމެ ފަހުން ކަނިވި ހުޅުކޮޅު ނިވުމާ އޭނާގެ ފުރާނަ ދޫކޮށްލުމާ އެކު ވާނެ އެވެ.

ދެން ކަން ވީގޮތަކީ އެރޭ عشاء ނަމާދަށް ފަހު نائب ކޭން ބައްލަވައި ދުން ބައްލަވާން އޮންނަވަނިކޮން ނިދިކުރެވުނީ އެވެ. އެހެން އޮންނަވަނިކޮން ކަރުތެރޭގާ ދަވަ ގިނަވެގެން ކެއްސަމުން ތެދުވެ ބޮޑުއަށިމަތީ އަތް ވިއްދައިގެން އިނުމާއެކު ނޭވައި އަޑު ގޮވާން ފަށައިފި އެވެ. ދެން ކުޅު ޖެހުމަށް ލޯގަނޑު ދިމާކުރުމުން އެއްބައި ލޯގަނޑަށް އަނެއް ބައި ގަޔަށާ އަނދެގެން އިން ފޮށައަށް ވެރިއްޖެ އެވެ. ދެން ތާހިރު ކުރުމަށްޓަކައި އެކަކު އަލިވާ ހިސާބަށް ވޮށް ގެނެސްފި އެވެ. نائب އެ حال ގާވެސް ދެލޯ ބޮޑުވެގެން ދިޔައެވެ. ކޮންމެވެސް އޮޅުމަކުން ނުވަތަ ސަބަބަކުން ނަމަވެސް އޭނާ މިސްކިތަށް ތައްޔާރުކުރި ވޮށް މިހުރީ ގޭގައި ދިއްލާފަ އެވެ. ދެން ދެލޯ މުދުނަށް އަރައިގެން އުޅޭ حال ގައި ނޭވައިން އަޑުގޮވާން ފެށުމުން އެތާ ތިބި މީހުން نائب ބޮޑުއަށި  މަތީގާ ބާއްވައި އެވެ. ދެން އެންމެންނަށް ވެސް ކިއުނީ ދާދި އެކައްޗެކެވެ. ހަމަ ގަދަވެ ހެޔޮ ހާލުގައި ހުރި މީހަކު ކުއްލިއަކަށް މި حالت އަށް ދާނީ ކޮންމެވެސް މީހަކު ކުރި مجرّب سحر އަކުންނެވެ. އެއް ބަޔަކު ބުނެފި އެވެ. ތިޔަހެން ވިއްޔާ ޖެހޭނީ سحرباطل ން ކަމެއް ކުރާށެވެ. އެހެންނޫނީ سحر މުގުރިން ތައްޓެއް ލިޔާށެވެ. އަނެއް ބަޔަކު ބުނެފި އެވެ. ތިޔަހެން ހަދާއިރަށް  ހެދިމީހާ އަނެއް سحر ހަދާނެއެވެ.

މިކަމަށް އެންމެ ރަނގަޅު ވާނީ سحر ހެދި މީހާ ވަގުތުން މަރުވާކަހަލަ ކަމެއް ކުރުމެވެ. އޭރުން ހުރިހާ ކަމެއް އެކަތި ފަހަރުން ކަނޑައިގެން ދާނެއެވެ. ދެން މިގޮތް ރަނގަޅު ކަމަށް ފެނުނު މީހުންގެ މައްޗަށް ގިނަ މީހުން އެއްބަސް ވެއްޖެ އެވެ. ދެން ކަމަށް އެކަށޭނަ އެދުރުބޭކަލެއްގެ ބަހަށް ބިމު ނުޖެހޭ ރަތު ރުކު ބޮޑު ކާއްޓެއް ވަގުތުން ތައްޔާރުކޮށް އެ ކާށީގައި ލިޔާއެއްޗެއް ލިޔަމުން ދާއިރު ކަޅު ހިލަ ދަލެއް (ދައެއް ) ގެއަށް ވައްދައި ދެ އަށި ދޭތެރޭގައި ބާއްވައިފި އެވެ. ގަދަބަސް ބުނާ މީހުން ބުނެއެވެ. سبّح اسم މަރުވަޅަށް ކަޅު ހިލަ ދާގައި ކާށި ޖެހުމާ އެކު سحر ހެދި މީހާ ހަމަ ވަގުތުން މަރުވެގެން ވެއްޓޭނެއެވެ.

މިހާރު އެންމެން ނޭވައި ހިފަހައްޓައިލައިގެން ބަލަބަލާ ތިބީ އެވެ. އެދުރު މީހާ ކާށި މަތުރައި ކާއްޓަށް ފުމެމުން ކަޅު ހިލަ ދާގެ ވަށައިގެން އެބަ ނެށުންގަނޑެއް ނަށައެވެ. ދެން ދެއަތު ކޮޅަށް ކާށި ދަމައިލާފައި ކަޅުހިލަ ދަލަށް ކާށީގެ ހަމަލާ ދީފި އެވެ. އެ ވަގުތު އެތާ ތިބި އެންމެން الله أكبر ހަރުއަޑުން ކިޔައިފިއެވެ. ކާށި ފުނޑުފުނޑުވެ ބުރައިގެން ދިޔަ ފެނާ، ކާށީގެ އެތިކޮޅެއް نائب ކަލޭގެ ގައިގާ ޖެހުނު ވަގުތަކީ އޭނާގެ އެންމެ ފަހު ނޭވައިލީ ވަގުތެވެ.

ރަށުގެ ހުރިހާ ވެރިން ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން ރަށަށް ވެރިން ލުމަށްޓަކައި އަތޮޅުވެރިން ގެނެވި رعيّة ން ނަށް ފެންނަ ބައެއްގެ ނަން ތައް ހުށައެޅުމުން އަތް ކޮޅަށް ނަގާ ވޯޓުން ހަތް މީހުންކުރެ އެންމެ ގިނަ ވޯޓު ލިބުނީ މުޑަހަނދިގޭ މުޙަންމަދާއި އެގޭ  ޢަލީއާ ޙަސަނަށެވެ. ހަތަރުވަނަ ފަސްވަނަ އަށް ވޯޓު ލިބުނީ ކަތީބުގޭ މޫސާ އާ މުދިންގޭ ކުޑަހުސޭނަށެވެ.

رعيّة ންގެ أغلبيّة އިން رعيّة ން ފާހަގަ ލައި ފަންވަތް އެއްސި ތިން މީހުންނާ ކަންކަން ވަގުތީގޮތުން حوال ކޮށް މާލޭން ފަތްކޮޅު އަންނާންދެން رعيّة ހޮވި މީހުން ވެރިން ކަމުގައި ބަލައިގެން އުޅުމަށް އަތޮޅުވެރިން އެންގެވި އެވެ.

މިހާރު މަޑުއާދަނާ ކުރިމަގުގޮއްޔެގެ ހަ ދަރިން ނަކީ ރަށުގެ ބޮލާއިންނެވެ. އެއީ 4 ފިރިހެން ކުދިންނާއި އަންހެން 3 ކުދިންނެވެ. ހުރިހާ ކުދިންނަށް ވެސް ދަރިން ލިބި ކާފަ މާމަ 21 ކުދިން ތިބެ އެވެ. މަޑުއާދަނު މުސްކުޅިބަލީގައި ނިޔާވެއްޖެ އެވެ. އާދަނަށް ސާޅިސް ވެގެން ރަށު އެންމެންނަށް فاتحة ބަތް ކެއްކި ދުވަހު ކުރިމަގުގޮއްޔެ އާ ކާވަނީ ރޭގައި އެޅި ހެދުމާ އުޅުނެވެ. އެ ދުވަހަށް ފަހު ކުރިމަގުގޮއްޔެ ދިޔަ ތަނެއް އެނގޭ މީހަކު ނުވަތަ ދުށް މީހަކު ވެސް ނޫޅެއެވެ. އައި ތަނެއް ނޭނގުނު ފަދައިން ދިޔަ ތަނެއް ވެސް ނޭނގުނެވެ!

ނޯޓް:

ރާއްޖޭގައި ކުރީ ޒަމާނުގައާ މިޒަމާނުގައި ވެސް دينގެ موبقاتގެ ތެރޭގާ ހިމެނޭ سحر އާއި މިނޫން ވެސް އެފަދަ ކަންކަން جاهلން ގެ عمل ތަކުން ޘާބިތު ވެއެވެ. އެ ކަންކަމަށް އެމީހުން އެދޭ ގޮތަކަށް ކަން ހިންމަވައި ދެއްވަނީ އެކަންކަމަށް ﷲ ރުހިވޮޑިގެން ވާތީއެއް ނޫނެވެ. މީހުން إعتقاد ކުރާ ކިތަންމެ ކަމަކަށް ކަން ހިންމަވައިދެއްވަނީ ﷲގެ ربوبية ވަންތަ ކަމުގެ ފުރަމާނައިން ހިނގާ ކަމަކަށް ވާތީއެވެ. نوذبالله!  من سرورانفسنا و أعمالنا.......الخ

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ