އަދުގެ ޚާއްސަ

Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (1)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ބިންމާ އިބްރާހީމް ވަޙީދު
   
އަހަރެން އަތުގައި ވަރަށް ބައިވަރު ފައިސާ އެބަހުއްޓެވެ. އެކަމަކު، އަހަންނަކަށް ހިތްހަމަޖެހުމެއް ނުލިބެ އެވެ. އަހަރެން މުސްކުޅިވާ ދުވަހު އަޅާލާނެ ބައިވަރު ދަރިން އެބަތިއްބެވެ. އެކަމަކު، އަހަރެން އުފަލެއްނުވެ އެވެ. އަހަންނަކީ، ރާއްޖޭގައި ހުރި އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ އެވެ. އެކަމަކު، އަހަރެންގެ ސިކުނޑި އަށް އެއްވެސް އަރާމެއް ނުލިބެއެވެ. މައްސަލަ އަކީ ކޮބައިހެއްޔެވެ؟


ބުނާ އަޑު އަހަމެވެ. ހިތްހަމަޖެއްސުމަށްޓަކައި ބޭނުންވަނީ ތަނަވަސްކަމެވެ. މަޝްހޫރުކަމެވެ. ބާއްޖަވެރި ޢާއިލާއެކެވެ. ވީއިރު، އެ ހުރިހާ އެއްޗެއް ލިބުމުން ވެސް ތިމާގެ މާޔޫސްކަން ނުފިލަނީ ކީއްވެގެން ހެއްޔެވެ؟ ހިތްހަމަނުޖެހެނީ ކީއްވެގެން ހެއްޔެވެ؟
   

އަހަރުމެން ހުރިހާ އިންސާނުން ވެސް ދުނިޔެ އަށް އައީ ވަރަށް މުހިންމު ބޭނުމަކު އެވެ. އަޅުކަމަށްފަހުގައި ވެސް، ދިރިހުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ހުރެ އެވެ. އެއީ ނިދުމާއި ކެއިންބުއިން އެކަންޏެއް ނޫނެވެ. ލަކުޑިގަނޑަކުން ހުންގާނެއް ހަދާ މީހާ އަށް، ހަމައެކަނި މޮޅު ލަކުޑިގަނޑެއް ލިބުމަކުން ނުފުދެ އެވެ. މަސައްކަތް ކުރުމަށް، އެންމެ ޒަމާނީ އާލާތްތައް ލިބުނަސް، ދެން ވެސް ފުދުނީކީ ނޫނެވެ. ހުންގާނު ފަރުމާކުރުމުގައި، މާވަޑިމީހާގެ ހުނަރު އިންތިހާ އަށް ބޭނުންވެ އެވެ. ލަކުޑި އަށް ކިއްސަރު ގެނައުމުގައި، ތިމާގެ ކުޅަދާނަކަން ބޭނުންވެ އެވެ. އެ ވަރަކުން ވެސް ނުފުދެ އެވެ. އެ ހުންގާނު ބޭނުންކުރާ މީހާގެ ހުޝިޔާރު އުކުޅުތައް ވެސް ފަހުން ބޭނުންވާނެ އެވެ.
   
މަރުވާނީ ކޮންދުވަހަކުންކަން އެނގެނީ ކާކަށް ހެއްޔެވެ؟ މާދަމާ ކުރިމަތިލާންޖެހޭނީ ކޮންކަހަލަ އިމްތިޙާނަކާކަން އެނގޭ ހެއްޔެވެ؟ އިއްޔެ ކުރި ކަމެއް އަލުން ބަދަލުކުރެވޭނެ ހެއްޔެވެ؟ ނިކަމެތި އިންސާނާ އަށް ބާރުފޯރުވޭނީ މި ސިކުންތަށެވެ. ސިކުންތު ވޭތުވުމާއެކު، އެ ބާރު ގެއްލިގެންދެ އެވެ. ހަށިގަނޑުން ބޭރުކޮށްލާ ނޭވައެކޭ އެއްފަދަ އެވެ. އަލުން އެ ނޭވާ އަނބުރައެއް ނުގެނެވޭނެ އެވެ. އިއްޔެ ތިމާ އަތުން ކުށެއް ކުރެވިފައި އޮވެދާނެ އެވެ. ބޭނުން ނަމަ، އުމުރުދުވަހު، އެ ކަމާ ހިތާމަކޮށް، މާޒީގެ ޖަލުގައި، ކުށްވެރިއެއް ފަދައިން ކަސްތަޅު އެޅުވިފައި ރޯން ހުރެވިދާނެ އެވެ. ބޭނުމީ އެ ގޮތް ހެއްޔެވެ؟ ނޫނީ، މި ވަގުތު ދެން ހޯދެން އޮތީ ކޮން ޙައްލެއްތޯ ބަލައި، އެ ކަމަކައިގެން ކުރިޔަށް ދިޔުން ނޫން ހެއްޔެވެ؟
   
ކޮންމެ އިންސާނަކު ވެސް ދުނިޔެ އަށް އަންނަނީ ހުދު ކަރުދާސްގަނޑެއްހެންނެވެ. އެ ކަރުދާހުގައި ފުރަތަމަ ފޮޅުވަތް އަޅައިދެނީ މައިންބަފައިންނެވެ. ތިމާ، އަކުރު މަތީގައި އަކުރު އަޅައެވެ. ދެވަނަ އަށް، މުދައްރިސް ފޮޅުވަތް އަޅައިދެއްވަ އެވެ. ތިންވަނަ އަށް، އެކުވެރިން ފޮޅުވަތް އަޅައިދެއެވެ. އެންމެ ފަހުން މި ބުނީ، އެ ބަޔަކާ އެކުގައި، އެންމެ ގިނަ ވަގުތު ހޭދަވާ މީހުންގެ ވާހަކަ އެވެ. އެހެންކަމުން، މައިންބަފައިންނާއި މުދައްރިސުން އަޅައިދެއްވި ފޮޅުވަތްތައް ފޭދި، އެކުވެރިން އެޅި ފޮޅުވަތްތަކާއި، އޭގައި ޖެއްސި ކުލަތަކަށް ތިމާ ޝައުޤުވެރިވެ އެވެ.
   
އުފާވަނީ ތިމާ އަށް ލިބޭ ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ. ހަމަ އެ ފަދައިން، މާޔޫސްކަމާއި ހިތާމަ ލިބެނީ ހިތްހަމަނުޖެހުނީމަ އެވެ. ހިތްހަމަނުޖެހުން ބޮޑުވުމުން، އެ ހިތްދަތިކަމުން ސަލާމަތްވުމަށްޓަކައި އަތުންފައިން ގޯސްހެދެ އެވެ. ބޭނުންވަނީ ޙައްލެކެވެ. އޭގެ ބަދަލުގައި، އަބަދު ވެސް ހިތްހަމަޖެހިގެން އުޅެވޭނެ އުކުޅުތަކެއް ދަސްވެއްޖެ ނަމަ އެއީ ކިހާބޮޑު ހިތްހަމަޖެހުމެއް ހެއްޔެވެ؟ ސުވާލަކީ، އެ ފަދަ އުކުޅުތަކެއް އެބަހުރި ހެއްޔެވެ؟ ޖަވާބަކީ އާނއެކޭ އެވެ. ސުވާލަކީ، އެ އުކުޅުތައް ދަސްވުމުން، ދުވަހަކު ވެސް ތިމާ އަށް ހިތްދަތިކަމެއް ކުރިމައްޗެއް ނުވާނެ ހެއްޔެވެ؟ މި ފަހަރުގެ ޖަވާބަކީ ނޫނެކޭ އެވެ. އެކަމަކު، ދަސްވި އުކުޅުތަކުގެ އެހީގައި، ދިމާވި ހިތްދަތިކަން އުފަލަކަށް ބަދަލުކޮށްލުން އެއީ ދާދި ފަސޭހަކަމެކެވެ.

    ވިސްނާލަންވީ އެންމެ 7 ކަމަކަށެވެ.

1.    ބުއްދި ތަނަވަސް ކުރާށެވެ.

2.    ލަނޑުދަނޑިއެއް ކަނޑައަޅާށެވެ.

3.    ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށެވެ.
 
4.    މީހެއްގެ ވިއްޔާ ގޮތެއް ހުނަންނަވާނެ އެވެ.

5.    ވަގުތަށް ކަމޭހިތާށެވެ.

6.    މީހުންނަށް އެހީތެރިވާށެވެ.

7.    މި ސިކުންތުގެ ބޭނުންހިފާށެވެ.


ނުކުރެވޭ ވަރުގެ އެއްވެސް ކަމެއް އެބައޮތް ހެއްޔެވެ؟ އެ 7 ކަމުގެ ތެރެއިން އެއްވެސް ކަމެއް ކުރުމަށް، ވަކި ޚާއްޞަ ހުނަރެއް ދަސްކުރަންޖެހޭ ހެއްޔެވެ؟ ނުވަތަ، ކުރިން ތިމާ އަށް ނޭނގޭ ކަމެއް އޭގައި އެބައޮތް ހެއްޔެވެ؟ ފަހަރެއްގައި އެހެން ވެދާނެ އެވެ. ދަތެއްގައި ރިއްސުމުން، ބައެއްފަހަރު، އެއީ ކޮން ދަތެއްކަން ބުނަން އުނދަގޫވެދާނެ އެވެ. ދަތުގައި ރިއްސަނީ ކީއްވެގެންކަން ނޭނގިދާނެ އެވެ. ފެންބޯން ނޭނގޭ އެކަކު ވެސް ނުހުންނާނެ އެވެ. އެކަމަކު، ފެންބުއިމަށްޓަކައި އުސޫލުތަކެއް ހުންނަކަން ނޭނގި ހިނގައިދާނެ އެވެ.

އިންސާނުންނަކީ މާތްﷲ ގެ އަޅުންނެވެ. އެހެންނަމަވެސް، ތިމާ އަކީ ކަލެއްކަމަށް ދަޢުވާކުރި މޮޔައިން ވެސް އުޅެފައި އެބަހުއްޓެވެ. ތިމާ އަކީ، އެންމެ ނުފޫޒުގަދަ މީހާ ކަމުގައި ދެކޭ މީހުން، މިހާރު ވެސް އެބައުޅެއެވެ. ބާރެއް ތިމާ އަށް ދެއްވާފައިވާތީވެ، ހިތުހުރި ގޮތަކަށް ކިތައް މީހުން އުޅޭ ހެއްޔެވެ؟ ކުއްލިއަކަށް އެ މީހާ ބަލިއެނދުގައި އޮށޯންނަންޖެހެ އެވެ. ކުރިން ނުވެސް އެނގި، އެއްވެސް އަނިޔާއެއް ނުވެ، ބައްޔެއް ވެސް ނުވެ އެވެ. ހަމަ ހިނގަހިނގާ ހުއްޓައި، ގައިން ވާގިދޫވެގެން މަގުމައްޗަށް ވެއްޓެނީ ކިތައް މީހުން ހެއްޔެވެ؟

ނުބައެއް އެބައުޅޭ

މިސާލަކަށް އަހަރެން ބަލަމާ ހިނގާށެވެ. އަހަންނަށް ވުރެ މަޝްހޫރު މީހަކު ރާއްޖެއަކު ނެތެވެ. ޤާނޫނީ ވަކީލަކީމެވެ. ލޯ ފާރމެއްގެ ވެރިއެކެވެ. އެއްދުވަހަކު، ކޯޓުގައި ވަކާލާތުކުރަން ހުއްޓައި އަހަރެން ވެއްޓުނީ އެވެ. ވަކާލާތު ކޮށްދިން އެއްވެސް މައްސަލައަކުން ނާކާމިޔާބުނުވާ، މަހަކު އެއް ލައްކަ ރުފިޔާގެ އާމްދަނީއެއް ލިބޭ، އަޑުހަރު، ނުގުޑާ ޢަޒުމްގެ ވެރިޔާ އެ ދުވަހު ބިންމަތީގައި ތެޅިފޮޅުނީ އެވެ. އަހަރެން ހިތަށްއެރި އެވެ. ސަހަރޯ އެވެ. ބިންމަތީގައި ހުސްފައި ނުޖައްސާ އަހަރެން، ބިންމަތީގައި މިއޮއް އެނބުރެނީ އެވެ. ހަޅޭއްލަވަނީ އެވެ. ހުންއައުމުން ޑޮކްޓަރަށް ދައްކަން ސިންގަޕޫރަށް ދާ އަހަންނަށް މި ޖެހުނީ ކޮންފަދަ ބިކަ ހާލެއް ހެއްޔެވެ؟ އަހަރެން ފަކީރު މަރުވާން އޮތީ މި ފަދައިން ހެއްޔެވެ؟

އަހަރެން އަބަދު ވެސް ބުނަމެވެ. ހުރިހާ ވެސް އެއްޗަކީ ފައިސާ އެވެ. ފެންވަރު ރަނގަޅު ވަޒީފާ އެވެ. މަޝްހޫރުކަމެވެ. އަހަރެން ދެކޭގޮތުގައި، އަހަރެން ވަރުގެ މީހަކު ނުހުންނާނެ އެވެ. އަހަންނަށް ނުގަނެވޭނެ އެއްޗެއް ނުވަތަ ނުދެވޭނެ ތަނެއް ދުނިޔެއަކު ނުހުންނާނެ އެވެ. އަހަންނަކީ، ދުވާލަކު ބާރަގަޑިއިރަށް ވުރެ ގިނަ ވަގުތު މަސައްކަތްކުރި މީހެކެވެ. މުރާލި، ތޫނުފިލި، ހުޝިޔާރު މީހެކެވެ. އަހަރެން ދުށްގޮތުގައި، އަހަރެން ބޭނުންވާ އަމާޒަށް ވާސިލު ވެވޭނީ އޭރުންނެވެ. އަޅާ ޓައީ އަށް ދާންދެން، ބޭރުން އޯޑަރުކޮށްގެން ގެންނަ އަހަރެން، ކޮންމެ ކަމެއް ވެސް ކުރާނީ އަހަރެންގެ ސްޓައިލަށެވެ. އަހަރެން ބޭނުންވާ ގޮތަކަށެވެ. މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނޯންނާނެ އެވެ.
ޝަރީއަތުގެ މަޖިލީސްގައި އަޑުގަދަކޮށް ވާހަކަދެއްކުމާއި، ޤަވާޢިދަށް ކިޔަމަންނުވުމަކީ އަހަރެންގެ އާދަ އެވެ. އަހަރެންގެ ނަޒަރުގައި، އަހަރެން ކަންކުރަނީ ރަނގަޅަށެވެ. ރޭގަނޑުވެއްޖެ ނަމަ އަހަރެން ފެންނާނީ، މާލޭގައި ހުންނަ އެންމެ އަގުބޮޑު ރެސްޓޯރަންޓުތަކުންނެވެ. އެންމެ އަގުބޮޑު ކާރާއި، އެންމެ ހިތްގައިމު ސައިކަލާއި، މާލޭގެ އެންމެ ރީތި ގޭގެ ވެރިއަކީ ވެސް އަހަންނެވެ. ނުހަދައި އޮތް އިތުރު ބިމެއް ވެސް އޮވެއެވެ. އަހަންނަކީ، ދުވަހަކު ވެސް ޗުއްޓީއެއް ނަގާ މީހެއް ނޫނެވެ. އަހަރެން ދެކޭގޮތުގައި، އަހަންނަށް ޗުއްޓީއެއް ބޭނުމެއްނުވެ އެވެ.

އަހަރެންގެ ހުރިހާ ކަމެއް ކިތަންމެ ފުރިހަމަ ކަމުގައި ވިޔަސް، ނުބައެއް އުޅޭހެން، މާކުރިން އަހަންނަށް ހީވާންފެށި އެވެ. ކަންކަމުގައި ތިހާ ލައިނުގަނެގެން ނޫޅޭށޭ ރައްޓެހިން ބުންޏެވެ. ހައްޓަށް ބަލައިގެން އުޅޭށޭ ވެސް ކިއެވެ. އަޑެއްނާހަމެވެ. ކޮންމެ މައްސަލައަކާ ހަނގުރާމަކުރަން އަހަރެން ކޯޓަށް ދިޔަސް ދަނީ، ކޮންމެ ދިމާޔަކުން ސުވާލެއް އަޔަސް އެ ދިމާޔަކަށް ތައްޔާރުވެގެންނެވެ. ބައެއް ފަހަރު، ތައްޔާރުވުމަށްޓަކައި އަހަރެން ހޭލާ ހުންނަމެވެ. އަހަރެން ފެއިލްވެގެން ނުވާނެ އެވެ. ނަންބަރު ވެއްޓިގެން ނުވާނެ އެވެ. އެހެން އިންސާނުން ޢާއިލާއާ އެކުގައި، މަދު މިންވަރަށް ޝުކުރުކޮށްގެން އުޅުނުއިރު، އަހަރެން އުޅުނީ ހޭބޯނާރާ ފައިސާ އެއްކުރާށެވެ. މައްސަލަ ދިމާވީ އެ ހިސާބުންނެވެ. އެއީ ނޭނގި ވީކަމެއް ނޫނެވެ.

ދެވަނަ ވިސްނުމަކަށް

އަހަންނަށް ކަންތައް ދިމާވިގޮތުން، ވަގުތު އޮއްވައި އަހަރެން ހޭއެރި އެވެ. އުޅެމުން ގެންދުވުނީ އެންމެ ރަނގަޅަށް ނޫންކަން ވިސްނުނެވެ. އެ ހިސާބުން، ރަނގަޅުގޮތް ހޯދުމުގެ މަސައްކަތް ފެށީމެވެ. އަހަރެން ރާއްޖެއިން ބޭރަށް ފުރީމެވެ. ރައްޓެހިންނަށް "ގެއްލުނީމެވެ." ދިޔަތަނެއް، ދިޔަ ބޭނުމެއް، އެއްވެސް އެކުވެރިއަކަށް ނޭނގޭނެ އެވެ. އެކަމަކު، އަހަރެން ކުރި މަސައްކަތަކީ، ހިތްހަމަޖެހިގެން އުޅެން ކުރަންޖެހެނީ ކޮންކޮން ކަމެއްތޯ ހޯދުމެވެ.

   
ކުރުކޮށް މި ކިޔާދެވުނީ އަހަންނަށް ކަންތައް ދިމާވި ގޮތެވެ. އަހަރެން މާލެ އަށް އައީ އެ ސުވާލުގެ ޖަވާބު ހޯދުމުގައި، 3 އަހަރު ހޭދަކޮށްފަ އެވެ. އެކި ކަހަލަ މީހުންނާ ބައްދަލުކޮށް، އެކި ކަހަލަ ފޮތްތައް ކިޔައި، އެކި ކަހަލަ ކޯސްތައް ހަދާފަ އެވެ. މީހަކު ބުނެފާނެ އެވެ. ހިތްހަމަޖެހިގެން އުޅެން އެހާ ގިނަ އެއްޗެހި ދަސްކުރަންޖެހޭ ހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. ހިތްހަމަޖައްސަން ބޭނުންވާ ފޮނި މޭވާތައް ހުންނަނީ، ކޮރާލުމުން އަތްފޯރާ ހިސާބުގަ އެވެ. ދަސްކުރަންޖެހެނީ ކޮރާ ގޮތެވެ.
   
އަހަރެން އެނބުރި މާލެ އައިއިރު، ފެންނަ ކޮންމެ މީހަކަށް ވެސް، ބޭރުފުށަށް އެކަނި އައިސްފައިވާ ބަދަލުތައް ވެސް ފާހަގަކުރެވޭނެ އެވެ. ލޮކިމަސްޖަހައި، ސިނގުބަނޑެއްލާފައި ހުރި އަހަރެން، 3 އަހަރަށްފަހު މީހުންނަށް ފެނުނީ "ޒުވާންވެފައި" ވަނިކޮށެވެ. ފެންނަ ކޮންމެ މީހަކު ބުނެއެވެ. ކަލޭ ހައްތަހާ ޒުވާންވަނީ ކީއްވެގެން ހެއްޔެވެ؟ ކަނީ ކޯޗެއް ހެއްޔެވެ؟ ކުރަނީ ކޮން ކަސްރަތެއް ހެއްޔެވެ؟ އަހަރެން ކަނީ އެހެން މީހުން ކާއެއްޗެއްސެވެ. ތަފާތީ ކާ ވަގުތާއި ގޮތެވެ. އަހަރެން ކުރަނީ އެހެން މީހުން ވެސް ކުރާ ކަސްރަތެވެ. ތަފާތީ ކުރާ ވަގުތާއި ގޮތެވެ. ދުނިޔޭގެ މައިދާނުގައި، ބައެއް މީހުން ކާމިޔާބުވަނީ، އެހެން މީހުން ނުކުރާ އާ ކަމެއް ކޮށްގެނެއް ނޫނެވެ. އެކަމަކު، އެހެން މީހުން ކުރާ ކަންތައްތައް، އާ ގޮތަކަށް ކޮށްގެންނެވެ. ގިނަ މީހުންނަށް ނުވިސްނެނީ އެ ކަމެވެ. އަހަރެން ބުނެދޭން މި އުޅެނީ ވެސް އެ ކަމެވެ.
   
ގިނަ މީހުންނަށް ކުރިން ނުވިސްނި އޮތް، އާ ފަލްސަފާއެއް ބުނެދޭން ބޭނުން ނަމަ، ފުރަތަމަ ޖެހޭނީ އެ މީހުންނަށް ވިސްނައިދޭށެވެ. ފަލްސަފާ ހާމަކުރަންޖެހޭނީ އެ އަށް ފަހުގަ އެވެ. ނޫން ނަމަ، ވަރަށް ގިނަ ލީޑަރުންނަށް ލިބުނު ކަހަލަ ލަނޑެއް އަހަންނަށް ވެސް ލިބިދާނެ އެވެ. ކަންދިމާވިގޮތް އަހަރެން މި ކިޔާދެނީ އެވެ.
  
ދިރިއުޅުމައިގެން ހޭބޯނާރާ އުޅުމުގެ ސަބަބުން، ދިރިއުޅެންވީ ގޮތް އަހަރެން ހަނދާންނެތުނީ އެވެ. ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި އަދި ރޫޙާނީ ގޮތުން ކުރަންޖެހޭ ކިތަންމެ ކަމެއް ނުކުރެވުނީ އެވެ. ޒަމާނަށް އައި ހަލުވި ދުވެލީގެ ސަބަބުން، ދުވެދުވެ އަހަރެން ކަންފަތިވީ އެވެ. އެ ދުވަހު އަހަރެން ވެއްޓުނު ސަބަބަކީ އެއީ އެވެ. އެ ދުވަހު އަހަންނަށް އެ ލިބުނީ، އަންނަން އޮތް މާ ބޮޑު ބިރުވެރިކަމެއްގެ އިންޒާރެވެ. އެހެންކަމުން، ދިރިއުޅުމާއި ވަޒީފާއާ ކުރެން އެއް ކަމެއް ޚިޔާރު ކުރުމަށް ޑޮކްޓަރު ނަސޭހަތްދިނުމުން އަހަރެން ހޭއެރީ އެވެ.
   
ހިތްހަމަޖެހުން ލިބޭނީ ފައިސާ އެއްކުރީމާ އެކަންޏެއް ނޫނެވެ. އެ ފައިސާގައި، އެހެން ބައެއްގެ ޙައްޤުތަކެއް ހުރެދާނެ އެވެ. ފައިސާއިން ހިތްހަމަޖެހުން ލިބޭނީ، ހަމައެކަނި ތިމާގެ އެކައުންޓަށް އެ ޖަމާކުރީމައެއް ނޫނެވެ. އެކަމަކު، ވެވެން އޮތް މިންވަރަކުން އެހެން މީހުންނަށް އެހީ ވެސް ވީމަ އެވެ. ފައިސާގައި ހިފާ މީހާގެ ސިފަ އަށް ނުބަލާށެވެ. އެ މީހާގެ ނިޔަތް ތިމާ އަށް ވިސްނޭކަމުގައި ހީނުކުރާށެވެ. ތިމާގެ ވާޖިބަކީ އެހީވުމެވެ. އޭގެ ހިތްހަމަޖެހުން ތިމާ އަށް ލިބޭނެ އެވެ. އެއީ ކަށަވަރުކަމެކެވެ. އަލިފާނަކީ، އަލިކުރުމަށް ނުވަތަ ރޯފިލުވުމަށް ލިބިފައިވާ އެއްޗެކެވެ. މީހަކު އަލިފާނުން ގެއެއް ރޯކުރިޔަސް އަލިފާން ޒިންމާވާކަށް ނުޖެހޭނެ އެވެ. އެއީ އެ ކަން ކުރި މީހާ ކުރި ކުށެކެވެ. އޭގެ ބަދަލު އޭނަ އަށް ލިބޭނެ އެވެ.
   
ހިތްހަމަޖެހޭނީ ގިނަ ފައިސާ ލިބުނީމާ ކަމުގައި ހީކޮށް، ހެނދުނު އެނދުން ތެދުވާ ވަގުތާއި ސަބަބަކީ ވަޒީފާ އަށް ދާންކަމުގައި ހަދައިފި މީހާ އަށް ހިތްހަމަޖެހުން ލިބޭނީ ހިނދުކޮޅަކަށެވެ. އަހަންނަށް ވީ އެހެންނެވެ. ބަނޑުފުރެންދެން ތިމާ ކެޔަކަސް ހިތްހަމަޖެހުން ނުލިބި ހިނގައިދާނެ އެވެ. ތިމާގެ ފަރާތުން އެހެން މީހުންގެ ހައިކަން ފިލުވައިދޭން ޖެހޭނެ އެވެ. ކުރިން ބުނިހެން، ތިމާ އަށް ލިބޭ ހުރިހާ ފައިސާ އަކީ ތިމާގެ މިލްކެއް ނޫނެވެ. އޭގައި އެހެން މީހުންގެ އަމާނާތް ވެސް ހުންނާނެކަން ދަންނާށެވެ. ގަބޫލުކުރާށެވެ.
   
ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށެވެ. ދިމާވާ "ކޮންމެ" ކަމެއްގައި ވެސް ސަބަބެއް އޮންނާނެ އެވެ. މިހެން ވިސްނާށެވެ. ކޮންމެ ނާކާމިޔާބަކީ ފިލާވަޅެކެވެ. ޢިބުރަތެކެވެ. ފެއިލްވުމެއް ނޫނެވެ. ފެއިލް ހަމައެކަނި ވާނީ ހިތްވަރު އެލުނީމަ އެވެ. އުންމީދު ކަނޑާލީމަ އެވެ. އިތުރަށް ހިތްވަރު ހޯދުމަށްޓަކައި ނުވަތަ ދަސްކުރުމަށްޓަކައި ނަމަވެސް ނާކާމިޔާބުވާން ޖެހޭނެ އެވެ. އެހެންނޫނީ، އިތުރަށް ދަސްވުމަށް މަގުފައްސެއް ނުވާނެ އެވެ. މާޒީގައި ލިބުނު ނާކާމިޔާބީއަކުން، ފަހަރެއްގައި ވެސް މާޔޫސް ނުވާށެވެ. އެ ނާކާމިޔާބީއަކީ ފިލާވަޅެއް ކަމުގައި ބަލާށެވެ. އޭން އުނގެނޭށެވެ. ހިތްވަރު އާކުރާށެވެ. އެވެނި ކަމެއް އެހެންވީތީ ހިތާމަކުރުމުގައި އުމުރު ހުސްކޮށްލަންވެއްޖެ ނަމަ، ދުވަހަކު ވެސް އުފަލެއް ނުލިބޭނެ އެވެ.
   
ދަސްކޮށްދޭން މި އުޅެނީ އާ ކަމެއް ނޫނެވެ. މިއީ، އަހަރުމެންގެ ކާބަފައިން އުޅުނު ގޮތެވެ. ސުވާލަކީ، އެ މީހުން ހިތްހަމަޖެހިގެން އުޅުނީ ކިހިނެއް ހެއްޔެވެ؟ އެ ޒަމާނަކު ކަރަންޓެއް ނެތެވެ. ފޯނެއް ނެތެވެ. އިންޖީނުލީ އުޅަނދެއް ނެތެވެ. މިހާރު އެއާ ނުލައި ނޫޅެވޭ، ޓީވީ، ރޭޑިޔޯ އަދި ދޮންނަމެޝިނާއި ކޮންޕިއުޓަރެއް ވެސް ނެތެވެ. އެކަމަކު އެ މީހުން އުޅުނީ އުފަލުގަ އެވެ. ހިތްވަރުގަދަ ބަޠަލުން ވަނީ އުފެދިފަ އެވެ. ހިތްދަތިވެގެން ނުވަތަ ހިތްހަލާކުވެގެން، އަމިއްލަ އަށް މަރުވި މީހުން އޭރު މަދެވެ. މިހާރު މާގިނަ އެވެ. ސަބަބެއް އޮންނަންވާނެ އެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ