އަދުގެ ޚާއްސަ

Print

ޙަސަނުގެ ޢަޒުމު ވަރުގަދަ އެވެ.

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ވާހަކަ


އާދަމް ޝަރީފު، ރޯޒީ/ށ. ފުނަދޫ

ޢުމަރާއި ޙަސަނު މިޞްރާބު ޖަހާފައި އެވަނީ ރަށުގައި ކުޅިވަރު ކުޅުމަށް ޚާއްޞަކުރެވިފައިވާ ބޮޑުމަގުކޮޅު ބަށިކޯޓާއި ވޮލީކޯޓު އޮންނަ ޞަރަޙައްދަށެވެ. ބައްޓަކީ އަންހެންކުދިން ކުޅޭކުޅިވަރެއް ނަމަވެސް ޙަސަނުގެ ޚާއްޞަ ޝައުޤެއް ބައްޓަށް ހުރެއެވެ. ޢުމަރުވެސް ބަށިކުޅުމުގައި ބައިވެރިވަނީ ޙަސަނުގެ އެދުމުގެ މަތީންނެވެ. މިކުޅިވަރާއި ޙަސަނުގެ ޝައުޤު ގުޅިފައިވަނީ މޮޅަށް ކުޅެވޭތީއެއްނޫނެވެ. އަދި ކުޅެންބޭނުންވާތީއެއްވެސް ނޫނެވެ. މިކަމުގައި އޭނަގެ ވަނީ އެންމެ ބޭނުމެކެވެ. އެއީ ފާތުން ފެންނަ ހިސާބުގައި މިވަގުތުކޮޅު ހޭދަކޮށްލުމެވެ. ފާތުންއާއި ވާހަކަދައްކާލާ މަޖާކޮށްލުމެވެ. ފާތުންގެ ޝަވްޤުވެރިކަން އޭނަގެ މައްޗަށް ލަންބުވާލާނެ ގޮތެއް ހޯދުމެވެ.

ޙަސަނުގެ މި އެދުން އޭނާ ޙާޞިލު ކުރިއެވެ. އޭނާއަކި ޢުމުރުން 6 އަހަރުއްސުރެ ރަށުން ބޭރުގައި އުޅެމުން އަންނަ ކުއްޖަކަށް ވާތީއާއި ކިޔެވުމަށްމޮޅު ބުރުސޫރަވެސް ހުތުރުނޫން ކުއްޖަކަށްވާތީ ރަށުގެ ޒުވާންފުރައިގެ ގިނަ އަންހެން ކުދިން ޙަސަނާއި ރަޙުމަތްތެރިކަން ބާއްވަން ބޭނުންވެއެވެ. އޭނާއާއި ވާހަކަދައްކާލާ ސަމާސާކޮށްލަންވެސް ބޭނުން ވެއެވެ. އެހެންކަމުން ފާތުންވެސް ވަރަށް ޚާއްޞަ ނަޒަރަކުން ޙަސަނާއިމެދު ދެކެއެވެ. މިކަން އެނގެނީ ކުޅެމުންދާއިރު އެއްލާ ބަސްތަކުންނެވެ. ކޮށްލާ ސަމާސާ ތަކުންނެވެ. ބަލައިލާ އަދި ހީލާ ހަދާގޮތުންނެވެ.

" ޙަސަން! ހިނގާ މިދިމާ އަތިރިމައްޗަށްދާން!" ކުޅެ ނިންނމުމަށްފަހު ރާމިޒާބުންޏެވެ. ރާމިޒާއަކީ ފާތުންގެ އެންމެގާތް ރަޙުމަތްތެރިޔާއެވެ.

" ހިނގާދަމާ! " ޙަސަނުވަގުތުން އެއްބަސްވިއެވެ. އެއީ އޭނާގެ އެދުމަކީވެސް އެއީކަމުގައިވާތީއެވެ.

         
އަތިރިމަތީގެ ރީތިދޮންވެލިގަނޑުމަތީގައި އޮއްސޭއިރުގެ ދަޅަތަކަށް ބަލަހައްޓައިގެން ވެއްޔާކުޅެމުން އެކަކަ އަނެކަކާއި ސަމާސާކުރަމުން ގޮސް ހަސަނު ޢުމަރަށް ބުންޏެވެ.

" ޢުމަރާ! ޗުއްޓި ހަމަވަނީ! އަނެއްކާވެސް މާލެ ފުރަން ޖެހެނީ! ވަރަށްދެރަވޭ، ރަޙުމަތްތެރިންނާ ވަކިން ދާންޖެހޭތީ! ދާހިތެއްވެސް ނުވޭ!"

އެވާހަކަތަކަށް ޖަވާބުދިނީ ޢުމަރެއް ނޫނެވެ އެކަމަކު ފާތުން އެވެ.

" ކުރާހިތްވާ ކަންތައްތައް އެކަންޏެއްނޫން ދޯ ކުރަންޖެހޭނީކީ! ޙަސަން ތިއީ މޮޅުކުއްޖެއް! މި ރަށުގައިވެސް ހުރި އެންމެމޮޅު ކުއްޖާ! ދާހިތްނުވިޔަސް ޖެހޭނެދާން! "

ފާތުންގެ މިބަހާއި، ރާމިޒާއާއި ޢުމަރުވެސް އެއްބަސްވެލިއެވެ.

         
އެރޭ ނިދަންއުޅެއުޅެ އެއްގޮތަކަށްވެސް ހަސަނަށް ނިދޭގޮތެއް ނުވިއެވެ. ހައްތާވެސް ޚިޔާލަސް އަންނަނީ މިއަދު އަތިރި މަތީގައި އިނދެ ފާތުން ބުނި ވާހަކަ އެވެ. ފާތުންއާއިއެކު ކުޅެން އުޅުނު މަޖާ ވަގުތު ކޮޅެވެ. އަތިރިމަތީގެ ރިހިދޮންވެލިގަނޑުމަތީގައި ކުރަންތިބި ސަމާސާއެވެ.

ޙަޤީޤަތުގައިވެސް ޙަސަނަށް ފާތުންދެކެ ލޯބިވެވެނީއެވެ. ފުރުމުގެ ކުރިން މިކަން ފާތުންއަށް އަންގަން އޭނާ ބޭނުންވެއެވެ. އެކަމަކު އެހިތްވަރު އޭނާއަށް ނުލިބެނީއެވެ. އާ ކޮންމެ ދުވަހަކަށް އިރުއަރަނީ  އެވާހަކަ ބުނުމުގެ ޢަޒުމު އާކުރަމުން ނެވެ. އެކަމަކު އެދުވަސްވެސް ނިމިގެންދަނީ އެކަމުގެ ހިތްވަރު ނުލިބިހުރެއެވެ. އެހެންކަމުން މިރޭ ޙަސަނު ޢަޒުމެއް ކަނޑައެޅިއެވެ. އެއީ ސިޓީއެއްގެ ސިފައިގާ މާދަމާ ފާތުން ލޯބި ހުށަހެޅުމަށެވެ.
      
ޙަސަނު އެ އުއްމީދު އޭނާ ޙާޞިލުކުރިއެވެ. 3 ޞަފުޙާގެ ދިގު ސިޓީއެއް ލިޔުމަށްފަހު ރާމިޒާގެ އެހީތެރި ކަމާއެކު ފާތުންއަށް ރައްދު ކުރިއެވެ. ފާތުން އެސިޓީބަލައިގަތީ އުފަލުން ހުރެއެވެ. އެއީ އޭނާވެސް ބޭނުންވާގޮތް ކަމަށް ވާތީއެވެ. ސިޓި ލިބުނު ވަގުތު ވީ އުފަލެއްގެ ބޮޑުކަމުން ރާމިޒާ އުރާލި އެވެ. އޭނާގެ މޫނުން ދޮނެއް ނެގިއެވެ. ހަލޭއް ލަވައިގަތެވެ.

" އަންނާނަން ސިޓީ ކިޔާލާފައި! އަންނަންދެން މަޑުކުރައްޗޭ! " ފާތުން ދުވެފައިގޮސް ކޮޓަރިއަށް ވަނެވެ. ބައިގަޑިއެއްހައިއިރު ކޮޓަރިން ނުކުތް އިރުވެސް އޭނާގެ މޫނުމަތިން ފާޅުވޭވޭހުރީ އުފާވެރިކަމެވެ. ހިނިތުންވުމެވެ. އަތުގައި ސިޓީއެއް އޮތެވެ. ރާމިޒާއަށް ސިޓި ދިނުމަށްފަހު ޙަސަނަށް ރައްދުކޮށްދިނުމަށް އެދުނެވެ.

ޙަސަނާއި ފާތުންގެ ލޯބީގެ ސިލްސިލާފެށުނީ ޗުއްޓީ ނިމެން ދެތިން ދުވަހެއް ވެފައި ވަނިކޮށެވެ. އެހެންކަމުން ފުރުމުގެ ކުރިން ބައްދަލު ކުރުމަށް ޙަސަނު އެދެމުން ދިޔަ ދިޔުން ފުރިހަމަވީ އެއްރެއެއްގެ އިރާކޮޅުއެވެ. ރަށުގެ ކުދިރުއްމަގާއި ދިމާގައި އޮންނަ ފުނަފަލުންނެވެ. އެތަނަކީ ޢާއްމުކޮށް މީހުންގޮސްނޫޅޭ އަވަށާއި ދުރު ހިސާބުގައި އޮންނަ ތަނެކެވެ. ކޮކާހަނދުވަރުގެ ތެރޭގައި  ބޭއްވި ފާތުންއާއި ޙަސަނު އެދެކުދިންގެ  ލޯބީގެ ފުރަތަމަ ބައްދަލުވުމުގައި އެތައް އަޙުދަކާއި ވަޢުދެއް ވިއެވެ. ހަނދާއި ތަރިތައް ހެކިކޮށެވެ. މިހަމަހިމޭން މާހަވްލާއި، ހިތްގައިމު ގަސްތައް ހެކިކޮށެވެ. ހަނދުވަރުގެ އައްޔަށް ވިދާ ބަބުޅަމުންދާ އަތިރިމަތީގެ ދޮންވެލިގަނޑާއި، އެދޮންވެލިގަނޑަށް ބީއްސަމުންދާ  ރާޅުތައް ހެކިކޮށެވެ. ދެކުދިންވެސް ބޭނުންވީ އެޜޭ އެކުގައި އެތަނުގައި ހޭދަކޮށްލާށެވެ. އަތާއަތް ޖޯޑުކޮށް ކަރާއި ކަރު ޖައްސައިގެން ތިބުމަށެވެ. " ލޯބިލިބުމުން ހުރިހާއެއްޗެއް ލިބުނީއެވެ. ލޯބި ލިބިއްޖެނަމަ މުޅި ދުނިޔެވެސް ލިބުނީއެވެ. އަހަރެމެން ދެމީހުންގެ ދިރިއުޅުމަކީ ލޯބިން ފުރިގެންވާ އެއްޗެކެވެ." ދެކުދިންގެ ދުލުންވެސް ބޭރުވޭވޭ ހުރީ މިފަދަ ޢިބާރާތް ތަކެވެ.

އަހަރީޗުއްޓީ ނިންމުމަށްފަހު ފުރުމަށްޓަކައި ޙަސަނު އަތިރިމައްޗަށް އެ ނިކުންނަނީ ބަރު ހިތަކާއިގެންނެވެ. މޫނުމަތިން ފާޅުވޭވޭހުރީ ހިތާމައިގެ އަސަރުތަކެވެ. ކުދިރުއްމަގުގެ ރުއްތަކާއި ގަސްތައް ފަހަނައަޅައި މިސްކިތާއި ހަމައަށް ދެވުނުއިރުވެސް ޙަސަނުހުރީ ގަނޑުވެފައެވެ. އެހެންނަމަވެސް މިސްކިތް ފަސްދީ އަތިރިމައްޗަށް މިޞްރާބު ޖެހިތަނާ އޭނާގެ ރަޙުމަތްތެރިންތައް އައިސް އޭނާ ވަށާލިއެވެ. އެހިނދު މާޔޫސްކަންވެރިވެފައިވާ މޫނުމަތިން އުފާވެރިކަން ދެއްކޭތޯ އޭނާ މަސައްކަތް ކުރިއެވެ.
 
" މާލެގޮސް ސިޓީ ފޮނުވައްޗޭ! " ޙަސަނުގެ ކޮނޑުގައި އަތްބާއްވާލަމުން ޢުމަރު ބުންޏެވެ. އާއެކޭ ބުނުމުގެ ގޮތުން ޙަސަނު ބޯޖަހާލި އެވެ.

ރަށުގެ ރައްޔިތުން ފައިއިނދޭ ފުރައިން އަތިރިމައްޗަށް ނިކުމެފައިވާ ކަހަލައެވެ. އެކިމީހުންގެ މޫނުމަތިން އެކި ކުލަވަރު ފެންނަމުންދެއެވެ. ޙަސަނުގެ މަންމައާއި ބައްޕައާއި ކޮއްކޮމެންނާއި ބޭބެމެން ޙަސަނުގެ ދަތުރު އެރެހެއްޓުމަށްޓަކައި އައިސްތިއްބެވެ. މަންމައައިސް ޙަސަނުގެ ގައިގާ ބައްދާލިއެވެ.

" ދަރިފުޅާ! ބަސްއަހައިގެން ކިޔަވާތި! ތިޔައީ މަންމަގެ ލޯބިލޯބި ދަރިފުޅު. މަންމަގެ ހިތުގެ މިއެދުން ފުރިހަމަކޮށްދޭތި! މާލެ ގޮސްސިޓީ ފޮނުވާތި! " މަންމަގެ ނަޞޭހަތުގެ މި ބަސްތަކަށް ޙަސަނު ބޯޖަހާލަޖަހާލާ ހުއްޓެވެ. ވަށައިގެން ޢާއިލާގެ އެންމެން ތިއްބެވެ. އެންމެންވެސް އެދެމުން ދިޔައީ ހިތްހެޔޮ ކުރުމަށެވެ.

ޙަސަނު ބޯޓަށް އެރުމަށްފަހު ރަށާއި ދިމާއަށް ބަލައިލިއެވެ. އެހިނދު އޭނަގެ ދެލޯ ކަރުނުން ފުރުނެވެ. އެހެންނުވާނީ ފަހެ ކީއްވެހެއްޔެވެ؟ ކުރިމަތީގައި ފެންނަން އެއޮތީ ކުޑައިރު  ރަޙުމަތްތެރިންނާއިއެކު ސަކަރާތްޖަހާކުޅެހެދި ވިލުފެހިކުލައިގެ މޫދެވެ. އެތަނުގައި ޅަފުރާގެ ދުވަސްތައް ހޭދަކުރި އަތިރިމައްޗެވެ. ފިލިފިއްލާކުޅެހެދި ފުނަވަލެވެ. ޅޮސްހަގުގެ ހިޔަލުގައި އެތިބީ އޭނާގެ ލޯބިވާ ޢާއިލާގެ މެންބަރުންނެވެ. މަންމައާއި ބައްޕައެވެ. ކޮއްކޮމެންނާއި ބޭބެމެންނެވެ. މާމާއާއި ކާފަ އަދި އަވައްޓެރިންނެވެ. އެކުގައި އުޅުނު ރަޙުމަތްތެރިންނެވެ. އެއެންމެންގެ އަތްތައް ވަދާޢުގެ ސަލާމަށް ނެގިފައިވާތަން އޭނާއަށް ފެނުނެވެ. ޙަސަނުވެސް އަތްމައްޗަށްނަގާ  ދެފަރާތަކަށް އަތް ހޫރާލިއެވެ. އެވަގު އޭނާއަށް ފެނުނީ ހިރުނދުގަހެއްގެ ކުރިޔަށްއަރާ ފަތްކޯޅިއެއް ހޫރުވަމުންދިޔަ އޭނާގެ ފާތުންއެވެ. އެމީހެއްގެ ސޫރަ އަބަދުމެ ދެކެންބޭނުންވާ އޭނަގެ ލޯބިވެރިޔާއެވެ. އެހިނދު ޙަސަނުގެ ހިތަށް ހިތްހަމަޖެހުމެއް ލިބުނުކަހަލައެވެ. ފާތުންއަށާއި އެއްވެ ތިބި އެންމެންނަށް ވަދާޢުގެ ސަލާމް ކުރިއެވެ.

މިއަހަރަކީ ޙަސަނުގެ ސާނަވީ ތަޢުލީމިގެ ފަހު އަހަރެވެ. އޭނާއަކީ އެމްއީއެސް ސުކޫލުގެ ގުރޭޑު 10ގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފާހަގަކޮށްލެވޭފަދަ މޮޅުދަރިވަރެކެވެ. ކޮންމެފަހަރަކުވެސް ކުލާހުން ގަދަ ފަސްކުދިންގެ ތެރޭގައި އޭނާ ހިމެނެއެވެ. ކިޔެވުމަށްދޭ ސަމާލުކަމެއްގެ ސަބަބުންނާއި، ޠަބީޢަތުގައި ހުންނަ ކިޔަމަންތެރިކަމެއްގެ ސަބަބުން ހުރިހާ މުދައްރިސުންވެސް ޙަސަނުދެކެ ނުހަނު ލޯބިވެއެވެ. ކުލާހުގެ ދަރިވަރުން ދެކެނީ ޙަސަނަކީ ކުލާހުން އެންމެ ބަސްއަހާ ދަރިވަރުގެ ގޮތުގައެވެ.

ފާތުންއާއި ގުޅުނުފަހުން ރަށުން ބޯޓުއަންނަ ކޮންމެ ފަހަރަކު ދިގު ސިޓީއެއް ލިބެއެވެ. އެއިން ކޮންމެ ސިޓީއަކީ ޙަސަނުގެ ހިތަށް ފިނިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ސިޓީއެކެވެ. އެއިންކޮންމެ ސިޓީއެއްގައިވެސް ޙަސަންދެކެ ނިހާޔަތުގެ ދަރަޖައަށް ލޯބިވާކަމާއި، މޮޅަށް ކިޔަވައިގެން ރަށަށްގޮސް އޭނާގެ މީހަކަށް ވުމަށް އެދިފައި އޮންނާނެއެވެ. އޭގެ ޖަވާބު ގައި ފާތުން އެދޭފަދަ ނަތީޖާއަކަށް އިންތިޒާރު ކުރާކަމާއި، އެކަމަށްޓަކައި މަސައްކަތް ކުރާކަމަށާއި، ފާތުން ނޫންމީހަކު ޒަވާޖީހަޔާތުގެ ދަތުރަށް ބޭނުންނޫންކަމަށް ބުނަމުންގެންދިޔައެވެ.

ޖީސީއީ އިމްތިހާނުފެށެން އެންމެ މަހަކަށް ވެފައިވަނިކޮށް ޙަސަނަށް ލިބުނު ސިޓިއަކުން އޭނަގެ ދުނިޔެ އަނދިރިވެގެންދިޔައެވެ. ދެކެމުންއައި ހުވަފެންތައ ބިލާހަކަށްވެ ކުރަމުންއައި އުއްމީދުތައް ވިއްސިވިހާލިވެގެން ދިޔައެވެ. މުޅިމީހާ މާޔޫސްވެ ހަތަރު އުދަރެސް ފެނުޖެހުނެވެ. އެހެންނުވާނީވެސް ފަހެ ކީއްވެހެއްޔެވެ؟ އެސިޓީގައިވަނީ ފާތުން އެހެންމީހަކާ ދެވުމަށް އޭނާގެ މަންމަނިންމި ވާހަކަޔާއި، އެކާވެނި ހަފުތާއެއްގެ ތެރޭގައި ކުރެވޭނެ ވާހަކަ އެވެ. މަންމަގެ އެދުމަށް ދެކޮޅުހަދަން ނުކެރި ކާވެންޏަށް އެއްބަސްވި ވާހަކަ އެވެ. އެކަމަކު ލޯބިވަނީ ހަމައެކަނި ހަސަނު ދެކެކަމަށާ ޙަސަނަށްޓަކައި އޭނާ އަބަދުވެސް އިންތިޒާރު ކުރާނެ ވާހަކައެވެ. މިކަމުގައި ފާތުންގެ ކުށެއް ނެތްކަމަށާއި، މައިންބަފައިންގެ އެދުމުގައި ކޮޅުފައިންޖަހާ ނުކިޔަމަންތެރި ދަރިއަކަށްވުމަށްވުރެ އެމީހުންގެ ޙައްޤުގައި ހިތާއި ނަފުސު ޤުރުބާންކުރުން އެދިގެން ހުރިވާހަކައެވެ.

މިވާހަކަތަކަކީ ޙަސަނަށް ޤަބޫލު ކުރެވުނު ވާހަކަތަކެއް ނޫނެވެ. ފާތުންދެކެ އައިކީ އަމަށަކު ރުޅިއެއް ނޫނެވެ. މިއަދާއިޖެހެންދެން އެތަކެއްޗަށްޓަކައި ފަޚުރުވެރިވެ ހިތަށް ހަމަޖެހުންގެންނަމުންދިޔަ ސިޓީތަކާއި، އެފޮޓޯތަކެއްގެ ސަބަބުން ޚިޔާލީއެތައް ގަނޑުވަރުތަކެއް ބިނާކުރި ފާތުންގެ ފޮޓޯތައް ވަގުތުން އަންދާލިއެވެ. ފާތުންއާއިމެދު ނަފުރަތުގެ ހުޅު ހިތުގައި ރޯކުރިއެވެ. ހަމައެފަދައިން އޭނާގެ މަންމައާއިބައްޕަ އަދި ކާވެނިކުރެވޭ ފިރިހެންކުއްޖާއަށްދާންދެން ކުށްވެރިންގެ ގޮތުގައި އެމީހުންގެ ނަންތައް ފާހަގަ ކުރިއެވެ. އެއިން ކޮންމެ މީހަކަށްވެސް ވަރުގަދަ ސިޓީއެއް ލިޔުނެވެ. ޙަސަނަށް ލަނޑުދީފައި އެމީހުންނަށް ނުތިބެވޭނެ ކަމަށާއި، އެކަމުގެ ބަދަލު ހިތިގޮތަކަށް ދޭނެކަމުގައި އެސިޓީތަކުގައި ލިޔުމެވެ.އެކަމަކު އެސިޓީތައް ރައްދުވާގޮތެއް ނުވިއެވެ. ޙަސަނަށް ހެޔޮއެދޭ ރަޙުމަތްތެރިއަކު އެސިޓީތައް ނައްތާލީއެވެ.
       
އިމްތިހާނުތެރޭގައިވެސް ޙަސަނުގެ އޮންނަނީ އެޚިޔާލެވެ. އެހެންކަމުން ރަނގަޅު ނަތީޖާއެއް ލިބޭ ގޮތެއް ނުވިއެވެ. ދިވެހި އިސްލާމުން އޭފާސް ލިބުނު ނަމަވެސް އިތުރަށް ފާސްވީ އެންމެ 3 މާއްދާއިންނެވެ. އެއީވެސް އެންމެ ދަށުދަރަޖައިގައެވެ. ލިބުނު ނަތީޖާތައް ދެކެފައި ޙަސަނުގެ ހިތުގައި ރިހުން އިތުރު ވިއެވެ. ދިރިއުޅުމުގެ އެންމެމުހިއްމު ހިސާބުން ކުރިމަތިލާންޖެހުނު ހިތްދަތި ކަމަށްޓަކައެވެ. އެހެންނަމަވެސް މިހިތާމައިގާ އިތުރަށް ކުރިއަށްދާކަށް އޭނާ ޤަޞްދެއް ނުކުރިއެވެ. އަންހެނަކަށްޓަކައި އޭނާގެ މުޅި ދިރިއުޅުން އޮޔާލުމަކީ ގޯހެއްކަމުގައި ނިންމިއެވެ. އޭނާގެ ޢަޒުމް ވަރުގަދަ ކުރިއެވެ.

އެހެންކަމުންޖެހިގެންއައި އަހަރު ފެށުނު ފަށާތަޢުލީމުގެ މުދައްރިސްކަމުގެ ކޯހުގައި ބައިވެރިވެ އެކޯސް ފުރިހަމަކުރި އެވެ . އެންމެ ކާމިޔާބުކަމާއި އެކުގައެވެ. އަދި އެނބުރި ރަށަށްގޮސް ކާމިޔާބު މުދައްރިސެއްގެ ގޮތުގައި ދުވަސްތައް ގުނަން ފެށި އެވެ. މިހާރު ޙަސަނުގެ ހުރިހާވެސް އުއްމީދަކީ ރަށާއި ވަޒަނަށް ޚިދުމަތްކުރާނެ ކެރޭ ހީވާގި ޤައުމީ ދަރިން އުފެއްދުމެވެ. މި ޢަޒުމުގައި ފެށި މަސައްކަތުގައި ރަށުގެ މުޅި މުޖުތަމަޢު އޭނާއާއި އެއްބާރުލިއެވެ. ދަރިވަރުންގެ ލޯބި އޭނާ ޙާޞިލު ކުރިއެވެ.މައިންބަފައިންނާއި ޢާއިލާގެ އެންމެންގެ ހިތްހަމަޖައްސައިދިނެވެ.  

އަމިއްލަރަށުގައި އަހަރެއްހާދުވަސް ހޭދަކުރިތަނާ އޭނާ ބަދަލުކުރީ އަތޮޅުވެރިކަން ކުރާރާށަށެވެ. ފޮނަދޫ އަށެވެ. ފޮނަދޫންވެސް ޙަސަނަށް ލިބުނީ ވަރަށްބޮޑު އެއްބާރު ލުމެކެވެ. އެރަށަށް ޙަސަނު ބަދަލުވިއިރު އެރަށުގައި ކިޔަވައިދެނީ ގުރޭޑު 5 ގެ ފެންވަރަށެވެ އެހެނަސް އޭނާގެ މަސައްކަތުން ޖެހިގެންއައި އަހަރު ގުރޭޑު6 އުފައްދައި އޭގެ އަނެއް އަހަރު ގުރޭޑު 7 ގައި ކިޔެވުމުގެ ފުރުޞަތު އެދަރިވަރުނަށް ހޯދައި ދިނެވެ.ހަމައެއާއި އެކު އަދަބީ މުބާރާތްތަކާއި ކުޅިވަރު މުބާރާތްތަކުގައި ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތުތައް އޭނާ ހޯދައި ދިނެވެ. ސުކޫލުހުރިހާކުދިން 3 ބަޔަކަށް ބަހާ ބައިތަކުގެ މެދުގައި ވާދަވެރި މުބާރާތްތަކެއް ބާއްވައި ސުކޫލާއި މެދު ދަރިވަރުންގެ ލޯބި އިތުރު ކުރިއެވެ.

ޢުމަރާއި ޙަސަނު މިޞްރާބު ޖަހާފައި އެވަނީ ރަށުގައި ކުޅިވަރު ކުޅުމަށް ޚާއްޞަކުރެވިފައިވާ  ބަށިކޯޓާއި ވޮލީކޯޓު އޮންނަ ޞަރަޙައްދަށެވެ. ބައްޓަކީ އަންހެންކުދިން ކުޅޭކުޅިވަރެއް ނަމަވެސް ޙަސަނުގެ ޚާއްޞަ ޝައުޤެއް ބައްޓަށް ހުރެއެވެ. ޢުމަރު ވެސް ކުދިންނަށް ބަށިކުޅެން ދަސްކޮށްދިނުމުގައި  ބައިވެރިވަނީ ޙަސަނުގެ އެދުމުގެ މަތީންނެވެ. ޙަސަނުގެބައި ކަމަށްވާ ނޫބަޔަށް މިއަހަރުވެސް ތަށި ހޯދައިދިނުމުގެ ނިޔަތުގައެވެ.ރާމިޒާވެސް ފުނަދުއަށް ހިޖުރަކުރިފަހުން ގިނަވަގުތު ހޭދަކުރަނީ ސުކޫލު ގައެވެ. ޙަސަނު މެންނާއި އެކުގައެވެ. ސުކޫލުގެ މުދައްރިސާއެއްގެ ގޮތުގައެވެ. އެހެނަސް އެމީހުން މިހާރު ފަސްމަގުގައި ހިނގާ ގޮސް ފައިވާ ޙަޔާތުގެ ކަޅުޞަފުޙާތައް މަތިން ހަނދާންކޮށް އެވާހަކަތައް ދައްކައެއް ނޫޅެއެވެ.  ދަރިވަރުންނަށް ކިޔަވައި ދިނުމުގައި ވަޤުތު ތައް ހޭދަކުރުމުން ލިބޭ ހިތްހަމަޖެހުމެއްގެ ބޮޑުކަމުން ފަސްމަގުގެ ހިތާމަވެރި ހަނދާންތައް މުޅިން ފޮހެވިފައިވާ ކަހަލަ އެވެ. އާނއެކެވެ. ޙަޔާތުގެ ނަވުގައި ކުރާ ދަތުރުގައި ޖެހޭކޮޅިގަނޑު ތަކަށް ކެތްތެރިވެ އެފަދަ މުޞީބާތްތަކުން ސަލާމާތްވާން އެނގިއްޖެ މީހަކީ ދިރިއުޅުން ކާމިޔާބު ކޮށްފިމީހެކެވެ.
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ