އަދުގެ ޚާއްސަ

Print

ކޮންކަމެއްބާއޭ އަހަންނާ އަނެކުނާވީ ފަރަގުވާ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



އާދަމް ނަޞީރު އިބްރާހީމް (2010)
  (ޝާޢިރުލްމަޤުތޫލު)

ކޮންމެ ވެސް ވަގުތެއް އަހަންނަށް އާދެޔޭ މާ އެކަނިވާ
 ކޮންމެ ވެސް ހިތްދަތިކަމެއް، ހިތި ކަރުނަ ދެލޮލުން އޮހޮރުވާ  
    ކޮންމެ ޢަމަލެއް ކުރެވިދިޔަ،   މި ހިތުގެ ތެރޭގާ  ސޫރަވާ
         ކޮންކަމެއްބާއޭ   އަހަންނާ    އަނެކުނާވީ  ފަރަގުވާ؟
         
        + + + + + + + + + + + +

1-    ކުޑަ އިރުއްސުރެ އެންމެ އެކުގައި އުޅުނު ގިނަ ރަޙްމަތްތެރިން،
        ބޮޑުވެ ކިޔަވައިގެން އެއީ ޤައުމުގެ  މި އަދު ޢިއްޒަތްތެރިން،
          ބޮޑު ކުށެއް ކޮށްފިތަ؟ މަގޭ ނަން އާދެޔޭ ލިސްޓުގެ ކުރިން،
           ކޮންކަމެއްބާއޭ   އަހަންނާ     އަނެކުނާވީ  ފަރަގުވާ؟

2-    ތޫނު ހަތިޔާރާ ލަކުޑި ލިބުމުން ދިވެހި ފަންނުގެތެރޭ  
        މޫނު އަލިކޮށް މާވަޑިން އަގުހުރި އުފެއްދުންތައް ނެރޭ
            ތޫނު ޒަޚުމެއް ކުރިތަ؟ އެކަމެއްގާ މަ އެބަ އެކަކަށް ހުރޭ
                ކޮންކަމެއްބާއޭ  އަހަންނާ      އަނެކުނާވީ  ފަރަގުވާ؟

3-    ދައްކަމުން ދިރިއުޅުމުގައި ގަދަ ހިތްވަރުގެ މަތިވެރި މިސާލް
        ލައްކަ ލައްކައިން އެއްބަޔަކު އެބަ ހޯދައޭ   ފައިސާ ހަލާލް
           ވައްކަމެއް ކޮށްފިތަ؟ މަގޭ ހިއްސާ ނުވޭހެ ރެޔާ  ދުވާލް
               ކޮންކަމެއްބާއޭ   އަހަންނާ       އަނެކުނާވީ  ފަރަގުވާ؟

4-    ޢިއްޒަތުއްނަފުސާ އަބުރުވެރިކަން ދިފާޢުވެދާ  ގޮތުން،
        ޢިއްފަތާ ނަފުސުގެ ކަރާމާތް އަގުކުރޭ އަގުހުރި ކަތުން،
           ޢިއްފަތެއް ލޫޓުވިތަ؟  އަހަރެން ހިމެނިދޭ އެކި ނިސްބަތުން،
               ކޮންކަމެއްބާއޭ    އަހަންނާ    އަނެކުނާވީ     ފަރަގުވާ؟
    
5-    ކޮށްޖަހާ ބާޒާ، ހަތަރު މޮއްގަނޑުގެވެރި ޖަނަވާރުނާ
        އެއްޖަވާހިރަކުން ތަފާތު ވެގެންވި މާތް އިންސާނުނާ
           ބުއްދިޔާ ކުޅެވޭތަ؟ އަހަރެން މީ އެކަކު ތަށިތައް މިނާ
              ކޮންކަމެއްބާއޭ    އަހަންނާ     އަނެކުނާވީ     ފަރަގުވާ؟

6-    އަދަބުވެރި ގޮތުގައި ނުހަނު ގިނަ  މަޝްވަރާތައް އެބަ ވެވޭ
        އަދަދު ނުވެވޭހާ ބަހުސުތައް ވެސް ރިވެތި  ގޮތުގާ ވެވޭ
           ގަދަ ޒުވާބެއް ހިނގިތަ؟ މި ދުލުގެ އަޑު ނިކަން ބާރަށް އިވޭ
               ކޮންކަމެއްބާއޭ  އަހަންނާ         އަނެކުނާވީ  ފަރަގުވާ؟


7-    ދަންނަ އެތަކެއް ހެޔޮ ލަފާ ހިތްހެޔޮ މަދަދުވެރި  ފަރުދުނޭ
        އަންނަ ދަތިތައް އެ ދެ އަތުން ލުއިކޮށްދެނީ، އޭ މިތުރުނޭ
          ކަންކަށީގައިޖެހިތަ؟ މި ދެ އަތް ދެ ވަނަ ތިން ވަނަޔަށް ގުނޭ
               ކޮންކަމެއްބާއޭ      އަހަންނާ     އަނެކުނާވީ  ފަރަގުވާ؟

8-    ކީއްވެގެންހެ އެމީހުނަށް    މިޙަޔާތުގައިވީ  ކާމިޔާބު
         ބީހިލާ ފިނި ރޯޅިހެން ނިޢުމަތުގެ ލިބުނީ ހެޔޮ ނަސީބު
          މީ ސުވާލެއް ނޫންތަ؟ މީގެ ލިބެންޖެހޭނެ ރަނގަޅު ޖަވާބު
               ކޮންކަމެއްބާއޭ   އަހަންނާ        އަނެކުނާވީ  ފަރަގުވާ؟

9-    ގައިމު އަހަރެން ތާ އަބަދު ވާނަމަ ކުށުގެ ޖަންގަލިތެރޭ
        މައިލަގޮނޑިޔާ އާއިލާ ގިސްލާ ނުރޯނެތަ      ގޭތެރޭ
          އައިބަކަށް ނުމެވޭތަ؟ މި ފިކުރުގާ ލަދުން ލޯ ވެސް މެރޭ
                ކޮންކަމެއްބާއޭ    އަހަންނާ  އަނެކުނާވީ     ފަރަގުވާ؟

10-    ހެޔޮ ލަފާ މާތް ބައްޕައެއްގެ ޝަރަފު މަވެސް ނޭދޭނެހޭ؟
        ހެޔޮ ރަނގަޅު މާތް މަންމައެއްގެ މަޤާމު ވަކި ނޭނގޭނެހޭ؟
          ހެޔޮ މަގެއް ނޭނގޭތަ؟  ދެ ޙަޔާތަށްޓަކާ  ވިސްނަންޖެހޭ!
                ކޮންކަމެއްބާއޭ    އަހަންނާ  އަނެކުނާވީ     ފަރަގުވާ؟

11-    ވިސްނުމުން އެނގުނީ، މި ހިތް ދީނުގެ މަގުން އެކަހެރިވިކަން،  
         ލަސް ނުކޮށް  ތައުބާވެ ޢަޒުމެއް އާކުރުން    މާ ރަނގަޅުކަން،
            ފަސް އޮތީ ކިހިނެއްތަ؟ ދެ ބިމުން ވެސް ދެކޭށި  ނިޔާމަކަން،
               ކޮންކަމެއްބާއޭ    އަހަންނާ  އަނެކުނާވީ     ފަރަގުވާ؟

12-    ربنا يا  ربنا  ރަޙްމަތް އަދައި، ވަމެ އިބްތިހާލް!  
         ޙައްޤު ހެޔޮ މަގަކީ، މި ދީނުގެ އަލިމަގޭ يا ذالجلا ل!
            ޝައްކަކަށް ތަންއޮތްތަ؟ ނެތް ބަލަ މިތުރުނޭ ވިސްނާށެ ހާލް!
               ކޮންކަމެއްބާއޭ    އަހަންނާ  އަނެކުނާވީ     ފަރަގުވާ؟

-----------------------
4 މޭ 2010
        
(ނިމުނީ)

ނޯޓު:

މި ޅެމަކީ، އަލްއަޚުލްފާޟިލް ޢަލީރަމީޒުގެ އެދިލެއްވުމަކަށް ހެދިފައިވާ ޅެމެކެވެ. ޅެމުގެ ބަސްމަގު އަމާޒު ކުރަންވި ދާއިރާ ކަނޑަ އެޅުއްވީ އޭނާ އެވެ. އޭނާ ބޭނުންވެ ލެއްވީ މި އަދުގެ މުޖުތަމަޢުގައި ހިނގާ އާންމު ކުށްތަކުގެ މައްޗަށް ޅެންބަހުން މެސެޖެއް ފޯރުކޮށްދެއްވާށެވެ! އިރާދަ ކުރެއްވިއްޔާ، ދުރު ނޫން މުސްތަޤުބަލެއްގައި ކޮންމެ ވެސް ރީތި ރާގެއްގައި މި ޅެން އިވިގެން ދިޔުމުގެ އުންމީދު ވަރަށް ބޮޑެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ