އަދުގެ ޚާއްސަ

Print

ތާރީޚީ ތާއީދު

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

އިސްލާމްދީން ފާޅުވީ މީލާދީން ހަވަނަ ސައްތައިގެ ފަހުކޮޅުގައެވެ. އެދުވަސްވަރު ދުނިޔޭގައި އޮތް އެންމެ ބޮޑު ރަސްކަމަކީ، ކްރިސްޓިޔަނުންގެ ރަސްކަމެކެވެ. އެރަސްކަން ބެހިފައިއޮތީ ބޮޑު ދެބަޔަކަށެވެ. އެއްބަޔަކީ، އެ ރަސްކަމުގެ ހުޅަނގު ބައެވެ. އަނެއްބަޔަކީ، އިރުމަތީ ބައެވެ. ހުޅަނގު ބަޔަށް (ޔޫރަޕްގެ ބައި) ކިޔަނީ ރޯމަން އެމްޕަޔަރެވެ. އެބައިގެ ވެރިރަށަކީ އިޓަލީގެ ރޯމެވެ. އިރުމަތީގެ ބަޔަށް (އޭޝިޔާއާއި އެފްރިކާގެ ބައި) ކިޔަނީ ބައިޒަންޓެއިން އެމްޕަޔަރެވެ. އެބައިގެ ވެރިރަށަކީ ތުރުކީގެ ޤުސްޠަންޠީނިއްޔާއެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ގެ ޙަޔާތްޕުޅުގެ ފަހުކޮޅުގައި މުސްލިމުންނާއި ރޫމީންގެ ޢަސްކަރީ ކުރިމަތިލުންތައް ފެށިއްޖެއެވެ. ޝާމްކަރައިގެ ސަރަޙައްދުގައެވެ. އެ ކުރިމަތިލުންތަކުގައި ނަޞްރު ލިބެމުންއައީ މުސްލިމުންނަށެވެ. ސަތޭކަވަރަކަށް އަހަރުގެ ތެރޭގައި މުސްލިމުން ވަނީ ކްރިސްޓިޔަން ރަސްކަމުގެ އިރުމަތީ ސަރަޙައްދު އެކަށްކަހަލަ ގޮތަކަށް ފަތަޙަކޮށްފައެވެ. އޭގެތެރޭގައި ކްރިސްޓިޔަނުންގެ މުޤައްދަސް ދީނީ ތަންތަން ކަމުގައިވާ ޝާމްކަރައާއި ފަލަސްޠީނުވެސް ހިމެނެއެވެ.

އެއަށްފަހު މުސްލިމުން ކުރިއަރާންފެށީ، ސިސިލީއާއި ސްޕޭނާވީ ފަރާތުންނެވެ. މުސްލިމުން ކުރިއަރަމުންގޮސް ފަރަންސޭސިވިލާތުގެ ސަރަޙައްދަށް ވަނެވެ. އަނެއްފަރާތުން ތުރުކީގެ ތެރެއިން އިރުމަތީ ޔޫރަޕަށް ވަދެ ކުރިއަރަމުން ދިޔައެވެ. އެދިމާއިން ވިއެނާ (އޮސްޓްރިޔާ) އާ ހަމައަށް ދިޔައެވެ. މިގޮތުން މުސްލިމުން ވަނީ ކްރިސްޓިޔަން ރަސްކަމުގެ އިރުމަތީ ފިޔައިގެ މައްޗަށް އެކަށް ވެރިވެފައެވެ. ހަމައެއާއެކު، ހުޅަނގު ފިޔައިގެވެސް އެއްބައިގެ މައްޗަށް ވެރިވެފައެވެ.

މަޝްހޫރު ޞަލީބީ ހަނގުރާމަތަކަކީ އިސްވެދެންނެވި ފުތޫޙާތުތަކުގެ ނަތީޖާއެވެ. ހުޅަނގުގެ ކްރިސްޓިޔަނުންގެ ފަރާތުން ފެނިގެންދިޔަ ރައްދު ޢަމަލެކެވެ. އެހެން ދީނެއްގެ ބަޔެއްގެ ފަރާތުން ތިމާމެންނަށް ލިބުނު ނިކަމެތިކަމާއި ނާކާމިޔާބީ، ކްރިސްޓިޔަން ދުނިޔެއަށް ބަރުދާސްތު ނުކުރެވުނީއެވެ. އެހެންކަމުން، ޔޫރަޕްގެ ކްރިސްޓިޔަން ދައުލަތްތައް އެކަތިގަނޑަކަށްވެގެން އިސްލާމީ ދުނިޔެއަށް ޙަމަލަ ދިނީއެވެ.

    މިދެންނެވި ޞަލީބީ ހަނގުރާމަތައް (crusades) މެދުކެނޑެމުންކަހަލަ ގޮތަކަށް ދުއިސައްތަ އަހަރަށް (1095-1271މ.) ދެމިގެން ދިޔައެވެ. އެދުވަސްވަރު ކްރިސްޓިޔަނުންނަށް ވަގުތީ ކާމިޔާބީތަކެއްވެސް ހާސިލުވިއެވެ. ނަމަވެސް، އެންމެފަހުގެ ނަތީޖާގައި ފަތަޙަ ހޯދީ މުސްލިމުންނެވެ. ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީގެ ވެރިކަމުގެ ދަށުގައެވެ. ކްރިސްޓިޔަނުން އެބައިމީހުންގެ ކުރީގެ ދުނިޔެއިން އަނެއްކާވެސް ނެރެ ބޭރުކޮށްލެވުނެވެ. ޕެއަރސް ސައިކްލޮޕީޑިޔާ
(Pears Cyclopaedia) ގައި މިކަމާ ގުޅޭގޮތުން ވަރަށް ފުރިހަމަ ފާޑުކިޔުމެއް ޝާއިޢު ކޮށްފައިވެއެވެ. އޭގެ ޢިބާރާތް، ތިރީގައި މިދަންނަވަނީއެވެ.

Millions of lives and an enormous amount of treasure were sacrificed on these enterprises, and when all was done Jerusalem remained in the possession, of the “infidels”.

    [އެތަކެއް މިލިޔަން ފުރާނަތަކަކާއި ސުމާރެއްނެތްހައި ގިނަ މުދާ، މި ހަނގުރާމަތަކަށް ހޭދަކުރެވުނެވެ. އެކަމަކު ހުރިހައިކަމެއްވެ ނިމުނުއިރު، ޖެރޫސަލަމް އޮތީ ކުރީއްސުރެވެސް އޮތްގޮތަށް ބޭދީނީ މީހުންގެ ބާރުގެ ދަށުގައެވެ.]

    މިސްޓަރ ވިލްފްރެޑް ބްލަންޓް (Wilfred Blunt) އޭނާގެ މަޒުމޫނެއްގައި (ޓައިމް، ލަންޑަން، 2 އޭޕްރިލް 1976) އިސްލާމްދީނުގެ ވާހަކަ ދައްކަވަމުން ލިޔުއްވައިފައިވެއެވެ.

There is, perhaps, nothing more amazing in the whole long history of mankind than the extent and rapidity of the dissemination of Islam.

    [އާދަޔާ ޚިލާފު ހަލުވިމިނެއްގައި އިސްލާމްދީން ފެތުރިގެން ދިޔުމަށްވުރެ ހައިރާންކުރުވަނިވި އެއްވެސް ހާދިސާއެއް، މުޅި އިންސާނީ ދިގު ތާރީޚުގައިވެސް ހިނގައިފައިވާކަމެއް ނޭނގެއެވެ.]

މި ޢާލަމުލް އަސްބާބުގައި އިސްލާމްދީން ރައްކާތެރިވުމުގެ އެކަށޭނަކަން ލިބުނީ، އިސްލާމްދީނަށް ލިބިގެންދިޔަ ބާރާއި، އެ ދީނުގެ ދާއިރާއަށް ލިބިގެންދިޔަ ތަނަވަސްކަމުގެ ސަބަބުންނެވެ. އިސްލާމްދީނުގެ ކުރިން ބާވައިލެއްވި ހުރިހައި ދީންތަކެއްވެސް ދިޔައީ އުވެމުންނެވެ. އޭގެސަބަބަކީ، އެ ދީންތަކާއިގެން ވަޑައިގެންނެވި ނަބީބޭކަލުންނަށް އީމާންވީ މީހުންގެ އަދަދު މަދުކަމެވެ. އެބޭކަލުންނާ ދެކޮޅުވެރިވި މީހުންގެ ބައިހެޔޮކަމެވެ. ހުރިހައި އާރަކާއި ބާރެއްވެސް ދެކޮޅުވެރީންގެ އަތްމަތީގައި އޮތްކަމެވެ. ކުރީގެ ނަބީބޭކަލުންނާ ދެކޮޅުވެރިވި މީހުން އެބޭކަލުން ގެންނެވި ދީންތައް އޭގެ އަސްލުގޮތުގައި ދެމިއޮތަކަ ނުދިނެވެ. އެބޭކަލުން ގެންނެވި ފޮތްތައް، އެބައިމީހުން އެދޭގޮތަށް ބަދަލުކުރުވިއެވެ. ނަމަވެސް، އިސްލާމީ އުސޫލުތަކުގެ މަތީގައި ބިނާވި ސަރުކާރުތައް، އެއްވެސް ބަޔަކަށް އެ ދީނަށް ގެއްލުމެއް ދެވުނަ ނުދިނުމުގެ ޖާމިނަކަށްވިއެވެ. އެއްވެސްކަހަލަ އިންސާނީ ވާހަކަތަކެއް، އެ ދީނުގެ ފޮތާ އެއްކުރެވުނަކަ ނުދިނެވެ.

އިސްލާމްދީނާ ބާރާ ގުޅުއްވައިދެއްވައި، އަބަދަށްޓަކައި އެ ދީން ރައްކާތެރިކޮށްދެއްވުމުން ވަރަށް ގިނަގުނަ ފައިދާތަކެއް ހާސިލުވިއެވެ. ދުޝްމަނުންގެ ފަރާތުން، މާތް اللّه ގެ ދީނަށް ކުރިމަތިވެދާނެ ހުރިހައި ނުރައްކަލެއްގެ ބިރު، އަބަދަށްޓަކައި ފިލައިގެން ދިޔައެވެ. ޤުރްއާނުގެ ސަބަބުން، އޭގެފަހުން އަންނަ އެއްކައުވަންތަކަން ގަބޫލުކުރާ މީހުންނަށްވެސް ވަނީ އެބައިމީހުން މާތް اللّه އަށް ފުރިހަމަޔަށް ކިޔަމަންތެރިވެއްޖެނަމަ، އެ ކިޔަމަންތެރިކަމަކީ އޭގެ އަމިއްލަ ޒާތުގައި އެބައިމީހުންވެސް ޙިމާޔަތްކޮށްދިނުމުގެ ގަރަންޓީއެއް ކަމުގައި ހިމެނިފައެވެ. އެހެންކަމުން، ދުޝްމިނު އެއްވެސް ފަރާތަކަށް އިސްލާމްދީނަށް އެއްވެސްކަހަލަ ގެއްލުމެއް ދެވިދާނެތީ، މިހާރަކު ކަންބޮޑުވާކަށެއް ނުޖެހެއެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ