އަދުގެ ޚާއްސަ

Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (2)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


1މޭ (ހޮނިހިރު) އާ ގުޅޭ..

ބިންމާ އިބްރާހީމް ވަޙީދު

ރޫޙާނީގޮތުން އަހަރުމެންގެ ހިތުގައި ދަބަރުޖެހީ ނޫންބާ އެވެ؟ ބޮޑުވަމުން އަހަރުމެން އައިއިރު މައިންބަފައިން ދަސްކޮށްދިން އެއް ކަމަކީ، ޝުކުރިއްޔާ ބުނުމެވެ. މީހަކު ކޮށްލަދޭ ކުޑަކުޑަ ކަމަކުން އަހަރުމެންގެ ހިތް އުފަލުންފުރިދެއެވެ. ކަމެއް ކޮށްފައި އޭގެ ބަދަލަކަށް އަހަރުމެން ނޭދެމު އެވެ. ކާން ގެންގުޅުނު މެޓައިން އެއްފަޅި ކޮއްކޮ އަށް ނުވަތަ ދައްތަ އަށް ދޭކަށް ޖެހިލުމެއްނުވަމު އެވެ. މާމަ ނުވަތަ ކާފަ ގެ އަށް އަހަރެން ދާހިތްވެ އެވެ. ބޮޑުވާ ވަރަކަށް އެ ރީތި އާދަތައް ހަނދާންނެތިގެން ގޮސް، ވަޒީފާ އަށް ވަނުމުން، މާމަ ނިޔާވާ ދުވަހު، ކަށުނަމާދުގައި ބައިވެރިވާން ވެސް އޮންނަނީ ނުދެވިފަ އެވެ.

ތިމާގެކަމުގެ ގުޅުމާއި، އެއްބަނޑުއެއްބަފާކަމުގެ ގުޅުން އެއީ، އޮތުމުން ފުދޭ އެއްޗެއް ކަމުގައި އަހަރެންނަށް ހެދުނެވެ. އެއް ގެ ހަތަރު ބަޔަށް ފަޅިވެ، އެއް ޢާއިލާ ހައެއްކަ ޢާއިލާ އަށް ބައިވެ އެވެ. "ނިއުކުލިއާރ ފެމިލީ" ކިޔާ، ނިކަން ރީތި ބަހެއް ދުނިޔެ އަށް އުފަންވެ އެވެ. އެއްބަނޑުއެއްބަފާ މީހުންނާއި ބޮޑު ޢާއިލާގެ އެންމެން، އެއް މޭޒެއް ދޮށަށް އައުން އެއީ ނާދިރުކަމަކަށްވެ އެވެ. އެއްބަނޑުއެއްބަފާ މީހުންގެ މަތިން ހަނދާންވަނީ، އެ ފަދަ މީހެއްގެ އުފަންދުވަހެއް އައީމަ އެވެ. މޯބައިލުފޯނުގެ ދީލަތިކަމުން، ފޯނަށް އެ ނަމެއް އެރީމަ އެވެ. ނޫން ނަމަ، އުފަންދުވަސް ވެސް އޮންނަނީ ހަނދާންނެތިފަ އެވެ. އިޖުތިމާއީ ފޭރާން އެ ފެންވަރަށް ވީދި ކުދިކުދިވުމުން، ދިރިއުޅުމުގެ ބައްތެލީގައި ނަގާފައި ހުންނަ އޯގާވެރިކަމުގެ ރިޔަލުގައި ބާގަނޑުތައް ހެދެންފަށައެވެ. ދިރިއުޅުމުގެ މިސްރާބު، ހިތްހެޔޮކަމުގެ ފާލަންތަކުން ކަސިޔާރުވެ އެވެ. އުމުރުގެ ބާކީއޮތް ތަނުގެ ހަމައެކަނި މަޤްޞަދަކަށް ވަނީ އާމްދަނީހޯދަން، ހޭބޯނާރާ އުޅުމާއި ފައިސާ އެވެ.
   
އުފަލުގައި ދިރިއުޅުމާއި، ގިނަ ދުވަހު، ޒުވާންކަމާއިއެކު ހެޔޮ ހާލުގައި ދުނިޔޭގެ އުޅެން އެންމެން ބޭނުންވެ އެވެ. އެ ކަން ކުރަނީ ކިހިނެތްކަމެއް ނޭނގެ އެވެ. އުމުރުން އެންމެ ގިނަ ދުވަސްވީ މީހުން ދުނިޔޭގައި ދިރިއުޅޭ އެއް ޤައުމަކީ ޖަޕާނެވެ. ސަތޭކަ އަހަރުގެ ފާހަގަ ފަހަނައަޅައިދާ ޖަޕާނުގެ މުސްކުޅިން، ރައްޓެހިންނާ އެކުގައި ވާހަކަދައްކާލަން ހޮޅުއައްޓަށް ދެއެވެ. ގޭދޮރުމަތި ކުނިކަހައެވެ. އެހާ ވެސް މުރާއްޔެވެ. އޭގެ ސިއްރު ހޯދުމަށްޓަކައި ސައިންސްވެރިން ކުރި ދިރާސާއަކުން ސާބިތުވި ގޮތުގައި، މުހިންމީ ކާ އެއްޗެހި އެކަންޏެއް ނޫނެވެ. އެކަމަކު ކާ ގޮތެވެ. އެ މީހުން ކައިނިމޭއިރު، ފެންބޯން ޖާގަ ބަހައްޓައެވެ. ފެންބޮއެ ނިމޭއިރު، ނޭވާލާން ޖާގަ ބަހައްޓައެވެ. އަހަރެންނަށް ކުރިން އުޅެވުނީ އެހެނެއް ނޫނެވެ. ގިނަ މީހުންނަށް އުޅެވެނީ އެހެންބާއޭ އަހަރެން ހިތަށްއަރައެވެ. ކައިނިމިގެން ހިންދަމާލާއިރު، ބޭނުންވާ ވަރަށް ފެންބޯނެ ޖާގަ ވެސް ނުހުރެއެވެ.
   
ހިތްހަމަޖެހިގެން އުޅެވެނީ ސްކޫލަށް ނުވަތަ ވަޒީފާ އަށް ދާން ހެނދުނު ހޭލީމައެއް ނޫނެވެ. އެކަމަކު، ފަތިހު ފަހެއްޖަހާކަންހާއިރު ހޭލީމަ އެވެ. ގެއިން ބަދިގެ އަށް ސައިކަލުގައި ދިޔާމައެއް ނޫނެވެ. އެކަމަކު، ހަވީރު ނުވަތަ ފަތިހު ހިނގާލަން ވެސް ދިޔާމަ އެވެ. ފިލްމެއް ބަލާލައިގެން ނުވަތަ ކޮފީއެއް ބޯލައިގެން އެކަނި ހިތްހަމަޖެއްސުމެއް ނޫނެވެ. ގަސްގަހުގައި އަޅާފައި ހުންނަ ރީތި މާމެލާމެއްޔާއި، ދޫނިސޫފާސޫފީގެ ލަވަތަކާއި، ގޮނޑުދޮށަށް ބީއްސާލާ ރާޅުގެ މިޔުޒިކު ވެސް އަޑުއެހީމަ އެވެ. ރޭގަނޑަށް ފިޔަޖަހާ ތަރިތަކަށް ބަލާށެވެ. އޭގައިވާ ސިއްރާއި އަޖައިބު ހިތަށް ގެނެވޭތޯ މަސައްކަތްކުރާށެވެ. ސާދަވިލޭރޭގެ ހަނދާއި، ފެނުން ތޮޅިލާ އިރަށް ނަޒަރުހިންގައި ފިކުރު ކޮށްލާށެވެ. ވިސްނައިފި ބަޔަކަށް އޭގައި ޢިބުރަތްތަކެއް ވާނެކަން ކަށަވަރެވެ. އިމްތިޙާންގެ ކަރުދާސް އަތުލާ ގަޑިޖެހޭއިރު، އެ ކަރުދާސް ހުސްކޮށް އޮތިއްޔާ ވާނީ ކިހިނެތްކަން ނޭނގޭ މީހާ އަށް އުޅެވޭނީ ކޮން ކަހަލަ ދިރިއުޅުމެއް ހެއްޔެވެ؟ އެ ދިރިއުޅުމެއްގެ ސަބަބުން އޭނަ އަށް ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ ހަމައެހެންމެ، ތިމާގެ ހާލާ މެދު ވިސްނާނުލެވޭ މީހަކު، އެހެން މީހަކަށް އެހީވާނީ ކިހިނެއް ހެއްޔެވެ؟
   
ރަނގަޅު ކަމެއް ތިމާ އަށް ކުރެވޭނީ، ފުރަތަމަ ތިމާގެ ހާލު ރަނގަޅުވެގެންނެވެ. އެހެން މީހަކަށް ލޯބިދެވޭނީ، ތިމާގެ އަމިއްލަ ނަފުސުދެކެ ލޯބިވެވިގެންނެވެ. ފަހަރެއްގައި ހިތުގައި ސުވާލު އުފެދިދާނެ އެވެ. ހިތްހަމަޖެހިގެން އުޅުމަށްޓަކައި ކުރަން މި ބުނާ ކަންތައް ތިމާ އަށް ކުރެވޭނެ ހެއްޔެވެ؟ އާނއެކެވެ. ނުކުރެވޭ ވަރުގެ އެއްވެސް ކަމެއް މިއަކު ނެތެވެ. ހިތްހަމަޖެހިގެން އުޅެން ބޭނުންވާ ހުރިހާ އެންމެން ކުރަންވީ ކަންތައްތައް އަހަންނަށް ބުނެދެވިދާނެ އެވެ. މިއީ އާ ކަމެއް ނޫނެވެ. ޒަމާންވީ ފަލްސަފާއެކެވެ. ހަނދާންނެތި ނުވަތަ ދޫކޮށްލާފައިވާ އާދަތަކެކެވެ. އަހަރުމެން މި ދިރިއުޅެނީ، ޢިލްމީ ކަނޑެއްގެ މެދުގައިވާ ޖަޒީރާއެއްގަ އެވެ. އެ ކަނޑުން އަތްގޮއްޓެއްގެ މިންވަރު ވެސް، މި ޒަމާނުގައި ނެގިފައެއް ނެތެވެ. ބޭނުންކުރެވިފައެއް ވެސް ނެތެވެ.

ބަދަލަކަށް ބޭނުންތަ؟

ރަނގަޅިއްޔާ އެ ބަދަލަކަށް އެންމެން ވެސް ބޭނުންވެ އެވެ. ދަސްކުރަން މި ޖެހެނީ ބަދަލުވާން ފުރަތަމަ ކުރަންވީ ކަންތަކެވެ. މިސާލަކަށް، ފެންއަޅައި ފުރިފައި ހުރި ތައްޓަކަށް ކިތަންމެ ވަރަކަށް ސައި އެޅިޔަސް ކުރާނެ ފައިދާއެއް ނޯންނާނެ އެވެ. އެ ތައްޓަށް ސައިއަޅަން ބޭނުން ނަމަ، ފުރަތަމަ ޖެހޭނީ ފެން ހުސްކުރާށެވެ. ހަމަ އެ ފަދައިން، ކުރިއްސުރެ އެއްކުރެވިފައިވާ ނުރަނގަޅު ވިސްނުންތަކެއްގެ ސަބަބުން ތިމާގެ ސިކުނޑި ފުރިފައިވާ ނަމަ، އެހެން ވިސްނުމަކަށް ތިމާގެ ސިކުނޑިއަކުން ޖާގައެއް ނުހޯދޭނެ އެވެ. ސިކުނޑި އަކީ ތައްޓެއް ނޫނެވެ. އަރިކޮށްލާފައި ހުސްކޮށްލާހެން ސިކުނޑިއެއް ހުހެއްނުކުރެވޭނެ އެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟
   
އަހަރެން މި ކިޔައިދޭ ކަންތައްތަކާ މެދު ފުންކޮށް ވިސްނާށެވެ. އަދި ވަރަށް ސާބިތުކަމާއެކު، އެއް މަސް ވަންދެން ފަރިތަކުރާށެވެ. ޔަގީންކަމާއި އިތުބާރާއެކުގަ އެވެ. މި އުސޫލުތަކުގައި އެއްވެސް އުރައްޕެއް ނެތް ނަމަ، މިއަދާ ޖެހެންދެން މި އުސޫލުތައް އުވިގެން ނުގޮހެއް ނުހުންނާނެ އެވެ. ވިސްނާލާށެވެ. އަހަރުމެންގެ ތެރެއިން އުވިގޮސްފައިވަނީ ކިތައް އާދަކާދަ ހެއްޔެވެ؟ އެކަމަކު، މި ފޯރމިއުލާ ސަލާމަތުން އަދި ވެސް އެބައޮތެވެ. އޭގެ ސިއްރަކީ، މެދުނުކެނޑި ބަޔަކު މި ފޯރމިއުލާ ބޭނުންކުރުމެވެ. އޭގެ އެހީގައި، ކާމިޔާބުގެ އުސް ގޮފިތަކާ ހަމައަށް ކިތަންމެ ބަޔަކު ވަނީ ފޯރާފަ އެވެ. އަދި އެ ގޮފިތަގުގައި ބަރާވެފައިވާ މޭވާތައް އެ މީހުން ހާސިލުކޮށްފި އެވެ. މީ ހާސަރެއް ނޫނެވެ. މީގެ ސަބަބުން ދިރުން ގެނެސްދޭނީ ތިމާ އަށް އެކަންޏެއް ނޫނެވެ. ތިމާގެ ވަށައިގެން އުޅޭ އެކުވެރިންނަށް ވެސް މީން ފައިދާކުރާނެ އެވެ. ސުވާލު އުފެދިދާނެ އެވެ. އެއީ ކިހިނެއް ހެއްޔެވެ؟
   
އެހެން މީހަކަށް އޯގާތެރިވެވޭނީ ތިމާގެ އަމިއްލަ ނަފުސުގެ މައްޗަށް އޯގާތެރިވާން ދަސްވެގެންނެވެ. ތިމާ އަށް ކަމެއް ވިސްނިގެން މެނުވީ، އެހެން މީހަކަށް ވިސްނައެއް ނުދެވޭނެ އެވެ. ތިމާގެ ސިކުނޑި އަށް ތާޒާކަން ވެރިވުމުން، ތިމާ އަށް ހިތްހަމަޖެހުން ހޯދަން މަގުފަހިވެފައި، ބޭނުންވާ ކަމެއް ކުރަން ފަސޭހަވާނެ އެވެ. މި ފޯރމިއުލާ ފަރިތަކުރަން ނަގާ އެއް މަސްދުވަހުގެ ތެރޭގައި، ތިމާ ވިސްނާ ގޮތް ބަދަލުވެފައި، މިޒާޖަށް ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ. ހަކަތަ އިތުރުވެފައި، މުރާލިކަމާއި ޖޯޝް އިތުރުވެފައި، ކުރިން ދުވަހަކު ވެސް އިހުސާސް ނުކުރެވޭހާ ހަމަހިމޭންކަން ހިތަށް ވެރިވާނެ އެވެ. ތިމާ ޒުވާންވެފައި ތާޒާވެއްޖެ ވާހަކަ މީހުން ބުނަންފަށާނެ އެވެ. ދުޅަހެޔޮކަމާއި ހިތްވަރު ލިބޭނެ އެވެ. މި ލިސްޓު ނިމުމެއް ނެތެވެ. ޖިސްމާނީ ގޮތުންނާއި، ނަފުސާނީގޮތުންނާއި، ރޫޙާނީގޮތުން ތިމާގެ ކުޅަދާނަކަން އިތުރުވާނެ އެވެ. ކުރާ ކަންތައްތައް މާ ފުރިހަމަވާނެ އެވެ. މި ފޯރމިއުލާގެ ސަބަބުން، ބުނެވިދިޔަ ކަންކަން ފުރިހަމަވާން ފެށުމުން، ތިމާ އެހެން ވާޖިބެއް އަދާކުރަން އެބަޖެހެއެވެ. އެހެން ޢިބާރާތަކުން ބުނަނީ ނަމަ، މި ފޯރމިއުލާ އަށް "އަގެއް" އަދާކުރަން އެބަޖެހެ އެވެ. ފައިސާއަކުން ނޫނެވެ. އޭގެ ފައިދާ އަހަންނަށް ލިބޭގޮތަކަށް ވެސް ނޫނެވެ. އެ އަގަކީ ނުވަތަ ވާޖިބަކީ، މި ފޯރމިއުލާ އެހެން މީހުންނަށް ބުނެދިނުމެވެ. އޭގެ އެހީގައި، އެހެން މީހުންގެ ދިރިއުޅުން ފަސޭހަކޮށްދިނުމެވެ.
   
ރަނގަޅުކަމެއް ތިމާ އަށް ދަސްވުމުން އެ ކަމެއް އެހެން މީހަކަށް ދަސްކޮށްދިނުމަކީ އާދައަކަށް ހެދުމުން،  މުޅި މުޖުތަމަޢަށް އޭގެ ލާބަ އާއި މަންފާކުރާނެ އެވެ. އިސާހިތަކު އޭގެ ފައިދާ ޤައުމަށް ކުރާނެ އެވެ. އަހަރެންގެ މި ބުރަ މަސައްކަތުގެ ބޭނުމަކީ އެއީ އެވެ. ހަރުދަނާ، ޒިންމާދާރު، ޚަސީލަތް ރަނގަޅު މީހުންތަކެއް ބިނާކުރުމެވެ. ފުދުންތެރިކަމާއި، އޯގާތެރިކަމާއި، އުފާވެރިކަން ފަރުދުންނަށް ދަސްކޮށްދިނުމެވެ. މި ސިލްސިލާގެ ހުރިހާ ބޮޅުތަކެއް، ތިމާގެ ސާދާ ދިރިއުޅުމުގެ ނަނުފަށަށް ގަތަމުންދާ ކޮންމެ މީހަކަށް އެ ކަން ކުރެވޭނެ އެވެ. އެ ފަދަ ޤާބިލު މީހަކަށް އެ މީހާ ހަދައިދޭނެކަމުގެ ޔަގީންކަން އަހަރެން ދެމެވެ.

އަހަންނަށް މި ކަންތައް ދަސްކޮށްދިން އެދުރުބޭގެ އެދުމަކީ ވެސް އެއީ އެވެ. އަމިއްލަ އެއްވެސް މުހުތާދެއް ނެތި މި ބުރަ މަސައްކަތާ މި ކުރިމަތިލީ އެހެންވެ އެވެ. އަހަރެން މި ކަންތައް ދަސްކުރުމަށްޓަކައި ޚަރަދުތަކެއް ކުރީމެވެ. އެހެންމީހުންނަށް މި ކަންތައް ދަސްކޮށްދިނުމުގައި، އެންމެ ހަތަރުއަނާ ވެސް އަހަރެން ނުހިފަމެވެ.
   
މި މުޅި ފޯރމިއުލާ ބިނާވެފައި އޮންނަނީ ވަރަށް ކުރު ވާހަކައެއްގެ މައްޗަށެވެ. ނޫނީ ސިފަކުރުންތަކެއްގެ މައްޗަށެވެ. މި ހިސާބުން އެ ވާހަކަ ކިޔައިދޭނަމެވެ. ކިޔަމުންދާއިރު ސިފަކުރަމުން ގެންދާށެވެ.

        ތިމާ އިށީނދެގެން އިނީ، ފެހިކަންގަދަ، ވަސްމީރު، ހިތްގައިމު ބަގީޗާއެއްގަ. ބަގީޗާގެ ގަސްތައް ފުރިފައިވަނީ ތިމާ ދުށް އެންމެ ރީތި މާމެލާމެލިން. އެ މާހައުލަށް ފެތުރިފައިވަނީ ހިތްހަމަޖެހުމާއި ހަމަހިމޭންކަން. ތިމާ ދާނެ އެހެން ތަނެއް، ކުރާނެ އެހެން ކަމެއް ނެތް.
       
        ވަށައިގެން ނަޒަރުހިންގާލިއިރު ތިމާގެ ލޮލުގައި އަޅައިގަތީ، އެ ބަގީޗާގެ މެދުގައި، ވަރަށް އުސްކޮށް ހަދާފައިވާ ބުރުޒެއް. ކުއްލިއަކަށް         އެ ބުރުޒުން ދޮރެއް ހުޅުވުނު އަޑު މާހައުލަށް ފެތުރިގެންދިޔަ. އަދި ވަރަށް ވަރުގަދަ، ބިޔަ ފިރިހެނެއް އެ ދޮރުން ނުކުތް. ނުކުމެ އެ         ބަގީޗާގައި ހިނގަންފެށި. އޭނަ އަނދެގެން ހުރީ ކަޅުކުލައިގެ މުންޑެއް އެކަނި. ވަރަށް ސާދާ ގޮތެއްގައި އޭނަ އެ ބަގީޗާގައި ހިނގާފައި  ދަނިކޮށް، މާ ކުރީ ޒަމާނެއްގައި، މީހަކު އަތުން އެ ތަނަށް ވެއްޓިފައި އޮތް އަތުކުރީގަޑިއެއް އޭނަ އަށް ފެނުނު. އެ ގަޑި ނަގައި  އަތުގައި އެޅުމާއެކު، ހޭނެތިގެން އޭނަ އެ ތަނަށް ވެއްޓުނު. އެ ހިސާބުން ދެން އޭނަ އެ މަރުވީއޭ ހީވާހާއިރު އެ ތަނުގައި އޭނަ  އޮވެފައި ކުއްލިއަކަށް ބޯ އުފުލާލި. އޭނަ އަށް ދިރުން ލިބުނީ، ޖެހިލި ނަލަ ރޯޅިއަކާއެކު، ކައިރީގައި ހުރި ފިނިފެންމާ ގަސްތަކުން             ލިއްބައިދިން މީރުވަހުންހެން ހީވޭ. އެ މީހާ ފުންމައިގެން ތެދުވެ، ވައަތް ފަރާތަށް ބަލައިލި. އެ ވަގުތު އޭނަ އަށް ފެނުނު  މަންޒަރަކުން އޭނަ ސިއްސައިގެންދިޔަ. އޭނަ އަށް ފެނުނީ، ކައިރީގައި ހުރި ގަސްތަކުގެ ބިއްދޮށުގައި، އެތަކެއް ހާސް ޖަވާހިރަކުން ފުރިފައިވާ މަގެއް އޮއްވާ. އެ ހިސާބުން، އެ މަގުން ހިނގައިގަތުމަށް ލިބުނު އިލުހާމެއްގެ ސަބަބުން، އޭނަ އެ މަގުން ހިނގައިގަތް.         އެ މަގުން ހިނގަމުން ގޮސް އޭނަ އަށް ނުކުމެވުނީ، ހިތްހަމަޖެހުމާއި އަރާމުން ފުރިގެންވާ ބޮޑު މައިދާނަކަށް. އެ މައިދާނުގައި  އުމުރު ހުސްވަންދެން އޭނަ އުޅުނު.

    މި ސިލްސިލާ ކިޔަމުންއައި ކިޔުތެރިންގެ ހިތުގައި ސުވާލު އުފެދުން އެކަށީގެންވެ އެވެ. އެއީ ކޮންފަދަ، ތާކުންތާކުނުޖެހޭ، އޮއްޓަރެއް ނެތް ވާހަކައެއް ހެއްޔެވެ؟ ހުރިހާ ވަގުތެއް މި ބޭކާރު ކުރެވުނީ އެ ހާސަރު އަޑުއަހަން ހެއްޔެވެ؟ ތިމަންނަމެން ހީކުރީ އެ އަށް ވުރެ އާރުލާ ޒާތުގެ ވާހަކައެއް އަހަރެންނަށް ކިޔައިދެވޭނެ ކަމަށެވެ. އެ ފަދައިން ހިތަށްއެރި ކިޔުންތެރިންނަށް ބުނަމެވެ. ސާދާ ކޮންމެ އެއްޗަކީ އާދައިގެ އެއްޗެއް ނޫނެވެ. ފަހަރެއްގައި، ތިމާ އުންމީދުކުރިހާ މޮޅު، ނޭވާ ހިފާއްޓާލަންޖެހޭ ކަހަލަ ވާހަކައަކަށް އެ ވާހަކަ ނުވެދާނެ އެވެ. އެކަމަކު، އެ ވާހަކައިގެ ކޮންމެ ފޮޅުވަތަކާއި، ޢިބާރާތަކާއި، ލަފުޒެއްގައި ވެސް، ފިލާވަޅަކާއި މަޤްޞަދެއް އޮންނާނެ އެވެ. ހިތްހަމަޖެހުމަކަށް ތިމާ ވާސިލުވުމަށްޓަކައި، (1) ބަގީޗާ، (2) ބުރުޒު، (3) ވަރުގަދަ ފިރިހެންމީހާ، (4) ކަޅު މުންޑު، (5) އަތުކުރީގަޑި، (6) ފިނިފެންމާ، (7) ޖަވާހިރުތަކުން ފުރިފައިވާ މަގު، އިސް ދައުރެއް އަދާކުރާނެ އެވެ. މި ކުރު ވާހަކަ އާއި އޭން ހާމަކޮށްދޭ އަސާސީ ޙަޤީޤަތް ހަނދާންބަހައްޓައިފި ނަމަ، ދިރިއުޅުމަކީ ބިޔަ ގަހެއް ކަމުގައިވާ ނަމަ، އެ ގަހުގައިވާ އުފާވެރިކަމުގެ އެންމެ ފަލަ ގޮފިތަކަށް އަރާނެ އެންމެ ފަސޭހަ ގޮތް ހޯދުނީ އެވެ. ތިމާ އާއި ތިމާގެ ވަށައިގެން ދިރިއުޅޭ މީހުންނަށް، ހިތްހަމަޖެހުން ހޯދައިދިނުމަށްޓަކައި ބޭނުންވާ މަޢުލޫމާތާއި އުކުޅުތަކުގެ ފޭރާން ހެޔޮކުރަން ދަސްވީ އެވެ. އަދި ތިމާގެ ދިރިއުޅުމުގައި އެ ކަންކަން، ދާއިމީކޮށް ބޭނުންކުރަންފަށައިފި ނަމަ، ތިމާގެ ދިރިއުޅުން ބަދަލުކޮށްލާނެ އެވެ. ހެޔޮ ބަދަލުތައް، ކެނޑިނޭޅި އަންނާނެ އެވެ. ނަފްސާނީގޮތުންނާއި، ޖަޒުބާތީގޮތުންނާއި، ޖިސްމާނީގޮތުންނާއި އަދި ރޫޙާނީގޮތުން ވެސްމެ އެވެ. އެ ވާހަކަ ހިތުގައި ބިންވަޅުކަނޑައިނަގައި، ތިމާ ދާ ކޮންމެ ތަނަކަށް ގެންދާށެވެ. ޝައްކަކާ ނުލައި އެ އަށް އިތުބާރުކޮށްފި ނަމަ، ވަރަށް ބޮޑު، އެހާމެ ހެޔޮ ބަދަލެއް ތިމާ އަށް އިހުސާސްކުރެވޭނެ އެވެ. ސިކުނޑި މެދުވެރިއެއްގެ ރޯލު ނުކުޅޭދޭހާ ހިނދަކު، ފެންނަ އެއްޗަކުން ނުވަތަ ކިޔާ އެއްޗަކުން ނުވަތަ އިވޭ އެއްޗަކުން ވިޔަސް، މާނައެއް ދޭހައެއް ނުވާނެ އެވެ. މޮޔައިންގެ ލޮލަށް ވެސް ތަންތަން ފެންނާނެ އެވެ. އަޑުތައް އިވޭނެ އެވެ. އަދި އެ މީހުން ވާހަކަ ވެސް ދައްކާނެ އެވެ. ހަމައެކަނި ތަފާތަކީ، އެ މީހުންގެ ބުއްދި އެ މީހުންނަށް އެހީނުވުމެވެ.
   
މުސްތަޤުބަލު ބާއްޖަވެރި ވުމުގެ ޙައްޤު ހަމަ އެކަނި އޮންނަ ބަޔަކީ، އެ ކަމަށް އުންމީދުކޮށް، އެ ކަމަށް މަސަތްކަތްކުރާ މީހުންނެވެ. އެތަކެއް އަހަރެއްގެ ތެރޭގައި، ނުވެސްދެނަހުރެތިބެ، ތިމާ އަމިއްލަ އަށް ތިމާގެ ދިރިއުޅުމަށް ކުރިމަތިކުރުވި ހުރަސްތައް، އެއް ރޭގެ ހަތަރުދަމަކުން އެއް ފަރާތެއް ނުކުރެވޭނެ އެވެ. ބުއްދީގެ އަހުލުވެރިން އެ ކަން ދަންނާނެ އެވެ. އެ ހުރަސްތައް އެއްފަރާތްކުރުމަށްޓަކައި، މިހާރު މި އަޅަނީ ފުރަތަމަ ފިޔަވަޅެވެ.

    ފެހިކަންގަދަ، ވަސްމީރު، ހިތްގައިމު ބަގީޗާ
   
ވާހަކައިގައި އެ ބުނާ ބަގީޗާ އަކީ ތިމާގެ ސިކުނޑި އެވެ. ނުވަތަ ބުއްދި އެވެ. ތިމާގެ ބުއްދި އަށް ތިމާ ފަރުވާ ބަހައްޓައި ކަމޭހިތަންޏާ، ބުއްދި ވެސް ތިމާ އަށް އެ ފަދައިން ބަދަލުދޭނެ އެވެ. ސިކުނޑި އަކީ ދަނޑެއް ކަމުގައި ބަލާ، އެ ދަނޑުގައި ރަނގަޅަށް ފަސްގަނޑުޖަހައި، މުޑުވައް ރަނގަޅު ކުރިތައް އިންދައިފި ނަމަ، އެ ކުރިތައް ފޯދި، އޭން ހޯއްދުންހެޔޮ މޭވާ ލިބޭނެ އެވެ. ހަމައެހެންމެ، އެ ބަގީޗާގެ ފަސްގަނޑަށް، ކެހިވެރިކަމާއި، އަދާވަތްތެރިކަމާއި، ދަހިވެތިކަމުގެ ވިހަ އުކައިފި ނަމަ، ހަމަޖެހުމުގެ އެންމެ ކުރިއެއް ވެސް ނުފޯދި ބިންގަނޑު ވާނީ ވިހަ އެވެ. އެއީ، ބައެއް މީހުން، ކޮންމެ ދުވަހަކު ކުރާ ކަމެކެވެ. ބޭކާރު ފިކުރުތަކާއި، ނުބެހޭ ކަންކަމާ ބެހުމާއި، މާޒީގެ ޝަކުވާތަކާއި، ހަސަދައިން ބަގީޗާ ފުރާލަ އެވެ. ވިސްނަންވީ ނުކުތާ އަކީ، ހަސަދައިގެ ގަހަކު އޯގާތެރިކަމުގެ މޭވާއެއް ނާޅާނެ ކަމެވެ. ޝަކުވާގެ ނިރަކުން، ހިތްހަމަޖެހުމެއް ނުފޯދޭނެ އެވެ. ދަހިވެތިކަމާއި އަދާވާތްތެރި ކަމަކީ،ސިކުނޑި ހުލިކޮށްލުމަށްފަހު، ފާފައިގެ މޫ ފައިބައި، ދިރިއުޅުން ބަނގުރޫޓުކޮށްލާ ގަސްގަހެވެ. ބަގީޗާއެއްގައި އިންދަން ހެޔޮނުވާނެ އެވެ. އޭގެ ސަބަބުން ތިމާގެ އަމިއްލަ ނަފުސާއި އިޢުތިޤާދު ބަލަކަށިކޮށް ފުނޑުފުނޑުކޮށްލަ އެވެ.


(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ