އަދުގެ ޚާއްސަ

Print

ހަމަ ހިތަށްއަރާ.. (1)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ވައްކަން ނުކޮށް އުޅެވިދާނެތަ؟

ިބިންމާ އިބްރާހީމް ވަޙީދު

    އެއްވެސް ކަމެއް ނޫނެވެ. ހަމަ ބުއްދި ވިސްނުނީއްސުރެ އަހަރެން އެއްވެސް ވައްކަމެއް ނުކުރަމެވެ. ކުރިއަށް އޮތް ތަނުގައި ވެސް ވައްކަމެއް ނުކުރާނަމެވެ. ބުނަން ފަސޭހަ އެވެ. ފުންކޮށް ވިސްނާލުމުން ސުވާލު އުފެދެން ފަށައެވެ. ވައްކަމަކީ ކޮބައިހެއްޔެވެ؟

    ވަގަށް ނެގޭނީ ފިހާރައެއްގައި ބަހައްޓާފައި ހުންނަ އެއްޗެއް ހެއްޔެވެ؟ މީހެއްގެ ވޮލެޓުގައި އޮތް އެއްޗެއް ހެއްޔެވެ؟ ނުވަތަ، އަލަމާރީގައި އޮތް އެއްޗެއް ހެއްޔެވެ؟ ވައްކަން ނުކުރާ ކަމުގެ ޔަގީންކަން ތިމާ އަށް ލިބިފައިވާއިރު، އެއްކުރެވިފައިވާ ލަވަތަކަށް ނަޒަރެއް ހިންގާލުން މުހިންމެވެ. ސީޑީތަކުގައި ރައްކާކުރެވިފައިވާ ސޮފްޓްވެއާރތައް، ތިމާ އަށް ލިބުނު ގޮތް ހަނދާންކޮށްލަންޖެހެ އެވެ. އަދަދު ނޭނގޭ ފިލްމް ސީރީޒްތަކުން، ހާޑުޑިސްކު ފުރުނުގޮތް ވިސްނާލުން ބުއްދިވެރި އެވެ.

    ތަރައްޤީ އަކީ، އިންސާނާ އަށް ކުރިއެރުން ހޯދައިދޭ އެއްޗެކެވެ. ތިމާ ރޯފިލުވައިދޭ ބޭހެކެވެ. މައްސަލަ އަކީ، ތިމާއާ ހަމައަށް ތަރައްޤީ ފޯރާއިރު، އެ ވައިރޯޅިއާ އެކުގައި އަންނަ ހިރަފުހެވެ. ހިރަފުހާ ނުލައި ރޯޅިއެއް ނާންނާނެ އެވެ. ބައެއްފަހަރު އެ ހިރަފުސް ލޮލަށް ނުފެނުން އެއީ މުޅިން އެހެން ކަމެކެވެ. ތިމާ އަތުގައި، ވައްކަމުގެ އެއްވެސް މުދަލެއް ނުހުންނާނެ ކަމުގައި  ބައެއް މީހުންނަށް ހީކުރެވޭއިރު، އަމިއްލަ ނަފްސާ ކޮށްލަން ރަނގަޅު ސުވާލުތައް ހުންނާނެ އެވެ.

    ފުރަތަމަ ސުވާލަކީ، އެއްޗެއް ތިމާ އަށް ލިބޭނީ ކިހިނެތް ހެއްޔެވެ؟ ފުރަތަމަ ގޮތަކީ ހޮވުމެވެ. ދެވަނަ ގޮތަކީ މީހަކު ދިނުމެވެ. ތިންވަނަ ގޮތަކީ ގަތުމެވެ. ގަންނަން ޖެހެނީ ވިއްކަން ހުންނަ އަގަށެވެ. ވިއްކާ ކޮންމެ އެއްޗެކަށް ވެސް، އެ އެއްޗަކަށް އެކަށީގެންވާ އަގެއް ކަނޑައެޅިފައިވާނެ އެވެ. މޯބައިލް ފޯނުގެ ބައެއް ވައްތަރު، ކިތަންމެ އަގުހެޔޮވިޔަސް، 10 ރުފިޔާ އަށް ފޯނެއް ވިއްކަން މީހަކު އަތުވެއްޖެ ނަމަ، ސުވާލު އުފެދޭނެ އެވެ. އެ ފޯނު ތިމާ "ގަތް ނަމަ" އެއީ ވިޔަފާރިއެއްތޯ ނުވަތަ ވައްކަމެއްތޯ ހިތާ ސުވާލުކުރެވޭނެ ޖާގަ ނެތްބާ އެވެ؟ ކޮންމެ ކުށަކީ ވެސް، އެކި މިންވަރަށް ކުރެވޭ އެއްޗެކެވެ. ވައްކަން ކުރުމާއި، ވަގަށްނަގާފައިވާ އެއްޗެއްކަން އެނގިހުރެ އެ އެއްޗެއް ގަތުމާއި، ވައްކަމެއް ސިއްރުކޮށްދިނުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

    ހަތަރުވަނަ ގޮތަކީ، ފޭރުމެވެ. ފަސްވަނަ ގޮތަކީ ވަގަށް ނެގުމެވެ. ބައެއް ބަސް ދުލުން ކިޔާއިރު، ކަންފަތަށާއި ހިތަށް ފަސޭހަގޮތަށް ބަދަލުކުރެވެ އެވެ. ދަރަނީގެ ބަދަލުގައި ލޯނު ކިޔަ އެވެ. "ނައިސްވުމަކީ" މި ޒަމާނުގައި، ބައެއްފަހަރަށް، އަމަލުވުމުގެ ބަދަލުގައި ވެސް ބޭނުންކޮށް އުޅޭ ބަހެކެވެ. މަސްތުވާ އެއްޗިހި ބޭނުން ކުރާ މީހާ އަށް "ޕާރޓޭ" ކިޔުމުން ފުދެއެވެ. ސައިޓްތަކުން ފިލްމާއި ލަވަ، އަގެއް ނުދީ "ޑައުންލޯޑް" ކުރުމަކީ ކޮބައިހެއްޔެވެ؟ އަގުބޮޑެތި ސޮފްޓްވެއާރތައް "ކްރޭކް" ކުރުމުން ކިޔަންވީ ކޮން ނަމެއް ހެއްޔެވެ؟ އެތައް މަސައްކަތަކުން މީހަކު ހަދާފައިވާ ހިންދީ ލަވައެއްގެ ރާގު "ކޮޕީ ކުރުމުން" ރާއްޖޭގަ އަދި މައްސަލަ ނުޖެހުނަސް، ވިސްނާލަންޖެހޭނެ އެވެ. ނުބައިކޮށް ހާޒިރީގައި "ގަޑިޖަހާލުން" އެއީ ޤައުމީ ރައުސްމާލުން ކުރެވޭ ވައްކަމެއް ކަމުގައި ބެލިދާނެ ހެއްޔެވެ؟

    މި ޒަމާނަކީ، ގިނަ ކަންތައްތައް ފަސޭހައިން ކުރެވޭ ޒަމާނެވެ. ވައްކަން ކުރާ މީހާ، ދަންވަރަށް އިންތިޒާރުކުރާކަށް ނުޖެހެ އެވެ. އެއްޗެއް ވަގަށް ނަގަން، ކޮންމެ ފަހަރަކު، ފާރުމަތިން ފުންމާލާކަށް ވެސް ނުޖެހޭނެ އެވެ. އެއިން އެއްވެސް ކަމެއް ނުކޮށް، "އަނެކެއްގެ އެއްޗެއް އެ މީހާ އަށް ނޭނގި ސިއްރުން ނެގުން" އެއީ ދާދި ފަސޭހަ ކަމެކެވެ.

    "ސޮފްޓްވެއާރ ކްރޭކް ކުރުމަކީ، ވައްކަމެއްކަން އެނގޭ.. އެކަމަކު، ރާއްޖޭގަ އެ ކަހަލަ ކަންތައް ކުރުމަކީ މަނާކަމެއްބާ؟ ކުށްވެރިވާ ކަމެއްބާ؟ މުޖްތަމަޢު ގަބޫލުނުކުރާ ކަމެއްބާ؟ މީ އުފެދޭ ސުވާލުތަކެއް." އާމްދަނީ ހޯދުމަށް އަދާކުރާ ވަޒީފާއެއްގެ ގޮތުގައި، މީގެ އެތަކެއް އަހަރެއް ކުރިއްސުރެ، ކޮމްޕިއުޓަރގެ މަސައްކަތް ކުރަމުންދާ، 30 އަހަރުގެ މީހަކު ބުންޏެވެ.

    ކަމެއް ގޯސްވާންޖެހޭނީ، ސަރުކާރުން ވަކި ގޮތެއް ކަނޑައެޅީމަ ހެއްޔެވެ؟ ބައެއް ކަންކަމުގައި ތިމާގެ އަމިއްލަ ބުއްދި ބޭނުން ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟

    "އެހާ ފަސޭހައިން ސޮފްޓްވެއާރ ކްރޭކް ކުރެވޭކަން އެއީ ނަސީބެކޭ އަހަރެންގެ ހިތަށްއަރަނީ." އައިޓީގެ ދާއިރާގައި މަސައްކަތްކުރާ 28 އަހަރުގެ މީހަކު ބުންޏެވެ. "މިސާލަކަށް ތިރީޑީ މެކްސްގެ އަސްލު ގަންނަންވެއްޖެއްޔާ ހާހުން ޑޮލަރު ޚަރަދުކުރަންޖެހޭނެ.. އެއީ ހަމައެކަނި އެ ޕްރޮގްރާމް. އަދި ކޮބާ އެ އަށް ބޭނުންވާ ޕްލަގިންސް ކަހަލަ އެއްޗިހީގެ އަގު. ވިންޑޯސް އޯއެސްގެ އަގު. އެ ހުރިހާ ޚަރަދެއްކޮށްގެން އޭނަ އަށް ފައިދާވާނީ ކޮން ދުވަހަކުން؟ އެހެންވެ ސޮފްޓްވެއާރ "ކްރޭކް ކުރަނީ". އެއީ ހަމަ ވައްކަމެއް."
   
      ބައެއް ކަންކަމަކީ ކުށެއް ނަމަވެސް، މުޖުތަމަޢު އެއީ ކުށެއް ކަމަށް ނުދެކެންޏާ، ކުރެވޭ އިހުސާސް ތަފާތުވެ އެވެ. ބައެއް ޤައުމުތަކުގައި، "އޯޕަންކޮށް" ހުންނަ ވައިފައި ސިގުނަލެއް ފެނުނަސް، އޭގެ ބޭނުންކުރުމަކީ މަނާކަމެކެވެ. އެކަމަކު، އޯޕަންކޮށް ހުންނަ ކަނެކްޝަނެއްގެ ބޭނުންކުރުމަކީ ކުށެއްކަމަށް ދެކޭނީ ކިތައް މީހުން ހެއްޔެވެ؟ ޚިޔާލަކީ ތަފާތު އެއްޗެކެވެ. ބައެއް ރޭޑިޔޯތަކަށް، ކޯޑްލަސް ފޯނުން މީހުން ދައްކާ ވާހަކަ ލިބެއެވެ. ސާފުކޮށް އަޑުއެހެއެވެ. އެހެންނަމަވެސް، އެއީ އެހުމުން ވައްކަން ކުރުން ނޫންބާ އެވެ؟
    "މިސާލަކަށް، ޔޫރަޕްގެ މީހުން ލާއުޅެނީ ނިވާކަން ވަރަށް ކުޑަ ހެދުން. މާލޭގެ މަގުމަތީގަ އެ ފަދަ ހެދުމެއްލައިގެން އުޅުން އެއީ ކޮންކަހަލަ ކަމެއްބާ؟" ކުރިން ވާހަކަދެއްކި މީހާ ބުންޏެވެ. "ފޭކް ސީޑީ ވިއްކުމާ، ހުއްދަނެތި ރާގު ކޮޕީކުރުމާ، ހުއްދަނެތި ޕްރޮގްރާމާއި ލަވަތައް ދުރަށް ފޮނުވުމަކީ ދުނިޔޭގެ ޤާނޫނު ހުއްދަކުރާ ކަމެއް ނޫން. އެކަމަކު ރާއްޖޭގަ އެއީ ހުއްދަކަމެއް. އެހެންވެ ހިއެއްނުވާނެ ތިމާ އަށް މި ކުރެވެނީ ވައްކަމެއް ހެނެއް. އެއީ ގިނަ މީހުންނަށް ވާގޮތަކީ." އެއްވެސް ވައްތަރެއްގެ މަސް ނުކާ މީހުން އުޅެއެވެ. ހަމައެކަނި މޭވާ ކައިގެން އުޅޭ މީހުން ވެސް އުޅެ އެވެ. އެއްވެސް ކަހަލަ ވައްކަމެއް ނުކުރާ މީހަކު ހުރުމަކީ ވެދާނެ ކަމެކެވެ. އެ މީހަކު ވާނީ، ޓެކްނޮލޮޖީއާ ދިމާލަށް ބުމަ އުފުއްލައިގެން ބަލާ މީހަކަށެވެ. ނުވަތަ، އެއީ ޓެކްނޮލޮޖީ އަކީ ކޯޗެއްކަން ނޭނގޭ މީހެކެވެ. އޭގެ ބޭނުން މަދުން ނުވަތަ އެއްގޮތަކަށް ވެސް ނުކުރާ މީހެކެވެ. އެ ފަދަ މީސްމީހުން ވެސް ވިސްނާލުން ރަނގަޅު ސުވާލެއް އެބައޮތެވެ. ތިމާގެ ކޮމްޕިއުޓަރުގައިވާ ހުރިހާ ސޮފްޓްވެއާރ އަކީ، ގަނެގެން އެ އަށް އަޅާފައިވާ އެއްޗެއް ހެއްޔެވެ؟
  
 "އަހަންނަކަށް ނުކެރޭނެ ފިހާރަޔަކުން އެއްޗެއް ވަގަށް ނަގާކަށް. އެކަމަކު، ލަވައެއް ޑައުންލޯޑް ކޮށްލަފާނަން. އަގުހެޔޮކޮށް ވިއްކާ "ފޭކް" އެއްޗެއް ގަނެފާނަން. ހީވޭ އެއީ ވައްކަމަކަށް ވާގިދިނުންހެން." 40 އަހަރުގެ ލިޔުންތެރިއަކު ބުންޏެވެ. "ހުރިހާ ސޮފްޓްވެއާރއެއް، ހަމައަގުގަ ގަނެގެން އުޅޭނީ ކިތައް މީހުންބާ؟"

    އިންސާނުން ކަންކަން ގަބޫލުކޮށް އުޅެނީ އެ މީހަކު ބޭނުންވާ ގޮތަކަށެވެ. އަޑުއަހަން ކަންފަތަށް ކުޅަދާނަވާ ގޮތަކަށެވެ. ކަންކުރަން ބޭނުންވެފައި، ތިމާ އަށް އެކަން ދޫކޮށްލެވެން ނެތްކަމަށް ވަންޏާ، އެއީ ކުށެއްކަމަށް ގަބޫލުނުކުރާ މީހުން ވެސް އުޅެއެވެ. އެ ފަދަ މީހުންގެ ނިންމުމަށް ވެސް އިޙުތިރާމު ކުރަންޖެހެ އެވެ.
    "އޮރިޖިނަލް ސޮފްޓްވެއާރ ނުހުންނާނެ ހިލޭ ޑައުންލޯޑްކުރެވޭ ގޮތަކަށް. ހިލޭ ލިބެން ހުންނަ އެއްޗިއްސަކީ، އިޝްތިހާރުކުރުމަށްޓަކައި، އެ ތަކެތީގެ ވެރިން ދީފަ ހުންނަ އެއްޗިހި. އެ އަށް ފޭކް މި ކިޔަނީ. ފޭކްގައި ހުންނާނެ ބައެއް އުނި ކަންތައް ވެސް. އެ ބޭނުންކޮށްފަ، ކަމުދަންޏާ ޖެހޭނީ އޮރިޖިނަލް ގަންނަން. އެހެންވެ، ސޮފްޓްވެއާރ ކްރޭކް ކުރުމަކީ ވައްކަމެއް ނޫން. އެއީ، ވެރިފަރާތަށް ކޮށްދޭ ހެޔޮކަމެއް." ވަޒީފާއަދާކުރާތާ 21 އަހަރުވެފައިވާ، އުމުރުން 38 އަހަރުގެ މީހަކު ބުންޏެވެ.  
   
      ވައްކަމެއް ކުރިކަމަށް ވަނީ، އެ ކަމެއް ފަޅާއެރީމަ ހެއްޔެވެ؟ ނޫނީ އެ މީހަކަށް އަދަބެއް ލިބުނީމަ ހެއްޔެވެ؟ މި ހުންނަނީ، ސުވާލު ފޮށީގެ އަރިމަތީ ޖީބުގައި ހުރި ސުވާލުތަކެވެ. އެއްޗެއް ގަތުމުން ބާކީ ދިންއިރު، ދޭންވާ ވަރަށް ވުރެ ގިނައިން ފައިސާ ދިނުމުން، އެ ފައިސާ އަނބުރާ ރައްދުކުރާކަށް ނުޖެހޭނެބާ އެވެ؟ ކޮންމެ ވައްކަމަކީ ބޭޒާރުވާނެ ކަމެއް ނޫނެވެ. ތެދުވެރިވާންވީ ތިމާ އެވެ. ތިމާގެ އަމިއްލަ ނަފުސެވެ. ވައްކަމެއްކަމަށް ތިމާ އަށް އިހްސާސްކުރެވޭ ހުރިހާ ކަމަކުން ތިމާ އަމިއްލަ އަށް ޖެހޭނީ ދުރުވާށެވެ.  
   
       ގިނަ މީހުން ކުރާ ކަންތައް އެއީ ރަނގަޅު ކަމަކަށް ނުވެހިނގައިދާނެ އެވެ. ފަސޭހައިން ލިބޭ އެއްޗަކީ ޙަލާލު އެއްޗަކަށް ވެސް ނުވެހިނގައިދާނެ އެވެ. ތިމާ އަށް އެންމެ ފައިދާހުރި ގޮތް އެއީ، ކަންއޮންނަންޖެހޭ ގޮތް ކަމުގައި ނުވެދާނެ އެވެ. ޙަޤީޤަތް ހޯދަން އެއްވެސް މަސައްކަތެއް ނުކޮށް، ތިމަންނައަކަށް ނޭނގެޔޭ ބުނެގެން ފުއްދާލެވޭނެ ހެއްޔެވެ؟
   
       ފެން އިސްކުރު ވަރަށް ކުޑަކޮށް ދޫކޮށްފައި ބަހައްޓައިގެން ފެން ނަގައިފި ނަމަ، ދޭންޖެހޭ އުޖޫރަ ކުޑަވާނެކަން އެނގިހުރެ، އެ ގޮތަށް ފެން ނެގުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ އެއީ، ތިމަންނަ ގެ އަށް ލާފައި ހުރި އިސްކުރޭ، އެއިން ތިމަންނަ ފެންނަގާނީ ތިމަންނަ ބޭނުން ގޮތަކަށޭ ބުނެވިދާނެ އެވެ. އެކަން އޮންނާނީ ވެސް އެހެންނެވެ. އެކަމަކު، އެއީ ފައިސާ މަދުން ދެއްކުމުގެ ނިޔަތުގައި ކުރިކަމެއް ކަމަށް ވަންޏާ އެއީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟
    
       ރެސްޓޯރަންޓަށް ގޮސްފައި، ކްރެޑިޓް ކާރޑުން ފައިސާދައްކާ ފަހަރުތައް އާދެއެވެ. އަދި، އެއްވެސް ޖެހިލުމެއްނެތި، ކާރޑުގެ ޕިން ނަންބަރު ބުނެލަ އެވެ. ނުވަތަ ބިލުގައި ޖަހާލަ އެވެ. ވަރަށް މުހިންމު ނަންބަރެއް، އެތައް ބަޔަކަށް ހާމަވީ އެވެ. ގައިމު ވެސް އެ ނަންބަރު ހާމަކުރީ ވެރިފަރާތުންނެވެ. ނިޔަތް ކިލަނބުވެފައިވާ މީހަކު، އެ ނަންބަރުގެ އެހީގައި ފައިސާކޮޅެއް ތިމާގެ އެކައުންޓަށް ޖަމާކުރުމުން އެއީ ވައްކަމެއް ހެއްޔެވެ؟
   
       ޕްރީޕެއިޑް ނަންބަރުތަކަށް ފައިސާ ޖަމާކުރަނީ ނަންބަރެއްގެ އެހީގަ އެވެ. ހިތުލަފައަކަށް އެ ނަންބަރު ޖަހައިގެން ކާމިޔާބުކުރުމަކީ ވަރަށް އުނދަގޫކަމެކެވެ. އެކަމަކު، އުމުރުން އެއް ފަހަރު ނަމަވެސް، އެ ކަން ކުރެވިއްޖެ ނަމަ، އެއީ ވައްކަމެއް ހެއްޔެވެ؟ ތިމާގެ ފޯނު ބާއްވާފައި އޮއްވައި، ހުއްދަ ނެތި، އެހެން މީހަކު އެ ފޯނުން ކޯލެއް ކޮށްފި ނަމަ، އެއީ ވައްކަމެއްބާ އެވެ؟ ސީދާ ވައްކަމުގެ ޙުކުމް އެ މީހަކަށް އަންނާނެބާ އެވެ؟ މި ހުންނަނީ، އާންމު އިންސާނުންގެ ހިތުގައި އުފެދޭ އާންމު ސުވާލުތަކެވެ. ތިމާ އަކީ، ކުށްކުރަން ބޭނުން ނުވާ މީހެއްކަމުގައި ވަންޏާ، ޖަވާބުހޯދަން މަސައްކަތް ކުރާށެވެ. އަހައިގެން ދަސްކުރާށެވެ. އެވެނި ކަމެއް ކުރުން އެއީ ވައްކަމެއް ނޫންހެން ތިމާ އަށް ހީވިޔަސް، ޙަޤީޤަތް އެހެން ގޮތަކަށް ވެސް އޮވެދާނެ އެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ