އަދުގެ ޚާއްސަ

Print

ޙިމާރުގައިވާ ކެހެރީގެ ޢަދަދު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ޢަބްދުލްމުޢީދު ޙަސަން


ޙިކުމަތްތެރި ވާހަކައެއްގައި ވެއެވެ.

ރަސްކަލަކު އެމަނިކުފާނުގެ ގަނޑުވަރުގައި އުޅޭ މީހުންގެ ކިބައިގައި ކެތްތެރިކަން ހުރި ވަރެއް ބައްލަވާލައްވަން ޤަޞްދުކުރެއްވި އެވެ. ދެން އެބައިމީހުންނަށް ޙިމާރެއް ދައްކަވާފައި ވިދާޅުވި އެވެ.

"މި ޙިމާރުގައި ވަނީ ކިތައް ކެހެރިކަން ބުނެދިން މީހަކަށް، އެ ކެހެރީގެ ޢަދަދާ އެއްވަރަށް ފައިސާ ދެއްވާނަމެވެ."

ދެން ރަސްގެފާނުގެ ގަނޑުވަރުގައި އުޅޭ މީހުން، އެ ޙިމާރުގައިވާ ކެހެރި ގުނަންފެށިއެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް އެކަން ނުކުރެވުނެވެ.

ގަނޑުވަރުގައި އުޅޭ މީހުންނަށް ޙިމާރުގެ ކެހެރި ގުނުމުގެ މަސައްކަތް ނުކުރެވުނު ވާހަކަ، އިސާހިތަކު ރަށުތެރެއަށް ފެތުރިގެން ހިނގައްޖެ އެވެ. ދެން އެ ރަށުގެ ޢާއްމުންގެ ތެރެއިން ޒުވާނަކު ގަނޑުވަރަށް ގޮސް ރަސްގެފާނުގެ އަރިހުގައި ދެންނެވި އެވެ.

"މާތް މަނިކުފާނެވެ. މަނިކުފާނު ދެއްކެވި ކޮންމެ ޙިމާރެއްގައިވާ ކެހެރީގެ ޢަދަދު އަޅުގަނޑު ބަލައިދީފާނަމެވެ."

ދެން ރަސްގެފާނު އެއްކަލަ ޙިމާރު އެ ޒުވާނާ އަށް ދެއްކެވުމުން، ޒުވާނާ އޭގެ މައްޗަށް ސަވާރުވެ، އޭގެ މަތީގައި ގަނޑުވަރުން ނުކުމެގެން ހިނގައްޖެ އެވެ. އޭނާ ގަނޑުވަރުން ނުކުތްތާ ގަޑިއެއްހާއިރު ވީފަހުން، ހަމަ އެ ޙިމާރުގެ މަތީގައި އޭނާ ގަނޑުވަރަށް އެނބުރި އަތުވެއްޖެ އެވެ. އަދި ރަސްގެފާނުގެ އަރިހަށް ގޮސް ދެންނެވި އެވެ.

"މާތް މަނިކުފާނެވެ. މި ޙިމާރުގައި ވަނީ، 1587456325843987151 ކެހެރި އެވެ."

ނުހަނު ޙައިރާންކަމާއެކު ރަސްގެފާނު ވިދާޅުވި އެވެ.

"ތިއީ ތެދެއްކަން ކަށަވަރުވާނީ ކިހިނަކުން ހެއްޔެވެ؟"

ޒުވާނާ ދެންނެވި އެވެ.

"އަޅުގަނޑު މި ދެންނެވި ޢަދަދާމެދު ރަސްގެފާނުގެ ހިތްޕުޅުގައި އެއްވެސް ޝައްކެއް ވާނަމަ، އަމިއްލަފުޅަށް ގުނުއްވައިލެއްވުމުން ކަށަވަރުވެވަޑައިގަންނަވާނެ އެވެ."

ހަމަމިގަލަމުން

އިދާރާ

ވާހަކަ