ނޮލެޖް އިންޓަރނޭޝަނަލް ޔުނިވަރސިޓީ (ކޭއައިޔޫ)
ޢަބްދުލްމުޢީދު ޙަސަން
ތަޢާރުފު
ޖާމިޢަތުލް މަޢުރިފާ އަލްޢާލަމިއްޔާ ނުވަތަ ނޮލެޖް އިންޓަރނޭޝަނަލް ޔުނިވާސިޓީ (ކޭއައިޔޫ) އަކީ، ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ދުރުން ތަޢުލީމުދޭ އިސްލާމީ މުއައްސަސާއެކެވެ. މައިގަނޑު ގޮތެއްގައި އެ ޔުނިވާސިޓީން ތަޢުލީމު ފޯރުކޮށްދެނީ އިންޓަރނެޓްގެ ޒަރީޢާއިންނެވެ. ތަފާތު އެތައް ރޮނގަކުން މަތީ ތަޢުލީމު ދިނުމަށް ޤާއިމުކޮށްފައިވާ އެ ޔުނިވަރސިޓީން ދެ ރޮނގަކުން މިހާރު މަތީ ތަޢުލީމު ދެ އެވެ. އެ ދެ ރޮނގަކީ، ޝަރީޢަތާއި ކީރިތި ޤުރުއާނާބެހޭ ދިރާސާތަކެވެ. މިއިން ކޮންމެ ރޮނގަކުން ފުރަތަމަ ޑިގްރީ ޙާޞިލުކުރުމުގެ މަގު އެ ޔުނިވަރސިޓީން ވަނީ ދަރިވަރުންނަށް ތަނަވަސްކޮށްދީފަ އެވެ.
ކޭއައިޔޫ ގައި ކިޔަވާ ދެއްވާ މުޙާޟިރުންގެ ތެރޭގައި މުސްލިމުންގެ މުޢުތަބަރު ޢިލްމުވެރިންނާއި ތަޖުރިބާކާރު އެތައް އުސްތާޛުންނެއް ހިމެނިވަޑައިގަންނަވައެވެ. ކޭއައިޔޫގައި ކިޔަވާދެނީ ޒަމާނީ ކުރިއެރުމާއި ތަރައްޤީއަށް މިތުރުވެރިވާނެހެން ފަރުމާކޮށްފައިވާ އެކަޑެމިކް މަންހަޖުތަކެކެވެ. ކިޔަވާދިނުމުގެ އުސްލޫބާއި ވައްޓަފާޅި ބިނާކޮށްފައިވަނީ، ދުނިޔޭގެ އެންމެ ހައިބަތުހުރި ހަރުދަނާ ޔުނިވަރސިޓީތަކުގެ އުސްލޫބާއި ވައްޓަފާޅިއާ އެއްގޮތަށެވެ.
ތަޞައްވުރު (ވިޝަން)
ކޭއައިޔޫގެ ތަޞައްވުރަކީ، ފާހަގަކުރެވޭ ފަދަ މޮޅު އަދި ފެންވަރު ރަނގަޅު ދަރަޖައަކަށް ދުރުން ތަޢުލީމު ދިނުމެވެ.
ރިސާލަތު (މިޝަން)
ކޭއައިޔޫއަކީ، ދުރުން ތަޢުލީމު ދިނުމަށްޓަކައި ބޭނުންކުރާ ޒަމާނީ ޓެކްނޯލޮޖީއާއި ވަސީލަތްތަކާއި އެޑްވާންސްޑް ލާނިންގ މެތަޑޮލޮޖީ ބޭނުންކޮށްގެން، ވަގުތާއި ތަނުގެ އިމުން މިނިވަންވެފައިވާ ޙާލު، ތަޢުލީމަށް ފެންބޮވައިގެންފައިވާ ދަރިވަރުންނަށް ނިކަން ފުރިހަމަ ގޮތެއްގައި މަތީ ތަޢުލީމު ދިނުމެވެ.
އަގުތައް
ކޭއައިޔޫގެ އަގުތައް ނަގާފައިވަނީ، މާތްވެގެންވާ އިސްލާމްދީނުގެ ސަމާޙަތްތެރިކަމުގެ ހިޔަލުންނެވެ. އޭގެތެރޭގައި ހިމެނޭ މުހިންމު އަގުތަކަކީ:
އިޚުލާޞްތެރިކަމާއި ތެދުވެރިކަން.
ޢަދުލުވެރިކަމާއި ހަމަހަމަކަން.
އިސްނެގުމާއި އުފެއްދުންތެރިކަން.
އެއްޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫޙު.
ފެންވަރާއި ކޮލިޓީ ހިފެހެއްޓުން.
ލަނޑުދަނޑިތައް
ދުރުން ތަޢުލީމު ދިނުމަށްޓަކައި ބޭނުންކުރާ ޒަމާނީ ޓެކްނޯލޮޖީއާއި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ޔުނިވަރސިޓީ ތަޢުލީމުގެ ފެންވަރާއި ކޮލިޓީ މަތިކުރުން.
ދުނިޔޭގެ ތަފާތު ކަންކޮޅުތަކުން މަތީ ތަޢުލީމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ތަނަވަސްކޮށްދިނުން.
މުޖުތަމަޢުގެ ތަފާތު ގިންތިތަކުގެ އަހުލުވެރިންނަށް ބޭނުންވާ ތަފާތު ދިރާސީ ޕްރޮގްރާމްތައް ތަރައްޤީކުރުން.
ޢިލްމުވެރިންގެ އަރިހުން މަންފާ ޙާޞިލުކޮށް، އެބޭކަލުންގެ ޢިލްމީ ޚަޒާނާތައް ދުނިޔޭގެ ހުރިހައި ކަންކޮޅުތަކަށް ފެތުރުން.
ރައިސުލް ފަޚުރީ
ކޭއައިޔޫގެ އޮނަރަރީ ޕްރެޒިޑެންޓަކީ، ސުމުއްވުލް މަލަކީ އަލްއަމީރް ސުލްޠާން ބިން ޢަބްދުލްޢަޒީޒު އާލު ސަޢޫދެވެ. އެމަނިކުފާނަކީ، ސަޢޫދީ ޢަރަބިއްޔާގެ ވަލިއްޔުލް އަޙުދެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ނާއިބު ރައީސެވެ.
އަމީނުންގެ މަޖިލިސް
ދުނިޔޭގެ ކަންކޮޅުތަކުގައިވާ ތަޖުރިބާކާރު މުޢުތަބަރު ޢިލްމުވެރިންގެ ޖަމާޢަތެއް، ކޭއައިޔޫގެ އަމީނުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވައެވެ. މި މަޖިލީހުގެ ރައީސަކީ، ސަމާޙަތުއް ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލުއްޝައިޚެވެ. ސަޢޫދީ ޢަރަބިއްޔާގެ މުފުތީގެ މަޤާމާއި ބޮޑެތި ޢިލްމުވެރިންގެ ހައިއާގެ ރައީސްކަމުގެ މަޤާމު، ސަމާޙަތުއް ޝައިޚު ފުރުއްވަ އެވެ.
އަމީނުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިތުރު ޢިލްމުވެރިންގެ ތެރޭގައި، މަޢާލިއްޝައިޚު ނާޞިރުއްޝިޘްރީއާއި ސަމާޙަތުއްޝައިޚު ޑރ. ނަޞްރު ފަރިދު ވާޞިލު (މިޞްރުގެ ކުރީގެ މުފުތީ) އާއި ޑރ. އަޙުމަދު މުޙައްމަދު ޢަލީ (އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ މުދީރު) އާއި މަޢާލިއްޝައިޚު މުޙައްމަދު ބިން ޙަސަން އާލުއްޝައިޚާއި މަޢާލިލް އުސްތާޛު ޕްރޮފެސަރ ޑރ. ސައްޔިދު ޢަރަބީ (މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީގެ ރައީސް) ފަދަ ޢިލްމުވެރިން ހިމެނިވަޑައިގަންނަވަ އެވެ.
މުދީރު
ކޭއައިޔޫގެ މުދީރަކީ، މައްކާގެ މާތް ޙަރަމްފުޅުގެ އިމާމު، ސަމާޙަތުއް ޝައިޚު ޑރ. ޢަބްދުއްރަޙުމާން ބިން ޢަބްދުލްޢަޒީޒުއް ސުދައިސް އެވެ.
ފެކަލްޓީތައް
ކޭއައިޔޫގައި ހަ ފެކަލްޓީއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން މިހާރު ޤާއިމުކުރެވިފައިވަނީ، ކުއްލިއްޔަތުއް ޝަރީޢާ ވައްދިރާސާތިލް ޤުރުއާނިއްޔާ (ކޮލެޖް އޮފް ޝަރީޢާ އެންޑް ޤުރުއާނިކް ސްޓަޑީޒް) އެވެ. މި ކޮލެޖުގައި ކިޔަވާދޭ މުޤައްރަރުތައް ވަނީ ވެބްސައިޓުގައި ބަހައްޓާފައެވެ. ޝަރީޢަތާއި ޤުރުއާނުގެ ރޮނގުތަކުން ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް އެއިން މަންފާ ޙާޞިލުކުރެވިދާނެ އެވެ.
މުޤައްރަރުތައް ބައްލަވާލެއްވުމަށްޓަކައި
މިތަނަށް
އެއްފަހަރު ކްލިކްކޮށްލައްވާށެވެ.
ކޭއައިޔޫގެ ވެބްސައިޓު ހަދާފައިވަނީ ދެ ބަހުންނެވެ. ގިނަ ތަފުޞީލުތައް ވަނީ ޢަރަބި ވެބްސައިޓުގަ އެވެ. އެބަޔަށް ވެދެވަޑައިގެންނެވުމަށްޓަކައި
މިތަނަށް
އެއްފަހަރު ކްލިކްކޮށްލައްވާށެވެ.
އިނގިރޭސި ބަޔަށް ވެދެވަޑައިގެންނެވުމަށްޓަކައި
މިތަނަށް
އެއްފަހަރު ކްލިކްކޮށްލައްވާށެވެ.
މަޞްދަރު:
ކޭއައިޔޫގެ ވެބްސައިޓު.