އަދުގެ ޚާއްސަ

Print

އުދަރެސް ތަނަވަސްވުން .... ކާމިޔާބުގެ މަގު

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމު ރަޝީދު މޫސާ

ޑެންމާރކްގެ ކޮޕެންހޭގަން ޔުނިވަރސިޓީގެ ފިޒިކްސް އިމްތިޙާނުގައި އައިސްފައިވާ ސުވާލެއްގައިވެއެވެ. ބެރޯމީޓަރެއް (ޖައްވުގެ ޕްރެޝަރ ބަލާ ކަށިގަނޑު)  ބޭނުންކޮށްގެން ސްކައިސްކްރޭޕަރ ޢިމާރާތެއްގެ އުސްމިން ބަލާނީ ކިހިނެއްހެއްޔެވެ؟ މިސުވާލުގެ ރަނގަޅު ޖަވާބަކީ ސްކައިސްކްރޭޕަރ މަތީގެ ޕްރެޝަރާ ބިންމަތީގެ ޕްރެޝަރ ހޯދައި އެ ދެ ޕްރެޝަރ ގެ ތަފާތު ބަލައިގެންނެވެ.
 
 
     މި ޕޭޕަރ ހެދި ދަރިވަރުންގެ ތެރެއިން އެއްކުއްޖަކު ދީފައިވާ ޖަވާބުން އުސްތާޛު ވަރަށް ކޯފާވެ، މިކުއްޖާގެ އެހެން ސުވާލުތަކުގެ ޖަވާބު ވިދާޅުނުވެ މި ކުއްޖާ އިމްތިޙާނުން ފޭލްކޮށްލެއްވިއެވެ.
   
     އުސްތާޛު ކޯފާކުރުވި މި ޖަވާބަކީ : ބެރޯމީޓަރ ދިގު ވަލެއްގައި އައްސާފައި ބިމުގައި ޖެހެންދެން ތިރިކޮށް މި ވަލުގެ ދިގުމިން ބަލާނީއެވެ. އުސްތާޛު ކޯފާވީ ކީއްވެގެންތޯއެވެ؟ ބެރޯމީޓަރާ ނުވަތަ ދަރިވަރު ކިޔެވި  ފިޒިކްސް މާއްދާ އާ ގުޅުމެއް ނެތް ބޯދާ ޖަވާބެއްދީފައިވާތީއެވެ.
   
     ދަރިވަރު ދިން ޖަވާބު ރަނގަޅުވާނެކަން ޔަޤީންވާތީ ޕޭޕަރު އަލުންބަލައިދިނުމަށާއި އުސްތާޛު އޭނާއަށް ބޭއިންސާފުވެވަޑައިގެންފައިވާކަމުގެ ޝަކުވާ މި ދަރިވަރު ހުށައެޅި އެވެ. ޔުނިވަރސިޓީގެ ޤަވާޢިދު ބުނާގޮތުގެ މަތިން މި މަސްއަލަބެލުމަށް  ތަޖްރިބާކާރަކު އެހެން އުސްތާޛަކު  ޢައްޔަންކުރި އެވެ. މި ފަނޑިޔާރު މަސްއަލަ ބެއްލެވުމަށްފަހު އެޖަވާބު ރަނގަޅުކަމަށް ވިދާޅުވި އެވެ. އެކަމަކު އެއީ އެ ދަރިވަރަށް ފިޒިކްސް އެނގޭކަން ހާމަކޮށްދޭ ޖަވާބެއް ނޫންކަމަށް ވިދާޅުވި އެވެ. އެހެންކަމުން ދަރިވަރަށް އެ މާއްދާ އެނގޭކަން ސާބިތުކޮށްދިނުމަށްޓަކައި އިތުރު ފުރްޞަތެއް ދިނުމަށް ޔުނިވަރސިޓީން ނިންމި އެވެ. ރީޗެކް ކުރެއްވި ތަޖްރިބާކާރު އުސްތާޛު  މި ސުވާލު އެކުއްޖާ އާ ޝަފަވީގޮތުން ކުރެއްވިއެވެ. ދަރިވަރު ކުޑަކޮށްވިސްނާލުމަށް ފަހު ދެންނެވިި އެވެ. އެ ޢިމާރާތުގެ އުސްމިން ބަލާނެ ވަރަށް ގިނަގޮތްތައް އެބަހުއްޓެވެ. އަޅުގަނޑަށް އިޚްތިޔާރުކުރާނީ ކޮން ޖަވާބެއްކަމެއް ނޭނގެ އެވެ. އެހިނދު ތަޖްރިބާކާރު އުސްތާޛު ވިދާޅުވިއެވެ. ކަލޭގެ ހުރިހާ ޖަވާބުތަކެއް ކިޔާދޭށެވެ. ދަރިވަރު ޖަވާބުދޭން ފެށްޓެވެ. އޭނާ ދެންނެވިއެވެ.

ފުރަތަމަ ޖަވާބަކީ : ބެރޯމީޓަރ އެ ޢިމާރާތުގެ  މަތިން ވައްޓާލާނީއެވެ. މި ބެރޯމީޓަރު ބިންމައްޗަށް  ވާޞިލުވުމަށް ހޭދަވި ވަގުތު ބަލާފައި ޖާޛްބިއްޔަތާ ބެހޭ ޤާނޫނު (ނުވަތަ ގްރެވިޓޭޝަން ލޯ) ބޭނުންކުރާނީ އެވެ.
   
   ދެވަނަ ޖަވާބަކީ : އަވިދޭ ވަގުތެއް ނަމަ ބެރޯމީޓަރުގެ ހިޔަނީގެ ދިގުމިނާއި ޢިމާރާތުގެ  ހިޔަނީގެ ދިގުމިން ބަލާފައި ދެ ހިޔަނީގެ  ދިގުމިނާއި  އެ ދޭތީގެ ދިގުމިނުގެ ނިސްބަތް (ރޭޝިޔޯ) ބޭނުންކުރާނީ އެވެ.
   
   ތިންވަނަ ޖަވާބަކީ :އަޅުގަނޑުމެން މި ބެރޯމީޓަރ ބޭނުންކޮށްގެން، ބޮލުގައި ރިހުމެއް ނެތް، އަވަސް ޖަވާބެއް ހޯދަން ބޭނުންނަމަ ޢިމާރާތުގެ ފާރަވެރިޔާ ގާތު މި ޢިމާރާތުގެ އުސްމިން ބުނެދީފިނަމަ މި ބެރޯމީޓަރު ކަލެއަށް ހަދިޔާއަކަށް ދޭނަމޭ ބުނާނީ އެވެ. ފާރަވެރިޔާ އަށް އޭނާ ބަލަހައްޓާ ޢިމާރާތުގެ އުސްމިން އެނގޭނެތީ އެވެ. އަދި މި ރަނގަޅު ހަދިޔާ ލިބޭތީ އުސްމިން ބުނެދޭނެތީ އެވެ.
   
      ހަތަރުވަނަ ޖަވާބަކީ :   މަސްއަލަ ޙައްލުކުރުން އުނދަގޫކުރަންބޭނުންނަމަ ބެރޯމީޓަރ ބޭނުންކޮށްގެން ޢިމާރާތުގެ މައްޗާއި ބިންމަތީގެ ޕްރެޝަރ ބަލާ މި ދެ ޕްރެޝަރުގެ ތަފާތު ބަލާނީ އެވެ.
   
     ތަޖްރިބާކާރު އުސްތާޛު ބޭނުންވަނީ މި ޖަވާބެވެ. މި ޖަވާބުން މި ދަރިވަރަށް މާއްދާ އެނގޭކަން ދޭހަވާ ތީއެވެ. ނަމަވެސް ދަރިވަރުގެ ނަޒަރުގައި އެއީ އެންމެ އުނދަގޫ ޖަވާބެވެ.
   
    މިއީ ކޮންކުއްޖެއްކަން އެނގިވަޑައިގެންފިތޯ އެވެ؟ އޭނާ ހަމަ އެކަނި ފިޒިކްސް މާއްދާއިން ފޭލްވިއަކީއެއްނޫނެވެ. އޭނާއަށް 1922  ގައި  ފިޒިކްސް އިން ނޮބެލް އިނާމު ވެސް ލިބިވަޑައިގަތެވެ. އާދެ! އެއީ މަޝްހޫރު ނީލްޒްް ބޯރު (Neils Bohr) އެވެ.

އުދަރެސް ތަނަވަސްވުން
   
    އުދަރެސް ތަނަވަސްވުމުގެ  މާނައަކީ މަސްއަލަތައް ނުވަތަ ކަންތައްތައް ތަޙްލީލުކުރުމުގެ ޤާބިލުކަމާއި ކުޅަދާނަކަމެވެ. އެއަށްފަހު އޭގައި ހުރި ފަހިކަންތައްތަކާއި އިދިކީލިކަންތައްތައް ވަކިކުރަން އެނގުމެވެ.
   
    އުދަރެސް ތަނަވަސް، ވިސްނުންތޫނު މީހުންނަކީ ދުރުވިސްނޭމީހުންނެވެ. ފިކްރު ފުންމީހުންނެވެ. ޚިޔާލު ތަނަވަސްމީހުންނެވެ. ކުރެވިދާނެ ކަންތައްތަކާއި ނުކުރެވޭނެކަންތައްތައް ދަންނަމީހުންނެވެ. މަސްއަލަތައް ޙައްލުކުރުމުގައި ވިލުންތެރިކަންހުރިމީހުންނެވެ. އަނެކުންގެ އިޙްސާސްތައް ދަންނަމީހުންނެވެ. މުނާސަބު ޤަރާރުތައް މުނާސަބު ވަގުތުގައި ކަނޑައަޅަން އެނގޭމީހުންނެވެ. އެމީހުން ޙައްޤުބަސް އަޑުއަހާނެއެވެ. އަދި އެ ފަދަ ބަސްތައް ޤަބޫލުކުރުމަށް ޖެހިލުމެއް ވެސް ނުވާނެ އެވެ.
   
     އެމީހުން އަނެކުންގެ ރައުޔަށް އިޙްތިރާމު ކުރާނެއެވެ. އަނެކުންނަށް ވެސް ރައުޔެއް ލިބިގެންވާ ކަން ޤަބޫލުކުރާނެ އެވެ. ތިމާގެ ރައުޔު އަނެކުންނަށް މަޖްބޫރެއް ނުކުރާނެ އެވެ. އެމީހުންނާ ޚިލާފުވާމީހުންނާމެދު  ނުބައިގޮތަކަށް ޢަމަލެއް ނުކުރާނެ އެވެ. ބާވައިލައްވާފައިވާ، ނުވަތަ  ފަރްޟުކުރައްވާފައިވާ ކަމެއް ނޫންނަމަ އެހެންމީހުންގެ އިޖްތިހާދަށް ވެސް އިޙްތިރާމު ކުރާނެ އެވެ. ތިމާއަށް އޮޅިފައިވާ ކަމެއް ނުވަތަ ބަހެއް ރަނގަޅުކޮށްދިނުމުން އެކަން ޝުކްރުވެރިކަމާއެކު ބަލައިގަންނާނެ އެވެ. ތިމާގެ މަގަށް އެހެންމީހުން ގަދަކަމުން ލަންބުވާކަށް ނޫޅޭނެ އެވެ.
   
     އުދަރެސް ތަނަވަސްކަމުގެ ޢަލާމަތްތަކުގެ ތެރޭގައި ތަޢައްޞުބުން ދުރުހެލިވުން ފެނެއެވެ. އަދި ލޯމަރާލައިގެން އެހެންމީހުންނަށް ތަބައެއް ނުވާނެ އެވެ. ހަމަ އެކަނި ތިމާ އެވަގުތު ހިތްކިޔާ ބަގަޔާ ދިމާޔަށް ހުރި ލޯ ހުޅުވައިގެން އުޅުމުގެ  ހަނިވިސްނުމުގެ ތެރޭގައި އޮޔަކާ ނުދާނެ އެވެ.
   
     އެހެންކަމުން އުދަރެސްް ތަނަވަސްވުމުގެ މާނައަކީ ކަންތަކާމެދު ހުރިހާގޮތަކަށް، ފުޅައުކޮށް، ތަނަވަސްކަމާއެކު ބަލައި، ނަޒަރު ހިންގުމެވެ. ހުށައެޅިފައިވާ މަސްއަލަ ޙައްލުކުރުމަށްޓަކައި އެއަށް އަސަރުފޯރުވާ ހުރިހާ ބަހާތަކަކަށް ސަމާލުކަންދީގެންނެވެ. އެކަމުގައި ވަގުތަށާއި ކުރިމަގަށް ވެސް ބަލައިގެންނެވެ.

 
އުދަރެސްް ތަނަވަސް ކުރެވޭނީ ކިހިނެއް؟

    އާދެ! އުދަރެސް ތަނަވަސް ކުރެވޭނީ މަސައްކަތުންނެވެ. މިކަމަށްބޭނުންވާ ކަންތައްތަކުގެ ތެރޭގައި :

1-      ޢިލްމާއި މަޢުލޫމާތު ލިބިގަތުންެ. ވިސްނުން ފުޅައުވާނީ މަޢުލޫމާތު ތަނަވަސްވުމުންނެވެ. އެހެނީ ކަމަކާ މެދު ވިސްނަން އެނގޭނީ އެކަމަކާ ބެހޭގޮތުން އެއްޗެއް އެނގިގެންނެވެ. އެއްޗެއް ނޭގި އެކަމާ މެދު ވިސްނާކަށް ނޭނގޭނެއެވެ. ސިކުނޑި ބިނާކުރާ އެއްޗަކީ ޢިލްމުކަމުގައިވާތީ އެވެ. ފިލޯސަފަރުން ވިދާޅުވާގޮތުގައި ޢިލްމަކީ ހިތުގެ ޙަޔާތެވެ. ލޮލުގެ ނޫރެވެ. ހިތުގެ ޝިފާއެވެ. ފުރާނައިގެ ލައްޛަތެވެ. ޙައިރާންތެރިންގެ އާރުކާޓީ އެވެ. އެކަނިވެރިންގެ މިތުރާ އެވެ. ބީރަށްޓެހިންގެ އެކުވެރިއާއެވެ.

2-    މަޢުލޫމާތު  ތަނަވަސްކޮށް  މުއްސަނދިކުރުން : މަޢުލޫމާތު  ތަނަވަސްކޮށް  މުއްސަނދިކުރުމަކީ  މިނިވަންސިކުޑިއެއް ބިނާކޮށްދޭނެކަމެކެވެ. ތަފާތު ސަޤާފަތްތަކަށް  އަހްލުވެރިވުމަކީ ފަށްކުރުމާއި ނަކަލުތަކުން ރައްކައުތެރިކޮށްދޭނެ ކަމެކެވެ. އަދި އެއީ އެހެންމީހުންނާ އެކު ގުޅުން ވާޞިލުކުރުމަށް މަގުފަހިކޮށްދޭނެކަމެކެވެ.


3-    ޢިލްމުވެރިންނާއި، ރައުޔުވެރިންނާއެކު އިށީނުމާއި  ބަޙްސުކުރުމާއި ވާހަކަދެއްކުން ގިނަކުރުން:
 ޢިލްމުވެރި ބަޙްސުތަކަކީ އުދަރެސް ފުޅައުވެ، ސިކުނޑި ހުޅުވިގެންދާނެކަމެކެވެ. ތިމާއަށް ނަގައިނުގަނެވި ހުރި   ނުގުތާތައް ފާހަގަވެގެންދާނެކަމެކެވެ. މާތްﷲ ވަޙީކުރައްވަނީ " فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ الأنبياء: ٧ – ފަހެ،  ތިޔަބައިމީހުން ނުދަންނަކަމުގައިވާނަމަ ، ޢިލްމުގެ އަހްލުވެރިންނާ  ސުވާލުކުރާށެވެ! " ނުބައި ފަތުވާދިން ހާދިޘާ އަކާ ބެހޭގޮތުން ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ ألم يكن شفاء العي السؤال – مسند عبدالرزاق- ނޭގޭމީހާއަށް އޮތް ފަރުވާއަކީ ސުވާލުކުރުން ނޫންހެއްޔެވެ؟ " . ޢުމަރު ބިން ޢަބްދުލްޢަޒީޒު ވިދާޅުވަނީ "  ބޮޑުންގެ ބައްދަލުވުންތަކުން ފެނިވަޑައިގަންނަވަނީ ސިކުނޑިތަކަށް ކާނާ ލިބޭތަނެވެ. "  އައްޒަހްރީ ވިދާޅުވަނީ " ޢިލްމަކީ ޚަޒާނާތަކެކެވެ. އޭގެ  ތަޅުދަނޑިތަކަކީ ސުވާލުކުރުމެވެ. " އައްޔޫބުއް ސިޚްތިޔާނީ  ވިދާޅުވަނީ " ތިބާގެ އެދުރުބޭގެ ކުށްތައް އެނގޭނީ އެހެން އެދުރެއްގެ ގާތަށް ދިޔުމުންނެވެ. " މިހެންވެ އިބްނު ޚަލްދޫން ވިދާޅުވަނީ " އެދުރުން ގިނަވިވަރަކަށް  މަވްހިބާތައް އިތުރުވެ  ހަރުދަނާވާނެއެވެ. "

4-    ހޭލުންތެރިވުން: ހޭލުންތެރިކަން އިތުރުވުމުގެ ސަބަބުން ތިމާގެ ވަށައިގެން ހިނގަމުންދާ ކަންތައްތަކާ މެދު ވިސްނާނެ އެވެ. އެކަންތައްތައް ދެނެގަތުމަށްޓަކައެވެ. އޭގެ ސަބަބުން ނުކުމެދާނެ ނަތީޖާ އާމެދު ސަމާލުވުމަށްޓަކަ އެވެ. ހޭލުންތެރިކަމަކީ ތިމާގެ މަސައްކަތުގައި ކުރިއަށް ދިޔުމަށް ހިތްވަރުދީ މަގުޗާޓު ކުރެހުމަށް އެހީވެދޭނެކަމެކެވެ.

5-    ސަމާސާ ކަނޑައިލުން:  ކަންތައްތަކާމެދު ފަރުވާކުޑަކުރުމާއި ސިރިއަސްކަމެއް ނެތި ވިސްނުމަކި ކަމިޔާބުގެ މަގު ބަންދުކޮށްފާނެ ކަމެކެވެ. ތިމާގެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ކޮންމެ ވަސީލަތެއް ބޭނުންކުރުމަކީ އިސްލާމްދީން ހުއްދަކުރާކަމެއްނޫނެވެ. އެހެންކަމުން ކަންތައްތަކާ މެދު ސަމާސާގޮތަކަށް ބަލައިގެން ނުވާނެއެވެ. ކޮންމެކަމެއް ގައި " ވަރި ހަމަ " ވުމުގެ އުޞޫލު ގެންގުޅޭމީހުންގެ އުދަރެސް ތަނަވަހެއް ނުވާނެ އެވެ.  އެހެނީ ވަރިހަމަ ވަނީ ކަންފަސޭހަ ކޮށްލުމުންނެވެ. ވާޖިބުތައް އަދާކުރުމުގައި، ތިމާގެ ޒިންމާތައް އުފުލުމުގައި ސަމާސާ ކަނޑައިލައިގެން އުޅުމުން ތިމާގެ އިތުބާރު އަނެކުންގެ ގާތުގައި ބޮޑުވެގެންދާނެއެވެ.


6-    ލޯމަރާލައިގެން ތަބާނުވުން : ޢިލްމުވެރިންނާއި މުފައްކިރުންނާއި އެދުރުންގެ ކިބައިން އުނގެނުމާއި ފައިދާ ލިބިގަތުމާ، ލޯމަރާލައިގެން އެމީހުންނާ ތަބާވުމަކީ އުޑާ ބިމާ ހާ ތަފާތު ދެކަމެކެވެ. އަޅުގަނޑުމެންގެ މަޝްހޫރު ކޮންމެ އިމާމަކީ އަނެއް އިމާމެއްގެ އަރިހުން ދަސްވެނިވެވަޑައިގެން ތިއްބެވި  ބޭކަލުންތަކެކެވެ. އެއިން އެއްވެސްބޭކަލަކު އަނެއްބޭކަލަކަށް މި ގޮތަކަށް (ލޯމަރައިގެން) ތަބާވެވަޑައެއްނުގަންނަވައެވެ. އަޅުގަނޑުމެންގެ މަޝްހޫރު ފިލޯސަފަރުން ގްރީކްގެ ފަލްސަފާ އުނގެނިވަޑައިގެންނެވި އެވެ. އެބޭކަލުން މި ފަލްސަފާ އާމެދު ފާޑުވިދާޅުވި އެވެ. އަދި އެބޭފުޅުންގެ އަމިއްލަ ފަލްސަފާތަކެއް ގެނެސްދެއްވިއެވެ. މިބޭފުޅުންގެ މި ފަލްސަފާތަކުގެ އަސަރު ހުޅަނގުގެ ފަލްސަފާތަކުން ފެންނަންވެސް އެބަހުއްޓެވެ. މިނިވަން ވިސްނުމުގެ ވެރިންނަކީ ނާދިރު އަގުބޮޑުޖަވާހިރުތަކެކެވެ. ޤައުމު ރަނގަޅުއަތަށް މިސްރާބުކުރުމުގެ ހުންގާނު ވަނީ މި ފަދަވިސްނުންތެރިންގެ އަތްމަތީގައެވެ.ޤައުމުގެ ނައު ދުވާނީ މި މީހުންގެ ސަމުގާ އިން  ދައްކާ ދިމާއަކަށެވެ.

7-    ހެއްލުންތެރިކަމުން ދުރުހެލިވުން : ހެއްލުންތެރިކަންމަތީގައިވާ މީހާ އަށް ތިލަފަތުގެ ދެފަރާތް ހަމަހަމަވާ ގޮތަށް  ވިސްނަން  ބުރަވާނެއެވެ. ތިމާއަށް ތިމާފެނިފައިވާ އިރު ތިމާގެ ނަޒަރުގައި އެހެންމީހުންނަކީ އަގެއް ނެތް ބަޔެކެވެ. މިޒަމާނުގައި ފެންނަމުންދާ ހައްދުފަހަނަޅާފައިވާ ޚިޔާލުތަކުގެ ސަބަބަކީ ތިމާއަށް ތިމާ ފެނި، ބޮޑާވެ، ތިމާނޫން އެހެންމީހަކަށް ރައުޔެއް ލިބިގެންވާ ކަން ޤަބޫލުނުކުރެވުމެވެ. ހެއްލުންތެރިކަމަކީ ތިމާ އަށް އަބަދުވެސް އެނގޭކަން، އަނެކުންނަށް ނޭނގޭކަން  ތިމާގެ ތަޞައްވުރުގައި ނާރެސްކުރުވާނެކަމެކެވެ. ޝައިޠާނާ އަށް ލަޢުނަތް ލެއްވުނީ ކީއްވެގެންތޯއެވެ. އޭނާއަށް އޭނާ ފެނުމުގެ ސަބަބުންނެވެ. އިންސާނާ  އަށް ވުރެ އޭނާ މޮޅުކަން އޭނާ އަށް ޤަބޫލުކުރުވުމުންނެވެ. މާތްﷲ އަށް އޭނާ ދަންނަވަނީ ކީކޭތޯއެވެ. " އެކަލޭގެފާނަށް ވުރެ ތިމަން މާ މޮޅެވެ. " މިހެންވެ މުފައްކިރުން ވިދާޅުވާގޮތުގައި ހެއްލުންތެރިކަމަކީ ނިމުމުގެ ފެށުމެވެ. އެކަމުގެ ސަބަބުން ވިސްނުމުގެ ދޮރުތައް ބަންދުވެގެންދާނެތީ އެވެ. އެހެންމީހުންގެ ތަޖްރިބާތަކުން ފައިދާލިބިގަތުމަށް ފުރަގަސްދޭން ފެށޭނެތީއެވެ. މިހެންވެ ފިލޯސަފަރަކު ވިދާޅުވަނީ " ހެއްލުންތެރިކަމަކީ ގަމާރުކަމުގެ ވޭންކަޑުވާ ދޭ އައްސިބޭހެވެ. "   

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ