އަދުގެ ޚާއްސަ

Print

ޚައްޠާޠު މުޙައްމަދު ޙުސްނީ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ

ޚައްޠާޠު މުޙައްމަދު ޙުސްނީ (1312 – 1389 ހ. ، 1896 – 1969 މ.)


ޢަބްދުލްމުޢީދު ޙަސަން


ޚައްޠާޠު މުޙައްމަދު ޙުސްނީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ޝާމުކަރައިގެ ދިމަޝްޤުގަ އެވެ. ތަޢުލީމުގެ ފުރަތަމަ އޮޅިތައް އޭނާ ގިރާކުރެއްވީ އެރަށުގަ އެވެ. އެންމެ ކުޑައިރުއްސުރެ، ޢަރަބި ލިޔުމާއި ކުލަޖެއްސުމަށް އޭނާ ލޯބިކުރެއްވި އެވެ. ޢަރަބި ލިޔުމުގެ ތަފާތު ވައްތަރުތައް އޭނާ ދަސްކުރެއްވީ އެޒަމާނުގައި އުޅުއްވި މޮޅު ޚައްޠާޠުން (ޢަރަބި ލިޔުމުގެ ފަންނާނުން) ގެ އަރިހުންނެވެ.

މުޙައްމަދު ޙުސްނީ، އޭނާގެ ބައްޕައާއެކު މިޞްރަށް ހިޖުރަކުރެއްވީ، 1331 ވަނަ އަހަރު ކަމަށް ބައެއް ލިޔުންތަކުގައިވެ އެވެ. ޚާއްޞަ ތަނެއްގައި ޢަރަބި ލިޔުމުގެ މަސައްކަތް ކުރައްވަން ފެށްޓެވުމުގެ ކުރިން، އެ މަސައްކަތް އޭނާ ކުރައްވާފައިވަނީ، ގޭގަ އެވެ. ޚާއްޞަ ތަނެއްގައި އެމަސައްކަތް ކުރައްވަން ފެށްޓެވީ، 1348 (1929) ވަނަ އަހަރުން ފެށިގެންނެވެ. އެއީ އޭނާގެ އަމިއްލަ ތަނެކެވެ. އެތަނުގައި ޢަރަބި ލިޔުމުގެ އިތުރުން، ފަންނީ އެހެން މަސައްކަތްތައް ވެސް ކުރެއްވި އެވެ.

1922 ވަނަ އަހަރު، މިޞްރުގެ "ތަޙުސީނުލް ޚުޠޫޠިލް މަލަކިއްޔާ" މަދްރަސާ އިފްތިތާޙުކުރެވުނެވެ. އެއީ ޢަރަބި ލިޔުމުގެ ފަންނު ކިޔަވާދިނުމަށްޓަކައި ހުޅުވުނު މަދްރަސާއެކެވެ. އެމަދްރަސާގައި ޢަރަބި ލިޔުން ކިޔަވާ ދެއްވުމަށް އެންމެ ފުރަތަމަ ޢައްޔަން ކުރެވުނު އުސްތާޛުންގެ ތެރޭގައި، މުޙައްމަދު ޙުސްނީ ހިމެނިވަޑައިގެންނެވި އެވެ. ފަންނު ކިޔަވާދޭ އެހެން މުއައްސަސާއެއްގައި ވެސް އޭނާ ކިޔަވާދެއްވި އެވެ. އެއީ، އަލްމަޢުހަދުލް ޢާލީ ލިއްތަރުބިޔަތިލް ފަންނިއްޔާ އެވެ.

މުޙައްމަދު ޙުސްނީ އަކީ، މިޒަމާނުގައި މިޞްރާއި ޢަރަބި އިސްލާމީ ދުނިޔޭގައި އުފެދުނު، އެންމެ މޮޅު ޚައްޠާޠުންގެ އުސްތާޛެކެވެ. އޭނާގެ ދަރިވަރުންގެ ތެރޭގައި، އިސްކަންދަރީއާއި މުޙައްމަދު އިބްރާހީމާއި މުޙައްމަދު ޢަލީ އަލްމައްކާވީ އާއި މުޙައްމަދު އަޙުމަދާއި މުޙައްމަދުލް ޙައްދާދު ހިމެނިވަޑައިގަންނަވަ އެވެ.


ޚައްޠާޠު މުޙައްމަދު ޙުސްނީ ލިޔުއްވާފައިވާ ލިޔުންކޮޅެއް


މުޙައްމަދު ޙުސްނީ ލިޔުއްވާފައިވާ ފަންނީ ފިލާތަކާއި ލިޔުންތަކުގެ ގިނަ ކަމުން އޭގެ ޢަދަދު ނޭނގެ އެވެ. ސިނަމާތަކާއި ޗާޕުޚާނާތަކަށް ވެސް އެތައް ހާސް ފަންނީ ލިޔުމެއް އޭނާ ވަނީ ލިޔެދެއްވާފަ އެވެ. ޗާޕުޚާނާތަކަށް އޭނާ ކޮށްދެއްވި އަގުހުރި އެއް މަސައްކަތްޕުޅަކީ، ފޮތްފޮތުގެ ނަން އަޅުއްވައި ދެއްވުމެވެ. އޭނާ އަޅުއްވައިދެއްވާ ނަންނަމުގެ ތެރޭގައި "ކަތަބަހޫ ޙުސްނީ" މިހެން ލިޔުއްވައި ސޮއިކުރައްވަ އެވެ. އޭގެ މާނައަކީ، "ލިޔުނީ ޙުސްނީ" އެވެ. ޝާޢިރުންގެ ޅެންތަކުގައި "ތަޚައްލުޞް" ބޭނުންކުރާ ފަދައިން، ލިޔުމުގައި ސޮއިކުރުމަކީ ޚައްޠާޠުންނަށް ހުއްދަ ކަމެކެވެ.

ޚައްޠާޠު ޙުސްނީ ގެ ފަންނުގެ އަގު ވަޒަންކުރުމުގެ ގޮތުން، 1965 ވަނަ އަހަރު، ކެނެޑާއިން އޭނާއަށް ޝަރަފުވެރިކަމުގެ ޕީއެޗްޑީ ދަރަޖަ އަރުވާފައިވާ ކަމަށް ބުނެވެ އެވެ. އޭނާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ ހަމައެކަނި ފަންނީ ލިޔުންތަކެއް ދޫކުރައްވާފައެއް ނޫނެވެ. އޭގެ އިތުރުން ފަންނުގެ ތަފާތު ދާއިރާތަކުގެ އެތައް ފަންނާނުންނެއް ހިމެނޭ ދަރިފަސްކޮޅެއް ވެސް މި ދުނިޔެއާ ޙަވާލުކުރައްވާފަ އެވެ.

މާތް ﷲ، މަރްޙޫމު މުޙައްމަދު ޙުސްނީގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި އެވެ. އާމީން.


މަޞްދަރުތައް:
އިސްލާމްއޮންލައިން ޑޮޓް ނެޓް.
Arabic Calligraphy Encyclopedia
ނަބްޢުލް ޢަރަބް ފޯރަމް.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ