www.fanvai.info

Print

ފާތައް- ދަމަހައްޓަން ޖެހޭ މުހިއްމު މާހައުލެއް!

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތިމާވެށި


 މުޙައްމަދު ޢަލީ، ތަރިވިދާގެ / ރ.މާކުރަތު
       
ތިމާވެށީގެ މައްސަލަތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނަ އިރު ތިމާވެށީގެ ހޭލުންތެރިކަން މުޖުތަމަޢުގައި އިތުރު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭކަން ފާހަގަ ކުރެވެއެވެ. އަޅުގަނޑުމެންގެ މާހައުލުގައި ހިމެނޭ ޤުދުރަތީ ވަސީލަތްތަކާއި އެތަކެތީގެ މަންފާ ކޮންމެވެސް ސިފައެއްގައި އަޅުގަނޑުމެންނަށް ކުރާ ވަރަށްގިނަ ތަންތަނާއި ތަކެތި ވެ އެވެ.

މި ފަދަ ބައެއް ތަކެއްޗާއި ތަންތަން އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން މިހާރުވަނީ މި ދުނިޔެއިން މުޅިން ނެތިގޮސްފަ އެވެ. މި ފަދައިން ރާއްޖޭގެ މާހައުލުން ވެސް އަގުބޮޑު ތަންތަނުގެ ތެރޭގައި ހިމެނޭ ތަންތަން އަޅާނުލެވުމުގެ ސަބަބުން ނެތިގެން ދިއުމުގެ ބިރު މިހާރު މި ވަނީ ހީވެފަ އެވެ. މީގެ ތެރޭގައި ބޮޑެތި ކުޅިތަކާއި ފާތައް ހިމެނެ އެވެ.
        
މި ގޮތުން ބަލާއިރު ''ފާ'' ކިޔައި އުޅެނީ ކަނޑުލާއި ރަނޑޫފަދަ ގަސްތައް ހެދިފައި ހުންނަ މާހައުލުތަކަށެވެ. ބައެއް މީހުންދެކޭ ގޮތުގައި ފާތަކަކީ ރަށުގައި ހުރި ބޭކާރުތަންތަނެވެ. ހަޑިތަންތަނެވެ. ކިސަޑުން ފުރިފައިވާ، ގަނބާ ތަންތަނެވެ. ރަށުގައި އުޅޭ ހުރިހާ މަދިރިއެއް އުފައްދާ ކާރުޚާނާ އެވެ.  ރަށުގައިވާ "ފާ" ނައްތާލުމަކީ ބައެއްފަރާތްތަކުން ދެކޭ ގޮތުގައި ތަރައްޤީގެ މަގުގައި އެޅޭ ފިޔަވަޅަކަށް ވެސް ވެ އެވެ. ކަންމިހެން ހުރިއިރުގައި ރާއްޖޭގެ ފާތައް ރައްކާތެރި ކުރުމުގެ ބޭނުމަކީ ކޮބައިބާވައެވެ؟


ކަނޑޫ ފަލެއްގައި ހުރި ކަނޑޫގަހެއް


ރާއްޖޭގެ ރަށް ރަށުގައިވާ ފާފަލާއި ބެހޭ ގޮތުން އެނގެމުންދިޔަ މިންވަރަކަށް މިތަންތަނުގެ ޚާއްޞަކަން ދަނީ ހާމަވަމުންނެވެ. ރާއްޖޭގައިވާ 1190 ރަށުގެ ތެރެއިން 150 ރަށުގައި މިފަދަ މާހައުލުތައް ހުރިކަމަށް އެންވަޔަރުމަންޓް ރިސާރޗް ސެންޓަރުން ހާމަކުރައްވަ އެވެ. މިއީ ރާއްޖޭގެ ރަށްރަށުގެ ނިސްބަތުގެ ގާތްގަނޑަކަށް 12 އިންސައްތަ އެވެ. ރާއްޖެ ފަދަ ޖަޒީރާ އެހެން ގައުމުތަކުގައި މި ފަދަ މާހައުލުތައް އެކަށީގެންވާ ގޮތެއްގައި އުފެދި ތަރައްޤީވެފައިނެތްކަން ފާހަގަ ކުރެވެ އެވެ. އެކިސަރަހައްދުގައި އުފެދިފައި ހުންނަ ފާތަކުގެ ތަފާތުކަމާއި ގުޅިގެން އެ މާހައުލުތަކުގައި ހުންނަ ގަސްގަހާގެހީގެ ބާވަތްތަކަށާއި ގަހުގެ އާއްމު ސިފަތަކަށް ބަދަލުތައް އައިސްފައިވެ އެވެ.
        
މިއާއެކު ދެންފާހަގަ ކުރެވޭ ކަމަކީ، ފާތައް ގިނައިން އުފެދިފައި ހުރީ އެންމެ އުތުރާއި އެންމެ ދެކުނުގެ އަތޮޅުތަކުގައި ކަމެވެ. ފަލުގައި ހެދޭގަސްގަހާގެއްސަކީ އާއްމުގޮތެއްގައި ބޮޑެތިކޮށް ހެދޭ ފެހިކަން ގަދަ ލަކުޑި ހަރުކަމަށް ފާހަގަ ކުރެވޭ ގަސްގަހާގެއްސެވެ. މިއާއި އެކު މިހާތަނަށް ރާއްޖޭގައި ހުރިކަމަށް އެނގިފައިވަނީ 8 އާއިލާއަކަށް ނިސްބަތްވާ 13 ބާވަތުގެ ގަހެވެ. މި ފަދަ ގަސްގަހާގެހީގެ އެންމެ ޚާއްޞަ އެއްކަމަކީ ލޮނުގެ އަސަރު ހުންނަ ބިންގަނޑުގައި އޮކްސިޖަން ނެތް ތެތްބިންތަކުގައި ނުހަނު ފުރިހަމަ ކަމާއި އެކު ހެދި ބޮޑުވުމުގެ ޤާބިލްކަން ލިބިފައިވާކަމެވެ. ފަލުގައިހެދޭ ގަސްގަހުގެ ބާވަތްތަކަށް ބަލާއިރު ގަސްތައްފެތުރިފައި ހުންނަނީ އަބަދުވެސް ވަކިގޮތެއްގެ މަތީންނެވެ. މޫދަށް ހުޅުވިފައި ހުންނަ ކުޅިތަކުގެ ވަށައިގެން އުފެދިފައި ހުންނަ ފާތަކުން މިކަން ވަރަށް ރަނގަޅަށް ދޭހަވެ އެވެ.
        
ނަމަވެސް ދިވެހީންނަށް ފާތަކުގެ ބޭނުން އިހްސާސް ކުރެވުނު މިންވަރު ހަނދާން ހުރިމީހުން ވަރަށް މަދުވެއްޖެ އެވެ. ފާތަކާއި އެތަންތަނުގައި ހެދޭ ގަސްގަހާއި ގެހި ނައްތާލުމަށް ދެކެވޭ ވާހަކަތަކުގެ އެންމެ ބޮޑު ސަބަބަކީ އެ ތަންތާނގެ މުހިއްމުކަން ހަނދާނުން ފިލައިގެން ދިއުމެވެ. ދިވެހީންވަނީ ފާތަކާއި އެތަންތާނގައި ހެދޭ ގަސްގަހާގެހީގެ ބޭނުން، އެތަށް ގޮތަކަށް ހިފާފައެވެ. މިގޮތުން އެންމެ ބޮޑަށް ބޭނުން ހިފި ގަސް ތަކުގެ ތެރޭގައި ކަނޑުލާއި ރަނޑުލާއި ބޮޑުވަކި އަދި ކުއްޅަވައް ފާހަގަ ކޮށްލެވެ އެވެ. އަދި މި ފަދަ ގަސްގަހުން ލިބޭ ލަކުޑިއަކީ ދިވެހީންތެރޭގައި ޒަމާނުއްސުރެ ބޭނުންކުރަމުންދާ ވަރަށް މޮޅު ލަކުޑިއެއްކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އަދި އޮޑި ދޯނިފަހަރު ބަނުމުގައި މިހާރުވެސް ގިނައަދަދަކަށް މިފަދަ ބާވަތްތައް ބޭނުންކުރާކަން ފާހަގަ ކުރެވެ އެވެ.
        
މީގެ އިތުރުންވެސް ފާތަކުގައި ހެދޭ ގަސްގަހާގެހީގެ އެތައް ބޭނުމެއް މިއަދު ދިވެހީން ދެނެގަނެފައިވެ އެވެ. މީގެ ތެރޭގައި ބޭސްވެރިކަމުގެ ބޭނުންތަކަށާއި ކުރިންދެންނެވި ފަދަ އެތައް ބޭނުންތަކެއް ހިމެނެ އެވެ. މިފަދަ ބައެއް ގަސްގަހުގެ ތޮށި އަންދައި އޭގެ އަޅިން ބަލިތަކަށް ފަރުވާ ކޮށްފައިވެ އެވެ. އަދި ތިމާވެށީގެ ގޮތުން ބަލާއިރު ވެސް ފާތަކާއި އެތަންތަނާއި ގުޅޭ މާޙައުލުތަކަކީ ރަށްރަށަށް މުހިއްމު ތަންތަނެވެ. މޫދަށް ހުޅުވިފައި ހުންނަ ފާތަކަކީ، އަހަރެމެންގެ ވަށައިގެންވާ ފަރުތަކުން ފެންނަ އެތައް ބާވަތެއްގެ މަސްމަހާމެހީގެ ނާސަރީ އެވެ. އެހެންގޮތަކަށް ބުނާނަމަ އެސޮރުމެންގެ ޅަފަތުގެ ރައްކައުތެރި ގޯއްޗެވެ. ރާއްޖޭގެ މާހައުލުތަކުން ހޯދިފައިވާ ހޯދުންތަކުން މި ދެންނެވިފަދަ ކުޅިތަކުގައި ފިލޮޅާއި، އުނިޔަ، އަދި ބޭންގް ފަދަ ބާވަތްތައް ބޮޑެތިވަމުން އަންނަކަން ފާހަގަ ކުރެވެ އެވެ. މީގެ އިތުރުން މަޑިއާއި މިޔަރުގެ ބައެއް ބާވަތްތައް ބިސްއަޅާ އާލާވަނީ ވެސް މިފަދަ ކުޅިތަކުގައިކަން އެނގިފައިވ ެއެވެ.
        
ވުމާއެކު ދަންނަވާލަން ޖެހެނީ، ރާއްޖޭގެ މާހައުލުތަކުގެ ތެރޭން ފާތަކާއި ކުޅީގެ މާހުލަކީ ޤުދުރަތީ ރީތިކަން އޭގެ ނިހާޔަތަށް ފެންނަމުންދާ ތަންތަންކަމުގަ އެވެ. އެ ތަންތަނުގެ ފުރިހަމަ ކަމުގެ ސަބަބުން އިންސާނުންނަށް ލިބޭ ހިތްހަމަ ޖެހުމަކީީ ފައިސާއިން އަގުކުރެވޭނޭ ކަމެއްނޫނެވެ. ހަމައެހެންމެ ގޮނޑުދޮށާއި ގުޅިފައި ހުންނަ ފާތަކުގެ ސަބަބުން ރަށުގެ ގޮޑުދޮށް ހިފެހެއްޓުމާއި ވައިނިވަލެއްގެ ގޮތުން ފާތައް އަދާކުރާ ރޯލުގެ އަގު ފަސޭހައިން އަގުކުރެވޭނޭ ގޮތެއް ވެސް ނޯންނާނެއެވެ. މި ފަދަ ތަންތަނުގެ ޒީނަތްތެރިކަމާއި ތިމާވެށިވެސް މިވަނީ ގުޅި ލާމެހިފަ އެވެ. އެހެންކަމުން މިފަދަ ފާތަކަކީ އަޅުގަނޑުމެން އިންސާނުންގެ ތަފާތު ބޭނުންތަކާއި ވަރަށްބޮޑަށް ގުޅިފައިވާ ތަންތަނެވެ.
        
މީގެ އިތުރުން ދަންނަވާލަން ޖެހެނީ ފާފަލުގެ މާހައުލުން އަހަރެމެންނަށް ލިބިދޭ ޚިދުމަތްތަކުގެ އިތުރުން އެހެނިހެން ދިރޭތަކެއްޗައް ވެސް ފާފަލަކީ މުހިއްމު ތަންތަންކަމެވެ. އެންމެ ގިނައަދަދަކަށް ތަފާތު ބާވަތްތަކުގެ ދޫނިތައް ރާއްޖެއިން ފެންނަ މާހައުލަކީ ފާތައްކަމުގައި ވެގެން ގޮސްފައިވަނީ ވެސް މި ދެންނެވި ސަބަބަށްޓަކަ އެވެ. އެ ތަންތަނުން ދޫނި ސޫފާސޫތްޕަށް ކާނާ ލިބެ އެވެ. ފެންލިބެ އެވެ. ހިމާޔަތް ލިބެ އެވެ. ހާލިހަދައި ރައްކާތެރި ގޮތެއްގައި ދިރިއުޅެވޭނެ މަގު ތަނަވަސް ވެފައި އޮވެ އެވެ. ދޫނީގެ އިތުރުން އެހެނިހެން ބާވަތް ބާވަތުގެ ދިރޭ ސޫފާސޫތްޕަށް ވެސް މި ތަންތަނުން ވަނީ  ވަރަށް އެދެވޭ ގޮތެއްގައި ދިރިއުޅެވޭނެ ގޮތްތަކެއް ހަމަޖެހިގެން ގޮސްފަ އެވެ. މީގެ ތެރޭގައި ފާހަގަ ކޮށްލޭވޭ އެންމެ މުހިއްމު ބާވަތަކީ، ތަފާތު ބާވަތް ބާވަތުގެ އަދި ކުލަކުލައިގެ ކަކުންޏެވެ. އަދި މިފަދަ އެއްޗެހީގެ ބޭނުމުގައި އޭގެ ތޮށި ހޯދާ ހޯދުމުން، ދިވެހިން މިފަދަ އެއްޗެއްސަށް ލޯބިކުރާ ކުރުމާއި ޝައުޤު ހުންނަ މިންވަރު ހާމަ ވެގެންދެ އެވެ.
        
ނަމަވެސް ދަންނަވާލަން ޖެހެނީ ދިވެހި ރާއްޖޭގެ ފާފަލަށް، ދިވެހިންގެ ތެރޭގައި ކުރިން އޮތް ލޯބި މިހާރު ނެތްކަމެވެ. ރާއްޖޭގެ ފާތަކަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ދިވެހީންގެ ތެރޭގައި އެތަންތަނަށް ނަފުރަތު ކުރާ މީހުންގެ އަދަދު އިތުރު ވަމުން ދިއުމެވެ. ނަތީޖާއެއްގެ ގޮތުން އެތަންތަން ނައްތާލުމަށް، ގަސްދުގައި ގެއްލުން ދެމުންދާކަން ފާހަގަ ކުރެވިފައިވެ އެވެ. މިގޮތުން އެތަންތަނަށް ކުނި އެޅުމާއި ގަސްގަހަށް ގެއްލުން ދިނުންފަދަ ކަންތައްތައް ކުރަމުން ގެންދެ އެވެ. ބަނދަރުހެދުން ފަދަ ކަންކަމުން ނެގޭ ފަސްތައް އަމާޒުކުރަން ބައެއް މީހުން ބޭނުންވާތަނަކީ ވެސް ރަށުގައި އޮންނަ ފާކަމުގައި ވެގެންދެ އެވެ. އެހެންކަމުން ރަށްރަށުގައި ހެދިފައި ހުންނަ ފާތަކަކީ ރާއްޖޭގެ ތިމާވެށީގައި ހިމެނޭ، އެންމެ ބޮޑަށް ނުރައްކާތެރިކަން ލިބިފައިވާ މާހައުލެވެ.
        
ފާތައް ނެތިގެން ހިނގައްޖެ ނަމަ އަގުނުކުުރެވޭފަދަ ބޮޑުހަޒާނާއެއް އަންނަން އޮތް ޖީލަށް ގެއްލިގެން ދިޔައީ އެވެ. ފާތަކުގެ މާހައުލަކީ ދިވެހި ކާބަފައިން ރައްކާތެރިކަމާއެކު އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީފައިވާ އަގުހުރި ޚަޒާނާއެކެވެ. އެހެންކަމުން މި ޚަޒާނާ އަށް ގެއްލުން ނުދީ އެންމެ ފުރިހަމަ ގޮތުގައި އަންނަން އޮތް ޖީލަށް ރައްކާތެރިކަމާއެކު ރައްދުކޮށްދިނުމަކީ އަޅުގަނޑުމެންނަށް އޮތް ވާޖިބެކެވެ.

(ނިމުނީ)

www.fanvai.info