އަދުގެ ޚާއްސަ

Print

ހަމަ ހިތަށްއަރާ..(2)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


އެހެން މީހަކުދެކެ ލޯބިވެވިދާނެތަ؟


ބިންމާ އިބްރާހީމް ވަޙީދު

އާނއެކެވެ. ގިނަ މީހުންގެ ޖަވާބަކީ އެއީކަމުގައި ވެދާނެ އެވެ. އެ ކަމާ ދެކޮޅުހަދާކަށް ނެތީމެވެ. އެކަމަކު،ފުރަތަމަ ވިސްނާލަމާ ހިނގާށެވެ. ލޯބީގެ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟ ލޯތްބަކީ، އެކުވެރިކަމެވެ. ގާތްތިމާގެކަމެވެ. އެއްބަނޑުއެއްބަފާ ކަމެވެ. ޢިޝްޤެވެ. އަދި، އެ ނޫން ވެސް ބައިވަރު ވައްތަރުތައް ހުރުން އެކަށީގެންވެ އެވެ.
    
ލޯބިން ކުރަނީ ކީއްހެއްޔެވެ؟ ގުޅުން ބަދަހި ކުރެވެ އެވެ. ހެއްވަ އެވެ. ރޮއްވަ އެވެ. އަޅާލަ އެވެ. ކާވެނިކުރެ އެވެ. އަނިޔާކުރެ އެވެ. ދަތްއަޅައެވެ. ވަޅިއަޅައެވެ. ދަންޖެހެ އެވެ. މީން ކޮންމެ ނުކުތާ އަކީ، ފަހުން ވެސް ވިސްނާލަންޖެހޭ ނުކުތާއެކެވެ.
   
ލޯބިވެވޭނީ ކޮންބައެއްދެކެ ހެއްޔެވެ؟ ތިން ވަނަ އަށް އެ ސުވާލު ކުރެވިދާނެ އެވެ. މީހުންތައް ބައިވަރެވެ. މަންމަ އާއި ބައްޕަ އެވެ. ބޭބެ އާއި ކޮއްކޮ އާއި ދައްތަ އެވެ. މާމަ އާއި ކާފަ އެވެ. ފިރިމީހާ އާއި އަނބިމީހާ އާއި "ލޯބިވެރިޔާ" އެވެ. އެ އެންމެން ދެކެ ވެސް ލޯބިވާ ކަމުގައި ބުނެވިދާނެ އެވެ.
   
ލޯބީގެ ތަފާތު އެހެން މާނަތައް ވެސް ހުރެއެވެ. އެއީ އިޙްތިރާމެވެ. ޤަދަރެވެ. ކުލުނެވެ. ޝައުޤެވެ. ހަމްދަރުދީ އެވެ. މިހެންގޮސް މި ލިސްޓް ވެސް ދިގުކުރެވިދާނެ އެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ. ސުވާލަކީ ކުރިން ވެސް އުފެދުނު ސުވާލެވެ. ލޯބިވެވިދާނެ ހެއްޔެވެ؟ ބުނެވިދާނެ އެވެ. ދަރިން ދެކެ އަހަރުމެން ލޯބިވަމު އެވެ. ފިރިމީހާ ދެކެ ވެސް އަހަރުމެން ލޯބިވަމު އެވެ. ނުވާތާކަށް، ގެންގުޅޭ ސައިކަލާއި މޯބައިލް ފޯނު ދެކެ ވެސް ލޯބިވެވެ އެވެ.
   
މިސާލަކަށް ދަރިފުޅު ނަގަމާ ހިނގާށެވެ. ބަނޑުގައި އެތައް މަހެއް ވަންދެން ބޭއްވުމަށްފަހު، އުނގުގައި ވެސް، އެތައް މަހެއް ވަންދެން ދަރިފުޅު ބާއްވަ އެވެ. ބިންމަތީގައި ބެހެއްޓުމަށްފަހު، ދެން ވެސް ހިތްހަމަނުޖެހިގެން، އިނގިލިކުރީގައި ހިފާއްޓަ އެވެ. ވެއްޓިދާނެތީ އެވެ. ރަނގަޅު މަގު ދެއްކުމަށްޓަކަ އެވެ. އެއީ، އޭނަދެކެ ލޯބިވާތީއޭ ނުބުނެވޭންވީ އެއްވެސް ސަބަބެއް ނެތެވެ. ނުވަތަ ސަބަބެއް އޮވެދާނެބާ އެވެ. އަދި އިހަށް ގޮތެއް ނުނިންމަމާ ހިނގާށެވެ.
   
މިސާލަކަށް އަނބިމީހާ ނަގަމާ ހިނގާށެވެ. ލޯބިވެރިޔާއޭ މި ކިޔާ މީހާ ވެސް ނެގިދާނެ އެވެ. އޭނަ އަށްޓަކައި އުޑުން ތަރި ބާލައިދެ އެވެ. އަގުބޮޑު ހަދިޔާތައް ގެނެސްދެ އެވެ. ގޮވައިގެން ތަންތަނަށް ދެއެވެ. ކާވެންޏަށްޓަކައި ހާހުން ފައިސާ ޚަރަދުކުރެ އެވެ. ހަނީމޫނަށް ދެވޭ ނަމަ، ހަނދަށް ވެސް ބަޔަކު ދިޔައީހެވެ. ފިރިމީހާ އަށްޓަކައި ކައްކައިދެ އެވެ. ދޮވެއިސްތިރިކޮށްދެ އެވެ. އަގުބޮޑު ހަދިޔާ ގަނެދެ އެވެ. ބުނިއްޔާ ބުނިހާ ގޮތެއް ހެދިގެން ހުރެ އެވެ. ނުވާތާކަށް، ފިރިމީހާގެ ނަމަށް ގޭގެ ރަޖިސްޓްރީ ވެސް ބަދަލުކޮށްދެ އެވެ.
   
ލޯބި މި ކިޔަނީ މި ގޮތަށް ކޮށްދޭ ހުރިހާ ކަމަކަށެވެ. އަނެކާ އަށްޓަކައި ތިމާގެ ހިތުގައި ހުސްވެފައި އޮންނަ ޖާގަ އަށްޓަކައި އެވެ. އެ ހިސާބުން ރޮނގެއް އަޅާލަމާ ހިނގާށެވެ. ދެން ދާންވީ އެ ރޮނގުގެ އަނެއް ފަރާތަށެވެ. 6 އަނެއްކޮޅުން ބަލައިލައިފި ނަމަ އެއީ 9 އެވެ. ވައްބޮޅަކަށް ބަދަލެއް ނާދެ އެވެ. އެކަމަކު، ފައިކަށި އޮންނަ ދިމާ އެބަ ބަދަލުވެ އެވެ. ހަމަ އެގޮތަށް، ލޯބި އޮތް ތަނުގައި އޮވެފައި، ރައްދުވާ މީހާ ބަދަލެއްނުވާނެބާ އެވެ؟
   
ތިމާގެ "ލޯބިވެރިޔާ" އަށް ސެންޓުފުޅިއެއް ގަނެދިނުމުން ތިމާ ކިހާ އުފާވޭ ހެއްޔެވެ؟ އޭނަ ހިނިތުންވެފައި ހުރުމުން ތިމާ ކިހާ ހިތްހަމަޖެހޭ ހެއްޔެވެ؟ ދަރިފުޅު ގަދަވެސަލާމަތުން ހުރުމަކީ، މަންމަ އަށް ހަމަނިދި ނިދޭ ކަމެކެވެ. ބައްޕަގެ ފިކުރުތައް ކުޑަވާ ކަމެކެވެ. މިހާރު މި ވަނީ ކިހިނެއް ހެއްޔެވެ؟ ލޯބި އެބައޮތެވެ. ލޯބިވެވެނީ ކާކު ދެކެ ހެއްޔެވެ؟ އަމިއްލަ ނަފުސުދެކެ ހެއްޔެވެ؟ އެހެން މީހެއް ދެކެ ހެއްޔެވެ؟ އަދި ތަންކޮޅެއް ފުންކޮށް ވިސްނާލަމާ ހިނގާށެވެ.  
   
ދިމާވާކަމަކުން ކުއްލިއަކަށް ފިރިމީހާމަތިން ފޫހިވެ އެވެ. ދަރިފުޅު ދެކެން ބޭނުންނުވެ އެވެ. "ލޯބިވެރިޔާ" ހިނގި މަގަކުން ވެސް ހިނގާކަށް ބޭނުމެއްނުވެ އެވެ. ނަތީޖާއަކަށް ވަނީ އަންނައުނުތައް ވީދާލުމެވެ. ގަޔަށްބޮލަށް އަރައިގަތުމެވެ. އަތުޖެހުނު އެއްޗަކުން ހަމަލާދެވުމެވެ. ގައިގަ އިސްތިރި ޖެއްސުމެވެ. އަޑުއަހަން އުނދަގޫވެދާނެ އެވެ. އެކަމަކު، މި ހުންނަނީ ރާއްޖޭގައި ވެސް ހިނގާފައި ހުންނަ ކަންތައްތަކެވެ. ނޫސްތަކުން އަޑުއިވިފައިވާ ޚަބަރުތަކެވެ. ދެން އުފެދޭ ސުވާލަކީ، އެހެންވަނީ ކީއްވެގެން ހެއްޔެވެ؟
   
ޖަވާބު ވަރަށް ކުރެވެ. ތިމާ ދެރަވާ ނުވަތަ ފޫހިވާކަމެއް އަނެކާ ކުރުމުން، އެ ހިސާބުންފެށިގެން ތިމާ ބޭނުންވަނީ އަނެކާ ދެރަކޮށްލާށެވެ. ތަދުކޮށްލާށެވެ. ޖެއްސުން ކޮށްލާށެވެ. އިހާނެތިކޮށްލާށެވެ. ކީއްވެ ހެއްޔެވެ؟ ތިމާ އުފާ ވަނީ އެހެން ހެދުމުން ކަމުގައިވާތީ ބާއެވެ؟ ތިމާ އަބަދު ވެސް ލޯބިވަނީ ތިމާގެ އަމިއްލަ ނަފްސްދެކެ ކަމުގައިވާތީ ބާއެވެ؟
   
ކުރިން ތިމާ އުފާވީ އޭނަ ހިނިތުންވެފައި ހުރީމަ އެވެ. އެހެންވެ، އެ ހިނިތުންވުން ދެމެހެއްޓުމަށްޓަކައި، ކުރެވެން ހުރި ހުރިހާ ކަމެއް ތިމާ ކުރީ އެވެ. ތިމާގެ ހިތްހަމަޖެހުމަކަށްޓަކާ އެވެ. ކުއްލިއަކަށް ދިމާވި ކަމަކުން، ތިމާ ބޭނުންވީ އޭނަ ރޮއްވާލާށެވެ. އެ ވަގުތު ތިމާ އަށް ހިތްހަމަޖެހުމެއް ލިބޭނީ އޭނަ ރުއީމަ ކަމުގައިވާތީ އެވެ. އަނެކާދެކެ ލޯބިވާ ކަމުގައި ވަންޏާ، ތިމާ ކިތަންމެ ހިތްހަމަނުޖެހުނަސް، އަނެކާ އަށް ލޯބިދޭނެ އެވެ. ލޯބީގެ ބުރަދަން އެކިއިރު އެކި ވަރަށް ހުންނަނީ، އެ ތިލަފަތުގެ އަނެއްކޮޅަށް ލާންޖެހޭ ތިމާގެ އަމިއްލަ އެދުމުގެ "ކިލޯގްރާމް" ތަފާތުވާތީ ނޫންބާ އެވެ؟
   
މި ލިޔުން ކިޔަމުންދާއިރު، ތިމާގެ އަމިއްލަ ހިތާ ސުވާލުކޮށްލާށެވެ. އަހަރެން އެންމެ "ލޯބިވާ" މީހާ ރޮންޏާ އަހަރެންނަށް ކުރާނީ ކޮން ކަހަލަ އިހުސާސެއް ހެއްޔެވެ؟ އޭނަ ހިނިތުންވުމުން އަހަންނަށް ލިބެނީ ކިހާ ބޮޑު އުފަލެއް ހެއްޔެވެ؟ ކިތައް މީހުން ގާތުގައި ތިމަންނަ އަށް މިހެން ބުނެވޭ ހެއްޔެވެ؟ އޭނަ ރޮންޏާ އަހަރެން ވަރަށް ދެރަވެ އެވެ. ނުވަތަ، އަހަންނަށް ރަނގަޅީ އޭނަ ހާލުގައިޖެހުނިއްޔާ އެވެ. ނުވަތަ، އަހަރެން އެންމެ އުފާވާނީ، އަހަންނަށް ޖައްސާފަ މިހިރަ ހާލު އޭނަ އަށް ވެސް ޖެހުނިއްޔާ އެވެ.
   
ކާޅުގައި ހުދު ފަތް ހުރެ އެވެ. އެއީ ވަރަށް މަދުން ވާ ކަމެކެވެ. ހަމަ އެގޮތަށް، ތިމާ އަށް ކޮންމެ ހާލެއް ޖެއްސިޔަސް، އޭނަ އަށް އޮންނަ ލޯބިން ޒައްރެއްގެ މިންވަރު ވެސް އުނި ނުކުރާ މީހަކު ހުރެދާނެ އެވެ. އެއީ، ހާހަކުން އެކަކެވެ. ނުވަތަ، މިލިޔަނުން އެކަކެވެ. މި ދެކެވެނީ އާންމު އިންސާނުންގެ ވާހަކަ އެވެ. އިންސާނުންނަކީ ކޮޕީ ކުރާހިތްވާ ބައެކެވެ. ބަޔަކު ކަމެއް ކުރާތަން ފެންނައިރަށް ކުރާހިތްވާ ބައެކެވެ. ބައެއް ކަންތައް މި ކުރެވެނީ ކީއްކުރަންކަން ނޭނގުނަސް ކުރެވެ އެވެ. ބައެއް އަޑުތައް، އެއް ގޮތަކަށް ތަކުރާރުކޮށް އިވުމުން އެ ކަމެއް ގަބޫލުކުރެވެ އެވެ. އެހެން މީހަކު ދެކެ ލޯބިވެވިދާނޭ ބުނުމަކީ މީގެ އެއް ހެކި ނޫންބާ އެވެ؟
   
ކަމެއްގައި، އެތައް ޒަމާނެއް ވަންދެން އަހަރުމެން ގަބޫލުކޮށްފައި އޮންނަ ގޮތް، އެއް ސިކުންތުން ވެސް ބަދަލުވެދާނެ އެވެ. ވިސްނާލަން ރަނގަޅު ހެކިތަކެއް ދެއްކިއްޖެ ނަމަ އެވެ. ތިމާ ލޯބިވަނީ، ޙަޤީޤަތުގައި ވެސް އަމިއްލަ ނަފުސުދެކެ ކަމުގައި މި ބުނާ ފަލްސަފާ އަކީ ތެދެއް ހެއްޔެވެ؟ ބެލުނު އެއްވެސް ވެބްސައިޓަކުން އެހެން ބުނެފައޮއްވައެއް ނުދެކެމެވެ. އެންމެން ކަހަލަ ގޮތަކަށް ބުނަނީ، ލޯތްބަކީ ދެ ހިތެއްގެ ދެމެދުގައި އުފެދޭ ގުޅުމެއް ކަމެވެ.
   
ގިނަ މީހުން ދެކޭގޮތް އެއީ ރަނގަޅު ގޮތް ހެއްޔެވެ؟ މިއީ ކިތައް މިލިއަން ޑޮލަރުގެ ސުވާލެއް ހެއްޔެވެ؟ ދުނިޔޭގެ އެންމެން ކިޔާ ގޮތުގައި، ލޯބިވެރިޔާ ވަކިވުމުން ހިތް ހަލާކުވެ އެވެ. އެކަމަކު، ހަގީގަތުގައި ހިތް ހަލާކުވޭބާ އެވެ؟ ބައެއް ޖުމުލައިން ނަގަންޖެހެނީ މާނަވީ މާނައެކެވެ. ލަފުޒީ މާނައެއް ނޫނެވެ. މިސާލަކަށް ބޯކޮށުން ކިޔަސް، ކޮށާނީ އިސްތައްޓެވެ. ދެފައިދެގޯޅި ކިޔަސް ދެގޯޅިއެއް ނޯންނާނެ އެވެ. ހިތަށްއަރައޭ ބުންޏަސް، ހިތަކަށް އެކައްޗެއް ވެސް ނާރާނެ އެވެ.

ތިމާގެ އަމިއްލަ ހިތްހަމަޖެހުމަކަށްޓަކައި، އެހެން މީހަކު އުފާކޮށްފައި ބެހެއްޓުން އެއީ އޭނަދެކެ ވާ ލޯބިކަމުގައި ވަންޏާ، އެ ކަމަށް ވެސް "ދެ ހިތް" އެބަ ބޭނުންވެ އެވެ.  ޙަޤީޤަތުގައި، ކޮންމެ މީހަކު ވެސް ލޯބިވަނީ ތިމާގެ އަމިއްލަ ނަފުސުދެކެ ކަމުގައި ނުވާންވީ ކީއްވެބާ އެވެ؟ މި ހުންނަނީ، އާންމު އިންސާނެއްގެ ހައިސިއްޔަތުން އަހަރެންގެ ހިތުގައި އުފެދޭ އާންމު ސުވާލުތަކެވެ. މީހަކު ފެނުމުން ޝުޢޫރު އުފެދެނީ ތިމާގެ ހިތުގަ އެވެ. އެ ހިސާބުން ތިމާ މަސައްކަތް ކުރަނީ، "ތިމާގެ ހިތަށް" އެ ހިތްހަމަޖެހުން ހޯދުމަށެވެ. އަނެކާ އަށް ކޮށްދޭ ހުރިހާ ކަމެއް މި ކޮށްދެނީ، އަނެކާ ތުންފަތަށް ހިނިތުންވުން ވެރިވީމައި "ތިމާ" އުފާވާތީ އެވެ. މި ހިސާބުން، ދެން އަނެއްކާ ވެސް އެއްކަލަ ސުވާލު ކޮށްލާނަމެވެ. އެހެން މީހަކުދެކެ ލޯބިވެވިދާނެ ހެއްޔެވެ؟ ތިމާ އަކީ، ކަންކަން އޮޅުންފިލުވަން ބޭނުންވާ މީހެއްކަމުގައި ވަންޏާ، ދެފަހަރަށް ވިސްނާލުން ބުއްދިވެރި އެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ