އަދުގެ ޚާއްސަ

Print

ދުނިޔެ ހޯދަމުންގެންދަނީ އިސްލާމްދީނެވެ.

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

އެފް.އެޗް.ބްރެޑްލީ (F. H. Bradley) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 1846 ގައި، ލަންޑަންގައެވެ. އޭނާ އަވަހާރަވީ، 1924 ގައި، އޮކްސްފޯޑްގައެވެ. އޭނާއަކީ މިޒަމާނުގެ މަޝްހޫރު ފިލޯސަފަރުންގެ ތެރެއިން ގުނައިލެވޭ ބޭފުޅެކެވެ. ބްރެޑްލީ އޭނާގެ ފޮތެއް ކަމުގައިވާ Essays on Truth and Reality ގައި ލިޔުއްވައިފައިވެއެވެ.

 މިއަދު ދުނިޔެއަށްވަނީ އާ ދީނެއް (New Religion) ބޭނުންވެފައެވެ. އެ ދީނެއް ވާންޖެހޭނީ، އިންސާނިއްޔަތަށް ފައިދާހުރި، ހުރިހައިކަމެއް ޢައްޔަންކޮށްދޭ ޢަޤީދާއެއް އަޅުގަނޑުމެންނަށް ލިބިދޭ ދީނެއް ކަމުގައެވެ. ބޭނުންތެރި ނިސްބަތެއްގެ މައްޗަށް ބިނާކޮށް އެކަންކަން ހުއްދަކުރުމުގެ ބިންގަލަކަށްވާފަދަ ދީނެއް ކަމުގައެވެ. އިންސާނާއަށް އޭގެމައްޗަށް ފުރިހަމަޔަށް އިޢުތިމާދު ކުރެވޭފަދަ ޝުޢޫރެއް ލިބިދޭ ދީނެއް ކަމުގައެވެ. (ޞަފްޙާ: 46)

    މިސްޓަރ ބްރެޑްލީގެ އިސްވެދެންނެވި ވާހަކައާއެކު އޭނާވަނީ މިހާރުގެ ދީންތަކާމެދު އޭނާ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާކަންވެސް ފާޅުކުރައްވައިފައެވެ. އޭނާ އިޢުލާން ކުރައްވައިފައިވެއެވެ. ދީނަކީ އެއްގޮތަކަށްވެސް އެންމެފަހު އެއްޗެއް ނޫނެވެ.

Religion is not a final and ultimate matter. (11/220)

    ބްރެޑްލީ [ދީން] މާނަކުރައްވަނީ، ދުނިޔޭގައި (ޚާއްޞަކޮށް ޔޫރަޕްގައި) އާންމުވެފައިވާ ދީންތަކުގެ މާނައިގައި، ކަމުގެ ޙަޤީޤަތް ކުރިމަތީގައި ބާއްވައިފިނަމަ، އެ ޙަޤީޤަތުގެ ނިސްބަތުން ބަލާއިރު އާ ދީނެކޭ ވިދާޅުވުމުގައި އޭނާގެ މުރާދަކީ ކޮބައިކަން ވިސްނައިގަތުމަކީ އުނދަގޫކަމެއް ނޫނެވެ. ޙަޤީޤަތުގައި އޭނާ ވިދާޅުވެފައި އެވަނީ، ބަދަލުގެނެސް ގަޑުބަޑުކޮށްފައިނުވާ ދީނެއްގެ ވާހަކައެވެ. އެހެނީ، ދީނުގެ ގޮތުގައި އެހައިތަނަށް އޭނާއަށް އެނގިވަޑައިގެންފައިވަނީ، އެދުވަސްވަރު (ޔޫރަޕްގައި) އާންމުވެފައިހުރި ދީންތަކެވެ. އުނިއިތުރުކޮށް، އަސްލު ގެއްލިފައިނުވާ ދީނީ އެޑިޝަން އޭނާއަށް ފެނިވަޑައިގެންފައި އޮތްނަމަ، [އާ ދީނެއްގެ] ބަދަލުގައި އޭނާ ބޭނުންކުރެއްވީހީ، [ބަދަލެއް ނުގެނެސް އޮތް ދީނެއް] މި ލަފުޒެވެ.

    ކަލާ މިޒަމާނުގެ އިންސާނާގެ ތަބީޢަތު މުޠާލިޢާ ކުރައްވައިފިނަމަ ޢަޖައިބުވެވަޑައިގަންނަވާފަދަ ތަފާތު އިދިކޮޅު ދެގޮތެއް، އެބައިމީހުންގެ ކިބައިން ފެނިވަޑައިގަންނަވާނެއެވެ. އެއްކޮޅުން އޭނާ ދީނުގެ ބޭނުންތެރިކަމަށް އިޢުތިރާފުވެއެވެ. ހަމައެއާއެކު، މިހާރުގެ ދީންތަކާމެދު އޭނާގެ އިތުބާރެއް ނެތްކަންވެސް ފާޅުކުރެއެވެ. އޭގެ ސަބަބަކީ، އިންސާނާ ނަފްސާނީގޮތުން ދީނެއްކަހަލަ އެއްޗެއްގެ ބޭނުންތެރިކަން އިޙްސާސް ކުރުމާއެކުވެސް، އޭނާ މިހާރުގެ ދީންތަކާމެދު ވިސްނައިލާއިރު، އެ ދީންތަކަކުން އޭނާގެ ނަފްސިއްޔާތު އެދޭ އެދުމުގެ ޖަވާބެއް ނުފެނުމެވެ.

    މި އޮޅުންބޮޅުމުގެ ސަބަބަކީ، ދީންތަކަށް ގެނެސްފައިވާ ބަދަލުތަކެވެ. މިއަދުގެ އިންސާނުންނަކަށް ބަދަލުގެނެސްފައިވާ ދީންތައް، އެބައިމީހުންގެ ނަފްސު އެދޭ މިންގަނޑުތަކަށް ފެތޭކަމަކަށެއް ނުބެލެވެއެވެ. ނަމަވެސް، ބަދަލުގެނެސްފައިނުވާ ދީނުގެ ނުސްޚާއެއް، އޭނާގެ ކުރިމައްޗަށް ހުށަހަޅައިފިނަމަ، އޭނާއަށް ފެންނާނީ އެ ނުސްޚާއާ އޭނާގެ ނަފްސިއްޔާތު އެދޭގޮތާ މުޅިން އެއްގޮތްކަމެވެ. އޭނާ ވަގުތުން އެ ދީން ގަބޫލުކުރާނެކަން ކަށަވަރެވެ.

    ހުޅަނގުގެ ދުނިޔޭގައި ޚާއްޞަކޮށް، އާންމުކޮށް މުޅި ދުނިޔޭގައި އުފެދިފައިވާ [ދީނާ ދިމާޔަށް އެނބުރި އައުމުގެ] ޝައުޤަކީ، ޙަޤީޤަތުގައި އިސްލާމްދީނާ ދިމާޔަށް އެނބުރި އަންނަހިތްވާ، އަންނަހިތްވުމެކެވެ. އެހެނީ، ދީން ތަމްސީލުކުރުމަށްޓަކައި އޮތް ކުށެއްނެތް އަދި އިތުބާރުހުރި ނުސްޚާއަކީ އިސްލާމްދީނުގެ ސިފައިގައި ފެންނާން މިއޮތީއެވެ. އިސްލާމްދީން ފިޔަވައި ދެންހުރީ ހައްތާވެސް ބަދަލުގެނެސްފައިވާ ދީންތަކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، އިސްލާމްދީން ފިޔަވައި އެހެން ދީންތަކަކީ ތާރީޚީގޮތުން އިތުބާރެއްނެތް ދީންތަކެކެވެ. އެހެންކަމުން، ދީން ހޯދަންއުޅޭ މީހުންގެ ކުރިމަތީގައި މިހާރުއޮތީ އެންމެ ޖަވާބެކެވެ. ޝައްކެއްނެތް ގޮތުގައި އެއީ އިސްލާމްދީނެވެ.

    މިޒަމާނުގައި ރަނގަޅު ދީނެއް ހޯދަންއުޅޭ މީހުން، ޙަޤީޤަތުގައި ހޯދަން އެއުޅެނީ އިސްލާމްދީނެވެ. އެކަން ބަޔާންކުރުމަށްޓަކައި، މިތާނގައި އަޅުގަނޑު މިސާލެއް ދަންނަވައިލާނަމެވެ.

    ޑޮކްޓަރ ނަޝީކާންތު ޗަޓޫޕާދިޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ބަންގާޅުގެ ހިންދީ ޢާއިލާ އަކުންނެވެ. އޭނާއަކީ މަތީ ތަޢުލީމު ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާއަކީ އެތައް ބަސްތަކެއްގެ މާހިރެކެވެ. އޭނާ ޒުވާން ފުރަޔަށް އަރައިވަޑައިގަތުމާއެކު، އޭނާގެ ހިތްޕުޅުގައި ޙައްޤު ދީނެއް ހޯއްދެވުމުގެ ޝައުޤު އުފެދުނެވެ. އެކަމަށްޓަކައި އޭނާ ކިޔަވައިވިދާޅުވާން ފެށްޓެވިއެވެ.

    އޭނާ އެންމެ ފުރަތަމަ ކިޔަވައިވިދާޅުވީ ފަލްސަފާއެވެ. ނަމަވެސް، ފަލްސަފާއިން އޭނާއަށް އެނގިވަޑައިގަތީ، ފަލްސަފާއަށް ވާސިލުވެވެނީ ހަމައެކަނި ސުވާލާ ހަމަޔަށްކަމެވެ. ޖަވާބު ލިބޭނެ މަގެއް ފަލްސަފާއަކުން ނުފެންނަކަމެވެ. އެހައިތަނުން އޭނާ ދީންތައް ދިރާސާކުރައްވަން ފެށްޓެވިއެވެ. އެންމެ ފުރަތަމަ އޭނާ މުޠާލިޢާ ކުރެއްވީ ހިންދީ ދީނާއި، އެ ދީނުގެ ތަފާތު މަޒުހަބުތަކެވެ. ނަމަވެސް، އެ ދީނަކަށް އޭނާގެ ހިތްޕުޅު ހަމަޖައްސައެއް ނުދެވުނެވެ. އޭނާގެ ކުރިފުޅުމަތީގައި ހާމަވި ޙަޤީޤަތަކީ، ހިންދީ ދީން މުޅިންވެސް ބިނާވެފައިވަނީ، މައިތޮލޮޖީގެ މައްޗަށްކަމެވެ. އެހެންކަމުން، އެފަދަ އެއްވެސް ދީނަކީ ތެދުވެރި ދީނެއްކަމުގައި، ބުއްދީގެ ހަމަތަކުން ޔަގީންކުރެވުމަކީ މުސްތަޙީލު ކަމެކެވެ.

    އެއަށްފަހު އޭނާ ކްރިސްޓިޔަނިޓީއާއި ޔަހޫދިއްޔަތާއި އަދި އެނޫންވެސް އެތައް ދީންތަކެއް އުނގެނިވަޑައިގެންނެވިއެވެ. ނަމަވެސް، އެ ދާއިރާތަކަކުންވެސް އޭނާގެ ހިތްޕުޅަކަށް ހިތްގައިމުކަމެއް ލިބިވަޑައެއް ނުގެންނެވިއެވެ. ސަބަބަކީ، ތާރީޚީގޮތުން ހަރުދަނާ މިންގަނޑަކަށް އެއިން އެއްވެސް ދީނެއް ފެތޭކަމުގައި ފެނިވަޑައިނުގަތުމެވެ. ތާރީޚީގޮތުން ސާބިތުނުވާ އެއްޗެއް، ޙަޤީޤީ އެއްޗެއްކަން ޔަގީންކުރެއްވޭނެ ގޮތެއް އޭނާގެ ވިސްނުންފުޅަކަށް ނުގެންނެވުނެވެ.

    އޭނާ އެންމެފަހުން މުޠާލިޢާ ކުރެއްވީ، އިސްލާމްދީނެވެ. އެ ދީނުގެ ދާއިރާއިން އޭނާއަށް ފެނިވަޑައިގަތީ، ކޮންމެ ކަމެއްވެސް ސާބިތުވެފައިވާތީއެވެ. ކޮންމެ ވާހަކައެއްވެސް ތާރީޚުގެ އެންމެ ފުރިހަމަ މިންގަނޑަށް ފެތިފައިވާތީއެވެ. އިސްލާމްދީނުގެ ނަބިއްޔާއަކީ، ފުރިހަމަ ތާރީޚީ ޝަޚްޞިއްޔަތެކެވެ. ޚިޔާލީ ނުވަތަ އިޢުތިޤާދީ ޝަޚްޞިއްޔަތެއް ނޫނެވެ. އެތަން ފެނިވަޑައިގަތުމުން، އޭނާއަށް ބޭއިޚްތިޔާރުގައި ވިދާޅުވެވުނެވެ.

Oh! What a relief to find, after all, truly historical prophet to believe in…

    [އަސްތާއެވެ! އިންސާނަކު ހޯދަމުން ހޯދަމުންގޮސް އެންމެފަހުން އޭނާއަށް ޔަގީންކުރެވޭފަދަ ތާރީޚީ ނަބިއްޔަކު ހޯދައިގަނެވުމަކީ ކިހައި އަޖައިބުކުރުވަނިވި ހޯދައިގަނެވުމެއް ހެއްޔެވެ؟]

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ