އަދުގެ ޚާއްސަ

Print

ނީލަމެއްގައި އޮންނަ ފިނިފެންމާ....

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ





އާދަމް ނަޞީރު އިބްރާހީމް (2009)

   (ޝާޢިރުލްމަޤުތޫލު)


ނީލަމެއްގައި އޮންނަ ފިނިފެންމަލުގެ ޢިއްޒަތަކީ ކޮބާ؟

ހީނލަމުން އެންމެން ބަލާ އަޖުމައިގެ ޙުރުމަތަކީ ކޮބާ؟

    ފީނަމުން ނެގުމުން އެ އަގު ނާރާނެ ރަން މުތަކީ ކޮބާ؟

       ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟

 -------------------------------------------------

ދުނިޔެއަށް ފުރަތަމަ އުފަންވީ ނުހަނު ޠާހިރު ކަންމަތީ،

   އުނިކަމެއް އެއްވެސް ކުށެއް ކުށްފާފައެއް ނެތް ގޮތްމަތީ،

         ފޮނި އެތައް އުންމީދަކާ، ހުވަފެންތަކޭ ވީ ކުރިމަތީ،

               ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟

 

އެންމެ ފުރަތަމަ ކޮއްކޮއެއް، ދެން އޭގެ ފަހުގައި ދައްތައެއް،

   ދެން އެއަށްފަހު ފެންނަ ނަމަ، ނިޔަނެތި އަބުރުވެރި މަންމައެއް،

            އުންމަތަށް އޭރުން އިތުރުވާނީ، ޤަދަރުވެރި ވަންހައެއް،

               ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟

 

ތިޔަ ދެ އަތްތިލައިން، މި އުންމަތް ހެޔޮ މަގަށް އެޅުވޭނެޔޭ

    ތިޔަ އުނގުން ޤާބިލް އެތައް ޖީލެއް   ބިނާ   ކުރެވޭނެޔޭ

       ނިޢުމަތުގެ ސުވަރުގެ ވަނީ ވެސް ތިޔަ ދެ ފައިތިލަ ދަށުގަޔޭ

             ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟

 

ތިޔަ ލޮލުން ނުޖެހޭނެ އަނިޔާގައި ކަރުނަ ފޫދޭކަށެއް،

    ތިޔަ ނަފުސު ނުޖެހޭނެ ބާޒާރަށް ވިކެން އެތުރޭކަށެއް،

       ތިޔަ ޤަދަރު ނުޖެހޭނެ ވެއްޔާ ހިރަފުހާ މޮޑެވޭކަށެއް،

          ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟

 

ޤަދަރުހުރި ފިނިފެންމަލަށް، މުޅި ގަސް ޢިނާޔަތްތެރިވެޔޭ

    ބަދަލު ނުވެ ފެހި ފަތްތަކާ، ކަށިތައް ޙިމާޔަތްތެރިވެޔޭ

       ޤުދުރަތުގެ މި ނިޒާމުތައް ވިސްނާށެ ޙިކްމަތްތެރިމެޔޭ

           ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟


                (ނިމުނީ) 


މަޞްދަރު:

ޢަލީރަމީޒު (ޔާ އުޚްތާ). 2010މ.


ނޯޓު:

މި ޅެން ފަންވަތުގައި މި ހިމަނާލީ، 1 އޯގަސްޓް 2010ގައި ނިކުންނަ ޢަލީ ރަމީޒުގެ މަދަޙަ އަލްބަމެއްގައި ހިމެނުމަށްޓަކައި ހެދިފައިވާ ޅެމެއް، ފަންވަތުގައި ޝާއިޢު ކުރުމުން، ބައެއް ބޭފުޅުން މި ޅެން ފަންވަތުގައި ގެނެސް ދިނުމަށް އެދިވަޑައިގެންފައިވާތީ އެވެ. ފަންވަތާ މެދު ތިޔަ ބަހައްޓަވާ ގާތްކަމަށްޓަކައި އެންމެހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ