އަދުގެ ޚާއްސަ

Print

ފޮތެއްގެ ތަޢާރުފް: ދޮންމޮހޮނާއި މިޔަރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ



 އަޙްމަދު އަޖްމަލް ޙާމިދު (2007)

         "އެ މީހަކު ސަލާންޖަހަން ގެންގުޅުނު ނާށިގަނޑު އެ މީހަކު މަރުވަންދެން ވެސް ގެންގުޅެން ޖެހޭނެ"

                                                          ޢަބްދުالله ޞާދިޤު

ލިޔުންތެރިޔާ

                                                        

ނަން: ޢަބްދުالله ޞާދިޤު

އުފަން ތާރީޚް: 11 ޖެނުއަރީ 1955

ތަޢުލީމް ޙާޞިލުކުރެއްވީ: އަލްމަދްރަސަތުއްޘަނިއްޔާ ( މިހާރުގެ މަޖީދިއްޔާ ސްކޫލް )

އަދާކުރައްވާ ވަޒީފާތައް:  ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޚާއްޞަ މުޝީރު        


ލިޔުއްވާފައިވާ ފާހަގަކޮށްލެވޭ ބައެއް ފޮތްތައް:

    1. ދޮންހިޔަލައާއި އަލިފުޅު

    2. ދޮންމޮހޮނާއި މިޔަރު

    3. ބަހުގެ ހަމައިގެ އަތްމަތީ ފޮތް (ސަރުކާރު މުވައްޒަފުންގެ ދިވެހި ބަހުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވި ފޮތެއް)


ޚިދުމަތްކުރައްވާ އަދަބީ ރޮނގުތައް:

    1. ޅެންވެރިކަން. މިސާލު: ޖަމީލުގެ ހަނދާނުގައި

        ކޮންމެ ހެނދުނެއްވަނީ އަޑުފުޅާ އެކުގައޭ
            ކޮންމެ ހުކުރެއްވަނީ ހަނދުމައިން ފުރިފައޭ
                ކޮންމެ ހިތަކަށް މި ހިތި އަސަރު ކުރުވާފައޭ
                    އަދު "ވަޑައި ތިޔަ ގަތީ ޤައުމު ރޮއްވާފަޔޭ....."
                                               ފަތްތޫރަ 120 ވަނަ ޢަދަދު ( މާރޗް 1989 )


    2. މަޒުމޫނު ލިޔުން. މިސާލު: ވަޒަންބަހުރުވައިގެ އަރަތް
   
ދިވެހި ޅެންވެރިކަމަށް ބަލައިލާއިރު ވަޒަން ބަހުރުވައިން ވަރަށް ގިނަ ކަންތައްތައް ކުރެވިފައި ހުރިކަން ފާހަގަކުރެވެއެވެ. ވަރަށް ގިނަ  ކުޅިވަރުތައް ވެސް އެއިން ކުޅެފައި އެބަހުއްޓެވެ. މި ފަހަރު މި ބަލައިލަނީ މިގޮތަށް ވަޒަން ބަހުރުވައިން ކުޅެފައިހުރި ބައެއް ކުޅިވަރު ތަކަށެވެ. ޚާއްޞަކޮށް އަރަތަށެވެ. އަދި މި ނޫން ވެސް މި ފަދަ ބައެއް ކުޅިވަރުތަކަށެވެ.        
   
އެންމެ ފުރަތަމަ ވަޒަން ބަހުރުވައިގެ އެންމެ ދުވަސްވީ އެއްވަތަރު ކަމުގައިވާ ކަލުން ކުޅެފައިވާ ކުޅިވަރަކަށް ބަލައިލާނަމެވެ.
ފަތްތޫރަ 304 ވަނަ ޢަދަދު ( ޖުލައި 2004 )


    3. ކުރުވާހަކަ ލިޔުން. މިސާލު: ބައްޕަގެ ރަންފައްޓަރުބައި
   
ދެން މުޙައްމަދަށް ގޮވާލި އެވެ. މުޙައްމަދު އެނދުކައިރިއަށް ޖެހިލީމާ ބުންޏެވެ. ބައްޕަ މި އޮތްހާ ދުވަހު މަސައްކަތް ކޮށްގެން، އެއްކުރެވުނުހާ ވެސް އެއްޗަކީ ރަން ފައްޓަރު ބައެކެވެ. އެފައްޓަރުބައި ގޭގައި އެހެރަ ފަހާފޮށި ކައިރީގައި ކުނޑިފޮތި އަޅަން ބަހައްޓާފައި އެހެރަ ފޮށިގަނޑުގެ އެންމެ އަޑީގައި އޮންނާނެ އެވެ. އެ ކަހަލަ ވިޔާނުދާ ތާކަށް އެ ފައްޓަރުބައި ލާފައި ބޭއްވީ ކީއްވެތޯ މުޙައްމަދު އަހާލީމާ މޫސާފުޅު ބުންޏެވެ.        
   
ދަރިފުޅާއެވެ. އެއީކިހާރައްކާތެރި ތަނެއް ހެއްޔެވެ. މި ގެއަށް ވަދެވަދެފައި ނުކުތްހާ ބަޔަކު ކުނޑިފޮތި ގެންދަނީ އެ ފޮށިގަނޑުންނެވެ. އޭގެތެރޭގައި އެކަހަލަ އެއްޗެއް އޮވެދާނެއެކޭ ހަމަ އެކަކު ވެސް ހިޔެއް ނުކުރާނެ އެވެ. ބައްޕަ އެފައްޓަރުބައި އެ ފޮށިގަނޑަށްލީ އެހެން ވެގެންނެވެ. މިހާރު އެ ފައްޓަރުބައި އެ ތާނގައި އޮންނަތާ ވިއްސަކަށް އަހަރުވެދާނެ އެވެ.
   
ވަރަށް އުނދަގޫ ދަތިގޮތަކަށް ނޭވާއެއްލުމަށް ފަހު މުސާފުޅު ހީވީ ރީތިކޮށް ހީނލިހެންނެވެ. އޭނާ މި ދުނިޔެ ދޫކޮށްފި އެވެ. ހުރިހާ ކުދިން އެއްފަހަރާ ރޮއިގަތެވެ.         
   
     ކުއްލި މަރެކެވެ. މިހެންވެދާނެއެކޭ މުޙައްމަދުގެ ހިތަކަށް އެއްގޮތަކަށް ވެސް ނުވަދެ އެވެ. މުޙައްމަދު އިނީ ގަބުވެފަ އެވެ.                                        
މަލަސް 66
    4. ވާހަކަ ލިޔުން. މިސާލު: ދޮންމޮހޮނާއި މިޔަރު
 

ލިބިލައްވާފައިވާ ކާމިޔާބީތައް:


    1. ދިވެހި ބަހަށް ޚިދުމަތްކުރުމުގެ ރޮނގުން ޢާންމު ހިތްވަރު ދިނުމުގެ އިނާމު   1980، 1983 ވަނަ އަހަރު.

    2. ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ އިނާމު 1992 ވަނަ އަހަރު.

    3. ދިވެހި ބަހަށް ޚިދުމަތް ކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1998 ވަނަ އަހަރު.

    4. މިނިވަންކަމަށް ފަންސަވީސް އަހަރުފުރުމާ ގުޅިގެން ދެއްވި ޢާންމު ޚިދުމަތުގެ އިނާމު.

    5. ނޫސްވެރިކަމުގެ ރޮނގުން ރަންގަލަން.


ދެނެލައްވާ ބަސްތައް:


    1. އިނގިރޭސި ބަސް

    2. ޢަރަބި ބަސް

    3. ސިންހަޅަ ބަސް

    4. އުރުދޫ ބަސް


އެންމެ...


    މީރު ކާނާ: ހަކުރުލީ ކަނަމަދާއި ކަނަމަދު

    އުފާވެވަޑައިގަންނަވަނީ: ދަރިވަރުން މޮޅުވެގެން ސުކޫލުން ނުކުންތަން ފެނުނީމަ

    ހިތްދަތިވި ހާދިސާ: "ކުށްވެރިވެ ވަޑައިގަތުން"

    ލޯބިކުރައްވާ ކުޅިވަރު: ޓީ ޓީ


މަތިމަތިން


ފޮތުގެ ނަން: ދޮންމޮހޮނާއި މިޔަރު

ފޮތް ޗާޕުކުރެވިފައިވާ ތާރީޚް: 2001 ވަނަ އަހަރު

ފޮތް ޗާޕުކުރި ފަރާތް: ނޮވެލްޓީ ޕްރެސް

ފޮތުގެ އަޞްލު:
   
ފޮތުގެ ލިޔުންތެރިޔާ މި ގޮތް ލިޔުއްވާފައިވަނީ މާކެޔޮޅު ކަމު ރައިވަރު އަޞްލަކަށް ބަލައިގެންނެވެ. މި ރައިވަރު ލިޔުންތެރިޔާއަށް އެންމެ ފުރަތަމަ ކިޔާދިނީ ހިމަހަނޑޫ އަޙުމަދުފުޅެވެ. މީނާއަކީ މި ރައިވަރު މުޅި ރާއްޖެއިން ވެސް ކިޔާ މީހާ އެވެ. މި ރައިވަރު ވާހަކައެއްގެ ސިފައިގައި ލިޔާން އަދި އެއްފަހަރު ރައިވަރު ކިޔުމަށް ލިޔުންތެރިޔާ އެދުމުން ރައިވަރުކިޔާމީހާ ދެކޮޅުހެދި އެވެ.
   
މިހާރު މި ފޮތުގައިވާ ވާހަކަ ލިޔުންތެރިޔާ ލިޔުއްވީ ކ. މާފުށީގައި ހުންނަ ދޮން މުޙައްމަދު (މުލީ) ގެ ޢިބާރާތް މައިގަނޑަކަށް ބަލައިގެނެވެ. މި ވާހަކައިގެ ނައިފަރު މޫސާ ޙަސަންގެ ބައެއް ޢިބާރާތް ވެސް ހުންނާނެކަމަށް ލިޔުންތެރިޔާ އިއުތިރާފްވެވަޑައިގަންނަވަ އެވެ. މި ހާދިސާތައް ތަފުޞީލުކޮށް ލިޔުންތެރިޔާ ފޮތުގެ ފެށުމުގައި ހިމަނުއްވާފައިވެއެވެ.
ފޮތުގެ ކުރު ޚުލާޞާ:
   
ދޮންހަސަނަކީ ކާށިދޫ މީހެކެވެ. އޭނާ ކުރާ މަސައްކަތަކީ ވިޔަފާރިކަމުގައި ދުއްވުމެވެ. އެއްފަހަރަކު އޭނާ ފާދިއްޕޮޅަށް ކުރި ދަތުރެއްގައި އެ ރަށު ކަތީބުގެ ކަތްދާފުޅާ ހިތާވެ ކައިވެނިކުރި އެވެ. މި ކައިވެނިން އޭނާއަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އޭނާއަށްކީ އަޙުމަދެވެ. ނަމަވެސް އެންމެން މީނާއަށް ކިޔަނީ ބެއްޔާ އެވެ.
   
ކައިވެންޏަށްފަހު ޙަސަނު ދިރިއުޅުނީ ފާދިއްޕޮޅުގައި ވިޔަފާރިކުރާށެވެ. ނަމަވެސް މަސްވެރިކަން ދަތިވެ ހަސަނުގެ ވިފާރި ބަނގުރޫޓު ވެއްޖެ އެވެ. އެންމެ ފަހުން އޭނާގެ އަންހެނުން ވަރިކޮށް ރަށަށް އެނބުރި އަތުވެއްޖެ އެވެ. ރަށަށް އައިތާ މާގިނަ ދުވަސް ނުވަނީސް އެ ރަށު ކަތީބާ ތިމާގެ ކުއްޖެއްކަމަށްވާ ހައްވާފުޅާ ކައިވެނި ކޮށްފި އެވެ. އެ ކައިވެނިން އޭނާއަށް ލިބުނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެއީ އާމިނާފުޅާއި ދޮންމޮހޮނެވެ.
   
ރަށުގައި ހަސަނުގެ މަސައްކަތަކީ ރުއް އެރުމެވެ. މިހެން ރުއް އެރުމުގެ މަސައްކަތުގައި ރުއްފަލުން، އަތިރިމަތިން، ގޮނޑުރާޅުފަށުން، ހޭދަކުރި ދުވަސްތަކުގެ ތެރޭގައި އެއް ދުވަހަކު  ކުޑަ ބޯވައަކާއި މިޔަރަކާ ބައްދަލުވި އެވެ. އަދި އެ ދޭއްޗަށް ކާންދޭން ފެށި އެވެ. އެދޭތި ބޮޑުވަމުން އާދެ އެވެ. އެގޮތުން އެއްދުވަހަކު ހަސަނު އެދޭއްޗަށް ކާންދޭންވެގެން ކަނދުފައްޗެއްގައި އުޅެނިކޮށް މިޔަރު ކަނދުފަތީގައި ހިފައިފި އެވެ. އެކަމާ ހަސަނު ނުރުހިގެން އެދޭއްޗަށް ކާންދިނުން މުޅިން ހުއްޓާލައިފި އެވެ.
   
އޭނާ އެއްދުވަހަކު ރުއްއަރާން އުޅެނިކޮށް ބަލިވެއްޖެ އެވެ. މިއީ އޭނާގެ މަރުބަލިކަން އެންގުމުން އޭނާގެ ފިރިހެން ދަރިންނަށް ވަޞިއްޔަތް ކުރި އެވެ. އޭނާގެ ވަޞިއްޔަތަކީ އޭނާގެ މުސްކުޅި އަނބިމީހާ ހައްވާފުޅު ބިކަ ނުކުރުމެވެ. އަދި އޭނާގެ އަންހެން ދަރިފުޅު، އާމިނާފުޅު ބެލުމެވެ. ރައިވެރިކަން ކުރުމެވެ. އަދި އޭނާ ގެންގުޅުނު މިޔަރު ބޭނުމެވެ. ބެއްޔާ މި ވަޞިއްޔަތަށް މާބޮޑު ފަރުވާލެއް ނުބެހެއްޓި އެވެ. ނަމަވެސް ދޮންމޮހޮނު މި ވަޞިއްޔަތު ފުރިހަމަ ކުރުމަށް ފޫގެޅިއެވެ. މޮހޮނުގެ ބައްޕަ މަރުވިތާ މާގިން ދުވަހެއް ނުވަނީސް އޭނާގެ މަންމަ ހައްވާފުޅު ވެސް މަރުވެއްޖެއެވެ.
   
ބައްޕަ މަރުވުމުން ތިންބެއިންގެ މެދުގައި މުދާ ބަހައި ނިންމައިފި އެވެ. ބައްޕަ މަރުވެގެން ދިޔުމުން މޮހޮނު ފެއްޓީ ރާވެރިކަން ކުރާށެވެ. ނަމަވެސް ރުއްތަކުން ރާލިބޭ ގޮތް ނުވުމުން ރާވެރިކަމަށް އޭނާ ކިޔެވި އެވެ. ރާވެރިކަމަށް ކިޔެވުމުން ރުއްތަކުން ރާ ލިބޭގޮތް ވެއްޖެ އެވެ. އެގޮތުން މޮހޮނު ގެންނަހާ ރާއެއް ހަކުރަށް ހަދަނީ އެނާގެ ދައްތަ އާމިނާފުޅެވެ. ނަމަވެސް އާމިނާފުޅަށް މޮހޮނު ގެންނަހާ ރާ ހަކުރަށް ނުހެދޭތީ އޭނާއަށް އެހީވާން އިތުރު ސާޅީސް އަންހެން ކުދިން މޮހޮނު ހޯދި އެވެ. ނަމަވެސް މި ކުދިންނަކަށް ވެސް މާގިނަ ދުވަހަކު ހިފަހައްޓައެއް ނުލެވުނެވެ. އަދި ވަރުބަލިވެގެން ފިލައިފި އެވެ. އަނެއްކާ ވެސް ރާ ހަކުރަށް ހަދަން ޖެހުނީ އާމިނާފުޅަށެވެ. އާމިނާފުޅަށް ބުރަވާތީ މޮހޮނު އަރާ ރުކުގެ ޢަދަދު މަދުކޮށްލި އެވެ.
   
އެއްދުވަހަކު ރުއްއަރާން އޮއްވާ އޭނާއަށް އޭނާގެ ބައްޕަ ބޮޑުކުރި ބޯވަ ފެނިއްޖެ އެވެ. ވަގުތުން ރާ އެރުން ހުއްޓާލި އެވެ. އަދި މާ ކެޔޮޅުކަން ކުރާން ޤަޞްދުކޮށްފި އެވެ. އޭނާ މި ކަން ކުރާން އުޅުނީ އެނާގެ ބޭބެ ބެއްޔާއާއެކުގަ އެވެ. ނަމަވެސް ބެއްޔާގެ އަންހެނުން ދަލޭކާފުޅު މޮހޮނާ ހިތާވެގެން އުޅޭތީ އެ ގެއެކަށް ދާކަށް ނުކެރުނެވެ. އަދި ބެއްޔާ އެއްދުވަހަކު މަހަށް ދިޔުމުން އެ ތަނުން އޭނައާ ބައްދަލުކޮށް އެ ވާހަކަ ބުންޏެވެ. ބެއްޔާ އެކަމާ ރުހުނީ އޭނާ އެއީ، މާކެޔޮޅަށް ހަދާގޮތުގެ މަތީންނެވެ.
   
މޮހޮނު ދެން އުޅުނީ މާކެޔޮޅުކަމު ދާނޭ ދޯންޏެއް ހޯދާށެވެ. އޭނާ ގޮސް ކަތީބު ގާތުގައި  ދޯންޏަކަށް އެދުމުން ކުރީ ޖެއްސުމެވެ. އެންމެ ފަހުން ދޯންޏެއް ހޯދީ މިރިހި ވަލުންނެވެ. އެ ދޯންޏަކީ ހަސަނު ބަނދެފައިވާ ދޯންޏެކެވެ. އެ ދޯނި އޮތީ ވަޅެއްގައެވެ. އެވަޅުން ދޯނި ނަގައި ދޯނި ކަނޑަށް ބޭލީ މޮހޮނު އެކަންޏެވެ. އެއިން އެއްކަމެއްގައި ވެސް ބެއްޔާ މާގަޔާވެގެންނެއް ނޫޅެ އެވެ.
   
ދެން އެއްރޭ ދަންވަރު ގަޑީގައި މާކެޔޮޅުކަމު މީގެ ދެބެއިން ފުރައިފި އެވެ. އެންމެ ފުރަތަމަ ދިޔައީ ބޯވާގެ ވަންޏަށެވެ. އެ ވަނި  އޮތް ތަން އެނގެނީ ހަމައެކަނި ބެއްޔާއަށެވެ. ނަމަވެސް ބެއްޔާ، އެ ތަން  ބުނީ ފިސާރި ޖެއްސުން ފަށެއް ކުރުމަށް ފަހުގަ އެވެ. ބޯވާ ބާނައި ބޯވާ އޮޑިއަށް ނެގީވެސް މޮހޮނު އެކަންޏެވެ.
   
ބޯވާ ބޭނުމަށްފަހު އެ ދެބެއިން މިސްރާބު ޖެހީ މިޔަރު ވަންޏަށެވެ. މިޔަރު ވަންޏާ ދިމާއަށް ދިޔައީ ފަލި ޖަހައިފަ އެވެ. ފަލި ޖެހީ މޮހޮނެވެ. މޮހޮނު ވަރުބަލިވެފައި ހުރިވަރުން ފަލި ޖެހެނީ ވަރަށް ލަސްކޮށެވެ. ބެއްޔާ، މޮހޮނު އެއަށް ވުރެއް ބާރަށް ހިނގައްޖެ ނަމަ އެނާގެ ހުރިހާ މުދަލަކާއި އަނބިމީހާ ވެސް މޮހޮނަށް ހިބައިން ދޭނަމޭ ބުންޏެވެ. މިހެން ހަމަބުނުމާއެކު މޮހޮނުގެ ފަލި ޖެހުން އަވަސް ވެއްޖެ އެވެ. އަދި މާ ގިނަ އިރުތަކެއް ނުވަނީސް މިޔަރު ވަންޏަށް ދެވިއްޖެ އެވެ.
   
މިޔަރު ތިލަނުވެގެން ހަތްދުވަހު އުޅެން ޖެހުނެވެ. މިޔަރު ބާނާން އެމެއްގެ ގޮތުގައި ބޭނުންކުރީ ބޯވައިގެ މަހެވެ. މިޔަރު ބުޅީގައި ގަތެވެ. އަދި ދޯންޏައިގެން މުޅި ދުނިޔެ ކުޑަކުރި އެވެ. އެންމެ ފަހުން ވަންޏަށް އެންބުރި އައުމުން މޮހޮމު އެކަނި މިޔަރު ބޭނި އެވެ.
   
މިޔަރު ބޭނުމަށްފަހު މިސްރާބުޖެހީ ރަށާ ދިމާޔަށެވެ. ނަމަވެސް ގޮނޑުދޮށަށް ރައްޔިތުންގެ އެންމެން ޖަމާވެފައި ވުމާއެކު އޭގެ ދެބެން ދިޔައީ ކެލާ ތުނޑިއަށެވެ. ކެލައަށް އެރުމަށްފަހު މިޔަރު ފެޅުމުގެ ހުއްދައަށް އެދެންވެގެން މޮހޮނު ކަތީބު ގާތަށް ދާންވެގެން ހިގައިގެންފާ، ބެއްޔާ އޮޑީގައި ކުރަނީ ކީއްތޯ ބަލަންވެގެން މަޑުކޮށްލި އެވެ. ބެއްޔާ ކުރި ކަމަކީ މިޔަރު ބަނޑުގައި ހުރި ބައެއް ޚަޒާނާތައް ވަގަށް ނެގީ އެވެ. މިކަމާ މޮހޮނު ވަރަށް ހިތާމަ ކުރި އެވެ.
   
ކަތީބު ގާތަށް ގޮސް މިޔަރު ފެޅުމުގެ ހުއްދަ ހޯދައިގެން މޮހޮނު ދިޔައީ ވަޅި ތޫނުކުރާށެވެ. އޮޑި ހަރުގެއަކުން އެ ކަން ކުރުމަށްފަހު އެނާ ގޮސް މިޔަރު ފަޅާލި އެވެ. މިޔަރުގެ ކިބައިން ވަރަށް ޚަޒާނާ ލިބުނެވެ. އޭގެތެރެގައި ރަނާއި ތެޔޮ ހިމެނެ އެވެ. މިކަން ކުރުމަށްފަހު ކެލައިން ކާށިދު އަށް ދާން ފުރައިފި އެވެ. އަދި ކާށިދުއަށް ގޮސް އޮޑި ހުސްކޮށްލި އެވެ.
   

ލިބުނު މުދާތައް ބަހާން ޖެހުމުން ބެއްޔާ އެއިން އެކަތި ކޮޅުވެސް އާމިނާފުޅަށް ދޭން ދެކޮޅު ހެދި އެވެ. އެކަމާ މޮހޮނު ރުޅިއައިސްގެން ބެއްޔާއަށް އެކަތި ކޮޅުވެސް ނުދިނެވެ. މިކަމާ ބެއްޔާ މާލެ އައިސް ރަދުންނަށް މި މައްސަލަ ހުށަހެޅި އެވެ. އަދި މޮހޮނު މާލެގެނެވުނެވެ. އެންމެ ފަހުން ފަނޑިޔާރު ނިންމީ މާކެޔޮޅުކަން ކޮށްގެން ލިބުނު ހުރިހާ އެއްޗެއް މޮހޮނަށް ލިބޭ ގޮތަށެވެ. އަދި ބެއްޔާގެ އަންހެނުންވެސް މޮހޮނަށް ލިބުނެވެ. އަދި ބެއްޔާ ދޮގު ހެދީތީ އަރުވާލެވުނެވެ. މޮހޮނުގެ އެދުމަށް ބެއްޔާ އަރުވާލެވުނީ ކާށިދު އަށެވެ.
..............
ފޮތުގެ ޞަފުޙާގެ ޢަދަދު: 88 ޞަފުޙާ


ނިންމުން:

    ނިންމުމުގައި ލިޔުންތެރިޔާ ގެނެސްދީފައިވަނީ މި ވާހަކައާ ހަޤިޤަތާ ގުޅުމެއް ވޭތޯ ބެލުމަށް ކޮށްފައިވާ ބަހުސެއްގެ ވަރަށް ކުރު ޚުލާޞާއެކެވެ. އަދި ލިޔުންތެރިޔާގެ އެހެން ފޮތަކަށް ވެސް އިޝާރާތް ކުރައްވައިފައިވެ އެވެ. އަދި މި ފޮތުގެ އަޞްލު ހޯދަން އުޅެން ޖެހުނު ގޮތަށް ފާޑު ވިދާޅުވެފައިވެ އެވެ. އަދި މި ފޮތް ފުރިހަމަ ކުރުމަށް އެހީތެރިވި އެންމެހާ ފަރާތްތަކަށް، ޝުކުރު އަދާކޮށްފައިވެ އެވެ.


ފާޑުކިޔުން


ފާހަގަކޮށްލެވޭ ބައެއް ރަނގަޅު ސިފަތައް:

1. ޝަޚްޞިއްޔަތުތަކާމެދު ވަރަށް މަދު ފަހަރަކު މެނުވީ ގޮތެއް ކަނޑައަޅުއްވާފައި ނުވާކަން:

މި ވާހަކައިގެ މައިގަނޑު ބަޠަލަކީ މޮހޮނެވެ. ވާހަކަ ކިޔާ ނިމޭއިރު ކީ މީހާއަށް، މޮހޮނޮކީ ތެދުވެރި، ވަފާތެރި، އެހެން މީހުންނަށް އިޙްތިރާމްކުރާ، އަދި ޢާއިލާގެ އެހެން މީހުންނާމެދު ވިސްނާ، އެމީހުންދެކެ ލޯބިވާ މީހެއްކަން އެނގެ އެވެ. ނަމަވެސް މިއިން އެއްވެސް ސިފައެއް ލިޔުންތެރިޔާ ފޮތުގައި ސިފަ ކުރައްވާފައެއް ނުވެ އެވެ. ލިޔުންތެރިޔާ މި ހުރިހާ ވާހަކައެއް ބުނުއްވީ ދޮންމޮހޮނު ލައްވަ އެވެ. އޭނާގެ ވާހަކައިންނާއި އޭނާގެ ހަރަކާތްތަކުންނެވެ.

އެ ގޮތުން ތެދުވެރިކަމަށް ބަލާއިރު އޭނާގެ ބައްޕަ ކޮށްފައިވާ ހުރިހާ ވަޞިއްޔަތެއް ފުރިހަމަ ކޮށްފައިވެ އެވެ. އޭނާ ރާވެރިކަން ކުރިއެވެ. އޭނާގެ ދައްތަ އާމިނާފުޅު ބެލި އެވެ. އަދި އެންމެ ފަހުން އެ މިޔަރު ވެސް ބޭނި އެވެ. ވަފާތެރިކަމަށް ބަލާއިރު މޮހޮނުވަނީ އޭނާގެ ބޭބެއަށް، ބޭބެގެ އަންހެނުންނާމެދު ވަފާތެރިވެފަ އެވެ. ބޭބެގެ އަންހެނުން އޭނާގެ ކުރިމައްޗަށް ހުށަހޮޅިގަތީމާ ވެސް އިންކާރުކުރި އެވެ. (ޞަފުޙާ 34 ، 36) އެހެން މީހުންނަށް އިޙްތިރާމް ކުރުމުގެ މިސާލަކަށް ބަލާއިރު، ރާވެރިކަމަށް ކިޔެވި ރޭ ރަސްގެފާނާ ވާހަކަ ދެއްކި ގޮތް ( ޞަފުޙާ 28 ) މިކަމަށް ހެކިދެ އެވެ. އަދި ކެލަޔަށް ގޮސް މިޔަރު ފަޅަން ކަތީބުގެ ކިބައިން އެދުނު ގޮތާއި (ޞަފުޙާ 80) ކަތީބު ތެލަށް އެދުމުން ތެޔޮދިނުން (ޞަފުޙާ 82) ވެސް މި ކަމަށް ދަލީލު ކުރެ އެވެ. ޢާއިލާއާމެދު ވިސްނާމީހެއްކަން އެންމެ ބޮޑަށް ފާހަގަވަނީ ވާހަކައިގެ އެންމެ ފަހު ފޮޅުވަތްތަކުންނެވެ. ބެއްޔާއާމެދު އަދި އާމިނާފުޅާމެދު ބަހައްޓާފައިވާ ގާތްކަމުގެ ވާހަކަ އެކި ހިސާބުގައި އެބަ ހުއްޓެވެ.
 
ހަމަ އެ ފަދައިން ބެއްޔާއާ މެދު ވިސްނާލާއިރު ވެސް ބެއްޔާއަކީ ކަންފަސޭހަ، ރުންކުރު، ގާތްތިމާގެ ގުޅުން ނުދަންނަ އަދި ދަހި މީހެއްކަމަށް ލިޔުންތެރިޔާ ކަނޑައަޅުއްވާފައެއް ނުވެ އެވެ. ނަމަވެސް ވާހަކަ ކިޔާ ނިމޭއިރު މީ ހައްތަހާ ވެސް އޭނާގެ ކިބައިގައި ހުރި ޞިފަތަކެއްކަން އެނގެ އެވެ. ކަންފަސޭހަ ކަމަށް ބަލާއިރު، އޭނާ އެއްވެސް މަސައްކަތެއް ނުކުރާންވެގެން ހަދާފައިވާ ހިންތައާއި، ދައްކާފައިވާ  ބަހަނާތައް ފުދެ އެވެ. މުޅި ވާހަކަ ނިމޭއިރު ވެސް އޭނާގެ ކޮނޑު ހުޅުގެ ރިހުމާއި ތުންފަތުގައި ނަގާފައިވާ ދެ ލޮނު ބިހި ފަސޭހަވާތަނެއް ނަ އެވެ. ރުންކުރު މީހެއްކަން އެނގެނީ އޭނާގެ އަންހެނުން މޮހޮނަށް ދުފަން ލެވީމާ އެނާއަށް ހާނިއްކަ ކުރީމަ އެވެ. (ޞަފުޙާ 35) ގާތްތިމާގެ ގުޅުން ނުދަންނަ މީހެއްކަން އެނގެނީ އޭނާގެ އެއްބަފާ ދެ ކޮއްކޮ ބިކަ ކޮށްލެވެން ލިބޭ ކޮންމެ ފުރުޞަތެއްގައި ބިކަ ކޮށްލާތީ އެވެ. ދަހި މީހެއްކަން އެންގެނީ ކެލައަށް އައިސް މޮހޮނަށް ވަގަށް ހުރިހާ ކާއެތި ކޮޅެއް އުކާލީމައާއި މިޔަރުގެ ބަނޑުގައި ހުރި ޚަޒާނާތަކުން ވައްކަން ކުރުމުންނެވެ. (ޞަފުޙާ 79 ، 80)

އަޅުގަނޑަށް ފާހަގަކުރެވިގެން، ޝަޚްޞިއްޔަތަކާއި މެދު ގޮތެއް ކަނޑައަޅުއްވާފައިވަނީ ދެފަހަރަކުއެވެ. އެއީ ދޮންމޮހޮނުގެ ރީތިކަމާއި ޗާލޫކަމާ ބެހޭގޮތުންނާއި (ޞަފުޙާ 33) ދަލޭކާފުޅުގެ ރީތިކަމާ ބެހޭގޮތުންނެވެ. (ޞަފުޙާ 36) މިއީ ލިޔުންތެރިޔާ ޤަޞްދުގައި ކުރައްވައިފައިވާ ކަމެއްހެނެއް ހީއެއް ނުވެ އެވެ.

 
2. ބީރައްޓެހި ކަންކަމާ މެދު ދީފައިވާ ތަފުޞީލުތައް

އެގޮތުން އަޅުގަނޑަށް އެންމެ ފުރަތަމަ އަދި އެންމެ ބޮޑަށް ފާހަގަކުރެވުނީ މުދާބެހުމުގެ ކަންތަކުގައި ބޭނުންކޮށްފައިވާ އުޞޫލަތަކެވެ. މި އުޞޫލުތައް އިސްލާމްދީނުގައިވާ މީރާހުގެ އުޞޫލުތަކާ ތަޢާރުޟެއް ނުވެ އެވެ. މިއިން މި ރައިވަރު ހެދި މީހާ، ކީ މިހާ އަދި ލިޔުންތެރިޔާގެ ދީނީ ހޭލުންތެރިކަން ހުރި ހިސާބު އެންގި ގެންދެ އެވެ. އެ ގޮތުން އަނބިމީހާއަށް ލިބެންޖެހޭ އަށްބައިކުޅަ އެއްބަޔާއި ދަރިންނަށް ބާކީ ހުރި ބައި ދިނުން، މިއީ މީރާހުގެ އުޞޫލުތަކަށް ރިޢާޔަތްކޮށް ބަޔާންކޮށްފައިވާ މައްސަލައިގެ ޙައްލެވެ. (ޞަފުޙާ 25 ، 26)

އަދި ރާވެރިކަމާއި (ޞަފުޙާ 14 ، 26) ރާ ހަކުރަށް ހަދާނެ ގޮތާއި (ޞަފުޙާ 30) އޮޑި ބަންނާނެ ގޮތާއި (ޞަފުޙާ 15) މާކެޔޮޅުކަން ކުރާނެ ގޮތް (ޞަފުޙާ 63 - 76) ވަރަށް ތަފުޞީލުކޮށް ބަޔާން ކޮށްދެއްވާފައި އެބަ އޮތެވެ.


3. ސިފަކުރުންތަކާއި  ބަސްކޮށާރު

ލިޔުންތެރިޔާގެ ސިފަކުރެއްވުން ތަކުން އަޅުގަނޑު ފާހަގަ ކޮށްލާނީ ދެ ސިފަކުރުމެކެވެ. ފުރުތަމައީ މޮހޮނުގެ ރީތިކަމާއި ގަދަބަދަވިކަން ސިފަކޮށްެދެއްވުމަށް ވާހަކައިގެ އެކިއެކި ހިސާބުގައި ބޭނުން ކުރައްވާފައިވާ ސިފަކުރުންތަކެވެ. އަދި ބޭނުންކޮށްފައިވާ މުއްސަނދި ބަސް ކޮށާރެވެ. އެ ގޮތުން ޞަފުޙާ 33 ގައިވާ ސިފަކުރުން ފާހަގަކޮށްލަމެވެ. ހަމައެފަދައިން މިޔަރު ސިފަކޮށްދެއްވާފައިވާ ގޮތާއި ބޭނުން ކުރައްވާފައިވާ އެއްގޮތްކުރުން ފާހަގަ ކުރަން ޖެހެ އެވެ. (ޞަފުޙާ 69)

ބަސްކޮށާރަށް ނަޒަރު ހިންގާލާއިރު ތަފާތު އަޑުތަކާއި ހަރާކަތްތައް ސިފަކޮށްދެެއްވުމަށް ބޭނުން ކުރައްވާފައިވާ ބަސްކޮށާރު ވަރަށް ތަނަވަސްކަން ފާހަގަކުރެވެ އެވެ. އެ ގޮތުން 69 ވަނަ ޞަފުޙާގައި، މިޔަރު ދާއިރު ގޮވާ އަޑާއި އޭގެ ހަރަކާތްތައް ސިފަ ކޮށްދެއްވުމަށް ބޭނުން ކުރައްވާފައިވާ ބަސްތައް ވަކިން ފާހަގަކުރަމެވެ. މިސާލަކަށް: ބޫންއަޑު، ވާލިނަގޫ ހަލުވާލާފައި ފަހަތުން ކުރިޔަށް އެބައާދޭ.


4. ދިރާސާގެ ފުންކަން

ދިވެހިންގެ ކުރީގެ ދިރިއުޅުން ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ ވާކަން މި ވާހަކައިން އެނގެ އެވެ. އެ ގޮތުން މޮހޮނަށް ދަލޭކާފުޅު ބިލެތްގަނޑެއް ލެވީމާ ބެއްޔާ ރުޅި އައީ ކީއްވެގެންކަން އެނގޭނީ ދިވެހިންގެ ކުރީގެ ދިރިއުޅުން ދިރާސާކުރެވިފައި ހުރީމަ އެވެ. އަދި ހަމައެފަދައިން 36 ވަނަ ޞަފުޙާއާއި 40 ވަނަ ޞަފުޙާގައި ހިމަނުއްވާފައިވާ ދެ ނޯޓަކީ ދިރާސާއަށް ދަލީލުކުރާ ދެކަމެވެ.

އޭގެއިތުރުން މުޅި ފޮތް ބިނާވެފައި މި އޮތީ ދިވެހީންގެ ކުރީގެ ދިރިއުޅުމާ ގުޅިފައިވާ ކަންކަމުގެ މައްޗަށެވެ. މާ ކެޔޮޅުކަމާއި ފަންޑިތަވެރިކަމާއި ކަތީބަށް ދެންނެވުމާއި ރަދުންގެ އަރިހަށް ދިޔުމާ، މިހިރަ މިހިރަ ކަންކަމީ ދިވެހިންގެ ތާރީޚެވެ. މި ވާހަކަތައް ގެނެސް ދެއްވުމަށް ބޭނުންކޮށްފައިވާ ބަސްތަކުގެ ސަބަބުން ބަސްކޮށާރު އިތުރަށް މުއްސަނދިވެގެންދެ އެވެ.


ފާހަގަކޮށްލެވޭ ބައެއް ނުރަނގަޅު ސިފަތައް:

ވާހަކައިގެ އޮނިގަނޑު އެކަށައެޅުމުގައި ހުރި ކުދިކުދި  ވިދުތަކާއި ޓައިޕްކުރުމުގެ އަތުކުށްތައް  ފިޔަވާ އެހެން ހުރިހާ ނުރަނަގަޅު ޞިފަތަކަކީ ޒަމާނަކީ މިޒަމާން ކަމުގައިވާތީ ކުރިމަތިވާ މައްސަލަތަކެވެ. އެގޮތުން އަޅުގަނޑަށް ފާހަގަކޮށްލެވޭ ދެމައްސަލައެއް ކުރުކޮށް ހިމަނާލާނަމެވެ.


1. ބައެއް ބަސްތަކުގެ "އަބުއިކަން"

އޭރުގައި  ހުތުރުނޫން، ނަމަވެސް އަދު ބާޒާރު ބަހަރުވަޔަށް ވެފައިވާ ދެ ލަފުޒެއް އަޅުގަނޑަށް ފާހަގަކުރެވުނެވެ. އެއީ ޞަފުޙާ 14 ގައިވާ ލަފުޒަކާއި ޞަފުހާ 31 ގައިވާ ލަފުޒެކެވެ. އޭގެތެރެން ޞަފުޙާ 14 ގައިވާ ލަފުޒު ތަކުރާރު ކުރެވިފައި ވާކަން ފާހަގަކުރެވެ އެވެ. އަދި މި ލަފުޒު ދެ ފަހަރު ވެސް ބޭނުންކުރެވުނީ މިހާރު ބޭނުންކުރެވޭ ފަދައިން އިންސާނަކަށް އިޝާރާތްކުރާކަށް ނޫނެވެ. ނަމަވެސް މިޔަރަށް އިޝާރާތް ކުރާށެވެ. އަދި ޞަފުޙާ 31 ގައިވާ ލަފުޒު ބޭނުންކުރެވިފައިވަނީ ނޫކަށިފުރައިގެ ސާޅީސް އަންހެން ކުދިންގެ ކުރިމަތީގަ އެވެ. އެހެންވެ މިއީ އެއިރު އެހާ ލަދު ބަހެއް ނޫންކަން އެނގެ އެވެ.

ހަމަ އެ ފަދައިން ތަފާތު ތަކެއްޗަށާއި ކަންކަމަށް ބޭނުން ކުރައްވާފައިވާ ބަސްބަހަކީ އަދު ޒުވާނަކަށް ތިލަކޮށްލެވޭވަރަށްވުރެންް މާފުން ބަސްތަކެކެވެ. ބައެއް ފަހަރު މުޅި ޕެރެގުރާފުގައި ބުނަނީ ކީކޭކަން ނޭނގި އުޅެނިކޮށް ޕެރެގުރާފު ނިމިގެން ހިނގައިދެ އެވެ. އެ ގޮތުން ޞަފުޙާ 15 ގެ އެންމެ ފަހު ޕެރެގުރާފު ފާހަގަކޮށްލަން ޖެހެ އެވެ. މި ވާހަކަ ދޭހަކޮށްގަތުމަށް އެހީއެއްގެ ގޮތުން ހިމަނާފައިވާ ބަސްތަކުގެ މާނަތަކަކީ މާބޮޑު އެހީއެއްގެ ގޮތުގައި ފާހަގައެއް ނުކުރެވެއެވެ. (ޞަފުޙާ 93 - 100)


2. ފޮތުގެ ކުރުކަން

ދިވެހި އަދަބިއްޔާތުގައި ހިމެނެނީ  މައިގަނޑު ދެ ވައްތަރެއްގެ ވާހަކަ އެވެ. އެއީ ކުރު ވާހަކައާއި ދިގު ވާހަކަ އެވެ. މިއީ ދިގު ވާހަކައެކެވެ. މި ވާހަކައަކީ، ތަންކޮޅެއް ހަރު އުމުރުފުރާގެ މީހުނަށް މާބޮޑު ކިޔައިދިނުންތަކަކާއި ނުލާ ދޭހަކޮށްގަނެވި ދާނެ ވާހަކަ އެކެވެ. ނަމަވެސް މި ވާހަކަތަކާއި ތަންކޮޅެއް ބީރައްޓެހި މުޖުތަމަޢަކަށް މި ވާހަކަ ކުރެވެ. ހިމެނެން ޖެހޭ ތަފުޞީލުތައް މަދުވެފައި ކިޔައިދިނުން ކުޑަ އެވެ.

                                          (ނިމުނީ)



ނޯޓު:

މިއީ އަޅުގަނޑު (އާދަމް ނަޞީރު އިބްރާހީމް) ކުއްލިއްޔާގެ ޘާނަވީ ދަރިވަރުންނަށް ދިވެހި ބަސް ކިޔަވައިދެމުން ދިޔަ ދުވަސްވަރު، (2007ވަނަ އަހަރު) އެ އަހަރު ޝަހާދާ ޘާނަވީގައި ކިޔަވަމުން ދިޔަ ދަރިވަރުންނާ ހަވާލު ކުރި މަސައްކަތެކެވެ. އެ މަސައްކަތުގައި އޮތީ މައިގަނޑު ދެބަ އެކެވެ. އެއް ބަޔަކީ، ފޮތެއްގެ ދިރާސާ ލިޔުމަކުން ހުށަހެޅުމުގެ ބައެވެ. އަނެއް ބަޔަކީ ޕަވަރ ޕޮއިންޓު ޕްރެޒެންޓޭޝަނެއްގެ ގޮތުގައި އެ ދިރާސާ ހުށަހެޅުމުގެ ބައެވެ.  ތިޔަ ބޭފުޅުން ތިޔަ ވިދާޅުވި ދިރާސާ އެ ގޮތުގައި އެކުލަވައިލި، އަޙްމަދު އަޖުމަލް ޙާމިދުގެ ޢުމުރުން އޭރު އެންމެ 16 އަހަރެވެ. އޭނާގެ މަސައްކަތުގެ ފަރުވާތެރިކަމާއި،  ''ޢުމުރަށްވުރެ މޮޅުކަން'' ފާހަގަ ކުރެވިފައި ވަރަށް އުފާވެ އެވެ. ހިތުގެ އެންމެ ފުންމިނުން ސާބަސް ދެވެ އެވެ.  ހިތަށް އަރަ އެވެ. މި ޒަމާނުގެ ކުދިން، ނުވަތަ ޒުވާނުން ދިވެހި ބަހަށް ޝައުޤު ނުހުންނަ ވާހަކަ، ލިޔުމެއް ޚުލާޞާކޮށްލައި ޢިބާރާތް ކޮށްލަން ނޭނގޭ ވާހަކަ އެބަ ދެކެވެ އެވެ. ޝައުޤު ނުހުންނަނީ ކީއްވެބާ އެވެ؟ ކުޅަދާނަކަން ނު ހުންނީ ކީވެބާ އެވެ؟ މި ސުވާލުގެ ޖަވާބު މި އަދު ބޭނުމީ ތިޔަ ބޭފުޅުންގެ ފަރާތްޕުޅުންނެވެ. ސަބަބަކީ، އަޅުގަނޑު މި ހާރު ވަޒީފާ އަދާ ކުރާ ކުއްލިއްޔާގައި، އަޅުގަނޑު ދިވެހި ބަސް ކިޔަވައިދިން ދަރިވަރުން، (ޔުނީފޯމުގައިގައި ކިޔެވި ދަރިވަރުން) މި ހާރު އެ ހިޔާވަހިކަމުން ބޭރު، އެހެންތަނެއްގައި ވާތީ އެވެ.  ޒަމާން އެ ކުދިންގެ ނަސީބު އެކުދިންނާ ކުރިމަތި ކުރި ގޮތްތާ އެވެ!!!

                                                      
                                                        އާދަމް ނަޞީރު އިބްރާހީމް
                                                                            
                                                            މުޙައްރިރު
                                                            (ފަންވަތް)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ