އަދުގެ ޚާއްސަ

Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (4)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


17 މޭ (ހޯމަ) އާ ގުޅޭ...

ބިންމާ އިބްރާހީމް ވަޙީދު

ފަހަރެއްގައި ހިތަށްއަރާފާނެ އެވެ. އެއްގޮތަށް ވިސްނާވިސްނާ ނުވަތަ އުޅެއުޅެ، ތިމާގެ ސިކުނޑި މިހާރު ހުންނާނީ ހޭނިފަ އެވެ. ބަދަލެއް ގެންނަން ދެން ވަރަށް އުނދަގޫވާނެ އެވެ. ސިކުނޑީގެ ބަގީޗާގައި އުތުރިއަރަމުންދާ ފިކުރުތަކަށް ފޯރުވޭނެ މާބޮޑު ބާރެއް ތިމާގެ މިހާރަކު ނެތެވެ. އެހެންނަމަވެސް، އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ސިކުނޑި އަކީ، ކުޅަދާނަ ވަޒީރެކެވެ. ފީކަޅާ ރަސްކަލެކެވެ. ކަންކަމާ މެދުގައި، މާޔޫސްކޮށް ދުށުމަށް ތިމާ އާދަވެފައިވާ ނަމަ، އޭގެ މާނަ އަކީ، ބުއްދިއާ މެދުގައި ތިމާ ފަރުވާކުޑަކޮށްފައިވާ ކަމެވެ.

ރަނގަޅު މިސްރާބާ ދިމާޔަށް ސިކުނޑި ހޭނުމަށް ތިމާ ވަގުތު ހޯދައިފައިނުވާ ކަމެވެ. ތިމާ ނިންމާ ކޮންމެ ނިންމުމަކަށް ތިމާ ޒިންމާވާންޖެހޭނެކަން ގަބޫލުކުރާ މީހުން، ކަމެއް ނިންމުމުގެ ކުރިން، ދެ ފަހަރަށް ވިސްނާނެ އެވެ. ތިމާއާ ދިމާޔަށް މީހަކު އެއްލާ ބޯޅައެއް ހިފަން ތިމާ އަތް ދިއް ނުކޮށްފި ނަމަ، އެ ބޯޅަ ހިފުމަކީ ވާނެކަމެއް ނޫނެވެ. ހަމަ އެފަދައިން، ސިކުނޑި އަކީ ވެސް، ހަށިގަނޑުގައިވާ އެހެން ވެސް ގުނަވަން ފަދަ ގުނަވަނެކެވެ. ބޭނުންކުރަންޖެހޭ ދަނޑިވަޅުގައި ބޭނުން ނުކޮށްފި ނަމަ، އެންމެ ހިތްހަމަޖެހޭ ނަތީޖާއެއް ތިމާ އަށް ނުނެރެވިދާނެ އެވެ.  
   
ކަސްރަތު ކުރަނީ ކީއްކުރަން ހެއްޔެވެ؟ ގައިގައި ވަރުޖައްސާށެވެ. ހަކަތަ އިތުރުކުރާށެވެ. ބަލިތަކުން ސަލާމަތްވާށެވެ. ފައިގައި ބޮޑަށް ވަރުޖައްސަން ބޭނުން ނަމަ، ފައިގެ މަސްތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ވަކި ކަހަލަ ކަސްރަތުތަކެއް ކުރަންނުޖެހޭ ހެއްޔެވެ؟ ހަމަ އެ ފަދައިން، ސިކުނޑި އަށް ދޭންވާ ފުރިހަމަ ސަމާލުކަން ތިމާ ދީފި ނަމަ، އަންތަރީސްވާހާ ފުރިހަމަ ނަތީޖާތައް ސިކުނޑި ނެރޭނެ އެވެ. ތިމާގެ ހިތްހަމަޖައްސައިދިނުމަށް ބޭނުންވާނެ ހުރިހާ ކާނާއެއް، ދުނިޔޭގައި އަތްފުނާއަޅައިގެން ސިކުނޑި ހޯދައިދޭނެ އެވެ. ތިމާ ދާން ބޭނުންވާ ހުރިހާ މަންޒިލްތަކަށް ދަތުރުކުރެވޭނެ ސާފު އަދި އަލި މަގުތައް ކޮށައިދިނުމަށްޓަކައި، ސިކުނޑި އަތުކުރިއޮޅާލާނެ އެވެ.
   
ކަމެއް ކުރުމަށް ބޭނުންވާ ފައިސާ ހުއްޓަސް، އެ ކަން ކުރާނެ މޮޅު ބުއްދިއެއް ނުލިބިއްޖެއްޔާ، ފައިސާއިން ކުރާނެ ފައިދާއެއް ނެތެވެ. އެއްޗެއް ހެދުމަށްޓަކައި ބޭނުންވާ ދެ އަތް ތިމާ އަށް ލިބިފައި ވިޔަސް، ކަން ކުރަންވީގޮތުގެ މޮޅު ޚިޔާލެއް ނުލިބޭހާ ހިނދަކު، އެ ކަމެއް ނުފެށޭނެ އެވެ. ފެށުނަސް، ރަނގަޅަށް ނިންމައެއް ވެސް ނުލެވޭނެ އެވެ. މިސާލަކަށް، ކުރުނބާހަދާ މީހަކަށް ވިސްނާލާށެވެ. ކުރުނބާގެ ކޮންމެ ފިހިގަނޑެއް ވަޅިން ވަކިކޮށްލުމުގެ ކުރިން، އެ ކަން ކުރެވޭނެ އެންމެ ފުރިހަމަ އަދި އަވަސް ގޮތް، އޭނަގެ ސިކުނޑީގައި ރާވާލާނެ އެވެ. އެ ކަން ސިކުނޑީގައި ހިނގާނީ، ކަމެއް ހިނގާކަން އޭނަ އަށް ނުވެސް އެނގޭހާ އަވަހަށެވެ. އެކަމަކު، ސިކުނޑި ބޭނުންނުކުރާ އެންމެ ސިކުންތެއް ވެސް ނުދާނެ އެވެ. ސިކުނޑި އަކީ، ހަށިގަނޑުގެ  ކޮމާންޑަރެވެ. ކޮމާންޑަރުގެ ކުފޫ ހަމަނުވާ ނަމަ، ހަނގުރާމައިގަ އެ ލަޝްކަރު ބަލިވުން އޮންނާނީ ދާދި ގާތުގަ އެވެ.
   
ވަރަށް ގިނަ ކަންތަކުގައި، އަވަސް ޙައްލު ހޯދަން އިންސާނާ ބޭނުންވެ އެވެ. އެހެންނަމަވެސް، ގިނަ ދުވަހުން ހަރުލާފައި ހުންނަ އާދަ، ބަސްބުނާ ހިނދުން ބަދަލެއްނުކުރެވޭނެ އެވެ. އަދި، މާބޮޑަށް ނަތީޖާ އަށް ވިސްނަމުން މި ކަން ކުރަން އުޅެފި ނަމަ، ނަތީޖާ ނުކުންނަލެއް ލަސްވާނެ އެވެ. އެއީ ކީއްވެ ހެއްޔެވެ؟ ކުރު ވާހަކައެއް ކިޔައިދޭނަމެވެ.
   
އެއް ސަހަރެއްގައި އުޅުނު ކުއްޖެކެވެ. މީނަ އަކީ، ކިޔެވުމަށް މާ ޝައުޤުވެރިކަމެއް ހުންނަ ކުއްޖެކެވެ. އެހެންކަމުން، ވަރަށް ދިގު ދަތުރަކަށްފަހު، އެ ކުއްޖާގެ އެދުރުބެއާ ބައްދަލުކުރި އެވެ. އަދި ސުވާލުކުރި އެވެ. އެދުރުބޭ ފަދަ ކުޅަދާނަ މީހަކަށް އަހަންނަށް ވެވޭނީ ކިހާ ދުވަހަކުން ހެއްޔެވެ؟ ޖަވާބުގައި އެދުރުބޭ ބުނުއްވި އެވެ.

    "ހަތަރު އަހަރުން."

    "ހާދަ ގިނަ ދުވަހެކޭ!" އެ ކުއްޖާ ބުންޏެވެ. "އަޅުގަނޑު ދެ ގުނަ އިތުރަށް މަސައްކަތް ކޮށްފިއްޔާޔޯ؟"

    "އަށް އަހަރުން!" އެދުރުބޭ ވަގުތުން ޖަވާބުދެއްވި އެވެ.

    "އަށެކޭ؟" ފިކުރުބޮޑުވެފައި އެ ކުއްޖާ އެހި އެވެ. "ރެޔާދުވާލު، ހުއްޓާނުލާ އަޅުގަނޑު މަސައްކަތްކޮށްފިއްޔާޔޯ؟"

    "ބާރަ އަހަރުން!" އެދުރުބޭ ބުނުއްވި އެވެ.

    އެ ވާގޮތެއް އެ ކުއްޖާ އަކަށް ނުވިސްނުނެވެ. އެހެންކަމުން ބުންޏެވެ.

    "އެއީ ކީއްވެގެންތޯ އެހެންވަނީ؟ ނަތީޖާ ނެރުމަށްޓަކާ މަސައްކަތް ބުރަކުރާ ވަރަކަށް އެދުރުބޭ ތި ބުނުއްވަނީ ހައްތަހާ ލަހޭވާނީ."

    "ޖަވާބު ވަރަށް ސާދާ!" އެދުރުބޭ ބުނުއްވި އެވެ. "ދާންވީ މަންޒިލާ ދިމާޔަށް އަބަދު އެއްލޯ އަމާޒުކޮށްފައި ބަހައްޓާކަމަށް ވަންޏާ، ހިނގާ މަގު ބަލަން ދެން ހުންނާނީ އެންމެ ލޮލެއްނު! ހިނގޭލެއް މަޑުވާނެ."
   
އެ ވާހަކައިން ދަސްވި ފިލާވަޅާމެދު ވިސްނައި، މި ދަތުރަށް ރަނގަޅަށް ތައްޔާރުވާށެވެ. އަވަސްއަރައިގެން ނޫޅޭށެވެ. އުންމީދުކަނޑާނުލައި، ނުގުޑާފަދަ ޢަޒުމަކާ އެކުގައި މަސައްކަތްކޮށްފި ނަމަ، ދަސްކުރަން ބޭނުންވެގެން ތި އުޅޭ ފަލްސަފާ ދަސްވާނެކަން ޔަގީންކުރާށެވެ. މަންޒިލު އަތުވާނެކަން ގަބޫލުކުރާށެވެ. ބައެއް މީހުންގެ ހިތުގައި ޝައްކު އުފެދިދާނެ އެވެ. ހިތަށްއަރާނެ އެވެ. ތިމަންނަ އަށް ތިޔަ ކަންތައް ދަސްވުމުގެ ނަސީބު ނުލިބިއްޖެއްޔާ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ ފުރަތަމަ ވިސްނާލާށެވެ. ނަސީބަކީ ކޮބާހެއްޔެވެ؟ ނަސީބަކީ، ފުރުޞަތާއި ހުޝިޔާރުގެ ދަރިފުޅެވެ. ލިބޭ ފުރުޞަތަށް ބަލަބަލައި، ހުޝިޔާރުވެގެން ހުންނަ މީހާގެ ނަސީބު ދެރައެއްނުވާނެ އެވެ. ބުއްދީގެ އަހުލުވެރިއަކަށް ވުމަށްޓަކައި، ކަމަށް ކަމޭހިތައި ސަމާލުކަން ދިނުމަކީ، ކާމިޔާބުގެ ސިޑީގެ ފުރަތަމަ ހަރުފަތެވެ.
   
ސިކުނޑީގެ ޤާބިލުކަމާމެދު މިހާރު ސުވާލެއް ނުއުފެދޭނެކަން ޔަގީނެވެ. ތިމާ ވަކި ކަމަކަށް އުންމީދުކުރާ ނަމަ، ނުވަތަ ހުވަފެންދެކޭ ނަމަ، އެ ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ ކުޅާނަކަން ތިމާގެ ސިކުނޑީގަ ހުންނާނެ އެވެ. މިއީ ކަން އޮންނަން ގޮތެވެ. އެކަމަކު، ސިކުނޑީގެ ބާރުގެ މައްޗަށް ނަޞްރު ހޯދުމަށްޓަކައި، ތިމާ ބޭނުންވާ ދިމާލަށް އެ ބާރު އަނބުރާލަން އެނގެންވާނެ އެވެ. އެ ދިމާލަށް ބާރު އަނބުރާލުމާއެކު، ދިރިއުޅުމަށް އޭގެ ފައިދާކުރަން ފަށާނެ އެވެ. ތިމާ އަށް އޭގެ ހިތްހަމަޖެހުން ލިބެންފަށާނެ އެވެ.
   
އަނެއްކާ ވެސް އިތުރު މިސާލެކެވެ. އިރާ ދިމާލަށް އާދައިގެ ބިއްލޫރިކޮޅެއް ދިއްކޮށްލާށެވެ. އެއްވެސް ކަމެއް ނުވާނެ އެވެ. ދެން ބޮޑުވާބިއްލޫރިކޮޅެއް ދިއްކޮށްލާށެވެ. ބޮޑުވާބިއްލޫރިކޮޅުގެ ތެރެއިން އަންނަ އިރުގެ އަލިން އަލިފާން ރޯކުރެވޭނެ އެވެ. ކީއްވެގެން ހެއްޔެވެ؟ އާދައިގެ ބިއްލޫރީގެ ތެރެއިން އިރުގެ އަލި ނުކުންނަނީ، އަލި އައިގޮތަށް، ފެތުރިގެންނެވެ. އެހެންނަމަވެސް، ބޮޑުވާބިއްލޫރި އަށް ޖަމާވާ ހުރިހާ އައްޔެއް، އޭގެން ނުކުންނަނީ، އެކުވެ، ނުފެތުރި، އެއްދިމާލަކުންނެވެ. އޭގެ ބާރު އެހާ ގަދަވަނީ އެހެންވެ އެވެ. ހަމަ އެ ފަދައިން، ބުއްދި ވެސް، އެކި ދިމާލަށް ނުފަތުރައި، ވަކި ދިމާލަކަށް އަމާޒުކުރެވިއްޖެ ނަމަ، އޭގެ ނަތީޖާ ވަރުގަދަވާނެ އެވެ.
   
ކުރުކޮށް ބުނަންޏާ، ހިތްހަމަޖެހިގެން އުޅެން ބޭނުން ނަމަ، ތިމާ ބޭނުންވާ ކަމަކީ ކޮބައިތޯ ވިސްނާށެވެ. ވިސްނުމަށްފަހު، ހުރިހާ ހަކަތައެއް އެ ދިމާލަށް އަނބުރާލާށެވެ. ދުނިޔޭގަ އުޅޭ އެންމެ އުފާވެރި، އެންމެ ޞިއްޙަތު ރަނގަޅު، އެންމެ ހިތްހަމަޖެހޭ މީހާއާ ބެހޭގޮތުން ވިސްނާލާށެވެ. އެ މީހުންނާ ބެހޭގޮތުން ލިޔެފައިވާ ފޮތްތައް ކިޔާލާށެވެ. އެއްކަމެއް ފާހަގަކުރެވޭނެ އެވެ. މާ ކުރިއްސުރެ އެ މީހުން އޮންނާނީ އެ މީހުންގެ ލަނޑުދަނޑި ކަނޑައަޅާފަ އެވެ. ދިރިއުޅުމުގެ ކޮންމެ ފިޔަވަޅެއް އެ ފަދަ މީހުން އަޅާފައިވާނީ، އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކާ އެވެ.
   
މުޅި ދުނިޔެއަށާއި، ވަކިވަކި ފަރުދުންގެ ދިރިއުޅުމަށް އެންމެ ބޮޑު ބަދަލެއް ގެނުވި އެއް އުފެއްދުމެއްކަމުގައިވާ "ވިންޑޯސް" އޮޕަރޭޓިންގް ސިސްޓަމްގެ ބާނީ، މައިކްރޯ ސޮފްޓުގެ ވެރިޔާ، ބިލް ގޭޓްސް އަށް ބަލާލަމާ ހެއްޔެވެ؟ އޭނަ އަށް ކާމިޔާބުލިބުނީ އެއް ފަހަރަކުން ނޫނެވެ. އޭނަގެ އުފެއްދުން ހިފައިގެން، "ސަލާމްޖަހަމުން" ކުންފުނިތަކަށް އޭނަ ހިނގި އެވެ. އެއްވެސް ތަނަކުން އެ އުފެއްދުން ގަބޫލެއްނުކުރި އެވެ. ކޮންމެ ތަނަކުން އޭނަ ނުކުމެގެންދަނީ އާ ހިތްވަރަކާ އެކުގަ އެވެ. ކީއްވެ ހެއްޔެވެ؟ އޭނަގެ ލަނޑުދަނޑި ވަރަށް ސާފެވެ. މީހުންނަށް ވިންޑޯސްގެ ބޭނުން ކިހާ މުހިންމުވާނެކަމާއި، ކޮންމެ ގެއަކަށް، ކޮންމެ މީހަކަށް އޭގެން ލިބޭނެ ފަސޭހަތައް އޭނަ އަށް އެނގެ އެވެ. އެހެންކަމުން، ކޮންމެ ނާކާމިޔާބެއް އޭނަ ބެލީ ތަޖުރިބާއެއް ކަމަށެވެ. ރައްޓެހިންނާ އެކުގައި، އެ ދުވަސްވަރު ކުޅިވަރެއްކުޅެން ހުއްޓަސް، ތިމާގެ އަމާޒަކީ ކޮބައިކަން އޭނަ އަށް، ފިސާރި ރަނގަޅަށް އެނގެ އެވެ. ދޭތެރެއަކުން، އޭ އެއްކަލަ އެތި މިވެނިހެން ހަދާލައިފިއްޔާ އަދި މާ ފުރިހަމަވާނޭ އޭނަ އަށް ބުނެވެއެވެ. ކަމެއް ކާމިޔާބުކުރުމަށްޓަކައި، އެ ފަދަ ތަސައްވުރެއް ގެންގުޅުމަކީ، ތިމާގެ ހުރިހާ ހަކަތައެއް އެއް ދިމާލަކަށް "ފޯކަސް ކޮށްފައި" ބެހެއްޓުމެވެ. އޭގެ ބަދަލުގައި، "މިއަދު މިހެން، މާދަން އެހެން" އުޅެގެން ކަންކަން ހާސިލެއް ނުކުރެވޭނެ އެވެ.
   
އުފަލުގަ އުޅެން ބޭނުމިއްޔާ، ލަނޑުދަނޑިތަކެއް ކަނޑައަޅާށެވެ. އެ އަށް ފަހު، ސާބިތުކަމާއެކު، އެ ދިމާލަށް ދަތުރުކުރާށެވެ. އަރިމަތިން ފެންނަ ގޯޅިތައް ނާޅާށެވެ. ކުރިމަތިން ފެންނަ އޮޅިތައް ގިރާކުރާށެވެ. ހުރަސްތައް އެއްފަރާތް ކުރާށެވެ. ވަކި ތަނަކަށް ދިޔުމުގެ ބޭނުމުގައި، ސައިކަލުގައި ގެއިން ނުކުމެގެން ކަންތައް ކުރަނީ ކިހިނެތް ހެއްޔެވެ؟ ކުރިމަތީގައި އޮންނަ ޕިކަޕުގެ އަރިމަތިން ނުދަން ހެއްޔެވެ؟ މީހަކު ކުރިމައްޗަށް އަރައިފިއްޔާ ނުވަތަ ޓްރެފިކު ލައިޓަށް ސައިކަލު ނުހުއްޓަން ހެއްޔެވެ؟ ހުއްޓުމަށްފަހު، އަނެއްކާ ވެސް ދަތުރަށް ނުފަށާ ހުރެއްޖެއްޔާ، ދާންވީ މަންޒިލަށް ދެވޭނެ ހެއްޔެވެ؟ ބައެއް ދަނޑިވަޅުގައި، އަރިމަތީގައި އޮންނަ ގޯޅި އަޅަން މަޖުބޫރުވާ ފަހަރު އަތުވެދާނެ އެވެ. އެހެންވިޔަސް، ދާންވީ މަންޒިލު ރަނގަޅަށް އެނގެންޏާ، މިސްރާބެއް ނުގެއްލޭނެ އެވެ. އެއް ފަހަރު އޮލިމްޕަހަށް، އަނެއް ފަހަރު ދަރުބާރުގެ އަށް އަދި އަނެއް ފަހަރު އައިޖީއެމްއެޗަށް ދާން ހިތަށްއަރަންޏާ، ބޭކާރު އެތައް ދުއްވުމެއް ދުއްވަންޖެހޭނެ އެވެ. ތިން ހަތަރު ތަނަށް ދާން ގެއިން ނުކުންނަންޏާ، ލިބިފައިވާ ވަގުތުކޮޅު ތެރޭގައި، ޕެޓްރޯލާއި ތިމާގެ ހަކަތަ އިސްރާފުނުވާ ގޮތަށް، ސިކުނޑީގައި ދަތުރު ރާވާލަންޖެހޭނެ އެވެ. އުފަލުގައި އުޅެން ބޭނުންވާ މީހާ ވެސް ކަންތައް ކުރަންޖެހޭނީ އެ ފަދައިންނެވެ.
   
އެކި މީހުންނަށް އުފާ ލިބޭނީ އެކި ގޮތަށެވެ. ތިމާ އަށް އުފާލިބޭނެ ގޮތްތައް ތިމާ އަށް އެނގޭނެ އެވެ. ތިމާ ބޭނުންވާ ކަންތައްތައް ވެސް އެނގޭނީ ހަމަ ތިމާއަށެވެ. ތާވަލު ރާވާށެވެ. ކަން ކުރެވޭނެ ގޮތަށް ވަގުތު ބަހާލާށެވެ. ތަންކޮޅެއް މަތީ ގޮފިގަނޑެއްގައި އަޅާފައިވާ އަނބެއް ބިންނަން ބޭނުން ނަމަ، ބިންމަތީގައި ހުރެފައި ފުންމައިގަތަކަސް އެ ކަމެއް ނުވާނެ އެވެ. ދިގު ދަނޑިއެއް ބޭނުންވާނެ އެވެ. ނުވަތަ ގަހަށް އަރަންޖެހޭނެ އެވެ. މި ހުންނަނީ، އެ ފަދަ ކަމަކަށް ވިސްނުން ބަހައްޓަންވީ ދިމާތަކެވެ. އިރާދަކުރެއްވިއްޔާ އަނބު ލިބޭނޭ ކިޔާފައި، އަނގަ ހުޅުވައިގެން އޮތުމުން، ކަތުރުކަށިގަނޑު ވާޅުވުން ނޫން އެހެންކަމެއް ނުވާނެ އެވެ.
   
އުފަލުގައި އުޅެން ތިމާ ބޭނުން ނަމަ، އުފާވާ ކަހަލަ ކަމެއް ތިމާ ކުރަންޖެހޭނެ އެވެ. ސުވާލަކީ، އުފާވާ ކަހަލަ ކަންތައްތަކަކީ ކޮބައިހެއްޔެވެ؟ އެ ކަމަކީ، "ރަނގަޅު" ކަންތައްތަކެވެ. އުފާވާތީއޭ ކިޔާފައި ވައްކަން ކުރެވިދާނެ ހެއްޔެވެ؟ މީހަކު މަރާލެވިދާނެ ހެއްޔެވެ؟ ހަތަރުދަމު ތިމާ މަސްތުވެފައި ހުރެވިދާނެ ހެއްޔެވެ؟ ނޫނެކެވެ. ތިމާ އަށް އުފާލިބޭ ކަމަކީ، އަނެކާ އަށް ހިތާމައެއް ނުވަތަ ގެއްލުމެއްދިނުން ކަމުގައި ވެގެނެއް ނުވާނެ އެވެ. ވެއްޖެ ނަމަ، ފަހުން ތިމާ ހިތާމަކުރާނެ އެވެ. "ފަހުން" މާނަ މި ކުރަނީ، ހަމައެކަނި މި ހަޔާތަކަށް ނޫނެވެ. ކާމިޔާބު ފަދައިން، އުފަލަކީ ވެސް، ނުސީދާގޮތުން ނަމަވެސް، ތިމާ ނޫން އެހެން ބަޔަކު ވެސް އުފާވާ ކަމަކަށް ވުމަކީ ބޭނުންތެރި ކަމެކެވެ. ފަހަރެއްގައި އެއީ ތިމާގެ މައިންބަފައިން ކަމަށް ވެސް ވެދާނެ އެވެ. ޢާއިލާ، ރައްޓެހިން ނުވަތަ ދުރުހިލޭ މީހުން ކަމުގައި ވެސް ވެދާނެ އެވެ.
   
އުފާހޯދުމަށްޓަކައި ހާސިލު ކުރަންވީ ލަނޑުދަނޑިތައް ކަނޑައެޅުމާއެކު، ތިމާގެ ވެއްޓަށް އާ ދިރުމެއް އަންނާނެ އެވެ. ތިމާ ހެނދުނު ހޭލާނީ، ހަކަތަ އާއި އުންމީދުން ފުރިގެންނެވެ. ހުރިހާ ވިސްނުމަކާއި މިސްރާބެއް އަމާޒުވެފައި ހުންނާނީ އެއް ދިމާލަކަށެވެ. ބޭކާރުކޮށްލާނެ އެންމެ މިނެއްޓެއް ވެސް ތިމާ އަކަށް ނުލިބޭނެ އެވެ. އާވާރާވެގެން ރަށުތެރޭގައި އުޅެން ވަގުތެއް ނޯންނާނެ އެވެ. ބުއްދީގެ އަގުހުރި ބާރުތައް، ބޭކާރު ކަންކަމަށް ބޭނުމެއް ނުކުރާނެ އެވެ. ކަންނެތްކަން ފިލައިގެންދާނީ އޮޓަމެޓިކުންނެވެ. ވަގުތުގެ ބޭނުން، އޭގެ އެންމެ ފުރިހަމަ ގޮތުގަ ހިފި، ދިރިއުޅުން ހަރުދަނާވާނެ އެވެ. އެންމެ މުހިންމުކަމަކީ، ތިމާގެ ސިކުނޑި އަށް ލިބޭ ހަމަޖެހުމާއި، ޤާބިލުކަމެވެ. ނުކެރުމާއި ފިނޑިކަން ފިލައިގެން ގޮސް، ހިތްވަރުގަދަވާނެ އެވެ. އެއީ ވަރަށް އުފާވާނެ އިހުސާސްއެކެވެ.
   
އާދައިގެ ގޮތެއްގައި، ބައެއް ދުވަސްދުވަހު، ތިމާ ނިދިން ހޭލާއިރު، އަދި އިރުކޮޅަކު އޮވެލަން ހިތަށްއަރާނެ އެވެ. ސަބަބުތައް ބައިވަރެވެ. ހޭލައިގެން ކުރާނެ ވަކި ކަމެއް ނެތީ އެވެ. ނުވަތަ، އޮފީހަށް ދާން ނުކުތުމާއެކު ވާނެ ހޫނަށް ކެތްކުރަން އުނދަގޫވަނީ އެވެ. ސްކޫލަށް ދިޔުމާއެކު ދޭންފަށާ ފިލާވަޅުތަކުން ވަރުބަލިވަނީ އެވެ. ގޭތެރޭގައި ފުނިޖެހިފައިވާ މަސައްކަތްތައް ކުރަންފަށައިފި ނަމަ، ހިތްދަމައިނުލެވޭނެކަ އެނގެނީ އެވެ. އެހެންކަމުން، "އަދި އިރުކޮޅަކު" އޮވެލަން ބޭނުންވަނީ އެވެ.
       
ބައެއް މީހުން، ގިނަ ވަގުތު ނިދަން ބޭނުންވަނީ، ޙަޤީޤަތުގައި ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ކުރާނެ އެހެން ކަމެއް ނެތީ އެވެ. އިރުއެރުމުގެ ކުރިން ހޭލާ މީހުން ހޭލަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ވަގުތުގެ މުހިންމުކަން އެ މީހުންނަށް ވަޒަންކުރެވެނީ އެވެ. ދިރިއުޅުމުގައި ތިމާ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، އެތެރެހަށީގައި ކެކި އުތުރިއަރަމުންދާ އުންމީދު، އެ ފަދަ މީހުންގެ ސިކުނޑި ހޭލައްވައިލުމަށްފަހު، ނިދިފިލުވާލަނީ އެވެ. އެ ފަދަ މީހުންނަކީ، މާދަމާ އަށް އިންތިޒާރުކުރާ ބައެއް ނޫނެވެ. އިއްޔެ އެއީ ހުރަހެއްކަމަށް ދެކޭ ބައެއް ވެސް ނޫނެވެ. އެ މީހުންގެ ހުރިހާ ވެސް އެއްޗަކީ މި ސުކުންތެވެ. މި ހިނދުކޮޅެވެ. ކުރިން ބުނިހެން، އިންސާނާ އަށް ބާރުފޯރުވޭނީ ވެސް، ހަމައެކަނި މި ސުކުންތަށެވެ. އެ މީހުން ވިސްނާނީ، މި ވަގުތު ކުރަންޖެހިފައިވާ މަސައްކަތަށެވެ. އެހެންކަމުން، އެ މީހުންގެ ހަކަތަ، ބޭކާރުގޮތުގައި ލީކުވާނެ ދިމާލެއް ނުހުންނާނެ އެވެ. އެހެން ގިނަ މީހުންނަކީ، ބޭކާރު ކަންކަމާމެދު އުމުރަށް ވިސްނާ މީހުންނެވެ. އޭގެ ސަބަބުން ސިކުނޑި ހުލިކޮށްލަ އެވެ. މީހާ ލޮޑުކޮށްލަ އެވެ. އެކަމަކު، މި ސިކުންތުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ހާސިލުކުރާ މީހުންނަކީ ތަފާތު ބައެކެވެ. މުސްތަޤްބަލު ހަނާއަޅަނީ އެ މީހުންނަށެވެ. ކާމިޔާބާއި އުފާ، އެ މީހުން މިލްކު ކުރާނެ އެވެ. ބޭކާރު އަނގައެއް އެ މީހުން ނުތަޅާނެ އެވެ. ނުބެހޭ ކަންތަކާ ބެހިއެއް ނޫޅެނެ އެވެ. މާދަން ވެސް މަރުވެދާނެކަން އެ މީހުން ދަންނާނެ އެވެ. ވުމާއެކު، އަގުހުރި ވަގުތު އެ މީހުން ނަގައެއްނުލާނެ އެވެ.

 (ނުނިމޭ) 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ